ޑރ. މޫސާ އަންވަރު ޙަސަން
12 އޮކްޓޯބަރު 2026
މާތް الله އިންސާނާ އުފައްދަވައި، މި ކާއިނާތު އާރާސްތުކުރުމުގެ ބޮޑު އަމާނާތް އޭނާއާ ޙަވާލުކުރެއްވިއެވެ. އެއީ އަޅުކަންކުރުމާއި ކިޔަމަންތެރިވުމުގެ ފުޅާ މާނައިގައި މި ދުނިޔެ ބިނާކުރުމުގެ މަތިވެރި މަޤްޞަދުގައެވެ. އިންސާނާއަކީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އަމާނާތްތެރިވާންޖެހޭ، އަދި އެ ނަފުސު ބަލަހައްޓައި ރައްކާތެރިކުރުމަށް އަމުރުވެވިގެންވާ މީހެކެވެ. މީގެ އިތުރަށް، އިންސާނާ އަމިއްލައަށް އިޚްތިޔާރުކުރާ އެކި ދާއިރާތަކުގެ މަސްއޫލިއްޔަތުތަކަކީ ވެސް އަމާނާތުގެ މާނަ އެންމެ ފުރިހަމައަށް އެކުލެވިގެންވާ ކަންކަމެވެ.
ޢާންމު ޒިންމާތަކާއި، ވަކިން ޚާއްޞަކޮށް މައިންބަފައިކަމުގެ މަސްއޫލިއްޔަތަކީ އެހެން ކަންކަމަށް ވުރެ ބޮޑަށް އަމާނާތްތެރިކަން ބޭނުންވާ ކަންކަމެވެ. އެހެންކަމުން، މި އަމާނާތްތަކަށް ރައްކާތެރިވެ، އަދި އެއަށް އިހުމާލުވުމާއި އަމާނާތް ގެއްލުވައިލުމުގެ އެންމެހައި ސިފަތަކުން ދުރުހެލިވުމަކީ އިންސާނާގެ މައްޗަށް އޮތް ކަނޑައެޅިގެންވާ ވާޖިބެކެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ އަމާނާތްތަކަށް އިހުމާލުވުމާއި، އެ އަމާނާތްތައް ނަގައިލުމަކީ މުއުމިނުންގެ ހިތްތަކަށް ނުހަނު ބޮޑު ހިތާމައާއި އަސަރެއް ކުރާ ކަމެކެވެ. މި އަމާނާތްތަކަކީ އެއް ބަޔަކު އަނެއް ބަޔަކާ ވަކިނުކުރެވޭ ފަދަ ވަރުގަދަ ގުޅުމަކުން ގުޅިފައިވާ ކަންތައްތަކެކެވެ.
އެ ގޮތުން، ޢަހުދުތަކާއި އަމާނާތްތަކަށް ރައްކާތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކީން ޚާއްސަކޮށް، މާތް الله [ވަރުގަދަ ކަށަވަރުވެގެންވާ އަހުދު] (ميثاق غليظ)ގެ ނަމުން ނަންދެއްވައިފައިވާ ކައިވެނީގެ ގުޅުމަށް ރައްކާތެރިވުމެވެ. ސަބަބަކީ، މި ވަރުގަދަ ޢަހުދުގެ ސަބަބުން އުފެދޭ ޒިންމާތަކާއި، ދަރީން ބަލާބޮޑުކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތުތަކަށް ފުރިހަމައަށް ރައްކާތެރިވުމަކީ، އެ އަހުދުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށްވާތީއެވެ.
އަމާނާތްތެރިކަމުގެ އިމްތިހާނުން ފޭލްވެފައިވާ ބައެއް މީހުން، އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ދަރީންނަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން ދޫކޮށްލުމަށްފަހު، އިތުރު ދަރީން ހޯދުމަށާއި ގިނަ އަނބިން ހޯދުމުގެ މުބާހު (ކުރުން ހުއްދަ، ނަމަވެސް ވާޖިބު ނޫން) ކަންކަމަށް އިސްކަންދިނުމަކީ، އެމީހެއްގެ ކިބައިގައި ހުރި ޖާހިލުކަމާއި ބުއްދިމަދުކަމުގެ ހެއްކެކެވެ. ވާޖިބު ކަމެއް ދޫކޮށްލުމަށްފަހު ހަމައެކަނި ހުއްދަވެގެންވާ ކަމަކަށް އިސްކަންދިނުމަކީ ބުއްދި ގަބޫލުކުރާނޭ ކަމެއް ހެއްޔެވެ؟
މިފަދަ މީހުންގެ ވިސްނުމާއި ބުއްދީގެ ތިލަފަތް ހަމަނުޖެހި، ކަންކަން ދެނެގަތުމުގެ ގާބިލުކަން ކުޑަވެފައިވާއިރު، އެމީހުންގެ ނުބައި ތަދުބީރުތަކާއި އިހުމާލުވުމުގެ ސަބަބުން ބެލެނިވެރިކަމުގެ ދަށުގައި ތިބި ނިކަމެތި އާއިލާއަށް މާތްﷲ ހެޔޮގޮތްތައް މިންވަރުކުރައްވާށިއެވެ. އެމީހުންގެ މި ޢަމަލަކީ ބިނާވެފައިވާ ޢާއިލީ އޮނިގަނޑު މުގުރާލައި ފުނޑުފުނޑުކޮށްލުން ފަދަ ކަމެކެވެ. އެމީހުންގެ އޮތް ބަހަނާއަކީ އިތުރުކުރުމެވެ. ނަމަވެސް، މި ޖާހިލު މީހާއަށް ނޭނގޭ ކަމަކީ، އޭނާ އެ އިތުރުކުރަނީ އާޚިރަތް ދުވަހު މާތް ﷲގެ ކުރިމަތީގައްޔާއި މީސްތަކުންގެ ކުރިމަތީގައި އޭނާއާ ދެކޮޅަށް ހުށަހެޅޭނެ ހެކިތައްކަމެވެ. އަދި އަދުލުވެރިކަމުގެ ތިލަފަތް ގާއިމުކުރެވޭ ދުވަހު، ސިރާތު މަގުމަތީގައި އޭނާގެ އިހުމާލުގެ ސަބަބުން ގެއްލުންލިބުނު ފަރާތްތައް އޭނާއާ ދެކޮޅަށް ދަޢުވާކުރާނެ ކަމެވެ.
އަމާނާތްތެރިކަމަކީ ހަމައެކަނި ހުރެފައި އަންނަ އާދައިގެ ސިފައެއް ނޫނެވެ. އެއީ އީމާންކަމުގެ ފޭލިގޭގެ މައި ތަނބެވެ. އަދި މީހެއްގެ ދީންވެރިކަން ވަޒަންކުރެވޭ އަސްލު މިންގަނޑެވެ. އާއިލީ އަދި އިޖުތިމާއީ ބިނާގެ ރައްކާތެރިކަން އޮތީ އެ ސިފައެއްގެ މަތީގައެވެ. އަމާނާތްތެރިކަން ގެއްލިއްޖެ ހިނދެއްގައި، ގެދޮރުތައް ފުނޑުފުނޑުވެ، ޙަސަދަވެރިކަން ފެތުރިގެންގޮސް، ދަރީން ބިކަވެ، ލޯތްބާއި އަޅާލުމުން މަޙުރޫމުވެ، ގެއްލުމުގެ ތެރެއަށް ހުށަހެޅިގެންދާނެއެވެ.
މިއަދުގެ ބައެއް ބަފާއިންގެ ކިބައިން ފެންނަ "މަޑުމޮޅި ޚިޔާނާތް" (Soft Betrayal) އަކީ، ޚިޔާނާތުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ކުށް ކަމުގައި ވެދާނެއެވެ. އެއީ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނަށް އަމާނާތްތެރި، ރައްކާތެރި އައްޑަނައެއްގެ ގޮތުގައި ހުންނަންޖެހޭ ބަފައި މީހާ، ހަމައެކަނި [ޖިސްމާނީ ގޮތުން ހާޒިރުވެ ހުރި ނަމަވެސް، ރޫޙާނީ ގޮތުން ޣައިބުވެފައިވާ] މީހަކަށް ބަދަލުވާ ހިނދެވެ.
އޭނާގެ މުޅި ވަގުތާއި، ސަމާލުކަމާއި، ޝައުޤުވެރިކަން ފޯނުގެ ސްކްރީންތަކަށާއި ބޭކާރު ކަންތައްތަކަށް ހުސްކޮށްލައެވެ. [ކައިވެނިކުރުމުގެ ނިޔަތުގައި]ކަމަށް ބުނެ، ހިލޭ އަންހެނުންނަށް އޭނާގެ އެންމެ މާތް އިޙްސާސްތަކާއި އޯގާތެރިކަން ދީލަތިކަމާ އެކު ބަހަމުންދާ އިރު، އަމިއްލަ ގޭތެރޭގައި އަނބިދަރީންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުމުގައި އިންތިހާއަށް ދަހިވެތިވެއެވެ. އަދި އާދައިގެ ދިރިއުޅުމަކަށް ބޭނުންވާ އަސާސީ ކަންކަމުން އެމީހުން މަޙުރޫމްކޮށް، ދިރިއުޅުން ދަތިކުރެއެވެ.
