އައްޝައިޚު އިބްރާހީމް އަޙުމަދު
18 އޮކްޓޯބަރު 2026
މި ކައުނު ޚަލްޤުކުރެއްވީ ﷲއެވެ. ﷲގެ ސުންނަތުގެ ތަޝްރީޢު އިތުރަށް ދެނެގަތުމަށް ޓަކައި، އަދި އޭގައި ހިމެނޭ އެންމެހައި ކަމެއް ތަރުތީބުވެ ހަމަޖެހިފައި އޮތުމަކީ އެއިން ޤަޞްދުކުރެވޭ އެއަށް ތަބާވުން ވާޖިބު އަމުރެއްކަމާއި އެ ޝަރީޢަތާއި އެއް ފަދަ އެހެން އެއްޗެއް ނެތްކަން ބަޔާންކުރުމަށް ނަމާދާ ބެހޭ ގޮތުން އޮތް މިސާލަކަށް ބަލައިލަމާހެއްޔެވެ؟ ފަހެ ރަސޫލާ ހަދީޘްކުރެއްވިއެވެ. صَلُّوا كَمَا رَأَيْتُمُونِي أُصَلِّي[1] މާނައީ: ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ނަމާދު ކުރާހުށިކަމެވެ." ނަމާދު ކުރާން ފަށާނީ ތަކުބީރަކުންނެވެ. ދެން ކިޔެވުމުންނެވެ. ދެން ރުކޫޢުންނެވެ. ދެން ސަޖިދަކުރުމުންނެވެ. ފަހުން އައި ޒަމާނެއްގެ ބަޔަކު ބުނަނީ ސާލާމް ދިނުމުން ނަމާދު ކުރާން ފަށަމާހެއްޔެވެ؟ އަދި ނަމާދުކުރުން ނިންމާނީ ތަކުބީރުންނެވެ. ނުވަތަ ރުކޫޢަށް ވުރެ ކުރީން ސަޖިދަކުރާނީއެވެ. މި ގޮތަށް މި ކަން ކޮށްފި ނަމަ ޞައްޙަ ގޮތާ ޚިލާފަށް މި ކުރެވޭ ނަމާދު މަޤްބޫލުވާނެހެއްޔެވެ؟
ރަސޫލާ ޙައްޖުވެ ވަޑައިގަތުމަށް ފަހު ޙަދީޘް ކުރެއްވިއެވެ. عن جابر بن عبد الله رضي الله عَنْهُمَا: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ: "خُذُوا عَنِّي مَنَاسِكَكُمْ"[2] މާނައީ: " މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލާ ޙަދީޘްކުރެއްވިއެވެ. ތިމަން ކަލޭގެފާނުގެ ފަރާތްޕުޅުން ޙައްޖުގެ މަނާސިކުތައް ލިބިގަންނާށެވެ!" މި ކަމުގައި ޢަރަފާތުގައި ހުރުމަށް ކަނޑައެޅިފައިވާ ވަކި ވަގުތެއް ވެއެވެ. އެއީ ޙައްޖު މަހުގެ ނުވަވަނަ ދުވަހެވެ. އަދި ޙައްޖު ދުވަހުގެ ރޭގައި މުޒުދަލިފާގައި ރޭކުރާން ޖެހެއެވެ. ޖަމާޢަތެއްގެ މީހުން އަޅުކަމުގެ މި ކަންކަން އޮންނަ ވަގުތާއި ތަން ބަދަލުކުރާން ބޭނުންވެ އެ ގޮތަށް އެ ކަންކޮށްފި ނަމަ އެ ޙައްޖު އެއީ ޞައްޙަ ޙައްޖަކަށް ނުވަތަ މަޤްބޫލު ޙައްޖަކަށް ވާނެހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބަކީ ވެސް ނޫނެކެވެ.
