އޒ. އިބްރާހީމް ރަޝީދު މޫސާ
16 އޮކްޓޯބަރު 2026
ﷲ ސުބްޙާނަހޫ ވަ ތަޢާލާ ފެނުން ދުނިޔޭގެ މިސާލެއް ޖެއްސެވީ ކީއްވެގެންތޯ އައްސަވައިލެއްވީންތޯއެވެ؟ މާތް ﷲ ދުނިޔެއާ ފެނާ އެއްގޮތްކުރައްވައި ވަރަށް ރީތި މިސާލެއް ކީރިތި ޤުރްއާނުގައި ޖައްސަވައިފައި ވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَٰحُ[1] - ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ مثال ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ مثالއެވެ. ދެން ބިމުގެ ގަސްތައް އެ ފެނާ އެކުވެ (ތާޒާކަން ލިބި ހެދިގަތުމަށް ފަހު) ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ.))
އާދޭހެވެ! މިއީ އާދައިގެ ސިފަކުރެއްވުމެއްނޫނެވެ. މިއީ ހިތްތައް ޖަޒުބާތުކުރުވާ ރީތި ތަޞްވީރެކެވެ. މާނަތައް ފުން ނަލަ ކުރެހުމެކެވެ. މި މާނަތައް އިންސާނާއަށް އޭނާގެ އަމިއްލަ ނަފުސު މުރާޖާކުރާން ގޮވައިލައެވެ.
ދުންޔަވީ ޙަޔާތުގެ މިސާލެއް ޖެއްސެވުމަށް ﷲ ޢައްޒަ ވަ ޖައްލަ އުޑުން ވެއްސަވާ ފެން އިޚްތިޔާރުކުރެއްވީ ކީއްވެގެންބާވައެވެ؟
މި އާޔަތް ކިޔައިލާ މީހާއަށް ހީވާނީ އެއީ ފެނުން ގަސްތައް ހެދި ތާޒާވުމަށް ފަހު މޯޅިވެ ހިކިވެ ވަޔާބުރައިގެންދާލެއް އަވަސްކަމާއި ދުންޔަވީ ޙަޔާތުގެ ކުރުކަމާ އެއް ފަދަ ކަމުންނެވެ. ނަމަވެސް އިލާހީ ސިފަކުރެއްވުމުގެ ބަލާޣަތްތެރިކަމުގެ ތެރެއަށް ފީނައިލުމުން މި ދުންޔަވީ ޙަޔާތާ މެދު ވިސްނައި ފިކުރުކުރާން ޖެހޭކަން އެނގެއެވެ.
ފެނަށް ބަލާ އިރު، ތިބާއަށް ފެނެއް ނުހިފޭނެއެވެ. ހުރިހައި އިނގިލިތަކުން އެ ފެން ހިފާން އުޅުނަސް ތިބާގެ ދެ އިނގިލި ދޭތެރެއިން އެ ނުކުމެގެން ދާނެއެވެ. ދުނިޔެ ވެސް ހަމަ އެ ފަދައެވެ. ތިބާއަށް ފަހަރެއްގައި ގިނަ މުދާތަކެއް، ދަރީންތަކެއް، ރަށްޓެހީންތަކެއް ޖަމާކުރެވިދާނެއެވެ. އެކަމަކު ތިބާއަށް ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ އެ ހުރިހާ އެއްޗެއް ފަހަތަށް ދޫކޮށްފައެވެ. ތިބާގެ ޞާލިޙު ޢަމަލުތައް މެނުވީއެވެ.
ފެނަށް ރަނގަޅަށް ބަލާށެވެ! އެއް ޙާލަތެއްގައި ދެމިއެއް ނުއޮންނާނެތެވެ. ބައެއް ފަހަރަށް ދިޔާކޮށްނެވެ. ބައެއްފަހަރަށް އާވިކޮށްނެވެ. ބައެއް ފަހަރަށް ހަރުކޮށްނެވެ. ބައެއް ފަހަރަށް ފުށްފުށަށެވެ. ދުނިޔޭގެ ޙާލަތު ވެސް ހަމަ އެފަދައެވެ. ބައެއް ފަހަރަށް އުފާވެރިކަމެވެ. ބައެއް ފަހަރަށް ހިތާމަވެރިކަމެވެ. ބައެއް ފަހަރަށް ދުޅަހެޔޮކަމެވެ. ބައެއް ފަހަރަށް ބަލިމަޑުކަމެވެ. ބައެއް ފަހަރަށް ތަނަވަސްކަމެވެ. ބައެއް ފަހަރަށް އަތްމަތި ދަތިކަމެވެ. ތިބާގެ ޙާލަތާމެދު ހެއްލުންތެރިނުވާށެވެ! އެއް ޙާލަތެއްގައި ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ.
