ad_banner
މާތް ނަބިއްޔާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރަ: އަލިގަދަ ނޫރެއް ފަދަ، ކެތްތެރިކަމާއި ސާބިތުކަމުގެ މަތިވެރި ނަޞްރުގެ ދަތުރުފުޅު (6)

ޑރ. މޫސާ އަންވަރު ޙަސަން

8 އޮކްޓޯބަރު 2026

(2026 އޮކްޓޫބަރު 06ގެ ޢަދަދާ ގުޅޭ)

ފަހެ، މުއުމިނަކަށް އޮތީ އެއީ އޭނާގެ އަޚާކަމުގައި ބަލައިގެން، ލޯތްބާއި، މަޑުމައިތިރިކަމާއި، އޯގާތެރިކަމާއި، އަދި ހެޔޮފޯރުވުމާއެކު އުޅުމެވެ. އަދި ހެޔޮކަންކަމުގައި އެހީތެރިވުމާއި، ހިތްތަކުގެ ސާފުކަން ދެމެހެއްޓުމާއި، ކޮންމެ ޙާލެއްގައި ވެސް ހެޔޮނަޞޭޙަތް ދިނުމާއި، މުއުމިނުންގެ ދެމެދުގައި ލޯބި އުފެދޭނެ ސަބަބުތައް ހޯދައި އެ ކަމަށް މަސައްކަތްކުރުމެވެ.

އަދި މި ޙަދީޘްފުޅުގައި ނުހަނު ފުން މާނައެއް ވެއެވެ. އެއީ މުސްލިމުން އެއްކުރުވަނީ އީމާންކަންކަމުގައިވުމާއި، އެ ބޭކަލުން ގުޅުވައިދެނީ ދީނުގެ ވަރުގަދަ ވާފަށުންނެވެ. އަދި އެ ބޭކަލުން ތިބޭންޖެހޭނީ އެއް ހަށިގަނޑެއް ފަދައިން އެކަކު އަނެކަކަށް އަޚުވަންތަ، އޯގާތެރި ބަޔެއްގެ ގޮތުގައެވެ. ހަށިގަނޑުގެ ގުނަވަނެއްގައި ވޭނެއް އެޅުމުން، މުޅި ހަށިގަނޑު ހޭލާހުރުމާއި ހުންއައުމުން އެކަމުގައި ބައިވެރިވާ ފަދައިންނެވެ. ފަހެ، މި އުޚުއްވަތްތެރިކަމަކީ އީމާންކަމުގެ އެންމެ ބޮޑެތި މޭވާތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އިސްލާމީ މުޖުތަމަޢު ބިނާކުރުމުގެ އެންމެ ބާރުގަދަ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ.

ހިޖުރައާއި، ތައުޙީދާއި، ﷲ ހުސްޠާހިރުކުރުމުގެ މާނަތައް:

ކަށަވަރުން ރަސޫލާ صلى الله عليه وسلم އެންމެ ފުރަތަމަ ގޮވައިލެއްވި ކަމަކީ، ﷲ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި އުފެއްދެވި ތަކެއްޗާ އެކަލާނގެ އެއްގޮތްވުމުން ހުސްޠާހިރުކުރުމަށެވެ. ފަހެ، ތައުޙީދުގެ ސަބަބުން ޢަޤީދާތައް ޞައްޙަވެގެންދިޔައެވެ. އަދި  އެއްކައުވަންތަކުރުމުގެ ސަބަބުން، ﷲ އުފެއްދެވި ތަކެއްޗާ އެއްގޮތްކުރުމާއި އަދި ޖިސްމެއް ކަމުގައި ބެލުމުން ސަލާމަތްވިއެވެ. އަދި އީމާންކަމުގެ ސަބަބުން، ބައިބައިވެފައިވާ ހިތްތައް އެއްވެ، ނޫރާއި ތެދުމަގުގެ މައްޗަށް ރުޖޫޢަވިއެވެ.

