ad_banner
މެދުއިރުމަތީގެ މަސްރަހާ ބެހޭ އެންމެ ފަހުގެ ތާޒާ މަޢުލޫމާތު

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

16 ނޮވެންބަރު 2026

މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުން ފެންނަމުންދާ އެކި ކަންކަމުން ދައްކުވައިދެނީ، އީރާނާއި، ގަލްފު ސަރަހައްދުގައި ތިބޭ އެމެރިކާގެ އަސްކަރިއްޔާއާއި، އަދި އަރަބި ކަރަށާއި ޔަމަނުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ސަރަޙައްދުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާކަމެވެ. ސުލްހައިގެ ވާހަކަތަކުގައި އެމެރިކާއިން ބޭނުންވަނީ އެމެރިކާ ބޭނުންވާ ޝަރުތަކެއް އީރާނުން ގަބޫލުކޮށްގެން ހަނގުރާމަ ނިމުމަކަށް ގެންނާށެވެ. ނަމަވެސް އީރާނުން ބުނަނީ އީރާނުން ހުށަހަޅައިފައިވާ ޝަރުތުތައް އެމެރިކާއިން ގަބޫލުނުކުރާ ހައި ހިނދަކު ސުލްހައިގެ ވާހަކަދައްކާކަށް ވެސް ބޭނުންނުވާ ކަމަށެވެ. އެހެންކަމުން މުޅި މަސްރަހު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

މި ދަނޑިވަޅުގައި، ބަޙުރައިނުގައި ހުންނަ އެމެރިކާގެ އަސްކަރީ ރާޑަރުތަކަކަށް އަމާޒުކޮށް އީރާނުން ވަނީ ޑުރޯނު ހަމަލާތަކެއްދީފައެވެ. މިއީ ސީދާ ހަމަލާތައްދިނުން ދެ މަސް ދުވަހަށް މެދުކެނޑިފައި އޮތުމަށް ފަހު ދިން މި ފަދަ ފުރަތަމަ ހަމަލާތަކެވެ. ބަޙުރައިނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އަންނަމުން ދިޔަ [ބައެއް ނުރައްކާތައް] ހުއްޓުވައި ވައްޓައިލައިފައިވާކަމަށް ބުނެފައެވެ. ނަމަވެސް މި ހަމަލާތަކާ ގުޅިގެން ޤައުމުގައި ހަނގުރާމައިގެ އިންޒާރުތައް ވެސް ނެރެފައިވެއެވެ. އަދި ސަޢުދީ ޢަރަބިއްޔާއާއި، ޤަޠަރާއި، އުރުދުނާއި މިޞްރުން ވަނީ މި ޙަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އަނެއްކޮޅުން އެމެރިކާއާއި އީރާނާ ދެމެދު ކުރެވެމުން ދިޔަ ސުލްހައިގެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް ޓަކައި ޢުމާނަށް އެބަ ވަޑައިގަންނަވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން އެމެރިކާއިން ގެންދަނީ އެ ސަރަހައްދުގެ ކަނޑުގައި އަސްކަރީ ބާރުތައް ވަރުގަދަކޮށް، ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅައި އީރާނަށް އިގުތިސާދީ ގޮތުން ދެވޭން އޮތް ގެއްލުމެއް ދިނުމަށް ޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

