ad_banner
ހިތާމައިގައި ހުސްފައިގެ ހަމްދަރްދީ

އޒ. އިބްރާހީމް ރަޝީދު މޫސާ

2 އޮކްޓޯބަރު 2026

އިބްނު އަބިއްދުންޔާ[1]ގެ [މަކާރިމުލްއަޚްލާޤި] ފޮތުގައި ގެންނަވައިފައިވާ ޢިބްރަތްތެރި ވާހަކަތަކުން ވާހަކައެއްގައި އައިސްފައިވެއެވެ. މުޙައްމަދު ބުނު މުނާޛިރު[2] ވިދާޅުވިއެވެ. ((އަހުރެން އަލްޚަލީލު ބުނު އަޙްމަދާ[3]އެކު ހިނގައިފައި ދަނިކޮށް ފައިވާނުގެ ވަދު ކެނޑުނެވެ. އަހުރެން ހުސްފައިގައި ހިނގައިފައި ދާން ފެށުމުން އޭނާ ފައިވާންޖޯޑުކޮޅު ބާލުއްވައި މަށާ އެކު ހިންގަވާން ފެށްޓެވިއެވެ. އަހުރެން އޭނާއަށް ދެންނެވީމެވެ. މާތް ﷲ ކަލޭގެފާނަށް ރަޙުމަތްލައްވާށިއެވެ! ތިޔަ ކުރައްވަނީ ކޮން ކަމެއްތޯއެވެ؟ އެހިނދު ޚަލީލު ވިދާޅުވިއެވެ. ތިބާގެ ހުސްފައި މަތީގެ ވޭނުގައި ބައިވެރިވަނީއެވެ.))

އެކަލޭގެފާނު ފައިވާންޖޯޑުކޮޅު ބޭލުއްވީ އޭނާގެ އެކުވެރިޔާގެ މަގުގެ ރާޅުކަން ނައްތައިލައި ދެއްވާކަށް ނޫނެވެ. އެ މަގުމަތީގައި ގައުބުރިބުރި ހުރި ގޮތަށް ހުށްޓެވެ. ހުސްފައިކަން ހުސްފައިކަމުގައި ދެމި އޮތެވެ. އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބޭލުއްވީ ވޭނުގެ އެކަނިވެރިކަން ނައްތައިލެއްވޭތޯއެވެ. ދުއްތުރާލައި ކުރިމަތިވެފައިވާ މީހާއާ ދުޅަހެޔޮކަމުގެ އައްސޭރިއަށް ބަލައި، މީހާއާ ދެމެދުގައިވާ ވަންހަނާ ދުރުމިން ނައްތައިލައި ދެއްވޭތޯއެވެ. މުޞީބާތުން ވޭން ލިބޭނީ  ނިޢުމަތުން މަޙުރޫމުވި މީހާއަށް އެކަންޏެއް ނޫނެވެ.  ހުސްފައިތަކާ އާމާންކަން ލިބިފައިވާ ފައިތަކާ ދެމެދުގައިވާ ތަފާތު އިޙުސާސްކުރެވޭ މީހާއަށް ވެސްމެއެވެ. ވޭން ލިބެމުންދާ ހިތުގެ ވެރިޔާއާ އެއްވެސް ކަމެއް ހިނގައިފައިވާކަމަށް ނުދެކޭ ހިތްތައް ތަފާތުވާނެވެ.

ހަމްދަރްދީއަކީ ޙަޤީޤަތުގައި ވޭން ދެނެގަތުމެއް ނޫނެވެ. އޭނާގެ އިޙްސާސްތަކާ ގައިގޯޅިވުމެވެ. އިންސާނަކު ތަޙައްމުލުކުރަމުންދާ ވޭންތައް ސިކުނޑިއަށް ވިސްނައިގަނެވިދާނެއެވެ. އެހެނަސް ހިތަށް އެ ކަން މޭރުން ވާނީ އޭނާގެ ރާޙަތުން ބައެއް އެކަހެރި ކުރީމައެވެ. ޚަލީލު އޭނާގެ އެކުވެރިޔާއަށް [ތިބާ ކެތްކުރާށެކޭ] ވިދާޅެއް ނުވެތެވެ. މަގުގެ ކުރު ވާހަކައެއް ވެސް ނުދައްކަވަތެވެ. ދެފައިތިލައިގެ ނިޢުމަތާ ބެހޭ ގޮތުން ނަސޭހަތެއް ވެސް ނުމެދެއްވަތެވެ.  އެކަމަކު އެކަލޭގެފާނު އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބޭލުއްވީއެވެ. ކަލިމަތަކަށް ވުރެ މާނަތަކުގެ އަސަރު ފުން ވާނެތީއެވެ. އެ މާނަތަކުގެ ވެރިޔާގެ ޢަމަލު ތެދު އެއްޗަކަށް ވާނީ  ޢަމަލުން އޭގެ އަގު ދައްކައިގެންނެވެ.

