އޒ. އިބްރާހީމް ރަޝީދު މޫސާ
26 ސެޕްޓެންބަރު 2026
އިސްލާމީ މަހާސިންތާ ޖަމްޢިއްޔާގެ ނަމުގައި މަޣުރިބުކަރައިގެ ވެރިރަށް ރިބާޠުގައި މީގެ 57 އަހަރު ކުރީން ޤާއިމުކުރާން އެއްބަސްވެވުނު ޖަމްޢިއްޔާގެ މިއަދުގެ ނަމަކީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއެވެ. މި މުހިންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އިސްލާމީ ގައުމުތަކުގެ ޒަޢީމުން މި ބައްދަލުވުން ބޭއްވެވީ އިސްރާއީލުން ބަރަކާތްތެރި އަލްމަސްޖިދުލްއަޤްޞާ މިސްކިތް އަންދައިލުމުގެ ނުބައި ޢުދުވާނީ ޖަރީމާ ހިންގުމާ ވިދިގެން މި ކަން ކުށްވެރިކޮށް އިސްލާމީ މުޤައްދަސް ތަންތަން ޙިމާޔަތްކުރުމަށާއި މި ފަދަ ތަންތަނަށް އަމާޒުކޮށް ދެވޭ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް ތެދުވުމަށާއި އިސްލާމީ ގައުމުތަކުގެ ބަސް އެކަނތިގަނޑަކަށް ހަދައި އެއްބާރުލުން ވަރުގަދަކޮށް މުސްލިމުންގެ މައްސަލަތަކަށް ޓަކައި ގުޅިގެން މަސައްކަތްކުރާށެވެ. މި ފަދަ މަޤްޞަދުތަކަށް ޓަކައި ޖަމްޢިއްޔާ ޤާއިމުކުރެވުނީ 1389ވަނަ އަހަރު ރަޖަބުމަހުގެ 12ވަނަ ދުވަހު (1969ވަނަ އަހަރުގެ ސެޕްޓެންބަރު މަހު 25ވަނަ ދުވަހު)އެވެ.
1967ވަނަ އަހަރު ޖޫންމަހު 4ވަނަ ދުވަހުގެ އިމުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށާއި މި ދައުލަތުގެ ވެރިރަށެއްގެ ގޮތުގައި މާތްވެގެންވާ ޤުދުސް ސަހަރު ހަދާން މަސައްކަތްކުރުމަކީ މި ޖަމްޢިއްޔާގެ އަސާސީ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ މަޤްޞަދެކެވެ. މާތް ﷲގެ އިރާދަފުޅާ ލައިގެން މި ޖަމްޢިއްޔާއިން ދަނީ މި ޙައްސާސް މަސްއަލަ ކަނިވިޔަނުދީ ބައިނަލްއަޤްވާމީ މަންސަތަކާއި މިންބަރުތަކުގައި ދަމަހައްޓަމުން އެ ކަމަށް ތާއީދު އިތުރުކުރަމުންނެވެ. މީގެ ދެތިން ދުވަސްކުރީން އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އދ.ގެ އާންމު ޖަމްޢިއްޔާގައި ވާހަކަދެއްކި އިރު އިސްރާއީލުގެ ޢުދްވާނީ ސިޔާސަތުތައް ކުށްވެރިކޮށް އޭނާ ދައްކާ ދޮގު ވާހަކަތައް ނުއަހާނަމޭ ކިޔައިފައި އދ.ގެ 77 މެންބަރަކު ވަނީ ޖަލްސާއިން ބޭރަށް ނުކުމެފައެވެ.
މި ޖަމްޢިއްޔާގެ ހިތުގެ އެންމެ ފުންމިނުގައި މި މުހިންމަތު ދަމަހައްޓަމުން މި ޖަމްޢިއްޔާއިން ވަނީ ސިޔާސީ މައިދާނުގެ އިތުރަށް އިޤްތިޞާދީ، ސަޤާފީ، އިޖުތިމާޢީ އަދި ސައެންސާއި ފަންނިއްޔާތުގެ މައިދާނުގައި އެއްބާރުލުމުގެ އުދަރެސްތައް ފުޅައުކޮށްފައެވެ.
