އޒ. އިބްރާހީމް ރަޝީދު މޫސާ
12 އޮކްޓޯބަރު 2026
(2026 އޮކްޓޫބަރު 09ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ބިމުގެ ފިއްތުމަށްފަހު ދެން އޮންނާނީ ކަށްވަޅުގެ ސުވާލެވެ. ޖަނާޒާގެ ބައިވެރިން މައްޔިތާގެ މަހާނަ ދޫކޮށް ދިޔުމާއެކު އޭނާ އިމްތިޙާނުކުރައްވާނެ ބޭކަލުންތަކެއް ފޮނުއްވޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސު ބުނު މާލިކުގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ العَبْدَ إذا وُضِعَ في قَبْرِهِ وتَوَلّى عنْه أصْحابُهُ، وإنَّه لَيَسْمَعُ قَرْعَ نِعالِهِمْ، أتاهُ مَلَكانِ فيُقْعِدانِهِ، فَيَقُولانِ: ما كُنْتَ تَقُولُ في هذا الرَّجُلِ لِمُحَمَّدٍ ﷺ، فأمّا المُؤْمِنُ، فيَقولُ: أشْهَدُ أنَّه عبدُ اللَّهِ ورَسولُهُ، فيُقالُ له: انْظُرْ إلى مَقْعَدِكَ مِنَ النّارِ قدْ أبْدَلَكَ اللَّهُ به مَقْعَدًا مِنَ الجَنَّةِ، فَيَراهُما جَمِيعًا - قالَ قَتادَةُ: وذُكِرَ لَنا: أنَّه يُفْسَحُ له في قَبْرِهِ، ثُمَّ رَجَعَ إلى حَديثِ أنَسٍ - قالَ: وأَمّا المُنافِقُ والكافِرُ فيُقالُ له: ما كُنْتَ تَقُولُ في هذا الرَّجُلِ؟ فيَقولُ: لا أدْرِي كُنْتُ أقُولُ ما يقولُ النّاسُ، فيُقالُ: لا دَرَيْتَ ولا تَلَيْتَ، ويُضْرَبُ بمَطارِقَ مِن حَدِيدٍ ضَرْبَةً، فَيَصِيحُ صَيْحَةً يَسْمَعُها مَن يَلِيهِ غيرَ الثَّقَلَيْنِ - ހަމަ ކަށަވަރުން އަޅާ އޭނާގެ ކަށްވަޅުގައި ބޭއްވިއްޖެނަމަ އަދި އޭނާގެ އެކުވެރިން އޭނާ ދުކޮށް ހިނގައްޖެނަމަ ދެ މަލާއިކަތުން އޭނާގެ ގާތަށް ވަޑައިގެން އޭނާ ނަގައި ބައިންދުވާނެއެވެ. އޭނާގެ އެކުވެރީންގެ ފައިވާނުގެ އަޑު އޭނާއަށް އިވޭނެއެވެ. ފަހެ އެ ދެބޭކަލުން ވިދާޅުވާނެއެވެ. ތިބާ މި ކަލޭގެފާނު މުޙައްމަދު ﷺއާ މެދު ބުނާނީ ކީކޭހެއްޔެވެ؟ ފަހެ ދަންނައެވެ. މުއުމިނު އިންސާނާ ބުނާނެއެވެ. އެކަލޭގެފާނަކީ ﷲގެ އަޅާކަމަށާއި ރަސޫލާ ކަމަށް އަހުރެން ހެކިވަމެވެ. ފަހެ އޭނާއަށް ބުނެވޭނެއެވެ. ތިބާއަށް ނަރަކައިގައި ހުރި ގޮނޑިއަށް ނިކަން ބަލައިބަލާށެވެ! މާތް ﷲ ހަމަކަށަވަރުން ސުވަރުގެއިން ގޮނޑިއަކަށް ތިބާގެ ގޮނޑި ބަދަލުކޮށްދެއްވައިފިއެވެ. ފަހެ އޭނާއަށް އެ ގޮނޑި ފެންނާނެއެވެ. ޤަތާދަތުގެފާނު ވިދާޅުވިއެވެ.