ad_banner
ޝައްކުނުކުރުމަކީ ޔަގީންކުރުމެވެ. (ތިންވަނަ ބައި)

އިސްމާޢީލު މުބާރަކު

1 އޮކްޓޯބަރު 2026

(2026 ސެޕްޓެންބަރު 28ވަނަ ދުވަހާ ގުޅޭ)

ހަށިގަނޑުގެ ތެރޭގައި ފެންނާން ނެތް މިދެ އޮއިވަރު އެކިއެކި ގޮތްގޮތުން ބައްދަލުވުމުގެ ސަބަބުން ހަކަތަ އުފައްދައެވެ. މީގެ ތެރެއިން އެއް އޮއިވަރު ބޮލުގެ ނާށިގަނޑާ ދިމާއިން ތިރިއަށް ފައިބާ އިރު، އަނެއް އޮއިވަރު މައިބަދައިގެ ނިމޭ ކޮޅުން މައްޗަށް އަރައެވެ. މި ދެ އޮއިވަރު ބައްދަލުވާ ހަތް ދިމާއަކީ އަޅުގަނޑުމެންގެ ޗަކްރާ މަރުކަޒުތަކެވެ. އަޅުގަނޑުމެންގެ ވިސްނުމާއި، އިޙްސާސްތަކާއި، ކޮންމެ ސިކުންތަކު ހަށިގަނޑުން ބޭރުކުރާ އިލެކްޓްރޯމެގްނެޓިކް ރާޅުބާނިތައް ކޮންޓުރޯލުކުރަނީ މި މަރުކަޒުތަކުންނެވެ. ލޮލަށް ނުފެނުމަކުން އެ ބާނިތައް ނެތްކަމަކަށް ނުނިންމޭނެއެވެ. ސަބަބަކީ މިހާރު ތިޔަ ބޭފުޅުން މި މަގާލު ވިދާޅުވަމުން ގެންދަވާ ފޯނު އިންޓެނަޓާ ގުޅިފައި ވެސް ހުރީ ލޮލަށް ނުފެންނަ  އިލެކްޓްރޯމެގްނެޓިކް ވައިފައި ބާނިތަކަކުންނެވެ.

ޗަކްރާތަކަކީ އިދިކޮޅު ދެ ބާރެއް ކޮންޓުރޯލުކުރާ ގުނަވަންތަކެއްކަން ދެނެގަނެވުމުން، ބޭރުގެ ނިޒާމުތަކަށް ބަރޯސާވުން ހުއްޓި، އަމިއްލަ ނަފުސުގެ މައްޗަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދެއެވެ. މައިބަދައަކީ ހަމައެކަނި ކަށިތަކެއް ނޫނެވެ. އެއީ ކައުނުގެ މިދެ ބާރު ބައްދަލުވާ މައިދާނެވެ. އުޑުގެ ބާރު މަތީން ތިރިއަށް ފައިބަނީ ކަންކަން ތަރުތީބުކޮށް، ހަންމަތަކުރަމުން ކޮންޓުރޯލުކޮށް ސާފުކޮށްދެމުންނެވެ. ބިމުގެ ބާރު ތިރީން މައްޗަށް އަރަނީ ދިރުން ދީ، ފުޅާކުރަމުން އިޙްސާސްތައް ހޭލައްވަމުންނެވެ. މި ދެ ބާރު ބައްދަލުވާ ހަތް މަރުކަޒަކީ ދިރިއުޅުމުގެ ހަގީގަތް ބިނާވާ ތަނެވެ.

