އޒ. އިބްރާހީމް ރަޝީދު މޫސާ
5 އޮކްޓޯބަރު 2026
އަނިޔާވެރިޔާއަށް ނިސްބަތްކުރާ އިރު މަޒުލޫމަށް (އަނިޔާލިބިފައިވާ މީހާއަށް) ދެ ޙާލަތެއް ލިބިގެންވެއެވެ.
ފުރަތަމަ ޙާލަތަކީ ޢަދުލުވެރިކަމާ އެކު އޭނާއަށް ލިބިފައިވާ އަނިޔާއަށް ބަދަލުހޯދުމެވެ. އޭނާއަށް އަނިޔާ ލިބިފައިވާ މިންވަރާ އެއް ވަރަށް އަނިޔާވެރިޔާގެ މައްޗަށް (ބަދު) ދުޢާކުރުމެވެ.
އަނިޔާވެރިޔާގެ ކިބައިން ބަދަލުހޯދުމަށް މަސައްކަތްކުރުމަކީ ނުވަތަ އޭނާގެ މައްޗަށް އެ މިންވަރަށް ބަދުދުޢާކުރުމަކީ ޝަރްޢުގައި ހުއްދަކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ (39} وَجَزَاء سَيِّئَةٍ سَيِّئَةٌ مِّثْلُهَا فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ إِنَّهُ لَا يُحِبُّ الظَّالِمِينَ (40} وَلَمَنِ انتَصَرَ بَعْدَ ظُلْمِهِ فَأُوْلَئِكَ مَا عَلَيْهِم مِّن سَبِيلٍ (41} إِنَّمَا السَّبِيلُ عَلَى الَّذِينَ يَظْلِمُونَ النَّاسَ وَيَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ أُوْلَئِكَ لَهُم عَذَابٌ أَلِيمٌ [1]- އަދި އެއުރެންނީ، އެއުރެންނަށް އަނިޔާވެރިވުމެއް އަންނަހިނދު، نصر ލިބިގަންނަ މީހުންނެވެ. (39) ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ. (40) އަނިޔާލިބުމަށްފަހު، نصر ލިބިގެންފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ކުށްވެރިކުރުމުގެ އެއްވެސް މަގެއްނެތެވެ. (41) އެކަމަކު، ކުށްވެރިކުރުމުގެ މަގެއް އޮތްކަން ކަށަވަރީ، މީސްތަކުންނަށް އަނިޔާވެރިވެ، އަދި ބިމުގައި حق އަކާނުލައި بغاوةތެރިވެ، ފަސާދަކުރާ މީހުންގެ މައްޗަށެވެ. އެއުރެންނަށް ވޭންދެވިނި عذاب ހުށްޓެވެ.)) ﷲ عز وجلގެ އެހެން ބަސްފުޅެއްގައި ވެއެވެ. (لاَّ يُحِبُّ اللّهُ الْجَهْرَ بِالسُّوَءِ مِنَ الْقَوْلِ إِلاَّ مَن ظُلِمَ وَكَانَ اللّهُ سَمِيعاً عَلِيماً [2]- އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.)
މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވެފައިވާ ގޮތުގައި މި އާޔަތުގެ މާނައަކީ އަނިޔާ ލިބިގެންވާ މީހާ މެނުވީ ބަދުދުޢާކުރުމަކަށް މާތް ﷲ ލޯބިވެވޮޑިއެއްނުގަންނަވަތެވެ. އޭނާއަށް އަނިޔާވެރިވި މީހާގެ މައްޗަށް ދުޢާކުރުމުގެ ހުއްދަ މާތް ﷲ މި އާޔަތުގައި މި ވަނީ ދެއްވައިފައެވެ.[3]
އަނިޔާވެރިޔާގެ މައްޗަށް ދުޢާކުރުމުގެ އަދަބުތައް
1- އަނިޔާވެރިވި މިންވަރާ އެއްވަރަށް ދުޢާކުރުން: އޭނާއަށް ލިބުނު އަނިޔާއަށް ވުރެ ބޮޑަށް ދުޢާކުރުމަކީ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދިޔުމެކެވެ. އައްސަޢުދީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ: (إِلاَّ مَن ظُلِمَ - އަނިޔާ ލިބިގެންވާމީހާ މެނުވީއެވެ.) ގެ މާނައަކީ އަނިޔާވެރިވި މީހާގެ މައްޗަށް ދުޢާކުރުމާއި އޭނާއާ ބެހޭގޮތުން ޝަކްވާކުރުމަކީ ހުއްދަ ކަމެކެވެ. ނުބައިބަސްބުނާ މީހާއާ ދެކޮޅަށް ބަސްބުނުމަކީ ވެސް ހުއްދަކަމެކެވެ. އެކަމަކު އެނާއާ ބެހޭގޮތުން ދޮގުހަދައިގެން ނުވާނެތެވެ. އޭނާ ދިން އަނިޔާވެރިކަމުގެ މައްޗަށް ކަމެއް އިތުރުކޮށްގެންނުވާނެތެވެ. އޭނާއަށް އެއްޗެހިކިޔުމުގައި އިމުން ބޭރުވެގެންނުވާނެތެވެ.[4]
2- އަނިޔާކުރި މީހާ ކާފިރަކަށް ހެއްދެވުމަށް ނުވަތަ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހަކަށް ހެއްދެވުމަށް ދުޢާކުރުން ހުއްދަނުވާނެކަމަށް ކުވައިތުގެ އައްމައުސޫޢަތުލްފިޤްހިއްޔަތުގައި އައިސްފައިވެއެވެ. މި މަޝްހޫރު އިސްލާމީ ފިޤްހީ އެކުމާފާނުގައި އައިސްފައިވެއެވެ: އަނިޔާ ލިބިފައިވާ މީހާއަށް އަނިޔާވެރިވި މީހާގެ މައްޗަށް ދުޢާކުރުން ހުއްދަވާނީ އޭނާއަށް ލިބުނު އަނިޔާއާ އެއްވަރު މިންވަރަކަށެވެ. އޭނާގެ މުދާ ފޭރިގަތްމީހާ ނުވަތަ އޭނާއަށް އެއްޗެހިގޮވި މީހާ ކާފިރުކަމުގެ ތެރެއަށް ވައްޓައިލެއްވުމަށް ދުޢާކުރުން ހުއްދައެއްނުވާނެތެވެ. އަދި އޭނާއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ދެއްކުން ވެސް ހުއްދައެއްނުވާނެތެވެ. އަނިޔާވެރިޔާ އޭނާއާ ބެހޭ ގޮތުން ދޮގުހެދިޔަސް އޭނާއާ ބެހޭގޮތުން ދޮގު ވާހަކަތައް ހަދައިގެ ދެއްކުން ހުއްދައެއްނުވާނެތެވެ. އޭނާގެ ދީން ފާސިދުކުރާން އުޅުނަސް މި އަނިޔާވެރިޔާގެ ދީން ފާސިދުކޮށް ދެއްވާތޯ ދުޢާކޮށްގެންނުވާނެތެވެ.[5]