މި ފާހަގަކުރެވޭ ފުށުއެރުންތަކަކީ ޝަރީޢަތުގައި ނަހީކުރައްވައިފައިވާ އަމާނާތްތެރިކަން ގެއްލުވައިލުމުގެ އަމަލެކެވެ. މިއީ އާބާދީތައް ސުންނާފަތިވެ، އާއިލީ ގުޅުންތައް ބަނދުވެގެން ދިއުމުގެ ބިރުވެރި އިންޒާރެކެވެ.
ފުރަތަމަ: އަމާނާތްތެރިކަން ޝަރުޢީ ތިލަފަތުން
މަސްއޫލިއްޔަތުގެ ބަރުދަން: އަމާނާތަކީ އުފުލަން ދަތި، ބޮޑު މަސްއޫލިއްޔަތެއްކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވެއެވެ. އެކަމުގެ ބުރަކަމުން، ބޮޑެތި މަޚްލޫޤުތަކުން އެ އުފުލުމަށް އިންކާރުކުރިއިރު، އިންސާނާ އެކަމާ ޙަވާލުވިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَنْ يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنْسَانُ إِنَّهُ كَانَ ظَلُوماً جَهُولاً﴾ (سورة الأحزاب: 72) މާނައީ: [ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެ ކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެ ކަމާ މެދު އެ ތަކެތި ބިރުވެތިވިއެވެ. އަދި إنسانއާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسانއާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.]
އަމާނާތް އަދާކުރުމަށް ކުރެއްވި އަމުރާއި ޚިޔާނާތްތެރިވުމުގެ އިންޒާރު: އަމާނާތްތައް އޭގެ ވެރީންނަށް ރައްދުކުރުމަށް މާތްﷲ އަމުރުކުރައްވައި ވަޙީކުރެއްވިއެވެ. ﴿إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا﴾ (سورة النساء 58) މާނައީ: "ހަމަކަށަވަރުން، أمانة ތައް، އޭގެ أهلވެރީންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ." އަދި ޚިޔާނާތްތެރިވުމާ މެދު އިންޒާރު ދެއްވައި ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ﴾ (سورة الأنفال 27) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّهއަށާއި، رسولއާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانةތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانةތެރި ނުވާށެވެ!]
އަމާނާތާއި އީމާންކަމާއި މުނާފިޤުކަމާ ހުރި ގުޅުން: އަމާނާތްތެރިކަން ނެތް މީހެއްގެ ކިބައިގައި ފުރިހަމަ އީމާންކަމެއް ނުވާކަން ބަޔާންކުރައްވައި ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. (لَا إِيمَانَ لِمَنْ لَا أَمَانَةَ لَهُ، وَلَا دِينَ لِمَنْ لَا عَهْدَ لَهُ) [أخرجه أحمد (١٢٥٦٧)، والبزار (٧١٩٦)، وأبو يعلى (٢٨٦٣)] މާނައީ: [އަމާނާތްތެރިކަމެއް ނެތް މީހަކަށް އީމާންކަމެއް ނުވެއެވެ. އަދި ޢަހުދު ނުފުއްދާ މީހަކަށް ދީނެއް ނުވެއެވެ.] އަދި އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުކަމުގެ ސާފު ހެތްކެއްކަން ބަޔާންކުރައްވައި ހަދީޘްކުރެއްވިއެވެ. (آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَمْلَفَ، وَإِذَا اؤْتُمِنَ خَانَ) [صحيح البخاري (٦٠٩٥)، أخرجه مسلم (٥٩)] މާނައީ: [މުނާފިޤެއްގެ ޢަލާމާތްތައް ތިނެކެވެ: ވާހަކަދައްކާއިރު ދޮގުހެދުމާއި، ވަޢުދެއްވެއްޖެ ނަމަ އެއާ ޚިލާފުވުމާއި، އަމާނާތެއް ހަވާލުކުރެވިއްޖެ ނަމަ އެއަށް ޚިޔާނާތްތެރިވުމެވެ.]
އަމާނާތްތެރިކަން ގެއްލުމަކީ ޤިޔާމަތްވުމުގެ ޢަލާމާތެއް: އަމާނާތްތެރިކަން ދޫކޮށްލުމަކީ އިންސާނީ މުޖުތަމަޢު ބަންދުވެގެންދާނެ ކަމެއްކަން ބަޔާންކުރައްވައި، ޤިޔާމަތްވާނީ ކޮން އިރަކުތޯ ސުވާލުކުރި މީހަކަށް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (إِذَا ضُيِّعَتِ الْأَمَانَةُ فَانْتَظِرِ السَّاعَةَ…) [صحيح البخاري (٦٤٩٦)، من أفراد البخاري على مسلم]. މާނައީ: [އަމާނާތްތެރިކަން ގެއްލިއްޖެ ހިނދު، ފަހެ ޤިޔާމަތަށް އިންތިޒާރުކުރާށެވެ!]
