އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް
10 ސެޕްޓެންބަރު 2026
އެމެރިކާއާއި އިސްރާއީލުގެ ބާރުތަކުން އިރާނުގެ އަސްކަރީ އަދި ނިޔުކުލިއަރު އަމާޒުތަކަށް ހަމަލާދޭން ފެށިއިރު، ރާވައިފައި އޮތީ މި ކުރިމަތިލުން ވަރަށް އަވަހަށް ނިންމައިލާށެވެ. އެ މީހުންގެ ޖާސޫސީ މަޢުލޫމާތުތަކުން އެނގިފައި އޮތީ ކުއްލިއަކަށް ޙަމަލަދީ ދީނީ ލީޑަރު އަވަހާރަކޮށްލެވުނީމާ އީރާނުގެ ބުޅި ނިޒާމު ތިރާވާނެކަމަށެވެ. ނަމަވެސް، މި ކުރިމަތިލުމަށް ހަ މަސް ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް، އީރާނުގެ މަދަނީ ތަންތަން ހަލާކުކޮޅުން ދިޔަވައި އެހެން [ކާމިޔާބީއެއް] އެމެރިކާއަކަށް ނުލިބުނެވެ. އީރާނުގެ ސަރުކާރު ނުވަތަ ވެރިކަމުގެނިޒާމު ބަދަލެއް ނުކުރެވުނެވެ. މުއްސަނދިކޮށްފައި ކުރި ޔުރޭނިއަމެއް އަތުލައެއްނުގަނެވުނެވެ. މިސައިލާއި ޑުރޯނު އުފައްދާން އީރާނުން ކުރާ މަސައްކަތް މަޑުޖައްސައެއްނުލެވުނެވެ. އެހެންކަމުން އެމެރިކާ މިވަނީ އިސްތިރާޖީ ގޮތުން ވަރުގަދަ މަޅިއެއްގައި ބެދިފައެވެ. ސުޕަރޕަވަރެއްގެ ގޮތުގައި އެމެރިކާއަށް އާދަޔާޚިލާފު އަސްކަރީ ބާރެއް ލިބިފައިވީ ނަމަވެސް، ބޮޑެތި ގެއްލުންތަކަކާ ނުލައި، އަދި ކާމިޔާބީއަކާ އެކީ މި ހަނގުރާމައިން ވަކިވުމަކީ އެމެރިކާއަށް ފަސޭހަކަމެއް ނޫނެވެ.
ހަނގުރާމައިގައި އެމެރިކާ ދެމިއޮތުމުގެ ސަބަބު:
އެމެރިކާއަށް މި ހަނގުރާމައިން ފަސޭހައިން ނުނިކުމެވޭ އެންމެ ބޮޑު ސަބަބަކީ ދެ ގައުމުގެ އަމާޒުތަކުގައި ހުރި ފުށުއަރާ ކަންކަމެވެ. އެމެރިކާއަށް ކާމިޔާބީއަކީ އީރާނުގެ ނިޔުކުލިއަރު ޕްރޮގްރާމް މުޅިން ހަލާކުކޮށްލުމާއި، ބެލިސްޓިކު މިސައިލު އުފެއްދުމުގެ ގާބިލުކަން ނައްތައިލުމާއި، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ރައްކާތެރިކުރުމެވެ.
ނަމަވެސް، އީރާނަށް ކާމިޔާބީއަކީ ހަމައެކަނި ސަލާމަތުން ދެމިއޮތުމާއި، އެމެރިކާއަށް ހިސާބަކަށް ނަމަވެސް ނުރައްކާކުރެވޭނެ ހަމަލާދިނުމުގެ ގާބިލުކަން ދެމެހެއްޓުމެވެ. އެމެރިކާގެ އެކުވެރި ބާރުތަކުން ހާހުން ގުނޭ ފަދަ ގިނަ ހަމަލާތަކެއް ދިން ނަމަވެސް، އިރާނުގެ ލާމަރުކަޒީ ދިފާއީ ނިޒާމުގެ ސަބަބުން ސަރަހައްދީ ކޮމާންޑަރުންނަށް އަގުހެޔޮ ޑުރޯނާއި އެންޓި-ޝިޕް މިސައިލާއި ކަނޑުގެ މައިނުތައް ބޭނުންކުރުމުގެ ފުރުސަތު ލިބެއެވެ. ހުރުމުޒު ކޮއްލަވާނީން ކުރާ ދަތުރުފަތުރަށް ހުރަސްއެޅުމުގެ ބާރު އީރާނަށް ލިބިފައިވާތީ، އެމެރިކާއިން އަވަސް އަރުވައިލައިގެން ވަކިވެއްޖެ ނަމަ، ދުނިޔޭގެ ހަކަތައިގެ ބާޒާރު އިރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގެ ދަށަށް ދިއުމުގެ ފުރުސަތު ބޮޑުވާނެކަމަށް އެމެރިކާ ދެކެއެވެ.
