އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
4 ނޮވެންބަރު 2026
އީރާނުގެ ޤުޝްމް ޖަޒީރާގައި ހުންނަ އީރާނުގެ ވައިގެ ދިފާޢީ ނިޒާމުގެ މަރުކަޒަކަށް އެމެރިކާއިން ޙަމަލާދިނުމަކީ މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްކުރުމަށް ޓަކައި ޓުރަންޕު އެޅި ފިޔަވަޅަކަށް ނޫނީ ބުނެވޭކަށް ނެތެވެ. އީރާނުގެ މި ޖަރީމާއާ ގުޅިގެން ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ކުރިމަތިލުންތައް ފެށުމަކީ މިހާރު މެދުއިރުމަތީގެ މަސްރަޙު އަމާންވުމަށް އޮތް އުންމީދުގެ ހުޅުކޮޅު ކަނިވި ކަމެކެވެ.
އެމެރިކާއިން ޤުޝްމް ރަށަށް ޙަމަލާދިނުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކައެއްގައި ބުނީ، އީރާނުގެ ވައިގެ ދިފާޢީ މަރުކަޒެއް ފާއިތުވި ދުވަސްތަކުގައި ވަރަށް ގާތުން މުރާގަބާކުރަމުންދިޔަކަމަށެވެ. އަދި އެ މަރުކަޒުގެ މަސައްކަތް ނިމެންދެން މަޑުކުރުމަށް ފަހު، އިއްޔެރޭގެ ވަގުތެއްގައި އެ ތަނަށް ވަރަށް ފުރިހަމައަށް ޙަމަލާދީފައިވާނެކަމަށް ޓރަންޕު ވަނީ ބުނެފައެވެ. މިއީ އީރާނުގެ އިސްތިރާޖީ ރަށެއް ކަމަށްވާ ޤުޝްމް ރަށަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދިނުމަށް ފަހު ފަޚުރުވެރިކަމާ އެކު ދެއްކި ވާހަކަތަކެއްގައި ބުނި އެއްޗެކެވެ.
މި ޙަމަލާދީފައިވަނީ ގަލްފު ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ)އިން ބުނެފައިވާ ގޮތުގައި، ބަންދަރު ޚަމީރުގެ އައްސޭރިފަށުގެ ސަރަޙައްދަށް އުދުހެމުންދިޔަ އެމެރިކާގެ "ލޫކަސް" އާއިލާގެ ދެ ޑުރޯނެއް ވައްޓައިލައިފައި ވެއެވެ. މީގެ އިތުރަށް، ހުރުމުޒު ކޮއްލަވާނި ހުރަސްކޮށް ހުއްދައާ ނުލައި ދަތުރުކުރަމުންދިޔަ ތިން ތެޔޮ ބޯޓަކަށް ޙަމަލަދީ ކަނޑުމަތީގައި ގޮއްވައިލައިފައިވާކަމަށް ވެސް އީރާނު ސިފައިން ހާމަކޮށްފައިވެއެވެ.
ހުރުމުޒު ކޮއްލަވާނި ހުޅުވައިލުމަށް ޓަކައި އީރާނުން ހަތް ޝަރުޠެއް ކަނޑައެޅުން
ޤަޠަރު މެދުވެރިކޮށް ކުރެވެމުންދާ މަޝްވަރާތަކާއި ހުޅަނގުގެ ފިއްތުންތަކަށް ރައްދުދެއްވަމުން، އީރާނުގެ އެންމެ މަތީ ސަލާމަތީ އޮފިޝަލް މުޙުސިން ރިޒާއީ ވިދާޅުވީ، އެމެރިކާއިން ތެހެރާންގެ ހަތް ޝަރުޠު ފުރިހަމައަށް އަދި ސަރީހަކޮށް ޤަބޫލުކޮށް އެއަށް ޢަމަލުނުކުރަނީސް ހުރުމުޒު ކަނޑުއޮޅި މުޅީން ނުހުޅުވާނެކަމަށެވެ.
