އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
23 ސެޕްޓެންބަރު 2026
އެމެރިކާއަކީ ޚާއްޞަކޮށް ޓުރަންޕުގެ ސަރުކާރަކީ މުޅި ދުނިޔޭގެ ވެރިއަކީ އެ މީހުންކަމަށް ދައްކާން މަސައްކަތްކުރާ ކިޔާނެކެވެ. އެ މީހުންގެ ކުރިމަތީގައި ކުޑަކަކޫނުޖަހާ އަދި އެ މީހުން ބުނާހައި ގޮތަކަށް ޢަމަލު ނުކުރާ ކޮންމެ ގައުމަކަށް އަރައިގަނެ، ހަނގުރާމަކޮށް އެ ތަނެއް ފޭރިގަނެ ހެދުމަކީ އެ މީހުންގެ މުޑުދާރު ތާރީޚެވެ. މި ގޮތުން މައިތިރިނުކުރެވިއްޖެ ނަމަ ދެން ބޭނުންކުރާ ހަތިޔާރަކީ ދަތިކުރުމުގެ ފިޔަވަޅު އަޅައި އެ ގައުމެއްގެ މުދާ ހިފެހެއްޓުމެވެ. މި ގޮތުގެމަތީން އެމެރިކާއިން، މުޅި ދުނިޔޭގެ ދުނިޔޭގެ މާލީ އަދި އިގްތިސާދީ ނިޒާމުގެ މައްޗަށް ފޯރުވަމުންދާ ނުފޫޒު ބޭނުންކޮށްގެން ކުޑަކަކޫޖައްސުވާން މަސައްކަތްކުރާ ގައުމުތަކުގެ ތެރެއިން އީރާނަކީ އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިމްތިހާނެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާނުގެ މުދާތައް ހިފަހައްޓައިގެން އުޅޭތާ އެތައް ދަހަރެއް ވެއްޖެއެވެ. މިހާރު މި ފިޔަވަޅުތަކުގައި އީރާނު އޮންނަތާ ބައިގަރުނު ވަނީއެވެ.
ޗައިނާއާ ދެކޮޅަށް އެމެރިކާއިން އަޅާނީ ކޮން ފިޔަވަޅެއް؟
ހަތިޔާރުން ޙަމަލާދީގެން މި ފަހަރު ވެސް އީރާނު ކުޑަކަކޫޖައްސައިނުލެވުނީމާ، [މާވަރުގަދަ] ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަވަޅުތަކާ ދެކޮޅަށް އީރާނަށް އެހީތެރިވާ ކޮންމެ ގައުމަކާ ދެކޮޅަށް ވެސް ފިޔަވަޅުތައް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް، އީރާނުން ބުނަނީ އެއީ ބާވެފައިވާ ފިޔަވަޅުތަކެއްކަމަށާއި އެ ކަމާ ކަހެރިވަކެކޭ ވެސް ހިތަށް ނާރާކަމަށެވެ. އަނެއްކޮޅުން އެމެރިކާއިން ބުނެފައިވަނީ ކޮންމެ ގައުމަކުން ވެސް އެމެރިކާ ނުވަތަ އީރާނު، ކޮންމެވެސް އެއް ކޮޅެއް ނަގާށެވެ. ރަޙުމަތްތެރިއަކަށް ނުވަތަ ދުޝްމަނަކަށްވާށެވެ. އެމެރިކާގެ މި ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާއިން ވަނީ ނޫނެކޭ ބުނެ، އެ މީހުން ތިބީ އީރާނާ އެކުގައިކަން ހާމަކޮށްފައެވެ.
ޗައިނާގެ މި ނިންމުމާ ގުޅިގެން މުޅި މައްސަލައިގެ މޫނުމަތި ވަނީ ބަދަލުވެފައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާއިން އަމަލުނުކުރުމުން، އެމެރިކާއަށް ކުރެވޭނެ ކަމަކީ ދެވަނަ ދަރަޖައިގެ ފިޔަވަޅުތައް އެޅުމެވެ. މީގެ މާނައަކީ، އީރާނުގެ ތެޔޮ ގަންނަ ނުވަތަ އީރާނާ އެކު ވިޔަފާރިކުރާ ޗައިނާގެ ކުންފުނިތަކާއި، ބޭންކުތަކާއި، އަދި އާގުބޯޓުފަހަރު އެމެރިކާގެ ޑޮލަރުގެ ނިޒާމުން ބޭރުކޮށް، އެމެރިކާގައި ހުންނަ އެ ތަންތަނުގެ މުދާ ހިފެހެއްޓުމެވެ. ނަމަވެސް ޗައިނާގެ ބޮޑެތި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަކީ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ހަނގުރާމަ އިތުރަށް ގޯސްވެ، ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
މި ކަމުގައި އެމެރިކާއަށް އޮތް އެންމެ ބޮޑު ދައްޗަކީ ޗައިނާއަކީ ދުނިޔޭގެ ބޮޑު އިގްތިސާދަކަށްވުމެވެ. އެއީ ދުނިޔޭގެ އިގުތިސާދީ އެއްވަނަ ނުވަތަ ދެވަނަ ބާރެވެ. ޗައިނާގެ މައި ބޭންކުތަކަށް ފިޔަވަޅު އަޅައިފި ނަމަ، އޭގެ ރައްދުގައި ޗައިނާއިން އެމެރިކާގެ ކުންފުނިތަކަށް ދޭނެ ހަރުކަށި ރައްދަކަށް އެމެރިކާ ވެސް ވަރަށް ބޮޑަށް ޖެހިލުންވެއެވެ.
އެމެރިކާއަށް ނޫނެކޭ ބުނާން ސާބިތުކަމާ އެކު، އީރާނަށް ކެރެނީ ކީއްވެ؟
އީރާނުން އެމެރިކާގެ ފިޔަވަޅުތަކަކީ ޖޯކެއްކަމަށް ބަލައި އެ ކަމާ އަލާނުލައި، ސާބިތުކަމާއެކު ތިބުމުގެ ފަހަތުގައި މުހިންމު ސަބަބުތަކެއްވެއެވެ.
މި ކަމުގެ އެންމެ ބޮޑު ސަބަބަކީ ޗައިނާގެ ސިޔާސީ އަދި އިގުތިސަދީ ޙިމާޔަތެވެ. އަބަދު ވެސް ޗައިނާ އޮންނާނީ އީރާނާ އެކުގައިކަމަށް ޗައިނާއިން ދޭ ކަށަވަރުކަމެވެ. އީރާނުން އުފައްދާ ތެލުގެ ބޮޑު ބައެއް ގަންނަނީ ޗައިނާއިންނެވެ. ޗައިނާއިން އެ ގައުމުގެ ފައިސާކަމަށްވާ "ޔުއާން"އިން ފައިސާ ދައްކައިގެންނާއި މުދަލަށް މުދާ ބަދަލުކޮށްގެން (ބާޓާ ނިޒާމަށް) ތެޔޮ ގަންނާތީ، އެމެރިކާގެ ޑޮލަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނަކަށް މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރާނެއެވެ.
އަނެއްކޮޅުން މިހާރު އީރާނަކީ އިރުމަތީ އިގުތިސާދީ އިއްތިހާދުކަމުގައިވާ ބްރިކްސްއާއި ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ފުރިހަމަ މެންބަރެކެވެ. މި ގުޅުމުގެ މެންބަރެއްގެ ހައިސިއްޔަތުން ރަޝިއާއާއި ޗައިނާއައި އިންޑިއާ ފަދަ ގައުމުތަކާ އެކު އޮތް ބަދަހި ގުޅުމުގެ ސަބަބުން ހުޅަނގުގެ އެކަހެރިކުރުމުން އީރާނު ސަލާމަތްވެއެވެ.
ހަމަ މިފަދައިން އެމެރިކާއިން އަޅައިފައި އޮތް އެތައް ދަހަރެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުން ވަނީ އަމިއްލައަށް މުދަލާއި، ހަތިޔާރާއި، އަދި ނިއުކްލިއަރު އިންޖިނިއަރިންގެ ދާއިރާއިން ކުރިއަރައިފައެވެ. ހަނގުރާމައިގައި ބޭނުންކުރާ އަގުހެޔޮ މިސައިލާއި ޑުރޯނު ފަދަ އާލަތް، މާ އަގުހެޔޮކޮށް މާ އަވަހަށް އީރާނުން އުފައްދައެވެ.