މިއީ ހަމައެކަނި ރޫޙާނީ ކަމެއް ނޫނެވެ. ހަށިގަނޑުގައިވާ އެންމެ ދިގު ނާރު ކަމުގައިވާ 'ވޭގަސް'  ނާރޭ ކިޔޭ ނާރާއި ހަށިގަނޑުގެ ހޯމޯން އުފައްދާ އެންޑޯކްރީން ގްލޭންޑްތައް ހުންނަނީ ސީދާ މި ޗަކްރާ މަރުކަޒުތަކާ ދިމާގައެވެ. މިއީ ހަކަތައިގެ އޮއިވަރަށް އިޖާބަދޭ ބަޔޮލޮޖިކަލް ނިޒާމްތަކެވެ. އެހެންކަމުން މި ވަގުތު ވެސް ފެންނާން ނެތް މި ދެ ބާރު އަޅުގަނޑުމެންގެ ހަށިގަނޑުގައި ހަރަކާތްތެރިވަމުންދެއެވެ. އެއް ބާރަކީ ފޯނަށް ވައިފައި ގުޅިފައިވާ ހެން ހަށިގަނޑާ ގުޅި، ބޮލުގެ މަތީން ވަދެ މައިބަދައިގެ ތެރެއިން ތިރިއަށްދާ ބާރެކެވެ. އަނެއް ބާރަކީ ފައިން ފެށިގެން ބަނޑާ ދިމާއިން މައްޗަށް އަރައި، މެދުތެރެއިން އަނެއް ބާރާ ބައްދަލުވާ ބާރެކެވެ. މި ބާރުތަކަކީ އަޅުގަނޑުމެންގެ ވިސްނުމާއި، މިޒާޖާއި، ޝަޚްސިއްޔަތު ބައްޓަންކުރާ ދެ ހަކަތައެވެ. ދަގަތްފާނާއި ކަރަންޓްއެވެ. [އިލެކްޓްރޯ މެގްނެޓިކް]އޭ މިއަށް ކިއަނީ އެހެންވެގެންނެވެ. އިހުގެ ސަގާފަތްތަކުގައި މީގެ ނަމަކަށް "އުޑާއި ބިން"ވެސް ކިއައެވެ. ސީނުކަރައިގެ މީހުން  [ޔަންގް އެން ޔިންގް] ވެސް މިއަށް ކިއައެވެ.  ޒަމާނީ ފިޒިކްސްގައި މި ދެބާރު ދައުރުވާ ގޮތަށް [ޕޮލާރިޓީ]އޭ ކިއައެވެ.

ހަށިގަނޑުގެ ތެރޭން މި ހަކަތައިގެ އޮއިވަރުތަކަށް ހުރަސް އެޅުމުން ހަމައެކަނި ވަރުބަލިވަނީއެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލަ ނަފްސުގެ މުހިންމު ބައިތަކަކަށް އޮންނަ ގުޅުން ކެނޑިގެންދެއެވެ. ޗަކްރާތަކަކީ ހިންދޫ ދީނުގެ މީހުން ބުނާ ކުލަކުލައިގެ ބުރަކީލަތަކެއް ނޫނެވެ. އެއީ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމާއި އިލެކްޓްރޯމެގްނެޓިކް ދާއިރާ ތަރުތީބުކުރާ ހަގީގީ ހަކަތައިގެ ގުނަވަންތަކެވެ. ހިތާއި، ފުއްޕާމެޔާއި، ބަނޑުގެ ގުނަވަންތަކަކީ މި ހަކަތައިގެ މަރުކަޒުތަކުން ރޫޙާނީ ގަހަށް ޙަޔަވީ ދިރުމުގެ ފެން ލިބޭ  ގޮފިތަކެއް ފަދަ އެއްޗެހިތަކެކެވެ .

މިއީ ފުލޯކު ވާހަކަ ތަކެއް ނޫނެވެ. ފިޒިކްސް އަދި ބަޔޮލޮޖީއިން ސާބިތުވާ ކަންކަމެވެ. ދުޅަހެޔޮކޮށް ކައިބޮއި، ކަސްރަތުކޮށް، މެޑިޓޭޓްކުރި ނަމަވެސް ކުރިއަށް ނުދެވި ހުންނަ ސަބަބަކީ ހަށިގަނޑުގެ ހަކަތައިގެ މިނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމެވެ. ބިންގާ ރަނގަޅު ނޫން ނަމަ، އޭގެ މަތީގައި ކިތަންމެ ރީތި ގެއެއް އެޅިޔަސް އެ ގެއެއް ދެމިއެއް ނޯންނާނެއެވެ.

މި ލިޔުމުގެ މަގުސަދަކީ ވަކި ގަބޫލުކުރުމެއް ވިއްކުމެއް ނޫނެވެ. ނަމަވެސް، ހަށިގަނޑުގައި ހަކަތަ ދައުރުވާ ގޮތާއި، އެ ދައުރުވުމަށް ހުރަސްއެޅުމުން ދިރިއުޅުމުގެ ހުރިހައި ކަމަކަށް އޭގެ އަސަރު ފޯރާ ގޮތުގެ މައްޗަށް އަލިއަޅުވައިލުމެކެވެ. ވިސްނުން ސާފުވުމާއި، ހަށިގަނޑުގެ ދިރުން ހުރުމާއި، ކަންކަން އުފެއްދުމުގެ ގާބިލުކަން ބިނާވެފައިވަނީ މި ބުނި ދެ އޮއިވަރު ހުރަހެއް ނެތި ދައުރުވުމުގެ މައްޗަށެވެ. މިއީ ތިޔަބޭފުޅުން ތަޖުރިބާކުރާ ކޮންމެ ކަމެއްގެ އަސާސީ ނިޒާމެވެ.

ހަށިގަނޑަކީ ގަހެއްކަމަށް ސިފަކުރައްވާށެވެ. އޭގެ މޫތައް ބިމުގެ އަޑިއަށް ގޮސް ބިމުގެ ހަކަތަ މައްޗަށް ދަމައެވެ. ހަމަ އެވަގުތު، އުޑުގެ ހަކަތަ ވާރޭ ފަދައިން ބޮލުގެ މަތީން ތިރިއަށް ފައިބައެވެ. މި ދެ ބާރު ބައްދަލުވާ ހަތް މަރުކަޒަކީ ޗަކްރާތަކެވެ. މި ބާރުތައް ފުރިހަމައަށް ބައްދަލުވެއްޖެ ނަމަ، ހަށިގަނޑުގެ ހަތާތަކަށް ސާފު އިރުޝާދުތައް ލިބި، ނާރުތަކުގެ ނިޒާމު ހަމަޖެހިގެންދެއެވެ. ނަމަވެސް، މި ގުޅުން ކެނޑިއްޖެ ނަމަ، ސިގުނަލްތައް އޮޅުންބޮޅުންވެ، ހާސްކަން އިތުރުވެ، ކުރިއަށް ނުދެވޭކަމުގެ އިޙްސާސް ކުރެވޭނެއެވެ.

ގުނަވަންތަކަށް ބޭނުންވާ ހަކަތަ ލިބެނީ މި(ޗަކްރާ) މަރުކަޒުތަކުންނެވެ. އެހެންކަމުން، މޫތައް ބެދިފައިވާ ނަމަ ނުވަތަ ގަހުގެ މައިގަނޑު ގޯސްވެފައިވާ ނަމަ، ގަހުގެ ފަތްތަކަށް ފެންދިނުމަކުން ނުވަތަ ގޮފިތައް ކޮށުމަކުން ނަތީޖާއެއް ނުފެންނާނެއެވެ. ގިނަ މީހުންނަށް ކުރިއަށް ނުދެވިފައި ތިބެވެނީ އަސްލު މައްސަލައަށް ހައްލު ހޯދުމުގެ ބަދަލުގައި، އޭގެ ނަތީޖާތަކާ ހަނގުރާމަކުރާތީއެވެ.

މި ހަކަތައިގެ ހަށިގަނޑަކީ ހުރިހައި ކަމެއްގެ ބިންގަލެވެ. ފަރުބަދައިން ފައިބާ ފިނި، ސާފު ފެނާއި، ވާދީން މައްޗަށް އަރާ ހޫނު، މުއްސަނދި ފެން ބައްދަލުވާ ހިސާބަކީ އަޅުގަނޑުމެންގެ ހަށިގަނޑެވެ. މި ދެ އޮއިވަރު ބައްދަލުވާ ހަތް މަރުކަޒުން ދިރިއުޅުމުގެ ހުރިހައި ކަމެއް ކޮންޓުރޯލުކުރެއެވެ. މިސާލަކަށް، ހިތުގެ މަރުކަޒު ތަވާޒުނުވެފައިވާނަމަ، އެހެން މީހުންނާ އޮންނަ ގުޅުންތައް ބަދަހިވެ، ލޯބިދިނުމާއި ލިބިގަތުމުގެ ގާބިލުކަން އިތުރުވެއެވެ. މިއީ ހަމައެކަނި ޚިޔާލީ ވާހަކަތަކެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ވިސްނުން، ހަށިގަނޑުގެ ބަޔޮލޮޖީއަށް ބަދަލުކޮށްދޭ މައިގަނޑު ނިޒާމެވެ. މި ނިޒާމު ހަމައަކަށް ނޭޅި އޮތްހައި ހިނދަކު، އަޅުގަނޑުމެންގެ ހުވަފެންތަކާއި ލަނޑުދަނޑިތައް ހަގީގަތަކަށް ހެދުމަށް އުނދަގޫވާނެއެވެ. މިއީ ގިނަ ބަޔަކަށް އެނގިފައި ނެތް ކަމަކަށް ވިޔަސް، އެއީ އޭގެ ހަގީގަތް ނެތް ކަމެއް ނޫނެވެ. ބައެއް ފަހަރު އެންމެ ބާރުގަދަ ހަގީގަތްތަކަކީ، އޭގެ ސަބަބުން އިންސާނާއަށް ލިބޭ ބާރުވެރިކަން ބޮޑުކަމުން، އާންމުވިޔަނުދީ ހިފެހެއްޓިފައިވާ ކަންކަމެވެ.

