ad_banner
ބިމުއަޑީގައި "މިސައިލު ސިޓީއެއް" އީރާނުން ބިނާކުރުން.

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

10 ނޮވެންބަރު 2026

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ބޮމުގެ ވަރުގަދަ ހަމަލާތައް އަމާޒުވި ނަމަވެސް ހަތިޔާރު އުފެއްދުމާއި ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ފަދަ ބިމުއަޑީގެ އަސްކަރީ މަރުކަޒުތަކެއް އިރާނުން ދަނީ ބިނާކުރަމުންނެވެ.

އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތެހެރާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްކަރިއްޔާގެ ޤާބިލުކަމާ ބެހޭ ގޮތުން އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ހޮނިހިރު ދުވަހު ވަނީ މުހިންމު އިއުލާނުތަކެއްކުރައްވައިފައެވެ. އޭނާ ފާހަގަކުރެއްވި ކާމިޔާބީތަކުގެ ތެރޭގައި، ވަރަށް އަވަހަށް ހާމަކުރާން ހަމަޖެހިފައިވާ "ބިމުއަޑީގެ މިސައިލު ސިޓީ"އެއް ހިމެނޭކަމަށް ތަސްނީމް ނޫސް އޭޖެންސީއިން ރިޕޯޓުކޮށްފައިވެއެވެ.

މުޙިއްބީ ވިދާޅުވީ، އައި.އާރު.ޖީ.ސީއިން ވަނީ މިސައިލާއި ޑުރޯނު އުފައްދާ މަރުކަޒުތައް ބިންމަތީން ބިމުއަޑީގެ މަރުކަޒުތަކަށް ވަރަށް ކުރީން ބަދަލުކޮށްފައިކަމަށެވެ. މީގެ ސަބަބުން، އިރާނުގެ ހަތިޔާރުގެ އަދަދު މަދުވަމުންދާކަމަށް ދުޝްމަނުން ހީކުރަމުންދިޔަ ނަމަވެސް، މިސައިލު އުފެއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމުގެ ފުރުސަތު އިރާނަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް، ސްޓެލްތު ޓެކްނޮލޮޖީގައި ހޯދައިފައިވާ ކުރިއެރުންތަކަށް ވެސް ތަރުޖަމާނު އަލިއަޅުއްވައިލެއްވިއެވެ. (އެއީ ރާޑަރަށް ނާރާ ގޮތަށް ހަމަލާދިނުމުގެ ގާބިލުކަން ހުންނަ ތަކެތި އުފެއްދުމުގެ ފަންނިއްޔާތެވެ.) އެމެރިކާއާއި އިޒުރޭލާ އެކު ކުރީން ކުރި ހަނގުރާމަތަކުގައި އިރާނުގެ މިސައިލުތަކާއި ޑުރޯނުތަކަށް ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވައިލައި، އަމާޒަށް ރަނގަޅަށް ހަމަލާދިނުމުގެ ގާބިލުކަން ލިބުނީ މި ފަދަ ކުރިއެރުންތަކުގެ ސަބަބުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

[މިއަދު އައި.އާރު.ޖީ.ސީ އެއަރޮސްޕޭސް ފޯސްއިން ބޭނުންކުރާ ކޮންމެ ހަތިޔާރަކީ އަމިއްލަ ޤައުމީ ޢިލްމާއި ޤާބިލުކަން ބޭނުންކޮށްގެން އުފައްދައިފައިވާ ތަކެއްޗެވެ. އަދި އެއީ، އަހަރެމެންގެ އުފެއްދުންތަކަކީ ދުޝްމަނުންގެ އަތުން އަތުލައިގަނެވުނު ހަނގުރާމައިގެ ސާމާނު ބަދަލުކޮށްގެން (ރިވާސް-އެންޖިނިއަރިންގް ބޭނުންކޮށްގެން) އުފައްދައިފައިވާ އެއްޗެއް ވެސް ނޫނެވެ.] މުޙިއްބީ ވިދާޅުވިކަމަށް އިރާނުގެ އައި.އާރް.އެން.އޭ ނޫސް އޭޖެންސީއިން ވަނީ ރިޕޯޓުކޮށްފައެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ 'ދަ ވޯލްޑް ސްޓްރީޓް ޖާނަލް'ގައި ޝާއިއުކޮށްފައިވާ ފަހުގެ ރިޕޯޓަކުން ހާމަވާ ގޮތުގައި، ކުރީން ހިނގައި ދިޔަ ހަނގުރާމަތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބިލިއަނުން ގުނައިލެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އިރާނުން ވަނީ ދީފައެވެ.

މީގެ އިތުރަށް، ރޮއިޓާސް ނޫސް އޭޖެންސީއިން ތައްޔާރުކޮށްފައިވާ އެހެން ރިޕޯޓަކުން ހާމަވާ ގޮތުގައި، ހަމަ އެ މުއްދަތުގެ ތެރޭގައި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބިނާރަށް މަދުވެގެން 135 ފަހަރަކު އިރާނުން ކާމިޔާބުކަމާ އެކު ހަމަލާދީފައިވެއެވެ. އޭގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބި، އާމްދަނީ ގެއްލިގެންދިޔަކަމަށް އެ ރިޕޯޓުގައި ވެއެވެ.