މެންބަރު ގައުމުތަކުގެ ޒަޢީމުންގެ މަސައްކަތްޕުޅާއި އެއްބާރުލެއްވުމުގެ ސަބަބުން އިސްލާމީ އެއްބާރުލުމާއި އެއްބައިވަންތަކަން ވަރުގަދަވެ އިސްލާމީ އުންމަތުގެ ތަފާތު މައްސަލަތަކުގައި ސިޔާސަތު ވަނީ އެއްގަލަކަށް އަރައިފައެވެ. މި ޖަމްޢިއްޔާގެ ޗާޓަރާއި އުޞޫލުތަކާއި ލަނޑުދަނޑިތަކާ އެއް ގޮތްވާ ގޮތުގެ މަތީން ޙައްޤާއި ހަމަހަމަކަމުގެ އަޑުވަނީ އުފުލައިފައެވެ. އެހެނިހެން ގައުމުތަކުގެ އިޙްތިރާމާއި ގަދަރުވަނީ ހޯދައިފައެވެ. އިސްލާމީ މައްސަލަތަކުގައި މުސްލިމުންގެ އަޑު ވަނީ އަހައިފައެވެ. ތަރައްޤީއަށާއި ކުރިއެރުމަށް ޓަކައި މަސައްކަތްކުރުމުގައްޔާއި ފަޤީރުކަން ކުޑަކުރުމަށް ޓަކައި ހަނގުރާމަކުރުމުގައްޔާއި ރަށް ދޫކޮށް ހިޖުރަކުރާ މީހުންނަށާއި ރެފިޔުޖީންނަށް އެކަށީގެންވާ ބޯހިޔާވަހިކަމަކާއި މަޢީޝަތެއް ތަނަވަސްކޮށްދިނުމުގައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ރަނގަޅު އިސްނެގުންތަކެއް ނަގައި އިންސާނީ ދީލަތި އެހީތަކެއް ވަނީ ދީފައިވެއެވެ. މީގެ އިތުރަށް ވެށްޓާ ބެހޭ މައްސަތަކުގައި އިސްލާމީ ގައުމުތަކުން ރަނގަޅު ދައުރެއް އަދާކުރުމުގައި މި ޖަމުޢިއްޔާއިން އެހީވެދީފައިވެއެވެ. މެންބަރު ނޫން ގައުމުތަކުގައި ދިރިއުޅޭ މުސްލިމު މުޖުތަމަޢުތަކުގެ މައްސަލަތައް ޙައްލުކޮށްދީ އެ މީހުންނަށް އެހީފޯރުކޮށްދިނުމުގައި އޯއައިސީގެ ދައުރަކީ ފާހަގަކޮށްލެވޭ ދައުރެއްކަމަށް އޯއައިސީގެ މިހާރުގެ އަމީންއާންމު ފާހަގަކުރައްވައެވެ. އިސްލާމީ ބައެއް ގައުމުތައް ދެކެމުންދާ ނިރުބަވެރިކަމުގެ ޙަރަކާތްތަކާއި ހައްދުފަހަނަޅައިވާ ޖަމާޢަތްތަކުގެ ޙަރަކާތްތަކާ ކުރިމަތިލުމުގައި މެންބަރު ގައުމުތައް ގުޅިގެން އެތައް މަޝްރޫޢުތަކަކާއި މަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފައިވެއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ޚާއްޞަކޮށް ހުޅަނގުގެ ވިލާތުތަކުގައި އިސްލާމްދީން ދެކެ ބިރުން އަންނަ ހުން (އިސްލާމްފޯބިޔާ)އާ ކުރިމަތިލުމަށް ޓަކައި އޯއައިސީގެ ވުޖޫދު ވަރުގަދަކޮށް އިސްލާމްދީނާ މެދު އެ މީހުން ގަންނަ ބިރު ކަނޑުވައިލުމަށް ޓަކައި ބައްދަލުވުންތަކާއި މަހާސިންތާތައް ބާއްވައި އޮޅުވައިލެވިފައިވާ އިސްލާމްދީނުގެ ބައެއް މަފުހޫމުތައް ރަނގަޅުކޮށްދިނުމަށް ޓަކައި ނާރެހީ މަސައްކަތްތަކެއް އަދާކޮށްފައިވެއެވެ. މި ކަމުގެ ސަބަބުން މުސްލިމުންގެ ޢަދުލުވެރި އެދުންތަކަށް އެ ގައުމުތަކުން އިޖާބަދީ ތަފާތު މުނާސަބާތަކުގައި އެ މީހުންގެ މި ތަޞައްވުރު ރަނގަޅުވަމުން އަންނަކަން ޢަމަލުން ދައްކައިފައިވެއެވެ. މި ކަމުގެ ސަބަބުން ނަފުރަތްތެރިކަމާ ދުރު ވެށްޓެއްގައި ގުޅި ލާމެހިގެން މަސައްކަތްކުރާނެ ފުރުސަތުތައް ތަނަވަސްވެގެންދިޔައެވެ.
މިއަދުގެ މަސްރަޙަށް ބަލާ އިރު ބައިނަލްއަޤްވާމީ ޖަޒުބާތުތަކުގެ ސަބަބުން ސަރަޙައްދީ ފުން ނުތަނަވަސްތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އިޤްތިޞާދީ ތައުގީދުތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ފަޤީރު ގައުމުތަކަށާއި ނިކަމެތި ޖަމާޢަތްތަކަށް ވަނީ އިންސާނީ ދަތިތަކަކާއި ތިމާވެށީގެ ނާޒުކު މަސްއަލަތަކާ ކުރިމަތިލާންޖެހިފައެވެ. ޙަޔާތުގެ ތެރެއަށް ވަންނަމުންދާ އައު ފަންނިއްޔާތުތަކާއި ސިނާރުތަކުގެ ސަބަބުން އިސްލާމީ ގައުމުތަކުގައި ކޮނޑުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތުތައް ވަނީ އިތުރުވެފައެވެ. މި ކަމުގެ ސަބަބުން އެ ގައުމުތަކުގެ ކެރިފޯރުންތެރިކަމުން ދަނީ ލޭތައް އޮހޮރެމުންނެވެ. އަދި މި ބަދަލުތަކާ ފައިހަމަކޮށް ކުރިއަށް ދިޔުމުގައި ވަނީ ގޮންޖެހުންތަކަކާ ކުރިމަލާންޖެހިފައެވެ.
