އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް
4 ސެޕްޓެންބަރު 2026
އިނގިރޭސިބަހުން މި ކިޔާ [އީގޯ]ގެ ބަދަލުގައި ބޭނުންކުރާނެ ލަފުޒަކާ މެދު އަޅުގަނޑުގެ ވަރަށް ގާތް އަޚެއްކަމަށްވާ ޢިއްޒަތްތެރި އުސްތާޒަކާ އެއް ދުވަހަކު މަޝްވަރާކޮށްލެވުނެވެ. ވިދާޅުވިއެވެ. ތިމަންނަ ވެސް އެ ލަފުޒުގެ ބަދަލުގައި ބޭނުންކުރައްވާނެ ލަފުޒަކާ މެދު ވިސްނައިވަޑައިގަތް އިރު އެންމެ ކައިރިކުރާ ލަފުޒަކަށް ފެނިވަޑައިގަތީ ޢަރަބިބަހުގައި އޮންނަ [الذات](އައްޛާތު) މި ލަފުޒެވެ. މި ލަފުޒާ ގުޅުވައިގެން ދިވެހިބަހުން [ވަރަށް ޒާތްކޮޅު ބޮޑު މީހެކޭ] ކިޔާތީ މިއީ އެންމެ ރަނގަޅު ލަފުޒުކަމަށް ހީފުޅުކުރެއްވީމެވެ. - ނަމަވެސް އެއްވެސް މީހަކާ ދިމާއަކަށް [ޒާތްކޮޅު ކުޑަ މީހެކޭ] ނުކިޔައެވެ. އެހެންވީމާ އަޅުގަނޑުމެންނަށް އެއްބަސްވެވުނީ [އީގޯ]ގެ ބަދަލުގައި [ޒާތްކޮޅު] ކަމުނުދާކަމަށެވެ.
އާދޭހެވެ! [އީގޯ]އަކީ ކޮންމެ މީހެއްގެ ވެސް ހުންނާން ޖެހޭ އެއްޗެކެވެ. ގޯސްވަނީ [އީގޯ] މާ މަތިވީމައެވެ. އޭގައި ތަވާޒުނު ހިފަހައްޓާންޖެހޭނެއެވެ. ނުވަތަ ވަރަށް ދަށްކުރާންޖެހޭނެއެވެ. މި ވާހަކަދެއްކުމުގެ ތެރޭގައި އޭނާ އަޅުގަނޑަށް ވަރަށް ޢިބްރަތްތެރި ވާހަކައެއް ވިދާޅުވެދެއްވިއެވެ.
އައްޝައިޚު އައްޝަޢުރާވީއަށް ނިސްބަތްކުރެވޭ ހާދިސާއެއްގައި ކިޔައި އުޅެއެވެ. އެއް ދުވަހަކު ޝައިޚު ދަރުސެއް ނިންމަވައިފައި ގެއަށް ވަޑައިގަތް މަގުމަތީ މިސްކިތަކާ އަރައި ހަމަވުމުން ޑުރައިވަރު ގާތު ކާރު މަޑުކުރާން ޝައިޚު އެދިވަޑައިގަތެވެ. ދެން ޑުރައިވަރު ކާރުމަޑުކޮށްލީމާ ފައިބައިވަޑައިގެން ވަދެވަޑައިގަތީ މިސްކިތުގެ ގޯތިތެރެއަށެވެ. އެތައް އިރެއް ވީ އިރު ވެސް އެނބުރި ވަޑައެއްނުގަތެވެ. ދެން، ޝެއިޚް ލަސްވެގެން ޝައިޚު ކޮބައިތޯ ހޯދަމުންދަނިކޮށް ޑުރައިވަރަށް ފެނުނީ މިސްކިތުގެ ފާޚާނާތައް ދޮންނަވައި ސާފުކުރައްވާން ޝައިޚު އުޅުއްވަނިކޮށެވެ. ޑުރައިވަރު އެ ކަމާ ޙައިރާންވެގެން ސުވާލުދެންނެވުމުން ވިދާޅުވިކަމަށް ވަނީ، މިއަދު ދަރުސަށް މީހުން ހާޒިރުވި ވަރު ގިނަކަމުންނާއި، އެ މީހުންގެ މެދުގައި ތިމަންކަލޭގެފަނުގެ މަގުބޫލުކަން އޮތްވަރު ހިތްޕުޅަށް އެރުމުން، ހިތްޕުޅުގައި 'އެހެން ކަހަލަ ޝުޢޫރެއް' އުފެދުނީކަމަށެވެ. އެހެންވެ އަމިއްލަ ނަފުސުން އެ ޝުޢޫރު ނައްތައިލުމަށް ޓަކައި (ނުވަތަ މި ޒަމާނުގެ ބަހުރުވައިން ނަމަ، ނަފުސު 'ސައިޒުކޮށްލައްވާން') ފާޚާނާ ސާފުކުރައްވަނީކަމަށެވެ.]
