އަބާ މުޙަންމަދު
21 ސެޕްޓެންބަރު 2026
އީރާނުން 'ވަރުގަދަ ޙަމަލާތަކެއް'ދޭން ވަޢުދުވުމާ އެކު، މީސްމީޑިއާގައި އެމެރިކާއިން ވެފައިވާ ވަޢުދުތަކަށް ޙުރުމަތްތެރިކޮށްހިތާން އީރާނުން މިހާރު ވަނީ ގޮވައިލައިފައެވެ.
އީރާނުގެ ބަރުލަމާނުގެ ރައީސް މުޙައްމަދު ބާޤިރު ޣަލީބާފް ވިދާޅުވީ، އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއްކުރުމުގެ ކުރީން އީރާނުން [މުޅި އަސްކަރީ ބާރުގެ ބޭނުންކޮށްގެން ދުޝްމަނުން ފަހަތަށް ޖައްސައި، ވަރުގަދަ ޙަމަލާތަކެއް ދޭންޖެހޭނެ]ކަމަށެވެ.
އީރާނުގެ ސެކިއުރިޓީ އިދާރާގެ އެންމެ އިސް މަސްއޫލުވެރިޔާ މުޙުސިން ރިޟާއީ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ހުށަހަޅާ ޝަރުތުތައް ޤަޠަރުގެ މަންދޫބުން މެދުވެރިކޮށް އެމެރިކާއަށް ފޮނުވައިފައިވާކަމަށެވެ.
ރިޟާއީ ވިދާޅުވި ގޮތުގައި އީރާނުގެ މުހިންމު އެދުންތަކުގެ ތެރޭގައި ހުރިހައި މައިދާނެއްގައި ކުރެވޭ ހަނގުރާމަ ހުއްޓައިލުމާއި، އެމެރިކާއިން ހިފަހައްޓައިފައިވާ އީރާނުގެ މާލީ ވަސީލަތްތައް ދޫކޮށްލުމާއި، އަދި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ކަނޑުގެ ހުރަސްއެޅުންތައް (ދަތުރުފަތުރުކުރުން މަނާކުރުން) އުވައިލުން ހިމެނެއެވެ.
އީރާނުން ހުށަހަޅާ އެންމެ ފަހުގެ ޝަރުތުތައް:
މި ދިޔަ ހޮނިހިރު ދުވަހު އަލްޖަޒީރާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރިޟާއީ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ ހުއްޓައިލާން އީރާނުން ހުށަހަޅާ ޝަރުތުތައް ޤަޠަރުގެ މަންދޫބުން މެދުވެރިކޮށް އެމެރިކާއަށް ފޮނުވައިފައިވާކަމަށެވެ. ނަމަވެސް، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ޙަމަލާތަކަށް ފަހު، ފެށުނު ހަނގުރާމައިގެ ފުރަތަމަ 40 ދުވަހަށް ވުރެ، މިހާރު ތެހެރާން ހަނގުރާމައަށް މާބޮޑަށް ވެސް ތައްޔާރުވެ ތަޖުރިބާލިބިފައިވާކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
[އަޅުގަނޑުމެން އެމެރިކާއާ ކުރިމަތިލާނީ މިއަށް ވުރެ ވަރުގަދަ ބާރަކާ އެކު، އަދި މިއަށް ވުރެ ގިނަ، މިއަށް ވުރެ ވަރުގަދަ ޙަމަލާތަކަކުންނެވެ.] ރިޟާއީ ވިދާޅުވިއެވެ.
