އަބާ މުޙަންމަދު
21 ޖުލައި 2026
ޗައިނާގެ ރައްޔިތެއްކަމަށްވާ އުމުރުން 56 އަހަރުގެ ވާންގް، އާމްދަނީ ހޯދުމަށް ޓަކައި 2019 އިން ފެށިގެން އަދާކުރަމުންގެންދާ ވަޒީފާއަކީ ކޮއްތު ރައްދުކުރުމެވެ. މި ޒަމާނުގެ ބަހުން ނަމަ އެއީ [ޑެލިވަރީ މޭން]އެކެވެ. އެ ހިސާބުން ފެށީގެން އޭނާއާ ކުރިމަތިވާ އެކި ހާދިސާއާ ގުޅިގެންނާއި ހިތަށް ވެރިވާ ޝުޢޫރުތައް ފާޅުކުރުމުގެ ގޮތުން ޅެމާއި މަގާލުތައް މީސްމީޑިއާގައި ހިއްސާކުރަމުން ގެންދެއެވެ. އެ ޅެންތަކާއި މަގާލުތަކަކީ މީހުންގެ މަގުބޫލުކަން ލިބޭން ފެށި އުފެއްދުންތަކަކަށްވިއެވެ.
އޭނާއަކީ، ޗައިނާގައި ފުޅާވަމުން އަންނަ ވަގުތީ މަސައްކަތްތަކުގެ އިގުތިސާދުގައި އެ ފަދަ މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަ އަދަބީ އުފެއްދުންތަކުން ތަޞައްވުރު ކޮށްދޭ މީހެކެވެ. މި ފަދަ އަދަބީ އުފެއްދުންތަކުގެ ސަބަބުން، އެ ފަދަ މަސައްކަތްތެރިންގެ އަގު އަންނަނީ ވަޒަންކުރެވެމުންނެވެ. މި ފަދަ މީހުންގެ އަގު ވަޒަންކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ.
ވާންގް ޖީބިންގް މި އަދަބީ މަސައްކަތްކުރަނީ ކާބޯތަކެތި ރައްދުކުރުމުގައި އުޅުމުގެ ތެރެއިން ލިބޭ ހުސްވަގުތުގައެވެ. ކުދި ކަރުދާސްކޮޅުތަކެއްގައި އޭނާ މި މަސައްކަތްކުރަނީ އެ ކަމަށް ހުންނަ ޝައުޤެއްގެ ބޮޑުކަމުންނެވެ. މި ގޮތަށް އޭނާ ލިޔާ މަގާލާއި ޅެން ފަދަ ތަކެތި، ޚާޢްޞަކޮށް ޅެންތައް، އައީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. މި ގޮތަށް މި ކަން ދާއިމީ ގޮތެއްގައި ކުރަމުން އައުމުގައި އެއީ ބޮޑު މަޖުމޫއާއަކަށް ވިއެވެ.
މި އަދަބީ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކަމުން އާންމުންގެ މަގުބޫލުކަން ލިބުމުގެ އިތުރަށް ޗައިނާ ސަރުކާރުގެ ސަމާލުކަން ވެސް މި ކަމަށް ހުއްޓުނެވެ. ނަތީޖާއެއްގެ ގޮތުން ކުދި ކަރުދާސްކޮޅުތަކެއްގައި ތަރުތީބެއް ނެތް ގޮތަށް ލިޔެފައިވާ ބައެއް ޅެންތަކެއް ހިމެނޭ މަޖުމޫއާއަށް ޗައިނާގެ އެންމެ މަތީ އަދަބީ ޝަރަފުތަކުގެ ތެރެއިން އެއް ޝަރަފު ވާންގް ޖީބިންގް އަށް މިހާރު މިވަނީ ލިބިފައެވެ. އެއީ ކާބޯތަކެތި ރައްދުކުރާ މީހުންނަށް ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކުން އިލްހާމު ލިބިގެން އޭނާ ލިޔެފައިވާ "ލޯ ފްލައިޓް"އަށް ލިބިފައިބާ 'ލޫ ޝުން އަދަބީ އެވޯޑް'އެވެ. މި އެވޯޑަށް ނަންދެވިފައިވަނީ ޗައިނާގެ ޒަމާނީ އަދަބިއްޔާތުގެ ބައްޕަގެ ގޮތުގައި ސިފަކުރެވޭ ލިޔުންތެރިއަކަށް ނިސްބަތްކޮށެވެ.
