ad_banner
މާތް ނަބިއްޔާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރަ: އަލިގަދަ ނޫރެއް ފަދަ، ކެތްތެރިކަމާއި ސާބިތުކަމުގެ މަތިވެރި ނަޞްރުގެ ދަތުރުފުޅު (5)

ޑރ. މޫސާ އަންވަރު ޙަސަން

6 އޮކްޓޯބަރު 2026

(03 އޮކުޓޫބަރު 2026ގެ ޢަދަދާ ގުޅޭ)

އުންމު މަޢުބަދުގެ ފިރިކަލުން އެނބުރި ވަޑައިގެންފައި، އެ ކަމަނާއަށް ދެންނެވިއެވެ: "މި ކިރު ތިޔަބައިމީހުންނަށް ލިބުނީ ކޮންތާކުންހެއްޔެވެ؟" އެ ކަމަނާ ދެންނެވިއެވެ: "ތިމަންމެންގެ އަރިހުން ބަރަކާތްތެރި ބޭކަލަކު ދަތުރުކުރެއްވިއެވެ. އެކަލޭގެފާނުގެ ސިފަފުޅުތައް ހުރީ މިވެނި އެވެނި ގޮތަކަށެވެ." އެކަލޭގެފާނު ދެންނެވިއެވެ: "އޭ އުންމު މަޢުބަދެވެ! ތިމަންނާއަށް އެކަލޭގެފާނު ސިފަކޮށްދީބަލާށެވެ!"

ދެން އެ ކަމަނާ ރަސޫލާ صلى الله عليه وسلم ސިފަކުރައްވަމުން ދެންނެވިއެވެ. "އެކަލޭގެފާނަކީ އަލިގަދަ އަދި ސާފު، މޫނުފުޅު ރީތި، އަޚުލާޤު ހެޔޮ ބޭކަލެކެވެ. ބަނޑުފުޅު ބޮޑުކަމުން އުނިކަމެއް ނުވެއެވެ. އަދި ބޯފުޅު ކުޑަވެގެން އުނިކަމެއް ނުވެއެވެ. ނުހަނު ރީތި، ރޫފަހެޔޮ ބޭކަލެކެވެ. ކަޅި ނުހަނު ކަޅެވެ. އެސްފިޔަފުޅު ދިގުވެފައި ހުރީ ވިދަވިދައެވެ. އަޑުފުޅުގައި މަޑުމައިތިރި ބަރުކަމެއް ހުރެއެވެ. ކަންފަތްޕުޅު ދިގުވެފައި ރީއްޗެވެ. ތުނބުޅިފުޅު ބޮލެވެ. އެސްފިޔަފުޅު ގުޅިފައިވެއެވެ. އިސްތަށިފުޅު ގަދައަށް ކަޅެވެ. ހިމޭނުން އިންނަވާ އިރު ހައިބަވަންތަކަން ފާޅުވެއެވެ. ވާހަކަފުޅު ދައްކަވާއިރު އުޖާލާކަމާއި ރީތިކަން ފާޅުވެއެވެ. ދުރުން ބަލާ އިރު އެންމެ ރީތި، އެންމެ އުޖާލާ ބޭކަލެކެވެ. ކައިރީން ބަލާ އިރު އެންމެ ރީތި، އެންމެ ފޮނި ބޭކަލެކެވެ. ވާހަކަފުޅު ދެއްކެވުން ފޮންޏެވެ. ބަސްފުޅުތައް ސާފެވެ. މަދެއް ނޫނެވެ. އަދި ގިނަވެގެން ގޮސް މާނައެއް ނެތް ގޮތެއް ވެސް ނުވެއެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް ސަފަކަށް އަމުނައިލެވިފައިވާ ޖަވާހިރުތަކެއް ފަދައެވެ. މެދުމިނުގެ އިސްކޮޅެކެވެ. ކުރުކަމުން މީހުންގެ ނަޒަރުން ކުޑަވެގެން ނުވެއެވެ. އަދި ދިގުކަމުން ހިތްހަމަނުޖެހޭ ގޮތެއް ނުވެއެވެ. ދެ ގޯނި (ދެ ގޮފި) ދެމެދުގައިވާ ގޮތްޕެއް ފަދައެވެ. އެކަލޭގެފާނަކީ އެ ތިން ބޭކަލުންގެ ތެރެއިން (އެބަހީ އަބޫބަކުރުގެފާނާއި މަގުދައްކާ މީހާއާ އެކު) އެންމެ ރީތި، އެންމެ ރޫފަހެޔޮ ބޭކަލެކެވެ. އެކަލޭގެފާނާ އެކު ވަށައިގެން ތިބޭ އެކުވެރީންތަކެއް ގާއިމުވެ ތިބެއެވެ. އެކަލޭގެފާނު ބަސްފުޅެއް ވިދާޅުވެއްޖެ ނަމަ އެއަށް އަޑުއަހައެވެ. އަދި ކަމަކަށް އަމުރުކުރައްވައިފި ނަމަ އެ ކަމަކަށް އަވަސްވެގަނެއެވެ. ޚިދުމަތްކުރެވޭ، މީހުން އެއްވާ ބޭކަލެކެވެ. އަދި ބޭކާރު ވާހަކަ ދައްކަވާ ބޭކަލެއް ނޫނެވެ."