މި އުޞޫލަށް ބަލާއިރު ﷲގެ ދީނަށް ދަޢުވަތުދީ، އެ ދަޢުވަތު މި ބިންމަތީގައި ޤާއިމުކުރާން ރަސޫލާ ފެއްޓެވީ ތައުޙީދުންނެވެ. އަދި އެންމެހައި ރަސޫލުން ވެސް އެ ކަން ފެއްޓެވީ ތައުޙީދުންނެވެ. އެ ކަން ކަށަވަރުކޮށްދެނީ ކީރިތި ރަސޫލާ މުޢާޛު ބިން ޖަބަލު ޔަމަނު ކަރައަށް ފޮނުއްވަމުން ވިދާޅުވި ބަސްފުޅުންނެވެ. عَنِ ابْنِ عَبَّاسٍ ، أَنَّ مُعَاذًا ، قَالَ : بَعَثَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : " إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الْكِتَابِ ، فَادْعُهُمْ إِلَى شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ ، فَإِنْ هُمْ أَطَاعُوا لِذَلِكَ ، فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ ، فَإِنْ هُمْ أَطَاعُوا لِذَلِكَ ، فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً ، تُؤْخَذُ مِنْ أَغْنِيَائِهِمْ ، فَتُرَدُّ فِي فُقَرَائِهِمْ[3] މާނައީ:" އިބްނު ޢައްބާސް މުޢާޛު ބިން ޖަބަލުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ޔަމަންކަރައަށް ފޮނުއްވަމުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ފޮތުގެ އަހްލުވެރީންގެ ތެރެއަށެވެ. ފަހެ އެބައިމީހުންނަށް ޝަހާދަތުގެ ދެކަލިމަ ކިޔުމަށް ގޮވާލައްވާށެވެ! އެކަމަށް އެބައިމީހުން އިޖާބަދީފިނަމަ ދެން އެބައިމީހުންނަށް ރެޔަކާ ދުވާލު ފަސްނަމާދު ފަރުޟުކުރެއްވިކަމަށް ބުނާށެވެ! އެ ކަމަށް އެބައިމީހުން އިޖާބަދީ ކިޔަމަންގެންފި ނަމަ ﷲ އެބައިމީހުންނަށް މުއްސަނދިންގެ އަތުން ފަޤީރުންނަށް ދޭންޖެހޭ ޒަކާތް ފަރުޟުކުރެއްވި ވާހަކަ ބަޔާން ކޮށްދޭށެވެ."
މި ތާނގައި ދީނުގެ ކަންކަން ބަޔާން ކޮށްދެއްވުމަށް ރަސޫލާ ފައްޓަވައިފައިވަނީ އަޞްލު އުޞޫލުންނެވެ. ދެން އަހައްމިއްޔަތުކަންދިނުން ބޮޑުކަންތަކުން މުހިންމު ކަންކަމަށް އެނބުރި އައެވެ. ފަހެ މި ގޮތަށް ތަރުތީބުވެފައިވާ ވުން އަހަރެމެންނަށް ނޭގެނީ ކީއްވެހެއްޔެވެ؟ އަދި އެ ކަންކަން އަހަރެމެން ލާޒިމުނުކުރަނީ ކީއްވެހެއްޔެވެ؟ އަޅުކަމާއި އެޔާ ގުޅިފައިވާ ބައިތަކުގައި ﷲގެ ޝަރީޢަތުގައި އައިސްފައިވާ ގޮތަށް ޢަމަލުކުރާން ޖެހޭނެކަން އެނގޭންޖެހެނީ ކީއްވެހެއްޔެވެ؟ އެކަމަކު ދީނަށް ގޮވައިލުމުގެ މައިދާނުގައި ﷲގެ ސުންނަތާއި ރޭއްވެވުމާއި އެއް ގޮތަށް ޢަމަލުކުރާން ވާޖިބުވާކަން ނުވިސްނެނީ ކީއްވެހެއްޔެވެ؟ މި ބިންމަތީގައި އިސްލާމްދީން ޤާއިމުކުރުމަށް ހުރިހައި ނަބީބޭކަލުން ހިންގެވީ އެއް މިޞްރާބަކަށެވެ.
