އިސްމާޢީލު މުބާރަކު
4 އޮކްޓޯބަރު 2026
(2026 އޮކުޓޫބަރު 01ގެ ޢަދަދާ ގުޅޭ)
އަމިއްލަ ހޭލުންތެރިކަމާއި، ހަކަތައާއި، ބޭނުންވާ ފަދަ ދިރިއުޅުމެއް ބިނާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް މި މައުލޫމާތުތަކުގެ ބޭނުން އަދިވެސް ހިފިދާނެއެވެ. 'ޗަކްރާ'ތަކަކީ ހަކަތަ ބައްދަލުވާ މަރުކަޒުތަކެއްކަން އެނގުމަކީ ހަމައެކަނި ފެށުމެވެ.
އަސްލު އުފެދޭ ސުވާލަކީ، މި ނިޒާމު ހަގީގަތުގައި މަސައްކަތް ކުރަނީ ކިހިނެއްހެއްޔެވެ؟ މި ބުނާ ބާރުތަކަކީ ކޮބައިހެއްޔެވެ؟ އެ ބާރުތައް އަންނަނީ ކޮން ތަނަކުންހެއްޔެވެ؟ އަދި އެ ބާރުތަކުގެ މެދުގައި ހަމަހަމަކަން އޮތުން މުހިންމުވަނީ ކީއްވެގެންހެއްޔެވެ؟
ކާއިނާތުގައިވާ ކޮންމެ އެއްޗެއްމެ ދެމިއޮންނަނީ އިދިކޮޅު ދެ ބާރެއްގެ ސަބަބުންނެވެ. އެއީ ޕޮޒިޓިވް އާއި ނެގެޓިވް، ފުޅާވުމާއި ހަނިވުމެވެ. މީގެ އެކަތި ނެތި އަނެކަތި ފުރިހަމައެއް ނުވާނެއެވެ. މެގްނެޓެއްގައި ހަމައެކަނި އުތުރު ތަނޑިއެއް (North Pole) އޮވެގެން މަސައްކަތެއް ނުކުރާނެއެވެ. ޕޮޒިޓިވް އަދި ނެގެޓިވް ޗާޖު ނެތި ކަރަންޓެއްނުހިނގާނެއެވެ. ހިތުގެ ވިންދުޖަހަނީ ވެސް ހިތުގެ މަސްތައް ފިތިލައިފައި ދޫވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ހަމަ އެ ފަދައިން، އިންސާނާގެ ހަކަތައިގެ ނިޒާމު މަސައްކަތްކުރަނީ ވެސް އިދިކޮޅު ދެ ބާރެއް ކަމަށްވާ "އުޑުގެ ބާރާއި"، "ބިމުގެ ބާރު" ގުޅިގެންނެވެ.
އުޑުގެ ބާރަކީ މަތިން ތިރިއަށް ފައިބާ ހަކަތައެކެވެ. މިއީ ބޮލުގެ މެދުން ވަދެ، ހަށިގަނޑުގެ ތިރިއަށް ދަތުރުކުރާ ހަކަތައެކެވެ. މިއީ ހަށިގަނޑު ތަރުތީބުކޮށް، އޮނިގަނޑުތައް ހަމަޖައްސައިދޭ ބާރެކެވެ. މި ބާރުގެ ސަބަބުން މަޢުލޫމާތާއި، ނިޒާމުތަކާއި، ފިކުރީ ސާފުކަން ލިބިދެއެވެ. ފިޒިކްސްގެ ބަހުން ނަމަ މިއީ "ސެންޓްރިޕީޓަލް ފޯސް"އެކެވެ. އިރުމަތީ ބޭސްވެރިކަމުގައި މިއަށް ކިޔަނީ "ޔަންގް" ހަކަތައެވެ. މިއީ އިންސާނާއަށް ސަމާލުކަންދިނުމާއި، އަޚްލާޤާއި، ކަންކަން ރޭވުމާއި ތަރުތީބުކުރުމުގެ ގާބިލުކަން ދޭ ބާރެވެ. މިއީ ސާފުކޮށް ވިސްނުމަށާއި، ތަޞައްވުރެއްގައި ދެމިހުރުމަށް އެހީތެރިވެދޭ ބާރެވެ. މިއީ ހޭލުންތެރިކަން މާއްދީ ސިފައަކަށް ބަދަލުވެ، ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރެއަށް ތަރުތީބާއި މާނަ ގެނެސްދޭ ބާރެވެ.