ދެން އަބޫ މަޢުބަދު ބުންޏެވެ!  ހަމަކަށަވަރުން މާތް ﷲ ގަންދީ ބުނަމެވެ. މިއީ ތިމަންމެންނާ ހަމައަށް އެކަލޭގެފާނުގެ ޚަބަރުތައް ފޯރައިފައިވާ ޤުރައިޝުންގެ އެކުވެރިޔާއެވެ! ތިމަންނާ އެކަލޭގެފާނާ އެކު ދިޔުމަށް ޤަޞްދުކޮށްފީމެވެ. އަދި މަގެއް ފެނިއްޖެ ނަމަ ހަމަކަށަވަރުން ވެސް ތިމަންނާ އެ ކަން ކުރާނޫއެވެ." މި ވާހަކައިގައި ނަބިއްޔާ صلى الله عليه وسلمގެ ފާޅުކަންބޮޑު މުޢުޖިޒާތެއް ވެއެވެ. އަދި އެކަލޭގެފާނުގެ ރީތިކަމާއި، ހައިބަވަންތަކަމާއި، އުޅުއްވުމުގެ ރީތިކަމުގެ ފުރިހަމަ ސިފަކޮށްދިނުމެއް ވެއެވެ.

ރަސޫލާ މަދީނާއަށް ކުރެއްވި ދަތުރުފުޅު:

މުހާޖިރުންނާއި އަންޞާރީން، ރަސޫލާ صلى الله عليه وسلم ވަޑައިގަންނަވާނެ ވަގުތަކަށް އިންތިޒާރުކުރެއްވުމަށް ޤުބާއަށް އެއްވަމުން ދިޔައެވެ. އެކަލޭގެފާނު ވަޑައިގަތް ދުވަހު (ރަބީޢުލްއައްވަލް މަހުގެ 12 ވީ ހޯމަ ދުވަހު)، ބާއްޖަވެރިކަމާއި އުފާވެރިކަމާ އެކު އެރަށަށް ފައިބައިވަޑައިގަތެވެ. އަދި މުސްލިމުން އެކަލޭގެފާނަށް ސަލާމްދެންނެވުމަށް ވަޑައިގަތެވެ.

