ad_banner
އުނގަންނައިދިނުމުގައި "މާޒީ"ގެ ބައެއް ތަޖުރިބާ (1)

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

8 ސެޕްޓެންބަރު 2026

އަޅުގަނޑުގެ ޙަޔާތުގެ ޅަފަތުގެ ދުވަސްވަރާއި ޒުވާންކަމުގެ ދައުރުގެ ބޮޑުބައެއް ހޭދަވީ އުނގަންނައިދިނުމުގެ މަސައްކަތުގައެވެ. އަދިވެސް އެ މަސައްކަތަކާ ވަތްކެއް ނުވެވެއެވެ. ހީވަނީ ނުވެސްވެވޭނެހެންނެވެ. އެއީ އަޅުގަނޑަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދިން ދުވަސްވަރު ވެސް މެއެވެ. އަދި އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ވެސް އެއީއެވެ. އުނގަންނައިދިނުވުގައި ކުރިޔާއި މިހާރުގައި ހުރި ތަފާތުތަކެއް އެބަހުއްޓެވެ. އަޅުގަނޑުމެން މިއަދު މިދެކޭ ޒަމާނާއި އެ ޒަމާނާ އެހާ ވެސް ތަފާތު ބޮޑެވެ.

އަޅުގަނޑު މި މަސައްކަތްކުރަނީ އަޅުގަނޑުގެ ތަޢުލީ ޚިދުމަތުގެ ތަޖުރިބާގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް ނަމަވެސް ޙިއްޞާކޮށްލާށެވެ. މިހާރުގެ ދަރިވަރުންނާއި ޒުވާނުންނަށް، އެހާރާއި މިހާރުގެ ތަޖުރިބާ ކޮންމެވެސް މިންވަރަކަށް ޙިއްޞާކޮށްލުމަށްޓަކައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން 29 އަހަރުގެ ދިގު ތަޖުރިބާއެއް އެތައް ސަތޭކަ ޞަފުޙާއެއްގައި ނޫނީ ޙިއްސާއެއް ނުކުރެވޭނެއެވެ. ވީމާ، އަޅުގަނޑުގެ ތަޖުރިބާ ޙިއްސާކޮށްލާނީ ވަރަށް ޚުލާޞާ ގޮތެއްގައެވެ. މިހާރާއި އެހާރުގެ ތަފާތު ކޮންމެވެސް މިންވަރަކަށް ފާހަގަކޮށްލެއްވޭނެ މިންވަރަށެވެ.

ޅަފަތުގެ މުދައްރިސުކަން:

އަޅުގަނޑުގެ ތަޢުލީމީ ޚިދުމަތުގެ ޙަޔާތް ފެށުނީ ގޭތެރެއިންނެވެ. އެންމެ ޅަފަތުގައެވެ. މާވަށު ދުންފިނިގެއިންނެވެ. އަޅުގަނޑުގެ އުފަން ގެއިންނެވެ. ދުންފިނިގެއަކީ އެދުރުގެޔެކެވެ. މަންމައަކީ އެދުރުދައިތައެވެ. (ދުންފިނިގޭ ޢާއިޝަތު އަޙުމަދެވެ. އެންމެންދަންނަ އައިސަދައިތަ އެވެ. މާލޭ މީހުންނާއި އައްޑޫ މީހުންގެ ބަހުން "ދޮންބޭބެގެ ދޮންކަމަނަ ދައްތަ" އެވެ.) އަޅުގަނޑު ހަނދާން ހުންނާން ފެށި އިރު ވެސް އަޅުގަނޑަށް ޢަރަބި-ތާނަ ލިޔާން ކިޔާން އެނގެއެވެ. ފަރިތަކޮށް ޤުރުއާން ކިޔަވާން އެނގެއެވެ. މަންމަގެ އިޚުލާޞްތެރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. (މާތް ﷲއަށް ޙަމްދުކުރަމެވެ. ލޮބުވެތި މަންމަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި އަބަދާއި އަބަދު ދުޢާކުރަމެވެ.) އެހެންކަމުން އަޅުގަނޑު ކިޔަވާން އުޅުމުގެ އިތުރަށް އެހެން ކުދީންނަށް ފިލާ ލިޔެދިނުމާއި ފިލާވަޅު ނަގައިދިނުމުގައި މަންމައަށް އެހީތެރިވާން ބައެއް ފަހަރު ޖެހެއެވެ. ފިލައަކީ ލަކުޑި މަޅުގަނޑަކުން ބޮލެއްލައިފައި ހުންނަ ގާތްގަނޑަކަށް ދޮޅުފޫޓު ދެ ފޫޓުގެ އެއްޗެކެވެ. ނަމަވެސް ފިލާގެ ސައިޒު ތަފާތުކޮށް ހުރެއެވެ. އެކި ޢުމުރުގެ ކުދީންނަށް ވެސް ސައިޒު ތަފާތުވާނެއެވެ. މި ފިލާގައި ފެނުން ތެންމައި މަށި އުނގުޅައި ހިއްމުކަށްފަހު ދެލި ދަވާދުން ނުވަތަ ފަންސުރުން ލިޔަނީއެވެ. ފިލާ ހިތުން ދަސްވީމާ ކުރީދުވަހު ދަސްކުރިބައި ފިލާގެ އަނެއް ފަރާތް ދޮވެ މަށިލަނީއެވެ. މައްޓަކީ ކިޔަވާ ފިލައިގައިލުމަށް ޓަކައި ވެލިމަށި ފުނޑައިގެން ހަދާ އެއްޗެކެވެ. (އިތުރަށް އޮޅުންފިލުވާން ބޭނުންފުޅު ނަމަ، ދިވެހިބަސްފޮތް (ޞަފުޙާ:614) ބައްލަވާށެވެ.) ފިލާ ދޮވުމަށް ޓަކައި އުނގުޅަނީ އަޅުގަނޑުމެންގެ ރަށުބަހުން "ހުއިވައް" ކިޔާއެއްޗެކެވެ. މިއީ ދިވެހިބަހުގެ ރަދީފުގައި އޮންނަ "ހުއިވަކެއް" ނޫނެވެ. ރަދީފުގައި "ހުއިވަކި" ކަމަށް ބަޔާންކޮށްފައިވަނީ ވެސް އެހެން އެއްޗެކެވެ. ކޮންމެއަކަސް އަޅުގަނޑުމެން ކިޔާ "ހުއިވައް" އެއީ ދެލި ފިލުވައިލާން ވަރަށް ފަސޭހައެއްޗެކެވެ. މި ވާހަކަ މިވަރުން ފުއްދައިލުމަށް ފަހު، އަޅުގަނޑުގެ ތަޢުލީމީ ޚިދުމަތުގެ ފެށުމަކީ މިއީކަމަށް އަޅުގަނޑު ދެކޭ ވާހަކަ ދަންނަވައިލަމެވެ.

އުނގެނުމުގެ މަރުޙަލާގައި ހިތުދަސްކުރުން:

މަންމަގެ އެދުރުގޭގައި (ދުންފިނިގޭ) ވެސް އަދި ފަހުން މާވަށު މަކުތަބުލްމުނީރުގައި ވެސް ފިލާވަޅުތައް ޖެހެނީ ހިތުން ދަސްކުރާށެވެ. މި ގޮތުގެ މަތީން "ދުރޫސުލްއަޚުލާޤު"، "ތަޝްދީދުލްއަޛުހާނި ފީ ތަޖުވީދިލްޤުރުއާނި"، "ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ"، "ތަޢުލީމުއްދިޔާނާ (1)" މި ފޮތްތައް މުޅީން، އަދި "ތަޢުލީމުއްދިޔާނާ (2)"ގެ ބައެއް ހިތު ދަސްކުރާންޖެހުނެވެ. މި ތަކެތި ހިތު ދަސްކޮށް މުދައްރިސަށް ކިޔައިދީ ކުލާހުން އެއްވަނަ ހޯދިޔަސް އޭރަކު އެ ކިޔޭ އެއްޗެއް ދޭހައެއް ނުވެއެވެ. "ކޮޅުކޮޅުމައްޗަށް އެ ނޫނު އަންނަކަމާއި......"، "އިސްތަށި ބޯ ތުނބުޅި ވިނަވައިލުން"، "އިސްފަހުގައި ކުރެވޭ......"، "ތިންތިންފަށް ކުޅައުން......." ފަދަ ކިތަންމެ ޢިބާރާތަކީ، އެ އިބާރަތްތަކުން އެއްޗެއް ދޭހަނުވުމުގެ އިތުރަށް އެއީ ކީކޭކަން ވެސް ނޭނގޭ ޢިބާރާތްތަކެވެ. ނަމަވެސް ޤުރުއާން ވެސް މާނަ ނޭނގި ހިތުދަސްކުރާ ފަދައިން ކިޔައިކިޔައި ހިތުން ދަސްކޮށްލަނީއެވެ.

