އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
15 ސެޕްޓެންބަރު 2026
މެލޭޝިއާއަކީ ދެކުނު އިރުމަތީ އޭޝިއާއަށް ނިސްބަތްވާ، އިޤްތިޞާދީ އަދި ސަޤާފީ ގޮތުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ މުހިންމު ޤައުމެކެވެ. ދިވެހިރާއްޖެއާ ގުޅުން ބޮޑު އަދި ވަރަށް ގިނަ ދިވެހީން މަތީތަޢުލީމަށާއި ދިރިއުޅުމަށް ޓަކައި އިޚުތިޔާރުކުރާ ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ މުސްލިމު ދައުލަތެކެވެ. މި މުހިންމު ޤައުމުގެ ބޮޑުވަޒީރު، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ މި ދަނޑިވަޅުގައި މެލޭޝިއާގެ އިދާރިއްޔަތާއި، އިޖުތިމާޢީ ޙާލަތާ ބެހޭ ގޮތުން [ފަރަގު]ގެ ކިޔުންތެރީންނަށް މައުލޫމާތު ޙިއްޞާކޮށްލުމަކީ މުނާސަބު ކަމެއްކަމަށް ދެކެމެވެ. މެލޭޝިއާގެ ބޮޑުވަޒީރާ ބެހޭ ވަރަށް ގިން މަޢޫލޫމާތު އިއްޔެ ވާނީ ތިޔަ ލޮބުވެތި ކިޔުންތެރީންނާ ޙިއްޞަކޮށްފައެވެ.
މެލޭޝިއާ އޮންނަނީ ދެކުނު އިރުމަތީ އޭޝިއާގެ މެދުތެރޭގައެވެ. މި ޤައުމުގެ ބިން ބެހިގެންވަނީ މައިގަނޑު ދެ ބައަކަށެވެ. އެއީ މެލޭޝިއާގެ މައި ބައްރު (ހުޅަނގު މެލޭޝިއާ)އާއި ބޯނިއޯ ޖަޒީރާގައިވާ އިރުމަތީ މެލޭޝިއާއެވެ. މި ދެބައި ވަކިވެފައިވަނީ ދެކުނު ޗައިނާ ކަނޑުންނެވެ. މެލޭޝިއާއަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ބޮޑަށް ލިބެނީ އިރުމަތީ މެލޭޝިއާގެ ބިމުންނެވެ.
މެލޭޝިއާގެ ބިމުގެ ބޮޑުމިނެއްކަމަށް ބަލަނީ ގާތްގަނޑަކަށް 329,847 އަކަކިލޯމީޓަރެވެ. މެލޭޝިއާގެ ދެ ބައްރުގެ އާބާދީގައި ގާތްގަނޑަކަށް 34 މިލިއަން މީހުން ހިމެނޭކަމަށް ތަފާސްހިސާބުތަކުން ފެނެއެވެ. މިއީ ތަފާތު ގިނަ ނަސްލުތަކެއް އެކުވެގެން ދިރިއުޅޭ މުޖުތަމަޢެކެވެ. އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މެލޭ ނަސްލުގެ މީހުންނެވެ. ދެން އެންމެ ގިނައީ ޗައިނާ ދަރިކޮޅު މީހުންނާއި ތަމަޅަ ނަސްލުގެ މީހުންނެވެ.
މެލޭޝިއާގެ ދުސްތޫރުގައި ކަނޑައަޅޅައިފައިވާ ގޮތުން އެ ޤައުމުގެ ދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީނެވެ. ނަމަވެސް އެހެން ދީންތަކުގެ މީހުންނަށް އަޅުކަންކުރުމުގެ ޙައްޤު ޤާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ. މެލޭޝިއާގެ ދީންތަކަށް ބަލާ އިރު، މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް %63.5 އެވެ. %18.7 އަކީ ބުޑިސްޓުންނެވެ. ދެން އެންމެ ގިނައީ ނަޞާރާއިންނެވެ. ނަޞާރާއިންގެ އިންސައްތައަކީ %9.1އެވެ. އަދި %6.1 މީހުންނަކީ ހިންދޫންކަމަށް ވާ އިރު، ވަކި ދީނެއް ކަށަވަރުނުވާ ނުވަ ދީނެއް ގަބޫލުނުކުރާ ވެސް %2.6 މީހުން މެލޭޝިއާގައި ދިރިއުޅެއެވެ.
އިސްޓޭޓްތަކާއި ފަދުރާލީ ސަރަހައްދުތައް
މެލޭޝިއާ އެކުލެވިގެންވަނީ 13 އިސްޓޭޓަކާއި ފަދުރާލީ ތިން ސަރަހައްދެއްގެ މައްޗަށެވެ. މެލޭޝިއާގެ ވެރިކަމުގެ ނިޒާމަށް ބަލާ އިރު، ދާޚިލީ ގޮތުން ވަކިވަކި ވެރިކަންތަކެއް ހިންގާ 13 އިސްޓޭޓަކާއި ސީދާ ފަދުރާލީ ސަރުކާރުން ހިންގާ ތިން ސަރަހައްދެއް ވެއެވެ.
މެލޭޝިއާގެ 13 އިސްޓޭޓްގެ ތެރެއިން މެލާކާ އާއި ޕިނޭންގއާއި ސަބާއާއި ސަރަވާކް ފިޔަވައި އެހެން އިސްޓޭޓުތަކުގައި ދައުލަތުގެ އެންމެ އިސްވެރިއަކީ ސުލްތާން (ރަސްގެފާނު)އެވެ. މި ދެންނެވި ހަތަރު އިސްޓޭޓުގެ ދައުލަތުގެ އެންމެ އިސްވެރީންގެ ގޮތުގައި ތިއްބަވަނީ އެ އިސްޓޭޓުތަކުގެ ޔަންގ ޑީ ޕަރުތުއާން ނެގުރީ (ގަވަރުނަރު)އެވެ. ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ގަވަރުނަރު އައްޔަންކުރައްވާނީ އެ އިސްޓޭޓެއްގެ ޗީފް މިނިސްޓަރ (އިސްވަޒީރު)ގެ ލަފާފުޅުގެ މަތީން ޔަންގ ޑީ ޕަރުތުއާން އަގޮންގ (ބޮޑު ރަސްގެފާނު)އެވެ. ބޮޑު ރަސްގެފާނަކީ ވިރާސީ ސުންޠާނުން ތިއްބަވާ ނުވަ އިސްޓޭޓުގެ ވިރާސީ ރަސްރަސްކަލުން (ސުލްތާން)އާއި ގައުމުގެ މައި ސަރުކަރުގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވާ މަޖިލީހަކުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ދައުވާ ގޮތަށް އިސްކުރެވޭ މަގާމެކެވެ. ނަމަވެސް އޭނާއަކީ މުޅި ޢުމުރު ދުވަހަށް ވެސް އޭނާ ނިސްބަތްވާ އިސްޓޭޓުގެ ސުލްތާނެވެ. ކުރީން ދެންނެވި ފަދައިން އަނެއް ނުވަ އިސްޓޭޓުގައި ތިއްބަވާނީ ބޮޑު ރަސްގެފާނު (ޔަންގ ޑި ޕަރުތުއާން އަގޮން) ހަތަރު އަހަރުގެ މުއްދަތަށް ޢައްޔަނުކުރައްވާ ގަވަރުނަރުންނެވެ.
މެލޭޝިއާގެ އިސްޓޭޓުތަކަކީ:
1. ޖޮހޯރ دار التعظيم
2. ކެޑާހ دار الأمان
3. ކެލަންތަން دار النعيم
4. ނެގްރީ ސެމްބިލާން دار الخصوص
5. ޕަހަންގ دار المعمور
6. ޕެރަކ دار الرضوان
7. ޕަރްލިސް
8. ސެލަންގޯރ دار الإحسان
9. ތެރެންގާނޫ دار الإيمان
10. މަލާކާ
11. ޕެނަންގް
12. ސަބާ
13. ސަރަވާކް
ފާހަގަކޮށްލާންޖެހޭ ކަމަކީ ޕެރަކާއި މަލާކާއާއި ޕެނާންގާއި ސަބާއާއި ސަރަވާކު ފިޔަވައި އެހެން ކޮންމެ އިސްޓޭޓަކަށް ވެސް އެ އިސްޓޭޓުގެ ނަމާ ގުޅިގެން ޝަރަފުވެރި ނަމެއް ދީފައިވާ ކަމެކެވެ. މި ދެންނެވި ފަސް އިސްޓޭޓަށް މި ފަދަ ޝަރަފުވެރި ނަމެއް ބޭނުންކުރާ ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ.
މައިސަރުކާރުން (ފަދުރާލީ ސަރުކާރުން) ސީދާ ހިންގާ ސަރަހައްދުތަކަކީ ކުއާލާ ލުންޕޯރު (މައި ވެރިރަށް)އާއި ޕުތުރަޖާޔާ (އިދާރީ ވެރިރަށް)އާއި އަދި ލަބުއާނެވެ.
