ad_banner
ފާސިދުންނަސް ފަސާދަ އުފެއްދެނީ މުޖުތަމަޢުން އެ ފުރުސަތުދޭތީއެވެ.

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

9 އޮކްޓޯބަރު 2026

އެއްވެސް އަސްލެއް އަސާސެއް ހަގީގަތެއް ނެތް ދޮގު ވާހަކަތައް އުފައްދައި މައުޞޫމު މީހުން ބަދުނާމުކުރާން ފޭކު ނަންނަމުގައި މިސްމީޑިއާ ބޭނުންކުރާ މީހުން ގިނަވުމަކީ މިއަދު މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުޞީބާތެވެ. މިހެން މި ކަން މި ވަނީ، މި ފަދަ ފާސިދުންގެ ވާހަކަތަކާ މެދު ސަމާލުވެ ޚަބަރުދާރުވުމަށް އިރުޝާދުދެއްވައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރައްވައިފައިވާ އަމުރުފުޅުތަކަށް ގިނަ މީހުން ކިޔަމަންނުވާތީއެވެ. މި ވާހަކައިގެ ތަފުސީލު މި މަގާލުގެ ފަހުބައިގައި އެބަ އާދެއެވެ.

ކޮންމެވެސް ހަސަނެއްގެ ނުވަތަ ގޮނޑިއެއްގެ ނަމުގައި ނުވަތަ އެހެން ނަމެއްގެ ނަމުގައި ވިޔަސް ފޮރުވިގެން ވަންތުކަން ވަންހަނާކޮށްގެން ތިބެ، މުޖުތަމަޢުގައި ފަސާދައުފައްދާން އުޅޭ މީހުންނަކީ ކޮން ބަޔެއްކަން ގިނަ މީހުންނަށް ލަފާކުރެވެއެވެ. އެއީ މާޒީގައި ކިތަންމެ ދޮގު ވާހަކަތަކެއް ފަތުރައިފައިވާ ބަޔެއް ނަމަވެސް މި ފަދަ ވާހަކައެއް އަޑު އިވޭ އިރަށް، އެއީ ތެދެއްތޯ ދޮގެއްތޯ ބަލައިލުމެއް ނެތި ގަބޫލުކޮށް، އެއްވެސް ކުށެއް ނެތް މީހުންނާ ދިމާއަށް އޭތިމީތި ގޮވުމަކީ މިއަދުގެ މިސްމީޑިއާގެ ހަގީގަތެވެ.

މި ވާހަކަތަކުގެ ހަގީގަތް ފަހުން އެބަ ދަންނަވަމެވެ. މި ވާހަކަ މި ހިސާބަށް ބޭއްވުމަށް ފަހު ކީރިތި ޤުރުއާނުގެ އަންނަނިވި މޫރިތި އާޔަތް ވިދާޅުވެބައްލަވާށެވެ!

މާތް ﷲ ޢައްޒަ ޥަޖައްލަ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ. (مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاء تْهُمْ رُسُلُنَا بِالبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَلِكَ فِي الأَرْضِ لَمُسْرِفُونَ (32) إِنَّمَا جَزَاء الَّذِينَ يُحَارِبُونَ اللّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَادًا أَن يُقَتَّلُواْ أَوْ يُصَلَّبُواْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ (33)  -  (އެ ކަމަށް ޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. ނަފުސެއްއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހައި މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، ބަޔާންވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ ރަސޫލުން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަ މީހުންނީ ބިމުގައި އިސްރާފުކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، ކާފިރުކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.) (32) اللَّهއާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެއުރެންނަށް ބޮޑުވެގެންވާ އަޒާބުހުށްޓެވެ.)(33) (

سورة المائدةގެ މި ދެ އާޔަތަށް ވިސްނައިލުމުން (ފޮރުވިގެން ތިބެ ފޭކު ނަންނަން ބޭނުންކޮށްގެން ނަމަވެސް) ބިމުގައި ފަސާދަ އުފައްދާ މީހުންނަކީ، އެއްވެސް ނަފުސެއް ގަތުލުކުރުން އެއީ އެންމެހައި މީސްތަކުން ޤަތުލުކުރުން ފަދަ ކަމެއްކަމަށް އިސްރާއިލުގެ ދަރީންގެ މައްޗަށް ކަނޑައެޅުއްވި ކަނޑައެޅުއްވުމުން އިސްތިސްނާވާ ބަޔެކެވެ. މާނައަކީ ބިމުގައި ފަސާދަ އުފައްދާ މީހުންގެ ޙުކުމަކީ، އިސްލާމީ ޝަރީޢަތުގައި މެރުމެވެ. އެ ފަދަ ބަޔެއްގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިފި ނަމަ، އެ ގޮތަށް ޙުކުމްކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެހެނީ ފިތުނަ ފަސާދައަކީ، (ބިމުގައި ފިތުނަ އުފެއްދުމަކީ) މީހަކު މެރުމަށް ވުރެ ވެސް ނުބައި ކަމެއްކަމަށް މާތް ﷲ ވަނީ އަންގަވައިފައެވެ.

