ad_banner
ޖަމާޢަތުގެ ފިއްތުންތަކުގެ ކުރިމަތީގައި އުސޫލުގައި ހިފެހެއްޓުން

އޒ. އިބްރާހީމް ރަޝީދު މޫސާ

19 އޮކްޓޯބަރު 2026

މާތް الله ރަޙްމަތްލެއްވި އަލްއިމާމުއްޛަހަބީގެ މަޝްހޫރު ފޮތް (ސިޔަރު އަޢުލާމިއްނުބަލާއި)ގައި  ތަބީޢު ބުނު ޢާމިރުލްޙިމްޔަރީ[1]އާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. އެ ކަލޭގެފާނާއި އިސްލާމީ ލަޝްކަރުގެ ފައުޖުތައް ތިބީ ރޯޑުސް ޖަޒީރާގައެވެ. މި ލަޝްކަރުގެ އަމީރަކީ (ވެރިޔަކީ) ޖުނާދަތު އިބްނު އަބީ އުމައްޔަތެވެ[2]. އިސްލާމީ ލަޝްކަރު މި ޖަޒީރާގައި މަޑުކޮށްގެން ތިއްބައި އުމަވީ ޚަލީފާ މުޢާވިޔަތުގެފާނު އެބައިމީހުންނަށް ފިނިމޫސުމުގައި ޙަމަލާދޭން ތައްޔާރުވާން އަންގަވައި ފަތްކޮޅު ފޮނުއްވިއެވެ. މި ފަތްކޮޅު އައުމުން ތަބީޢު ވިދާޅުވިއެވެ. (ތިޔަބައިމީހުން މިވެނި ފަރާތަކުން އެވެނި ފަރާތަކުން އެނބުރި ރަށަށް ދާނޫއެވެ.) ލަޝްކަރީން މި ބަސްފުޅާ ދެކޮޅު ހެދިލެއް ބޮޑުކަމުން  އެކަލޭގެފާނާގެ އެކުވެރިޔާ ވިދާޅުވިއެވެ. (ތިބާއަކީ ދޮގުވެރިއެކޭ ނޫން އެއްޗެއް އެބައިމީހުން ނުބުނާނެތެވެ.)

އެހިނދު ތަބީޢު ވިދާޅުވިއެވެ. (އެބައިމީހުންގެ ގާތަށް މިވެނި ދުވަހަކުން ހުއްދަ އަންނާނެއެވެ. އެ ހިނދު ގަދަ ވައި އައިސް މި ބިނާތައް އުފުރައިލާނެއެވެ.) އެކަލޭގެފާނު ބަސްފުޅު ލަޝްކަރީންގެ ތެރޭގައި ފެތުރިގެންދިޔައެވެ. އެ ވިދާޅުވި ދުވަސް އައި ދުވަހު ގަދަ ވައި އައިސް، ބިނާ އުފުރައިލިއެވެ. އިރުކޮޅަކުން ދުރުން އައި އޮޑިއެއް މުޢާވިޔަތުގެފާނު އަވަހާރަވި ވާހަކައާއި ޚަލީފާކަމަށް ޔަޒީދު އިސްކުރެވުނު ޚަބަރު ގެނެސްފިއެވެ. އަދި ލަޝްކަރީންނަށް އެނބުރި އައުމުގެ ހުއްދަ ވެސް މި ޚަބަރުގައި ވެއެވެ. އެ ހިނދު އެބައިމީހުން ތަބީޢަށް ސަނާކިޔައި ތާރީފުކުރޫއެވެ.[3]

މިއީ އިސްލާމީ ތާރީޚުގެ ކުރިކޮޅުގެ މަންޒަރުތަކުން މަންޒަރެކެވެ. އެއީ އިންސާނާގެ ޙަރަކާތާއި ވިސްނުން ސިޔާސީ އަދި ޢަސްކަރި ފުރޮޅުންތަކާ އެކު އެނބުރެމުން ދިޔަ ދުވަސްތަކެކެވެ. އިސްލާމީ ލަޝްކަރުގެ މުޖާހިދުން ތިބީ ރޯޑްސް ޖަޒީރާގައެވެ. އެތާނގައި ތިބުންވަނީ ބުރަކަމަކަށް ވެފައެވެ. މުޖާހިދުން ތިބީ ޒަޢާމަތުގެ  އިރުޝާދުތަކުގެ އިންތިޒާރުގައެވެ. މި މަންޒަރުގައި މި ފެނިގެންދަނީ ތަބީޢު އުޞޫލުގައި ހިފަހައްޓަވާ މިންވަރެވެ. މި މަންޒަރުގައި އެކަލޭގެފާނުގެ މަޤަމާއި ގަދަރު ހާމަވެގެން ދެއެވެ. އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން ހާމަކޮށްދެނީ އެއާ ވިދިގެން ހިނގި ހާދިސާތަކުންނެވެ. ޝައްކުގެ ވަގުތުގައި ހޭލުންތެރިކަމާއި ދުރުވިސްނުމުން ޝައްކުފިލައިގެން ދިޔަ ގޮތެވެ.

