ad_banner
ގަލްފު ސަރަޙައްދަށް އޮތް ނުރައްކާ: އިންތިޚާބަށް ފަހު އީރާނަށް އަލުން ހަމަލާދޭން އެމެރިކާއާއި އިޒުރޭލުން ރާވަނީތަ؟

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

23 އޮކްޓޯބަރު 2026

ބައިނަލްއަޤުވާމީ ބޮޑެތި މީޑިއާތަކުން ހާމަކޮށްފައިވާ ރިޕޯޓުތަކާއި، ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުގެ ވާހަކަތަކުން މެދުއިރުމަތީގެ މަސްރަޙު އަނެއްކާ ވެސް ވަނީ އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. [ފައިނޭންޝަލް ޓައިމްސް]އާއި [ދަ ޓައިމްސް އޮފް އިޒުރޭލް] ފަދަ ނޫސްތަކުން ބުނާ ގޮތުން، އެމެރިކާއާއި އިޒުރޭލުގެ އަސްކަރީ އަދި ސިޔާސީ އިސްވެރީން ވަނީ އީރާނާ ދެކޮޅަށް އަސްކަރީ އާ ކެންޕޭނެއް ފެށުމުގެ ރޭވުންތަކެއް އެކުލަވައިލާން ފަށައިފައެވެ.

މި މަހުގެ ކުރީކޮޅު އިޒުރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އީރާނަށް ހަމަލާދޭން އުޅުނު ނަމަވެސް، އެމެރިކާގެ މެދު އިންތިޚާބު ކައިރިވެފައި އޮތުމުގެ ސަބަބުން އެ ކަން ފަސްކުރާންޖެހުނުކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސުވާލަކީ، މި ހަމަލާތައް މުޅިން ހުއްޓުނީތޯ، ނުވަތަ އިންތިޚާބު ނިމުމުން އެ ކަން ފެށުން މަޑުޖައްސައިލީތޯއެވެ؟

ރިޕޯޓުތަކުގެ ފެށުން: އޮކްޓޯބަރު މަހު ނާކާމިޔާބުވި ރޭވުން

އީރާނުގެ ނިއުކުލިއަރު މަރުކަޒުތަކާއި، ކަރަންޓު އުފައްދާ ނިޒާމުތަކުގެ އިތުރަށް ސަރުކާރުގެ މުހިންމު ތަންތަނަށް އަމާޒުކޮށް ގިނަ ދުވަހުގެ ވަރުގަދަ ހަމަލާތަކެއް ދޭން އިޒުރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ރޭވިކަމަށް ޚަބަރުތައް ފެތުރުނެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން އޮތީ މި ކަމަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، ވޮޝިންޓަނުން ވަނީ މި ކަމަށް ހުރަސްއަޅައިފައެވެ. އެމެރިކާގެ މެދު އިންތިޚާބު ކައިރިވެފައިވާ ދަނޑިވަޅެއްގައި، ބޮޑު ހަނގުރާމައެއް ފެށިއްޖެ ނަމަ، ތެލުގެ އަގު އުފުލި، އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެތީ، ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުން ބޭނުންވީ އިންތިޚާބުގެ ކުރީން އެ ފަދަ ބޮޑު އަސްކަރީ ފިޔަވަޅެއް ނާޅާށެވެ. އިންތިޚާބުގެ ކުރީން އީރާނާ ދެކޮޅަށް އެމެރިކާއިން ބޮޑެތި އަސްކަރީ ޙަރަކާތްތަކެއް ނުހިންގާނެކަން ޓުރަންޕު ވަނީ ހާމަވެސްކޮށްއެވެ.