އެއްވެސް މީހަކާ ނުބެހޭ މަޢުޞޫމު މީހުންގެ ބޮލުގައި ދޮގު ވާހަކަތައް ހަދަހަދައިގެން އަޅުވައި ބިމުގައި ފަސާދަ އުފައްދާ މީހުން މި ދިވެހިރާއްޖޭގައި ވެސް އުޅޭކަމީ ހަގީގަތެކެވެ. އަދި އެއީ ބައެއް މީހުން މާ އިތުބާރުކުރާ ޖާސޫސެއްކަމަށް ވެސް ބަލައި އުޅެއެވެ. ހިތާމައަކީ މި ފަދަ ފާސިދުން އުފައްދައިގެން ފަތުރާ މީހުންގެ ވާހަކަތައް ގަބޫލުކުރާ މީހުން ވެސް ގިނަ ކަމެވެ.

މި ފަދަ މީހުން ގިނަ ވާހަކަތައް ހަދަނީ މީހުންގެ އަތް ބަލާ މީހުން ހަދާ މަކަރުތައް ބޭނުންކޮށްގެން، ލަފާކޮށްފައެވެ. ބައެއް ވާހަކަތައް ހަގީގަތާ ކައިރިވަނީއެވެ. ނަމަވެސް އެއްވެސް ވަރަކަށް ހަގީގަތާ ގާތް ވެސް ނުކުރާ ވާހަކަތައް، ތިމާއަށް އެ މީހެއްގެ މިޒާޖާއި ޚަސީލަތާއި ސުލޫކާއި އަޚުލާޤު ނުދަންނަ މީހުންނަށް ނިސްބަތްކޮށް މީސްމީޑިއާގައި ހާމަކުރާން ފެށުމުން އެ ފަދަ ފާސިދުންގެ ފަސާދަ ބޭޒާރުވާ ތަން ވެސް އާދެއެވެ. މިސާލަކަށް ވަކި ކަމަކަށް ގޮތް ނިންމުމުގެ އެއްވެސް ހައިސިއްޔަތެއް ބާރެއް ނެތް މީހަކު، އެންޓި ކޮރަޕްޝަނުން ނިންމާން ޖެހޭ ފަދަ، ނުވަތަ ޝަރުޢީ ކޯޓަކުން ޙުކުމެއް ކުރާން ޖެހޭ ފަދަ ކަމެއްގެ ވާހަކައެއް ދައްކައިފިކަމަށް މީސްމީޑިއާގައި ލިޔެ ޕޯސްޓުތައް ޖެހުމުން މި ފާސިދުންގެ ފަސާދަ ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. ނަމަވެސް މި ފަދަ ކަންކަން ދެނެގަނެވޭނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ.

ކުރީން އަޅުގަނޑު ވެސް ހީކުރަނީ މި ފޭކު ނަންނަމުގައި ވެސް މި [މީހުން] ދައްކާ ވާހަކަތައް އެއީ ކޮންމެވެސް ވަރެއްގެ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއްކަމަށެވެ. ނަމަވެސް އެއީ ހިތުގެ ލަފާކުރުމަކަށް ނުވަތަ ގަސްތުގައި މީހުން ބަދުނާމުކުރާން ހަދަހަދައިގެން ވާހަކަ ފަތުރާ [ބަޔެއް]ކަން ސާބިތުވީ، އެއްވެސް އަސްލެއް އަސާސެއް ނެތި ވާހަކަތައް ހަދަހަދައިގެން މީހުން ބަދުމުކުރާން ފެށީމައެވެ.

މި ފަދަ މީހުން ފޮރުވިގެން ތިބެ ފޭކު ނަންނަމުގައި ވާހަކަތައް އުފައްދަނީ ފާޅުގައި، ކާކުކަން އެނގިގެން އެ ކަހަލަ ވާހަކަތައް ހާމަކޮށްފި ނަމަ، ކޯޓުގެ އިންސާފާ ކުރިމަތިލާންޖެހޭނެކަން އެނގޭތީއެވެ. އަދި އެ ބާވަތުގެ ފަސާދަ އުފައްދާ މީހުންނަށް ޝަރުޢީ ޙުކުމެއްގެ މަތީން މަރު ހުއްދަކޮށްފާނެކަމުގެ ބިރަށް ޓަކައެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ފަދަ ފާސިދުން އެ ހިންގާ ފަސާދައަކީ އެ ފިތުނައަކީ މީހަކު މެރުމަށް ވުރެ މާ ބޮޑު ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. )والفتنة أشد من القتل – (އަދި ޤަތުލުކުރުމަށް ވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ.)  (سورة البقرة:191)( އަދިވެސް ވަޙީކުރައްވައިފައި ވެއެވެ. )الفتنة أكبر من القتل -  (އަދި ޤަތުލުކުރުމަށް ވުރެ ފިތުނަވެރިކަމުގެ ނުބައިކަން މާބޮޑެވެ.) (سورة البقرة: 217) ( އެއް އާޔަތުގައި أشد (އަޝައްދު)، އަނެއް އާޔަތުގައި أكبر (އަކްބަރު) ގެންނަވައިފައި އޮތުމުން ވެސް ފިތުނަ ފަސާދަ އުފެއްދުމުގެ ނުބައިކަން އެބަ ހާމަވެއެވެ. أشد (އަޝައްދު)ގެ އެއް މާނައަކީ ވަރުގަދަކަމަށާއި أكبر (އަކްބަރު)ގެ މާނައަކީ [އެންމެ ބޮޑު] ނުވަތަ [ގަދަފަދަ]ކަމަށް ޢަރަބި ބަސްވާރުން ވިދާޅުވެއެވެ. އެހެންކަމުން أشد (އަޝައްދު)އާއި أكبر (އަކްބަރު) ދެ އާޔަތުގައި ގެންނަވައިފައި އޮތުމުގެ ޙިކުމަތަކީ އެ ކަމުގެ ނުބައިކަމާއި ނުރައްކާތެރިކަން މި ނިކަމެތި އިންސާނާއަށް ދެނެގަންނާން ފަސޭހަކޮށްދެއްވުންކަމަށް ވެދާނެއެވެ.

މި ފަދަ ފިތުނަތައް މުޖުތަމަޢުގައި ފެތުރޭން ދިމާވާ ސަބަބަކީ އަޅުގަނޑުމެންނަށް ﷲގެ ވަޙީ ބަސްފުޅު ހަނދާންނުކުރެވޭތީއެވެ. މި ފަދަ ފާސިގުން ފަތުރާ އަސްލެއް ނެތް ދޮގު ވާހަކަތަކާ މެދު ޢަމަލުކުރާންވީ ގޮތް ވަރަށް ސާފުކޮށް މާތް ﷲ އަންގަވައިފައި އެބަ އޮތެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ - (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.) (سورة الحجرات: 6)(

ވިސްނައިލާންޖެހޭ ނުކުތާއަކީ މި އާޔަތުގައި މި އޮތީ އިޚުތިޔާރެއް ނޫންކަމެވެ. އާދޭހެވެ! އެއީ މުސްލިމުން ޢަމަލުކުރާން ކުރައްވައިފައިވާ އަމުރުފުޅެކެވެ. ﷲ ކުރައްވައިފައިވާ ކޮންމެ އަމުރުފުޅަކީ ވާޖިބެކެވެ. އެހެންވީމާ އަޅުގަނޑުމެންގެ އެކެއްގެ ގާތަށް ވެސް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ، (މީގެ ތެރޭގައި ފާސިޤުން މީސްމީޑިއާގެ މަންސަތަކުގައި ފަތުރާ ޚިޔާލީ ފުލޯކު، އަސްލެއް ނެތް ދޮގު ވާހަކަތައް ވެސް ހިމެނޭ ގޮތުން) އޭގެ ދޮގުތެދު ބަލައި، ހަގީގަތް ހޯދުމަކީ މާތް ﷲ ގަދަފަދަ އަމުރުފުޅަކުން އަމުރުކުރައްވައިފައިވާ ކަމެކެވެ. ވާޖިބެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ވާޖިބަކީ އަޅުގަނޑުމެން އެއަށް ޢަމަލުކޮށްފި ނަމަ ސަވާބުލިބޭ، އަދި ނުކޮށްފި ނަމަ ޢަޒާބުލިބޭ ކަންކަމެވެ. ވީމާ، މި ދެންނެވި ފަދަ ފާސިގުން މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފައްދާން މީސްމީޑިއާގައި ފަތުރާ އަސްލެއް ހަގީގަތެއް ނެތް ދޮގު އުފެއްދުންތައް ހަމަ ފެންނަ އިރަށް އޭގެ ތެދުދޮގު ބެލުމެއް ނެތި ކުށެއް ނެތް މަޢުޞޫމު މީހުންނަށް ހެއްދެވިނެހެއްދެވިއަށް ގޮވުމަކީ ކޮން ފަދަ ނުބައި ކަމެއްތޯއެވެ! މި ގޮތަށް އެ ފަދަ ދޮގުވެރި ފިތުނަވެރި ވާހަކަތަކާ ގުޅިގެން [ހަގީގަތް ނުހޯދައި] ކުށެއް ނެތް މަޢުޞޫލު މީހުންނަށް ބަދުބަސް ބުނާ މީހުންގެ ތެރޭގައި ދީނީ ޢިލްމުވެރީންކަމުގައި މުޖުތަމަޢުގައި ބަލާ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަތުމަކީ ކިހައި ނުރައްކާތެރި ކަމެއްތޯއެވެ! މި ފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުކަން ނުދޭ ނަމަ، އަޅުގަނޑުމެން ފާފަވެރިވުމުގެ އިތުރަށް މުޖުތަމަޢު ފަސާދަކުރާ މީހުންގެ ލިސްޓުން އަޅުގަނޑުމެންނަށް ވެސް އެ، ޖާގަ ހޯދެނީއެވެ.

ފިތުނަފަސާދައަކީ ﷲ ލޯބިވެވޮޑިގެންވާ ކަމެއް ނޫނެވެ. އެހެންކަމުން ފަސާދަ ނޫފެއްދުމަށް އަމުރުކުރައްވައި ފާސިދުން (ފަސާދަކުރާ މީހުން) ދެކެ އެ ކަލާނގެ ލޯބިވެވޮޑިނުގަންނަވާނޭކަން ވެސް ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ.

)وَاللَّهُ لَا يُحِبُّ الْفَسَادَ  - (ފަސާދަވެރިކަމަކަށް ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.) (سورة البقرة:205) (   އަދި އެހެން އާޔަތެއްގައި އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. )وَلَا تَبْغِ الْفَسَادَ فِي الْأَرْضِ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِين - (އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދި ނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަކުރާ މީހުން ދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.) (سورة القصص:77)(

 

މި ފަދަ މީހުންނަކީ މާތް ﷲ ލަޢުނަތްލައްވައިފައިވާ މީހުންނެވެ. އެހެނީ އެ ފަދަ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެކަމަށް ކީރިތި ޤުރުއާނުގެ އެތައް ބައިވަރު އާޔަތެއްގައި ސާފު ބަހުން އަންގަވައިފައިވެއެވެ. މި ފަދަ އެއް އާޔަތެއްގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )إن الله لا يهدي القوم الفاسقين - (ފާސިޤުވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.) (سورة المائدة: 108) (  އެއް ފަހަރު އެއް އާޔަތުގައި މިހެން އެންގެވި ނަމަ ވެސް އެ ކަން ﷲ އެ ވަނީ ކަނޑައަޅުއްވައިފައެވެ. ނަމަވެސް އެ ކަމުގެ ނުރައްކާތެރިކަމާއި ބޮޑުކަމުން އަޅުގަނޑުމެން ޚަބަރުދާރުވުމަށް ޓަކައި އެތައް ފަހަރަކު ތަކުރާރުކުރައްވައި އަންގަވައިފައި އެ އޮތީ އަޅުގަނޑުމެންގެ މައްޗަށް އެކަލާންގެ ރަޙުމަތުގެ ބޮޑުކަމުންނެވެ. ލޯބިވެތިވެވޮޑިގަންނަވާލެއް ބޮޑުކަމުން އެ ފަދަ ނުބައި ޢަމަލުތަކުން އަޅުގަނޑުމެން ދުރުހެލިބޭތޯއެވެ. ވީމާ، މުޖުތަމަޢުގައި ފަސާދަ އުފައްދާ މީހުން މީސްމީޑިއާގައި އާންމުކުރާ ހަމަ ކޮންމެ ލިޔުމެއް/ވީޑިއޯއެއް ނަމަ ވެސް، ﷲ އަންގަވައިފައިވާ ފަދައިން އޭގެ ތެދުދޮގު ބަލައި ހަގީގަތް ހޯދުމަށް ފަހުގައި ނޫނީ ގަބޫލުނުކުރަމާތޯއެވެ! އޭރުން ﷲ އަޅުގަނޑުމެންނަށް ރަޙުމަތްލައްވާނެތެވެ. އަދި ފާސިޤުން ބޭޒާރުކުރައްވައި ނިކަމެތިކުރައްވާނެތެވެ.

 

ލަފުޒެއްގެ މާނަ:

ވަންތުކަން    ނ.     މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ދެނެގަނެވޭނެ ޚާއްސަ ސިފައެއް ލިބިގެންވާކަން. identification

ކޮމެންޓު