އަހުރެމެންނަށް ބަޔާންކޮށްދެއްވުނެވެ. ހަމަކަށަވަރުން އޭނާއަށް އޭނާގެ ކަށްވަޅު ތަނަވަސްކޮށް ދެވޭނެއެވެ. އެއަށްފަހު އަނަސުގެފާނު ރިވާކުރެއްވި ޙަދީސަށް އެނބުރިވަޑައިގެންނެވިއެވެ. ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. މުނާފިޤު މީހާއާއި ކާފިރު މީހާ ދަންނައެވެ. އޭނާއަށް ބުނެވޭނެއެވެ. ތިބާ މި ކަލޭގެފާނު މުޙައްމަދު ﷺއާ މެދު ބުނާނީ ކީކޭހެއްޔެވެ؟ ފަހެ އޭނާ ބުނާނެއެވެ. އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ބުނެ އުޅުނީ މީސްތަކުން ބުނާ އެއްޗެކެވެ. ފަހެ އޭނާއަށް ބުނެވޭނެއެވެ. ތިބާއަށް އެއްޗެއް ނޭނގެތެވެ. އަދި ތިބާ ތަބައެއް ވެސް ނުވަމުއެވެ. އަދި އޭނާގެ ގައިގައި ދަގަނޑު ހަންމުށްޓަކުން އެތިފަހަރެއް އެޅޭނެއެވެ. އޭނާ ތަދުވެގެން ހަޅޭއްލަވައިގަންނަ އަޑު އޭނާގެ ގާތުގައި އުޅޭ ޖިންނީންނާއި އިންސީން ފިޔަވައި އެހެން ހުރިހާ އެއްޗަކަށް އިވޭނެއެވެ.))
ކަށްވަޅުގެ ސުވާލަށް މައްޔިތާ ޖަވާބުދިނުމާ އެކު މި އިމްތިޙާނުގެ ނަތީޖާ ފާޅުކުރެވުމުން އޭނާއާ އެކުގައި ޤިޔާމަތާ ޖެހެންދެން އުޅޭނެ ޖަލީސަކު އަންނާނެއެވެ.ފަހެ މުއުމިން އަޅާ ދަންނައެވެ. އޭނާއަށް ހެޔޮ ޚަބަރު ލިބިގެންދެއެވެ. އޭނާގެ ގާތަށް މޫނު ރީތި ފޭރާން ރީތި ވަސް މީރު މީހަކު އައިސް ބުނާނެއެވެ. ތިބާ އުފާކުރުވަނިވި ހެޔޮ ޚަބަރުވެއެވެ. މިއީ ތިބާއަށް ވަޢުދުކުރެވުނު ދުވަހެވެ. އޭނާ ބުނާނެއެވެ. ތިބާއަކީ ކާކުހެއްޔެވެ؟ ތިބާގެ މޫނުމަތިން ހެޔޮ ޚަބަރަކާއިގެން އައި މީހެއްކަން އެނގެއެވެ. ފަހެ އޭނާ ބުނާނެއެވެ. އަހުރެންނަކީ ތިބާގެ ޞާލިޙު ޢަމަލެވެ. ފަހެ އޭނާ ދަންނަވާނެއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! މިއަޅާގެ އަހުލުންނާއި މުދަލުގެ ގާތަށް ދިޔުމަށް ޓަކައި ޤިޔާމަތްދުވަސް ޤާއިމުކޮށްދެއްވާނދޭވެ! ފަހެ ފާޖިރުމީހާއާއި ކާފިރުމީހާ ދަންނައެވެ. އޭނާއަށް ނިކަމެތިކަން ލިބިގެންވެއެވެ. އޭނާގެ ގާތަށް މޫނު ހުތުރު ފޭރާން ހަޑިމުޑުދާރު ވަސް ނުބައި މީހަކު އަންނާނެއެވެ. ފަހެ އޭނާ ބުނާނެއެވެ. ތިބާއަށް ނުބައި ޚަބަރުތައް ވެއެވެ. މިއީ ތިބާއަށް ވަޢުދުކުރެވުނު ދުވަހެވެ. ފަހެ އޭނާ ބުނާނެއެވެ. ތިބާއަކީ ކާކުހެއްޔެވެ؟ ފަހެ ތިބާގެ މޫނަކީ ނުބައި ޚަބަރާއިގެން އަންނަ މޫނެކެވެ. ފަހެ އޭނާ ބުނާނެއެވެ. މިއީ ތިބާގެ ނުބައި ޢަމަލެވެ. ފަހެ އޭނާ ދަންނަވާނެއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! ޤިޔާމަތް ދުވަސް ނުގެންނަވާންދޭވެ!))
