ad_banner
ޝައްކުނުކުރުމަކީ ޔަގީންކުރުމެވެ. (ހަވަނަ ބައި)

އިސްމާޢީލު މުބާރަކު

8 އޮކްޓޯބަރު 2026

(2026 އޮކުޓޫބަރު 06ގެ ޢަދަދާ ގުޅޭ)

އެއްވެސް ބިނާއެއް ނެތި، ހަމައެކަނި ސިކުނޑީގެ ޚިޔާލުތަކުގެ ތެރޭގައި ތިބާ ތާށިވެއެވެ. މިއީ އަމިއްލައަށް އިތުރުވަމުންދާ ނުބައި ބުރުލެކެވެ. ހާސްކަން އިތުރުވާ ވަރަކަށް ސިކުނޑީގެ ބާރު ގަދަވެ، އޭގެ ސަބަބުން އަނެއްކާ ވެސް ހާސްކަން އިތުރުވެއެވެ. މިއީ އަމިއްލަ އިޚުތިޔާރުގައި މެދުކަނޑައިލައިގެން ނޫނީ ހުއްޓޭނެ ކަމެއްނޫނެވެ.

ދެވަނަ ސަބަބަކީ، އިހުސާސްތަކަކީ ގޯސް، ބަލިކަށި ނުވަތަ އުނދަގޫ ކަންތައްތަކެއްކަމަށް ގަބޫލުކޮށް، އެ ކަންކަން ކޮންޓުރޯލުކުރާން މަސައްކަތްކުރުމެވެ. މިއީ ބިމުގެ ހަކަތަ ނުވަތަ 'އާތު ފޯސް' ހުއްޓުވައިލާ ކަމެކެވެ. އިހުސާސްތަކަކީ ހަށިގަނޑުގެ ތެރޭގައި ދައުރުވާ މި ބާރުގެ ތަޖުރިބާއެވެ. އެއީ ހައްލުކުރާންޖެހޭ މައްސަލަތަކެއް ނޫނެވެ؛ އެއީ މައުލޫމާތެވެ. އެއީ ދައުރުވަމުންދާ ހަކަތައެވެ. އިހުސާސްތައް ފޮރުވައި، އެ ކަންކަން އިހުސާސްކުރާން އިންކާރުކުރުމަކީ، ހަށިގަނޑުގައި ދައުރުވާ ދިރުމުގެ ބާރުގެ އޮއިވަރު ދައުރުވުންހުއްޓުވައިލުމެވެ. މީގެ ސަބަބުން ހިތާއި ކަރުގެ ހަކަތައިގެ މަރުކަޒުތައް ބަލިކަށިވެއެވެ. އިހުސާސްކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް ގަބޫލުކުރެވޭތީ، ފުންކޮށް އެއްވެސް ކަމެއް އިހުސާސްކުރާކަށް ބޭނުމެއް ނުވެއެވެ. އަދި އަމިއްލަ ހަގީގަތް ހާމަކުރާން ނޭނގެނީ، އެ ހަގީގަތް ބިނާވެފައިވަނީ އަމިއްލަ އިހުސާސްތަކުގެ މައްޗަށްކަމަށްވާތީއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ތިބާގެ އިހުސާސްތައް މަރުވެ، ދިރިއުޅުމުގެ ކަންކަން ހަމައެކަނި އާދަކާދައެއްގެ ގޮތުގައި ކުރަމުންދާ އިރު، އޭގެ ތެރޭގައި ތިބާގެ ހަގީގީ ބައިވެރިވުމެއް ނޯވެއެވެ. ދިރިއުޅުމުގައި އެއްވެސް މާނައެއް ނެތްކަމާއި، މީހުންނާ އޮންނަ ގާތްކަން ގެއްލިފައިވާކަމުގެ އިހުސާސްކުރެވެނީ މި ސަބަބާ ހުރެއެވެ. ގުޅުންތަކާއި މާނަވީ ދިރިއުޅުމެއް ބިނާކޮށްދޭ އަސްލު ހަކަތައިން ތިބާ ވަނީ މަހުރޫމުވެފައެވެ.