3- އަނިޔާވެރި މީހާގެ މައްޗަށް އެކަނި ދުޢާކުރުން: މި ދުޢާގައި އޭނާގެ އަނބިދަރީން ޝާމިލުކޮށްގެންނުވާނެތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރައްވައިފައިވާ ގޮތުގައި ބޭއިންސާފުން އަނިޔާލިބިފައިވާ މީހާގެ ދުޢާ މާތްﷲ އިޖާބަކުރައްވާނެއެވެ. މި ދުޢާ އިޖާބަނުކުރައްވާ ރައްދުނުކުރައްވާނެތެވެ.އެކަލޭގެފާނު މުޢާޛު ބުނު ޖަބަލު ޔަމަނަށް ފޮނުއްވަމުން ޙަދީސްކުރެއްވިއެވެ. (فإيَّاكَ وكَرائِمَ أموالِهم، واتَّقِ دَعوةَ المَظلومِ؛ فإنَّه ليس بينَه وبينَ اللهِ حِجابٌ[6] - އެބައިމީހުންގެ މުދަލުގައި ހިމެނޭ އެންމެ ލޯބިވާ އެއްޗެހިން ޒަކާތް ނެގުމާ ތިބާ ދުރުހެލިވާށެވެ! އަދި އަނިޔާލިބިފައިވާ މީހާގެ ދުޢާއަށް ތިބާ ރައްކައުތެރިވާށެވެ!ފަހެ ހަމަކަށަވަރުން އެ ދުޢާއާ ﷲއާ ދެމެދުގައި އެއްވެސް ހުރަހެއް ނުވެތެވެ.) ނަބިއްޔާ r ގެ އެހެން ބަސްފުޅެއްގައި ވެއެވެ. (ثلاثةٌ لا تُردُّ دعوتُهم الصَّائمُ حتَّى يُفطرَ والإمامُ العادلُ ودعوةُ المظلومِ يرفعُها اللهُ فوق الغمامِ وتُفتَّحُ لها أبوابُ السَّماءِ ويقولُ الرَّبُّ وعزَّتي لأنصُرنَّك ولو بعد حينٍ[7] -ތިން މީހެއްގެ ދުޢާ އިޖާބަނުކުރައްވާ ރައްދުނުކުރައްވާނެތެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލައިފުމަށްދާންދެން ކުރާ ދުޢާއާއި ، ޢަދްލުވެރި ވެރިޔާގެ ދުޢާއާއި ، އަނިޔާލިބިފައިވާ މީހާގެ ދުޢާއެވެ. މާތްﷲ އޭނާގެ ދުޢާ ވިލާތަކުގެ މައްޗަށް އުފުއްލަވާނެއެވެ.އަދި އެ ދުޢާގެ ކުރިމަތީގައި އުޑުގެ ދޮރުތައް ހުޅުވޭނެއެވެ. މާތް ﷲ ވަޙީކުރައްވާނެއެވެ. ތިމަންރަސްކަލާނގެ ޢިއްޒަތްތެރިކަން ގަންދެއްވާ ވަޙީކުރައްވަމެވެ. ތަންކޮޅެއް ލަހުން ނަމަވެސް ތިމަންރަސްކަލާނގެ ތިބާއަށް ނަޞްރުދެއްވާހުށީމެވެ!) ރަސޫލާ صلى الله عليه وسلم ގެފުޅުގެ އަރިހުގައި މުޝްރިކުންގެ ބޮޑުންގެ މައްޗަށް ދުޢާކުރެއްވިއެވެ. އަދި ﷲއަށާއި ކައު ރަސޫލާއަށް ނުކިޔަމަންތެރިވި ޢަރަބީންގެ ޤަބީލާއެއްގެ އަވަށްތަކެއް ކަމުގައިވާ ރިޢުލު އަވަށާއި، ޛަކްވާން އަވަށާއި، ބަނީ ލިޙްޔާން އަވަށާއި، ބަނީ ޢުޞައްޔަތު އަވަށުގެ މީހުންގެ މައްޗަށް އެއް މަސް ވަންދެން ފަތިސްނަމާދުގައި ޤުނޫތު ވިދާޅުވެ ދުޢާކުރެއްވިއެވެ. އެއީ މި އަވަށްތަކުގެ މީހުންގެ ގާތަށް ދީނަށް ގޮވައިލެއްވުމަށް ފޮނުއްވި ހަތްދިހަވަރަކަށް ޞަޙާބީންނަށް ރައްކައުތެރިކަން ދިނުމަށް ފަހު ޣައްދާރުވެ ޝަހީދުކުރީތީއެވެ. [8]
4- ބުޚާރީއާއި މުސްލިމުގައި ވާރިދުވެފައިވާ ގޮތުގައި މާތް ﷲ ރުއްސުންލެއްވި ސަޢުދު ބުނު އަބީ ވައްޤާޞުގެފާނަށް އަނިޔާވެރިވި މީހެއްގެ މައްޗަށް ދުޢާކުރެއްވިއެވެ. ޖާބިރު ބުނު ސަމްރަތުގެ އަރިހުން ރިވާވެގެންވެއެވެ. ( ކޫފާގެ އަހްލުވެރިން ސަޢުދުގެފާނާ ބެހޭގޮތުން ޢުމަރުގެފާނަށް ޝަކްވާ ދެންނެވިއެވެ. އެހިނދު ޢުމަރުގެފާނު ސަޢުދުގެފާނު ކޫފާގެ ވެރިކަމުން ވަކިކުރައްވާ ޢައްމާރުގެފާނު އެ ރަށުގެ ވެރިކަމަށް އިސްކުރެއްވިއެވެ. އެބައިމީހުން ޢައްމާރުގެފާނު އަރިހަށް ގޮސް ސަޢުދުގެފާނަށް ރަނގަޅަށް ނަމާދުކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ދެންނެވިއެވެ. ސަޢުދުގެފާނު ޢައްމާރަށް ވިދާޅުވިއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. އަހުރެން އެބައިމީހުންނާއިގެން ނަމާދުކުރީ ރަސޫލާ صلى الله عليه وسلم ނަމާދުފުޅުކުރެއްވި ގޮތަށެވެ." އެކަލޭގެފާނާއެކު ކޫފާގެ ބަޔަކު އެ ރަށުގެ މިސްކިތްތަކަށް ފޮނުއްވާ ސަޢުދުގެފާނާ ބެހޭގޮތުން ސުވާލު ކުރިއެވެ. ހުރިހައި މިސްކިތްތަކެއްގެ މީހުން ވެސް ސަޢުދުގެފާނަށް ތާރީފުކޮށް ވާހަކަދެއްކިއެވެ. ބަނީ ޢަބަސް ވަންހައިގެ މީހުންގެ މިސްކިތް ފިޔަވައެވެ. މި މިސްކިތުގައި އިން އުސާމަތު ބުނު ޤަތާދަތު ނަމަކަށް ކިޔާ މީހަކު ތެދުވެ ބުންޏެވެ." ތެދަށް ބުނާނަމަ އަހުރެން ބުނާނީ ސަޢުދުގެފާނު އެއްވެސް ހަނގުރާމައަކަށް ވަޑައެއްނުގަންނަވަތެވެ. އިންސާފުވެރިކޮށް ޣަނީމަމުދަލެއް ނުބައްސަވަތެވެ. ޤަޟިއްޔާތަކުގައި އިންސާފުވެރިވެވަޑައެއްނުގަންނަވަތެވެ. އެ ހިނދު ސަޢުދުގެފާނު ވިދާޅުވިއެވެ. "މާތް ﷲ ގަންދީ ބުނަމެވެ. އަހުރެން އޭނާގެ މައްޗަށް ތިން ދުޢާއެއް ކުރާނަމެވެ. ހައްދަވާބޮޑުކުރެއްވި އަޅުގެ ވެރި ރަސްކަލާކޯއެވެ! މި އަޅާގެ މައްޗަށް ދޮގު ހަދައި މަޝްހޫރުވުމަށް ޓަކައި އޭނާ ވާހަކަދެއްކިނަމަ އޭނާގެ ޢުމުރު އިބަރަސްކަލާނގެ ދިގުކުރައްވާނދޭވެ! އޭނާގެ ފަޤީރުކަން އިތުރުކުރައްވާނދޭވެ! އޭނާއަށް ފިތުނަވެރިކަމެއް ކުރިމަތިކުރައްވާނދޭވެ!" އޭގެ ފަހުން އޭނާއާ ސުވާލުކުރެވިއްޖެ ނަމަ ބުނެއެވެ. އަހުރެންނަކީ ފިތުނަވެރިކަމުގައި ޖެހިފައިވާ މުސްކުޅިވެ ދުވަސްވެ ފައިވާ މީހެކެވެ. އަހުރެންނަށް މި ވަނީ ސަޢުދުގެފާނުގެ ބަދުދުޢާ ޖެހިފައެވެ. ޢަބްދުލްމަލިކު ވިދާޅުވިއެވެ. އޭނާ މުސްކުޅިވެގެން އޭނާގެ ދެ ލޮލުގެ ބޮނޑި އޭނާގެ ދެ ލޯ މައްޗަށް ވެއްޓިފައިވަނިކޮށް އަހުރެން ދުށީމެވެ. އަދި މަގުމަތީގައި ހިނގައިފައިދާ އިރު އަންހެންކުދީން އޭނާއަށް މަލާމާތްކުރެއެވެ.
