ad_banner
އިޒުރޭލުގެ މިއަދުގެ ސިޔާސީ މަސްރަޙަށް ނަޒަރެއް: ނަތަންޔާހޫ ކޮބާ؟

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

9 ނޮވެންބަރު 2026

އިޒުރޭލުގެ ޢާންމު އިންތިޚާބާއި އެމެރިކާގެ މެދު އިންތިޚާބަށް ފަހު، ނަތަންޔާހޫއާއި ޓުރަންޕު ވަނީ ސިޔާސީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. އެ ދެ މީހުންނަށް ވެސް ވަނީ ބޮޑު ނާކަމިޔަބީއަކާ ކުރިމަތިވެފައެވެ. އިޒްރޭލުން ސަރުކާރު އެކުލަވައިލުމާއި ސަރަޙައްދީ ސަލާމަތުގެ ހައްސާސީ މައްސަލަތަކާ ކުރިމަތިލާ އިރު، އެމެރިކާއިން ކުރިމަތިލާންޖެހިފައިވަނީ ސިޔާސީ ހުއްޓުންތަކަކާއި، ޤައުމީ އިސްކަންދޭ ކަންކަން އަލުން ވަޒަންކުރާންޖެހިފައިވާ ބައިބައިވެފައިވާ މުޖުތަމަޢަކާއެވެ. މި ދެ ޤައުމުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް، ދެ ޤައުމަށް ވެސް އޮތް އެއް ޙަޤީޤަތަކީ، ޤައުމުގެ ސިޔާސީ މުސްތަގުބަލު ބިނާވެފައިވަނީ މުޖުތަމަޢުގައި އުފެދިފައިވާ ބައިބައިވުންތައް ނައްތައިލައި، އިޤްތިޞާދީ އަދި ސަލާމަތީ ކަންކަމަށް ޙައްލު ހޯދައި، އަދި މުހިންމު ދިމުޤްރާތީ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދަމަހައްޓާން ވެރީންނަށް ގާބިލުކަން ލިބިފައިވާ މިންވަރެއްގެ މައްޗަށްކަމެވެ.

މުޙައްލިލުން ލަފާކުރާ ގޮތުގައި އީރާނަ ދެކޮޅަށް އިޒުރޭލާއި އެމެރިކާއިން ފެށި ޣައިރުގާނޫނީ ހަނގުރާމައާއި އެ ހަނގުރާމައިން ކާމިޔާބީއެއް ލިބިފައިނުވުމަކީ ނަތަންޔާހޫއާއި ޓުރަންޕަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މުހިންމު ސަބަބެކެކެވެ.

އެމެރިކާގެ ރައީސް ޓުރަންޕުގެ އުޕަރުވުން ކެނޑި ސިޔާސި ބާރުވެރިކަން ކުޑަވެފައި ވާއިރު، ނަތްނަޔާހޫއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. އެމެރިކާގެ ރައީސްގެ މަގާމަށް މި އިންތިޚާބުގެ ސަބަބުން ބަދަލެއް ނަޔަސް ނަތަންޔާހޫގެ މަގާމު ގެއްލުމުގެ ބިރު އޮތީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން މި މަގާލުގައި ބަލައިލާނީ އިޒުރޭލުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ކަންކަން ހިނގަމުން އަންނަ ގޮތުގެ މައްޗަށް އެކަންޏެވެ.

އިޒުރޭލުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ (ހަވާލަތު)، އެ ޤައުމުގެ ރައީސް އިޝާކް ހެރްޒޮގް މިހާރު ވަނީ ރަސްމީކޮށް އިދިކޮޅު ލީޑަރު (ކުރީގެ އަސްކަރީ ވެރިޔާ) ގާޑީ އެއިސެންކޮޓްއާ ޙަވާލުކޮށްފައެވެ. މިއީ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ.

2026 އޮކްޓޫބަރު 27ގައި ބޭއްވި ޢާންމު އިންތިޚާބަށް ފަހު، އިޒުރޭލުގައި ސަރުކާރު އެކުލަވައިލުމުގެ ކަންކަން ހިނގަމުންދާ ކަންކަމަށް ބަލާ އިރު، ބަރުލަމާނު (ކްނެސެޓް)ގެ 67 މެންބަރެއްގެ ތާއީދާ އެކު ރައީސް ހެރްޒޮގް ވަނީ ނޮވެންބަރު 8 ވީ އާދީއްތަ ދުވަހު އެއިސެންކޮޓްއާ ސަރުކާރު އުފެއްދުމުގެ ރަސްމީ ޒިންމާ އިއްޔެ (ނޮވެންބަރު 8ގައި) ޙަވާލުކޮށްފައެވެ. ނަތަންޔާހޫއަށް ލިބުނީ އެންމެ 46 މެންބަރުންގެ ތާއީދެވެ.