ތަބީޢު ޖަމާޢަތުގެ ފިއްތުންތަކާ ކުރިމަތިލެއްވި ގޮތް

މި ވާހަކައިގައި އަޅުގަނޑުމެންގެ ސަމާލުކަން ގެންދަނީ ވެށީގެ ޠަބީޢަތަށެވެ. ސިފައިން އުޅެމުންދިޔައީ ވަރަށް ނުރައްކާތެރި ވެށްޓެއްގައެވެ. ވަށައިގެން ތިބީ ދުޝްމަނުންނެވެ. ރަށަކީ ދުޝްމަނުންގެ ބާރުގެ ދަށުގައި ވާ ކަނޑެއްގައި އޮތް ޖަޒީރާއެކެވެ. އެ މީހުންގެ ކުރިމަތީގައި އޮތީ ފިނިމޫސުމުގައި ޙަމަލާދިނުމަށް އަމުރުކުރާ ޚަލީފާގެ ފަތްކޮޅެވެ. އެހެންކަމުން އެނގެނީ އެ މީހުންނަށް ގައުމަށް އަވަހަށް އަނބުރައެއް ނުދެވޭނޭކަމެވެ. އެ މީހުންނަށް ވިސްނުނު ގޮތުގައި މި ޑޭޓާގެ ކުރިމަތީގައި ތަބީޢުގެ ވިސްނުންފުޅާ މަންޠިޤާ އަރައިރުންވެއެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ޙާލަތުގައި ގިނަ ބަޔަކު އިދިކޮޅު ރައުޔާ މެދު ޝައްކުކުރާނެއެވެ. ޚާއްޞަކޮށް މި ރައުޔުގެ ވެރިޔަކީ ތަންފީޒީ ބާރެއް ނެތް މީހެއްކަމުގައިވާ ނަމައެވެ.  

މި މަސްއަލައިގައި ތަބީޢު އެ މީހުންނާ ޖަދަލެއް ނުކުރައްވައެވެ. އޭނާގެ ރައުޔު އެ މީހުންގެ މައްޗަށް ވެރިކުރުވާކަށް ވެސް މަސައްކަތެއްނުކުރައްވަތެވެ. އޭނާ ފާހަގަކުރެއްވީ މަލަތަކެކެވެ. ކަނޑައެޅިގެންވާ ވަކި ވަގުތެކެވެ. މި ވަގުތާ އެއް ގޮތަށް ހިނގައިފާނެ ޠަބީޢީ ކަމެކެވެ. އެއަށް ފަހު ސިޔާސީ ހާދިސާއެއް ހިނގުމެވެ. މިއިން އެނގެނީ ބައެއް މަސްއަލަތައް ވާހަކަ ގިނަކޮށްގެން ޙައްލެއްނުކުރެވޭނެކަމެވެ. މި ކަމުގެ ފަރުދާ ކެހިގެންދާނީ ޒަމާނާ އެކުގައެވެ.

މާތް الله ރުއްސުންލެއްވި އަބޫބަކްރުއްޞިއްދީޤު، ޒަކާތްދިނުމާ ދެކޮޅުހެދި މީހުންނާ މެދު ޢަމަލުކުރެއްވި ގޮތަކީ ރަނގަޅު މިސާލެކެވެ. ބައެއް ޞަޙާބީން ދެކެވަޑައިގަތް ގޮތުގައި ޝަހާދަތުގެ ދެ ކަލިމަ ކިޔާ ބަޔަކާ ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެތެވެ. އެހެނަސް އަބޫބަކްރުގެފާނު އެކަލޭގެފާނުގެ އުޞޫލުގެ މަތީގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((واللَّهِ لَأُقاتِلَنَّ مَن فَرَّقَ بيْنَ الصَّلاةِ والزَّكاةِ، فإنَّ الزَّكاةَ حَقُّ المالِ، واللَّهِ لو مَنَعُونِي عِقَالا كانُوا يُؤَدُّونَها إلى رَسولِ اللَّهِ صَلّى اللهُ عليه وسلَّمَ لَقاتَلْتُهُمْ على مَنْعِها[4] - މާތް ﷲ ގަންދީ ބުނަމެވެ. ނަމާދާއި ޒަކާތް ތަފާތުކުރާ ބަޔަކާ ދެކޮޅަށް އަހުރެން ހަނގުރާމަ ކުރާހުށީމެވެ! ފަހެ ، ހަމަކަށަވަރުން ޒަކާތަކީ މުދަލުގެ ޙައްޤެވެ. އެބައިމީހުން  ރަސޫލާ rއަށް ޒަކާތުގެ ގޮތުގައި  ދެމުންދިޔަ ޖަމަލު ބަންނަ ވައުކޮޅެއް ވިޔަސް ދިނުމުން މަނާވެގެންފި ނަމަ، އަހުރެން އެބައިމީހުންނާ ދެކޮޅަށް ހަނގުރާމަކުރާހުށީމެވެ.)) އަބޫބަކްރުގެފާނު މި އުޞޫލުގެ މަތީގައި ދެމިހުންނެވުމުގެ ސަބަބުން ޞަހާބީންނަށް އެކަލޭގެފާނުގެ ސިޔާސަތުގެ ރަނގަޅުކަން ހާމަވެގެން ދިޔައެވެ. ތަބީޢު ވެސް އެކަލޭގެފާނުގެ ރައުޔާ ދެކޮޅުހެދި  ސިފައިންނާ ޖަދަލެއް ނުކުރައްވަތެވެ. އެކަލޭގެފާނު ހާމަކޮށްދެއްވީ މަލަތަކެކެވެ. މި މަލަތަކުން ތަބީޢުގެ ރައުޔުގެ ރަނގަޅުކަން ހާމަވެގެންދިޔައެވެ. ދެކޮޅުހަދާ މީހުން ގިނަވުމަކީ ދެކޮޅުހަދާ މީހުންގެ ރައުޔުގެ ރަނގަޅުކަން ބަޔާންކޮށްދޭ ތަރާދެއްނޫނެވެ.

ޔަޤީންކަމުގެ ވެރިޔާއަށް އަރައިރުން ވާކަށް ނުޖެހޭ

މި ޒަމާނުގައި ވެސް ސިޔާސީންނާ ދިމާއަށް ތިޔައީ ދޮގުވެރިއެކޭ ކިޔައި އާންމުންނަށް އެ ކަން ބަޔާންކޮށްދެވޭތޯ ބަލައެވެ. މި ކަމުގެ ސަބަބުން  އާންމުން ކެއްކުވޭތޯއެވެ. އާންމުންގެ ކުރިމަތީގައި ބަދުނާމުކުރެވޭތޯއެވެ. ސިޔާސީން ބަދުނާމުކުރެވޭތޯއެވެ. ތަބީޢު އެ މީހުންނަށް އެ ފަދަ ފިނޑި ވާހަކަތަކުން ރައްދެއްނުދެއްވައެވެ. އެކަލޭގެފާނު ޝަޚުޞީ ހަނގުރާމައަކަށް ނުހައްދަވަތެވެ. އެކަން ދޫކޮށް ލެއްވީ އަޖުމަބެލުމުގެ އިމްތިޙާނަށެވެ.

ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް މި ފަދަ މިސާލުތައް ފެނެއެވެ. ޙައްޤު ސާބިތުކޮށްދިނުމަށް ޓަކައި ހަޅޭއްލަވާކަށް ނުޖެހެއެވެ. މާތް الله ވަޙީކުރެއްވިއެވެ. )وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَٰطِلُ ۚ إِنَّ ٱلْبَٰطِلَ كَانَ زَهُوقًا ‎[5] - އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދު ގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، باطلއަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.(  

