އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
15 ނޮވެންބަރު 2026
ތުރުކީވިލާތާއި، ޤަޠަރާއި، ޕާކިސްތާނާއި އިންޑޮނޭޝިއާ ގުޅިގެން ['ބަދުރު' ދިފާއީ އެއްބާރުލުންދިނުމުގެ އެއްބަސްވުމުން] (ނުވަތަ ބަދުރު ޑިފެންސް ކޯޕަރޭޝަން އެކޯޑު)ގެ ނަމުގައި އެކުލަވައިލި އެއްބަސްވުމެއްގައި އެ ގައުމުތަކުން ވަނީ 2026 އޮކްޓޫބަރު 21ގައި ސޮއިކޮށްފައެވެ. މިއީ އެ ޤައުމުތަކުގެ ދިފާއީ ސިނާއަތުގެ އެއްބާރުލުން ބަދަހިކޮށް ފުޅާކުރުމުގެ މަގުސަދުގައި އެކުލަވައިލި އެއްބަސްވުމެވެ. އަދި މިއީ އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ދިގުލައިގެންދާ ހަނގުރާމައިގެ ތެރޭގައި، އެ ސަރަޙައްދުގެ ޤައުމުތަކުން އެ މީހުންގެ ސަލާމަތީ ބައިވެރީންގެ ވިއުގަ ފުޅާކުރުމަށް ޓަކައި ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެކުލަވައިލެވުނު މުހިންމު އެއްބަސްވުމެކެވެ.
މި ހަތަރު ޤައުމުން ރާވައިފައިވަނީ ހަނގުރާމަމަތީ އުފެއްދުންތައް ގުޅިގެން އުފެއްދުމާއި، އެއް ގައުމުން އަނެއް ގައުމަށް ފަންނިއްޔާތު ބަދަލުކުރުމާއި، އަދި މިހާރު ހުރި އަސްކަރީ މަޝްރޫޢުތައް ކުރިމަގުގައި އިތުރަށް ފުޅާކުރުމަށެވެ. މި އިސްނެގުމަކީ، އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ ޞަރީޙަ އެއްބަސްވުމަކަށް އާދެވިފައިނުވުމުގެ ސަބަބުން، ސަރަޙައްދުގެ ޤައުމުތަކުން އެ މީހުންގެ ދިފާއީ ބައިވެރީން އިތުރުކޮށް، ސަލާމަތީ ކަންކަމުގައި ހަމައެކަނި އެމެރިކާއަށް ބަރޯސާވުން ކުޑަކޮށް އެހެން ގޮތްގޮތް ހޯދާން މަޖުބޫރުވުމުގެ ސަބަބުން އުފެދުނު އިއްތިހާދެކެވެ.
މި ހަތަރު ޤައުމުން ސާފުކޮށް ބަޔާންކޮށްދީފައިވާ ގޮތުގައި، މި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ޒަމާންވީ އެހެން އެކުވެރީން ދޫކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި، މައިގަނޑު މަޤުސަދަކީ ކުރީގެ އެކުވެރީންނާ އޮންނަ ގުޅުން ބަދަހިކުރުމާ އެކު، އަމިއްލަ ސަލާމަތީ ކަންކަމުގެ މައްޗަށް އިތުރު ބާރެއް ހޯދުމެވެ.
މި ކަމުގެ އަސަރުތައް މި ހަތަރު ޤައުމުގެ ބޭރުން، މެދުއިރުމައްޗާއި ދެކުނުއޭޝިއާއަށްވެސް ފުޅާވެގެން ހިނގައިދާނެއެވެ. މިސާލަކަށް، މީގެ ކުރިން ތުރުކީއާއި، ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާ ގުޅިގެން ސައިކުރި 'މައްކާ އެއްބަސްވުން' އިންޑިއާއިން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. މިހާރު މި ވަނީ، އެންމެ އާބާދީ ބޮޑު މުސްލިމް ޤައުމުކަމަށްވާ އިންޑޮނޭޝިއާ ވެސް 'ބަދަރު' އެއްބަސްވުމުގެ ތެރެއަށް ވައްދައިފައެވެ. އަދި އިންޑޮނޭޝިއާއަކީ ދިފާއީ ދާއިރާ ވެސް ހިމެނޭހެން ޢަމަލީ ގޮތުން އިންޑިއާއާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ. އެހެންކަމުން ޕާކިސްތާނު އޮންނަ އިއްތިހާދަކާ އިންޑޮނޭޝިއާއިން ގުޅުމަކީ އިންޑިއާ އެ ކަމަށް ސަމާލުކަން ދޭނޭ ކަމެކެވެ. އިންޑިއާއިން ޕާކިސްތާނު ދެކެނީ ފާޅުކަން ބޮޑު ދުޝްމަނެއްކަމަށެވެ.