ނަމަވެސް، އުޑުގެ ބާރު މާ ބޮޑަށް ގަދަވެއްޖެ ނަމަ، މީހާ ހަރުކަށިވެ، ކަންކަން ކޮންޓުރޯލުކުރާން ބޭނުންވެ، ހަމައެކަނި ފިކުރުތަކުގެ ތެރޭގައި ބަންދުވެއެވެ. އޭރުން އަމިއްލަ ހަށިގަނޑާއި އިހުސާސްތަކާ ދުރުވެ، ދިރިއުޅުމުގެ އުފާވެރިކަމާއި ލުއިކަން ގެއްލިގެންދެއެވެ. ކަންކަމަށް ހޭނުމާއި އިހުސާސްކުރުމުގެ ބާރު ކެނޑި، ކުރީން ރާވާފައިވާ ރޭވުމަށް ކަންކަން ފިތާން އުޅުމުގެ ސަބަބުން، ވަގުތުން ވަގުތަށް ކުރިމަތިވާ ހަގީގަތްތަކާ ކުރިމަތިލާން ނޭނގެއެވެ.
ބިމުގެ ބާރަކީ ތިރީން މައްޗަށް އަރާ ހަކަތައެކެވެ. މިއީ ފައިން ފެށިގެން މައިބަދައިގެ ތިރީކޮޅުން މައްޗަށް ދަތުރުކުރާ ބާރެކެވެ. މިއީ ފުޅާވެ، ދިރުން ގެނެސްދޭ ބާރެކެވެ. މީގެ ސަބަބުން ތަބީޢީ ސިފަތަކާއި، އިހުސާސްތަކާއި، އުފެއްދުންތެރިކަން ލިބިދެއެވެ. ފިޒިކްސްގައި މިއީ "ސެންޓްރިފިއުގަލް ފޯސް"އެކެވެ. އިރުމަތީ ބޭސްވެރިކަމުގައި މިއީ "ޔިން" ހަކަތައެވެ. މި ބާރުގެ ސަބަބުން ދިރުމާއި، ޝައުޤުވެރިކަމާއި، އެތެރެހަށީގެ އިހުސާސްތައް ދެނެގަތުމުގެ ގާބިލުކަން ލިބެއެވެ. މިއީ ހަށިގަނޑުގެ އިހުސާސްތައް ދެނެގަނެ، ތަބީޢީ ސިފަތަކަށް އިތުބާރުކޮށް، ދިރިއުޅުމުގެ އޮއިވަރާ އެކު ދަތުރުކުރުމަށް މަގުފަހިކޮށްދޭ ބާރެވެ.
މިއީ މާއްދިއްޔަތު ހޭލުންތެރިކަމުގެ ތެރެއަށް ވަދެ، ފިކުރީ އޮނިގަނޑުތަކަށް ދިރުމާއި އިހުސާސް ގެނެސްދޭ ބާރެވެ. ނަމަވެސް، ބިމުގެ ބާރު މާ ބޮޑަށް ގަދަވެއްޖެ ނަމަ، މީހާގެ ސަމާލުކަން ވިއްސިވިހާލިވެ، ހަމައެކަނި އިހުސާސްތަކުގެ މައްޗަށް ބިނާވެ، ރޭވުންތެރިކަމާއި ތަރުތީބު ގެއްލިގެންދެއެވެ. ކަންކަން ސާފުކޮށް ދެނެގަތުމާއި، މިޞްރާބު ހިފުމުގެ ގާބިލުކަން ކެނޑި، ކުރިމަތިވާ ވަގުތީ އިހުސާސްތަކުގެ ތެރޭގައި ޣަރަޤުވެ، ދުރު މުސްތަޤުބަލަކަށް ނުވިސްނޭނެއެވެ.
އިންސާނާގެ މައިބަދައިގައިވާ ހަތް "ޗަކްރާ"އަކީ މި ދެ ބާރު ބައްދަލުވެ، ހަމަހަމަކަން ގާއިމުކުރާ ނުކުތާތަކެވެ. މި ބާރުތައް ރަނގަޅަށް ބައްދަލުވުމުން، ފިކުރީ ސާފުކަމާއި އިހުސާސްތައް ގުޅި، އުފެއްދުންތެރިކަމާއި އަޚުލާޤު އެކުވެގެންދެއެވެ. އޭރުން އެއް ވަގުތެއްގައި ވިސްނުމާއި އިހުސާސްކުރުމުގެ ބާރު ލިބި، ރޭވުންތަކާ އެއް ގޮތަށް ކަންކަން ބަދަލުކުރުމުގެ ގާބިލުކަން ލިބެއެވެ. ނަމަވެސް، އެއް ބާރު އަނެއް ބާރަށް ވުރެ ގަދަވެ، ނުވަތަ މި ބާރުތައް ބައްދަލުވާ ނުކުތާތައް ބަންދުވެއްޖެ ނަމަ، އިންސާނާގެ އަމިއްލަ ނަފްސުގެ އެއްބައި ގެއްލިދެއެވެ.
މި ހިސާބުން ހުރިހާ ކަމެއް ގޯސްވާން ފަށައެވެ. ނަފުސުގެ އެއްބައިން އެއްކަމަކަށް އެދޭ އިރު އަނެއް ބައިން އެދެނީ މުޅީން ތަފާތު ކަމަކަށެވެ. މިއީ އުޑާއި ބިމުގެ ބާރުތައް އެކަތި އަނެކައްޗާ ގުޅިގެން މަސައްކަތްކުރުމުގެ ބަދަލުގައި، އެތެރެހަށީގައި ހަނގުރާމަކުރާން ފެށުމެވެ. ޗަކްރާތަކަކީ ހަމައެކަނި ރަމްޒީ ގޮތުން ނުވަތަ ޚިޔާލީ ގޮތުން ދެކޭ އަލިގަދަ ފުރޮޅުތަކެއްނޫނެވެ.
މިއީ ހަށިގަނޑުގެ ހަކަތަ ދައުރުކުރާ ނިޒާމުގައި ހިމެނޭ، "ހެވެން ފޯސް"އާއި "އާތު ފޯސް" ބައްދަލުވެ، އެކުވެ، ވަކި ޚާއްސަ ފްރީކުއެންސީއެއް އުފައްދާ މަރުކަޒީ ނުކުތާތަކެކެވެ.
އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުން ލޭ ނުވަތަ އޮކްސިޖަން ފުރޭނުމުގެ މަސައްކަތްކުރާ ފަދައިން، "ޗަކްރާ"ތަކަކީ ހަކަތަ ދައުރުކުރުވާ ވަސީލަތްތަކެކެވެ. ފުރަމޭއިން ލޭގައިވާ ވިހަ މާއްދާތައް ސާފުކޮށްދީ، ފުއްޕާމޭގެ އެހީގައި އޮކްސިޖަނާއި ކާބަންޑައިއޮކްސައިޑް ބަދަލުކުރާ ފަދައިން، ޗަކްރާތަކުން ހަށިގަނޑުގެ ދިރުމުގެ ހަކަތަ ނުވަތަ "ޗީ"، "ޕްރާނާ" ނުވަތަ "ކީ" ރެގިއުލޭޓްކޮށްދެއެވެ. ޖިސްމާނީ ގުނަވަންތަކެކޭ އެއްފަދައިން، ކޮންމެ ޗަކްރާއަކީ ވެސް ވަކި ޚާއްސަ ދައުރެއް، ސިފައެއް އަދި ތަފާތު ވައިބްރޭޝަނަލް ކޮލިޓީއެއް އެކުލެވިގެންވާ އެއްޗެކެވެ.
ބުރަކަށީގެ ކޮޅުގައިވާ މައިބަދައިގެ ތިރީ "ރޫޓް ޗަކްރާ"އަކީ އާތު ފޯސް އެންމެ ވަރުގަދައަށް ހަށިގަނޑަށް ވަންނަ ދޮރެވެ. މިއީ އިންސާނާގެ ސަލާމަތާއި، (Fight or flight system) ރައްކާތެރިކަމާއި، ދިރިހުރުމުގެ ޣަރީޒާއާއި، މާއްދީ ހަގީގަތްތަކާ އޮންނަ ގުޅުން ކޮންޓުރޯލުކުރާ ތަނެވެ. މި ޗަކްރާ ހަމަހަމަކަންމަތީ ހުންނަ ނަމަ، އަމިއްލަ ނަފުސަށް އިތުބާރުކުރެވި، ގޮތް ނިންމުމަށާއި އަމަލީ މައިދާނަށް ނުކުތުމަށް ފަސޭހަވެއެވެ. ނަމަވެސް، މި ބަންދުވެއްޖެ ނަމަ (ބްލޮކްވެއްޖެ ނަމަ) ނުވަތަ މާބޮޑަށް ޙަރަކާތްތެރި (އެކްޓިވް)ވެއްޖެ ނަމަ، ބިރުވެރިކަމާއި، ނުތަނަވަސްކަމާއި، ގޮތް ނުނިންމި ފަސްޖެހޭ ގޮތް މެދުވެރިވެއެވެ. މާބޮޑަށް އެކްޓިވްވެއްޖެ ނަމަ، ބަދަލަކަށް ނުވަތަ ރިސްކެއް ނަގާން ބިރުގަނެ، އެއް ތަނެއްގައި ހުއްޓުން އަރާ ގޮތްވެއެވެ.