މިއީ ވަރަށް ނުރައްކާތެރި ވިސްނުމެކެވެ. އެހެންކަމުން އިސްލާމްދީނަށް ގޮވައިލާ އެންމެހައި ދުޢާތުންނާއި އިސްލާމީ ވެރީން އެބައިމީހުންގެ އަމިއްލަނަފުސަށް ވެސް އެބައިމީހުންގެ މައުޤިފު ބަދަލުކޮށް މި ކަމުން ރުޖޫޢަވުމަކީ ވާޖިބުކަމެކެވެ. އަދި ނަބީބޭކަލުން ދެއްކެވި މަގުގެ އަލީން ތައުޙީދުން ފެށުމާއި އެ ކަމަށް އަހައްމިއްޔަތުކަން ދިނުމާއި އެބައިމީޙުންގެ ދަޢުވަތު ތަޢުޙީދުން ފަށާން ޖެހެއެވެ.
މިއުސޫލާ ޚިލާފަށް ރަސޫލުންގެ މަންހަޖަށް ތަބާވާ މަންހަޖެއް ނެގިނަމަވެސް އެ ބަޔަކަށް ކާމިޔާބެއް ނުވާނެއެވެ. މީގެ އެންމެ ހެއު މިސާލަކީ ބައެއް ޖަމާޢަތްތަކުން ވެރިކަމާއި ސިޔާސަތު އިޞްލާޙުކޮށް ޙައްދު ޤާއިމުކޮށް އިސްލާމީ ޝަރީޢަތާއި އެއް ގޮތަށް މީސްތަކުންގެ މެދުގައި ޙުކުމްކުރުމަށް ގޮވައިލާ ޖަމާޢަތްތަކުގެ ޙާލަތެވެ. މިއީ ވެސް މުހިންމު ދާއިރާއެކެވެ. އެކަމަކު އެންމެ މުހިންމީ މިއެއް ނޫނެވެ. އެ ފަދަ ޖަމާޢަތްތަކުން ބޭނުންވެފައި އެ ވަނީ ޢަޤީދާ އިޞްލާޙުނުކޮށް އިސްލާމީ ދައުލަތެއް ޤާއިމުކޮށް ހެދުމަށެވެ.
ހަމަކަށަވަރުން ޝަރީޢަތާއި އެއް ގޮތަށް ޙުކުމްކުރުމާއި ޙައްދު ޤާއިމު ކުރުމާއި އިސްލާމީ ދައުލަތެއް ޤާއިމުކުރުމާއި ޙަރާމް ކަންތަކުން ދުރުވުމާއި ވާޖިބުކަންކަން ކުރުމާއި މިހުރިހައި ކަމެއް ވެސް މިއީ ތައުޙީދުގެ ޙައްޤާއި އެޔާ ގުޅިފައިވާ ފުރިހަމަ ކަންކަމެވެ. މިއީ ތައުޙީދަށް ތަބާވާ ކަންކަމެވެ. އަޞްލަށް އިހުމާލުވެފާ ތާބިޢަށް ޢިނާޔަތް ދެވޭނީ ކިހެނެއްހެއްޔެވެ؟
އިސްވެ ދެންނެވުނު ޖަމާޢަތް އެވަނީ ދަޢުވަތުގެ މަގުގައި ރަސޫލުންގެ މަންހަޖާ ޚިލާފުވެފައެވެ. އެ ކަން އެހެންވީ އެބައިމީހުންގެ ޖާހިލުކަމުންނެވެ. ދީނަށް ގޮވައިލާ ދާޢީއަކަށް ޖާހިލަކު ކަމަކު ނުދާނެއެވެ. ސަބަބަކީ ދަޢުވަތުގެ އެންމެ މުހިންމު ޝަރުޠަކީ ޢިލްމު ލިބިފައިވުމެވެ. ފަހެ މާތް ﷲ ވަޙީ ކުރެއްވިއެވެ. قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّـهِ وَمَا أَنَا مِنَ الْمُشْرِكِينَ[4] މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ. އަދި اللَّه ގެ ހުސްطاهر ވަންތަކަމާއެވެ! އަދި شريك ކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ."