ދެވަނަ: އަމާނާތްތެރިކަން ހިތްތަކަށް ބާވައިލެއްވުމާއި، އަދި ހިތްތަކުން އެ އަމާނާތްތެރިކަން އުފުއްލެވުމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްފުޅުގެ މައްޗަށް ފުންކޮށް ބަލައިލުމާއި އޭގެ ތަފުސީލު:
حذيفة بن اليمان رضي الله عنهގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް ދެ ޙަދީޘެއް އުނގަންނަވައިދެއްވިއެވެ. އޭގެ ތެރެއިން އެއް ކަމެއް (އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި) އަހަރަމެން ދެކެފީމެވެ. އަދި އަނެއް ކަންތައް ވާނޭ ވަގުތަކަށް އަހަރެން މި ދަނީ އިންތިޒާރު ކުރަމުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (حَدَّثَنَا أَنَّ الأَمَانَةَ نَزَلَتْ فِي جَذْرِ قُلُوبِ الرِّجَالِ، ثُمَّ عَلِمُوا مِنَ القُرْآنِ، ثُمَّ عَلِمُوا مِنَ السُّنَّةِ. وَحَدَّثَنَا عَنْ رَفْعِهَا، قَالَ: يَنَامُ الرَّجُلُ النَّوْمَةَ فَتُقْبَضُ الأَمَانَةُ مِنْ قَلْبِهِ، فَيَظَلُّ أَثَرُهَا مِثْلَ أَثَرِ الوَكْتِ، ثُمَّ يَنَامُ النَّوْمَةَ فَتُقْبَضُ فَيَبْقَى أَثَرُهَا مِثْلَ المَجْلِ؛ كَجَمْرٍ دَحْرَجْتَهُ عَلَى رِجْلِكَ فَنَفِطَ فَتَرَاهُ مُنْتَبِرًا وَلَيْسَ فِيهِ شَيْءٌ، فَيُصْبِحُ النَّاسُ يَتَبَايَعُونَ، فَلاَ يَكَادُ أَحَدٌ يُؤَدِّي الأَمَانَةَ، حَتَّى يُقَالَ: إِنَّ فِي بَنِي فُلاَنٍ رَجُلاً أَمِينًا، وَيُقَالَ لِلرَّجُلِ: مَا أَعْقَلَهُ! وَمَا أَظْرَفَهُ! وَمَا أَجْلَدَهُ! وَمَا فِي قَلْبِهِ مِثْقَالُ حَبَّةِ خَرْدَلٍ مِنْ إِيمَانٍ) (صحيح البخاري (٧٠٨٦)، أخرجه مسلم (١٤٣) باختلاف يسير) މާނައީ: "އެކަލޭގެފާނު އަހަރެމެންނަށް ކިޔައިދެއްވިއެވެ. ހަމަކަށަވަރުން އަމާނާތްތެރިކަން ބާވައިލެއްވުނީ މީސްތަކުންގެ ހިތްތަކުގެ އަޞްލުގެ ތެރެއަށެވެ. އެއަށްފަހު އެބައިމީހުން ޤުރްއާނުން (އަމާނާތްތެރިކަމުގެ މުހިންމުކަން) ދަސްކުރިއެވެ. އަދި އެއަށްފަހު ސުންނަތުން އެކަން ދަސްކުރިއެވެ." އަދި ހިތްތަކުން އަމާނާތްތެރިކަން އުފުއްލެވޭނެ ގޮތާ ބެހޭގޮތުން ޙަދީޘް ކުރެއްވިއެވެ. "މީހަކު ނިދައިލާ ނިދުމެއްގައި އޭނާގެ ހިތުން އަމާނާތްތެރިކަން ގެންދަވާނެއެވެ. އޭރުން އޭގެ އަސަރު ކުޑަކުޑަ ލައްގަނޑެއްގެ ސިފައިގައި ހުންނާނެއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ނިދާލާ ނިދުމެއްގައި އެ (އަމާނާތްތެރިކަން) ގެންދަވާނެއެވެ. އޭރުން އޭގެ އަސަރު ހުންނާނީ މަސައްކަތް ކުރުމުގެ ސަބަބުން އަތްތިލައިގައި އުފެދޭ ފޮޅެއް ފަދައިންނެވެ. އެއީ ތިބާގެ ފައިމައްޗަށް އަލިފާންކޮޅެއް ވައްޓައިލުމުން، އެ ތަން ފޮޅި، ދުޅަވެފައި ހުންނަ ހުރުން ފަދަ ކަމެކެވެ. އޭގައި (އެ ފޮޅުގައި) އެއްވެސް އެއްޗެއް (މާއްދީ ބާރެއް) ނުހުންނާނެއެވެ. ދެން މީސްތަކުން ހެނދުނު ތެދުވެ ވިޔަފާރި މުޢާމަލާތްތައްކުރާން ފަށާނެއެވެ. ނަމަވެސް އަމާނާތް އަދާކުރާނެ މީހަކު ފެންނާނީ ވަރަށް މަދުންނެވެ. އެ ހިސާބުން [މިވެނި ގަބީލާގައި އަމާނާތްތެރި މީހަކު އެބަހުއްޓޭ] ބުނެވޭ ހިސާބަށް ކަންތައް ދާނެއެވެ. އަދި މީހަކާ ދިމާއަށް [އޭނާއަކީ ކިހައި ބުއްދިވެރި، ކިހައި ހުޝިޔާރު، އަދި ކިހައި ހިތްވަރުގަދަ މީހެއް ހެއްޔޭ] ބުނެވޭނެއެވެ. ނަމަވެސް އޭނާގެ ހިތުގައި ރެވިއޮށްޓަރެއްގެ މިންވަރުގެ އީމާންކަމެއް ވެސް ނުވާނެއެވެ."
މި ޙަދީޘްގެޝަރުޢީ ތަޙުލީލާއި ޝަރަޙަ:
އަމާނާތްތެރިކަން ހިތުގެ އަޞްލުގައި ބިނާވުން: މާތް ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވާ ގޮތުގައި، އަމާނާތްތެރިކަމާއި އީމާންކަން އެންމެ ފުރަތަމަ ހަރުލަނީ އިންސާނާގެ ފިޠުރަތާއި ހިތުގެ އަޞްލުގައެވެ. އޭގެ ފަހުގައި، ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި އެ އީމާންކަން ތަރުބިއްޔަތުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގައި ސީދާކަންމަތީ ދެމިހުރުމާއި، ޢަހުދުތަކަށް ވަފާތެރިވުމުގެ މަތިވެރި ސިފަ އިންސާނާގެ ކިބައިގައި އަށަގަނެއެވެ.
އަމާނާތްތެރިކަން އުފުލިގެންދާ ގޮތް (ފަރުދާވެފައިވާ އުނިވުން): ފާފަތަކާއި ފިތުނަތަކުގެ ސަބަބުން ހިތްތަކުން އަމާނާތްތެރިކަން ބޭރުވެގެންދާ ނުރައްކާތެރި ގޮތް މި ޙަދީޘްފުޅުގައި ސިފަކޮށްދެއްވައިފައިވެއެވެ. އެގޮތުން، އަމާނާތްތެރިކަން ކުޑަވަމުން ގޮސް، އެންމެ ފަހުން ހިތުގައި ބާކީ ހުންނަނީ ކުޑަކުޑަ ލަފެއް (الوَكْت) ފަދަ ކަމެކެވެ. އަދިވެސް އިތުރަށް އުނިވަމުން ގޮސް، އޭގެ ނިޝާން ފެންނަން ހުންނަނީ ހަންގަނޑުގައި އުފެދޭ ފޮޅެއް (المَجْل) ފަދައިންނެވެ. އެއީ ބުރަ މަސައްކަތެއްކުރުމުގެ ސަބަބުން ނުވަތަ ފައިމައްޗަށް ދިލަ ހޫނު އަނގުރުގަނޑެއް ވެއްޓިގެން ފޮޅުނެގުމުން، ބޭރުފުށުން އުފުލިފައި ހުއްޓަސް، އޭގެ އެތެރޭގައި އެއްވެސް ދިރުމެއް ނެތް، ހަމައެކަނި ފާސިދު ފެންގަނޑެއް އެކުލެވިގެންވާ ފަދަ ކަމެކެވެ.
ބޭރުފުށުގެ ސިފަތަކަށް މީހުން ހެއްލުން: މި ޙަދީޘްފުޅު ނިމިގެންދަނީ މުޖުތަމަޢުގެ ހަޤީޤީ ހިތްދަތި މަންޒަރަކުންނެވެ. އެއީ މީހުންގެ މެދުގައި މުޢާމަލާތްތަކާއި ވިޔަފާރިތައް ގިނަވެފައި އޮތް ނަމަވެސް، އިޚުލާޞްތެރި އަމާނާތްތެރިން ފެންނަން އޮންނަނީ އުނިކޮށެވެ. މީހުންގެ ދުނިޔަވީ ކާމިޔާބީއާއި، މުޢާމަލާތް ކުރުމުގެ ހުނަރާއި، ހަށިގަނޑުގެ ވަރުގަދަކަމާއި، ބުއްދިވެރިކަމަށް ބަލައި މީހުން އޭނާއަށް ތަޢުރީފުކޮށް، [އޭނާގެ ބުއްދިވެރިކަމާއެވެ! އޭނާގެ ހުޝިޔާރުކަމާއެވެ! އޭނާގެ ވަރުގަދަކަމާއެވެ!] މި ފަދައިން ބުނެ އުޅެއެވެ. ނަމަވެސް، މާތް ﷲ ގެ ޙަޟުރަތުގައި އޭނާގެ ހިތަކީ އީމާންކަމުން ހުސްވެފައިވާ ހިތެކެވެ. އޭނާގެ ހިތުގައި ރެވިއޮއްޓަރެއްގެ މިންވަރުގެ އީމާންކަމެއް ވެސް ނުވެއެވެ.
