އޒ. އިބްރާހީމް ރަޝީދު މޫސާ
28 ސެޕްޓެންބަރު 2026
ދައުލަތުގެ މާލީ ކަންތައްތައް ހިނގައިފައިވަނީ ގަވައިދުތަކާ އެއް ގޮތަށްތޯ ބަލާ އިދާރާތަކުގެ ތަޖުރިބާކާރަކު ވިދާޅުވާ ގޮތުގައި އާންމު މުދާ (ނުވަތަ ދައުލަތުގެ މުދާ) ގެއްލިގެންދަނީ ހަމައެކަނި ފަސާދައިގެ ސަބަބަކުން ނޫނެވެ. ބައެއް ފަހަރަށް އެ ކަމަށް އެކަށީގެންނުވާ ޤަރާރެއް ކަނޑައެޅުމުގެ ސަބަބުން ލިބޭ ގެއްލުމަކުން ވެސް ވެދާނެއެވެ. އަދި އެ ކަމަށް އެކަށީގެންނުވާ މީހަކު އެ ތަން ހިންގުމަށް އިސްކުރުމުގެ ސަބަބުން ވެސް ގެއްލުން ލިބިދާނެ ފަދަ ޢަމަލުތައް ހިނގައިފާނެއެވެ.
ފަސާދައިގެ ސަބަބުން އާންމު މުދަލަށް ލިބޭ ގެއްލުމަކީ ގަސްތުގައި ކުރާ ކަމެކެވެ. އެހެނަސް ދޯދިޔާ ޒިންމާދާރު މަސްއޫލުވެރިޔާގެ ސަބަބުން ލިބޭ ގެއްލުމަކީ ހެޔޮ ނިޔަތުގައި ދެވޭ ގެއްލުމެކެވެ. ޤާބިލުކަން ނެތް މީހާއަށް އޭނާއަކީ އެ ކަމަށް އަހުލުވެރި މީހެއްކަމެއް ނޭނގޭނެތެވެ. އޭނާއަށް ރަނގަޅު މުވައްޒަފުން އިޚްތިޔާރުކުރާކަށް ވެސް ނޭނގޭނެތެވެ. އޭނާއަށް ޙަޤީޤަތް ބުނެދެނީ ކާކުކަމެއް، އޭނާ ރުއްސާން ވާހަކަދައްކަނީ ކާކުކަމެއް ނޭނގޭނެތެވެ. ވެރިއަކަށް އަހުލުވެރި ނޫން މީހަކު އިސްކުރެވިއްޖެ ނަމަ، އޭނާ ބޭނުންކުރާ މީޔާރުތައް ވެސް ރަނގަޅެއް ނުވާނެތެވެ. އަހުލުވެރި ނޫން މީހާ އިޚުތިޔާރުކުރާނީ މުނާސަބު ނޫން މީހުންނެވެ. މުނާސަބު ނޫން މީހާ އޭނާއަށް ލިބިފައިވާ ބާރުގެ ދަށުން ޢައްޔަނުކުރާ މީހުންގެ ސަބަބުން ތަނުގައި އޮންނާނީ ހޮއިހެދިފައެވެ. ތަން އޮންނާނީ ގަޑުބަޑުވެފައެވެ. މުޅި ތަން އޮންނާނީ ޚަރާބުވެފައެވެ. މިއީ އެންމެ ނުރައްކާތެރި މަރުޙަލާއެވެ. އޭރުން އިޞްލާޙުކުރާން ޖެހޭނީ އޭނާ އެކަންޏެއްނޫނެވެ. މުޅި މުއައްސަސާއެވެ.