ސައްޔިދު ޤުޠުބު ވިދާޅުވެފައި ވެއެވެ. "އިޚުވާނުލްމުސްލިމީންގެ ޙަރަކާތް ދިގު މުއްދަތަކަށް ދިރާސާކުރުމާ އެކު އިސްލާމްދީން ފެށުނުތާ ކުރީކޮޅުގެ އިސްލާމީ ހަރަކާތް ދިރާސާކުރުމުން ފެށުނީ މިއަދުގެ އިސްލާމީ މުޖުތަމަޢުގެ ޙާލަތާއި އިސްލާމްދީން ފެށުނުތާ ކުރީކޮޅުގެ ޙާލަތާ އެއް ގޮތްކަމަށެވެ. އެއީ ޢަޤީދާގެ ގޮތުން އިސްލާމީ ޢަޤީދާ ނުދަތުމާއި އިސްލާމީ އަޚުލާޤާ ދީނުގެ އަގުތަކާ ދުރުހެލިވެފައިވާ މިންވަރެވެ. އެކަމަކު މިއީ ހަމައެކަނި އިސްލާމީ ނިޒާމުތަކައި އިސްލާމީ ޝަރީޢާއާ ދުރުވުމެއްނޫނެވެ. ހަމަ މިއާ އެކު ޞަހްޔޫނީންނާއި އިސްތިޢުމާރީ ޞަލީބީ ޙަރަކާތުގެ ބާރުގައި އިސްލާމީ ދަޢުވަތާ ކުރަމުންދާ ހަނގުރާމަތަކުގެ އަސަރުތަކެވެ. އެ ދަޢުވަތު ހަލާކުކޮށް ފުޑުފުޑުކޮށްލުމަށް ޓަކައި ކުރާ މަސައްކަތެވެ. އިސްލާމީ ޙަރަކާތް އެ ދަނޑިވަޅުގައި އޮތީ ހަމައެކަނި އެ ޤައުމެއްގެ ސިޔާސީ ޙަރަކާތަށް އެކަނި ހުސްވެފައެވެ. މިސާލަކަށް އެއްބަސްވުމަކުން ނުވަތަ މުޢާހަދާއަކުން ނުވަތަ ޕާޓީއަކާ ދެކޮޅަށް ކުރާ ކަމަކަށް ނުވަތަ އެ މީހުން ބޭނުންވާ އިންތިޚާބަކުން ގަދަވެގަތުމަށެވެ."
މިއާ އެކު އިސްލާމީ ޖަމާޢަތްތަކުން ސަރުކާރުތަކަށް ގޮވައިލަނީ އިސްލާމީ ނިޒާމު ތަޠުބީޤުކޮށް އިސްލާމީ ޝަރީޢާ ހިންގުމަށެވެ. އެހެންނަމަވެސް އޭރު އެ މުޖުތަމަޢު އޮންނަނީ އިސްލާމީ ޢަޤީދާގެ ކަންކަމުން ދުރުހެލިވެފައިވާ އެ ކަމުގެ ޣީރަތްތެރިކަމެއް ނެތް އަދި އިސްލާމީ އަޚުލާޤުން އެއްކިބާވެފައިވާ މުޖުތަމަޢެއްގެ ގޮތަށެވެ.
އެހެންވީމާ އިސްލާމީ ޙަރަކާތް ފަށާންޖެހެނީ އޭގެ ބިންގަލުން އެއީ އުންމަތުގެ ފަރުދުންގެ ހިތްތަކާއި ސިކުނޑިތަކުގައި އިސްލާމީ ޢަޤީދާ އަށަގެންނެވުމެވެ. އަދި އިސްލާމީ ދަޢުވަތު ޤަބޫލުކުރާ ފަރާތްތައް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތުކޮށްގެންނެވެ. އަދި ހިނގަހިނގައި ހުންނަ ސިޔާސީ ކަންކަމަށް އެކަނި ވަގުތުތައް ހޭދަކޮށް ބޭކާރުކޮށްލުމުން ދުރުވެގެންނެވެ. އަދި ވެރިކަމަށް އިސްވުމުގެ ބޭނުމުގައި އިސްލާމީ ނިޒާމު ލާޒިމުކުރުން ނުގެންގުޅުމެވެ. އެހެންކަމުން މުޖުތަމަޢު އޭގެ ޒާތުގައި ބަދަލުނުކޮށް އިސްލާމީ ނިޒާމު ޤާއިމުކޮށް އިސްލާމީ ޝަރީޢަތާ އެއް ގޮތަށް ޙުކުމްކުރުން އެއީ ލަނޑުދަނޑިއަކަށް ހެދުމަކީ އެއީ އަވަހަށް ކުރެވޭނެ ކަމެއްނޫނެވެ. ފުރަތަމަ ކަމަކީ މުޖުތަމަޢުގެ ފަރުދުންގެ ޢަޤީދާ ޞައްޙަކުރުމެވެ. ދެން އިސްލާމީ ނިޒާމެވެ. އަދި އިސްލާމީ އަޚުލާޤުގެ މަތީގައި ދެވޭ ޞައްޙަ އިސްލާމީ ތަރުބިޔާއެވެ. މިއީ ކިތަންމެ ޒަމާން ދިގުވިޔަސް މަރުޙަލާތައް ކަނޑައްތުކުރެވޭ މިންވަރު ކިތަންމެ ލަސްވިޔަސް މި ކަން ކުރާން އޮތް ގޮތެވެ.
މިއީ މި ކަން ކުރާން އޮތް މަގެވެ. މި ނޫން އެހެން މަގެއް ފެންނާކަށް ނެތެވެ. އަދި ވަރަށް ފަސޭހައިން އެ ބަޔަކަށް އިސްލާމީ ދަޢުވަތުދީ އެ ކަން ޤަބޫލުކުރުމާ އެކު މުޅި ރައްޔިތުން އިސްލާމް ދީނުގެ ޙުކުމްތައް ބަޔާންކޮށްދީ އެ ދީނުގެ ގޮތްތަކަށް ގެނައުމަކީ ފަސޭހަ ކަމެއްނޫނެވެ. އެހެންވީމާ ބުދަށް އަޅުކަންކުރުމާ ޖާހިލިއްޔަތުގައި ތިބ ރައްޔިތުންތަކެއް އިސްލާމްދީނުގެ މަގަށް ގެނެސް އެއްކައުވަންތަ ﷲއަށް އަޅުކަންކުރާ ބަޔަކަށް ހެދޭނީ މި ދެންނެވި ދިގު މަގުގެ ތެރެއިންނެވެ. މިއިން ކޮންމެ މަރުޙަލާއެއްގައި އިސްލާމީ ދަޢުވަތަށް އިސްކަންދީގެންނެވެ. [5]
މިހާހިސާބުން ބައެއް ފަރާތްތަކުން އުފައްދާ ސުވާލެއް އޮވެއެވެ. އެއީ ތިޔަ ބުނާ މަގުން ހިނގަން ފަށާ އިރު، އެ ޢަދާވާތްތެރިން އަހަރެމެން އެ ކަންކުރާން ހަމަހިމޭނުން ދޫކޮށްލައިފައެއް ނުތިބެއެވެ. އެހެންވީމާ ދެން ވާނީ ކިހެނެއް ހެއްޔެވެ؟
ތިޔަ ބުނުމުގެ ޖަވާބު ދެ ގޮތަކަށް ދެވެއެވެ.