އެހިސާބުން ކަށްވަޅުގެ ނިޢުމަތް ނުވަތަ ކަށްވަޅުގެ ޢަޒާބު ފެށޭނެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ((دَخَلَتْ عَلَيَّ عَجُوزانِ مِن عُجُزِ يَهُودِ المَدِينَةِ، فَقالَتا: إنَّ أَهْلَ القُبُورِ يُعَذَّبُونَ في قُبُورِهِمْ، قالَتْ: فَكَذَّبْتُهُما وَلَمْ أُنْعِمْ أَنْ أُصَدِّقَهُما، فَخَرَجَتا وَدَخَلَ عَلَيَّ رَسولُ اللهِ صَلّى اللَّهُ عليه وسلَّمَ، فَقُلتُ له: يا رَسولَ اللهِ، إنَّ عَجُوزَيْنِ مِن عُجُزِ يَهُودِ المَدِينَةِ دَخَلَتا عَلَيَّ، فَزَعَمَتا أنَّ أَهْلَ القُبُورِ يُعَذَّبُونَ في قُبُورِهِمْ، فَقالَ: صَدَقَتا، إنَّهُمْ يُعَذَّبُونَ عَذابًا تَسْمَعُهُ البَهائِمُ قالَتْ: فَما رَأَيْتُهُ، بَعْدُ في صَلاةٍ إلّا يَتَعَوَّذُ مِن عَذابِ القَبْر - އަހުރެންގެ ގާތަށް މަދީނާގެ ޔަހޫދީ މުސްކުޅި އަންހެނުންގެ ތެރެއިން ދެ އަންހެނަކު އައެވެ.މި ދެ މީހުން ބުންޏެވެ. ހަމަކަށަވަރުން ކަށްވަޅުގެ އަހުލުވެރީންނަށް ކަށްވަޅުގައި ޢަޒާބު ލިބޭނެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެން އެ ދެމީހުން ދޮގުކުރީމެވެ.މި ދެ މީހުންގެ ބަސް ތެދުކުރާނެ ހިތެއް ނެތެވެ.ފަހެ މި ދެމީހުން ނުކުތުމުން ރަސޫލު ﷲ ﷺ އަހުރެންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ އަހުރެން އެކަލޭގެފާނަށް ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑު ގާތަށް މަދީނާގެ ޔަހޫދީ މުސްކުޅީންގެ ތެރެއިން ދެ މުސްކުޅިއަކު އައިސް ކަށްވަޅުގެ އަހުލުވެރީންނަށް ކަށަވަޅުގައި ޢަޒާބު ލިބޭނެކަމަށް ބުންޏެވެ. ފަހެ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެ ދެ މީހުން ތެދު ބުނެފިއެވެ. އެބައިމީހުންނަށް ދެވޭ ޢަޒާބުގެ އަޑު ޖަނަވާރުންނަށް އިވޭނެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. އޭގެ ފަހުން އެކަލޭގެފާނު ކަށްވަޅުގެ ޢަޒާބުން ރައްކައުތެރިކޮށްދެއްވުމަށް އެދިވަޑައިނުގަންނަވާ އެއްވެސް ނަމާދުފުޅެއް ނުކުރައްވަތެވެ.))
ކާފިރުންނާ ޚިލާފަށް ކިޔަމަންތެރި އިޙުސާންތެރި މުއުމިނުންނަށް ކަށްވަޅުގައި ނިޢުމަތް ލިބޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަލްބަރާއު ބުނު ޢާޒިބުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ދެ މަލާއިކަތުންގެ ސުވާލަށް ޖަވާބުދިނުމުން އުޑުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ((أنْ قد صَدَقَ عَبْدي، فأفْرِشوه من الجَنَّةِ، وافْتَحوا له بابًا إلى الجَنَّةِ، وألْبِسوه من الجَنَّةِ، قال: فيأتيهِ من رَوحِها وطِيبِها، قال: ويُفتَحُ له فيها مَدَّ بَصَرِه - ތިމަންރަސްކަލާނގެ އަޅާ ތެދު ބުނެފިއެވެ. ތިޔަބައިމީހުން އޭނާއަށް ސުވަރުގޭގޭގައި ތަންމަތި ފަތުރައިދޭށެވެ! އަދި ތިޔަބައިމހުން އޭނާއަށް ސުވަރުގެއަށް ދޮރެއް ހުޅުވައިދޭށެވެ! އަދި ސުވަރުގޭގެ ފޭރާމުން ފޭރާންކޮށްދޭށެވެ! އެހިނދު ސުވަރުގޭގެ ހުވަނދާއި މީރުވަސް އޭނާގެ ގާތަށް އަންނާނެއެވެ. އަދި އޭނާގެ ނަޒަރު ދެމިގެންދާހައި ރާސްތާއަކަށް މި ދޮރު ހުޅުވިގެންދާނެއެވެ.))