އާދޭހެވެ! ތިމާއަށް މާ ބޮޑު މުއްސަނިކަމެއް ލިބުމުން، ނުވަތަ މަތިވެރި ޝަރަފެއް ލިބުމުން، ނުވަތަ މަތީ މަޤާމެއް ލިބުމުން، އެ ވިދާޅުވާ ފަދަ [އެހެން ކަހަލަ] ޝުޢޫރުތައް ހިތަށް ވެރިވުމަކީ ޝައިޠާނާގެ ސަބަބުން އިންސާނުންނަށް ވެދާނެކަމެކެވެ. މި ފަދަ ދަނޑިވަޅުތަކުގައި ތިމާގެ [އެހެން ކަހަލަ] ޝުޢޫރުތައް 'ސައިޒުކޮށްލާން' ޖެހޭނެއެވެ. އިސްލާމީ ނަޒަރަކުން ބަލާ އިރު، ތިމާއަށް ﷲގެ ނިޢުމަތެއް ލިބޭ ކޮންމެ ދަނޑިވަޅެއްގައި ތަވާޟުޢުވެރިކަން އިތުރުކުރާންޖެހޭނެއެވެ.
މި ކަމާ އަޅުގަނޑުމެން މަޝްވަރާކޮށްލީ ރަދީފުން އަޅުގަނޑަށް ފެނުނު ލަފުޒެއް ތަޢާރަފުކުރުމަށް ޓަކައި އަޅުގަނޑު ލިޔުނު މަގާލެއް (ޓުރަންޕަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އަނާގު ބޮޑު މީހާއެވެ.) އަޅުގަނޑުގެ ޢިއްޒަތްތެރި އެކުވެރިޔާ ވިދާޅުވުމަށް ފަހު، [އަނާގު] މި ލަފުޒާ މެދު ވާހަކަދައްކަމުންނެވެ.
އާދޭހެވެ! [އަނާގު] މި ލަފުޒުގެ މާނައެއްކަމަށް ރަދީފުގައި އޮންނަނީ އެއީ [ތިމާގެ އަމިއްލަ ނަފުސަށް ތިމާ ދޭ އަހަންމިއްޔަތު]ކަމަށެވެ. އެހެންވީމާ އެއީ [އީގޯ]ގެ ބަދަލުގައި ބޭނުންކުރާން ވަރަށް ރަނގަޅު ލަފުޒެއްކަމަށް އަޅުގަނޑުމެން ދެ މީހުންނަށް ވެސް ގަބޫލުކުރެވުނެވެ. އެހެނީ [އީގޯ]އަކީ އެ މީހާގެ އަމިއްލަ ނަފުސަށް އެ މީހަކު ދޭ އަހަންމިއްޔަތެވެ. ގޯސްވާ ހިސާބަކީ އެ އަހަންމިއްޔަތު [ބޮޑުކޮށްލީމަ]އެވެ. އެހެންވީމާ އިސްވެ މި ދަންނަވައިލެވުނު ހާދިސާގައި ވެސް ޝައިޚުގެ [އަނާގު] މާ ބޮޑަށް މަތިވާކަމުގެ އިޙުސާސްކުރެއްވުމުން ވަރަށް ދަށް މަސައްކަތެއް ކޮށްލައްވައިގެން އަނާގު ދަށްކޮށްލެއްވީއެވެ. އަނާގު 'ސައިޒުކޮށްލެއްވީއެވެ.'
މި ދެންނެވި ވާހަކަ އަޅުގަނޑަށް ވިދާޅުވެދެއްވި ޢިއްޒަތްތެރިއަކީ، ފަނޑިޔާރު، އަލްއުސްތާޒު އިބްރާހީމް މާހިރެވެ. އޭނާއަށް ޝުކުރުދަންނަވަމެވެ.