ފެން ހެޔޮ ގޮތުގައި މެދުމިންވަރުގައި ބޭނުންކޮށްފި ނަމަ، އެއީ ދިރުން ގެނެސްދޭ އެއްޗެކެވެ. އެކަމަކު އިންސާނާ އޭގައި ޣަރަގުވެއްޖެ ނަމަ، އެއީ އޭގައި ހަލާކު ހުރި އެއްޗެކެވެ. ހަމަ އެ ފަދައިން ދުނިޔެއަކީ ﷲއަށް ކިޔަމަންގަތުމަށް ޓަކައި ވާތްގާއި މަދަދު ހޯދައިދޭ ވަސީލަތަކަށް ހަދައިފި ނަމަ، ބާއްޖަވެރިކަން ހުށްޓެވެ. އެކަމަކު އޭނާ އެންމެ އިސްކަންދޭ ތަނަކަށް ދުނިޔެ ހަދައިފި ނަމަ، ކަންބޮޑުވުންތަކާއި ޝަހަވާތްތަކަށް އޭނާ ޣަރަޤުކޮށްލައިފާނެއެވެ. މިހެންވެ ބައެއް ސަލަފުން ވިދާޅުވިއެވެ. [އޮޑި ފެންމަތީގައި އޮތުމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނަސް ޣަރަޤުވާނީ އެއަށް ފެން ވަނީމައެވެ.]
އިންސާނާއަށް ވެސް ދުނިޔޭގައި އުޅުމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނަސް ގެއްލުން އޮތީ ދުނިޔެ ހިތު ތެރެއަށް ވެއްދީމައެވެ. އޭރުން އޭނާގެ އެންމެ ބޮޑު އަޅައިލުމަކަށް އެ ތަން ވެދާނެއެވެ.
ސާފު ފެނުގެ ސަތަޙައަކަށް ބަލައިލައިފި ނަމަ، ތިބާގެ ފޮޓޯ އޭތި ރިވެލިކޮށްދޭނެއެވެ. އެއީ ތިބާއަށް އޭގައި އަތްލެވޭނެ ޙަޤީޤަތެއްނޫނެވެ. ދުނިޔެ ވެސް ހަމަ އެފަދައެވެ. އިންސާނާ ޝައުޤުވެރިވާ އެދުންވެރިވާ ކަންތައްތައް ޒީނަތްތެރިކޮށްދޭނެއެވެ. ބާއްޖަވެރިކަން އޮތީ އެ ކަމުގައިކަމަށް ތިބާއަށް ވިސްނައިދޭނެއެވެ. އެއަށް ފަހު ތިބާއަށް ހާމަވެގެންދާނީ ކޮންމެ ކަމެއް ނެތިވެ ފިލައިގެންދާ ތަނެވެ.
ﷲ Y މި މިސާލުގެ ފަރުދާ ވައްޓަވައިލެއްވި ރީތި ގޮތަށް ނިކަން ބަލަމާތޯއެވެ؟ ވެއްސަވާ ފެނެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ ތާޒާކަން ލިބި ހެދިގަތުމެވެ. ބިމަށް ލިބޭ ފެހި ދޫލައާއި ހިތްހަމަޖެހުމެވެ. އެހެނަސް މާ ގިނަ އިރުތަކެއް ނުވެ އެ ގަސްތަކުގެ އާރޯކަމާއި ތާޒާކަމާއި ރީތިކަން ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށް ވުމެވެ.
އާދޭހެވެ! ދުނިޔެއަކީ މި ފަދަ ތަނެކެވެ. އިރުކޮޅަކު ރީތިކޮށް އޮވެފައި ވަރަށް އަވަހަށް ނެތިގެން ދިޔުމެވެ. ފިލައިގެން ނެތިގެންދާ އެއްޗެއް، އެއީ ތިބާ ހިތްކިޔާ އެއްޗެއްކަމުގައި ނަހަދާށެވެ! މަރުވުމެއް ވަކިވުމެއް ނެތް ދުނިޔެއަށް ޓަކައި ތިބާ މަސައްކަތްކުރާށެވެ! ތިބާގެ ހިތް އެ ދުނިޔެއަށް ލޯބިޖައްސުވާށެވެ! )وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا[2] - އަދި ދެމިހުންނަނިވި صالح عملތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةގައި ثوابގެ ގޮތުން މާ ހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާ ހެޔޮކަން ބޮޑުމެއެވެ.(
މަރުޖާ: