ad_banner
އޮޅުންބޮޅުންތަކެއް ސާފުކޮށް އޮޅުންފިލުވައިދިނުން (1)

އިސްމާޢީލު މުބާރަކު

10 އޮކްޓޯބަރު 2026

އޮޅިފައިހުރި ބައިވަރު ވާހަކަތަކެއް އޮޅުން ފިލުވައިދިނުމުގެ މަޤުސަދުގައި މި މުހިންމު ލިޔުން އަޅުގަނޑު ތައްޔާރުކުރީމެވެ. ކަންވާރު ބޮނޑި ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ.  إنشاء الله، އަޅުގަނޑު، އެ އޮޅުން ފިލުވައިދޭނަމެވެ. ހަކުރާ ގެޔަށް ޒަންގީން ވަން ގޮތަށޭ މީހަކު ބުންޏަސް، ޤަބޫލުފުޅުނުކުރައްވާށެވެ! ހަކުރާ ގެޔަށް ޒަންގީންނެއް ދުވަހަކުވެސް ނުވަދެއެވެ. ޒަންގީން ނިޞްބަތް ވަނީ ސޫރިޔާގައި މެދު ޒަމާނުގައި ވެރިކަންކުރަމުން ގެންދެވި نور الدين الزنقي  (ނޫރުއްދީނުލްޒަންޤީ)ގެ ލަޝްކަރަށެވެ.

ސަލީބީން (Crusaders)އަކީ  ޢީސާއީ ދީނަށް އުޅޭ އެންމެނަށް ކިޔާ ނަމެއް ނޫނެވެ. އެއީ ކެތޮލިކް މަޒުހަބުގެ ކްރިސްޓިއަނުންގެ ތެރޭން އެހެން ދީންތަކުގެ މީހުންނާ [ދީނީ ޖިހާދު]ކުރާ މީހުންނަށް ކިޔާ ނަމެކެވެ. 

ޢީސާޢީ ދީނުގެ ސަލަފީން (Orthodox christian)އަށް ކިޔަނީ ސަލީބީން ނުވަތަ (Crusaders)އެއް ނޫނެވެ. އެއީ [ބައިޒޭންޓީނީން]އެވެ. [ބައިޒޭންޓީން]އާއި ކްރުސޭޑަރސް އެއީ  ތާރީޚުގައި ވެސް މުޅިން ދެ ބަޔެކެވެ.

އިބްނުލްއަޘީރަކީ ފިޤުހީ ޢިލްމުތަކަށް ކުޅަދާނަ، އަދި ތާރީޚާއި ނަސަބުގެ ޢިލްމުގައި އަރައިހުންނެވި ސުންނީ ޢިލްމުވެރިއެކެވެ. އެކަލޭގެފާނަކީ މުސްލިމް ތާރީޚީ ޢިލްމުވެރީންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނައިލެވޭ ބޭކަލެކެވެ. އެކަލޭގެފާނަކީ ޙަދީޘް ޢިލްމާއި ތާރީޚީ ކަންކަމުގައި އިމާމެކެވެ. އަދި އިބްނު ކަޘީރު ބަޔާންކުރައްވައިފައިވާ ގޮތުގައި އެކަލޭގެފާނު ލިޔުއްވި ތާރީޚު ފޮތަކީ އެންމެ ފުރިހަމަ އެއް ފޮތެވެ.

ފާޠިމީ ދައުލަތަކީ އެ ކަލޭގެފާނުގެ ޢަޤީދާއާ ތަފާތު ދައުލަތެއް ނަމަވެސް، އެ ދައުލަތާ ބެހޭ ގޮތުން ލިޔުއްވުމުގައި ވަރަށް ބޮޑަށް އިންޞާފުވެރިކަން އިސްކުރެއްވިއެވެ. އެކަލޭގެފާނު ހާދިސާތައް ގެނެސްދެއްވީ އަހަރުތަކުގެ ތަރުތީބުން، ޚަލީފާއިންގެ ދައުރުތަކާ އެއް ގޮތަށެވެ. މިސާލަކަށް، ފާޠިމީންގެ ނަސަބާ ބެހޭ ގޮތުން އުފެދިފައިވާ ދެބަސްވުންތަކުގައި އެކަލޭގެފާނު އެ ބޭފުޅުން ސިފަކުރެއްވީ [ޢަލަވީން]ގެ ގޮތުގައެވެ. އެ ދުވަސްވަރުގެ ބައެއް އެހެން ޢިލްމުވެރީން އެބޭފުޅުންނަކީ ޔަހޫދީން ނުވަތަ ފާރިސީންކަމަށް ބަޔާންކުރައްވައިފައިވީ ނަމަވެސް، އިބްނުލްއަޘީރު އެ ފަދަ ބަސްތަކެއް ބޭނުންފުޅެއްނުކުރައްވައެވެ.