ވާންގަށް މި ޝަރަފުވެރި އަދަބީ އެވޯޑު މި ލިބުނީ، އެކި ކަހަލަ އާދައިގެ ކުދިކުދި މަސައްކަތްތެރިއެއްގެ ގޮތުގައި އުނދަގޫތަކުން ފުރިގެންވި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހުއެވެ.
"އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެން، ވަރަށް ބޮޑަށް ހާސްވެފައި... އެ ކަން އިޢުލާންކުރުމާއެކު، ހުރިހައި ކަމެއް ހަމަޖެހިގެންދިޔަ،" އެވޯޑް ލިބުނު ޚަބަރު ފެތުރުނު ދުވަސްކަމަށްވާ މި ޖުލައި މަހު 15 ގައި ވާންގް ސަރުކާރުގެ މީޑިއާއެއްކަމަށްވާ [ގްލޯބަލް ޓައިމްސް]އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. އަދި އޭނާއަށް އަމާޒުވި މީޑިއާގެ ސަމާލުކަމުގެ ސަބަބުން ނަފުސާނީ ގޮތުން ވަރަށް ބޮޑު ފިއްތުމެއް ކުރިމަތިވި ކަމަށްވެސް އޭނާ ބުންޏެވެ.
ޗައިނާގެ [ލޫ ޝުން އަދަބީ އެވޯޑް] ލިބޭ މީހުންނަށް ދޭ ފައިސާގެ އިނާމުގެ މިންވަރު ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް 2014ވަނަ އަހަރާ ހަމައަށް އެ އިނާމުގެ އަދަދަކީ 100,000 ޗައިނީޒް ޔުއާން (14,800 ޑޮލަރު ނުވަތަ 11,000 ޕައުންޑް)ކަމަށް އެނގިފައިވެއެވެ.
ޖިއަންގްސޫ ޕްރޮވިންސަށް އުފަންވި ވާންގް، ގޭގެ މާލީ ދަތިކަމުގެ ސަބަބުން އޭނާގެ ފުރާވަރު އުމުރުގައި ކިޔެވުން ހުއްޓައިލާން މަޖުބޫރުވިއެވެ. އޭނާ ކާބޯތަކެތި ރައްދުކުރާ މީހަކަށްވުމުގެ ކުރީން، އިމާރާތްކުރުމުގެ މަސައްކަތާއި ފެށިގެން ކުނި ހޮވުމާއި މަގުމަތީ ބާޒާރުގައި ތަކެތި ވިއްކުމާއި އުނގުވިޔަފާރިކުރުންފަދަ ތަފާތު މަސައްކަތްތައް ކޮށްފައިވެއެވެ.
އޭނާއަށް ސުކޫލުގެ ފުރާޅުގެ ދަށުން ރަސްމީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ޢާއިލާގެ މާލީ ޙާލަތުގެ ސަބަބުން ގެއްލުނު ނަމަވެސް އުނގެނުމަށް ހުންނަ ޝައުޤާއި ކިޔުންތެރިކަމަށް އޭނާގެ ހުރި ލޯތްބެއް ފަނޑުވެގެންނެއް ނުދެއެވެ. އެހެންކަމުން ތަފާތު މަޢުލޫމާތާއި ހުނަރު އޭނާއަށް އައީ ކިޔުންތެރިކަމުގެ ތެރެއިން ލިބެމުންނެވެ. ނަތީޖާއެއްގެ ގޮތުން މޮޅަށް ޅެން ހެދުމާއި ޢިލްމީ މަގާލުތައްލިޔުމުގެ ހުނަރު ފިސާރި ރަނގަޅަށް އޭނާއަށް ވަނީ ޙާޞިލުވެފައެވެ. އެހެންކަމުން ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އޭނާ ގެންދިޔައީ އަމިއްލަ ޅެންތަކާއި މަގާލުތައް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.