އެކަލޭގެފާނު صلى الله عليه وسلم ޤުބާގައި ދުވަސްކޮޅަކު މަޑުކުރެއްވިއެވެ. އަދި ﷲ ތަޢާލާ ﴿لَمَسجِدٌ أُسِّسَ عَلَى التَّقوَى﴾ މާނައީ: "ތަޤުވާގެ މައްޗަށް ބިނާކުރެވުނު މިސްކިތް" ވަޙީކުރެއްވި މިސްކިތް (ޤުބާ މިސްކިތް) ބިނާކުރެއްވިއެވެ. އަދި على بن أبى طالب رضى الله عنه، ރަސޫލާ صلى الله عليه وسلمގެ އަރިހުގައި ހުރި އަމާނާތްތައް އެތަކެތީގެ ވެރީންނަށް ރައްދުކުރެއްވުމަށް ޓަކައި ތިން ރޭ މަޑުކުރެއްވުމަށް ފަހު، އެކަލޭގެފާނާ އަރާހަމަކުރެއްވިއެވެ. އޭގެފަހުން ރަސޫލާ صلى الله عليه وسلم އެބޭކަލުންގެ ތެރެއިން ނުކުމެވަޑައިގެން، ސަވާރީއަށް ސަވާރުވެވަޑައިގަތެވެ. މީސްތަކުން އެކަލޭގެފާނުގެ ވަށައިގެން ހިނގައިފައި ދިޔައެވެ. ދެން بنو سالم بن عوف ގަބީލާގެ ސަރަޙައްދުން ހުކުރު ވަގުތު ޖެހުމުން، އެކަލޭގެފާނު އެ ތަނުގައި ހުކުރު ނަމާދު ކުރެއްވިއެވެ.

އަދި އެއަށްފަހު މަދީނާގައި، މުހާޖިރުންނާއި އަންޞާރީންގެ ތެރެއިންވާ މުއުމިނުން، ލޯބިވެތި ރަސޫލާ صلى الله عليه وسلم ވަޑައިގަންނަވާނެ ވަގުތަކަށް ދުވަހުން ދުވަހަށް، ނުހަނު ޝައުޤުވެރިކަމާ އެކު އިންތިޒާރުކުރަމުން ދިޔައެވެ. އަދި މައްކާ މަގުން މަދީނާގެ އަވަށުގެ ކައިރިއަށް އެއްވެ، އެކަލޭގެފާނު ވަޑައިގަންނަވާ ތަން ފެނޭތޯ ގަސްގަހާގެއްސަށް އަރައި ދުރަށް ބަލަމުން ދިޔައެވެ.

ދުވަހެއްގެ އިރު މެދުޖެހި، ހޫނުގަދަވި ވަގުތެއްގައި، މީސްތަކުން އިންތިޒާރުގައި ތިއްބައި، މީހަކު ބާރަށް ގޮވާލިއެވެ: "އޭ މަދީނާގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން އިންތިޒާރުކުރަމުންދިޔަ ބޭކަލަކު އެއޮށް ވަޑައިގަންނަވަނީއެވެ." ދެން މީސްތަކުން ލޯބިވެތި ނަބިއްޔާ صلى الله عليه وسلمއަށް މަރުޙަބާ ދެންނެވުމަށް، ލޯބިން ފުރިގެންވާ ހިތްތަކާ އެކު ދުއްވައިގަތެވެ. އެބޭކަލުންގެ ޙާލު ބުނެދެމުން ދިޔަ ފަދައެވެ. [ޘަނިއްޔަތުލްވަދާޢުން ތިމަންމެންގެ މައްޗަށް ބަދުރުގެ ފުރިހަމަ ހަނދު އެރިއެވެ.]

މުހާޖިރުންނާއި އަންޞާރުން ރަސޫލާ صلى الله عليه وسلمއަށް އެންމެ ފުރިހަމަ މަރުޙަބާ ދެންނެވިއެވެ. އެބޭކަލުން މަގުމައްޗަށާއި ފުރާޅުތަކުގެ މައްޗަށް އަރައި އުފާކުރެއްވިއެވެ. އަދި ޚާދިމުންނާއި ކުޑަކުދިން މަގުމައްޗަށް ނުކުމެ ގޮވަމުން ދިޔައެވެ. [ﷲ އަކުބަރު، ރަސޫލާ صلى الله عليه وسلم ވަޑައިގެންފިއެވެ. މުޙައްމަދުގެފާނު ވަޑައިގެންފިއެވެ.]