ބައެއް މުޙައްލިލުން ލަފާކުރާ ގޮތުގައި އެމެރިކާއާއި އިޒުރޭލާގެ އިންޒާރުތަކަށް އީރާނުން ބިރުނުގަނެ ރައްދުދެނީ އެ މީހުން މިހާރު (އިޢުލާނުކޮށްފައި ނެތަސް) ނިޔުކުލިއަރުހަތިޔާރު ވެސް އުފައްދައިފައިވާތީކަމަށް ވެދާނެއެވެ. އެމެރިކާއަށް އޮތީ ދެ ގޮތެކެވެ. ބަލި ގަބޫލުކޮށް އީރާނު ދޫކޮށް ދިޔުމެވެ. ނުވަތަ ކޮންމެވެސް ފެންވަރެއްގައި ނިޔުކުލިއަރު ޙަމަލައެއް ދިނުމެވެ. މި ޙާލަތުގައި އީރާނުން ވެސް ނިޔުކުލިއަރު ޙަމަލައެއް ދިނުމުގެ ގާބިލުކަން ހުރެދާނެކަމަށް ބައެއް މުޙައްލިލުން ލަފާކުރެއެވެ.
ދުނިޔޭގެ ބާރުގެ ތަވާޒުނު ބަދަލުވުން
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް [ސިޔާސީ ހަތިޔާރެއްގެ] ގޮތުގައި މާ ގިނައިން ބޭނުންކުރުމުގެ ނަތީޖާއަކަށްވީ، އީރާނު ބާރުގަދަވުމެވެ. އެ މީހުންގެ ސަލާމަތަށް ޓަކައި ހިންމަތާ އެކު މަސައްކަތްކުރާން އެ މީހުންނަށް މަޖުބޫރުވީއެވެ. އެއީ ބިން ބޮޑު މީސް ގިނަ، ގުދުރަތީ ވަސީލަތްތައް ވެސް ގިނަ ޒަމާންވީ ޙަޟާރަތެކެވެ. އެހެންކަމުން އެ މީހުންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުއަޅަމުންދާ އިރު، އެ މީހުން ވެސް އަތް އުރައިލައިގެނެއް ނުތިބޭނެތާއެވެ.
އެމެރިކާއިން އެ މީހުން މުޅި ދުނިޔެ ކޮންޓުރޯލުކުރާން މި ޖަހާން ފެށި ސަކަރާތުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން އެމެރިކާގެ ޑޮލަރަށް އޮތް ބަރޯސާވުން ކުޑަކުރުމަށް މަސައްކަތްފެށީއެވެ. ޗައިނާއާއި އީރާނުގެ މެދުގައި އޮތް ގުޅުމަކީ ހަމައެކަނި ވިޔަފާރީގެ ގުޅުމެއް ނޫނެވެ. އެއީ އެމެރިކާގެ [އެއް ގައުމަކަށް މުޅި ދުނިޔެ ބޯލަނބާންޖެހޭ] ނިޒާމު އުވައިލައި، މުޅި ދުނިޔޭގެ ބާރުތައް ގިނަ ގައުމުތަކަކަށް ބެހިގެންދާ (މަލްޓި-ޕޯލާރ) ނިޒާމަކަށް ދިއުމަށް ކުރެވޭ މަސައްކަތެކެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރި ވަރަކަށް، ޗައިނާއާއި ރަޝިއާއި އީރާނު ފަދަ ގައުމުތަކުގެ އިއްތިހާދު ބަދަހިވެ، ހުޅަނގުގެ ނުފޫޒުން ބޭރުގައިވާ ވަކި އިގުތިސާދީ ދުނިޔެއެއް ބިނާވަމުންދާކަމީ މި އަދު އިންކާރުކުރެވެން ނެތް ހަގީގަތެކެވެ. މި ކަންތައްތަކުގެ ހަގީގީ ނަތީޖާއަކަށްވާނީ އެމެރިކާގެ އަގުވެއްޓި އެ މީހުންގެ ބާރު ދުނިޔޭގައި މިހާރަށް ވުރެ ކުޑަވުމެވެ.
ދެތިން ލަފުޒެއްގެ މާނަ:
ކިޔާނު ނ. އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް
ދަހަރު ނ. ދިހަ އަހަރު
ތަވާޒުނު ނ. ވަކި ކޮޅަކަށް ބުރަނުވެ ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން