ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
13 އޮކްޓޯބަރު 2026
ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައިވާ، الله ގެ ނަބިއްޔާ ޔޫސުފް عليه السّلامގެ ވާހަކައިގެ ތެރެއިން ވަރަށް ކުޑަކުޑަ ލަފުޒެއް ނާޤިދުންނަށް ފާހަގަކުރެވުނެވެ. އެހެންކަމުން ނާޤިދުން ވަނީ، އެ ލަފުޒު ބޭނުންކޮށްގެން ކީރިތި ޤުރުއާނާ މެދު ތާރީޚީ އިޚުތިލާފެއް އުފައްދައިފައެވެ.
ކީރިތި ޤުރުއާނުގެ ޔޫސުފް ސޫރަތުގެ 20 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވައިފައިވެއެވެ.
)وَشَرَوْهُ بِثَمَنٍۭ بَخْسٍۢ دَرَٰهِمَ مَعْدُودَةٍۢ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ (٢٠) - އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު ދިރުހަމް ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކައިލައިފޫއެވެ. އަދި އެކަލޭގެފާނާ މެދު އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) ޒާހިދުންގެ ތެރެއިންނެވެ.(
އެ އާޔަތުގައި "ދިރުހަމް" އެ ލަފުޒު ބަޔާންކުރައްވައިފައިވުމުން ނާޤިދުން ކީރިތި ޤުރުއާނާ މެދު ތާރީޚީ އިޚުތިލާފެއް އުފެއްދިއެވެ. ސަބަބަކީ اللهގެ ނަބިއްޔާ ޔޫސުފު عليه السّلام ގެ ދައުރަކީ ވަރަށް ޤަދީމީ ދައުރެކެވެ. އެ ދައުރުގައި ފައިސާގެ ގޮތުގައި ދިރުހަމެއް ބޭނުމެއްނުކުރެއެވެ. ވީމާ، ކީރިތި ޤުރުއާނުގައި ޔޫސުފު عليه السّلام، މަދު ދިރުހަމްކޮޅަކަށް ވިއްކައިލެވުނުކަމަށް ބަޔާންކުރައްވައިފައި ވަނީ ކީއްވެގެންހެއްޔެވެ؟
ދިރުހަމަކީ ޔޫނާނީ ބަހުގެ "ޑްރަކްމާ"އިން އުފެދިފައިވާ، ފައިސާގެ ޔުނިޓަކަށް ކިޔާ ނަމެކެވެ. އެހެންކަމުން ނާޤިދުން ބުނި ގޮތުގައި، އެތައް ހާސް އަހަރެއް ކުރީން އުޅުއްވި ނަބިއްޔެއްކަމަށްވާ ޔޫސުފް عليه السّلامގެ ދައުރުގެ ތެރެއަށް، ކީރިތި ޤުރުއާން ވަނީ މި ޒަމާނުގެ ފައިސާއެއްކަމަށްވާ ދިރުހަމް ވައްދައިފައެވެ. ދެން އުފެދޭ ސުވާލަކީ ނަބިއްޔާ ޔޫސުފް عليه السّلام މިޞްރުގައި ވިއްކައިލެވުނު އިރު، އޭރު މިޞްރުގައި ބޭނުންކުރީ ކޮން ބާވަތެއްގެ ފައިސާއެއްހެއްޔެވެ؟ މި ތަނުގައި މިޞްރިއްޔާތު ނުވަތަ "އިޖިޕްޓޮލޮޖީ"އިން ވަރަށް ޝައުޤުވެރި ކަމަކަށް އަލިކަން ފޯރުކޮށްދިނެވެ. މިޞްރުގެ ޤަދީމީ ޕަޕައިރަސްތަކާއި، ލިޔެކިޔުންތަކުން ހާމަވި ގޮތުގައި، ޤަދީމީ މިޞްރުގައި ރިހީގެ އަގު ހިސާބުކުރަނީ ވަކި ގޮތަކަށެވެ. އެ ކަމަށް ބާރުދޭ މުހިންމު ހެކިތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެކައްޗަކީ "ރައިންޑް މެތެމެޓިކްސް ޕަޕައިރަސް"އެވެ. އެ ޕަޕައިރަސް މިހާރު ރައްކާކުރެވިފައި އޮތީ ލަންޑަނުގައި ހުންނަ އިނގިރޭސި ދާރުލްއާސާރުގައެވެ. އެ ޕަޕައިރަސްއަކީ މިޞްރުގެ އަލްއަޤުޞަރު ނުވަތަ ލަކްސޯ ސަރަޙައްދުން 1858ވަނަ އަހަރު ހޯދައިފައިވާ ޕަޕައިރަސްއެކެވެ. އެއީ ގާތްގަޑަކަށް 1500 ބީ.ސީ ނުވަތަ ޢީސާ عليه السّلام ދުނިޔެއަށް ފޮނުއްވުމުގެ 1500 އަހަރު ކުރީގެ ލިޔުމެކެވެ.
