ad_banner
އިންސާނާގެ ޙަޔާތުގެ ދެވަނަ މަރުޙަލާ: ކަށްވަޅުގެ ޙަޔާތް (1)

އޒ. އިބްރާހީމް ރަޝީދު މޫސާ

9 އޮކްޓޯބަރު 2026

ﷲ U އިންސާނާ އޭނާގެ މައިމީހާގެ ރަޙިމުގެ ތެރޭގައި އުފެދެމުންދާއިރު މި އިންސާނާއަށް ފުރާނަ އަޅުއްވައެވެ. އެހިސާބުން ފެށިގެން އެއީ ތާއަބަދަށް ދިރިދެމިގެންވާ މަޚްލޫޤެކެވެ. މައިމީހާގެ ބަނޑުގައި ވާ މި އިންސާނާއަށް މާތް ﷲގެ އަމުރުފުޅާ އެއްގޮތަށް 120 ދުވަސްފަހުން ފުރާނައަޅުއްވާނެއެވެ. އަދި މަލާއިކަތަކަށް އަމުރުކުރައްވައި އޭނާގެ ޢަމަލާއި ރިޒުޤާއި އަޖަލު ލިޔުއްވާނެއެވެ. ލޮބުވެތި ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((إنَّ أحَدَكُم يُجمَعُ خَلقُه في أربَعينَ يَومًا، ثُمَّ يَكونُ عَلَقةً، ثُمَّ يَكونُ مُضغةً مِثلَ ذلك، ثُمَّ يَبعَثُ اللهُ إلَيه مَلَكًا ويُؤمَرُ بأربَعِ كَلماتٍ، ويُقالُ له: اكتُبْ عَمَلَه ورِزقَه وأجَلَه وشَقيٌّ أو سَعيدٌ  - ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ކޮންމެ މީހަކު ޚަލްޤުކުރައްވާއިރު ނުޠުފާއެއްގެ ގޮތުގައި ސާޅީސް ދުވަސް ހޭދަކުރެއެވެ. ދެން ގަނޑުލޭކޮޅެއްގެ ގޮތުގައި ސާޅީސް ދުވަސް ދެއެވެ. ދެން ގަނޑުމަސްކޮޅެއްގެ ގޮތުގައި ސާޅީސް ދުވަސް ދެއެވެ. އެއަށްފަހު މާތްﷲ އޭނާގެ ގާތަށް މަލާއިކަތަކު ފޮނުއްވައި ހަތަރު ކަމެއް ލިޔާން އަމުރުކުރައްވާނެއެވެ. އެ މަލާއިކަތާއަށް ދެންނެވޭނެއެވެ. ތިބާ އޭނާގެ ޢަމަލާއި ރިޒްޤާއި އަޖަލު ލިޔާށެވެ! އަދި އެއީ އަބާއްޖަވެރިއެއްތޯ ނުވަތަ ބާއްޖަވެރިއެއްތޯ ލިޔާށެވެ!)) ﷲ ސުބްހާނަހޫ ވަ ތަޢާލާ އޭނާއަށް ދާއިމީކަން ލިޔުއްވާނެއެވެ. މި ދާއިމީކަމާއި ދެމިހުރުން ތިން މަރުޙަލާއެއްގައި ލައްވާނެއެވެ.

ފުރަތަމަ މަރުޙަލާއަކީ އޭނާ މި ދުނިޔެމަތީ ހޭދަކުރާ ދުވަސްކޮޅެވެ. އެއަށްފަހު އޭނާގެ ގާތަށް މަރު އަންނާނެއެވެ. އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑާ ވަކިވާ ހިސާބުން އޭނާގެ ޙަޔާތުގެ ފުރަތަމަ މަރުޙަލާ ނިމުނީއެވެ. އެ ހިސާބުން ދެވަނަ މަރުޙަލާ ފެށުނީއެވެ. އެއީ ކަށްވަޅާއި ބަރުޒަޚުގެ މަރުޙަލާއެވެ. މި މަރުޙަލާގައި އޭނާއާ ކުރިމަތިވާނެ ކަންތައްތަކުގެ ތެރޭގައި ބިންގަނޑުގެ ފިއްތުމާއި ދެ މަލާއިކަތުންގެ ސުވާލުކުރެއްވުމާއި ކަށްވަޅުގެ ނިޢުމަތާއި ޢަޒާބު ވެއެވެ.