އީރާނާއި އެމެރިކާއާ ދެމެދު މި ނުތަނަވަސްކަން ބޮޑުވެފައިވާ އިރު، ހޫޘީންނާއި ސިޢޫދީ ކޯލިޝަނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވެސް ކުޑައެއް ނުވެއެވެ. ޔަމަނުގެ ހޫޘީ ޖަމާޢަތުން ގެންދަނީ ސަޢުދީ ޢަރަބިއްޔާގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށާއި ސަރަޙައްދީ މަޤާމުތަކަށް އަމާޒުކޮށް ހަމަލާތައްދެމުންނެވެ. މި ކަމާ ގުޅިގެން ސަޢުދީ އިސްވެ އޮވެ ހިންގާ ކޯލިޝަންގެ ސިފައިން ވަނީ އެ ފަދަ ހަމަލާތައް ދިފާއުކޮށް ހުއްޓުވައިފައިކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ދެކުނު ޔަމަނުގައި، ސަރަޙައްދީ ކޯލިޝަނުގެ އެހީތެރިކަމާއެކު، ޔަމަނު ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން ވަނީ ލަހިޖް ސަރަޙައްދާއި، ބާބު އަލް-މަންދަބް ކައިރީގައި ހޫޘީންނާ ދެކޮޅަށް ބިންމަތީގައި ވަރުގަދަ ހަނގުރާމަތަކެއް ވެސް ކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ހޫޘީނަށާއި ޔަމަނު ސަރުކާރަށް ތާއީދުކުރާ ސިފައިންނަށް ލިބުނީ ކިހައި ވަރެއްގެ ގެއްލުންތަކެއްކަމެއް އަދި ސާފެއްނުވެއެވެ.

މެދުއިރުމަތީގެ އެންމެ މައްސަލަ ބޮޑު ސަރަހައްދުކަމަށްވާ، ފަލަސްތީނުގެ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަލާކުވެފައިވާ ޢިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ސިޔާސީ ނުތަނަވަސްކަމާއި ސުލްހައިގެ މަޝްވަރާތައް ހުއްޓިފައިވާ އިރު، ސޫދާނުގައި ކަރަންޓު ސްޓޭޝަންތަކަށް ޑުރޯނު ހަމަލާތައް އަމާޒުވުން ފަދަ ކަންކަމުގެ ސަބަބުން ހަނގުރާމަވެރި ސަރަޙައްދުތަކުގައި އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުންވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ފަލަސްތީނު ރައްޔިތުންގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށެވެ.

މި ދަނޑިވަޅުގައި ޖަރުމަނުން ތަކުރާޜުކޮށް އިޢުލާނުކޮށްފައިވަނީ މެދުއިރުމައްޗަށް ސުލްހަ އަންނާނީ އިޒުރޭލާއި ފަލަސްތީނާއި މި ދެ ދައުލަތުގެ ސިޔާސަތު ގާއިމުކޮށްގެން ފަލަސްތީނު ރައްޔިތުންނަށް ވެސް މިނިވަން މުސްތަގިއްލު ދައުލަތެއްގެ ހައްގު ކަށަވަރުކޮށްދީގެންކަމަށެވެ. އެހެންކަމުން ޖަރުމަނުން ކުރީން ވެސް ތާއީދުކުރާ ދެ ދައުލަތުގެ ހައްލަށް އަނެއްކާ ވެސް މި ވަނީ ގޮވައިލައިފައެވެ. ނަމަވެސް ނަތަންޔާހޫއަކީ ހެޔޮބަސް އަޑުއެހުމުގައި ކަންފަތް ބީރުވެފައިވާ، އަދި ޙައްގު ދުށުމުގައި ލޯ ކަނުވެފައިވާ މުޖުރިމެއްކަމަށްވާތީ މީހަކު ކިޔާ އެއްޗެއް އޭނާއެއް ނާހާނެއެވެ.

(ގިނަ މަޢުލޫމާތު: އިންސްޓިޓިއުޓް ފޮރ ސްޓަޑީ އޮފް ވޯރ، އަލްޖަޒީރާ، ކްރިޓިކަލް ތުރެޓްސް، ދަ ގާޑިއަން)

ކޮމެންޓު
ކޮމެންޓުތައް
އިބްރާހީމް
16 ނޮވެންބަރު 2026 05:34
އިޒްރާއީލާއި، ފަލަސްތިޢަންގެ މިހަނގުރާމާއިގެ އަސްލަކީ ކޮބާހެއްޔޭ،؟