ފައިވާން ބޭލުމަކުން މަގު އޮމާނެއް ނުވާނެތެވެ. އެހެނަސް ތިބާގެ އެކުވެރިޔާ އޭނާގެ ފައިވާން ބާލައި ހުސްފަޔާ ހިނގާން ފެށުމުން ތިބާގެ ވޭނުން ބައެއް ކުޑަވެގެންދާނެއެވެ. ތިބާއާ އެކު ތިބާގެ ވޭނުން ބައެއް އެހެން މީހަކު ތަޙައްމުލުކުރަމުންދާކަން އެނގޭތީ ލިބޭ ހިތްހަމަޖެހުމުންނެވެ. ބަލިމީހާއަށް ގޮވައިލާން ދާން އިސްލާމްދީނުގައި އަންގަވަނީ މިހެންވެގެންނެވެ. އެ މީހާއަށް ގޮވައިލާން ދިޔުމުން އޭނާއަށް ލިބޭ ހިތްހަމަޖެހުމުގެ ސަބަބުންނެވެ. އެހެން މީހުން އޭނާއަށް އަޅައިލާކަން އިޙްސާސްކުރެވޭތީއެވެ. އޭނާއަށް ގޮވައިލާން ދިޔުމުން އޭނާގެ ބައްޔަށް އިތުރު ލުއިކަމެއް ލިބޭނެތީއެއް ނޫނެވެ. ހަމަ އެ ފަދައިން ޔަތީމުންނަށް އަޅއިލުމަށް ވެސް އިސްލާމްދީން ގޮވައިލަނީ މިހެންވެގެންނެވެ. އޭނާއަށް އަޅައިލުމަކުން އޭނާގެ ޔަތީމުކަން ނެތިގެނެއް ނުދާނެތެވެ.

އިންސާނަކާ ކުރިމަތިވާ މުޞީބާތްތަކުގެ ކުރިމަތީގައި ހަމްދަރްދީވާން ޖެހެނީ މި ހަމްދަރްދީގެ ސަބަބުން އޭނާއާ ކުރިމަތިވި މުޞީބާތުން ބޭރަށް ނެރެދެވޭތީއެއްނޫނެވެ. އެހެނަސް މި ހަމްދަރްދީގެ ސަބަބުން އޭނާގެ މި ވޭނުގެ ތެރެއަށް ވަދެވޭތީއެވެ. އެ ކަމުގެ ރަހަ ހަމްދަރްދީވާ މީހާގެ އަރުތެރޭގައި ލާނެތީއެވެ. އޭރުން މި ވޭން އެހެން މީހަކަށް ނުވަދެވޭ ވެށްޓަކަށް ވެގެން ނުދާނެތެވެ.

ހަމްދަރްދީގެ އަޚްލާޤީ ފުން މާނައާ ހިސާބަށް އިންސާނާއަށް ދެވެނީ މި ހިސާބުންނެވެ. ހަމްދަރްދީގެ މާނައަކީ މީހަކާ ކުރިމަތިވާ ކޮންމެ މުޞީބާތެއްގެ ވޭން އަޅުގަނޑުމެންގެ ގައިގައި އެޅުވުމެއްނޫނެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ރައްކައުތެރިކަމާއި އަމާންކަމުގެ ސަބަބުން މުޞީބާތާ ކުރިމަތިވެފައިވާ މީހާގެ ޒަޚަމުތަކާ މެދު ޣާފިލުނުވުމެވެ. ހުސްފައިގައި ހިނގައފައިދާ މީހާގެ ފައިން އޮހޮރޭ ލޭ ވަންހަނާކުރާ އެއްޗަކަށް އަޅުގަނޑުމެންގެ ފައިގެ ނިޢުމަތް ނުހެދުމެވެ.

އޯގާވެރިކަމުގެ އެންމެ މަތީ ދަރަޖައަކީ،  ތިބާގެ އަޚާގެ ޒަޚަމުތައް ލުއިކޮށްދިނުމަށް ޓަކައި ތިބާ އެހީފޯރުވުމެވެ. ތިބާގެ ވަގުތާއި ރާޙަތުން ބައެއް އޭނާއަށް ޓަކައި ހޭދަކުރުމެވެ. ވަފާތެރިކަމަކީ އޭނާއަށް ދާއިމީ ފައިވާން ޖޯޑެއް ދިނުމެއްނޫނެވެ. އެހެނަސް ތިބާ ހުރީ އޭނާއާ އެކު ހުސްފަޔާކަން ތިބާގެ ހިތަށް އިޙްސާސްކޮށްދިނުމެވެ. މަގުމަތި ރާޅުކަން މަތީ އޮތަސް އެ މަގު އޭނާއަށް އޮޅުކޮށްދިނުމެވެ. އޭނާގެ ގާތުގައި ވޭންމަތީގައި އޮތުމަށް ތިބާގެ ފައި އޮތްކަން ފާޅުކުރުމެވެ.

 

މަރުޖާ:

[1]  - މަޝްހޫރު ޢާލިމެއް. ޢައްބާސީ ޚަލީފާއިންގެ ބޭފުޅުންތަކެއްގެ އެދުރުބޭކަލެއް

[2]  - ޢައްބާސީ ޚިލާފަތުގެ ކުރީކޮޅުގައި އުޅުއްވި މަޝްހޫރު ޅެންވެރިއެއް އަދި ޚަޠީބެއް

[3]  - އަރަބިބަހުގެ ގަވާއިދުގެ މަޝްހޫރު އުސްތާޒެއް. މަޝްހޫރު ސީބަވައިހިގެ އެދުރުކަލޭގެފާނު

ކޮމެންޓު