މި ގޮތަށް ހިތުން ދަސްކުރުމަކީ ތާކުންތާކުނުޖެހޭ ބޭކާރު ކަމެކޭ (ފަހުން ކޮންމެވެސް ކޯހެއްގައި) އަޅުގަނޑަށް ކިޔަވައިދެވުނެވެ. ނަމަވެސް މި ގޮތަށް ބޭނުންތެރި މަޢުލޫމާތު ޅަފަތުގައި ހިތުދަސްކުރުމަކީ ވަރަށް ވެސް ފައިދާ ހުރި އަދި ކުރާންޖެހޭ ކަމެއްކަން އަޅުގަނޑަށް ވަނީ ތަޖުރިބާއިން ސާބިތުވެފައެވެ. އަޅުގަނޑުގެ ޢުމުރުން 11 ވަރަކަށް އަހަރުގައި މާލެއަށް އައިސް އޭރުގެ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލަށް ވަދެ ކިޔަވާން ފެށުމުން ކުޑަ އިރު ހިތުން ދަސްކުރި ފޮތްތަކުގެ ބޭނުން ހިފާންޖެހުނީ އިންތިހާއަށެވެ. ކިޔަވާ ގަޑީގައި މުދައްރިސު ޢަމަލީ ގޮތުން ދައްކަވާ މިސާލުގެ ތިއަރީބައި އަޅުގަނޑުގެ ހިތުގައި އޮންނަނީ ލިޔެވިފައެވެ. ތަޖުވީދުގެ ފިލާވަޅުތަކާއި މިސާލުތައް ހިތުދަހެވެ. ދިވެހިބަހުގެ ގަވާއިދު ހިތުދަހެވެ. އަދިވެސް މުހިންމު ގިނަ މަޢުލޫމާތުތައް ހިތުދަހެވެ. އަތުލިޔުން ރީއްޗޭ މުދައްރިސުން ވިދާޅުވެއެވެ. އެހެންކަމުން މުދައްރިސުން ހައިރާންވާފަދަ ނަތީޖާތައް ޓެސްޓުގައި ދައްކުވައިދެވުނެވެ. އަވަސްއަވަހަށް ކްލާސް ބަދަލުކުރައްވާން މުދައްރިސުންނަށް ޖެހިވަޑައިގަތީ އަޅުގަނޑުގެ ފެންވަރު ޓެސްޓުތަކުން ވެސް ވަޒަންނުކުރެއްވުނީތީކަމަށް ވެދާނެއެވެ. މިއީ ޅަފަތުގައި ހިތު ދަސްކުރުމުގެ ފައިދާއެވެ. ނަމަވެސް ހިސާބާއި އިނގިރޭސިއަށް ވަރަށް ކޮއްޓެވެ. ލިޔުންތެރިކަމަށް ލޯބިކުރާ ގިނަ މީހުން ފަދައިން ހިސާބަކީ އަޅުގަނޑު އެންމެ ކޮށި މާއްދާއެވެ.

ކޮންމެއަކަސް ޅަފަތުގައި އެ ގޮތަށް ހިތުން ދަސްކުޅަ ތަކެތި އަދިވެސް ހަނދާންކުރެއެވެ. ކޮންޕިޔުޓަރު ރޭމްގައި ހުންނަ އެއްޗިހި އަވަހަށް ފޮހެވުސް ހާޑްގައި ހުންނަ އެއްޗިހި، ހާޑްގެ މައްސަލަ ނުޖެހެންޏާ ހުންނާނެތާއެވެ. އެހެންކަމުން އޭރު ހިތުދަސްކުޅަ ފިލާވަޅުތަކުގެ ބޮޑު ބައި މިހާރު ވެސް ހިތަށް އެނގެއެވެ. ﷲގެ ދީލަތިވަންތަކަމާއި ފަޟުލުވަންތަކަމެވެ.