ނަތަންޔާހޫ ވަނީ މި ރިޕޯޓުތަކުގެ ބައެއް ބައިތައް ދޮގުކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ އެމެރިކާއާ ގުޅުންތައް ދަމަހައްޓަމުން އައި ނަމަވެސް، ޤައުމީ ސަލާމަތަށް ޓަކައި އިޒުރޭލުން އަޅާންޖެހޭ ފިޔަވަޅުތައް އަޅާނީ އަމިއްލަ މިނިވަންކަމާ އެކު އަމިއްލައަށްކަމަށެވެ. އެހެންނަމަވެސް، ޖާސޫސީ އިދާރާތަކާއި އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި ދެ ޤައުމުގެ އިސްވެރީން ސިއްރިޔާތުގައި އަދިވެސް އަންނަނީ މި ފަދަ ތަދުބީރުތައް ރާވަމުންނެވެ.

އިންތިޚާބަށްފަހު ހަމަލާދޭން ނިންމީ ކީއްވެ؟

އަސްކަރީ ތަދުބީރުތައް ރާވާ ފަރާތްތަކުން އިންތިޚާބަށް ފަހު ހަމަލަދޭން ވަގުތު ކަނޑައަޅަނީ ކީއްވެގެންހެއްޔެވެ؟ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

1.     އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަޙު: އެމެރިކާގެ މެދު އިންތިޚާބަކީ އެ ޤައުމުގެ ސިޔާސީ މައިދާނަށް ވަރަށް މުހިންމު ކަމެކެވެ. ވޯޓުލާ ދުވަސް ކައިރިވެފައި ވަނިކޮށް ހަނގުރާމައެއް ފަށައިފި ނަމަ، ވޯޓުގެ ނަތީޖާއަށް ނޭދެވޭ އަސަރެއް ފޯރާނެއެވެ. އިންތިޚާބު ނިމުމުން، ކޮންމެ ގޮތަކަށް ނަތީޖާ ދެއްކިއަސް ސަރުކާރަށް ސިޔާސީ ގޮތުން މިނިވަންކަން ބޮޑުވެއެވެ. އިންތިޚާބުގެ ކުރީން ހަމަލާނުދޭން އެމެރިކާއިން ނިންމި އެއް ސަބަބަކީ މިއީއެވެ.

2.     ނިއުކުލިއަރު އަދި މިސައިލު މައްސަލަ: ކުރީން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރީ ގާބިލުކަމަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ޤައުމުން އަންނަނީ މިސައިލު ނިޒާމު އަލުން އާކޮށް، ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދަމުންނެވެ. އެމެރިކާއާއި އިޒުރޭލުގެ އަމާޒަކީ އީރާނުގެ ނިއުކުލިއަރު ގާބިލުކަން މުޅީން ނައްތައިލުމެވެ. އެމެރިކާއާއި އިޒުރޭލު ގުޅިގެން އާދަޔާ ޚިލާފު ބާރުގަދަ ޙަމަލައެއްދެން މި ރާވަނީ އެހެންވެގެންނެވެ.

3.       އިޒުރޭލުގެ އެތެރޭގެ ސިޔާސީ މަސްރަޙުގެ ހަލަބޮލިކަން: އިޒުރޭލުގައި ވެސް އިންތިޚާބީ އެކި ބުރުތައް ކުރިއަށްދާތީ، ސިޔާސީ ވެރީންނަށް ޖެހެނީ ވާދަވެރީންނަށް ވުރެ ހަރުކަށިކޮށް ތިބިކަން ދައްކާށެވެ. އެހެންކަމުން އިންތިޚާބަށް ފަހު ހަރުކަށި ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާނެކަން އިޒުރޭލުގެ ހަރުކަށި ޞަހުޔޫނީ ފިކުރުގެ މީހުންނަށް ވިސްނައިދިނުމަކީ އިންތިޚާބަށް ފަހިވާނެ ކަމެއްކަމަށް ނަތަންޔާހޫ ގަބޫލުކުރެއެވެ.