ތިންވަނަ ބައި: އަމާނާތްތެރިކަން ގެއްލުވާލުމުގެ ބައެއް ގޮތްތައް:
އަމާނާތްތެރިކަން ގެއްލުވައިލުމުގެ ދާއިރާތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި ވެރިކަމާއި، ވަޒީފާއާއި، ވިޔަފާރީގެ މުޢާމަލާތްތަކާއި އަދި ސިއްރުތައް ހިފެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.
ވެރިކަމާއި މަސްއޫލިއްޔަތުގެ ދާއިރާގައި: ޤާބިލުކަން ނެތް މީހުންނާ މަޤާމުތަކާއި ވަޒީފާތައް ހަވާލުކުރުމާއި، ވަކި ފަރާތަކަށް ޖެހިގެން ކަންކަން ނިންމުން.
ވަޒީފާގެ ދާއިރާގައި: މަސައްކަތަށް ފަރުވާކުޑަކުރުމާއި، ކަންނެތްވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުން.
ސިއްރުތައް ހިފެހެއްޓުމާއި ވިޔަފާރީގައި: އޮޅުވައިލުމާއި މަކަރު ހެދުމާއި، މުދާ ދިނުމުގައި ލަސްކުރުމާއި، ގޭގެ ސިއްރުތައް ހާމަކުރުން.
ނަމަވެސް، މީގެ ތެރެއިންވެސް އެންމެ ހިތާމަވެރި އަދި އާއިލީ ބިނާ އެންމެ ބޮޑަށް ހަލާކުކޮށްލާ ކަމަކީ [އިހުމާލުވާ ބަފައެއްގެ] ސިފައެވެ. އެއީ:
ފޯނާއި ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރުން: ދަރީންނަށް ދޭންޖެހޭ ވަގުތުގެ ބަދަލުގައި، ސުމޭކު އިސްކިރީނުތަކަށާއި މުނިފޫހިފިލުވުމުގެ އެކި އެޕްލިކޭޝަންތަކަށް ބައްޕަ މުޅިން ހުސްވެފައި ހުރުމެވެ. މިއީ މިއަދު މުޖުތަމައުގައި އާންމުވެފައިވާ ބޮޑު ވަބާއެކެވެ.
ތަރުބިއްޔަތާއި އީމާންތެރިކަމުގައި އިހުމާލުވުން: ދަރީންގެ ނަމާދުތަކަށް ފަރުވާތެރިވޭތޯ ނުބެލުމާއި، ރިވެތި އަޚުލާޤު ދަސްކޮށްނުދިނުމާއި، ފަނާކުރަނިވި ފިކުރުތަކާއި އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ކަންކަމުން ދަރީން ރައްކާތެރިކުރުމަށް މަސައްކަތް ނުކުރުމެވެ.
އަސަރުގަދަ ދެއްކުންތެރިކަމާއި ދެފުށަށް ކެނޑޭ ސިފަ: މީސްމީޑިއާގެ ތެރޭގައި އެހެން މީހުންނަށް އޯގާތެރިކަމާއި ލޯބީގެ ބަސްތައް އޮއްސަމުންދާ އިރު، އަމިއްލަ ގޭތެރޭގައި އާއިލާގެ މީހުންނާ މެދު ހަރުކަށިކޮށް، ބަދުބަސް ބުނެ، ލޯބީން މަޙުރޫމުކުރުމެވެ. މިއީ މާތް ނަބިއްޔާގެ (خَيْرُكُمْ خَيْرُكُمْ لِأَهْلِهِ) މާނައީ: [ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުވެރީންނަށް އެންމެ ހެޔޮ މީހާއެވެ.] މި ޙަދީޘްފުޅާ މުޅީން ޚިލާފު، އަޚުލާޤީ ގޮތުން ނުބައި ސިފައެކެވެ.
ދިރިއުޅުމުގެ އުފާތައް ހަނިކޮށް ފޭރިގަތުން: ބައްޕަގެ އަމިއްލަ އެދުންތަކާއި މަޖަލަށް ޓަކައި ގެއިން ބޭރުގައި ގިނަވަގުތު ހޭދަކޮށް، އާއިލާ ބަލާނެ މީހަކު ނެތި ވީރާނާވުމަށް ދޫކޮށްލުމަށް ފަހު، ގޭތެރޭގައި ހަރުކަށިކަން ދައްކައި، ދަރީންނަށް ލިބެންޖެހޭ ނަފްސާނީ އަދި އިޖުތިމާއީ ޙައްޤުތަކުން މަހުރޫމްކުރުމެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ތިމާއަކީ މަސްއޫލިއްޔަތު އުފުލާ މީހެއްކަމަށް ދެއްކުމަށް ޓަކައި ދަރީންނަށް ދޭންޖެހޭ ޚަރަދުތަކުގައި ދަތިކުރުމެވެ. ޙަޤީޤަތަކީ އޭނާ މީސްތަކުންނަށް ބިރުގަތަސް، ﷲ އަށް ބިރުވެތި ނުވާކަމެވެ.