ޤާބިލު މަސްއޫލުމީހާ ހުރިހާ އެއްޗެއް، ހުރިހައި ކަމެއް އެންމެ ރަނގަޅަށް ދަންނަ މީހާއަށްވާކަށް ނުޖެހެއެވެ. އެކަމަކު އޭނާއަށް އޭނާގެ ޤާބިލުކަން ނިމޭ ހިސާބު އެނގޭނެއެވެ. އޭނާ އޭނާއަށް ވުރެ ބޮޑަށް އެނގޭ މީހުންގެ އެހީ ހޯދާނެއެވެ. އޭނާ އޭނާއާ ޚިޔާލު ތަފާތު މީހުންގެ ރައުޔު ވެސް އަޑުއަހާނެއެވެ. ކޮންމެ ކަމެއް ވެސް އޭނާ ޙަވާލުކުރާނީ އެކަމުގެ އަހުލުވެރިއަކާއެވެ. މިއާ ޚިލާފަށް ޤާބިލު ނޫން މަސްއޫލުވެރިޔާ ދެކޭނީ އަހުލުވެރި މުވައްޒަފަކީ އޭނާއަށް ހުރި ބިރެއްކަމުގައެވެ. ތަފާތު ރައުޔަކީ އޭނާއާ ދެކޮޅުހެދުމެއްކަމުގައެވެ. ނޫނެކޭ ބުނާ މީހަކީ އެއްބާރުނުލާ މީހެކެވެ. މުދަލަށް ރައްކައުތެރިވުމަށް ވުރެ ބޮޑަށް އަމާނާތަށް ރައްކައުތެރިވާން ޖެހެނީ މިހެންވެގެންނެވެ.
އިންސާނާ އޭނާގެ ނިޔަތުގައި އިޚުލާޞްތެރިވެދާނެއެވެ. އެކަމަކު އޭނާގެ ތަޖުރިބާއެއްނެތެވެ. އިންސާނާ އަމާނަތްތެރިއަކަށް ވެދާނެއެވެ. އެކަމަކު އޭނާގެ ކިބައިގައި ޤަރާރުތައް ކަނޑައެޅުމުގެ އަހުލުވެރިކަމެއް ނެތެވެ. އޭނާ އޭނާގެ މުއައްސަސާއަށް ހެޔޮއެދޭ މީހަކަށް ވެދާނެއެވެ. އެކަމަކު އޭނާއަށް މި ހެޔޮކަން ހޯދައިދޭކަށެއް ނޭނގެއެވެ. އެހެންކަމުން އާންމު މުދާ ޙިމާޔަތްކުރުމަކީ އެ ހިސާބަށް ފާސިދު މީހާ ދިޔުން މަނާކުރުމެއްނޫނެވެ. ޣައިރުޤާބިލު މީހާ ޤަރާރު ކަނޑައަޅާ ޒިންމާދާރު މީހާގެ މަޤާމަށް ވާޞިލުވުން މަނާކުރުން ވެސް އެ ކަމުގައި ހިމެނެއެވެ.
އިންސާނާއަށް ކުރެވޭނެ ކަންތައްތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސްއޫލިއްޔަތަކާ ޙަވާލުވާން ޢުޒުރުވެރިވުމަކީ ނިކަމެތި ކަމެއްނޫނެވެ. އެއީ ވެސް އަމާނާތެވެ. ކޮންމެ މަސްއޫލިއްޔަތަކަށް ކޮންމެ އިންސާނަކު އެކަށީގެންނުވެ ހިނގައިދާނެއެވެ. ވަކި މަޤާމަކަށް އެކަށީގެންވާ މީހަކު އެހެން މަޤާމަކަށް އެކަށީގެންނުވެ ހިނގައިދާނެއެވެ. މަސްއޫލިއްޔަތެއް ބޮލުގައި އަޅާން އެދޭ ކޮންމެ މީހަކީ އެ ކަމަށް އެކަށީގެންވާ މީހަކަށް ނުވެހިނގައިދާނެތެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ޛައްރިލްޣިފާރީ ޒިންމާދާރު މަޤާމަކަށް އެދިވަޑައިގެން ކައު ރަސޫލާ ﷺއަށް ދެންނެވުމުން އެ ކަލޭގެފާނަކަށް އެ މަޤާމެއް ނުދެއްވިއެވެ. އަބޫ ޛައްރުގެފާނު ވިދާޅުވިއެވެ. ((އަހުރެންނަށް ޒިންމާދާރު މަޤާމެއް ދެއްވުމަށް ރަސޫލާ ﷺއަށް