އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
2 އޮކްޓޯބަރު 2026
· މުނިފޫހިފިލުވުމަށް ޓަކައި ފޮތް ކިޔުމަކީ ނަފްސާނީ ސިއްހަތު ރަނގަޅުކޮށްދީ، ހިތްނުތަނަވަސްކަމާއި ހާސްކަން (ނުވަތަ ސުޓުރެސް) ކުޑަކޮށްދީ، އަދި އެހެން މީހުންނާ އޮންނަ ގުޅުން ބަދަހިކުރުމުގައި އެހީތެރިވެދޭ ކަމެކެވެ.
· ދިރާސާތަކުން ދައްކާ ގޮތުގައި ފޮތް ކިޔުމުން ސިކުނޑީގެ މަސައްކަތްތައް ހަރަކާތްތެރިވެ، ހަނދާން ގަދަވެ، އަދި ވިސްނުމުގެ ބާރު ދެރަވުމާއި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
· ޚިޔާލީ ވާހަކައެއް (ފިކްޝަން) ކިޔައިލާން ފަސް ވަރަކަށް މިނެޓު ހޭދަކޮށްލުމުން ވެސް ސުޓުރެސް 20 އިންސައްތަ ކުޑަވެ، ސަމާލުކަންދިނުމުގެ ގާބިލުކަމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރު ވަރަށް ބޮޑަށް ރަނގަޅުވެދެއެވެ.
_____________________
ފާއިތުވި ދެ ދަހަރުގެ ތެރޭގައި، އެމެރިކާގައި މުނިފޫހިފިލުވުމުގެ ގޮތުން ފޮތްކިޔާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ދިވެހިރާއްޖޭގައި މި ޙާލަތު އަދި މާ ގޯސްކަން ވެސް އަޅުގަނޑުމެންނަށް އެނގެއެވެ.
މި ކަމާ ގުޅޭ ގޮތުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މުނިފޫހިފިލުވުމަށް ޓަކައި ފޮތް ކިޔަނީ އާބާދީގެ އެންމެ 16 އިންސައްތަ މީހުންނެވެ. ނަމަވެސް، ފޮތެއް ނަގައިގެން ކިޔައިލުމަކީ ޑޮކްޓަރެއްގެ އިރުޝާދެކޭ އެއްފަދަ ކަމަކަށް ވެދާނެއެވެ. ސަބަބަކީ މި ކަމުގެ ސަބަބުން އިނބަގެ ސިކުނޑިއަށާއި ދިރިއުޅުމުގެ އުފާވެރިކަމަށް އެދެވޭ ހެޔޮ އަސަރުތަކެއްކުރާތީއެވެ. އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ކޭމްބްރިޖްގެ ޑިޕާޓްމަންޓް އޮފް ސައިކިއޭޓްރީގެ ސައިންސްވެރީން ވަނީ އިނގިރޭސިވިލާތުގެ އަދަބީ ޗެރިޓީއެއް އަދި ރާނީ ކެމިއްލާ އިސްނަންގަވައިގެން އުފައްދަވާފައިވާ ފޮތްކިޔުމުގެ ނާޑެއްކަމަށްވާ [ދަ ކުއީންސް ރީޑިންގް ރޫމް]އާ ގުޅިގެން، ސިކުނޑީގެ މަސައްކަތްތަކަށާއި، ވިސްނުމުގެ ހުނަރުތަކަށް، އަދި ނަފުސާނީ ސިއްހަތުގެ ދުޅަހެޔޮކަމަށް ޓަކައި މުނިފޫހިފިލުވާން ފޮތް ކިޔުމުން ލިބޭ ފައިދާތަކުގެ އިތުރަށް އިޖުތިމާއީ އެކަހެރިކަމާއި އެކަނިވެރިކަމަށް މިއިން ކުރާ އަސަރުތައް ފާހަގަކޮށްފައެވެ.