އަސްކަރީ އެއްބަސްވުމުގައި ހިމެނޭ ކަންތައްތައް:
['މައްކާ ޕެކްޓް'ގެ ނަމުން މަޝްހޫރުވި] މައްކާގެ ގުޅިފައިވާ ދިފާއީ އެއްބަސްވުމަކީ، ސަޢޫދީ ޢަރަބިއްޔާ، ތުރުކީ، އަދި ޕާކިސްތާނުން 2026 އޮގަސްޓް މަހު އެކުލަވައިލައި، އެކުގައި ދިފާއުވުމާއި، އަސްކަރީ އަދި ޖާސުސީ ދާއިރާއިން އެއްބާރުލުންދިނުމާއި، ދިފާއީ ސިނާއަތް ތަރައްޤީކުރުމާއި، ލޮޖިސްޓިކް އެހީތެރިކަމާއި، އަދި އިދާރީ ގޮތުން ގުޅިގެން މަސައްކަތްކުރުން ހިމެނޭ ގޮތަށް ވެވުނު ސަލާމަތީ މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައިވާ ހުރިހައި ގައުމުތަކަށް ފައިދާކުރަނިވި [ދިފާއީ މާއްދާ] ޢިބާރާތްކޮށްފައިވަނީ [ނޭޓޯ]ގެ ޗާޓަރުގެ ފަސްވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެއީ މި ތިން ޤައުމުން ކުރެ ޤައުމަކަށް ހަތިޔާރުން ދެވޭ ޢުދުވާނީ ކޮންމެ ޙަމަލާއަކީ އެ ހުރިހައި ގައުމަކަށް ދެވުނު ޙަމަލާއެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ.
މައްކާ އެއްބަސްވުން ބިނާވެފައިވަނީ ސަޢޫދީ ޢަރަބިއްޔާއާއި ޕާކިސްތާނާ ދެމެދު 2025ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ސޮއިރެވުނު ސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމަންޓް (އެސް.އެމް.ޑީ.އޭ)ގެ މައްޗަށެވެ. މިހާރު މި ތިން ޤައުމުގެ އިއްތިޙާދުން ވަނީ ސަޢޫދީ ޢަރަބިއްޔާގެ މާލީ ބާރާއި ހަކަތައިގެ ނުފޫޒާއި، ތުރުކީގެ ދިފާއީ އަދި ޑުރޯނު ފަންނިއްޔާތާއި، ޕާކިސްތާނުގެ އަސްކަރީ އިންސާނީ ވަސީލަތްތަކާއި ނިއުކުލިއަރު ޤާބިލުކަން އެއްކޮށްލައިފައެވެ. ޕާކިސްތާނުން މި އެއްބަސްވުމަށް ރުހުންދީފައިވާ އިރު، ތުރުކީ ސަރުކާރުން ވަނީ މި އެއްބަސްވުމުގެ 16 މާއްދާ އެކުލެވޭ އަސްލު ލިޔުން، ޤާނޫނުހަދާ މަޖިލީހުން (ރައްޔިތުންގެ މަޖިލީހުން) ފާސްކުރުމަށް ޓަކައި ރަސްމީކޮށް ހުށަހަޅައިފައެވެ. ސަރަޙައްދީ ސަލާމަތީ ކަންކަން ހޫނުވެފައިވާ މި ދަނޑިވަޅުގައި، މި ތިން ޤައުމުގެ ޚާރިޖީ އަދި ދިފާއީ އިސް އޮފިޝަލުންވަނީ ތަންފީޒުކުރާނެ ތާރީޚުތަކާއި، މަޢުލޫމާތު ޙިއްޞާކުރުމުގެ އުޞޫލުތަކާއި އަދި އަވަހަށް ފައުޖުތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި (އިސްތަންބޯލާއި ރިޔާޟުގައި ބޭއްވުނު ބައްދަލުވުންތައް ހިމެނޭހެން) ބައްދަލުވުންތައް ބާއްވައިފައެވެ.