ރަސޫލާ صلى الله عليه وسلم މަދީނާއަށް ވަޑައިގަތުމަށް ދަތުރުކުރެއްވުމުން، އަންޞާރީންގެ ބައެއް ބޭކަލުން އެކަލޭގެފާނުގެ އަރައިވަޑައިގެން އިންނެވި ޖަމަލުގެ ވާގަނޑުގައި ހިއްޕަވައި، އެކަލޭގެފާނު އެބޭކަލުންގެ އަރިހުގައި ތިއްބެވުމަށް އެދުނެވެ. އެ ބޭކަލުން ދެންނެވިއެވެ. "ތިމަންމެންގެ އަރިހުގައި، ޢަދަދާއި، ހަތިޔާރާއި، ރައްކާތެރިކަމާއެކު ތިއްބަވާށެވެ." އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެ ޖަމަލު ދޫކޮށްލާށެވެ! އެއަށްވަނީ އަމުރުކުރެވިގެންނެވެ." އެކަލޭގެފާނުގެ ޖަމަލު، ﷲ އަމުރުކުރެއްވި ތަނުގައި ބަނޑު ޖަހައި އިށީންނަންދެން ދިޔައެވެ. އެއީ އެކަލޭގެފާނުގެ މިސްކިތްކޮޅު (މަސްޖިދުއްނަބަވީ) ބިނާކުރެވުނު ތަނެވެ.

އެ ތަނަކީ بنو مالك بن النجار ޤަބީލާގެ، معاذ بن عفراء މުޢާޛު ގެ ބެލެހެއްޓުމުގެ ދަށުގައިވާ ޔަތީމު ދެ ކުދިންގެ ބިމެކެވެ. ނަބިއްޔާ صلى الله عليه وسلم އެ ތަނަކީ ކާކުގެ ތަނެއްތޯ އެއްސެވުމުން، އެ ދެ ކުދީންގެ ވާހަކަ ދެންނެވުނެވެ. ދެން އެކަލޭގެފާނު އެ ތަން ބައްލަވައިގަތުމަށް ފަހު، އެ ތަނުގައި ހުރި ކަދުރުރުއްތަކާއި ކަށިގަސްތައް ކަނޑައިލުމަށް އަމުރުކުރައްވައި، މާތް މިސްކިތްކޮޅުގެ ބިންގާއަޅުއްވައި ބިނާކުރެއްވިއެވެ.

ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ވަޑައިގަތުމުން، އެރަށުގެ އަހުލުވެރީން މަގުތަކަށާއި ފުރާޅުތަކުގެ މައްޗަށް ނުކުމެ އުފާކުރިއެވެ. އަދި ކުޑަކުދިން "ﷲ އަކުބަރު، ރަސޫލާ صلى الله عليه وسلم ވަޑައިގެންފިއެވެ. މިއެކު ގޮވަމުން ދިޔައެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ އިސްނަންގަވައި ކުރެއްވި ކަމަކީ މިސްކިތް ބިނާކުރެއްވުމެވެ. އެއީ ޢިލްމާއި މަޢުރިފާގެ މަނާރާއަކަށް، އަދި އަޅުކަންކުރުމުގެ މަރުކަޒަކަށް ހެއްދެވުމަށެވެ. އެ ތަނުގައި ހިތްތަކާއި އަތްތައް ސަލާމްކޮށް ގުޅޭނެއެވެ. ޚުދު، އެކަލޭގެފާނު އަޞްޙާބުންނާ އެކު ހިލަތައް އުފުއްލަވަމުން ވިދާޅުވިއެވެ: "ياﷲ! އާޚިރަތުގެ ދިރިއުޅުން މެނުވީ އެހެން ދިރިއުޅުމެއް ނުވެއެވެ. ފަހެ އަންޞާރީންނާއި މުހާޖިރުންނަށް ފާފަ ފުއްސަވާނދޭވެ!"

އަދި ރަސޫލާ صلى الله عليه وسلم މަޑުކުރެއްވީ أبو أيوب خالد بن زيد الأنصاري رضى الله عنه ގެ ގޭގައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "ތިމަންމެން އިރުއޮއްސޭ ވަގުތުގެ ކެއުން ތައްޔާރުކޮށް، އެކަލޭގެފާނަށް ފޮނުވަމުއެވެ. އެކަލޭގެފާނު އެއިން ބާކީވި އެއްޗެއް ތިމަންމެންނަށް ރައްދުކުރެއްވުމުން، ތިމަންނާއާއި އުންމު އައްޔޫބު އެކަލޭގެފާނުގެ އަތްޕުޅު ޖެހިފައިވާ ތަނުގައި އަތްޖައްސައި، ބަރަކާތަށް އެދިގެން އެއިން ކެއީމުއެވެ." މިއިން ދޭހަވަނީ އަބޫ އައްޔޫބުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން، ރަސޫލާ صلى الله عليه وسلمގެ އާޘާރުތަކުން ބަރަކާތް ޙާޞިލުކުރެއްވިކަމާއި، ނަބިއްޔާ صلى الله عليه وسلم އެކަން މަނައެއްނުކުރައްވާ ކަމެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަމައެކަނި ހިލައިން މިސްކިތް ބިނާކުރެއްވުމުން ފުއްދަވައިލެއްވީއެއް ނޫނެވެ. އަދި ކީއްހެއްޔެވެ، މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން މީހުން އަޚު ކުރެއްވިއެވެ. އެއީ އެބޭކަލުންގެ ނަފްސުތައް ގުޅި، ގުޅުންތައް ބަދަހިވެ، ޖާހިލިއްޔަޒަމާނުގެ ތަޢައްޞުބުތަކާއި ތަފާތުތައް ނެތިދިޔުމަށްޓަކައެވެ. އެ މާތް ބިމުގައި ނުބައި ތަފާތުކުރުންތައް ނެތިގެންދިޔައެވެ. މުއްސަނދިންނާއި ފަޤީރުން، އަދި ޢަރަބިންނާއި ޢަރަބި ނޫން މީހުން، ކޮނޑާ އެކު ކޮނޑުޖައްސައިގެން ނަމާދުކުރިއެވެ. ކޮންމެ މީހަކަށް ވެސް މާތްކަމެއް ލިބެނީ ތަޤުވާވެރިކަމުންކަމުގައިވާތީއެވެ.

މުސްލިމުން، ނަބިއްޔާ صلى الله عليه وسلم (އެކަލޭގެފާނު އެރަށަށް "އަލްމަދީނަތުލް މުނައްވަރާ"ގެ ނަން ދެއްވި) ޔަޘްރިބަށް ވަޑައިގަތުމުން އުފާކުރިއެވެ. އެކަލޭގެފާނު އެރަށުގެ އަހުލުވެރީންނާއި މުހާޖިރުން އަޚުންކަމުގައި ހެއްދެވިއެވެ. އަދި އެރަށުގެ އަހުލުވެރީންނަށް "އަންޞާރުން" ގެ ނަމުން ނަންދެއްވިއެވެ. އެއީ އެބޭކަލުން ﷲ ތަޢާލާގެ ދީނަށް ނޞްރުދެއްވިކަމަށް ޓަކައެވެ. އަދި އޭގެ ސަބަބުން ޔަޘްރިބުގެ އައުވްސް އަދި ޚަޒްރަޖު ދެ ޤަބީލާގެ ދެމެދުގައި އަހަރުތަކަކަށް ދެމިގެންދިޔަ ބޮޑު ފިތުނަ ނިވިގެންދިޔައެވެ. ފަހެ މުސްލިމުން އެކަކު އަނެކަކާ ގުޅި، އެއް ހިތެއް ފަދައިންވިއެވެ. އެބޭކަލުންގެ މެދުގައި ދުނިޔެވީ ދަހިވެތިކަމެއް ނުވަތަ ޙަސަދަވެރިކަމެއް ނެތެވެ. އެބޭކަލުން ސާބިތުވެ ތިބި ބިނާއެއް ފަދައިން އެކަކު އަނެކަކަށް ބާރުދޭ ބަޔަކު ކަމުގައިވިއެވެ. އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ﴿إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ ءَامَنُوا فِي الحَيَاةِ الدُّنيَا وَيَومَ يَقُومُ الأَشهَادُ﴾ (سورة غافر 51)  މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول ންނަށާއި، إيمان ވި މީހުންނަށް، ދުނިޔޭގެ حياة ގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامة ދުވަހުގައި) نصر ދެއްވާހުށީމެވެ."