ކޯލިޝަން ސަރުކާރެއް އެކުލަވައިލުމަށް ޓަކައި އެއިސެންކޮޓްއަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ބޭނުންވެއްޖެ ނަމަ އިތުރު 14 ދުވަސް ރައީސަށް އިތުރުކޮށްދެވިދާނެއެވެ.

ކްނެސެޓްގެ 120 ގޮނޑީގެ ތެރެއިން މެޖޯރިޓީ (61 ގޮނޑި) އެއްވެސް ޕާޓީއަކަށް ލިބިފައެއް ނުވެއެވެ. އެއިސެންކޮޓްގެ ޕާޓީއަށް 48 ގޮނޑި އަދި ނަތަންޔާހޫގެ ޕާޓީއަށް 53 ގޮނޑި ލިބިފައިވާ އިރު، ބާކީ 19 ގޮނޑި ކާމިޔާބުކުރީ ޢަރަބި ޕާޓީތަކުންނެވެ. އެހެންކަމުން އެއިސެންކޮޓްއަށް ސަރުކާރެއް އެކުލަވައިލުމަށް ޓަކައި އޮތީ ތިން މަގެކެވެ. އެއީ ޢަރަބި ޕާޓީތަކުގެ ތާއީދާ އެކު "މައިނޯރިޓީ" ސަރުކާރެއް އެކުލަވައިލުން، ނުވަތަ ހަރުކަށި ދީނީ (އަލްޓްރާ-އޯތޮޑޮކްސް) ޕާޓީތައް ރުއްސުން، ނުވަތަ ނަތަންޔާހޫއާ އެކު "ނޭޝަނަލް ޔުނިޓީ" (ޤައުމީ އެއްބައިވަންތަކަމުގެ) ސަރުކާރެއް އެކުލަވައިލުމެވެ. ނަމަވެސް މިއިން ކޮންމެ މަގެއް ޚިޔާރުކުރި ނަމަވެސް ސިޔާސީ ބޮޑެތި ހުރަސްތަކެއް އެބަ ހުއްޓެވެ.

މި މުއްދަތުގެ ތެރޭގައި އެއިސެންކޮޓްއަށް ސަރުކާރެއް އެކުލަވައިނުލެވިއްޖެ ނަމަ، މި ޒިންމާ ނަތަންޔާހޫއާ ރައީސް ޙަވާލުކުރާނެއެވެ. އަދި މި ދެ މީހުން ކުރެ އެކަކަށް ވެސް ސަރުކާރެއް އެކުލަވައިނުލެވިއްޖެ ނަމަ، 2027ވަނަ އަހަރުގެ މެދުތެރޭގައި އަނެއްކާ ވެސް އާ އިންތިޚާބެއް ބާއްވާންޖެހޭނެއެވެ.

މި ފަހަރުގެ އިންތިޚާބުގައި އިޒުރޭލުގެ ޢަރަބި ރައްޔިތުން ވޯޓުލާން ނުކުތް ނިސްބަތް ރެކޯޑް ޢަދަދަކަށް އިތުރުވުމުގެ ސަބަބުން، ޢަރަބި ދެ ކޯލިޝަންކަމަށްވާ ޖޮއިންޓް ލިސްޓް (11 ގޮނޑި)އާއި ރާޢަމް (8 ގޮނޑި) ވަނީ ކާމިޔާބުކޮށް ކްނެސެޓްގެ ޖުމުލަ 19 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ އިޒުރޭލުގެ ތާރީޚުގައި ވެސް ޢަރަބި ޕާޓީތަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ސަރުކާރު ހެދުމުގެ ހަވާލަތު ގާޑީ އެއިސެންކޮޓްއާ ރައީސް ހެރްޒޮގް ޙަވާލުކުރީ މި ދެ ޕާޓީއިން އޭނާއަށް ބޮޑުވަޒީރުކަންދިނުމަށް ހުށަހެޅުމުންނެވެ. އެއީ ނަތަންޔާހޫގެ ހަރުކަށި ކަނާތުފިޔައިގެ ސަރުކާރު ވައްޓައިލުމުގެ ބޭނުމުގައެވެ.