ރަދީފުން އަޅުގަނޑަށް މި ފާހަގަކުރެވުނު [އަނާގު] އުފެދިފައި މި ވަނީ ދިވެހިބަހުގެ ދެ ލަފުޒެއް ގުޅުވައިގެންކަމަށް ލަފާކުރެވެއެވެ. އެއީ [އަނާ]އާއި [އަގު] މި ދެ ލަފުޒު ގަލައިގެންނެވެ. [އަނާ] މި ލަފުޒުގެ މާނައެއްކަމަށް ރަދީފުގައި އޮންނަނީ [އަހަރެންނޭ ބުނާބަސް]ކަމަށެވެ. މި ލަފުޒު [ބޭނުންކުރަނީ ޅެންބަހުރުވައިގައި]ކަމަށް ވެސް ރަދީފުފައި އޮވެއެވެ. އެއީ ޢަރަބި ބަހުގެ [أنا] (އަހަރެން) މި ލަފުޒުން އައިސްފައިވާ ލަފުޒަކަށް ވެދާނެއެވެ. ނުވަތަ މި ނޫން ގޮތަކަށް އައި ލަފުޒަކަށް ވެސް ވެދާނެއެވެ. ޢަރަބިބަހުގައި [އަނަ] ކީކަމަށް ވިޔަސް [އަހަރެން]ގެ މާނައިގައި ދިވެހިބަހުގެ ޅެންބަހުރުވައިގައި މި އޮންނަނީ [އަނާ]އެވެ. [އަގު]ގެ މާނައިގެ ތެރޭގައި އެއީ [އެއްޗެއް ގަންނާން ނުވަތަ މަސައްކަތެއް ކުރުވާން ދޭ ފައިސާ ނުވަތަ ދޭ ތަކެތި]ކަމަށް އޮތް ނަމަވެސް އެއީ [ޤަދަރު]އާއި [އަބުރު]ގެ މާނައިގައި ވެސް ބޭނުންކުރާ ލަފުޒެއްކަމަށް ހަމަ ރަދީފުގައި އޮވެއެވެ. އެހެންވީމާ، [އަނާ]އާއި [އަގު] ގަލައިގެން އުފެދިފައިމިވާ ލަފުޒުގެ އަވަސް މާނައަކީ [އަހަރެންގެ އަގު]ކަމަށް ދެންނެވިދާނެއެވެ. އެއީ [އެ މީހާގެ އަމިއްލަ ނަފުސަށް އެ މީހަކު ދޭ އަހަންމިއްޔަތު]ކަން ވަރަށް ސާފެވެ. ވީމާ، [އީގޯ] ބޭނުންކުރާންޖެހޭ ކޮންމެ މަގާމެއްގައި [އަނާގު] ބޭނުންކުރެވޭނެއެވެ. އެ ތައްގަނޑަށް ހުންނަ ވަރަށް ގިނަ ލަފުޒު ދިވެހިބަހުގައި ހުންނާތީއެވެ. މިސާލަކަށް: ބިނާރު، ސިޔާގު، ފަނާރު، ވަގާރު ފަދަ ލަފުޒުތައް ކުއްލިއަކަށް ހަނދާނަށް އާދެއެވެ. ލިޔުމުގައްޔާއި ވާހަކަދެއްކުމުގައި މި ލަފުޒު ފުރޮޅިގެންދާނީ ވެސް އެ ފަދަ ލަފުޒުތައް ފުރޮޅިގެންދާ ފަދައިންނެވެ. މިސާލަކަށް: އަނާގު، އަނާގެއް، އަނާގަކީ، އަނާގުން، އަނާގާއި، އަނާގަށް، އަނާގީ، އަނާގެވެ.
އާދޭހެވެ! އަނާގަކީ ފައްސިކޮށް ވެސް ނައްސިކޮށް ވެސް ބޭނުންކުރެވޭނެ ލަފުޒެކެވެ. އަނާގު ދަށްކުރެވުނު ވަރަކަށް އެ ގުޅުވައިލެވެނީ ތަވާޟުޢުވެރިކަމާއެވެ. ފައްސި އަނާގަކީ މިއީއެވެ. އަނާގު މަތިވުން ގުޅުވައިލެވެނީ ކިބުރުވެރިކަމާއެވެ. ބޮޑާކަމާއި މަވެތިކަމާއެވެ. އަނާގު މަތިވި ވަރަކަށް އޭނާގެ ބޮޑާކަށް އިތުރުވާނެއެވެ. މިއީ ނައްސި އަނާގެވެ. ނައްސި އަނާގުން އަޅުގަނޑުމެން މުސްލިމުން ދުރުހެލިވާންޖެހޭނެއެވެ.
ބައެއް ލަފުޒުގެ މާނަ:
ނައްސި ނ. (1) ނޭދެވޭ ނުވަތަ ނުރުހެވޭ. (2) ސުމަކަށް ވުރެ ދަށް. (3) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލާން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. negative
އަނާގު ނ. ތިމާގެ އަމިއްލަ ނަފުސަށް ތިމާ ދޭ އަހަންމިއްޔަތު. ego
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance
ގެލުން މ. (1) ލަފުޒުތަކެއް ދުލަށް ފަސޭހަވާ ގޮތަށް އެއްކޮށްލުން ނުވަތަ ގުޅުވައިލުން. (2) މާހައުލު ނުވަތަ ފަސްމަންޒަރުގެ ކުލަތަކާ އެކުލެވުން. blend (3) މަލަރުވުން