2022ވަނަ އަހަރު، އޭނާ ލިޔުނު [މޭން އިން އަ ހަރީ (އަވަސްއަރުވައިލައިފައިވާ މީހާ)]ގެ ނަމުގައި އޭނާ މީސްމީޑީއާގައި ޝާއިޢުކުރި ޅެމަކަށް އިންޓަނެޓުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. މި ޅެން ހެދުމުގެ ޚިޔާލު އޭނާއަށް އައީ 2019 ވަނަ އަހަރު ދިމާވި ހާދިސާއަކުންނެވެ. އެއީ ކަމޭދަކަށް ގޭގެނަން ނުބައިކޮށް ލިޔެވުމުގެ ސަބަބުން، ކާތަކެތި ރައްދުކުރާން އުނދަގޫތަކަކާ އެކު އެތައް ގަޑިއިރެއް ހޭދަކުރަންޖެހުނު ހާދިސާއެކެވެ.
2023ވަނަ އަހަރު އޭނާގެ ފުރަތަމަ ޅެން ފޮތްކަމަށްވާ [މޭން އިން އަ ހަރީ: ޕޮއެމްސް އޮފް އަ ފުޑް ޑެލިވަރީ ރައިޑަރ] ޝާއިޢުކުރިއެވެ.
އަދަބީ އެވޯޑް ލިބުނު ނަމަވެސް، ވަޒީފާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ވާންގް މީޑިއާއަށް ދިން ބަސްދީގަތުމުގައި ބުނެފައިވެއެވެ. އަދި އުމުރުން 60 އަހަރު ވަންދެން މަސައްކަތްކުރާން ގަސްދުކުރާކަމަށް ވެސް އޭނާ ބުންޏެވެ.
]މާލީ ގޮތުން ބަލާއިރު ދިރިއުޅުމަށްޓަކައި އަހަރެން މި ވަޒީފާކުރާކަށް ނުޖެހޭ، އެކަމަކު މި މަސައްކަތުގެ މާހައުލު ދެކެ އަހަރެން ލޯބިވޭ، އަދި މީގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮކޮށް ބަހައްޓައިދޭ،] ގްލޯބަލް ޓައިމްސްގެ ރިޕޯޓުގައި ވާންގް ބުނެފައިވެއެވެ. [އަހަރެން ބޭނުންވަނީ އާދައިގެ، ބިންމަތީގައި ފައި ހަރުލާފައިވާ ދިރިއުޅުމެއް. އަދި މި އެވޯޑުގެ ސަބަބުން އަހަރެންގެ އަމިއްލަ ނަފްސެއް ދުވަހަކުވެސް ބަދަލެއް ނުވާނެ.]
2024ވަނަ އަހަރު ޝާއިޢުކުރި [ލޯ ފްލައިޓް]އަކީ، ވާންގް ގާތްގަނޑަކަށް ކާތަކެތި ރައްދުކުރާ 200 އެއްހައި މީހުންނާ ވާހަކަދައްކައި މަޢުލޫމާތު ހޯދައިގެން ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޅެންތަކެއް ހިމެނޭ ފޮތެކެވެ.
]ފިޔަގަނޑު ފަތުރައިލުމުގެ މާނައަކީ މާ މައްޗަށް އުދުހުންކަމަށް ބުނަނީ ކާކު؟ ތިރިން އުދުހުމަކީ ވެސް އުދުހުން،] އޭނާގެ ޅެމެއްގެ އެއް ބައިތުގައި ވެއެވެ.
ވަންގގެ މި ކާމިޔާބީ މި ފާހަގަ މި ކުރެވުނީ ފަހަކަށް އައިސް ޗައިނާގެ ގިނަ އަދަދެއްގެ މި ފަދަ މަސައްކަތްތެރީން އަދަބީ ދުނިޔޭގައި ވިދަމުންދާ ދަނޑިވަޅެއްގައެވެ.
ކުރީގެ ޕާރުސަލް ބަހާން އުޅުނު މީހެއްކަމަށްވާ ހޫ އަންޔާން، 2023ވަނަ އަހަރު ނެރުނު އޭނާގެ ހަނދާންތަކާ ބެހޭ ފޮތް "އައި ޑެލިވަރ ޕާރުސަލްސް އިން ބެއިޖިންގ" (I Deliver Parcels in Beijing) އަކީ ޗައިނާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައި، ބޭރު ގައުމުތަކުގެ މީޑިއާތަކުގެ ސަމާލުކަން ވެސް ހޯދި ފޮތެކެވެ. މި ފޮތުގެ އިނގިރޭސި ތަރުޖަމާއެއް މިދިޔަ އަހަރު ވަނީ ޝާއިޢުކޮށްފައެވެ.