ރަސްމީ ޚިދުމަތުގެ ފެށުން:

މުޖުތަމަޢަށް އަޅުގަނޑުގެ ޚިދުމަތް ފެށުނީ ހިތަދޫގައި ހުންނަ ލ. އަތޮޅު އޮފީހުގެ ވައިރލެސް އޮޕަރޭޓަރގެ ވަޒީފާއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގެވި އެއް އަހަރު ދުވަހުގެ "މޯރސްކޯޑް ކޯސް" ފުރިހަމަ ކޮށްގެންނެވެ. މޯސްކޯޑަކީ އަޑުގެ ސިގްނަލްތަކެއް އަޑުއަހައިގެން ފޮނުވާ މެސެޖް ނަގައި ފޮނުވާ ޚިދުމަތެކެވެ.  މި ޚިދުމަތުގައި އަކުރުތައް ދެނެގަންނަނީ ކުދިއަޑުތަކަކާއި ދިގު އަޑުތަކަކުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އޭބީސީޑީގެ ކޮންމެ އަކުރަކަށާއި ކޮންމެ ވިޔަ އަކުރަކަށް ކުރު އަޑުތަކަކާއި ދިގު އަޑުތަކެކެވެ. މި އަޑުތައް ފާހަގަކުރަނީ ނުކުތާތަކަކާއި ރޮނގުބުރިތަކަކުންނެވެ. މިސާލަކަށް އޭ އަކުރަކީ ޓިޓާ އެވެ. ބީއަކުރަކީ ޓާޓިޓިޓިއެވެ. ސީއަކުރަކީ ޓާޓިޓާޓި އެވެ. ޑީއަކުރަކީ ޓާޓިޓިއެވެ. މި ގޮތަށް ކޮންމެ އަކުތަކަށާއި ކޮންމެ ވިޔައަކުރަކަށް ވަކި ކޯޑެކެވެ. އަދި ކުރު ބުނުންތަކަށް ވެސް ކޯޑެކެވެ. ކޮން ތަނެއް؟ ކޮން ތާކުން ކޮންތާކަށް؟ މާ އަވަސް، ތަންކޮޅެއް ލަސްކޮށްލަބަލަ، މި ފަދަ ބުނުންތަކަށް ވެސް ކޯޑުތަކެކެވެ. މި ކޯޑުތަކަށް ކިޔަނީ ކިޔޫކޯޑެވެ. ތިރީގައި މި ވަނީ މި ކޯޑުތަކުގެ ނަކަލެކެވެ.

މިއީ ފެކުހާއި އަތުފޯނު ތަޢާރުފުވުމުގެ ކުރީން އާގުބޯޓު ފަހަރުގައި ރޭޑިއޯ އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ ޢިލްމެކެވެ. ނުވަތަ ފަންނެކެވެ. މިހާރު މި ޢިލްމުގެ ބޭނުން އޮތީ ޒަމާނީ ފަންނިއްޔާތާ އެކު ގާތްގަނޑަކަށް އުވިފައެވެ. ނަމަވެސް މަދުމަދުން މިހާޜު ވެސް ބޭޏުންކުރެވޭމެއެވެ. މި ވާހަކަ ވެސް މި ހިސާބަށް ބާއްވާނަމެވެ. 

ކޮންމެއަކަސް ދެތިން އަހަރު ހިތަދޫގައި އުޅުމަށް ފަހު، މާވަށުގައި ހުޅުވުނު ލ. އަތޮޅު ޕްރައިމަރީ ސްކޫލްގެ "ސަރުކާރުން ފޮނުއްވާ ޓީޗަރ"ގެ މަޤާމު އަޅުގަނޑަށް ލިބުނެވެ. ވައިރލެސް އޮޕަރޭޓަރކަމުގެ މަޤާމުގެ މުސާރައަކީ -/165 ރުފިޔާއެވެ. "ސަރުކާރުން ފޮނުވާ ޓީޗަރ"ގެ މުސާރައަކީ -/175 ރުފިޔާއެވެ. އަޅުގަނޑުގެ އުނގަންނައި ދިނުމުގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ މިހައި ހިސާބުންނެވެ.