ހަތަރުވަނަ: ޝަރުޢީ މަޤާޞިދުތަކާ ސާފުކޮށް ޚިލާފުވުން:
ބައްޕައިން އެމީހުންގެ ދައުރާއި މަސްއޫލިއްޔަތުތަކަށް އިހުމާލުވުމަކީ، އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤްޞަދާ ސީދާގޮތުން ފުށުއަރާ ކަމެކެވެ:-
ދީން ރައްކާތެރިކުރުން: އަޅުކަމާއި އަޚްލާޤީ ސިފަތަކުގެ މައްޗަށް ދަރީން ތަރުބިއްޔަތުކުރުމަށް އިހުމާލުވުމުގެ ސަބަބުން، އެމީހުންގެ ދީނުގެ އަސާސްތައް ނުދަންނަ ޖީލެއް އުފެދިގެންދެއެވެ.
ނަސްލާއި ބުއްދި ރައްކާތެރިކުރުން: އިސްކުރީނުތަކަށް ގެއްލި ހުސްވެފައި ތިބުމުގެ ސަބަބުން ދަރީންނަށް ނަފްސާނީ ނުތަނަވަސްކަން ލިބި، އެ ކުދިންގެ ޢާޠިފީ (އިޙްސާސީ) އަދި ފިކުރީ ކުރިއެރުމަށް ބޭނުންވާ އާއިލީ އުފާވެރިކަމާއި ރައްކާތެރިކަމުން މަޙްރޫމުވެއެވެ.
މުދަލާއި ޤަދަރު (ކަރާމާތް) ރައްކާތެރިކުރުން: މާތްﷲ އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ލެއްވި ފަރާތްތަކަށް ޚަރަދުކުރުމާއި އަޅާލުމުގައި އިހުމާލުވުމާއި، އެއްވެސް ފައިދާއެއް ނެތް ކަންކަމުގައި ވަގުތު ދުއްވައިލުމުގެ ސަބަބުންނެވެ.
ފަސްވަނަ: ތަރުބަވީ، ނަފްސާނީ އަދި އިޖުތިމާޢީ ގެއްލުންތައް:
ތަރުބަވީ އަދި އާއިލީ ނަޒަރިއްޔާތުން ބަލާއިރު، މި އިހުމާލުވުމުގެ ސަބަބުން ފަރުދުންނާއި މުޅި މުޖުތަމަޢަށް ނުހަނު ހިތާމަވެރި، ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެގެންދެއެވެ:-
ދަރީންނަށް (ފަރުދުންނަށް) ކުރާ އަސަރު: ޢާޠިފީ (އިޙްސާސީ) ބޭނުންޖެހުމާއި މަގުއޮޅުން: ގޭގެއިން ބޭރުން އިޙްސާސީ އޯގާތެރިކަން ހޯދަން ދަރީން މަސައްކަތްކުރުން؛ މިއީ އެކުދިން ސުލޫކީ ނުވަތަ ފިކުރީ ނާޖާއިޒު ފައިދާތަކަށް ހުށަހެޅިގެންދާ ކަމެކެވެ.
ނަފްސާނީ ނުތަނަވަސްކަން: ބައްޕަގެ އެހީތެރިކަމާއި އާއިލީ އަޅާލުން ނުލިބުމުގެ ސަބަބުން، އެކުދިންނަކީ ބޭނުންނެތް ބައެއްގެ އިޙްސާސް އުފެދުމާއި، އަމިއްލަ ނަފްސަށް އޮންނަ އިޢުތިބާރު ކުޑަވުމާއި، ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދުން.
ނަމޫނާއަށް އޮންނަ އިޙްތިރާމް ކެނޑުމާއި އަޚްލާޤީ ސިހުން: ބައްޕަގެ ފުށުން ދެފުށްދެގޮތްކަން ދަރީންނަށް ފެނުމުން، ބައްޕައަށް އޮންނަ ޤަދަރު އެ ކުދިންގެ ކުރިމަތީގައި ވެއްޓި، މާތް ސިފަތަކަށް އޮންނަ ޔަޤީންކަން ގުޑަވެގެންދެއެވެ.