އަދި އެކަލޭގެފާނު صلى الله عليه وسلم ވަޑައިގަތުމުން މަދީނާގެ ބިން ތާހިރުވެ ޞާފުވެގެންދިޔައެވެ. އަދި އެކަލޭގެފާނުގެ ހިޖުރައިން މަދީނާ އަލިވެގެންދިޔައެވެ. އަދި އެކަލޭގެފާނު އެ ރަށަށް ފައިބައިވަޑައިގަތުމުން މުއުމިނުންގެ ހިތްތަކަށް އުފާވެރިކަން ވެރިވެގެންދިޔައެވެ. ފަހެ، މި ހިޖުރައަކީ އާ ދައުރެއްގެ ފެށުމެވެ. އަދި އިސްލާމީ ދަޢުވަތުގެ ތާރީޚުގައި އަލިގަދަ ފަޖުރެކެވެ.

ދީނީ އުޚުއްވަތްތެރިކަމުގެ ފައިދާ:

ރަސޫލާ صلى الله عليه وسلم މަދީނާއަށް ވަޑައިގަތުމަށްފަހު، މުހާޖިރުންނާއި އަންޞާރީންގެ ދެމެދުގައި އަޚުވަންތަކަން ޤާއިމުކުރެއްވިއެވެ. ފަހެ، މުސްލިމުން އެކަކު އަނެކަކަށް ބާރުދޭ، ސާބިތުވެ ތިބި ބިނާއެއް ފަދައިން އެއް ހިތެއްގެ ވެރި ބަޔަކަށް ވިއެވެ. އެބޭކަލުންގެ މެދުގައި އެއްވެސް ދަހިވެތިކަމަކުން ތަފާތެއް ނުކުރެއެވެ. އަދި ދުނިޔެވީ ކަމަކުން އެބޭކަލުން ދުރުކޮށެއް ނުލެވެއެވެ. އަދި އެބޭކަލުންގެ ދެމެދުގައިވާ ގުޅުން ޙަސަދަވެރިކަމަކުން ނުވަތަ ޢަދާވާތްތެރިކަމަކުން ކަނޑައެއް ނުލައެވެ.

އަދި މިއީ އީމާންތެރިކަމުގެ އުޚުއްވަތްތެރިކަމުގައިވާ ނުހަނު ބޮޑު ފިލާވަޅެކެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "وَكُونُوا عِبَادَ اللَّهِ إِخْوَانًا" މާތް ﷲއަށް ޓަކައި ތިޔަބައިމީހުން އަޚުންތަކެއް ކަމުގައިވާށެވެ!" މީގެ މާނައަކީ: އޭ މުސްލިމުންނޭވެ! ތިޔަބައިމީހުން އެންމެންނީ ވެސް އީމާންކަމުގައި ބައިވެރިވާ ބަޔެކެވެ. ފަހެ، ތިޔަބައިމީހުންގެ ދެމެދުގައި އެކަކު އަނެކަކަށް އަޚުންތަކެއްކަމުގައިވާށެވެ.

(ނުނިމޭ)

ކޮމެންޓު