މިއިން އަހުރެމެންނަށް އެނގިގެންދަނީ، ނަބިއްޔާ صلى الله عليه وسلم އަބޫބަކުރުގެފާނަށް ވިދާޅުވި «لَا تَحْزَنْ إِنَّ اللَّهَ مَعَنَا» މާނައީ: "ހިތާމަ ނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެނާއެކުގައެވެ." މި ބަސްފުޅުގެ މާނައަކީ، ﷲ ތަޢާލާ ތަނެއްގައި ހުސްޠާހިރުރުވެވޮޑިގެންވުން ނުވަތަ އެކަލާނގެ ޒާތުފުޅުން ހޮހަޅައިގެ އަނދިރި ގައި ވޮޑިގެންވުމެއް ނޫނެވެ. ނަމަވެސް އޭގެ މާނައަކީ، ﷲ އެދެބޭކަލުންނާއެކު ރައްކާތެރިކުރެއްވުމާއި، ނަޞްރުދެއްވުމާއި، މަދަދުދެއްވުމާއި، އަދި ދެނެވޮޑިގަތުމާއެކު ވޮޑިގެންވުމެވެ. ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވުމަށް ވަކިތަނެއް ނުވާ ޙާލުގައެވެ. އަދި އެކަލާނގެ ވޮޑިގެންވަނީ އިސްވެވޮޑިގެންވި ގޮތުގެ މަތީގައެވެ. އެކަލާނގެއަށް ފަރާތްތަކުން އިމެއް ނުކުރެވެއެވެ. އަދި އުޑުތަކާއި ބިންތަކަކަށް އެކަލާނގެ އިޙާޠާއެއް ނުކުރެވެއެވެ.

ފަހެ، ހިޖުރައިން އަހުރެމެންނަށް ތައުޙީދާއި ހުސްޠާހިރުކުރުމުގެ ޢަޤީދާ ހަނދާންކޮށްދެއެވެ. އަދި ނޞްރު ލިބުންވަނީ ﷲ ގެ ޙަޟުރަތުންކަމާއި، ރައްކާތެރިކަންވަނީ ﷲ ގެ ޙަޟުރަތުންކަން އަހުރެމެންނަށް އުނގަންނައިދެއެވެ. އަދި އަޅާ އެކަލާނގެ ތައުޙީދާއި، ވަކީލުކުރުމާއި، ކިޔަމަންތެރިކަމުގައި ތެދުވެރިވެއްޖެނަމަ، އޭނާ ކަންބޮޑުވާ ކަންކަމުން ﷲ އޭނާއަށް ފުއްދަވައިދެއްވައި، ޢަދާވާތްތެރީންގެ ނުބައިކަމުން ރައްކާތެރިކުރައްވާނެއެވެ.

ކީރިތި ރަސޫލާގެ ހިޖުރައިން ލިބޭ ފިލާވަޅުތަކާއި ޢިބުރަތްތައް:

ކީރިތި ރަސޫލާގެ ހިޖުރައިން ލިބޭ އެންމެ ބޮޑެތި ފިލާވަޅުތަކުގެ ތެރޭގައި ހިމެނެނީ، ޙައްޤުގެ މަތީގައި ސާބިތުވެ ތިބުމެވެ. ފަހެ، ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ލިބުނު އަނިޔާތަކަށް ކެތްކުރެއްވިއެވެ. އަދި އުނދަގޫތައް ތަޙައްމަލުކުރެއްވިއެވެ. ﷲ ގެ ދީން މަތީގައި ސާބިތުވެ ތިއްބެވިއެވެ. އެއީ ﷲ އެކަލާނގެ ދީން ފާޅުކުރައްވައި، އެކަލާނގެ ކަލާމްފުޅު މަތިވެރިކުރައްވައި، އަދި ހެޔޮ ނިމުން ތަޤުވާވެރީންނަށް ލައްވަންދެންނެވެ.