އިތުރު ފޮތަކަށް ބަލާއިރު - "އައި އޭމް ފޭން ޔޫސޫ" (I am Fan Yusu) - އަކީ ހިޖުރަކޮށްގެން އުޅޭ މަސައްކަތްތެރިއެއްގެ އަމިއްލަ ދިރިއުޅުމުގެ މިންނެތް މަސައްކަތްތަކުގެ މައްޗަށް ލިޔެފައިވާ އަމިއްލަ ސީރަތުގެ މަޒުމޫނެކެވެ. މިއީ 2017 ވަނަ އަހަރު ޗައިނާގެ އިންޓަނެޓުގައި ވަރަށް ބޮޑަށް މަގުބޫލުވި ލިޔުމެކެވެ. މީގެ ސަބަބުން ލިބުނު ތަރުހީބު ބޮޑުކަމުން، މީޑިއާތަކުން އޭނާ ހޯދާން އުޅޭލެއް ގިނަކަމުން އުނދަގޫވެގެން އެދުންތަކާ ހުރެ [ފޭން] އަށް ވަގުތީގޮތުން އޭނާގެ ގެ ދޫކޮށް ދުވަސްކޮޅަކަށް ދާންވެސް ޖެހުނެވެ.
ވާންގް ޖީބިންގަށް މި ލިބުނު އަދަބީ އެވޯޑު ނިސްބަތްވާ ލޫ ޝުން އަކީ، 20ވަނަ ގަރުނުގައި ޗައިނާގައި އުފެދުނު އެންމެ މޮޅު އެއް ލިޔުންތެރިޔާގެ ގޮތުގައި ބެލެވޭ އަދީބެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ޗައިނާގެ ސަގާފީ މުޖުތަމައަށް ފާޑުކިޔުމަށް ޓަކައި ލިޔެފައިވާ ނާވަލްތަކުގެ ސަބަބުންނެވެ.
ޗައިނާގެ އެންމެ މުހިންމު އަދަބީ ޝަޚުސިއްޔަތެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހަނދާންކުރެވޭ ލޫ ގެ އުފެއްދުންތަކަށް، މިއަދުގެ ޒުވާން ޖީލުގެ މެދުގައި ވަނީ އާ ދިރުމެއް ލިބިފައެވެ. މި ފަހަކަށް އައިސް، އޭނާގެ ނާވަލެއްގައި ހިމެނޭ ޝަޚުޞިއްޔަތެއްކަމަށްވާ "ކޮންގް ޔީޖީ" ވަނީ ވަޒީފާ ހޯދުމަށް ދަތިވެފައިވާ ޗައިނާގެ ޒުވާނުންގެ މާޔޫސްކަން ރަމްޒުކޮށްދޭ ޚާއްޞަ ޝަޚުޞިއްޔަތަކަށް ވެފައެވެ.
ކޮންމެއަކަސް ވާންގް ޖީބިންގަށް މިލިބުނު އަދަބީ އެވޯޑަކީ އަދުގެ ޒުވާނުން ޢިބުރަތް ލިބިގަންނާންވީ އެވޯޑެކެވެ. ކިޔުންތެރިކަމުގެ މުހިންމުކަމާއި ޢލްމުހޯދުމުގެ ފުރުޞަތު އެކަކަށް ވެސް ބަންދުނުވާކަން މި ކަމުން ހާމަވެއެވެ. އަދި އާމްދަނީ ހޯދުމަށް ޓަކައި ވަކި ވަޒީފާއެއް އަދާކުރާން ނުޖެހޭކަން ވެސް ވާންގް ޖީބިންގގެ މި ކާމިޔާބީއިން ރަމްޒުކޮށްދެއެވެ.
ބައެއް ލަފުޒުގެ މާނަ
ނާވިލު ނ. ލިޔެ ޝާއިއުކޮށްފައިވާ ޚިޔާލީ ދިގު ވާހަކަ. novel
ކަމޭދު ނ. މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ. customer
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. Article (written)
މީސްމީޑިއާ ނ. ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. Social Media
ޝަޚުޞިއްޔަތު ނ. އިންސާނެއްގެ ކިބައިގައި ހުންނަ އަނެކުންނާ ތަފާތު ވިސްނުމާއި ފިކުރާއި އަޚުލާގާއި ސުލޫކާއި މިޒާޖު ފަދަ ސިފަތައް. މީހެއްގެ ހުންނަ މީސްވަންތަކަން. Character