އޒ. އިބްރާހީމް ރަޝީދު މޫސާ
30 ސެޕްޓެންބަރު 2026
(2026 ސެޕުޓެންބަރު 23ގެ އަދަދާ ގުޅޭ)
އިތުރަށް ބަލާށެވެ!
- އިބިފިލީން ފެށިފައިވާ ޤުރްއާނުގެ ސޫރަތްތަކުގެ އަދަދަކީ ކޮބާ؟
- އެއީ 15 ސޫރަތެވެ.
- ތިލާވަތުގެ ސަޖިދަތަކުގެ އަދަދަކީ ވެސް 15އެވެ.
- އިބިފިލީން ފެށިފައިވާ މި ސޫރަތްތަކުގައި ލަފުޒުލްޖަލާލަތި (ﷲ) 68 ފަހަރު ތަކުރާރުވެފައިވެއެވެ. 68 = 34 + 34 އެވެ. ރެއަކާއި ދުވާލު ކުރާންޖެހޭ ފަރްޟު ސަޖިދަތަކުގެ އަދަދަކީ 34އެވެ.
އަދަދު 34 އައިސްފައި މި ވަނީ އިއްތިފާގުންހެއްޔެވެ؟ އެއީ އިލާހީ ތަދުބީރާ އެއް ގޮތަށް ގެތެމުންދާ ގެތުމެއް ނޫންހެއްޔެވެ؟
އެހެންވިއްޔާ އަދި އިތުރަށް ބަލާށެވެ!
- އިބިފިލީން ފެށޭ ސޫރަތްތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 1156 އެވެ. އެއީ 34 × 34 އެވެ. މާނައަކީ ކޮބައިހެއްޔެވެ؟ އެއީ ފަރްޟު ސަޖިދަތަކުގެ އަދަދަށް އިޝާރަތްކުރާ ކަމެއް ނޫންހެއްޔެވެ؟
- سورة السجدة ގައި އިބިފިލި ޖެހިގެންވާ އަކުރުތަކުގެ އަދަދަކީ 238 އެވެ. އެއީ 34 × 7 އެވެ. 7 އަކީ ސަޖިދައިގެ ގުނަވަންތަކުގެ އަދަދެވެ. ވަރަށް މުހިންމު ކަމެކެވެ. ސަޖިދައިގެ ވާހަކަ ކީރިތި ޤުރްއާނުގައި އެންމެ ފުރަތަމަ އައިސްފައިވަނީ ކޮން ތަނެއްގައިހެއްޔެވެ؟
- އެއީ سورة البقرة ގެ 34ވަނަ އާޔަތުގައެވެ. މި އާޔަތަކީ:
وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيْسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِيْنَ - البقرة : 34 - އަދި آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، كبر ވެރިވީއެވެ. އަދި كافر ންގެ ތެރެއިން އެކަލޭގެވިއެވެ.
މި އާޔަތުގެ ވަނައަކީ ކޮބައިހެއްޔެވެ؟
- 34އެވެ. މިއީ ރެއަކާއިދުވާލުގެ ތެރޭގައި އިންސާނާއަށް ސަޖިދަކުރަން ޖެހޭ ފަރްޟު ސަޖިދަތަކުގެ އަދަދެވެ.
- އާޔަތުގެ މާނައަށް ރަނގަޅަށް ވިސްނާށެވެ! އިބިލީސް ބޮޑާވެ ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ އާދަމުގެފާނަށް ސަޖިދަކުރުމާ ދެކޮޅުހެދީއެވެ. އިބިލީހުގެ ނަން އައިސްފައި މިވަނީ އާޔަތުގެ ފެށޭ ކޮޅުން 34ވަނަ އަކުރަށް ފަހުގައެވެ.
- އެކަލޭގެ ސުވަރުގެއިން ފައްސައިލެއްވުމުގެ ޤަރާރު ކަނޑައެޅުއްވީ ކޮން ހިސާބަކުންހެއްޔެވެ؟ މާތް ﷲ ވަޙީކުރެއްވިއެވެ.
- قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيْمٌ - الحجر 34- އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، رحمةން ބޭރުކުރައްވައިފައެވެ.
- މި ބަސްފުޅު އައިސްފައި މިވަނީ سورة الحجرގައެވެ. މި ސޫރަތުގެ މުޞްޙަފު ތަރުތީބީ ނަންބަރަކީ 15އެވެ.
- ސޫރަތުގެ ތަރުތީބަކީ ތިލާވަތު ސަޖިދައިގެ އަދަދެވެ.
އިތުރަށް ކަށަވަރުކުރުން
- ކީރިތި ޤުރްއާނުގައި 15ވަނަ އާޔަތުގެ ނަންބަރު ލިބިފައިވާ އާޔަތަކީ:
اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ – البقرة : 15
- މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 34އެވެ.
އިބިފިލީން ފެށޭ ޤުރްއާނުގެ ސޫރަތްތައް
|
ސޫރަތް |
ވަނަ |
އާޔަތްތަކުގެއަދަދު |
ލަފުޒުލްޖަލާލަތި اللَّه |
|
الفاتحة |
1 |
7 |
2 |
|
الفتح |
48 |
29 |
39 |
|
القمر |
54 |
55 |
0 |
|
الواقعة |
56 |
96 |
0 |
|
المنافقون |
63 |
11 |
14 |
|
نوح |
71 |
28 |
7 |
|
التكوير |
81 |
29 |
1 |
|
الانفطار |
82 |
19 |
1 |
|
الانشقاق |
84 |
25 |
1 |
|
العلق |
96 |
19 |
1 |
|
القدر |
97 |
5 |
0 |
|
الزلزلة |
99 |
8 |
0 |
|
قريش |
106 |
4 |
0 |
|
الكوثر |
108 |
3 |
0 |
|
النصر |
110 |
3 |
2 |
|
ޖުމުލަ |
1156 |
341 |
68 |
- އިބިފިލިން ފެށޭ ސޫރަތްތަކުގެ ތަރުތީބު ނަންބަރުތަކުގެ ޖުމުލައަކީ 1156 = 34 × 34
- މި ސޫރަތްތަކުގައި ލަފުޒުލްޖަލާލަތި ތަކުރާރުވެފައިވަނީ 68 ފަހަރުއެވެ. އެއީ
34 + 34
މި ހުރިހައި ޙާލަތުތަކެއްގައި ވެސް 34 އިޝާރަތް މި ކުރަނީ ރެއަކާއި ދުވާލު ކުރާންޖެހޭ ފަރުޟު ސަޖިދަތަކުގެ އަދަދަށެވެ.
އެއަށް ވުރެ އަޖައިބުކަން ބޮޑު
އިބިފިލީން ފެށޭ ސޫރަތްތަކުގެ ލިސްޓަށް ބަލާށެވެ!
- އިބިފިލީން ފެށޭ ސޫރަތަކީ އަދި މި ސޫރަތުގައި ތިލާވަތުގެ ސަޖިދައެއް އޮތް ހަމައެކަނި ސޫރަތަކީ سورة العلق އެވެ. މި އާޔަތަކީ :
كلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ - العلق : 19
- ފަސް ކަލިމަ ހިމެނޭ ހަމަ އެކަނި އާޔަތަކީ މި އާޔަތެވެ.
- ޖުމުލަ 15ގެ ތަފާސްހިސާބުން މި އާޔަތް ވައްޓައިލައިފި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟
- އާޔަތްތަކުން 1 އާޔަތް މަދުވާނެއެވެ. 5 ކަލިމަ މަދުވާނެއެވެ. އޭރުން އިބިފިލީން ފެށޭ އާޔަތްތަކުން 1 އުނިވެ ޖުމުލަ 340 އަށް ބަދަލުވާނެއެވެ. 340 = 34 × 5 × 2
- އަލުން 15ގެ ލިސްޓަށް ދާށެވެ! މި ލިސްޓުގެ ފުރަތަމަ ސޫރަތަށާއި ފަހު ސޫރަތަށް ދާށެވެ!
(ނުނިމޭ)