އަދި ހިޖުރައިގެ ފިލާވަޅުތަކުގެ ތެރެއިން އަނެއް ކަމަކީ، ދީނަށް ނަޞްރުދިނުމަށް ކެތްތެރިކަމާއި، ސާބިތުކަމާއި، އަދި ޤުރުބާނީ ބޭނުންވާކަމެވެ. ފަހެ، މުހާޖިރުން އެބޭކަލުންގެ ގެދޮރާއި، މުދަލާއި، އަދި ޢާއިލާ، ﷲ ތަޢާލާއަށްޓަކައި ދޫކޮށްލެއްވިއެވެ. ދެން ﷲ އެބޭކަލުންނަށް ނަޞްރުދެއްވައި، އެބޭކަލުންގެ ނަންފުޅު މަތިވެރިކުރައްވައި، އަދި ފަހުން އަންނާނެ މީހުންނަށް ނަމޫނާއެއް ކަމުގައި ލެއްވިއެވެ.

އަދި މީގެ ފިލާވަޅުތަކުގެ ތެރޭގައި، ﷲ ގެ ދީނަށް ނަޞްރުދޭ މީހަކަށް އެކަލާނގެ ނޞްރު އަންނާނެކަމާއި، ބާޠިލުގެ ބާރު ކިތަންމެ ބޮޑުވިނަމަވެސް، އަދި އޭގެ ބާރު ކިތަންމެ ނުފޫޒުގަދަވިނަމަވެސް، އޭގެ ނިމުމަކީ ނެތިދިޔުމާއި، ނާކާމިޔާބީއާއި އަދި ހަލާކުކަން އެނގުމެވެ. އަދި ﷲ އެކަލާނގެ ދީން ރައްކާތެރިކުރައްވައި، އެކަލާނގެ ރަސޫލުންނާއި ނަބިއްޔުންނަށް ނަޞްރުދެއްވާނެކަމާއި، ޙައްޤުގެ ދަންމަރު އުފުލި، އެކަލާނގެ ކަލާމްފުޅު މަތިވެރިވާނެ ދުވަހެއް ހަތާ ބަލައި އަންނާނެކަމެވެ.

އަދި މީގެ ފިލާވަޅުތަކުގެ ތެރޭގައި، ﷲ އަށް ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާ ތަޢާރުޟުވާ (ފުށުއަރާ) ކަމެއް ނޫންކަން އެނގުމެވެ. ފަހެ، ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ހިޖުރައިގައި ސަބަބުތަކުގައި ހިއްޕެވިއެވެ. މަގެއް އިޚުތިޔާރުކުރެއްވިއެވެ. އެކުވެރިއަކު އިޚުތިޔާރުކުރެއްވިއެވެ. ވަގުތެއް އިޚުތިޔާރުކުރެއްވިއެވެ. ސަވާރީ ތައްޔާރުކުރެއްވިއެވެ. މަގުދައްކާ މީހަކު އުޖޫރައަށް ހިއްޕެވިއެވެ. އެކަލޭގެފާނުގެ ޚަބަރުތައް ޢަދާވާތްތެރީންނަށް ސިއްރުކުރެއްވިއެވެ. އަދި ހޮހަޅައިގައި ފިއްލެވިއެވެ. އެހެންނަމަވެސް، އެކަންކަމާއެކުވެސް އެކަލޭގެފާނުގެ ހިތްޕުޅު ވަނީ ﷲ އަށް ވަކީލުކުރެވި، އެކަލާނގެ ނަޞްރަށް އިތުބާރުކުރެވި، އެކަލާނގެ ވަޢުދުފުޅަށް ހިތްހަމަޖެހި، އަދި އެކަލާނގެ ރައްބަށް އޮތް އިތުބާރު ފުރިހަމަވެފައެވެ.