ފުރިހަމައަށް އަދި އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ ހަނގުރާމަ މަސްތަކަކަށް މެދުކެނޑިފައިވީ ނަމަވެސް، ސުލްޙައާ ކައިރިއަކަށް ވެސް އެ ދެގައުމަކަށް އަދިއެއް ނާދެވެއެވެ. އެމެރިކާއާއި އީރާނާ ދެމެދު ޖޫން 17ގައި ސޮއިކުރެވުނު 60 ދުވަހުގެ ފަހުމުނާމާ (އެމްއޯޔޫ)ގެ މުއްދަތު ހަމަވީ މި ދިޔަ މަހުއެވެ. އޭގެ ފަހުން ޙަމަލާތައް ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް އީރާނުން ބަންދުކޮށްފައިވާ ހުރުމުޒު ކަނޑުއޮޅި ކައިރީގައެވެ. އަދި އެމެރިކާއިން ދަނީ އީރާނުގެ ދެކުނު ބަނދަރުތައް ބަންދުކޮށް، ހުރަސްއަޅައި އެ ކަން އެ ގޮތަށް ދަހަހައްޓަމުންނެވެ.
ހުރުމުޒު ކަނޑުއޮޅީން ދަތުރުކުރާން އުޅޭ ތެޔޮ އުފުލާ ބޯޓުތަކަށް ދޭ ޙަމަލާތައް އިތުރުވުމާއި، ސަޢޫދީ ޢަރަބިއްޔާއިން ތެޔޮ އެކްސްޕޯޓުކުރާން ބޭނުންކުރާ ރަތްކަނޑުގެ މަގު ޙޫޘީންގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައި އޮތުމުގެ ސަބަބުން، ފަހަކަށް އައިސް ތެލުގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ.
ތެހެރާނުގައި ހުރެ ވާހަކަދެއްކި އަލްޖަޒީރާގެ ރިޕޯޓަރު ތައުހީދު އަސަދީ، ރިޟާއީގެ ވާހަކަފުޅު ސިފަކުރީ މުޅި ހަނގުރާމައިގައި އީރާނުން ގެންގުޅޭ [ދެ ފަރާތް ހިމެނޭ، ދެ ގޮތް] މެސެޖުގެ ބައެއްގެ ގޮތުގައެވެ. އެއީ ޑިޕްލޮމެސީއަށް ފުރުޞަތު ދިނުމާ އެކު، ހަނގުރާމައަށް ވަމުންދާ ތައްޔާރީތައް ކުރިއަށްގެންދިއުމެވެ.
އެހެންވީމާ އީރާނުގެ އެންމެ ފަހުގެ ޝަރުތުތަކަކީ ކޮބައިހެއްޔެވެ؟ އަދި ޖޫން މަހުގެ ފަހުމުނާމާއާ މިއާ ދެމެދު ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟
ހަނގުރާމަ ނިންމައިލާން އީރާނުން ހުށަހަޅާ ޝަރުތުތަކަކީ ކޮބާ؟
ރިޟާއީ އަލްޖަޒީރާއަށް ހާމަކުރެއްވި ކަންތައްތައް ތިރީގައި މި ދަންނަވަނީއެވެ.
1. ޚާއްޞަކޮށް ލުބުނާން ހިމެނޭ ގޮތަށް، ހުރިހައި މައިދާނެއްގައި ކުރެވޭ ހަނގުރާމަ ހުއްޓައިލުން.
2. ހިފަހައްޓައިފައިވާ އީރާނުގެ (އެތައް ބިލިއަން ޑޮލަރު ހިމެނޭ) ފައިސާތައް ދޫކޮށްލުން.
3. އީރާނުގެ ބަނދަރުތަކަށް އަޅައިފައިވާ ކަނޑުގެ ހުރަސްތައް އުވައިލުން.
4. އީރާނުގެ ދާޚިލީ ކަންކަމަށް އެމެރިކާއިން ވަންނަ ވަނުން ނިމުމަކަށް ގެނައުން.
5. [އަޅުގަނޑުމެންގެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް] އެމެރިކާއިން ދޭ އެއްބާރުލުން ހުއްޓައިލުން.
6. އީރާނުގެ ސަރަޙައްދަށް އެމެރިކާއިން ދޭ ހުރިހައި ޙަމަލާތަކެއް ހުއްޓައިލުން.