ދެން އަންނާނީ ތާޅަފިލި ފުންމާލެވޭ ވަގުތެވެ. އެހިދު ހުރިހާ މަރުތިބީން އަލުން ދިރި މަޙްޝަރުބިމަށް ދާނެއެވެ. އެ ހިސާބުން އޭނާގެ ކުރިމަގު އޭނާއަށް އެނގިގެންދާނެއެވެ. އެއީ އެންމެފަހު މަރުޙަލާއެވެ. އޭގެފަހުން އޭނާ ދެން މަރެއްނުވާނެތެވެ. ފަނާވެނުދާނެތެވެ. ކައު ރަސޫލާ r  ޙަދީސްކުރެއްވިއެވެ. ((يُؤْتى بالمَوْتِ كَهَيْئَةِ كَبْشٍ أمْلَحَ، فيُنادِي مُنادٍ: يا أهْلَ الجَنَّةِ، فَيَشْرَئِبُّونَ ويَنْظُرُونَ، فيَقولُ: هلْ تَعْرِفُونَ هذا؟ فيَقولونَ: نَعَمْ، هذا المَوْتُ، وكُلُّهُمْ قدْ رَآهُ، ثُمَّ يُنادِي: يا أهْلَ النّارِ، فَيَشْرَئِبُّونَ ويَنْظُرُونَ، فيَقولُ: هلْ تَعْرِفُونَ هذا؟ فيَقولونَ: نَعَمْ، هذا المَوْتُ، وكُلُّهُمْ قدْ رَآهُ، فيُذْبَحُ، ثُمَّ يقولُ: يا أهْلَ الجَنَّةِ، خُلُودٌ فلا مَوْتَ، ويا أهْلَ النّارِ، خُلُودٌ فلا مَوْتَ   -ޤިޔާމަތް ދުވަހުން  ހިސާބުބައްލަވައި ނިމި ސުވަރުގެވަންތަވެރިން ސުވަރުގެއަށް ނަރަކަވަންތަވެރިން ނަރަކައަށް ވަދެ ނިމުމުން ކެހެރި ހުދު ކަންބަޅިއެއްގެ ސިފައިގައި މަރު ގެނެވޭއެވެ. ފަހެ ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރީންނޭވެ! އެހިނދު އެބައިމީހުން އިސްއުފުލައި ބަލާނެއެވެ. ފަހެ އެބޭކަލަކު ވިދާޅުވާނެއެވެ. ތިޔަބައިމީހުންނަށް މިއީ ކޮން އެއްޗެއްކަން އެނގޭހެއްޔެވެ؟ އެބައިމީހުން ދަންނަވާނެއެވެ. އާދޭހެވެ! މިއީ މަރެވެ. އެ އެންމެތަކުން އެ ދެކޭނެއެވެ. އެއަށްފަހު އެ ބޭކަލަކު ގޮވައިލައްވާނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ! އެ ހިނދު އެބައިމީހުން އިސްއުފުލައި ބަލާނެއެވެ. ފަހެ އެބޭކަލަކު ވިދާޅުވާނެއެވެ. ތިޔަބައިމީހުންނަށް މިއީ ކޮން އެއްޗެއްކަން އެނގޭހެއްޔެވެ؟ އެބައިމީހުން ދަންނަވާނެއެވެ. އާދޭހެވެ! މިއީ މަރެވެ. އެ އެންމެތަކުން އެ ދެކޭނެއެވެ. ފަހެ އެ ކަތިލެވޭނެއެވެ. އެއަށްފަހު ވިދާޅުވާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުންނަށް މަރުވުމެއްނެތި ދެމިތިބުން ހުށްޓެވެ. އޭ ނަރަކައިގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުންނަށް މަރުވުމެއްނެތި ދެމިތިބުންހުށްޓެވެ.))