ޢަރަބި ޕާޓީތަކުން ބޭނުންވަނީ ސަރުކާރުގެ ކެބިނެޓްގައި ބައިވެރިނުވެ، ސަރުކާރުގެ ބޭރުން ތާއީދާއި އެއްބާރުލުން ދީގެން އެއިސެންކޮޓްގެ ސަރުކާރު ދެމެހެއްޓުމަށެވެ. ސަބަބަކީ ޣައްޒާއާއި ލުބުނާނުގެ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގައި އިޒުރޭލުގެ ކެބިނެޓްގައި ބައިވެރިވުމަކީ ޢަރަބި ރައްޔިތުންގެ މެދުގައި ސިޔާސީ ގޮތުން ބަލައިގަނެވޭނެކަމަކަށް ނުވާތީއެވެ.

އެއިސެންކޮޓްގެ ޕާޓީގައި ހިމެނޭ ޔަހޫދީ ކަނާތުފިޔައިގެ ބައެއް މެންބަރުން، ޢަރަބި ޕާޓީތަކުގެ ތާއީދާ އެކު ސަރުކާރެއް ހިންގުމާ ކަނޑައެޅިގެން ދެކޮޅެވެ.

ބުންޔާމީން ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލު

އިޒުރޭލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަންކޮށްފައިވާ ނަތަންޔާހޫގެ ސިޔާސީ ބާރުވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އޭނާގެ ޕާޓީއަށް އަޣުލަބިއްޔަތު ގެއްލުމަކީ އޭނާގެ ސިޔާސީ ޙަޔާތް ނިމުމަކާ ގާތަށް ދިއުންކަމަށް މުޙައްލިލުން ދެކެއެވެ. އަނެއް ކޮޅުން ނަތަންޔާހޫ ގެންދަނީ ޢަރަބި ޕާޓީތަކުން އިންތިޚާބު "ވަގަށް ނަގާފައިވާ"ކަމަށް ބުނެ ތުހުމަތުތަކެއްކުރަމުންނެވެ. ނަމަވެސް އިޒުރޭލުގެ އިންތިޚާބާ ބެހޭ ކޮމިޓީއާއި ފުލުހުން ވަނީ އެ ކަމަށް އެއްވެސް ހެތްކެއް ނެތްކަމަށް ބުނެފައެވެ.

ބާރު ދެމެހެއްޓުމަށް ޓަކައި ނަތަންޔާހޫ މިހާރު ވަނީ އޭނާ އިސްވެ ހުންނަވާ ގޮތަށް "ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް" އެކުލަވައިލުމަށް ޓަކައި އެއިސެންކޮޓްއަށް ހުށަހަޅައިފައެވެ. އެއީ ޢަރަބި ޕާޓީތަކަކީ [ޓެރަރިސްޓުންނަށް ތާއީދުކުރާ] ބަޔެއްކަމަށް ބުނެ، ޔަހޫދީންގެ މެދުގައި ބިރުވެރިކަން އުފައްދައިގެންނެވެ. ނަމަވެސް އެއިސެންކޮޓް ވަނީ ނަތަންޔާހޫ އިސްވެ ހުންނަ ސަރުކާރެއްގައި އެއްވެސް ޙާލެއްގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ. އަދި ނަތަންޔާހޫއަކީ އިޒުރޭލުގެ ޑިމޮކްރެސީއަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ސިފަކުރެއެވެ.

ނަތަންޔާހޫގެ އެންމެ ވަފާތެރި ބައިވެރިޔާކަމަށްވާ ޔަހޫދީ ދީނީ ޕާޓީ (ޔޫޓީޖޭ)އިން މި ފަހަރު ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ދޭން ރައީސަށް ހުށަހަޅައިފައެއް ނުވެއެވެ. މިއީ ނަތަންޔާހޫގެ ބާރު މުޅީން ކެނޑެމުންދާކަމުގެ ހެތްކެކެވެ.

ކޮންމެއަކަސް އެއިސެންކޮޓްއަށް ޢަރަބި ޕާޓީތަކުގެ އެހީގައި ސަރުކާރެއް އެކުލަވައިލެވިއްޖެ ނަމަ، ނަތަންޔާހޫގެ ޒަމާންވީ ވެރިކަން ނިމުމަކަށް އަންނާނެއެވެ. ނަމަވެސް އެއިސެންކޮޓްއަށް އެ ކަން ކާމިޔާބުނުވެއްޖެ ނަމަ، ނަތަންޔާހޫ އަލުން ވެރިކަމަށް އައުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ. އަޅުގަނޑުމެންނަށް އޮތީ ވާ ގޮތް ބަލާން ތިބުމެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަވާލަތު     ނ.     ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ. mandate 

އިސްތިރާޖު   ނ.     ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.   strategy 

އުޕަރުވުން    ނ.     ހިތްމޮޅުވެ ބޮޑާވުން.

ކޮމެންޓު