ވެރިކަމުގެ ބާރުގެ އިން ފަހަނަޅައި، ޢިލްމު ދިޔުން

ތަބީޢު ބުނު ޢާމިރަކީ ލަޝްކަރުގެ އަމީރެއްނޫނެވެ. ޢަސްކަރީ އޯޑަރުތައް ދިނުމުގެ ބާރު ލިބިފައިވާ ބޭކަލެއް ވެސް ނޫނެވެ. ލަޝްކަރުގެ އަމީރަކީ ޖުނާދަތު ބުނު އަބީ އުމައްޔަތެވެ. އެހެނަސް ތަބީޢަށް ވަނީ އެކަލޭގެފާނުގެ ވަށައިގެން ތިބި ބައެއްގެ ޚިޔާލަށް ނުފޫޒުފޯރުއްވިފައެވެ. މިއީ ނުރަސްމީ އިސްވާރުންގެ ދައުރުގެ މުހިންމުކަން ބަޔާންކޮށްދޭ ކަމެކެވެ.

އިސްވާރުކަމަކީ މަޤާމާ ގުޅިފައިވާ ކަމެއްނޫނެވެ. އެއީ ތަޖުރިބާއާއި ޢިލްމާއި ދުރުވިސްނުމާއި ހުނަރުވެރިކަމާ ގުޅިފައިވަ ކަމެކެވެ. ބައެއް ޤަރާރުތައް ކަނޑައެޅޭނީ  އެ ކަމުގެ ޢިލްމާއި މަޢުލޫމާތު ލިބޭ ހިސާބުންނެވެ. ޠާޢޫން ބަލި ފެތުރިގެން އެ ކަމާ ބެހޭ ގޮތުން މާތް الله ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު އަޞްޙާބުބޭކަލުންނާ މަޝްވަރާކުރައްވަނިކޮށް މާތް الله ރުއްސުންލެއްވި ޢަބްދުއްރަޙްމާނު ބުނު ޢައުފުގެފާނު ވަޑައިގަތެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިޔަ ކަމާ ބެހޭ ގޮތުން އަޅުގަނޑުގެ ކިބައިގައި މަޢުލޫމާތު އެބަ ހުށްޓެވެ. ރަސޫލު الله صلى الله عليه وسلم  ޙަދީސްކުރެއްވި ބަސްފުޅުގެ އަޑު އަޅުގަނޑު އެހީމެވެ. ((إذا سَمِعْتُمْ به بأَرْضٍ فلا تَقْدَمُوا عليه، وإذا وقَعَ بأَرْضٍ وأَنْتُمْ بها، فلا تَخْرُجُوا فِرارًا منه [6]-އެ ބަލި ރަށެއްގައި އުޅޭ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެ ނަމަ، ތިޔަބައިމީހުން އެ ރަށަކަށް ނުދާށެވެ! ތިޔަބައިމީހުން އެ ބިމެއްގައި ތިއްބައި އެ ބަލި ފެތުރިއްޖެ ނަމަ، ތިޔަބައިމީހުން އެ ބިމަކުން ބޭރަށް ނުނުކުންނާށެވެ!)) މި ބަސްފުޅު އިވިވަޑައިގަތުމުން ޢުމަރުގެފާނު މާތް اللهއަށް ޙަމްދުކުރައްވުމަށް ފަހު، ޝާމުކަރައަށް ވަޑައިނުގެން އެނބުރި މަދީނާއަށް ވަޑައިގަތެވެ. ޤަރާރު ކަނޑައެޅުމުގައި މަޢުލޫމާތުގެ މުހިންމުކަން މި ހާދިސާއިން އެނގެއެވެ. މާތް الله ރުއްސުންލެއްވި ޢަބްދުއްރަޙްމަން ބުނު ޢައުފަކީ އިސްލާމީ ލަޝްކަރުގެ ވެރިޔާއެއްނޫނެވެ. އެކަލޭގެފާނަކީ ޤަރާރު ކަނޑައަޅައި މައްސަލަ ނިންމުމުގެ ބާރު ލިބިވަޑައިގެންފައިވާ ވެރިޔާއެއް ވެސް ނޫނެވެ. އެނގުމާއި ޢިލްމުގެ ބަރުދަން ބަޔާންކުރައްވައި މާތް الله ވަޙީކުރެއްވިއެވެ. )قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ[7] - ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟(

މި ޒަމާނުގެ މުއައްސަސާތަކަށް ބަލާ އިރު، އެއީ ޢާއިލީކަމުގައި ވިޔަސް، ތަޢުލީމީކަމުގައި ވިޔަސް އިދާރީކަމުގައި ވިޔަސް ޢިލްމީ ރޮނގުތަކުގައި ތަޚައްޞުޞުވެފައިވާ ތަޖުރިބާކާރުންނާއި ޢިލްމުވެރީންގެ ރައުޔަށް ވަނީ ބޭނުންވެފައެވެ. ނިޒާމާއި ގަވައިދުތަކަށް ޢަމަލުކުރަމުން އެ ބޭފުޅުން ދެއްވާ މަޝްވަރާތަކަށް ވަނީ ބޭނުންވެފައެވެ. އިލްމާއި މަޢުރިފާއަކީ ޒަޢާމަތު ނަފީކުރާ ކަމެއްނޫނެވެ. އަދި ކާމިޔާބު ޒަޢާމަތަކީ ޢިލްމާއި މަޢުރިފާއާ ނުލައި ފުދުންތެރިވެވޭނެ އެއްޗެއް ވެސް ނޫނެވެ.

ތަބީޢުގެ ވާހަކައިގައި ޚަބަރަކީ އަދަބީ ފަރުދާއެކެވެ. ފަރުދާ ކެހުމުން ފެންނަނީ އިންތިޒާރުގައި ތިބި ސިފައިންނެވެ. އެ މީހުންގެ ތެރޭގައި ތަބީޢުގެ ބަސްފުޅު ވަނީ ފެތުރިފައެވެ. ތަބީޢު ވިދާޅުވި ގޮތުގައި ގަދަވައި އަތުވެއްޖެއެވެ. ބިނާ އުފުރައިލައިފިއެވެ. އެ ވަގުތު ފެންނަނީ ޚަބަރަކާއިގެން އޮޑި އަންނަ ތަނެވެ. މުޢާވިޔަތުގެފާނުގެ އަވަހާރަވުމާއި ޔަޒީދު ޚަލީފާކަމަށް އިސްކުރެވުނު ޚަބަރެވެ.

އެތައް ޢުންޞުރުތަކެއް ހިމެނޭ މަންޒަރެކެވެ. ޤުދްރަތުގެ ޙަރަކާތެވެ. ޚަބަރުތަކުގެ ޙަރަކާތެވެ. ސިޔާސީ ތާރީޚުގެ ޙަރަކާތެވެ. ވަޔަކީ ޢަރަބީންގެ ވެށީގައި ޙާލަތުތައް ބަދަލުވެގެން ހިނގައިދާނެ އެއްޗެއްކަމުގެ ރަމްޒެކެވެ. ފިޔަވަހިތައް ފުރޮޅިގެން ދާން އުޅޭކަމުގެ ހިލަމެކެވެ. ކީރިތި ޤުރްއާން ހަނދާންކޮށްދޭ ގޮތުގައި ވައި ކިޔަމަންކުރައްވައި އިންސާނާގެ ޚިދުމަތުގައި ލެއްވި ލެއްވުމަކީ اللهގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެގައި ހިމެނޭކަމެކެވެ. މާތް الله ވަޙީކުރެއްވިއެވެ. )وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ [8]- އަދި އެކަލާނގެ رحمة ގެ ކުރިޔަށް، (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبرއެއްގެ ގޮތުގައި، ވައިރޯޅިތައް ފޮނުއްވަނީ އެކަލާނގެއެވެ.(

ތަބޫކު ހަނގުރާމައިގެ ދަތުރުފުޅުގެ ތެރޭގައި ވަރަށް ބާރު ވައެއް ޖެހުނެވެ. ކައު ރަސޫލާގެ ޞަޙާބީން މި ކަމާ ބިރުފުޅުގަތުމުން ރަސޫލު اللهގެފާނު ހަދީސްކުރެއްވިއެވެ. [ތިޔަބައިމީހުން ބިރުނުގަންނާށެވެ. ހަމަކަށަވަރުން ވައި އެހައި ބާރަށް އެ ޖެހުނީ މުނާފިޤުކަން ބޮޑު ކާފިރަކު މަރުވީމައެވެ. އެ ބޭކަލުން މަދީނާއަށް އެނބުރިވަޑައިގެން ޚަބަރުތައް ސާފުކުރެއްވުމުން ރަސޫލު اللهގެފާނު އެ ވިދާޅުވި ދުވަހު ރިފާޢަތު ބުނު ޒައިދު ބުނުއްތާބޫތު ވަނީ މަރުވެފައެވެ.[9]

ތަބީޢު ބުނު ޢާމިރުލްޙިމްޔަރީގެ ޚަބަރަކީ ކަންތައްތަކާ ކުރިމަތިލުމަށް ޓަކައި އިންސާނާގެ ތަޖުރިބާއާއި ޢިލްމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ބައެއް މީހުން އެ ކަމާ ދެކޮޅުހަދާނެއެވެ. އަނެއް ބަޔަކު މަލާމާތް ވެސް ކުރާނެއެވެ. ނަމަވެސް ފަހުން ޙަޤީޤަތް ފެނުމުން ތާރީފުކުރާނެއެވެ.

