އިސްމާޢީލު މުބާރަކު
14 އޮކްޓޯބަރު 2026
(2026 އޮކްޓޫބަރު 10ގެ ޢަދަދާ ގުޅޭ)
ފާތިމީ ދައުލަތް: ތާރީޚީ ދިރާސާ
އިބްނުލްއަޘީރު ލިޔުއްވައިފައިވާ ގޮތުން ޞަލާޙުއްދީނުލްއައްޔޫބީއަކީ ފިކުރީ ގޮތުން ޝީޢީންނާ ދެކޮޅުވެރި ސުންނީ ބޭފުޅެއްކަމަށްވާތީ، ފާތިމީން އެ މަނިކުފާނާ ދެކޮޅަށް ކުރި މަސައްކަތަކީ މީގެ އެންމެ ބޮޑު ހެތްކެވެ. [ޞަލާޙުއްދީނާ ދެކޮޅަށް ކުރެވުނު ބަޣާވާތް އިސްވެ ހިންގީ ފާތިމީ ސިފައިންނެވެ. އޭގެ ތެރޭގައި ގިނައީ ސޫދާނު މީހުންނެވެ.] އިބްނުލްއަޘީރު ލިޔުއްވައިފައިވެއެވެ. [އަޅުގަނޑަށް ފެންނަ ގޮތުގައި، ޝީޢީންނާ މެދު ޞަލާޙުއްދީން ގެންގުޅުއްވި ހަރުކަށިކަމާއި ތަޢައްޞުބުގެ ދައުރެއް މި ކަމުގައި އޮތެވެ.]
ޤާނޫނީ ފުށުއެރުން: ސަލާހުއްދީނުގެ ސުންނީ އަދި ޝީޢީ ދެ ފަރާތަށް ބުރަވާން ޖެހިފައިވާ ދައުރު
1169ވަނަ އަހަރު (ސަލާހުއްދީނުގެ ބޮޑުބޭބޭފުޅު) ޖެނެރަލް ޝިރުކޫހު އަވަހާރަވުމުން، ފާޠިމީ ދައުލަތުގެ ޚަލީފާއަކަށް ހުންނެވި އަލްޢަދީދު، ސަލާޙުއްދީންގެ ޢުމުރުފުޅުން އެންމެ 31 އަހަރުގައި މިޞްރުގެ ވަޒީރުލްއައުޒަމް (ބޮޑުވަޒީރު)ކަމަށް އައްޔަންކުރެއްވިއެވެ. މީގެ ސަބަބުން ޤާނޫނީ އަދި ފިކުރީ ގޮތުން ބޮޑު ފުށުއެރުންތަކެއް އުފެދުނެވެ.
ނަޒަރިއްޔާތުގެ ގޮތުން އޮތް ބާރު:
ފާޠިމީ ދައުލަތުގެ ޚަލީފާ އަލްޢަދީދު (އިސްމާޢީލީ ޝީޢީ ވެރިޔާ)އަކީ ޤާނޫނީ ގޮތުން ޞަލާޙުއްދީނުގެ ވެރިޔާއެވެ. އަމުރުކުރައްވާ ފަރާތެވެ. ވަލިއްޔުލް އަމުރެވެ.
ބޮޑުވަޒީރު ޞަލާޙުއްދީނަކީ (ސުންނީ ޖެނެރަލް/ލީޑަރު) ބައިޢަތު ހިފުމާއި އަމުރުތަކަށް ކިޔަމަންވުން ލާޒިމުވެފައިވާ ބޭފުޅެކެވެ.
ޙަޤީޤީ މަދަދުގާރު: ސޫރިޔާގެ ނޫރުއްދީން ޒަންގީ (ސުންނީ ވެރިޔާ):
ދުސްތޫރީ ބާރު: ފާޠިމީ ޤާނޫނުގެ ދަށުން ޚަލީފާއަކީ ދީނީ އަދި ސިޔާސީ އެންމެ މަތީ ވެރިޔާ (އިމާމް) އެވެ. ސަލާހުއްދީނަކީ ޤާނޫނީ ގޮތުން އޭނާގެ ވަޒީރެވެ. އޭނާއަށް ބާރު ލިބިފައިވަނީ ޚަލީފާ ނުވަތަ ވަލިއްޔުލް އަމުރު އަލްޢަދީދު ނެރުއްވި ރަސްމީ އަމުރުފުޅަކުންނެވެ.
ޞަލާޙުއްދީނުގެ ޙަޤީޤީ ވަފާތެރިކަން: ސަލާހުއްދީނަކީ ސޫރިޔާއަށް އުފަން ސުންނީ ކޮމާންޑަރެކެވެ. އޭނާގެ އަސްކަރިއްޔާ ވަފާތެރިވެފައިވަނީ ދިމިޝްޤާއި ޙަލަބުގެ ވެރިޔާ ނޫރުއްދީން ޒަންގީއަށެވެ.
ނޫރުއްދީން ވެރިއެއްގެ ގޮތުގައި ބަލައިގަންނަނީ ބަޣުދާދުގައި ހުންނެވި ޢައްބާސީ ޚަލީފާއެވެ. މި ގޮތުން، ފާޠިމީ ދައުލަތް އުވައިލާން މަސައްކަތްކުރާ ސޫރިޔާގެ ރަސްގެފާނަށް ޚިދުމަތްކުރަމުން ދިޔަ ހާލުގައި ވެސް، ސަލާހުއްދީން ވަނީ ފާޠިމީ ޚަލީފާއަށް ނަޞްރުދިނުމާއި ވަފާތެރިވުމަށް މާތް ﷲ ގަންދީ ރަސްމީ ހުވައިކުރައްވައިފައެވެ. އެހެންކަމުން މީ ޤާނޫނީ ފެށުއެރުމެކެވެ.
ފާތިމީ ވެރިކަން ބަދަލުކޮށްލެއްވި ގޮތް (މީލާދީން 1169-1171)
ސަލާހުއްދީން، ވެރިކަން ބަދަލުކޮށްލެއްވީ ގަނޑުވަރަށް ވަދެވަޑައިގަނެގެން ކުރެއްވި ބޮޑު ހަނގުރާމައަކުން ނޫނެވެ. އޭގެ ބަދަލުގައި، ފާޠިމީ ދައުލަތުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވައިގެން، އެ ދައުލަތުގެ ބާރުތައް އެތެރެއިން ރާއްވަވައިގެން ހީނަރުކޮށްލައްވައިގެންނެވެ. އިސްތިރާޖީ ރޭއްވެވުމެއްގެ މަތީން ދުރާލައި ތަދުބީރުކުރައްވައިގެންނެވެ.
ފުރަތަމަ މަރުޙަލާ: އަސްކަރީ ސާފުކުރުން (މީލާދީން 1169) ފާޠިމީ ތިންބާރުގެ ތެރެއިން (تحكيمي ބާރު) ކޯޓުތަކުގެ ބާރުގެ ދަށުގައި އޮތީ އެތައް ހާސް އެފްރިކާ ސިފައިންނާއި އަރްމީނިޔާގެ ސިފައިން ހިމެނޭ ފައުޖެކެވެ.
ސަލާހުއްދީނުގެ ސޫރިޔާ ސިފައިންނަށް ބާރު ލިބެމުންދާތީ، ފާތިމީ ސިފައިން ބަޣާވާތެއް ކުރަން ރޭވިއެވެ. އެކަމުގައި ސަލާހުއްދީން ވަނީ ޤާހިރާގައި ހިނގި "މައުޤިފަތުއް ސޫދާން" (Battle of the Blacks) ހަނގުރާމައިގައި މި ބާރުތައް ބަލިކޮށްލައްވާފައެވެ. އެއަށްފަހު އޭނާ ވަނީ ފާޠިމީންގެ ރަސްމީ ފައުޖު އުވާލައި، އޭގެ ބަދަލުގައި އޭނާގެ އަމިއްލަ ސޫރިޔާ ސިފައިން ލައްވައި ޤާހިރާއާއި ގަނޑުވަރުތަކުގެ ފުރިހަމަ ބާރު ހޯއްދަވާފައެވެ.
ދެވަނަ މަރުޙަލާ: ޝަރުޢީ އަދި އިދާރީ ބަދަލުތައް (1170)ސަލާހުއްދީން ވަނީ ދައުލަތުގެ ޤާނޫނީ އަދި ދީނީ ބިންގާ ނިޒާމީ ގޮތެއްގައި ބަދަލުކޮށްލައްވާފައެވެ:
މިޞްރުގެ ހުރިހާ އިސްމާޢީލީ ޝީޢީ ފަނޑިޔާރުން (ޤާޟީން) މަޤާމުން ވަކިކުރެއްވިއެވެ.
ހުރިހާ ކޯޓުތަކަކަށް ސުންނީ ޝާފިޢީ ފަނޑިޔާރުން އައްޔަންކުރެއްވިއެވެ.
ދީނީ ވަޤުފުތަކާއި، އިސްމާޢީލީ ތަޢުލީމުގެ މަރުކަޒެއްގެ ގޮތުގައި އޮތް އަލްއަޒްހަރު މިސްކިތުގެ އިދާރީ ކަންކަން ސުންނީ އިލްމުވެރިންނާ ހަވާލުކުރެއްވިއެވެ.
ތިންވަނަ މަރުޙަލާ: މާލީ ގޮތުން ބާރު ކަނޑުވައިލައްވައި ދައުލަތުގެ އާމްދަނީއާއި ބިންތައް (އިޤްޠާޢު)، ކުރީގެ ފާޠިމީ މުއްސަނދިންގެ އަތުން އަތުލައްވައި، އެ މަނިކުފާނުގެ އަމިއްލަފުޅު އާއިލާ (އައްޔޫބީން)އާއި އަސްކަރީ ކޮމާންޑަރުންނަށް ބައްސަވައިލެއްވިއެވެ. މީގެ ސަބަބުން ފާޠިމީ ޝާހީ އާއިލާ ގަނޑުވަރުތަކުގައި އެކަހެރިވެ، މާލީ ބާރާއި އާންމުންގެ އެހީތެރިކަމުން މަޙްރޫމްވިއެވެ.
އެންމެ ފަހުގެ ޤާނޫނީ ފިޔަވަޅު (ސެޕްޓެމްބަރު 1171މ.)
1171 ވަނަ އަހަރުގެ ފަހުކޮޅު، އުމުރުން 20 އަހަރުގެ ފާޠިމީ ޚަލީފާ އަލްޢަދީދު އޮންނެވީ ދާއިމަށް ބޭސްކުރަން ޖެހޭ ފަސޭހަނުވާ ބައްޔެއް ޖެހިގެން މަރުބަލީގައެވެ. ސަލާހުއްދީން މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، ރަސްމީކޮށް ދައުލަތުގެ ނިޒާމު ބަދަލުކޮށްލެއްވިއެވެ.
ދިމިޝްޤުން އައި އަމުރު: ނޫރުއްދީން ޒަންގީ ތަކުރާރުކޮށް ސަލާހުއްދީނަށް އަމުރުކުރައްވަމުން ގެންދެވީ ހުކުރު ޚުޠުބާގައި ފާޠިމީ ޚަލީފާގެ ނަންފުޅު ކަނޑުއްވައިލައްވައި، ބަޣުދާދުގެ ޢައްބާސީ ޚަލީފާގެ ނަންފުޅު ހިމެނުމަށެވެ.
ހުކުރު ޚުޠުބާ: މީލާދީން 1171 ސެޕްޓެންބަރު 10ގައި ޤާހިރާގެ އަލްޙާކިމް މިސްކިތުގައި ސުންނީ ޚަޠީބަކު މިންބަރަށް އަރުއްވައި، އަލްޢަދީދުގެ ބަދަލުގައި ޢައްބާސީ ޚަލީފާ އަލްމުސްތަޟީގެ ނަންފުޅު އިޢުލާނުކުރެއްވިއެވެ.
ފާތިމީ ދައުލަތް ނެތިދިއުން: މި ބޮޑު ބަދަލާ ގުޅިގެން އާންމުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ. ސަބަބަކީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސަލާހުއްދީން ވަނީ އަސްކަރިއްޔާއާއި، ޝަރުޢީ ނިޒާމާއި، ދީނީ މުއައްސަސާތައް މުޅިން ބަދަލުކޮށްލައްވައިފައެވެ.
ޚަލީފާ އަލްޢަދީދު އަވަހާރަވީ އޭގެ ތިން ދުވަސް ފަހުންނެވެ. އޭނާގެ ޚިލާފަތު ރަސްމީކޮށް އުވައިލެވުނުކަން ވެސް އޭނާއަށް އެނގިވަޑައި ނުގަންނަވާނެކަމަށް ބެލެވެއެވެ.
އޭގެ ފަހުން ކަންވީގޮތް:
ޤާނޫނީ އަދި ވެރިކަމުގެ ނަޒަރަކުން ބަލާ އިރު:
ގަނޑުވަރުގެ ބަންދު: ސަލާހުއްދީން ވަނީ މުޅި ފާޠިމީ އާއިލާ ގަނޑުވަރުގައި ބަންދުކުރައްވާފައެވެ. މި ކަމުން އާއިލާގެ ވެރިކަން ދާއިމަށް ނިމުމަކަށް ގެނައުމަށް ޓަކައި، އާއިލާގެ ފިރިހެނުންނާއި އަންހެނުން ވަކިކޮށް ބައިތިއްބައި، އިތުރު ދަރިފަސްކޮޅެއް އުފެދުން ހުއްޓުވިއެވެ.
ޚަޒާނާ އަތުލެއްވުން: ދެ ޤަރުނު ވަންދެން ޖަމާކޮށްފައިވާ ފާޠިމީންގެ ބޮޑު ޚަޒާނާ ސަލާހުއްދީން އަތުލެއްވިއެވެ. އޭގެ ތެރޭގައި ހިމެނޭ އަގުބޮޑު ޖަވާހިރާއި ނާދިރު ފޮތްތައް އެ މަނިކުފާނުގެ ސިފައިންނާއި މަދަދުގާރުންނަށް ބެއްސެވިއެވެ.
އައްޔޫބީ ދައުލަތް އުފެދުން: ސަލާހުއްދީން މިޞްރުގެ ފުރިހަމަ ބާރު ހޯއްދަވައި، އޭނާގެ ބައްޕާފުޅު ނަޖުމުއްދީން އައްޔޫބަށް ނިސްބަތްކޮށް [އައްޔޫބީ ދައުލަތް] ބިނާކުރެއްވިއެވެ.
ތާރީޚީ ނިންމުން: ޤާނޫނީ ގޮތުން ބަލާއިރު، ސަލާހުއްދީން ބާރުވެރިވެވަޑައިގަތީ ދައުލަތުގެ އެތެރެއިން ހިންގެވި ވަރަށް ހުޝިޔާރު ހަރަކާތަކުންނެވެ. އެ މަނިކުފާނު ވަނީ ބޮޑުވަޒީރުގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ޤާނޫނީ ބާރުގެ ބޭނުންކުރައްވައިގެން، އެ ދައުލަތް ހިމާޔަތްކުރައްވާން ﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ދައުލަތުގެ އަސްކަރިއްޔާއާއި ފަނޑިޔާރުގެ ނިކަމެތިކޮށް، އެންމެ ފަހުން، އެ މަގާމަށް އެނާ ޢްޔަންކުރެއްވި އެ ވެރިކަން މުޅީން އުވައިލައްވައިފައެވެ.
ހެކިތައް: މިއީ ގާނޫނީ އަދި ރެހެންދި ގޮތުން ބަޣާވާތަކަށްވާ ސަބަބު:
އައްޔަންކުރިކަމުގެ ގާނޫނީ ލިޔުން (ސިޖިލް)
ހެކި: އިބްނުލް އަޘީރާއި ފާތިމީ ދަރުބާރުގެ ލިޔުންތެރިން ބަޔާންކުރައްވާ ގޮތުގައި، މީލާދީން 1169 ވަނަ އަހަރުގެ މާރިޗު މަހު، މިސްރުގެ ވެރިޔާ ޚަލީފާ އަލް-ޢަދީދު ރަސްމީ ފަތްކޮޅެއް (ސިޖިލް) ސިއްކަ ޖައްސަވައި ނެރުއްވައި، ސަލާހުއްދީނަކީ މިޞްރުގެ 'އަލް-މަލިކުލް ނާޞިރު' (ފާތިމީ ވެރިކަމަށް ނަޞްރުވެރިވާ ނަޞްރުދޭ ވެރިޔާ) އަދި ބޮޑުވަޒީރު (ވަޒީރު)ކަމަށް އައްޔަންކުރެއްވިއެވެ.
ގާނޫނީ ހަގީގަތް: އެހެން ކަމުން ސަލާހުއްދީން ވަނީ ފާތިމީ ޚިލާފަތަށް ވަފާތެރިވުމަށާއި ނަޞްރުދެއްވުމަށް ﷲ ގަންދީ ރަސްމީ ހުވައިކުރައްވައިފައެވެ. އިސްލާމީ ފިޤުހު އިލްމުގެ ދަށުން، ވަޒީރަކީ ވެރިޔާގެ ފަރާތުން އައްޔަންކުރެވޭ މަންދޫބެކެވެ. ސަލާހުއްދީނަށް ލިބިވަޑައިގަތް ބާރަކީ ރަސްކަލަކު ދެއްވި ގާނޫނީ ހުއްދައެކެވެ. މިސްރުގެ ރަސްކަމެއް ނުވަތަ ޚަލީފާކަމެއް ނޫނެވެ. (ނުނިމޭ)