އެ ޕަޕައިރަސް ހޯދީ މިޞްރިއްޔާތުގެ ޢިލްމުވެރިއެއްކަމަށްވާ އެލެގްޒެންޑަރ ހެންރީ ރައިންޑްއެވެ. އެހެންކަމުން އޭނާގެ ނަމާއި ގުޅުވައިގެން އެ ޕަޕައިރަސްއަށް ނަން ދެވިފައި ވަނީއެވެ. އެއީ ހިސާބުގެ ގިނަގުނަ ސުވާލުތަކެއް ހިމެނޭ އެއްޗެކެވެ. ނަމަވެސް އެ ޕަޕައިރަސްގެ ވަކި ބައެއްގައި ރަނާއި، ރިއްސާއި، ލީޑްގެ އަގުތައް ހިސާބުކޮށްފައިވާއިރު، ވަކި ޚާއްޞަ ލަފުޒެއް ކަމަށްވާ "ޝަޓީ" ބޭނުންކޮށްފައި ވެއެވެ. މިޞްރު މީހުން އަގުތައް ކަނޑައެޅުމާއި، ހިސާބުކުރުމުގައި ޝަޓީ ބޭނުންކުރިކަން އެ ޕަޕައިރަސްއިން ސާބިތުވެއެވެ. އެ ޕަޕައިރަސްގައި ރަނާއި، ރިއްސާއި، އަދި ލީޑްގެ އަގުތައް އަޅައިކިޔައިފައިވަނީ ޝަޓީއިންނެވެ. މިސާލަކަށް އެއް "ޑެބަން" ނުވަތަ ގާތްގަނޑަކަށް 90 ގްރާމް ރަނުގެ އަގަކީ 12 ޝަޓީއެވެ. އެއް ޑެބަން ރިހީގެ އަގަކީ 6 ޝަޓީއެވެ. އަދި އެއް ޑެބަން ލީޑުގެ އަގަކީ 3 ޝަޓީއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ޤަދީމީ މިޞްރުގައި މިއަދު އަޅުގަނޑުމެން މި ބޭނުންކުރާ ފަދަ ފައިސާ ފޮތިތަކެއް ނެތްކަމުގައިވީ ނަމަވެސް، ރިހީގެ އަގު އެ މީހުން ހިސާބުކޮށް، މިނެކިރައި، އަގުމަގު ކޮށްފައިވަނީ ޝަޓީ ފަދަ ޔުނިޓްތަކުންނެވެ.