ފުރަތަމަ ގޮތަކީ ތިމަންމެންގެ މަގަކީ ސަލަފުންގެ މަގެވެ. ފަހެ އޭރުން އެ ކަމުގެ ސަބަބުން ތިމަންމެނަށް އެބައިމީހުންގެ ކިބައިން މުޞީބާތާއި ގެއްލުން ލިބުމުން ދުރުހެލިވެގެންދާނެއެވެ. ފަހެ މާތްﷲ ވަޙީ ކުރައްވައިފައި ވެއެވެ. وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ [6] މާނައީ: "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبعވާށެވެ! (އެ ނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ."
ދެވަނަ ގޮތަކީ އަހަރެމެން މި ކަމުގައި ޚިޔާރު ކުރާ މަގަކީ އެބައިމީހުންގެ ރޭވުމާއި މަކަރުވެރިކަން ނާކާމިޔާބު ކޮށްލެވޭނެ ވަރުގަދަ ވަސީލަތެއްކަމުގައި ހެދުމެވެ. އެއީ އެ ކަމުގެ ސަބަބުން ޓެރަރިސްޓުންގެ ނަން ވެސް ނުލިބޭ އަދި ޙައްދުފަހަނައަޅައިފައިވާ މީހުންގެ ނަން ވެސް ނުލިބޭ ފަދަ ވަސީލަތަކަށް ހެދުމެވެ.[7]
މި ކަމުގައި ޙަންބަލީންނާއި ޙަނަފީންކުރެ އަބޫ ޔޫސުފާއި މުޙައްމަދު ، ގެންގުޅުއްވާ ރައުޔަކީ އިސްލާމީ ދައުލަތް ކުފުރުގެ ދައުލަތަކަށް އަދި ހަނގުރާމަވެރި ދައުލަތަކަށް ބަދަލުވެގެން ދާނީ އެތާގައި ކުފުރުގެ ޙުކުމް ފާޅުވެގެން ދިޔުމުންނެވެ. [8] އެހެންކަމުން ﷲ ބާވައިލެއްވި ޙުކުމް އެގޮތަށް ކުރަމުން ގެންދިޔުމަކީ އިސްލާމީ ދައުލަތުގެ ރުކުންތަކުން ރުކުނެކެވެ. ފަހެ ދައުލަތަކުން ޢަޤީދާގެ ބައި ފިލައިގެން ދިޔަނަމަވެސް އެދައުލަތެއް ވާނީ ޣައިރު މުސްލިމު ދައުލަތަކަށެވެ. ފަހެ ޢަޤީދާ ސަލާމަތުން އޮވެފައި އިސްލާމީ ޝަރީޢާ ތަންފީޒު ނުކުރާނަމަ އެހާ ހިސާބުން ޙާކިމަކީ އަނިޔާވެރި ފާސިޤެކެވެ. އެކަމަކު އެޙާލަތުގައި އޭނާއަކީ ކާފިރެއްކަމުގައި ނުބެލެވޭނެއެވެ.
ދެވަނަ ރުކުން: ރައްޔިތުން
ރައްޔިތުންނަކީ ކޮން ބަޔެއް؟
ރައްޔިތުންނަކީ ދައުލަތުގެ ބިމުގައި ދާއިމީ ގޮތެއްގައި ދެމިތިބޭ އަންހެނުންނާއި ފިރިހެނުންނަށް ކިޔާ ނަމެކެވެ. އެހެންކަމުން ދައުލަތުގެ ނިޒާމުތަކާއި އުޞޫލުތައް ތަޠުބީޤު ކުރެވޭނެ ރައްޔިތުން ތަކެއް ނެތްނަމަ އެއީ ދައުލަތެއް ކަމުގައި ނުވާނަމައެވެ.