އަނިޔާއަށް މާފުކުރުން
އަނިޔާލިބިފައިވާ މީހާގެ ދެވަނަ ޙާލަތަކީ މާފުކުރުމެވެ. މިއީ ﷲގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު ގޮތެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ. (وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ[9] - ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ.) ރަނގަޅު ގޮތަކީ އެ އަނިޔާއަށް ކެތްތެރިވެ މާފުކުރުމެވެ. އެކަމުގެ ސަވާބު ﷲގެ ޙަޟްރަތުން އެދިގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ[10] - އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفو ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.) އެއަށްވުރެ ވެސް މޮޅު އިތުރު ގޮތެއް ވެއެވެ. އެއީ އަނިޔާވެރިވި މީހާއަށް ހެޔޮކޮށް ހިތުމެވެ. އިޙްސާންތެރިވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَٱلۡكَٰظِمِينَ ٱلۡغَيۡظَ وَٱلۡعَافِينَ عَنِ ٱلنَّاسِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ[11] - އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.) ރަނގަޅުކަންތަކާއި ނުބައި ކަންތައް އެއްވަރުނުވާނެކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ، وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ[12] - ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެ ހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوةތެރިކަމެއްވާ މީހާ، ގާތް رحمةތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ.)
މީހުންގެ ތަފާތު ޙާލަތު ރިޢާޔަތްކުރެއްވުން
އިސްލާމީ ޝަރީޢަތަކީ މީހުންގެ ތަފާތު ޙާލަތުތައް ރިޢާޔަތްކުރާ މަތިވެރި ޝަރީޢަތެކެވެ. މީހުންގެ އީމާންކަމުގެ މިންވަރަށާއި އަޚްލާޤުގެ ހަރުދަނާކަމަށް މި ޝަރީޢަތް ބަލައެވެ. ބައެއް މީހުންނަށް މާފުދިނުމުގެ ޤާބިލުކަން ލިބިގެންނުވެތެވެ. އެމީހުން ބޭނުންވާނީ އެ މީހުންނަށް ޙައްޤުލިބުމެވެ. އެ މީހުންނަށް ބަދަލުލިބުމެވެ. އެ މީހުން އެމީހުންނަށް އަނިޔާވެރިވި މީހާގެ މައްޗަށް ދުޢާކުރާނެއެވެ. އެ ކަމުގެ ސަބަބުން އެމީހުންގެ ނަފުސަށް ރާޙަތުލިބޭތީއެވެ.
އަނެއްބަޔަކު އެމީހުންނަށް އަނިޔާވެރިވާ މީހުންނަށް މާފުކުރާނެއެވެ. އިސްލާމީ ޝަރީޢަތް ގޮވައިލަނީ މި ކަމަށެވެ. އެ ޝަރީޢަތް މީސްތަކުން ޝައުޤުވެރިކުރުވަނީ މި ކަމަށެވެ. މި ޝަރީޢަތް ބާރު އަޅަނީ މާފުކުރުމަށެވެ. ބަދަލުހިފުމާ ދުރުހެލިވުމަށެވެ.
ތިންވަނަ ބަޔަކީ އީމާންކަން ވަރުގަދަ ޚުލުޤު މާތް ބަޔެކެވެ. އެ މީހުން ނުބައި ކަންކަމަށް ބަދަލެއް ނުހިފާނެތެވެ. މާފުދޭނެއެވެ. އަދި އެ ނުބައިކަމުގެ ބަދަލުގައި އެ އަނިޔާވެރިޔާއަށް ހެޔޮކޮށް ވެސް ހިތާނެއެވެ. މިއީ އެންމެ މަތީ ދަރަޖައެވެ. ކުރިބޯށްޓެވެ.
ލަފުޒެއްގެ މާނަ:
މަޒުލޫމު ނ. އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ. victim
މަރުޖާ:
[1] - الشورى : 39- 42
[2] - النساء: 148
[3] - تفسير ابن كثير (2/ 392)
[4] - تفسير السعدي (212)، ط الرسالة.
[5] - الموسوعة الفقهية الكويتية (29/ 176).
[6] - أخرجه البخاري (١٤٩٦) ومسلم (١٩) والنسائي (٢٤٣٥) وابن ماجه (١٧٨٣) وأبو داود (١٥٨٤) والترمذي (٦٢٥)
[7] - أخرجه الترمذي (٣٥٩٨)، وابن ماجه (١٧٥٢)، وابن خزيمة (١٩٠١)، والطبراني في ((الدعاء)) (١٣١٥) وأحمد (٨٠٣٠). وابن حبان (٣٤٢٨)
[8] - أخرجه مسلم (٦٧٧)، والنسائي (١٠٧٠)، وابن ماجه (١٢٤٣)، وأحمد (١٣٦٨٣)
[9] - الشورى: 40
[10] -الشورى: 43
[11] - آل عمران: 134
[12] - فصلت : 34- 35