ޖަދަލުކުރާ މީހުން ބުނާނެއެވެ. ތިޔަ ދައްކަނީ ބޭކާރު ވާހަކައެކެވެ. އިންސާނާއަށް ފުރާނައަޅުއްވާ ހިސާބުން އެނާ ދެމިހުންނާނީ ކިހިނެއްހެއްޔެވެ؟ އޭނާ މަރުވެ ފަނާވެ ނެތިގެންދާ ތަން އަހުރެމެންނަށް ފެނެއެވެ. ޖަވާބުގައި ބުނާނީ ތިޔައީ ރަނގަޅު ވާހަކައެއް ނޫނެވެ. އިންސާނާގެ ހަށިގަނޑުން ފަނާވެ ހަލާކުވެ ނެތިގެން ނުދާނެ ކަށިކޮޅެއް ވެއެވެ. ރަސޫލާ  صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ في الإنسانِ عَظمًا لا تَأكُلُه الأرضُ أبَدًا، فيه يُرَكَّبُ يَومَ القيامةِ، قالوا: أيُّ عَظمٍ هو؟ قال: عَجْبُ الذَّنَبِ   - ހަމަކަށަވަރުން އިންސާނާގެ ހަށިގަނޑުން ދުވަހަކު ވެސް ފަސްގަނޑު ނުކާނެ ކަށިކޮޅެއް ވެއެވެ. ޤިޔާމަތްދުވަހުން އޭނާ އަލުން ތަރުކީބުވެގެންދާނީ މި ކަށިކޮޅުންނެވެ. އެބައިމީހުން ދެންނެވިއެވެ. އެއީ ކޮން ކަށިކޮޅެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ގުނބުރިއެވެ.)) ކައުރަސޫލާ r މި ކަމާ ބެހޭގޮތުން އިތުރަށް ޙަދީސްކުރެއްވިއެވެ. ((كلُّ ابنِ آدَمَ يأكُلُه التُّرابُ إلّا عَجْبَ الذَّنَبِ منه خُلِق وفيه يُركَّبُ  – ފަސްގަނޑު ކޮންމެ އާދަމުގެ ދަރިޔަކު ކައިލާނެއެވެ. އޭނާގެ ގުނބުރީގެ ކަށިކޮޅު ފިޔަވައެވެ. އޭނާ ޚަލްޤުކުރެވުނީ އަދި އޭނާ ތަރުކީބުކުރެވޭނީ މި ކަށިކޮޅުންނެވެ.)) ދުނިޔޭގެ ބައެއް ސައެންސީންނާއި ލެބުތަކުން މި ކަށިކޮޅު ފުޑައި ހަލާކުކޮށް ނައްތައިލެވޭތޯ މަސައްކަތްކޮށްފައިވެއެވެ. އެ މީހުން ވަނީ މި ކަމުގައި ނާކާމިޔާބުވެ އެ ކަށިކޮޅު ހަލާކުވެގެން ފަނާވެގެން ނުދާނެކަމަށް އެއްބަސްވެފައެވެ.