އިބްނުލްއަޘީރަކީ ފާޠިމީ ދައުލަތުގެ ފަހު ދުވަސްވަރު ދުނިޔޭގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 555ވަނަ އަހަރުއެވެ. ފާޠިމީ ދައުލަތް ނިމުމަކަށް އައީ ހިޖުރައިން 567ވަނަ އަހަރުކަމަށްވުމާ އެކު، އެ ދައުލަތް އުވުނު އިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ބާރަ އަހަރެވެ. އެހެންކަމުން އެކަލޭގެފާނު ހާދިސާތައް ގެނެސްދެއްވީ އެ ކަންކަން ހިނގަމުންދިޔަ ދުވަސްވަރާ ވަރަށް ގާތުންނެވެ. މީގެ އިތުރަށް، ހިޖުރައިން 584ވަނަ އަހަރު ޞަލާޙުއްދީނުލްއައްޔޫބީ ޤުދުސް މިނިވަންކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި އިބްނުލްއަޘީރު ޝާމް ކަރައަށް ދަތުރުކުރައްވައި، ދިމިޝްޤުން ޞަލާޙުއްދީނާ ބައްދަލުވެވަޑައިގެންފައިވާނެކަމަށް ބެލެވެއެވެ. އެކަލޭގެފާނަކީ ދިމިޝްޤާއި، ޙަލަބާއި، ބަޣުދާދާއި ޤުދުސާ ދެމެދު އަބަދު ވެސް ދަތުރުފަތުރުކޮށް އުޅުއްވި ބޭކަލެކެވެ.  މިސްރުގެ އަޒްހަރު ޔުނިވަރސިޓީ އުފެއްދީ ފާތިމީންނެވެ. ފުރަތަމައަށް އެ ތަން ބޭނުންކުރެއްވީ ތަޢުލީމުދޭ  މިސްކިތެއްގެ ގޮތުގައެވެ.  ފަހުން ޔުނިވަސިޓީއަކަށް ބަދަލުކުރީއެވެ.

އިބުލްއަޘީރުގެ (الاخبار الدولة الفاطمية في كتاب الكامل التاريخ عز الدين ابن الاثير)  މި ފޮތުގައި ލިޔުއްވައިފައިވެއެވެ.

ފާތިމީ ދައުލަތުގެ ލަޝްކަރު ބިނާވެގެންވީ ސޫދާނުގެ ފިރިހެނުންގެ މައްޗަށެވެ. އަދި އެ ދައުލަތުގެ ޚަލީފާއިންގެ ހަށިފާރަވެރީންނަކީ ވެސް އެ މީހުންނެވެ. ޞަލާޙުއްދީން މިޞްރުގެ މައްޗަށް ފުރިހަމައަށް އަތްގަދަކުރައްވައި ފާތިމީންގެ ދަނޑު ފަނގުތަކާއި މީހުން ނައްތައިލުމުގެ ކުރީން، ޚަލީފާގެ އެންމެ އިތުބާރުހުރި މީހާ (އެއީ ސޫދާނު މީހެކެވެ.) ޞަލާޙުއްދީން އަވަހާރަކޮށްލާން އޭނާ މަސައްކަތްކުރިކަމަށް ތުހުމަތުކުރެއްވިއެވެ. ނަމަވެސް ޞަލާޙުއްދީނަށް މި ރޭވުމުގެ ޚަބަރު ލިބިވަޑައިގެން، ޚަލީފާގެ އެ އިތުބާރުހުރި (ޖައުހަރުގެ ނަމުން ނަންދެވިފައިވާ މި މީހާ) އަވަހާރަކޮށްލެވެންދެން ފާރަލެއްވިއެވެ.

އިބްނުލްއަޘީރު އިތުރަށް ވިދާޅުވި ގޮތުގައި، ޚަލީފާގެ އެ އިތުބާރު ހުރި މީހާ މަރައިލުމާ ގުޅިގެން މިޞްރުގައި ތިބި ސޫދާނު މީހުންގެ ތެރޭގައި ސަލާހުއްދީނުލްއައްޔޫބީއާ މެދު ނަފުރަތު އުފެދި، ސަލާހުއްދީނުގެ ލަޝްކަރާ ހަނގުރާމަކުރުމަށް ޓަކައި ފަންސާސް ހާހަށް ވުރެ ގިނަ މީހުން އެއްވިއެވެ.

މި ހަނގުރާމައިގައި ދެ ފަރާތުން ވެސް ގިނަ ބަޔަކު މަރުވިއެވެ. އެއަށް ފަހު، [އަލްމަންޞޫރާ]ގެ ނަމުން މަޝްހޫރުވެފައިވާ އެ މީހުންގެ އަވަށަށް ޞަލާޙުއްދީން ލަޝްކަރެއް ފޮނުއްވައި، އެ މީހުންގެ މުދަލާއި، ދަރީންނާއި، އަންހެނުންނާ އެކު، އެ ތަން އަންދައިލެއްވިއެވެ. މި ޚަބަރު ލިބުމުން އެ މީހުން ބަލިވެގެން ފިލާން ދުވި އިރު، ހަނގުރާމަވެރީން އެ މީހުންގެ ފަހަތުން ގޮސް މަގުތަކުގެ ދޮރުތައް ބަންދުކުރިއެވެ. (އޭނާ ވިދާޅުވާ ގޮތުގައި) "ދެން ސަލާހުއްދީނުގެ ލަޝްކަރުން ކަނޑީން އެ މީހުން ނައްތައިލެއްވިއެވެ. ސަލާމަތްވީ މަދު ބަޔަކު އެކަންޏެވެ.

މިހެންކަމުން، ފާތިމީ ދައުރުގައި ސޫދާނު މީހުންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބިފައިވީ އިރު، އެ މީހުންނަށް ކުރިމަތިވި މި ހިތްދަތި ހާދިސާގެ ސަބަބަކީ ޝީޢީންގެ އަހުލުބައިތުންނަށް ތަބަޢަވުމަށް ބިނާވެފައިވާ ފާތިމީ ދައުލަތުގެ ފިކުރު އެ މީހުން ބަލައިގަތުމުގެ ސަބަބުން ދިމާވި ކަމެކެވެ. (ނުނިމޭ)

ކޮމެންޓު