މުޖުތަމަޢަށް ކުރާ އަސަރު:
އާއިލީ އަސާސްތައް ރޫޅިގެންދިއުން: ގޭގެއަކީ ހަމަޖެހުމާއި އޯގާތެރިކަމުގެ އިޙްސާސުގެ ބަދަލުގައި ފޫހިކަމާއި، ޚިލާފުތަކާއި، ހިތްހަރުކަމުގެ މައިދާނަކަށް ބަދަލުވުން.
ނިކަމެތި ޖީލެއް މުޖުތަމަޢަށް ނުކުމެގެންދިއުން: ނަފްސާނީ އަދި އަޚްލާޤީ ގޮތުން ރައްކާތެރިކަމެއް ނެތް ފަރުދުން މުޖުތަމަޢަށް ނުކުތުން؛ މިއީ ކުށްކުރުމާއި، މަސްތުވާތަކެއްޗަށް އެބުރުމާއި، އާއިލާތައް ރޫޅުން އިތުރުވެގެންދާ ކަމެކެވެ.
ޚިޔާނާތްތެރިކަން ތަކުރާރުވުން: ބެލެނިވެރިކަމުގެ އަމާނާތް އުނިކޮށްފައިވާ ގޭތެރެއެއްގައި ބޮޑުވާ ކުއްޖާ، މުސްތަޤުބަލުގައި އޭނާގެ ވަޒީފާއާއި، ކާވެންޏާއި، މުޖުތަމަޢުގައިވެސް އެފަދަ އިހުމާލުވުންތައް ތަކުރާރުކޮށްފާނެކަމުގެ ބިރުއޮތުން.
ޝަރުޢީ އަދި ތަރުބަވީ ޚުލާޞާ
އަމިއްލަ ގޭގެއާއި ދަރީންގެ އަމާނާތް، ބޭކާރު ކަންކަމާއި، ފޯނުތަކާއި، އަމިއްލަ އެދުންތަކަށް ބަދަލުކޮށް، ހުއްދަކަންކަމުގައި މަޝްޣޫލުވެ ވާޖިބުތައް އުނިކޮށް، އަމިއްލަ އާއިލާއަށް އަޅައިނުލައި ބޭރު މީހުންނަށް އޯގާތެރިކަން އޮއްސާ ބައްޕައަކީ، އޭނާގެ ރަޢިއްޔިތުންނަށް ސީދާގޮތެއްގައި ޚިޔާނާތްތެރިވެފައިވާ މީހެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ… وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ) މާނައީ: [ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. އަދި އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލުކުރެވޭނެއެވެ... އަދި ފިރިހެނާއަކީ އޭނާގެ އާއިލާގެ ބެލެނިވެރިޔާއެވެ. އަދި އޭނާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލުކުރެވޭނެއެވެ.]
އަދި ހިތްތަކުން އަމާނާތްތެރިކަން މުޅިން އުފުރިގެންގޮސް، ﷲގެ ޙަޟުރަތުގައި ޙިސާބުދެއްކެވުމަށް ތިބެންޖެހޭ ދުވަސް އައުމުގެ ކުރިން (وقفوهم إنهم مسؤولون – [އެއުރެން ހުއްޓުވާށެވެ! ހަމަކަށަވަރުން، އެއުރެންނީ ސުވާލުކުރައްވާނެ ބަޔެކެވެ.] ބައްޕައިން އަވަހަށް ހޭއަރައި، އާއިލާގެ އުނގަށް އެނބުރި އައިސް، ތަރުބިއްޔަތުކުރުމުގެ އަމާނާތް އަދާކުރުމަށް ވާޖިބު ގޮވައިލައެވެ.
އަދި މުޖުތަމަޢުތައްވެސް ހޭއަރައި، މި ނުރައްކާތެރި ޢަމަލު ފެތުރުމާ ދެކޮޅަށް އިންކާރުކޮށް، ބަހުންނާއި ހިތުން އަދި ޢަމަލުން އެ ކަން ހުއްޓުވާން މަސައްކަތްކުރާންޖެހެއެވެ. އަދި އަންހެނުންގެ ކެތްތެރިކަމާއި، ހިތާމަތައް ވަންހަނާކުރުމުގެ މައްޗަށް ބިނާވެފައިވާ ގޭގޭގައި އަނިޔާލިބޭ މީހުންނަށް އެހީތެރިވާންޖެހެއެވެ. އެފަދަ ގޭގޭގެ ވެރީން އުޅެނީ އަމިއްލަ ނަފްސައިގެން މަޝްޣޫލުވެ، ދީނުގެ ނިވާފަތިގަނޑުގެ ނާޖާއިޒު ފައިދާނަގައި، އެމީހުންގެ ޚިޔާނާތާއި އަމާނާތަށް އިހުމާލުވާކަން ނިވައިކުރުމަށް ޝަރުޢީ ނައްޞުތައް ބޭނުންކުރާ ހާލުގައެވެ. (ނިމުނީ)