ފޫޅުދަނޑިއާ ދިމާގައިވާ "ސެކްރަލް ޗަކްރާ"އަކީ އިހުސާސްތަކާއި، އުފެއްދުންތެރިކަމާއި، އުފާވެރިކަން ކޮންޓުރޯލުކުރާ މަރުކަޒެވެ. މިއީ ހަމަހަމަކޮށް ހުންނަ އިރު، އުފެއްދުންތެރި ޚިޔާލުތައް ކުރިއަށް ނެރެދީ، ދިރިއުޅުމުގެ އުފާވެރިކަން އިހުސާސްކޮށްދެއެވެ. ނަމަވެސް، މިއީ ބްލޮކްވެއްޖެ ނަމަ، އެއްވެސް ކަމަކުން އުފަލެއް ނުލިބި، ދިރިއުޅުމަކީ މާނައެއް ނެތް ފޫހި ކަމެއްގެ ގޮތުގައި އިހުސާސްކުރެވޭނެއެވެ. ހަޖަމު ނުބައިވުމާއި މޫތުގައި ޖަރާސީމު އުފެދި (ޔޫރީން އިންފެކްޝަން) އަދި ޖިންސީ ބަލިތައް މެދުވެރިވެއެވެ.
ފޫޅުދަނޑީން މަތީގައިވާ "ސޯލާ ޕްލެކްސަސް"އަކީ އަމިއްލަ ބާރާއި، ވަކިވަކި ފަރުދުންގެ ސިފަ ނުވަތަ ވަންތުކަން (ހުވިއްޔަތު) ރަމްޒުކޮށްދޭ ތަނެވެ. މިއީ ހަމަހަމަވެފައި ހުންނައިރު، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ކަންކަމުގައި އިސްނެގުމުގެ ހިތްވަރު ލިބެއެވެ. މިއީ ބްލޮކްވެއްޖެ ނަމަ، ތިމާއަކީ ބާރެއް ނެތް މީހެއްކަމަށް ހީވެ، އަބަދުވެސް އެހެން މީހުންގެ ރުހުން ހޯދާން މަސައްކަތްކުރެވޭނެއެވެ. އަދި މާބޮޑަށް އެކްޓިވްވެއްޖެ ނަމަ، އެހެން މީހުންގެ މައްޗަށް ބާރު ފޯރުވުމާއި ކޮންޓުރޯލުކުރުމުގެ ސިފަ އަށަގަނެއެވެ. ޕްރެޝަރ މަތިވުމާ ލޭގެ ބަލިތައް ޖެހެއެވެ.
މޭގެ މެދުގައިވާ "ހާޓް ޗަކްރާ"އަކީ [ހެވެން]އާއި [އާތު] ފޯސް އެންމެ ބޮޑަށް ބައްދަލުވާ ތަނެވެ. މިއީ ލޯތްބާއި، އޯގާތެރިކަމާއި، ގުޅުންތައް ބަދަހިކުރުމުގެ މަރުކަޒެވެ. މިއީ ބަންދުވެފައި ހުރި ނަމަ، އެކަނިވެރިކަން އިހުސާސްވެ، ގުޅުންތަކުގައި މައްސަލަ ޖެހެއެވެ. ނަމަވެސް، މާބޮޑަށް ހުޅުވިފައި ހުރި ނަމަ، އެހެން މީހުންގެ އިހުސާސްތަކާއި ތަދުތަކުގެ ތެރެއަށް ގެނބި، އަމިއްލަ ނަފްސުގެ މަތީން ހަނދާން ނެތޭ ގޮތްވެއެވެ. (ނުނިމޭ)
ބައެއް ލަފުޒުގެ މާނަ:
މާއްދީ ނއ. (1) ލޮލަށް ފެންނަ ނުވަތަ އަތުން ހިފޭ ގޮތް ހުންނަ. (2) ރޫޙާނީގޮތުގެ އިދިކޮޅު ގޮތް ހުރި. materialistic
މޫތު ނ. ކުރިމަތިފަރާތު ދޮރުން ބޭރުކުރާ ނަޖިސް ފެން. މިއީ ސިއްހީ ދާއިރާގައި މި ކަމަށް އާންމުކޮށް ބޭނުންކުރާ ލަފުޒެވެ. urine
ޖިސްމާނީ ނއ. (1) ހަށިގަނޑާ ގުޅޭ. (2) ހަށިގަނޑަށް ނިސްބަތްވާ. physical