[ސައިކޮލޮޖިކަލް މެޑިސިން] (ނަމަކަށް ކިޔާ ޖާނަލެއް)ގައި ޝާއިއުކުރެވުނު ދިރާސާއެއްގައި، އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ކޭމްބްރިޖްގެ ކްލިނިކަލް ނިއުރޯސައިކޮލޮޖީގެ އެމެރިޓަސް ޕްރޮފެސަރު ބާބަރާ ސަހާކިއަނާއި ޑރ. ކްރިސްޓެލް ލެންގްލީގެ އިތުރަށް [ދަ ކުއީންސް ރީޑިންގް ރޫމް]ގެ ސީއީއޯ ވިކީ ޕެރިން ބަޔާންކުރައްވާ ގޮތުގައި، ކިޔަނީ ކޮން އެއްޗެއްކަމާއި ކިޔަނީ ކިހިނެއްކަމެއް މުހިންމެއް ނޫނެވެ. ހިތްހަމަޖެއްސުމަށް ޓަކައި ފޮތް ކިޔުމުން ބޮޑެތި ފައިދާތަކެއް ލިބިދެއެވެ. އަދި ފޮތްކިޔާ ނާޑެއްގެ މެންބަރަކަށް ވެގެން ނުވަތަ ބެލެނިވެރިއަކު ދަރިންނާ އެކު ފޮތް ކިޔުން ފަދަ އެހެން މީހުންނާ އެކު ފޮތް ކިޔުމުން މިއަށް ވުރެ ވެސް ބޮޑެތި ފައިދާތައް ލިބިދެއެވެ. ޕްރޮފެސަރު ސަހާކިއަނާއި ޑރ. ލެންގްލީއާއި އެ ބޭފުޅުންގެ ބައިވެރީން 10,000 އަށް ވުރެ ގިނަ ކުޑަކުދީން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި، އުމުރުގެ ކުރީކޮޅު މުނިފޫހިފިލުވުމަށް ޓަކައި ފޮތް ކިޔާން ފެށި ކުދީންގެ ކިބައިން ސަމާލުކަންދިނުމާއި، ހަނދާންގަދަވުމާއި، މަސައްކަތްތައް ރޭވުމުގެ ހުނަރު ރަނގަޅުވުމާއި، ތައުލީމީ ގޮތުން ބޮޑެތި ކުރިއެރުންތައް ހޯދުމާއި، ނަފްސާނީ މައްސަލަތައް މަދުވުމުގެ އިތުރަށް ގިނައިން ނިދުމާއި އިލެކްޓްރޯނިކު ސާމާނުގެ އިސްކިރީނަށް ބަލާ ވަގުތު މަދުވުން ފަދަ ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތައް ފެނިފައިވެއެވެ. އެހެނިހެން ދިރާސާތަކުން ދައްކާ ގޮތުގައި މި ކަމުގެ ސަބަބުން ބޮޑެތި މީހުންނަށް ވެސް، ޚާއްސަކޮށް ދިރިއުޅުމުގެ އުފާވެރިކަމާ ގުޅޭ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިދެއެވެ. މީގެ ތެރޭގައި ސުޓުރެސް ކުޑަވުމާއި ހަމަޖެހުން ލިބުމާއި، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމާއި ނަގައިގަތުމުގެ ގާބިލުކަން އިތުރުވުމާއި، ތަފާތު ޚިޔާލުތަކަށް ދޫދިނުމުގެ އާދަ އަށަގަތުން ހިމެނެއެވެ. 2024ވަނަ އަހަރު [ދަ ކުއީންސް ރީޑިންގް ރޫމު]ން ކުރުވި ނިއުރޯސައިންސް ދިރާސާއަކުން ދައްކާ ގޮތުގައި، ޚިޔާލީ ވާހަކައެއް ކިޔައިލާން ފަސް މިނެޓު ހޭދަކޮށްލުމުން ވެސް ސުޓުރެސް 20 އިންސައްތައާ ހަމައަށް ކުޑަކޮށްދެއެވެ. އަދި ސަމާލުކަންދިނުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރު އިތުރުކޮށްދީ، އެކަނިވެރިކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ. އެހެން ދިރާސާއަކުން ދެއްކި ގޮތުގައި، ހިތްހަމަޖެހުން ހޯދުމަށްޓަކައި އެކިއެކި ބުއިންތައް ބުއިމަށްވުރެ (31 އިންސައްތަ) ނުވަތަ ހޫނު ފެނުން ފެންވެރުމަށް ވުރެ (10 އިންސައްތަ)، ފޮތްކިޔުން ގިނަ މީހުން (35 އިންސައްތަ) އިޚުތިޔާރުކުރެއެވެ.
ދިރާސާއިން ދައްކާ ގޮތުގައި ސިކުނޑިއަށް ހަމަޖެހުން ގެނެސްދީ އުފާވެރި ވަގުތު ހޭދަކުރުމުގެ ހަރަކާތްތަކަކީ—ޚާއްޞަކޮށް ފޮތްކިޔުމަކީ—އުމުރުން ދުވަސްވީ މީހުންގެ ވިސްނުމުގެ ބާރުދެރަވުން ލަސްކޮށްދީ، ހަނދާންނެތޭ ބަލި (ޑިމެންޝިއާ) ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. މިސާލަކަށް، އުމުރުން 55 އަހަރާއި އެއަށްވުރެ ދޮށީ 5500 އެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި، ފޮތްކިޔުން ހިމެނޭހެން މި ފަދަ ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވި މީހުން، ފަސް އަހަރުގެ ދިރާސާ މުއްދަތުގެ ތެރޭގައި ސިކުނޑީގެ ނުކުޅެދުންތެރިކަން އިތުރުވުމުގެ ފުރުސަތު ނިސްބަތުން ވަރަށް ބޮޑަށް ކުޑައެވެ. އަދި ނޫހާއި، މަޖައްލާއާއި، ފޮތް ކިޔުމަކީ އެލްޒައިމާސް ބަލި ޖެހުމުގެ ފުރުސަތު 33 އިންސައްތަ ކުޑަކޮށްދޭ ކަމެއްކަން އެހެން ދިރާސާއަކުން ވެސް ވަނީ ސާބިތުވެފައެވެ.
ސިކުނޑީގެ [އިމޭޖިންގ] ދިރާސާތަކުން ދައްކާ ގޮތުގައި، ފޮތްކިޔުމާއި ސިކުނޑީގެ އޮނިގަނޑަށް އަންނަ ތަފާތުތަކާ ދެމެދު ގުޅުމެއްވެއެވެ. މީގެ ތެރޭގައި ބަސްމޮށުންތެރިކަމާއި، އުނގެނުމާއި، ޖަޒުބާތުތައް ކޮންޓުރޯލުކުރުމާއި، ސިކުނޑީގެ އިސް މަސައްކަތްތައް ބެލެހެއްޓުމާ ގުޅޭ ސަރަހައްދުތަކުގެ ބޮޑުމިނާއި ކޯޓިކަލް ސަރަޙައްދު ބޮޑުވުމާއި ބަސްމޮށުންތެރިކަން ދެނެގަތުމަށް އެހީތެރިވެދޭ ވައިޓް މެޓަރގެ ގުޅުން ވަރުގަދަވުމާއި ބަސްމޮށުންތެރިކަމާ ގުޅޭ މުހިންމު ސަރަހައްދުތަކުގައި ކޯޓިކަލްގެ ބޯމިން އިތުރުވުން ހިމެނެއެވެ.
އޭގެ އިތުރަށް، ފޮތްކިޔުމުގެ ނާޑުތަކަކީ އުމުރުން ދުވަސްވީ މީހުންނަށް އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޓަކައި ލިބޭ މުހިންމު ފުރުސަތެކެވެ. [އެކުގައި ފޮތްކިޔާ ގުރޫޕްތަކާއި ފޮތްކިޔާ ނާޑުތަކުގެ އިޖުތިމާއީ ބައްދަލުވުންތަކުގެ ސަބަބުން އިތުރު ފައިދާތަކެއް ލިބޭކަން ފާހަގަކުރެވެއެވެ.] ސަހާކިއަން ވިދާޅުވިއެވެ. [މިފަދަ ކަންކަމުގެ ސަބަބުން މީހުން އެކަނިވެރިކަން ކުޑަވެ، އެހެން މީހުންނާ އޮންނަ ގުޅުން ބަދަހިވެއެވެ. އަދި މިއީ ހަނދާންނެތޭ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއްކަން ވަނީ ދިރާސާއިން ސާބިތުވެފައެވެ.] (ބައެއް މަޢުލޫމާތު: ކޭމްބްރިޖު/ ބީބީސީ)
ދެ ލަފުޒެއްގެ މާނަ:
ނާޑު ނ. (1) އެކުވެރިވެގެން ކަމެއް ކުރާ އޮޅިއެއް. (2) ޖަމާޢަތެއް. (3) މިލި އެކުވެރިވެފައިވާ ބައެއް. club
ދަހަރު ނ. ދިހަ އަހަރުގެ މުއްދަތު. dacade