ވެރިކަމުގެ ނިޒާމު
މެލޭޝިއާގައި އޮންނަނީ ފަދުރާލީ ދުސްތޫރީ ރަސްކަމުގެ ނިޒާމު(Federal Constitutional Elective Monarchy) އެއް ނުވަތަ ޤާނޫނުއަސާސީއަށް ތަބާވާ ރަސްކަމުގެ ނިޒާމެކެވެ.
ފަދުރާލީ ދައުލަތުގެ (މުޅި ދައުލަތުގެ) އެންމެ މަތީ ވެރިޔަކީ "ޔަންގް ޑި-ޕަރްތުއާން އަގޮންގް" (ބޮޑު ރަސްގެފާނު)އެވެ. ކުރީން ވެސް ދަންނަވައިލި ފަދައިން ބޮޑު ރަސްގެފާނަކަށް ބޭފުޅަކު އިންތިޚާބުކުރައްވަނީ މެލޭޝިއާގެ ނުވަ އިސްޓޭޓެއްގެ ސުލްތާނުންގެ މެދުގައި، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބަދަލުވާ އުޞޫލުންނެވެ.
ސަރުކާރު ހިންގެވުމުގެ އެންމެ މަތީ ވެރިޔަކީ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކަށް ވަޑައިގަންނަވަނީ ޤާނޫނުހަދާ މަޖިލީހުގެ (ބަރުލަމާނުގެ) އަޣުލަބިއްޔަތު ހޯއްދަވާ ސިޔާސީ ޕާޓީގެ ލީޑަރެވެ.
ބަރުލަމާނު އެކުލެވިގެންވަނީ ދެ ގެއެއްގެ މައްޗަށެވެ. އެއީ ދިވާން ރަޢިއްޔަތު (ރައްޔިތުންގެ މަޖިލިސް)އާއި ދިވާން ނެގާރާ (ޤައުމީ މަޖުލިސް ނުވަތަ ސެނޭޓު)އެވެ.
މެލޭޝިއާގެ ތަރައްޤީ
މެލޭޝިއާއަކީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިގުތިސާދީ އަދި އިޖުތިމާޢީ ގޮތުން އެންމެ ހަލުވިކަމާ އެކު ތަރައްޤީވަމުން އަންނަ އެއް ޤައުމެވެ. 1957ވަނަ އަހަރު އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުނު އިރު، މެލޭޝިއާއަކީ އާދައިގެ ދަނޑުވެރިކަމާއި، ކުދިކުދި އުފެއްދުންތަކަށް ބަރޯސާވެފައިވާ ޤައުމެކެވެ. ނަމަވެސް، ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އެ ޤައުމުން ވަނީ ސިނާޢީ އަދި ފަންނިއްޔާތުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.
އިގުތިސާދީ ބަދަލުތައް
މެލޭޝިއާގެ ތަރައްޤީގެ އެންމެ ބޮޑު ސިއްރަކީ ތަފާތު ދާއިރާތަކަށް އިގުތިސާދު ފުޅާކުރުމެވެ. ކުރީން ހަމައެކަނި ރަބަރާއި ކުދި މަދު މައުދަންތަކަށް ބަރޯސާވި އިގުތިސާދު، ފަހުން ޕާމު ތެލާއި އިލެކްޓުރޯނިކުސް އުފެއްދުންތަކާއި އަދި ޚިދުމަތުގެ ސިނާއަތަކަށް ބަދަލުކޮށްލިއެވެ. ޚާއްސަކޮށް، [ވިޜަން 2020]ގެ ނަމުގައި އެކުލަވައިލެވުނު މާސްޓަރ ޕުލޭނުގެ ދަށުން ޤައުމު ސިނާޢީ ގޮތުން ކުރިއަރައިފައިވާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.
ޢުމްރާނީ ތަރައްގީއާއި ފަންނިއްޔާތު
މެލޭޝިއާގެ ޢުމްރާނީ ތަރައްޤީގެ އެންމެ އަލިގަދަ ނިޝާނަކީ ވެރިކަންކުރާ ކުއާލަލަންޕޫރުގައި ހުރި މުޅި ދުނިޔެއަށް މަޝްހޫރު "ޕެޓްރޯނަސް ޓްވިން ޓަވަރު"އެވެ. މީގެ އިތުރަށް މަލްޓިމީޑިއާ ސުޕަރ ކޮރިޑޯ ގެ ތެރެއިންފަންނިއްޔާތާއި އީޖާދީ އުފެއްދުންތަކަށް ޚާއްސަކޮށްގެން ސައިބަރޖާޔާ ފަދަ ސިޓީތައް ބިނާކުރެއްވިއެވެ. އަދި ޒަމާނީ އެކުސްޕުރެސްވޭތަކާއި، ހައި-އިސްޕީޑު ރޭލު ނިޒާމުތައް (LRT, MRT) އާއި ކުއާލަލަންޕޫރު އިންޓަރނޭޝަނަލް އެއާޕޯޓު ފަދަ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ޤާއިމުކޮށްފައި ވެއެވެ.
ތަޢުލީމާއި އިންސާނީ ވަސީލަތް
ޤައުމެއް ތަރައްޤީކުރެވޭނީ އިންސާނީ ވަސީލަތް ތަރައްޤީކޮށްގެންކަން ދެނެގަނެ، މެލޭޝިއާއިން ވަނީ ތަޢުލީމީ ދާއިރާއަށް ބޮޑު ވުނަތަކެއް ކޮށްފައެވެ. އެ ޤައުމުގެ ޔުނިވަރސިޓީތަކަކީ މިހާރު މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ އަދި ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ދަރިވަރުން (ރާއްޖޭގެ ދަރިވަރުން ހިމެނޭހެން) އުނގެނެމުންދާ މަރުކަޒުތަކެކެވެ.
މެލޭޝިއާއިން ދައްކުވައިދެނީ ރަނގަޅު އިސްވާރަކާ އެކު، ދުރުރާސްތާ ތަދުބީރުތައް އެކުލަވައިލައިގެން މަސައްކަތްކޮށްފި ނަމަ، ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުވެވިދާނެކަމުގެ އުއްމީދީ މިސާލެކެވެ. މެލޭޝިއާ ތަރައްގީގެ މަގުގައި ކުރިއަރައިގެންދާން ފެށީ ޑރ. މަހާތީރު މުޙަންމަދުގެ ޒަޢާމަތުގައި ގިނަ ބަޔެއްގެ ޚިޔާލާ ދެކޮޅަށް ބިނާކުރެއްވި ފުރަތަމަ ޕިނޭންގ ބުރިޖުގެ ސަބަބުންކަމަށް ދެންނެވިދާނެއެވެ. 1.5 ކިލޯމީޓަރުގެ ދިގު އެ ބުރިޖުގެ ސަބަބުން އެ ދުވަސްވަރު އިގުތިސާދީ ގޮތުން މެލޭޝިއާއަށް ދަތިތަކާ ކުރިމަތިވެ ޑޮލަރުގެ ތާށިކަން ވެސް ކުރިމަތިވިއެވެ. ނަމަވެސް މި ބުރިޖަކީ އެ ތަނެއްގެ ސަބަބުން މުޅި ދައުލަތުގެ އިގުތިސާދަށް ނުހަނު ފައިދާކުޅަ ބުރިޖެއްކަން ފަހުން ރައްޔިތުންނަށް ގަބޫލުކުރެވުނެވެ. ފަހުންވަނީ ޕިނޭނގގެ ެހެން ބުރިޖެއް ވެސް ބިނާޚޮށްފައެވެ. އެއީ ސުލްތާން ޢަބްދުލްހަލީމް މުޢައްޡަމް ޝާހު ބުރިޖެވެ. މި ބުރިޖުގެ ދިގުމިނަކީ 24 ކިލޯމީޓަރެވެ.
މިއަދު މެލޭޝިއާގެ ބޮޑުވަޒީރަކަށް އެ ހުންނެވީ ޑރ. މަހާތީރުގެ ޒަޢާމަތުގައި ބޮޑުވަޒީރުގެ ނާއިބަކަށް ހުންނެވި ތަޖުރިބާކާރު އަންވަރު އިބްރާހީމެވެ. އޭނާގެ ޒަޢާމަތުގައި އެ ގެންދަވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ.
ބައެއް ލަފުޒުގެ މާނަ:
ފަދުރާލީ ނއ. ފަދުރާލުގެ މައްޗަށް ބިނާކޮށްގެން ވެރިކަންކުރާ. federal
ފަދުރާލު ނ. އިސްޓޭޓުތަކެއް ނުވަތަ ޕްރޮވިންސްތަކެއްގެ މައްޗަށް ބިނާވެގެން ވެރިކަންކުރާ ނިޒާމު. federation
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ޙިކުމަތް. plan