ބަދުރު އެއްބަސްވުން (ބަދަރު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް)އަކީ އަސްކަރީ އަދި ދިފާއީ ސިނާއަތުގެ އެއްބާރުލުން ބަދަހިކުރުމުގެ މައިގަނޑު މަޤުސަދުގައި ވެވުނު ދިފާއީ އެއްބަސްވުމެކެވެ. މީގެ މައިގަނޑު ބޭނުމަކީ ހަމައެކަނި ބޭރު ޤައުމުތަކުން [ހުރި ގޮތަށް ހަތިޔާރު ގަތުން] ހުއްޓައިލައި، އެ ޤައުމުތަކުން ގައުމުގެ ތެރޭގައި ހަތިޔާރު އުފެއްދުމުގެ ޤާބިލުކަމާއި ފަންނިއްޔާތުގެ ފެންވަރު ވަރުގަދަކުރުމެވެ. ސަމާލުކަންދޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އަސްކަރީ ސާމާނު ގުޅިގެން އުފެއްދުން (ޑުރޯނާއި ޒަމާނީ މިސައިލާއި، ދިފާޢީ ރާޑަރާއި، ވައިގެ ދިފާއީ ނިޒާމާއި، އަދި ރޮކެޓް ހިމެނޭހެން) ހިމެނެއެވެ.
މައްކާ އެއްބަސްވުމުގައި އޮންނަ، އެކުގައި ދިފާއުވުމުގެ އޮޓޮމެޓިކް އުޞޫލާ ޚިލާފަށް، ބަދަރު އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ސަލާމަތީ ކަންކަމުގައި އޮޓޮމެޓިކުން ޙަމަލާދިނުމަށް ވުރެ ބޮޑަށް ދިފާއީ ސިނާއަތުގެ އެއްބާރުލުމެވެ. މި އެއްބަސްވުން ޢިބާރާތްކޮށް ފަރުމާކޮށްފައިވަނީ ހުޅަނގުގެ ނުވަތަ ބޭރުގެ ހަތިޔާރު ވިއްކާ ފަރާތްތަކަށް މި ޤައުމުތައް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ކޮންމެ ޤައުމެއްގެ ކިބައިގައިހުރި ޚާއްޞަ ޤާބިލުކަމާއި އުފެއްދުންތެރިކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށެވެ. މީގެ ތެރޭގައި ތުރުކީވިލާތުން ފަންނިއްޔާތުގެ ޤާބިލުކަމާއި، ނިޒާމުތައް ގުޅުވައިލުމުގެ ހުނަރާއި، އަދި ފައްކާވެފައިވާ ދިފާއީ ސިނާއަތެއް ހިއްޞާކުރާއިރު؛ ޕާކިސްތާނާއި އިންޑޮނޭޝިއާއިން އުފެއްދުންތެރިކަމުގެ ޤާބިލުކަމާއި، ފަންނީ މަސައްކަތްތެރިންނާއި، އަދި ބޮޑެތި ބާޒާރުތައް ހުށަހަޅައެވެ. އަދި ޤަޠަރުން ފޯރުކޮށްދެނީ މާލީ އެހީތެރިކަމާއި ބޭނުންވާ މިންވަރެވެ.
މި ފަދަ އިންތިޒާމުތަކުގެ ސަބަބުން، ހަތިޔާރު ގަންނަ ފަރާތްތަކަށް އެމީހުންގެ އަމިއްލަ ސާމާނު އުފެއްދުމާއި އެ ކަމަށް އެހީތެރިވުމުގައި ބޮޑު ދައުރެއް އަދާކުރުމުގެ ފުރުސަތު ލިބިދޭނެއެވެ. އަދި ހަތިޔާރު އުފައްދާ ފަރާތްތަކަށް ދިގު މުއްދަތުގެ އޯޑަރުތަކާއި ވުނަތައް ލިބޭނެއެވެ. މިއީ ތުރުކީވިލާތުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކޮށްދީ، ޕާކިސްތާނާއި އިންޑޮނޭޝިއާއަށް ވަޒީފާތައް އުފައްދައިދީ، އަދި ޤަޠަރުގެ މާލީ ބާރުގެ ބޭނުން ހިފޭނެކަމެކެވެ.
ތުރުކީވިލާތާ އެކު ޕާކިސްތާނުން މިހާރު ހިންގަމުންދާ ކަނޑުގެ ސިފައިންގެ އުޅަނދު އުފެއްދުމުގެ މަޝްރޫޢަކީ ހަތިޔާރު ގަތުން އެތެރޭގެ އުފެއްދުންތެރިކަމަށް މަގުފަހިކޮށްދޭކަމުގެ މިސާލެކެވެ. މި މަޝްރޫޢުގެ ދަށުން އިޢުލާންކުރި ހަތަރު އުޅަނދުގެ ތެރެއިން ދެ އުޅަނދު ބަންނަނީ އިސްތަންބޯލުގައެވެ. އަދި އަނެއް ދެ އުޅަނދު ބަންނަނީ ކަރާޗީ ޝިޕްޔާޑްގައެވެ. މީގެއިތުރަށް، ތުރުކީވިލާތާއި އިންޑޮނޭޝިއާ ގުޅިގެން އަންނަނީ ޓޭންކެއް އުފައްދަމުންނެވެ.
އިސްލާމީ ރަމްޒިއްޔާތު
ބަދަރު އެއްބަސްވުމަކީ ހަތިޔާރު އުފެއްދުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޞިނާޢީ އޮނިގަނޑެއްގެ ގޮތުގައި ބެލެވުނަސް، މި ނަމުގެ އަސާސް ބިނާވެފައިވަނީ އިސްލާމީ، ދީނީ، އަދި ތާރީޚީ ރަމްޒުތަކުގެ މައްޗަށެވެ. މި އެއްބަސްވުމަށް ކިޔައިފައިވާ ނަމަކީ އިސްލާމީ ތާރީޚުގައި އެންމެ މުހިންމު އަދި ރޫޙާނީ ގޮތުން އެންމެ މަތިވެރި ފުރަތަމަ ހަނގުރާމަކަމަށްވާ، ބަދުރު ހަނގުރާމައިގެ (މީލާދީން 624 ވަނަ އަހަރު) ނަމުން އިލްހާމު ލިބިގެން ދެވިފައިވާ ނަމެކެވެ. އިސްލާމީ ސަގާފަތުގައި ބަދުރު ހަނގުރާމައަކީ، މަދު މުސްލިމުންކޮޅެއް (ބުނެވޭ ގޮތުގައި އެއީ313 މީހުން) ވަސީލަތް މަދުވެފައި ބަލިކަށި ނަމަވެސް، ވަރުގަދަ އީމަންކަމަކާއި މާތް ﷲގެ ހަޟުރަތުން ލިބުނު ނަސްރާ އެކު، ބޮޑުވެފައި ހަތިޔާރުން މުއްސަނދިވެފައިވާ މައްކާގެ ޤުރައިޝުންގެ ބިޔަ ބޮޑު ލަޝްކަރެއް ބަލިކޮށްލި ބޮޑު ނަސްރެކެވެ. މި އެއްބަސްވުމަށް މި ނަން ދިނުމުގެ ސަބަބުން، ސޮއިކުރި ޤައުމުތަކުން ވަނީ ކެތްތެރިކަމާއި، އެކުވެރިކަމާއި، އަދި ނުވަތަ ދަތި ހާލަތްތަކާ ކުރިމަތިލުމުގައި ލިބޭ ކާމިޔާބީގެ ރޫޙު ވަރަށް ބޮޑަށް ދައްކުވައިދީފައެވެ.
މި އެއްބަސްވުމާ މެދު އިންޑިއާއިން އެހައި ބޮޑަށް ސަމާލުކަންދެނީ މި އެއްބަސްވުންތަކުގައި ޕާކިސްތާނު ހިމެނޭތީކަމަށް ބެލެވެއެވެ. އެހެނީ ޕާކިސްތާނު ކުރިއަރައި ބާރުގަދަވުމަކީ އިންޑިއާއަށް ކެތްވާ ވަރުގެ ކަމެއްނޫނެވެ. (މަޢުލޫމާތު: ރަޝިއާ ޓުޑޭ https://rt-english.com/)
ބައެއް ލަފުޒުގެ މާނަ:
އިލްހާމު ނ. (1) ކަމަކާމެދު ފިކުރުކުރީމާ އެނގޭ ރަނގަޅު އެނގުން. (2) އިންސާނުންގެ ހިތަށް ޤުދުރަތީ ގޮތުން އެނގޭ ތެދު އެނގުން. inspiration
އުޅަނދު ނ. އެއްގަމާއި، ކަނޑާއި، ޖައްވާއި ކަނޑުއަޑިން ދަތުރުކުރާން ހަދައިފައި ހުންނަ ތަކެތި. vessel
ވަސީލަތް ނ. ކަމެއް ކުރާން ބޭނުންކުރާ މީހާ ނުވަތަ އެތި ނުވަތަ ކަންތައް. resource
ވިއުގަ ނ. މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު. network
މިސައިލު ނ. ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ. missile
ފަންނިއްޔާތު ނ. ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. technology
ސިނާއަތު ނ. ރޯ މާއްދާ ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ޚިދުމަތެއް ދިނުމުގެ މަސައްކަތް. industry
ޑުރޯނު ނ. އިންސާނަކާ ނުލައި ތަފާތު ބޭނުންތަކަށް އުދުއްސާ އުޅަނދެއް. މި ފަދަ އުޅަނދުތައް އެންމެ ގިނައި ބޭނުންކުރާތީ ފެންނަނީ ހަނގުރާމައިގެ ބޭނުންތަކަށެވެ. drone