ފިޒިކްސް އާއި ބަޔޯފީލްޑް ސައިންސް

އިންސާނާގެ ހަށިގަނޑަކީ ހަމައެކަނި ބަޔޯކެމިކަލް މެޝިނެއް ނޫނެވެ. އެއީ އިލެކްޓްރޯމެގްނެޓިކް ދިރުމެކެވެ. އަދި ބުރަކަށީގެ ކަށިބަރިއާ ގުޅިފައިވާ ހަތް މަރުކަޒު ނުވަތަ 'ޗަކްރާ'ތަކަކީ، ހަށިގަނޑުގެ މައިގަނޑު ދެ ހަކަތަ ބައްދަލުވެ، އެއްގޮތްކަން އުފައްދައިދޭ ތަންތަނެވެ.

ވޭގަސް ނާރާއި، އެންޑަކްރީން ނިޒާމާއި، އޮޓޯނޮމިކް ނާރަވަސް ސިސްޓަމް މި 'ޗަކްރާ' ނިޒާމާ ސީދާ ގޮތެއްގައި ގުޅިފައިވެއެވެ. އެހެންކަމުން، އިހުސާސްތަކަކީ އެއްވެސް ތަރުތީބެއް ނެތި ހިނގާ ކަންތައްތަކެއް ނޫނެވެ. އެއީ ހަށިގަނޑުގެ ތެރޭގައި ހަކަތަ ދައުރުވާ ގޮތުން ނުވަތަ ހުއްޓިފައި ހުންނަ ހުރުމުގެ ސަބަބުން ކުރެވޭ އިހުސާސްތަކެކެވެ.

ފުރަތަމަ ބަލިތައް ފެށެނީ ހަށިގަނޑުގެ ތެރެއަކުން ނޫނެވެ. އެ ކަން ފެށެނީ އިންސާނާގެ ވަށައިގެންވާ ހަކަތައިގެ ދާއިރާ ނުވަތަ 'ބަޔޯފީލްޑް'ގެ ތެރެއިންނެވެ. އެއީ އިންސާނާގެ އެތެރޭގައިވާ ބާރުތަކުގެ މެދުގައި އޮންނާންޖެހޭ ހަމަހަމަކަން ގެއްލި، ހަކަތައިގެ ހަށިގަނޑު ބަލިކަށިވާ ހިނދުގައެވެ. ހަށިގަނޑުން ފެންނަ ބަލީގެ އަލާމާތްތަކަކީ، މާ ކުރީން ހަކަތައިގެ ފެންވަރުގައި ފެށިފައިވާ ކަމެއްގެ އެންމެ ފަހު މަރުހަލާއެވެ.

މި ފަދަ ހާލަތްތަކުގައި ހަމައެކަނި ބޭރުފުށުގެ އަލާމާތްތަކަށް ފަރުވާކޮށް، ޖިސްމާނީ ހަށިގަނޑަށް އެކަނި ސަމާލުކަންދޭ ނަމަ، ބަލީގެ އަސްލު ސަބަބު ދެނެގަނެވޭ ގޮތެއް ނުވެއެވެ. އެއީ ގަހުގެ މަރުވަމުންދާ މޫތަކަށް އަޅައިނުލައި، ގަހުގެ ކުރިތައް ރަނގަޅުކުރާން އުޅުން ފަދަ ކަމެކެވެ. އަމިއްލަ ނަފްސުގެ ރޫހާނީ ނިޒާމު މަސައްކަތްކުރާ ގޮތް ދެނެގަނެ، ހަށިގަނޑުގެ ހަކަތައިގެ މަރުކަޒުތައް ތަވާޒުނުކޮށްފި ނަމަ، ހައްލު ހޯދުމަށް ޓަކައި އެހެން ފަރާތްތަކަށް ބަރޯސާވާން ނުޖެހި، އަމިއްލަ ނަފުސު ކޮންޓުރޯލުކުރުމުގެ ބާރު ލިބިގެންދެއެވެ.

ކަށިކެޔޮ ފަތުގައި ލިޔުނު ޙަކީމީ ފޮތްތަކުން ޒަމާނުގެ އޮއިވަރުގައި މި މައުލޫމާތުތައް ފަނޑުވެގެން ދިޔަ ނަމަވެސް، މި ހަގީގަތްތައް ފިލައިގެންނެއް ނުދެއެވެ. (ނުނިމޭ(

ކޮމެންޓު