ހޮނިހިރު ދުވަހު މުޙިއްބީ ދެއްވި އިންޒާރުގައި ވިދާޅުވީ، އިރާނުގެ މިސައިލްތަކުގެ ރާސްތާއަށް ކުރީން ކަނޑައަޅައިފައިވާ އިންތައް މިހާރު އުވައިލައިފައިވާކަމަށެވެ. މި އިންޒާރުދީފައި މިވަނީ، އެމެރިކާއާއި އިޒުރޭލުން އަލުން ހަމަލާއެއް ދީފި ނަމަ، އިރާނުން ރައްދުދިނުމުގައި "ޖުޣުރާފީގެ އެއްވެސް އިމެއް" ނޯންނާނެކަމަށް އެ ޤައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވިދާޅުވި ވާހަކަފުޅާ ގުޅިގެންނެވެ.

އިރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފެށި ހަނގުރާމަ ފެށުނީ ފެބްރުއަރީ 28ވަނަ ދުވަހުއެވެ. މި ކަމުގެ ސަބަބުން ހުރުމުޒު ކޮއްލަވާނި ބަންދުކޮށް، ދުނިޔެއަށް ހަކަތައިގެ ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސަރަހައްދުގެ ޤައުމުތަކުން އަންނަނީ މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިކުރަމުންނެވެ.

ހުކުރު ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އިރާނުގެ ޤަޝްމް ޖަޒީރާއަށް އެމެރިކާގެ އަސްކަރިއްޔާއިން [ހައްދުފަހަނައަޅައިފައިނުވާ، ވަރަށް އާދައިގެ ކުދި] ހަމަލާތަކެއް ދީފައިވާކަމަށެވެ. އަދި ހަމަ އެއާ އެކު އިރާނާއެކު ކުރެވޭ މަޝްވަރާތަކުގައި [ބޮޑެތި ކުރިއެރުންތަކެއް] ލިބިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

އަނެއްކޮޅުން، ހަނގުރާމަ އަލުން ފެށިއްޖެ ނަމަ ގަލްފުގެ ހަކަތައިގެ ބިނާރަށް އަމާޒުކޮށް ހަމަލާދޭނެކަމުގެ އިންޒާރު ތެހެރާނުން ވަނީ ތަކުރާރުކޮށްދީފައެވެ. މި ފަދަ ހަމަލާތަކެއްގެ ސަބަބުން ހަކަތައިގެ އަގުތައް މިއަށް ވުރެ މައްޗަށް އުފުލުން އެކަށީގެންވެއެވެ.

މި ކަންކަން މި ހެން ހުރި ނަމަ ވެސް، މި ހުރިހައި ކަމަކާ ގުޅިގެން، އީރާނު އިނދަޖައްސައިލުމަށް ޓަކައި އެމެރިކާއިން ވަނީ އިރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއްއަޅައިފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިގުތިސާދަށް އިތުރު ދަތިތަކަކާ ކުރިމަތިވެ، ވިޔަފާރީގެ އާ މަގުތައް ޚިޔާރުކުރާން އިރާނަށް ވަނީ މަޖުބޫރުވެފައެވެ. އެހެންކަމުން ހަނގުރާމަ ހުއްޓުމުގެ އިޚުލާސްތެރި ނިޔަތެއް އެމެރިކާގެ ނެތްކަން އެބަ ހާމަވެއެވެ.

މި ކަން މިހެން ހިނގަމުން ދަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު މިއަދު ބުނެފައިވަނީ، ޤަތަރުގެ ބޮޑުވަޒީރާއި އިސް މީޑިއޭޓަރާ މަޝްވަރާތަކެއް ކުރުމަށްފަހު، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި [އެކަށީގެންވާ ރަނގަޅު ކުރިއެރުންތަކެއް] ލިބެމުންދާކަމަށާއި، އަލުން ހަމަލާތައް ދިނުމަކީ [ވަރަށް އެކަށީގެންނުވާ ކަމެއް]ކަމަށެވެ. އަދި މި ހަނގުރާމައަކީ [ކާމިޔާބުކަމާ އެކު ނިމިފައިވާ]ކަމެއް ކަމަށް ވެސް އޭނާ ވަނީ އިޢުލާނުކޮށްފައެވެ.

އެހެންނަމަވެސް އީރާނުން ބުނަނީ، އެމެރިކާއިން އެ ޤައުމުގެ ކަނޑުގެ ދަތުރުފަތުރަށް އަޅައިފައިވާ ހުރަސްތައް ނައްތައިނުލައި، ހިފަހައްޓައިފައިވާ ފައިސާއާއި މުދާ ދޫނުކޮށް ހިފަހައްޓައިގެން ތިބޭހައި ހިނދަކު، އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވައިނުލައި މި ހާލަތުގައި އޮވެ ސުލްހައާ ދިމާއަށް ދިއުމަކީ މުސްތަޙީލު ކަމެއްކަމަށެވެ. އަދި އެމެރިކާއިން ވަނީ އެ ޤައުމުގެ ވައުދުތަކާ ޚިލާފުވެފައިކަމަށް ވެސް އީރާނުން ތުހުމަތުކޮށްފައިވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޣުޗީ އިންޒާރުދެއްވައިފައިވަނީ، އެމެރިކާއިން އަލުން ހަމަލާތައް ފަށައިފި ނަމަ، "ވޭންދެނިވި ނުރައްކާތެރި ބަދަލެއް ފެންނާނެ"ކަމަށެވެ. އަދި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހަޅައިފައިވާ ހުށަހެޅުން ގަބޫލުކުރާން ވޮޝިންޓަނަށް އޭނާ ވަނީ ގޮވައިލައްވައިފައެވެ.

 (ހުރިހައި މަޢުލޫމާތެއް: އަލްޖަޒީރާ)

 

ދެ ލަފުޒެއްގެ މާނަ

ބިނާރު      ނ.           ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.  infrastructure

ފަންނިއްޔާތު  ނ.           ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. technology

ކޮމެންޓު