އީރާނުގެ އިންޒާރު

މި ފަދަ ކަންކަން ހިނގަމުންދާ ގޮތް އީރާނުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އީރާނުގެ އަސްކަރީ އޮފިޝަލުން ވަނީ އެ ޤައުމަށް އަލުން އަރައިގަންނާން އުޅެފި ނަމަ، ވަރުގަދަ އަދި ނުރައްކާތެރި ރައްދެއްދޭނެކަމުގެ އިންޒާރުދީފައެވެ. މީގެ އިތުރަށް، ސަރަޙައްދުގެ މުހިންމު އުމްރާނީ ތަންތަނާއި ކަނޑުގެ އުޅަނދުފަހަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެމެރިކާއިން ޙަމަލާތައްދެނީ ގަލްފުގެ ގައުމުތަކުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކޮށްގެންކަމަށްވާތީ މި ފަދަ ޙަމަލައެއް އެ ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން ދީފި ނަމަ، ވަކި ގައުމެއް އިސްތިސްނާކުރުމެއް ނެތި، އެ ތަންތާގެ ބިނާރުތައް ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު ވެސް އީރާނުންވަނީ ދީފައެވެ.

އިތުރު ހަމަނުޖެހުމަކަށް މަގުފަހިވުން؟

މި ފަހަރުގެ ރިޕޯޓުތަކަކީ ހަގީގަތެއް އޮތް ކަންތައްތަކެއްކަމެއް ނުވަތަ ސިޔާސީ ބިރުދެއްކުމެއްކަމެއް އަދި ޝައްކެއް ނެތް މިންވަރަކަށް ސާފެއް ނޫނެވެ. ނަމަވެސް، ޑިޕްލޮމެޓިކް މަގުތައް ބަންދުވެ، ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާކަން ކަށަވަރެވެ. އެމެރިކާ އޮތީ ބަލިވެއްޖެކަމަށް ގަބޫލުކޮށް މެދުއިރުމަތި ދޫކޮށް ދާ ގޮތަކަށް ނޫނެވެ. އީރާނު ވެސް އޮތީ ދޫނުދީ އެންމެ ފަހު މީހާއަށް ދާންދެން ގައުމުގެ ސިޔާދަތާއި މިނިމަންކަމަށް ޓަކައި ޖިހާދުކުރުމުގެ ޢަޒުމުގައެވެ. މި ދަނޑިވަޅުގައި އެކި ގޮތް ގޮތުން މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ދޭތެރެޖެއްސުމުގެ ޙަރަކާތްތަކެއް ވެސް އެބަ ހިންގައެވެ.

ޔަމަންގެ ޙޫޘީންނާއި އެ ތާނގެ ސަރުކާރުގެ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް މިހާރު ވެސް އެބަ ހިނގައެވެ. ސުޢޫދީ ޢަރަބިއްޔާއާއި އެ ގައުމުގެ އެކުވެރީން ތިބީ ހޫޘީން ގިއްގަޅުވައިލާން ޙަމަލާތައް ދިނުމުގައެވެ. މި ކަމުގެ ރައްދުގައި ސުޢޫދީ ޢަރަބިއްޔާއަށް ޙޫޘީން ވެސް އެބަ ޙަމަލާދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގެ ރައްކާތެރިކަމާއި އަމާންކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

މެދުއިރުމަތީގެ ދޭދޭ ގައުތަކުގެ އަހުލީ ހަގުރާމަތައް ކުރިއަށްދިއުމަކީ، އެމެރިކާއާއި އިޒުރޭލުގެ ނަޒަރުގައި އެ މީހުންނަށް އޮތް އަމާންކަން ކަށަވަރުވާ ކަމެކެވެ. ކަން މިހެން ހުރުމާ އެކު، އެމެރިކާގެ މެދު އިންތިޚާބަށް ފަހު އަންނަ ދުވަސްތަކަކީ މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް އެންމެ ނުރައްކާތެރި އެއް ދުވަސްވަރަށް ވެގެން ހިނގައިދާނެއެވެ. އަދި ތެލުގެ އަގު އިންތިހާއަށް އުފުލި، މުޅި ދުނިޔޭގެ އިގުތިސާދަށް ކުރީން ލަފާވެސްނުކުރާ ވަރުގެ ގެއްލުންތަކެއް ލިބިދާނެއެވެ.

ކޮމެންޓު