ދެންނެވުމުން އަހުރެންގެ ކޮޑުގައި އަތްޕުޅުން ޖައްސަވައިލައްވައިފައި ޙަދީސްކުރެއްވިއެވެ.: يا أبا ذَرٍّ، إنَّكَ ضعيفٌ، وإنَّها أمانةٌ، وإنَّها يومَ القِيامةِ خِزيٌ وندامةٌ إلّا مَن أخذَها بحقِّها، وأدّى الذي عليه فيها [1] – އޭ އަބޫ ޛައްރެވެ! ހަމަކަށަވަރުން ތިބާއަކީ ނިކަމެއްޗެކެވެ. އަދި ހަމަކަށަވަރުން އެއީ އަމާނާތެކެވެ. ޤިޔާމަތްދުވަހުން އެ ކަން ވާނީ ނިކަމެތި ކަމަކަށެވެ. އަދި ދެރަވާން ޖެހޭނެ ކަމަކަށެވެ. ރަނގަޅު ގޮތުގައި އެ ކަން ލިބިގަނެ އެ ކަމުގެ މަސްއޫލިއްޔަތުތައް ހެޔޮ ގޮތުގައި އަދާކުރި މީހާއަށް މެނުވީއެވެ.))
މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ބާރަކީ ޖިސްމާނީ ބާރެއްނޫނެވެ. އެއީ ޢިލްމާއި ތަޖުރިބާއާއި ހެޔޮ ވިސްނުމާއި، ރަނގަޅު ވަގުތުގައި ރަނގަޅު ޤަރާރު ކަނޑައަޅާން އެނގުމާއި، ތިމާގެ ޤާބިލުކަން ދެނެގަތުމުގެ ހިތްވަރެވެ. ޔޫސުފުގެފާނު މިޞްރުގެ ރަސްގެފާނަށް ދެންނެވި ބަސްފުޅަށް ބައްލަވާށެވެ! ((ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌ [2] - (مصرގެ) ބިމުގެ خزانةތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާ ބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.)) ޔޫސުފުގެފާނު މި މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތީ އެ ކަލޭގެފާނުގެ ކިބައިގައި އެ އަމާނާތް ހިންގަވައި ބަލަހައްޓަވާން އެނގިވަޑައިގަތުމުގެ ޤާބިލުކަން ހުރީތީއެވެ.
މުއައްސަސާތަކާ ކުރިމަތިވާ އެންމެ ނުރައްކާތެރި ކަމަކީ ޤާބިލުކަންނެތް މީހާ، ޤާބިލުކަން ހުރި މީހަކީ ކާކުކަން ކަނޑައެޅުމެވެ. އޭރުން ހަމައެކަނި ކަނޑައަޅާ ޤަރާރު ނުބައިވެގެންދިޔުމުގެ އިތުރަށް ނުބައިވެގެން އެ ދަނީ ޤަރާރު ކަނޑައެޅުމަށް އިޚުތިޔާރުކުރި މީހާއެވެ. ނަބިއްޔާ ﷺ އަބޫ ޛައްރުގެފާނާ ދިމާއަށް [ތިބާއަކީ ނާޤާބިލު މީހެކެވެ. އެއީ އަމާނާތެކެވެ.] ޙަދީސްކުރެއްވީ މިހެންވެގެންނެވެ.
ދެ ލަފުޒެއްގެ މާނަ:
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.
ގަޑުބަޑު ނ. ބައެއް ކަހަލަ އެއްޗެހިވާ ނުވަތަ ކުރާ ތަޣައްޔަރު.
މަރުޖާ:
[1] - أخرجه مسلم (١٨٢٥)، وأحمد (٢١٥١٣)، والطحاوي في ((شرح المشكل)) (٥٧) وابن سعد في ((الطبقات الكبرى)) (٤/ ١٧٤)، وابن أبي شيبة (٣٢٥٤٠)، والبيهقي (٢٠٢٣٧)
2 - يوسف : 55