އެހެންވީމާ ޤައުމެއްގެ ނުވަތަ ދައުލަތެއްގެ ރައްޔިތުންނޭ ބުނެ އުޅެނީ ގުޅިގެން ދިރިއުޅޭ ވަރަށްގިނަ ބަޔަކަށެވެ. އެބައިމީހުންގެ ޢަދަދު ގިނަވެގެން ނުވަތަ މަދުވެގެން ވަކި ޢަދަދެއް ކަމުގައި ހިމެނިފައެއް ނުވެއެވެ. އެހެންނަމަވެސް މިޢަދަދު ގިނަވުމުން ދޭހަކޮށްދެނީ އެދައުލަތެއްގެ އާރާ ބާރުގެ މިންވަރެވެ. އެހެންވީމާ ރައްޔިތުންގެ ތަޢުރީފު ގުޅިފައިވަނީ އުންމަތާއެވެ. މިތަޢުރީފު ބައެއް ފަހަރަށް މުޅި އުންމަތަށް ވެސް ކުރެއެވެ. އިސްލާމީ އުންމަތުގެ މިއަދުގެ ޙާލު އެތައް ދައުލަތަކަށް ބެހިފައި ވެއެވެ.[9]
އިސްވެ ދިޔަ ޢިބާރާތުން ހާމަވެ އެގުނު ގޮތުގައި ދައުލަތެއްގެ ރައްޔިތުން ހިމެނިފައި ވާނީ އުންމަތަކުން ނުވަތަ އުންމަތެއްގެ ބަޔަކުން ނުވަތަ އެތައް އުންމަތަކުންނެވެ. ރައްޔިތުންނަކީ ވަކި ބިމެއް ނުވަތަ ވަކި ސަރަޙައްދެއްގައި ދިރިއުޅެމުންދާ މީސްތަކުންނަށް ކިޔާނަމެކެވެ. އެޔާއި ޚިލާފަށް އުންމަތެކޭ ބުނެވެނީ ކުރީން ބުނި ކަންތައްތަކާއި ގުޅިގެން އެމީސްތަކުން ގުޅިފައިވާ އެތައް ބައިތަކަށް ނުވަތަ އެތައް ކަންތައް ތަކެއްގެ މައްޗަށް ހިމެނިފައިވާނެއެވެ. މި ގޮތުން ބަހުގެ ގޮތުން އެއް ބަޔަކަށްވުމާއި ދީނުގެ ގޮތުން އެއް ބަޔަކަށް ވުން ހިމެނެއެވެ. ނުވަތަ އެއް ގޮތަކަށް ދިރިއުޅުމުގެ ވައްޓަފާޅި އޮތުން ހިމެނިފައި ވެއެވެ. (ނުނިމޭ)
މަރުޖާ:
[1] މުޙައްމަދު ބިން އިސްމާޢީލު އަލްބުޚާރީ، ޞަޙީޙު ބުޚާރީ؛ ( ޙަދީޘް ނަންބަރު 1101)
[2] މުޙައްމަދު ބިން އިސްމާޢީލު އަލްބުޚާރީ، ޞަޙީޙު ބުޚާރީ؛
[4] ސޫރަތު ޔޫސުފު 108
[5] ފިޤްހުއްދަޢުވާ ފީ ޡިލާލިލްޤުރްއާން: ޞ87
[6] ސޫރަތުލްއަންޢާމު 152
[7] ރުއުޔާ ވާޤިޢިއްޔާ ފީ މަނާހިޖުއްދަޢުވާ: ޞ 94
[8] އަލްފަތާވީ އަލްހިންދިއްޔާ
[9] - ނުޢުމާނު ޢަބްދުއްރައްޒާޤު އައްސާމުއްރާއީ، ނިޡާމުއްސިޔާސީ ފިލްއިސްލާމް، ޞ80