ތިންވަނަ ސަބަބަކީ، ހަށިގަނޑާ އޮންނަ ގުޅުން ކެނޑުމެވެ. ޒަމާނީ ދިރިއުޅުން ބިނާވެފައިވަނީ މުޅީންހެން ނަފުސާނީ ކަންކަމުގެ މައްޗަށެވެ. ގޮނޑިތަކުގައި އިށީނދެގެން، އިސްކިރީނުތަކަށް ބަލަހައްޓައިގެން، ހަމައެކަނި ސިކުނޑީގެ ތެރޭގައި ތިބާ ދިރިއުޅެއެވެ. ހަށިގަނޑަށް ދިރުން ލިބިދޭ ގޮތަކަށް ހަރަކާތްތެރިވެ އުޅުމަކީ މަދުކަމެކެވެ. ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކޮށް، ބިމުގައި ފައިޖައްސައި، ސާފު ވަޔަށް ނޭވާލުމަކީ މަދުން ނޫނީ ނުކުރާ ކަމެކެވެ. ތިބާ ވަނީ ހަށިގަނޑަކީ ހަމައެކަނި ބޯ އުފުލައިދޭ އުޅަނދެއްކަމަށް ބަލައި، އެއަށް މައްސަލައެއް ދިމާވުމުން ނޫނީ އަޅައިނުލާ ދަރަޖައަށް ގޮސްފައެވެ. މީގެ ސަބަބުން 'ހެވަން ފޯސް' އިތުރުވެ، ހަމަހަމަކަން ގެއްލެއެވެ.

މަތީގެ މަރުކަޒުތަކުގައި ހަކަތަ ގިނަވެ، ތިރީގެ މަރުކަޒުތަކުގައި ހަކަތަ މަދުވުމުން، ހަގީގީ ދުނިޔެއާ ދުރުވެ، އަމަލީ ގޮތުން ކަންކަން ކުރާން އުނދަގޫވެއެވެ. ތިބާގެ ބޮލުގައި އެތައް ޚިޔާލުތަކަކާއި ރޭވުންތަކެއް ހުރި ނަމަވެސް، އެ ކަންކަން ތަންފީޒެއް ނުކުރެވެއެވެ. ސަބަބަކީ ޚިޔާލުތަކަކީ 'ހެވަން ފޯސް'ކަމަށްވެފައި، އަމަލީ ސިފަ ގެނައުމަކީ 'އާތު ފޯސް'ކަމަށްވާތީއެވެ. މި ހަކަތަ ދައުރުނުވާ ނަމަ، ތިބާ ވާނީ ހަމައެކަނި ހުވަފެންތަކުން ފުރިފައިވާ، ނަމަވެސް އެ ކަންކަން ހަގީގަތަކަށް ހެދުމުގެ ގާބިލުކަން ނެތް މީހަކަށެވެ.

ހަތަރުވަނަ ސަބަބަކީ، ހައްލުނުކުރެވި ހުރި ނަފުސާނީ އަނިޔާތަކެވެ. (trauma). މިއީ ހަމައެކަނި ނަފުސާނީ ކަމެއްނޫނެވެ؛ މިއީ ހަކަތައާ ގުޅިފައިވާ ކަމެކެވެ. ބޮޑު ހިތާމައެއް ނުވަތަ އަނިޔާއެއް ކުރިމަތިވެ، އެ ކަން ތަހައްމަލު ނުކުރެވުމުން، އެ ހަކަތަ ހަށިގަނޑުގައި ހަރުލައެވެ. އާންމުކޮށް މި ހަކަތަ ތާށިވަނީ އެ ކަމެއް ކުރިމަތިވި ދިރިއުޅުމުގެ ދާއިރާއާ ގުޅުންހުރި ހަކަތައިގެ މަރުކަޒުގައެވެ.

ސަލާމަތްތެރިކަމާ ގުޅޭ އަނިޔާތައް ތާށިވަނީ ބިންގަލުގެ މަރުކަޒު (root chakra)ގައެވެ. އޭރުން އަބަދު ވެސް އުޅެވޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ގުޅުންތަކާ ގުޅޭ އަނިޔާތައް ހިތުގެ މަރުކަޒުގައި ތާށިވުމުން، މީހުންނަށް އިތުބާރުކުރާން އުނދަގޫވެއެވެ. އަމިއްލަވަންތަކަމާ ގުޅޭ އަނިޔާތައް ތާށިވެއެވެ.

ދިރިހުރުމަށް ކުރިމަތިވާ ނަފުސާނީ ބޮޑެތި ހާދިސާތަކުގެ އަސަރު އިންސާނާގެ އަސްލާ ގުޅިފައިވެއެވެ. އޭގެ ސަބަބުން ދުނިޔެއަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި އިހުސާސް ކުރެވި، އަބަދުމެ ސަލާމަތްތެރިކަމެއް ނެތްކަމުގެ ބިރުވެރިކަމުގައި އުޅޭންޖެހެއެވެ. ގުޅުންތަކުގެ ތެރެއިން ލިބޭ ހިތްދަތިކަން ހިތުގައި ބަދަލުނުވެ ހަރުލައިފައި ހުރެއެވެ. މީސްމީހުންނަށް އިތުބާރުކުރުމާއި، ހިތް ހުޅުވައިލައިގެން މީހުންނާ ގާތްވުމަށް އުނދަގޫވަނީ، ނުފިލާ ހުރި ޒަޚަމުތައް ރައްކާތެރިކުރުމަށް ޓަކައި ނަފުސު އަބަދު ވެސް މަސައްކަތްކުރާތީއެވެ. އަމިއްލަ ވަކިވަކިވަންތަކަމާ ގުޅޭ ގޮތުން ކުރިމަތިވާ ހާދިސާތަކުގެ ސަބަބުން އަމިއްލަ ނަފުސާ މެދު އޮންނަ އިތުބާރު ގެއްލި، ތިމާއަކީ ކާކުކަން ބުނެދޭން ނޭނގޭ ހިސާބަށް ދެއެވެ.

މި ގޮތަށް ހިފެހެއްޓިފައި ހުންނަ ހަކަތަ ދޫވެ، ނަފުސާނީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިނުގަނެވޭހައި ހިނދަކު، ހަށިގަނޑުގެ ހަކަތަ ދައުރުވާ މަގުތައް ބެދި، އިންސާނާގެ ފުރިހަމަ ގާބިލިއްޔަތު ބޭނުންކުރުމަށް ހުރަސްއެޅެއެވެ. މި ހުރަސްތަކާ ކުރިމަތިލުމުގެ ބަދަލުގައި، އެ ކަންކަމުން ރެކުމަށް ޓަކައި ތަފާތު އުކުޅުތައް ބޭނުންކުރާން ފެށެއެވެ. ނަމަވެސް، ހޭލުންތެރިކަމާ އެކު މި ކަން އިހުސާސް ނުކުރެވުނަސް، އެ ބެދިފައިވާ މަގުތަކުގެ ސަބަބުން މުޅި ނަފުސުގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ.

ފަސްވަނަ ސަބަބަކީ ސަގާފީ ގޮތުންނާއި މުޖުތަމައުގެ ތެރެއިން އަށަގަންނަވާ އާދަކާދަތަކެވެ. ހަށިގަނޑުގެ އިހުސާސްތަކަށް ފަރުވާނުބެހެއްޓުމަށާއި، ޖަޒުބާތުތައް ހިފެހެއްޓުމަށާއި، އަމިއްލަ ފިތުރީ އިހުސާސްތަކަށް އިތުބާރުނުކުރުމަށް މުޖުތަމައުން ދަސްކޮށްދެއެވެ. ހަމައެކަނި ބުއްދިވެރި، މަންތިގީ އަދި ސާބިތުކޮށްދެވޭ ކަންކަމަކީ ހަގީގަތްކަމުގައި ބަލައިގަތުމަށް ބާރުއަޅައެވެ. އިހުސާސްތަކަކީ އެއްވެސް މާނައެއް ނެތް ކަންތައްތަކެއްކަމަށާއި، ހަށިގަނޑަކީ ހަމައެކަނި މަސްގަނޑެއްކަމަށް ވިސްނައިދެއެވެ. މައްސަލަތަކުގެ ހައްލު ހޯދާން އަމިއްލަ ނަފުސަށް ބެލުމުގެ ބަދަލުގައި، އެހެން މީހުންނާއި މުއައްސަސާތަކަށް ބަރޯސާވުމަށް މަޖުބޫރުކުރުވައެވެ. މިއީ ރޭވުންތެރިކަމާ އެކު އިންސާނާގެ އަމިއްލަ ބާރު ކަނޑުވައިލާން ކުރެވޭ ކަމެކެވެ. ސަބަބަކީ އަމިއްލަ ނަފުސުގެ ހަކަތައާ ވަކިވެފައިވާ މީހަކު ކޮންޓުރޯލުކުރުމަކީ ފަސޭހަ ކަމަކަށްވާތީއެވެ. އޭރުން ކޮންމެ ކަމަކަށް ހުއްދަ ހޯދުމަށާއި، އަމިއްލަ ނަފުސުގެ އަގު ވަޒަންކުރުމަށް އެދޭންޖެހެނީ އެހެން މީހުންގެ ކިބައިންނެވެ. ނަތީޖާއެއްގެ ގޮތުން، އަމިއްލަ ހަގީގަތް ހޯދުމުގެ ބަދަލުގައި އެހެން މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވާ މީހަކަށް ތިމާ ބަދަލުވެއެވެ.