އަދި މީގެ ފިލާވަޅުތަކުގެ ތެރޭގައި، ﷲ އަށްޓަކައިވާ އުޚުއްވަތްތެރިކަން (އެބަހީ އީމާންތެރިކަމުގެ އުޚުއްވަތްތެރިކަން) އެއީ އިސްލާމީ މުޖުތަމަޢު ބިނާކުރުމުގެ އަސާސްކަން އެނގުމެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم މުހާޖިރުންނާއި އަންޞާރީންގެ ދެމެދުގައި އަޚުވަންތަކަން ޤާއިމުކުރެއްވި ހިނދު، ﷲ މުހާޖިރުންނާއި އަންޞާރީން އީމާންކަމާއި، ލޯބި، ނޞްރުދިނުން، އީޘާރުކުރުން (އަމިއްލަ ނަފްސަށްވުރެ އަނެކާއަށް އިސްކަންދިނުން) އަދި ހެޔޮކަންކަމުގައި އެހީތެރިވުމުގެ މައްޗަށް އެއްކުރެއްވިއެވެ. ފަހެ، އެބޭކަލުން އެކަކު އަނެކަކަށް ބާރުދޭ، ސާބިތުވެ ތިބި ބިނާއެއް ފަދަ އެއް އުންމަތަކަށް ވެގެންދިޔައެވެ. މިއީ ދީން ކުރިއަރުވައި، ޢަޤީދާގެ މަތީގައި ސާބިތުވެ، އަދި ޙައްޤުގެ ދަންމަރު މަތިވެރިކުރުމަށްޓަކައި، ކޮންމެ ޒަމާނެއްގައިވެސް އުންމަތަށް ބޭނުންވާ ކަންކަމެވެ.

ހިޖުރައިގެ ޒިކުރާގައި ދެވޭ ނަޞޭޙަތެއް:

ނަބަވީ ހިޖުރައިގެ ޒިކުރާއަކީ ދުލުން އެކަނި ހަނދާންކޮށްލާ އާދައިގެ ހާދިސާއެއް ނޫނެވެ. އަދި ކީއްހެއްޔެވެ! އެއީ އުނދަގޫތަކާއި މުޞީބާތްތަކަށް ކެތްކުރުމާއި، ބާޠިލުގެ ކުރިމަތީގައި ސާބިތުވުމާއި، އަދި ޢިލްމާއި، ޢަމަލާއި، ޤުރުބާނީއާއި ދަޢުވަތުގެ ޒަރީޢާއިން ޙައްޤަށް ނަޞްރުދިނުން އަހުރެމެން އުނގެނޭ މަދުރަސާއެކެވެ.

ހިޖުރައިގެ ޒިކުރާއިން ފައިދާ ލިބިގަންނަން އެދޭ މީހާ، އުރެދުންތަކުން ދުރުވެ ކިޔަމަންތެރިކަމަށް، ޣާފިލުކަމުން ދުރުވެ ﷲ ހަނދުމަކުރުމަށް، ޖާހިލުކަމުން ދުރުވެ ޢިލްމަށް، ބައިބައިވުމުން ދުރުވެ އަޚުވަންތަކަމަށް، އަދި ނިކަމެތިކަމުން ދުރުވެ ﷲ ގެ ދީނުގެ މަތީގައި ސާބިތުވުމަށް ހިޖުރަކުރާހުށިކަމެވެ! ފަހެ، ޙަޤީޤީ ހިޖުރައަކީ ﷲ ޙަރާމްކުރެއްވި ކަންކަން އަޅާ ދޫކޮށްލުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމުގެ މަތީގައި ސީދާވެހުރުމާއި، އަދި ޙައްޤުގެ އަހުލުވެރީންގެ ޢަޤީދާގެ މަތީގައި ސާބިތުވެހުރުމެވެ.

އަދި ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، ދީނަށް ނޞްރުދިނުމާއި، އުނގެނުމާއި އުނގަންނައިދިނުމާއި، އަދި ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގައި، އިސްލާމީ އުންމަތް މިއަދު ހިޖުރައިގެ ފިލާވަޅުތަކަށް ބޭނުންވެފައިވާ މިންވަރު ބޮޑުކަމާއެވެ! ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿كُنتُم خَيرَ أُمَّةٍ أُخرِجَت لِلنَّاسِ تَأمُرُونَ بِالمَعرُوفِ وَتَنهَونَ عَنِ المُنكَرِ وَتُؤمِنُونَ بِاللهِ﴾ މާނައީ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ.  އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ." އަދި އެކަލާނގެ ހުސްޠާހިރުވަންތަކަން ހާމަކުރައްވައި ވަޙީކުރެއްވިއެވެ. ﴿خُذِ العَفوَ وَأمُر بِالعُرفِ وَأَعرِض عَنِ الجَاهِلِينَ﴾ މާނައީ: "ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!"