އޭރު މާވަށު ޕްރައިމަރީ ސްކޫލްގައި ތިއްބެވީ އަތޮޅުން ހޯއްދަވާ ދެ މުދައްރިސުންކަމުގައިވާ އަލްއަޚު އާދަމް ޙަލީމް މޫސާއާއި މޫސާ ޙުސައި މޫސާއެވެ. އަޅުގަނޑުގެ ވަޒީފާ ހަމަޖެހުމާ އެކު މުދައްރިސުންގެ ޓީމަށް ތިން މީހުން ހަމަޖެހުނެވެ. އަތޮޅުން ހޯދާ މުދައްރިސުންގެ މަޤާމުގައި ޙައްވާ އިބްރާހީމް (އަސަރީގޭ ހައްވައިފާނު) އާއި ސުލައިމާން (ޢަޞްރުމާގޭ ދޮހޮއްކޮބެ) ވެސް ދުވަސްކޮޅަކު ތިއްބެވިއެވެ. އޭރުގެ މަދަރުސާގައި "ނާޒިރު"ގެ މަޤާމުގައި ހުންނަވަނީ ކަތީބެވެ. އޭރު ކަތީބަކީ އިސްމާޢިލް ރަފީޢެވެ. ނާޒިރަކީ ޒިންމާދާރު އެހެން މަޤާމެއްގައި ހުންނަވާ ބޭފުޅަކަށްވާތީ ޢަމަލީ ގޮތުން އިސްކޫލް ހިންގުމުގައި އިސްދައުރެއް އަޅުގަނޑަށް އަދާކުރާންޖެހެއެވެ. އެޑްމިނިސްޓްރޭޓަރުގެ ދައުރެވެ. ނުވަތަ ހެޑްމާސްޓަރުގެ ދައުރެވެ. މި ކަމުގައި އެހެން މުދައްރިސުންގެ އެހީތެރިކަން ވެސް އެންމެ ފުރިހަމަ ގޮތުގައި ލިބުނުކަން ޚާއްޞަ ގޮތެއްގައި ފާހަކަކޮށްލާން ބޭނުމެވެ.

އޭރު އިސްކޫލުގެ ޙާލަތު އޮންނަ ގޮތް ކުޑަ ގޮތަކަށް ދަންނަވައިލާނަމެވެ. އިސްކޫލްގެ ރަނގަބީލު ޖަހާން އޮންނަނީ ބޮޑު ގޭސް ސިލިންޑަރެކެވެ. އެ ސިލިންޑަރުގައި ދަގަނޑުބުރިޔަކުން ޖެހީމާ އޭގެ އަޑު ހަމަ ގާތްގަނޑަކަށް މުޅި ރަށަށް އިވެއެވެ.

އިސްކޫލްގެ ޢިމާރާތަކީ ތުނޑީ މައުލޫދު ހަރުގެއެވެ. މިއީ މާވަށު ހުކުރު މިސްކިތު ކުރިމަތީގައި މިހާރު އެ އޮތް ބޮޑު ހުސް ތަނުގައި ހުރި ކުރީގެ ޢިމާރާތެކެވެ. މުޝްތަރީގެއާއި އަސަރީގެޔާއި އަސުރުމާގެޔާ ދެމެދުގެ ހިސާބެއްގައެވެ. މަދަރުސާގައި އިށީންނާން ހުންނަނީ ނިރޮޅު ފަތީން ހަދައިފައި ހުންނަ ދިގު ގޮނޑިތަކެކެވެ. (ބެންޗެވެ.) ޑެސްކަކަށް ހުންނަނީ ނިރޮޅުން ހަދައި، މަތީގައި ކަތިކޮށް ބަނބުކެޔޮ ފިލާއަޅައިގެން ހަދައިފައި ހުންނަ ދިގު ޑެސްކްތަކެކެވެ. ޑެސްކްތައް ދަރިވަރުންނަށް ބޭނުންކުރާން ފަސޭހަ ނަމަވެސް ގޮނޑިތަކުގައި އިށީނދެގެން ގިނަ އިރު ތިބުމަކީ ފަސޭހަ ކަމެއްނޫނެވެ.