ފަންސާސް ހަތް މެންބަރުން ހިމެނޭ މި ޖަމްޢިއްޔާގެ ގައުމުތައް ދުނިޔޭގެ ހަތަރު ބަރޫދަކަށް ފެތުރިފައި ވެއެވެ. މިއީ ދެ ބިލިޔަނަށް ވުރެ ބޮޑު އާބާދީއެއް ތަމުސީލުކުރާ ޖަމާޢަތެކެވެ. މި ބޮޑު އާބާދީއަށް މާތްﷲގެ ފަޟްލުވަންތަކަމުން އިންސާނީ މާއްދީ އަދި މުއައްސަސާތީ ބޮޑު ކެރިފޯރުންތެރިކަމެއް ލިބިފައިވެއެވެ. މި ކުޑައިގެ ދަށުގައި 44 އިދާރާއެއް ވެއެވެ. ގޮފި ޖަމްޢިއްޔާތަކާއި މުސްތަޤިއްލު ޖަމާޢަތްތަކާއި ވަކި މަސައްކަތްތަކަށް ތަޚައްޞުޞުވެފައިވާ އިދާރާތަކެވެ. މި ޖަމްޢިއްޔާގެ އާންމު ސެކްރެޓޭރިއަޓަށް ތަބާވާ 8 އޮފީހެއް ނިއުޔޯކާއި ޖެނީވާއާއި ބުރަސަލުސާއި ރާމަﷲއާއި ބަޣުދާދާއި މަޤްދީޝޫއާއި ނިޔާމީއާއި ކާބުލްގައި ހުރެއެވެ. ތައުސީސީ މި ވިއުގައިގެ ތެރެއިން ދުނިޔޭގެ އެތަންމިތަނަށް ފެތުރިފައިވާ އިދާރީ އެތައް އަތްތަކެއް ލިބިގެންވެއެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ޖަމުޢިއްޔާ ބިނާކުރަނިވި ކުރުންތެރި ޤާބިލު މުއައްސަސާއަކަށް ހެއްދެވުމަށް މިއަދުގެ އަމީންއާންމު މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައެވެ. މެންބަރު ގައުމުތަކަށް ޚިދުމަތްކުރުމަށާއި މި އުންމަތުގެ މަސްއަލަތައް ދިފާޢުކުރެއްވުމަށެވެ. ހިންގުންތެރިކަން ޙިކުމަތްތެރިކޮށް ނަޒާހަތްތެރިކަމާއި މާހަރާތެރިކަމާއި އައު ވިސްނުންތަކާއި އީޖާދުތަކުގެ ބޭނުން ކުރައްވައިގެންނެވެ. ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގައި މި ޖަމުޢިއްޔާގެ އަޑު އުފުއްލައިގެންނެވެ. ދުނިޔޭގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމާއި ތަރައްޤީއަށް ބާރުދޭ ވަސީލަތްތައް ގިނަކޮށް ބައިވެރިވުންތައް އިތުރުކޮށްގެންނެވެ.
މި ޖަމުޢިއްޔާއިން މިއަދު އިސްކަންދޭން ޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އިންސާނާއަށް ޓަކައި ވުނަކުރުން އިތުރުކުރުމާއި އިންސާނީ ޤާބިލުކަން ފުޅައުކުރުން ވެއެވެ. ތަޢުލީމުދިނުމަށާއި ޢިލްމީ ދިރާސާތަކަށާއި އައު އީޖާދުތަކަށާއި ފަންނިއްޔާތަށާއި ސުމޭކުގެ ދާއިރާތަކަށާއި، އިޤްތިޞާދީ މަޢުރިފާއަށް އަޅައިލުން އިތުރުކުރާން ވަނީ ޖެހިފައެވެ. ތަރައްޤީގެ މައިދާނަށް ޒުވާނުންގެ ދައުރު ބޮޑުކުރުމަށް ވަނީ ބޭނުންވެފައެވެ. އިސްލާމީ ދުނިޔޭގެ އިންސާނާގެ ބަރުދަން އުފެއްދުންތެރި، ކުރުންތެރި، އަސަރުފޯރުވަނިވި، ބާރަކަށް ވަނީ ހަދާންޖެހިފައެވެ.
އިސްލާމީ ދުނިޔެއަށް ބަލާ އިރު މި އުންމަތަށް މާތްﷲ ތަނަވަސްކޮށްދެއްވައިފައިވާ އިންސާނީ، މާލީ އަދި ޠަބީޢީ ކެރިފޯރުންތެރިކަމުން ފައިދާ ޙާޞިލުކުރުމުގައި އުންމަތް ވަނީ ވަރަށް ފަހަތުގައެވެ. އުންމީދުކުރާ މަޤާމާ ހަމައަށް ވާޞިލުވުމަށް ޓަކައި އަތުކުރި އޮޅައިލައި އެއްގަލަކަށް އަރާންވަނީ ޖެހިފައެވެ.