އާދެ! މި ބަންދު ސަންދޯކަކީ އެންމެ މާތް ނަސޭހަތެވެ. އެންމެ އަގު ބޮޑު ޢިބްރަތެވެ. އެއީ ލޯތަކުގެ ކުރިމަތީގައި ލިބިގެންވާ އިންޒާރެކެވެ. ނަބީބޭކަލުންނާއި ޞާލިޙުން ކީރިތިފުޅުކުރެއްވިއެވެ. މާތްﷲ ރުއްސުންލެއްވި އަލްބަރާއުގެފާނު ވިދާޅުވިއެވެ. ((كنّا مع رسولِ اللهِ صلّى اللهُ عليه وسلَّم في جِنازةٍ، فجلس على شفيرِ القبرِ، فبكى حتّى بلَّ الثَّرى، ثمَّ قال: يا إخواني لمثلِ هذا فأعِدُّوا - އަހުރެމެން ރަސޫލާ ﷺގެ އަރިހުގައި ޖަނާޒާއެއްގައި ބައިވެރިވީމެވެ. އެކަލޭގެފާނު ކަށްވަޅުގެ ގޮންޑޮޅި މަތީގައި އިށީދެވަޑައިގަތެވެ. އަދި ފަސްގަނޑު ތެމިއްޖައުމަށް ދާންދެން ކީރިތިފުޅުކުރެއްވިއެވެ. އެއަށް ފަހު ޙަދީސްކުރެއްވިއެވެ. އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! މި ފަދަ ދުވަހަކަށް ތިޔަބައިމީހުން ތައްޔާރުވާށެވެ!))
ކަށްވަޅުގެ މަރުޙަލާއާ ބެހޭ ގޮތުން رسول الله -صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ القبرَ أوَّلُ منزِلٍ من مَنازِلِ الآخِرَةِ، فإنْ نجا منهُ فما بعدَهُ أيْسَرُ منهُ، وإنْ لم ينْجُ منهُ فما بعدَهُ أشدُّ منهُ. قالَ: وقالَ رسولُ اللهِ: ما رأيتُ منْظَرًا قطُّ إلا القبْرَ أفْظَعَ منهُ - ހަމަކަށަވަރުން ކަށްވަޅަކީ އާޚިރަތްދުވަހުގެ މަންޒިލުތަކުން ފުރަތަމަ މަންޒިލެވެ. ފަހެ އެ މަންޒިލުން ނަޖާވެއްޖެ ނަމަ ދެން ހުރި މަންޒިލުތައް އެއަށް ވުރެ ލުއިވެގެންދާނެއެވެ. އެ މަންޒިލުން ނަޖާނުވެވިއްޖެ ނަމަ، ދެން ހުރި މަންޒިލުތައް އެއަށް ވުރެ ބުރަވެގެންދާނެއެވެ. ޢުޘްމާނުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. ކަށްވަޅަށް ވުރެ ބިރުވެރިކަން ބޮޑު މަންޒަރެއް ތިމަންކަލޭގެފާނު ދުވަހަކު ވެސް ދެކެވަޑައެއްނުގަންނަވަމެވެ.))
(ނިމުނީ)
މަރުޖާ:
1 - أخرجه البخاري (١٣٣٨)، ومسلم (٢٨٧٠)، والنسائي (٢٠٥١) و أبو داود (٣٢٣١)
2 -أخرجه البخاري (٦٣٦٦)، ومسلم (٥٨٦)
3 - أخرجه أبو داود (٤٧٥٣) والنسائي (٢٠٠١)، وابن ماجه (١٥٤٩) وأحمد (١٨٥٥٧) والطبري (٧٢٠)
4 - أخرجه ابن ماجه (٤١٩٥) وأحمد (١٨٦٠١) والطبراني في ((المعجم الأوسط)) (٢٥٨٨)
5- أخرجه الترمذي (٢٣٠٨) و البيهقي في ((شعب الإيمان)) (١٠٠٦٩) وابن ماجة (٤٢٦٧)، والحاكم (١٣٧٣) ، وأبو داود (٣٢٢١) والبزار (٤٤٤)