ޤުރްއާނަކީ އެންމެ މުހިންމު މާއްދާއެވެ. ކޮންމެ ދުވަހަކު ފުރަތަމަ އޮންނަނީ ޤުރުއާނެވެ. މުޞްޙަފުގެ ޞަފުޙާއެއްގެ ދެބައިކުޅަ އެއްބައިހައި މިންވަރު ނުވަތަ މަޤުރައެއް މުދައްރިސް ކިޔަވައިދިނުމެވެ. އަޑުދަށުން ދަރިވަރުން ކިޔަވާނީއެވެ. މި ގޮތަށް ފިލާވަޅު ނަގައިދިނުމަށް ފަހު، ޖެހިގެން އަންނަ ދުވަހު ކޮންމެ ކުއްޖަކު އެ ފިލާވަޅު ހިތަށް ކިޔައިދޭންޖެހެއެވެ. މި ގޮތަށް ކުލާހުގައި ތިބޭ ވިއްސަކަށް ފަންސަވީހަކަށް ކުދީން ފިލާވަޅު ހިތަށް ކިޔަވާ އިރު އަޅުގަނޑުމެން (މުދައްރިސުން) ތިބޭންޖެހެނީ ކުށެއް ކިޔައިތޯ ބަލާށެވެ. މި ގޮތަށް ދަރިވަރުން ފިލާވަޅު ހިތަށް ކިޔައިދީ ނިމޭ އިރު އަޅުގަނޑުމެންނަށް ވެސް އެ ފިލާވަޅު އޮންނަނީ ހިތު ދަސްވެފައެވެ. މިއީ އަޅުގަނޑުމެންނަށް ވެސް ލެއްވި ވަރަށް ބޮޑު ރަޙުމަތެކެވެ. ޢައްމަ ފޮތުގެ ހުރިހައި ސޫރަތްތައް އަޅުގަނޑުމެންނަށް ހިތުން ދަސްވީ މި ނިޒާމުގެ ތެރެއިންނެވެ. އިސްކޫލުގައި ދެން ކިޔަވައިދެނީ "ދީނީ ތަރުބިއްޔަތު"އާއި "ތިމާވެށީގެ ޢިލްމު"އާއި "އިޖުތިމާޢި ޢިލްމު"އާއި، "ޒަމާނީ ހިސާބު"އާއި، އިނގިރޭސިއެވެ. އޭރު އޮންނަނީ ދިވެހިރާއްޖޭގެ ފަސް އަހަރުގެ ފަށާ ތަޢުލީމުގެ ޤައުމީ މުޤައްރަރެވެ. އެންމެ މަތީ ގުރޭޑަކީ ގްރޭޑް 5އެވެ. ނަމަވެސް އޭރު އިސްކޫލުގެ ގުރޭޑް 4ގައި އުޅުނު ކުދީން މިހާރުގެ ގުރޭޑް 8ގެ ކުދީންނަށް ވުރެ، (ގިނަ މާއްދާތަކުން) ފެންވަރު ރަނގަޅުވާނެކަން ސާބިތުކަމާއެކު އަޅުގަނޑަށް ދަންނަވާން ކެރެއެވެ. އަދި ހުރިހައި ކުދީންގެ އަތުލިޔުން އެހައި ރީތިވާނެއެވެ. މީގެ ތެރެއިން ބައެއް ކުދީން (ބޮޑުވެގެން) ފަހުން ހަވީރު ނޫހުގައި ޗާޕަށް ލިޔުއްވާން ވެސް އުޅުއްވިއެވެ.

ގްރޭޑް 4 ގައި ދަރިވަރުން ކިޔަވަމުން ދަނިކޮށް، ލ. އަތޮޅު ޕްރައިމަރީ ސްކޫލް، (ފަހުން ލ. އަތޮޅު މަދަރުސާ) ޖަޕާނުގެ ޚަރަދުގައި ލ. އަތޮޅު މާބައިދޫގައި ޢިމާރާތްކުރި އާ ޢިމާރާތަށް (ލ. އަތޮޅު މަދަރުސާ) ބަދަލުވީއެވެ.

މި ވާހަކަ މި ހިސާބަށް ބާއްވައިފައި އިސްކޫލްގެ ހިންގުމުގެ ކަންކަން ހުންނަ ގޮތް ކުޑަ ގޮތަކަށް ބަލައިލާނަމެވެ.

ލ. އަތޮޅު ޕްރައިމަރީ އިސްކޫލު މާވަށުގައި ހިންގީ ކުރީން ވެސް ދެންނެވި ފަދައިން ތުނޑީ މާލޫދު ހަރުގޭގައެވެ. މި ޢިމާރާތް މިހާރަކު ނެތެވެ. މި ވާހަކަ އިސްވެ ދެންނެވިއްޖެއެވެ. (މިހާރު އެހެރަ މާވަށު އިސްކޫލަކީ ޔުނިސެފްގެ އެހީގައި ރައްޔިތުންގެ މަސައްކަތުން ބިނާކުރި ޢިމާރާތެއްގައި ފަށައިގަތް އިސްކޫލެކެވެ. ނަމަވެސް އޭރު ޢިމާރާތްކުރި އިމާރާތް މިހާރު ވަނީ "ގިނަކާމު އިމާރާތެއް" އެޅުމަށް ޓަކައި ބިން ހުސްކުރާން ވެގެން ތަޅައިލައި އެ ޢިމާރާތް ހުރި ތާނގައި ގިނަކާމު ޢިމާރާތެއް ބިނާކޮށްފައެވެ.)

1979ގައި މާވަށުގައި ހުޅުވި އަތޮޅު މަދަރުސާ ނުވަތަ ލ. އަތޮޅު މަދަރުސާގައި ގޮނޑި ޑެސްކް ހުރި ގޮތް ކުރީން ދަންނަވައިލެވިއްޖެއެވެ. ކިލާސްރޫމް، ބައިކުރާން ބޭނުންކޮށްފައި ހުންނަނީ ޕޮލިސްޓަރު ފޮތީގެ ފަރުދާއެވެ. ލިޔާން ބޭނުންކުރަނީ ކަޅު ބޯޑާއި ހުދު ޗޯކެވެ. އިސްކޫލު ޚަރަދުގައި ޗޯކު ގަންނާން ލިބުނަސް ޙަޒިރީ ފޮތާއި ޓެކްސްޓު ފޮތާއި މުދައްރިސުންގެ ފޮތް ހިލޭ ލިބުނަސް، ކަޅު ބޯޑު (ބްލެކު ބޯޑު) ހަދައި ކަޅުކޮށް ހަދާންޖެހެނީ އަމިއްލައަށެވެ. ދަރިވަރުން ލައްވައެވެ. ނުވަތަ މުދައްރިސުން އަމިއްލައަށެވެ. ބޯޑު ކަޅުކުރަނީ ލަކުޑިދެއްޔާއި އޮށަނި ފަތް ނުވަތަ ދަނޑިއަލުވި ފަތް ބޭނުންކޮށްގެއެވެ. ފަހުންފަހުން އައިސް ބޯޑު ކަޅުކުރާން މި ކަމުގައި ބެޓެރީ ދެލި ވެސް ބޭނުންކުރީމެވެ.

އިމްތިޙާނު ބާއްވަނީ ވެސް ވަރަށް މޮޅު ގޮތަކަށެވެ. ފަތިހު ފަތިހާ އަޅުގަނޑުމެން ގޮސް ބޯޑުގައި ޗޯކުން ސުވާލުތައް ލިޔެ ބޯޑުގައި ފޮތިއަޅައި ނިވައިކޮށްފައި ބަހައްޓަނީއެވެ. ދަރިވަރުން އައިމާ ބޯޑު ކަޝްފުކޮށް ދަރިވަރުންނަށް ސުވާލުތައް ދައްކަނީއެވެ. ދަރިވަރުން ސުވާލު ނަކަލުކޮށް ސުވާލުތަކުގެ ޖަވާބު ދޭނީއެވެ. ނުވަތަ ސުވާލުގެ ނަންބަރު ޖެހުމަށްފަހު ޖަވާބު ދިނަސް ގަބޫލުކުރެވެއެވެ.  (ނުނިމޭ)

 

ލަފުޒެއްގެ މާނަ:

ގިނަކާމު      ނއ.    ގިނަ ކަންކަމަށް ބޭނުންކުރެވޭ.  multipurpose

ކޮމެންޓު