މި ފަދަ ނަފުސާނީ ހާދިސާތަކާއި މުޖުތަމައުގެ ފިއްތުންތަކުގެ ސަބަބުން އިންސާނާގެ ހަކަތަ ބަލިކަށިވެ، ނިޒާމު ހަލާކުވެއެވެ. ގިނަ މީހުން ދިރިއުޅެމުންދަނީ އެ މީހުންގެ ހަގީގީ ގާބިލިއްޔަތާއި ހަކަތައިގެ ވަރަށް ކުޑަ މިންވަރެއް ބޭނުންކޮށްގެންނެވެ. އިންސާނާގެ ކިބައިގައި ހުންނާންޖެހޭ ދިރުމާއި ހަކަތަ ބެދިފައި ހުރިކަން ގިނަ މީހުންނަށް އިހުސާސެއްނުކުރެވެއެވެ. ދިރިއުޅުމުގެ ދަތިކަމާއި، ހިތްދަތިކަމަކީ ދިރިއުޅުމުގެ އަސްލު ސިފަކަމުގައި އެ މީހުން ދެކެއެވެ. ނަމަވެސް ހަގީގަތަކީ، އެ މީހުން ދިރިއުޅެމުން އެ ދަނީ ނަފުސުގެ ފުރިހަމަ ބާރު ބޭނުންކުރުމުގެ ބަދަލުގައި، ހަމައެކަނި ދިރިހުރުމަށް ބޭނުންވާ މަދު ހަކަތަކޮޅެއްގެ އެހީގައިކަމެވެ.

ހަގީގަތަކީ ފޮރުވިފައި އޮތުމަކުން ނުވަތަ ގަބޫލުނުކުރުމަކުން ފިލައިގެންދާނެ އެއްޗެއް ނޫނެވެ. މިހާރު ތިޔަވަނީ މި ކަންކަން ހިނގާ ގޮތާއި، ނަފުސުގެ ހަކަތަ ބަލިކަށިވާ ސަބަބުތައް ދެނެގަނެވިފައެވެ. ދެން އޮތް ސުވާލަކީ މި ކަމުގައި ކުރާނީ ކީއްހެއްޔެވެ؟ ހަލާކުވެފައިވާ ނިޒާމު އަލުން ރަނގަޅުކޮށް، ހަކަތަ ދައުރުވާ މަގުތައް ހުޅުވާނީ ކިހިނެއްހެއްޔެވެ؟ މި ކަމުގައި އެންމެ މުހިންމު ކަމަކީ، މަޖުބޫރުކޮށްގެން ނުވަތަ ގަދަކަމުން މި ކަން ނުކުރެވޭނެކަން ދެނެގަތުމެވެ. އަމިއްލަ ނަފުސަށް ފިއްތުންތައް ކުރިމަތިކުރުވައިގެން ހަކަތައިގެ ހަމަޖެހުމެއް ނުލިބޭނެއެވެ.

ސަބަބަކީ ބާރުގެ ބޭނުންކުރުމަކީ ހަމައެކަނި ފިކުރީ ގޮތުން ކުރެވޭ ކަމަކަށް ވާތީއެވެ. ގަދަކަމުން ކަންކަން ބަދަލުކުރާން އުޅުމަކީ އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. ނިޒާމު އަލުން ހަމައަކަށް އެޅުވުމަށް ޓަކައި ބޭނުންވަނީ ބާރެއް ނޫނެވެ. ބޭނުންވަނީ ހުއްދަ ދިނުމާއި، ދޫކޮށްލުމެވެ. ހުރަސްތައް ނައްތައިލައި، ހަށިގަނޑުގެ ގުދުރަތީ ނިޒާމަށް އެ ކަންކަން އަމިއްލައަށް ހަމައަކަށްއެޅުވުމުގެ ފުރުސަތުދިނުމެވެ. ހަށިގަނޑާއި ނަފުސު ހަމަހަމަކަންމަތީ ބެހެއްޓުމުގެ ގާބިލިއްޔަތު އޭގެ ޒާތުގައި ތިމާގެ ކިބައިގައިވެއެވެ.

(ނިމުނީ)

ކޮމެންޓު