އަޅުގަނޑުމެން ވާހަކަދައްކަމުން މިދަނީ އިންސާނާގެ ޙަޔާތުގެ ދެވަނަ މަރުޙަލާއާ ބެހޭގޮތުންނެވެ. އެއީ [ކަށްވަޅާއި ބަރުޒަޚުގެ މަރުޙަލާ]އެވެ. އެއީ ޤިޔާމަތްދުވަހާ ޖެހެންދެން އިންސާނާގެ ހަށިގަނޑު އޭގެ ތެރޭގައި ދަމާފައި ބާއްވާ ސަންދޯކެވެ. އޭނާއާ އެކުގައި އޭނާގެ ދަރިޔަކު ވެސް މައިންބަފައިންގެ ތެރެއިން މީހަކު ވެސް އަދި އޭނާގެ ގާތްތިމާގެ މީހަކު ވެސް ރަށްޓެއްސަކު ވެސް ނުވާނެތެވެ. އޭނާ މި ދުނިޔެމަތީގައި ކުރި ޢަމަލުތައް މެނުވީއެވެ.رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( يَتْبَعُ المَيِّتَ ثَلاثَةٌ، فَيَرْجِعُ اثْنانِ ويَبْقى معهُ واحِدٌ: يَتْبَعُهُ أهْلُهُ ومالُهُ وعَمَلُهُ، فَيَرْجِعُ أهْلُهُ ومالُهُ، ويَبْقى عَمَلُهُ   -  މައްޔިތާއަށް ތަބާވެގެން  ތިނެއްޗެއް ދާނެއެވެ. އޭނާއާ ތަބާވެގެން ދާނީ އޭނާގެ އަހުލުންނާއި މުދަލާއި ޢަމަލެވެ. މީގެ ތެރެއިން ދޭއްޗެއް އެނބުރި އަންނާނެއެވެ. އޭނާއާއެކުގައި  މަޑުކުރާނީ  އެންމެ އެއްޗެކެވެ. އެނބުރި ދާނީ އޭނާގެ އަހުލުންނާއި އޭނާގެ މުދަލެވެ. އޭނާއާ އެކުގައި މަޑުކުރާނީ އޭނާގެ ޢަމަލެވެ.)) އޭނާގެ ޖަލީސަކަށްވާނީ އޭނާ ދުނިޔޭގައި ކުރި ޢަމަލެވެ.

މައްޔިތާ އޭނާގެ ކަށްވަޅުގައި ހަމަ ބޭއްވުމާއެކު ބިންގަނޑު އޭނާ ފިއްތަންފަށާނެއެވެ. މިއީ ބަރުޒަޚުގެ ޙަޔާތުގައި އޭނާއާ ފުރަތަމަ ބައްދަލުވާ ކަންތަކެވެ. މި ކަމުން ހަމަ އެކަކުވެސް  ސަލާމަތެއް ނުވާނެތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((للقبرِ ضَغْطةٌ لو نجا منها أحدٌ لنجا منها سعدُ بنُ معاذٍ  -  ކަށްވަޅަށް ފިއްތުމެއް ވެއެވެ. އެކަމުން އެއްވެސް މީހަކު ނަޖާވާނެ ނަމަ ސަޢުދު ބުނު މުޢާޛުގެފާނު ނަޖާވެވަޑައިގަންނަވާނެއެވެ.)) ކީރިތި ރަސޫލާގެ އެހެން ބަސްފުޅެއްގައިވެއެވެ. ((لو أفْلَتَ أحدٌ من ضمَّةِ القبرِ، لأفْلَتَ هذا الصبيُّ   - ކަށްވަޅުގެ ފިއްތުމުން މީހަކަށް ސަލާމަތްވެވޭނެ ނަމަ، މި ކުޑަ ކުއްޖާ އެ ކަމުން ސަލާމަތްވީހެވެ.)) ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. (مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ  - ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ إعادة ކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ.))  (ނުނިމޭ)

 

މަރުޖާ:

1.   أخرجه البخاري (٣٢٠٨)، ومسلم (٢٦٤٣)، والترمذي (٢١٣٧)  و أبو داود (٤٧٠٨)

2.   - أخرجه   البخاري (٤٧٣٠)  و  مسلم (٢٨٤٩)  

3.   أخرجه البخاري (٤٩٣٥)  و مسلم (٢٩٥٥)

4.   أخرجه البخاري (٤٨١٤) و مسلم (٢٩٥٥)، وأبو داود (٤٧٤٣)، وابن ماجه (٤٢٦٦)، وأحمد (٨٢٨٣) والنسائي (٢٠٧٧)  

5.   أخرجه البخاري (٦٥١٤)، ومسلم (٢٩٦٠) 

6.   - أخرجه أحمد (٢٤٢٨٣)، والبيهقي في ((شعب الإيمان)) (٣٩٦) وابن حبان (٣١١٢) والطبراني في ((المعجم الكبير)) (١٢/ ٢٣٢) (١٢٩٧٥) ، و الترمذي في ((نوادر الأصول)) (٧٢٧)

7.   - أخرجه الطبراني في ((الكبير)) (٤/ ١٢١) (٣٨٥٨) ، الألباني، السلسلة الصحيحة (٢١٦٤) 

8.   - طه: 55

ކޮމެންޓު