"މި ޝަރުތުތައް ޤަބޫލުކުރުމަކީ ވޮޝިންގޓަންގެ މަޞްލަޙަތުގައިވާ ކަމެކެވެ. ޓުރަންޕްގެ އިންޒާރުތަކުން އެއްވެސް ނަތީޖާއެއް ނުނުކުންނާނެއެވެ. އަޅުގަނޑުމެން މިތިބީ ނިމުން އަންނަނިވި ހަނގުރާމައަކަށް ތައްޔާރަށެވެ." ސަލާމަތީ ވެރިޔާ ވިދާޅުވިއެވެ.
އާދީއްތަ ދުވަހުގެ ހެނދުނު، އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣަލީބާފް ވަނީ ހުރުމުޒު ކަނޑުއޮޅިއާ މެދު ތެހެރާނުން ގެންގުޅޭ ނިންމުން ތަކުރާރުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން ވެފައިވާ ވަޢުދުތައް ފުއްދަންދެން އެ މުހިންމު ކަނޑުގެ މަގު އޮންނާނީ ބަންދުކުރެވިފައި ކަމަށެވެ.
[މި ޝަރުތުތައް ފުރިހަމަވެ، އީރާނު ރައްޔިތުންގެ ޝަރުޢީ ޙައްޤުތައް ބަލައިގަނެ، އަދި އެމެރިކާގެ ވަޢުދުތައް ފުއްދަންދެން، ކުރީން އޮތް މުޢާމަލާތްތަކުގެ ޙާލަތަށް ރުޖޫޢަވުމަކަށް ނުވަތަ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމަކަށް އެއްވެސް ފުރުޞަތެއް ނޯންނާނެއެވެ.] ޣަލީބާފް ވިދާޅުވިއެވެ.
ޖޫން މަހު ސޮއި ފަހުމުނާމާއާ މި ފަހަރުގެ ހުރި ތަފާތަކީ ކޮބާ؟
އީރާނުން އެންމެ ފަހުން ހުށަހެޅި ޝަރުތުތަކާއި، ޖޫން މަހު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އެދިފައިވާ ކަންކަމާ އަޅައިބަލާ އިރު އެއްގޮތްކަންކަން އެބަ ހުއްޓެވެ. އެ އެއްބަސްވުމުގައި ވެސް، ލުބުނާން ހިމެނޭ ގޮތަށް ހުރިހައި މައިދާނެއްގައި ކުރެވޭ ހަނގުރާމަ ނިންމައިލުމާއި، ދެ ފަރާތުގެ ސިޔާދަތަށް ޙުރުމަތްތެރިކޮށްހިތުމާއި އިރާނުގެ ދާޚިލީ ކަންކަމާ ނުބެހުމާއި، ދެފަރާތުން ވެސް އަޅައިފައިވާ ކަނޑުގެ ހުރަސްތައް އުވައިލުމާއި، އަދި އެމެރިކާއިން ހިފަހައްޓައިފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުން ހިމެނެއެވެ.
އަދި އެ ފަހުމުނާމާގައި އީރާނު އަލުން އާރާސްތުކުރުމުގެ 300 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް އެމެރިކާގެ އެހީގައި ކުރިއަށްގެންދިއުމަށް ގޮވައިލައިފައިވެއެވެ. މީގެއިތުރަށް، އީރާނުން ނިއުކްލިއަރު ހަތިޔާރު ހޯދައި ނުވަތަ އުފައްދައި ނުހެދުމަށާއި، ކަނޑުގެ އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ގޮތަށް ހުރުމުޒު ކަނޑުއޮޅި އީރާނުން ހުޅުވައިލުމަށް ދެފަރާތުން އެއްބަސްވިއެވެ.
އަދި އީރާނުގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓުކުރުމަށާއި އެހެނިހެން ޚިދުމަތްތަކަށް އެމެރިކާއިން އިސްތިސްނާތައް ދިނުމަށާއި، އީރާނާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް ނޭޅުމަށާއި، އަދި އެ ސަރަޙައްދަށް އެމެރިކާގެ އިތުރު ލަޝްކަރުތައް ނުފޮނުވުމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، މި އިންޓަވިއުގައި ރިޟާއީ ވަނީ ކުރީން ތެހެރާނުން އެދެމުން ދިޔަ ގޮތަށް އެމެރިކާއިން ހަނގުރާމައިގެ ބަދަލު (ގެއްލުމުގެ ބަދަލު) ދިނުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެއްނުވެއެވެ.
އޮސްޓުރޭލިއަން ސްޓުރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓުގެ މިޑްލް އީސްޓުގެ ސީނިއަރ ފެލޯ، ޢާދިލް ޢަބްދުލްޣަފާރު ވިދާޅުވި ގޮތުގައި، އީރާނުގެ އެދުންތަކުގެ އަޞްލަށް ބަލާއިރު ޙަޤީޤީ އާ ކަންތައްތަކެއް ނެތްކަމުގައި ވީނަމަވެސް، ބަދަލުވެފައިވަނީ ވަޤުތާއި އެ މެސެޖު ރައްދުކުރެވުނު ވަސީލަތެވެ.
[އިސްލާމްއާބާދު ފަހުމުނާމާ ނިމުމަކަށް އައިސްފައިވުމާއެކު ... އަދި ޤަޠަރު މެދުވެރިކޮށް ރިޟާއީ މި ޝަރުތުތައް ހުށަހެޅުއްވުމުން، އީރާނުން މި ވަނީ އެންމެ ބޮޑު އަސަރެއްކުރުވުމުގެ ބޭނުމުގައި، އެ ޒިންމާ އަނބުރައި އެމެރިކާގެ ބޮލުގައި ޖުމުލަކޮށް އަޅުވައިފައެވެ.] ޢަބްދުލްޣަފާރު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭނާ ތަފުޞީލުކޮށްދެއްވި ގޮތުގައި، ދެ ގައުމު ވެސް މިހާރުވަނީ ކުރިއަށްދާނެ މަގެއް ނުފެނި ހުއްޓުމަކަށް އައިސްފައެވެ. އެއީ އެމެރިކާއަށް ކަނޑުގެ ހުރަސްއެޅުން ދަމަހައްޓައި، ވައިގެބާރުގެ ކުރިއެރުން ހިފެހެއްޓުނުކަމުގައިވީ ނަމަވެސް، އީރާނު އަމާންދިނުމަށް މަޖުބޫރު ނުކުރެވުނީތީއެވެ. އަދި އީރާނުން އަމާންދޭން ތައްޔާރަށް ނެތީތީއެވެ.
އަދި ހަނގުރާމަ ދިގުލައިގެން ދިޔުމަކީ މި ޙާލަތުގައި އެމެރިކާއަށް ތަޙައްމަލުކުރެވޭނެ ކަމެއް ނޫންކަމަށް ވެސް މުޙައްލިލުން ލަފާކުރެއެވެ. އެހެންކަމުން ހަނގުރަމަކޮށްގެން އެމެރިކާއަކަށް ވެސް އީރާނަކަށް ވެސް ލިބޭނެ މޮޅެއް ނެތެވެ. އީރާނުގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް އައިސްފައިނުވާކަމީ އެމެރިކާ ހައިރާންވާ ކަމެކެވެ.
ބައެއް ލަފުޒުގެ މާނަ:
ބަރުލަމާނު ނ. ގާނޫނުހަދާ މަޖުލިސް parliament
ބަސްދީގަތުން ނ. ސުވާލުކޮށްގެން އަނެކާގެ ކިބައިންކަމަކާ ބެހޭމަޢުލޫމާތު ހޯދާން ނުވަތަ ސާފުކުރާން ބާއްވާ ބައްދަލުވުން. interview
ފަހުމުނާމާ ނ. ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް ޓަކައި ދެ ފަރާތެއްގެ ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ސޮއިކުރެވޭ ރަސްމީ އެއްބަސްވުމެއް. އާންމު ގޮތެއްގައި މިއީކުރިމަގުގައި ގާނޫނީ އިލްތިޒާމަކަށް މަގުފަހިކޮށްދޭ އެއްބަސްވުމެކެވެ. Memorandum of understanding (MoU)