އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
3 އޮކްޓޯބަރު 2026
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޝަންގެ މެންބަރު އަލްއުސްތާޒާ ފާޠިމަތު ސައުސަން އަވަހާރަވި ޚަބަރަކީ އޭނާގެ ޢާއިލާގެ އިތުރަށް ތަޢުލީމީ ދާއިރާއާއި ޤާނޫނީ ދާއިރާގެ ގިނަ ބަޔެއްގެ ހިތަށް ހިތްދަތިކަން ގެނުވި ހިތާމަވެރި ޚަބަރެކެވެ.
ތައުލީމީ ދާއިރާގައްޔާއި ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އަލްއުސްތާޛާ ފާޠިމަތު ސައުސަނަކީ، ގާނޫނީ ވަކީލެއްގެ ގޮތުން ވެސް ގިނަ ޚިދުދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ފާޠިމަތު ސައުސަނަކީ ކުޅަދާނަ އިނގިރޭސި މުދައްރިސެކެވެ. އިނގިރޭސި ބަހަށް އާދަޔާ ޚިލާފަށް މޮޅުފުޅު ސައުސަން އިނގިރޭސި ލަފުޒުތައް ތަލައްފުޒުކުރައްވާ ގޮތަކީ ވެސް އިނގިރޭސިބަހުގެ އަހުލުވެރީންނާ އެއް ގޮތް ގޮތެކެވެ. އެހެންކަމުން އޭނާއަކީ އިނގިރޭސިބަހުން ލިޔުއްވާށާއި ވާހަކަފުޅުދައްކަވާން ވެސް ވަރަށް މޮޅުފުޅު ބޭފުޅެއްކަން ސާބިތުވެއެވެ. އޭނާ ވަނީ ކުދީންނަށް ކިޔަވައިދޭ އަމިއްލަ މުއައްސަސާއެއް ވެސް ހިންގަވައިފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2014ގައި އުފެދިގެން މަސައްކަތް ފަށައިގަނެވުނު ދުވަސްވަރު އޭނާ ވަނީ އެ އޮފީހުގެ ޑިރެކްޓަރ، ލީގަލް އެފެއަރޒްގެ މަގާމުގައި ހުންނަވައިގެން ވަރަށް ގިނަގުނަ އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އޭނާ ވަޒީފާގައި ދައްކަވައިފައިވަނީ އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއި ގާބިލުކަމާއި ކަށަވެތިކަމެވެ.
އުސްތާޒާ ސައުސަން އަވަހާރަވި އިރު ހުންނެވީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޝަންގެ މެންބަރަކަށެވެ. މި ދިޔަ ބުރާސްފަތި ދުވަހު ޓްރައިބިޔުނަލްގައި ބޭއްވި މަޖްލިސްގައި ވެސް ދާދިވަރުކޮށް ބައިވެރިވެވަޑައިގެން ބިނާކުރަނިވި ޚިޔާލުފުޅުތަކެއް ދެއްވައިފައިވާކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޒު އަމްޖަދު މުސްޠަފާ މިއަދު އަޅުގަނޑު ގާތު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އަލްއުސްތާޒާ ފާޠުމަތު ސައުސަން ޢައްޔަނުކުރެއްވީ 2024ވަނަ އަހަރު އޮކުޓޫބަރު މަހުގެ ތެރޭގައެވެ.
ހިތްޕުޅު ހެޔޮ، މީހުންނާ ގުޅޭ މިޒާޖެއްގެ ވެރި، އަދި ފޮރުވުމެއް ނެތި ޚިޔާލުފުޅުތައް ޙިއްސާކުރައްވާ ސައުސަން އަވަހާރަވެފައިވަނީ ގައިންގަޔަށް ނާރާ ބައްޔެއްގައި ބޭސް ފަރުވާ ހޯއްދެވުމަށް ޓަކައި އިންޑިއާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވި އިރު، ދަރިކަލަކާއި ފިރިކަލަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. އަވަހާރަވި އިރު، އަރިހުގައި ހުންނެވީ ފިރކަލުންނެވެ. ދަރިކަލުން ހުންނެވީ މަތީތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި މެލޭޝިއާގައެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ސައުސަންގެ ގަބުރު މާލެ ގެނެވޭތޯ ޢާއިލާއިން މަސައްކަތް އެބަ ކުރެއެވެ. އިންޑިއާގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ގޭގައި މަރުވެއްޖެ ކޮންމެ މީހަކު ގެނެވޭނީ ޕޯސްޓު މޯޓަމް ހެދުމަށް ފަހުގައެވެ. މީގެ އިތުރަށް މެލޭޝިއާގައި ހުންނެވި ދަރިކަލުން ވެސް ރާއްޖެ ގެނެވޭތޯ ވެސް މަސައްކަތް އެބަ ކުރެވެއެވެ. ސައުސަންގެ ގަބުރު މާލެ ގެނެވިއްޖެ ނަމަ، ވީހައި ގިނަ ބަޔަކު ސައުސަންގެ ޖަނާޒާގައި ބައިވެދިނުމަކީ [ފަރަގު]ގެ ވަރަށް ބޮޑު އެދުމެކެވެ.
ކީރިތިވަންތަ މާތް ﷲ އަލްއުސްތާޒާ ފާޠިމަތު ސައުސަން (رحمهاالله)ގެ ފުރާނަފުޅަށް ސުވާރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! ޢައިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށިއެވެ! އަލްއުސްތާޒާ ފާޠިމަތު ސައުސަން (رحمهاالله)ގެ ޢާއިލާއަށާއި އެކުވެރީންނަށް [ފަރަގު] ޓީމުން އިޚުލާޞްތެރިކަމާ އެކު ތަޢުޒިޔާ ދަންނަވަމެވެ.