މިހާރު ޔޫސުފް ސޫރަތުގެ އެ އާޔަތަށް ބަލައިލުމުން އަޅުގަނޑުމެންނަށް މާބޮޑަށް އަދި މާފަސޭހައިން ފަހުމުކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި، ޔޫސުފް عليه السّلامގެ ދައުރުގައި މިޞްރުގައި ބޭނުންކުރި ލަފުޒެއްކަމަށްވާ ޝަޓީ ބޭނުންކޮށްފައި ނުވެއެވެ. ސަބަބަކީ، ކީރިތި ޤުރުއާން ބާވައިލެއްވުނީ ޢަރަބި ބަހުން ކަމަށްވެފައި، ކީރިތި ޤުރުއާނުގައި ޢަރަބި ބަހުގެ އިޞްޠިލާހުން ރިހީގެ އަގު އެގޮތަށް ބަޔާން ކުރައްވާފައި ވަނީއެވެ. "ދިރުހަމް"އަކީ ރިހީގެ ގޮތުގައި އެ ޒަމާނުގެ ޢަރަބިން ރަނގަޅަށް ދަންނަ ޢަރަބި ލަފުޒެކެވެ. އެއްކޮޅުން ކީރިތި ޤުރުއާނުގެ 'ދިރުހަމް'އެވެ. އަނެއްކޮޅުން ޤަދީމީ މިޞްރުގެ ޝަޓީއެވެ. އެ ދެ ލަފުޒުގައި ތަފާތުތަކެއް ހުއްޓެއް ކަމަކު، ރިހި މިނެކިރައި، ހިސާބުކުރުމުގެ މަފުހޫމު ވަނީ ޤަދީމީ މިޞްރުގައި ޤާއިމުވެފައެވެ. އެ މަޢުލޫމާތު ފެނިފައިވަނީ ޒަމާނީ ފޮތްތަކަކުންނެއްނޫނެވެ. އެ މަޢުލޫމާތު ހޯދިފައިވަނީ މިޞްރުގެ އެތައް ހާސް އަހަރެއްވީ ޤަދީމީ ޕަޕައިރަސްތަކުންނެވެ.
އިމާމް ޤުރުޠުބީ ވިދާޅުވަނީ، ޢަރަބި ވިޔަފާރިވެރީން ކުރީން މުޢާމަލާތްކުރަމުން ދިޔައީ ބޮޑެތި ޢަދަދުތައް ބަރުދަނަށް ބަލައިގެންނެވެ. އަދި، ސާޅީހަށް ވުރެ މަދު ޢަދަދުތައް ގުނައިގެންނެވެ. އެހެންކަމުން: )دَرَٰهِمَ مَعْدُودَةٍۢ( އެ ދެ ލަފުޒުން، އަޅުގަނޑުމެންނަށް އެނގި ހާމަވަނީ ދިރުހަމްގެ ޢަދަދު ސާޅީހަށް ވުރެ މަދުކަމެވެ.
ޢަބުދު الله ބިން މަސްޢޫދު رضي الله عنه އާ ޙަވާލާދެއްވައި އިބްނު ކަޘީރު ލިޔުއްވައިފައިވާ ގޮތުގައި، އެ ވިޔަފާރި ނުވަތަ ޔޫސުފު عليه السّلام ވިއްކަވައިލެއްވުނީ ވިހި ދިރުހަމަށެވެ. އެއީ، ދިހަ އަޚުން ކުރެ ކޮންމެ މީހަކަށް ދެ ދިރުހަމްގެ މަގުންނެވެ. ދިރުހަމްގެ ސީދާ ޢަދަދަށް ބަލާ އިރު، އެހެން ރިވާޔަތްތަކުގައި، އެއީ ބާވީސް ނުވަތަ ސާޅީސް ދިރުހަމް ނުވަތަ ރިހި ފޮތިކަމަށް ބަޔާންކުރައްވައިފައި ވެއެވެ. (އިބްނު ކާތިރު، ޝާފީ، މަޢާރީފުލް ޤުރުއާން)
އެހެންކަމުން، ޔޫސުފް عليه السّلام ގެ ޒަމާނުގައި ދިރުހަމް އައީ ކޮންތާކުންތޯ، ނާޤިދުން އުފައްދާ ސުވާލުގެ ޖަވާބަކީ، އެ ބަޔެއްގެ ތެރެއަށް ޤުރުއާން ބާވައިލެއްވުނު މީސްތަކުންނަށް ޤުރުއާން ބަޔާންކޮށް ދެއްވަނީ، ޔޫސުފް عليه السّلام ވިއްކައިލެވުނީ މަދު މިންވަރެއްގެ ރިހިކޮޅެއް ނޫން އެހެން އެއްޗަކަށް ނޫންކަމެވެ.