މާތް ނަބިއްޔާ صلى الله عليه وسلم ހިޖުރަކުރެއްވުމުން ޠައިބާ (މަދީނާ) ތާހިރުވެ ސާފުވިއެވެ. އަދި އެކަލޭގެފާނު ވަޑައިގަތުމުން އެރަށުގެ އަނދިރިވެފައިވާ ހުރިހާ ތަނެއް އަލިވެގެންދިޔައެވެ. އަދި އެކަލޭގެފާނު އެރަށަށް ފައިބައިވަޑައިގަތުމުން ހިތްތަކަށް އުފާވެރިކަން ވެރިވެގެންދިޔައެވެ. ފަހެ، ނަބަވީ ހިޖުރައަކީ މަތިވެރި ދައުރެއްގެ ފެށުމެވެ. އަދި ބާޠިލު ކިތަންމެ މަތިވެރިވިނަމަވެސް އެއީ ނެތިދާނެ އެއްޗެއްކަމާއި، ޙައްޤާ ދެކޮޅަށް ކިތަންމެ ވަރަކަށް ހަނގުރާމަކުރެވުނުކަމުގައި ވިޔަސް، އޭގެ ދަންމަރު މަތިވެރިވާނެ ދުވަހެއް އަންނާނެކަމުގެ ނިޝާނެކެވެ. އަދި ﷲގެ ނޞްރުވަނީ ތެދުވެރި، ސާބިތުވެ ތިބި މީހުންނާ ކައިރީގައިކަމާއި، އަދި ދަޢުވަތުގެ މަގަށް ކެތްތެރިކަމާއި، ސާބިތުކަމާއި، ޤުރުބާނީއާއި، އަދި ﷲ ތަޢާލާއަށް ވަކީލުކުރުން ބޭނުންވާކަމުގެ އިޢުލާނެކެވެ.

ނަބަވީ ހިޖުރައަކީ ފިލާވަޅުތަކާއި ޢިބުރަތްތަކެކެވެ. ފަހެ، އޭގައި ތައުޙީދުގެ މަތީގައި ސާބިތުވުމާއި، އަނިޔާތަކަށް ކެތްކުރުމާއި، ދީނަށް ނޞްރުދިނުމާއި، އަމިއްލަ ނަފްސާއި މުދަލުން ޤުރުބާންވުމާއި، ﷲ އަށް ފުރިހަމައަށް ވަކީލުކުރުމާއި، ސަބަބުތަކުގައި ހިފުމާއި، ރަސޫލާ صلى الله عليه وسلم އަށް ވަފާތެރިވުމާއި، ﷲ އަށްޓަކައިވާ އުޚުއްވަތްތެރިކަމާއި، އަދި ލޯބީގެ މައްޗަށާއި، އެހީތެރިވުމާއި، ނޞްރުދިނުމުގެ މައްޗަށް މުޖުތަމަޢު ބިނާކުރުން ވެއެވެ.

އަދި ހިޖުރައަކީ ކިޔައިދެވޭ އާދައިގެ ވާހަކައެއް ނޫނެވެ. އަދި ކީއްހެއްޔެވެ، އެއީ ﷲ އާއެކުވާ ޢަހުދު އާކުރުމަށްޓަކައި، އަދި އުރެދުންތަކުން ކިޔަމަންތެރިކަމަށް، ޣާފިލުކަމުން ﷲ ހަނދުމަކުރުމަށް، ނިކަމެތިކަމުން ސާބިތުކަމަށް، އަދި ބައިބައިވުމުން އަޚުވަންތަކަމަށާއި ޙައްޤުގެ މައްޗަށް އެއްވުމަށް ހިޖުރަކުރުމަށް ޓަކައިވާ މަދުރަސާއެކެވެ. (ނިމުނީ)

ކޮމެންޓު