މި ޝަރުޠުތަކުގެ ތެރޭގައި ސަރަޙައްދީ ހަނގުރާމަ ހުއްޓައިލުމާއި، ބޭރު ޤައުމުތަކުގައި ހުރި އީރާނުގެ ފައިސާ ދޫކޮށްލުމާއި، ތެލުގެ ވިޔަފާރިއަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، އެމެރިކާގެ ކަނޑުގެ ސިފައިން ހިންގާ ނުފޫޒު ފޯރުވުންތައް ހުއްޓުވުމާއި، ގެއްލުމުގެ ބަދަލުދިނުމާއި، އަދި އެމެރިކާ ސިފައިން ސަރަޙައްދުން ފޭބުން ހިމެނޭކަމަށް ރިޒާއީ ވިދާޅުވެފައިވެއެވެ.
އިޒުރޭލަށްދޭ މާލީ އެހީ ހުއްޓައިލާނެކަމަށް ޓުރަންޕު އިޢުލާނުކުރުން
[ފޮކުސް ނިއުސް]އަށް ދިން ބަސްދީގަތުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލާއެކު ދިގު މުއްދަތަކަށް އޮތް ގުޅުމަށް ބަދަލުތަކެއް އަންނާނެކަން ވެސް އިއުލާނުކޮށްފައެވެ. މި ކަން ތަފުސީލުކުރަމުން އޭނާ ބުނެފައިވަނީ އެމެރިކާއިން އިޒްރޭލަށް ދެމުންދާ މާލީ އަދި އަސްކަރީ އެހީތެރިކަން (އަހަރަކު ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރު) މި އަހަރު ނިމުމުގެ ކުރީންކަނޑައިލާނެކަމަށް އޭނާ ބުނެފައި ވެއެވެ.
ޓުރަންޕު ބުނީ އިޒްރޭލަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެ، ބޭރުގެ އެހީއަކާ ނުލައި އަމިއްލައަށް އަސްކަރީ އާލަތްތައް ގަނެވޭ ފެންވަރުގެ އިޤްތިޞާދީ ޤާބިލުކަން ލިބިފައިވާ ޤައުމަކަށްވެފައިވާކަމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ މަޝްވަރާކުރެއްވުމަށް ފަހު ނިންމި މި ނިންމުމާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުތަކަށާއި ތެލުގެ އަގުތަކަށް ވަނީ ކުއްލި ލޮޅުންތަކެއް އަރައިފައެވެ.
ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ޙަމަލާތަކެއްދިނުން:
މި ހުރިހާ ކަމެއްގެ ތެރެއިން، ޔަމަނުގެ ހޫޘީ ޖަމާޢަތުން ވަނީ ސުޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ޑުރޯނާއި މިސައިލް ޙަމަލާތަކެއްދީފައެވެ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ސުޢޫދީގެ އަބްހާ ބައިނަލްއަޤްވާމީ އެއަރޕޯޓަށާއި، ޚަމީސް މުޝައިތު ޢަސްކަރީ ވައިގެ މަރުކަޒުގެ އިތުރަށް ޔަމަނުގެ އަލް-ޖައުފްގެ އިރުމަތީ ސަރަޙައްދުގައި ތިބި ސަޢޫދީ [ހަތުރުންގެ] ފައުޖުތަކަށްކަމަށް ހޫޘީން ބުނެއެވެ. ނަމަވެސް، މި ޙަމަލާތަކާ ގުޅޭ ގޮތުން ސުޢޫދީ ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާތަކަށް ނަޒަރު ހިންގައިލުމުން އެނގި ހާމަވަނީ، ސިޔާސީ ގޮތުން ވާހަކަދައްކައިގެން މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކުރެވޭތޯ ކުރާ މަސައްކަތަށް ޓުރަންޕު ހުރަސްއަޅާކަމެވެ. އަދި މެދު އިންތިޚަބަށް ފަހު އަނެއްކާ ވެސް ހަނގުރާމަ އާކުރުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއްކަން ވެސް މި ހާދިސާތަކުން ސާބިތުވެއެވެ.