އިންސާނާގެ އަގު އޮންނަނީ އޭނާއަށް ތާއީދުކުރާ މީހުންގެ އަދަދުގެ މައްޗަކު ނޫނެވެ. ޙައްޤު ފެނޭތޯ ކުރާ މަސައްކަތުގައެވެ. އުސޫލުތަކުގައި ހިފެހެއްޓުމުގެ މަތީގައެވެ. ވަންހަނާވެގެންވާ ކަންތައްތައް ހާމަވެގެންދާނީ ފަހުގެ ވަގުތެއްގައެވެ. (ނިމުނީ)

 

މަރުޖާ:

[1]  - ތަބީޢު ބުނު ޢާމިރުލްޙިމްޔަރީއަކީ: ކަޢުބުލް އަޙްބާރުގެ އަނބިކަނބަލުންގެ ބޭފުޅެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ އަބޫބަކްރުގެފާނުގެ ނުވަތަ ޢުމަރުގެފާނުގެ ޚިލާފަތުގައެވެ. ޤުރްއާން ހިތުދަސްކުރެއްވުމަށް ފަހު މުޖާހިދަށް ހުށައެޅުއްވިއެވެ. ތަބީޢަކީ ކީރިތި ރަސޫލާގެ އެތައް  ޙަދީސްފުޅުތަކެއް ރިވާކުރެއްވި ތާބިޢީ ބޭކަލެކެވެ.

[2]  - ޞައްޙަކަން ބޮޑު ބަސްތައް ބުނާގޮތުގައި އެކަލޭގެފަނަކީ ތާބިޢީ ބޭކަލެކެވެ. ވަރަށް ހިތްވަރުގަދަ ފަހުލަވާނެކެވެ. މިޞްރު ފަތަޙަ ކުރުމުގައި މަތް ﷲ ރުއްސުންލެއްވި ޢަމްރު ބުލް ޢާޞުގެ ލަޝްކަރުގައި ހިމެނިވަޑައިގެންނެވި މުޖާހިދެކެވެ.

[3]  - سير أعلام النبلاء، ج4، ص414.

[4]  - أخرجه البخاري (٧٢٨٤، ٧٢٨٥)، ومسلم (٢٠)، وأبو داود (١٥٥٦)، والترمذي (٢٦٠٧)، والنسائي (٣٩٧٠) وأحمد (١١٧) 

[5]  - الإسراء: 81

[6]  -  أخرجه البخاري (٥٧٣٠)، ومسلم (٢٢١٩)، وأبو داود (٣١٠٣)  وأحمد (١٦٧٨) وابن حبان (٢٩١٢)  ومالك (٦٧٥)، وأبو عوانة في ((المستخرج)) (٩٧٨٩)

[7]  - الزمر: 9

[8]  - الأعراف: 57

[9]  - لبداية والنهاية، ج4، ص144.

 

ކޮމެންޓު
ކޮމެންޓުތައް
ފާތުން
19 އޮކްޓޯބަރު 2026 13:57
އުސްތާޒު ރަޝީދު މޫސާއަކީ ރާއްޖޭގައި މި ރޮނގުގައި އެންމެ ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެވެ. އުޞޫލުގައި ހިފެހެއްޓެވުމުގައި ނަމޫނާއެކެވެ. އުޞޫލުގައި ހިފަހައްޓަވާތީ އޭނާގެ ހަރުދަނާކަމަށް ނިސްބަތްކޮށް ހަރުކައްޓޭ ވެސް މީހުން ކިޔައި އުޅުނެވެ. ނަމަވެސް ސާބިތުކަމާ އެކު އުޞޫލު ހިފެހެއްޓެވުމަކަށް ދުލެއްނުދެއްވައެވެ. ތިޔައީ ނަމޫނާ ޝަޚުޞިއްޔަތެކެވެ.