ނުރައްކާ އިތުރުވުމުގެ ރިސްކާއި އިތުބާރު
ސިޔާސީ ގޮތުން ސުލްހަވެވުމަކާ ނުލައި ކުއްލިއަކަށް އަސްކަރީ ގޮތުން ވަކިވުމަކީ ސުރުޚީތަކުން ފެންނަ ފަދަ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއްކަމަށް އެމެރިކާއާއި މެދުއިރުމަތީގެ އެމެރިކާގެ ބައިވެރީން ގަބޫލުކުރެއެވެ.
ސަރަޙައްދީ ސަލާމަތީ ނުރައްކާ: އެމެރިކާގެ ދިފާއީ ބާރަށް ބަރޯސާވާ ގަލްފުގެ ގައުމުތައް އިރާނުގެ ހަމަލާތަކަށް ހުޅުވިގެން ގޮސް، މެދުއިރުމަތީގައި އެމެރިކާގެ އިއްތިހާދުތަކަށް އޮންނަ އިތުބާރު ގެއްލިގެންދާނެއެވެ.
ނިޔުކުލިއަރު ހަތިޔާރު އުފެއްދުމަށް ލިބޭ ހިތްވަރު: ސީދާ އަސްކަރީ ހަމަލާތަކެއް އަމާޒުވުމަށް ފަހު، އިރާނުގެ މިހާރުގެ ވެރީން އެ ބޭފުޅުންގެ ސަލާމަތަށް ޓަކައި ނިޔުކުލިއަރު ހަތިޔާރެއް އުފެއްދުމުގެ ޝައުގުވެރިކަން އިންތިހާއަށް ބޮޑުވާނެއެވެ. މިއީ އެމެރިކާއަށް އިރާނުން ނިޔުކުލިއަރު ހަތިޔާރު ހޯދުން ހުއްޓުވުމަށް އަސްކަރީ ފިއްތުންތައް ދެމެހެއްޓުމަށް މަޖުބޫރުވާނެ ކަމެކެވެ.
ދާޚިލީ ސިޔާސީ ގެއްލުން: ކަނޑުގެ މަގުތައް ބަންދުކޮށް، ގިނަ އަދަދެއްގެ އަސްކަރީ ވަސީލަތްތައް ބޭނުންކުރުމަށް ފަހު، ޞަރީޙަ [ކާމިޔާބީއެއް] ނުލިބި، ހަނގުރާމައިން ވަކިވުމަކީ އެމެރިކާގެ އެތެރޭގެ ސިޔާސީ މަޝްރަހުގައި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިފަވާނެ ކަމެކެވެ. އަދި އެއީ ޓުރަންޕުގެ ސިޔާސިއްޔާތު މުޅީން ކަތިލުން ފަދަ ކަމެކެވެ.
އާދޭހެވެ! ޕާކިސްތާނުގައި ކުރެވުނު ސުލްހައިގެ މަޝްވަރާތައް ހިމެނޭ ގޮތަށް، ދެ ފަރާތުގެ މެދުގައި އޮތް ނުވަތަނަވަސްކަމާއި ގަބޫލުނުކުރެވޭ ރަތްރޮނގުތަކުގެ ސަބަބުން ސުލްހައިގެ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އީރާނުން އެދެނީ ކަނޑުގެ މަގުތައް ހުޅުވައިލުމުގެ ކުރީން އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ. ނަމަވެސް އެމެރިކާއިން އެދެނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ ކުރީން އިރާނުން ނިޔުކުލިއަރު ޕުރޮގްރާމް މުޅީން ހުއްޓައިލާށެވެ.
މި ހާލަތުގެ ސަބަބުން އެމެރިކާ މި ވަނީ އެ މީހުން އަމިއްލައަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރޭގައި ތާށިވެފައެވެ. އެއީ އިރާނުން އަލުން އުފައްދާ އަސްކަރީ ގާބިލުކަން ނައްތައިލުމަށް ޓަކައި މެދުކެނޑުމެއްނެތި ހަމަލާދެއެވެ. އީރާނުން މި ހާރު މާ އަވަހަށް ރައްދުދެއެވެ. ނަމަވެސް ދެ ގައުމުން ކުރެ އެއް ގައުމަކުން އެ މީހުންގެ ރެޑްލައިންތަކަށް ބަދަލު ނާރުވާހައި ހިނދަކު، ނުވަތަ ސުލްހައިގެ ހަރުދަނާ އެއްބަސްވުމަކަށް ނާދެވޭހައި ހިނދަކު، އެމެރިކާ އޮންނާނީ މި ހަނގުރާމައިގެ ތެރޭގައެވެ. ސަބަބަކީ ހަނގުރާމައިން ނުކުމެއްޖެ ނަމަ، ސިޔާސީ ގޮތުން ޓުރަންޕުގެ ސަރުކާރަށް ލިބޭ ގެއްލުން، ހަނގުރާމައިގެ ތެރޭގައި ދެމިއޮވެގެން ލިބޭ ގެއްލުމަށް ވުރެ ބޮޑުކަމަށް ފެންނާތީއެވެ.
އަނެއްކޮޅުން ބަލާ އިރު، ކިތަންމެ ދިގު މުއްދަތަކަށް އެމެރިކާއިން ހަނގުރާމަ ދެމެހެއްޓި ނަމަވެސް، އިރާނުން ވެސް އަމާންދިނުމަކީ ނާދިރު ކަމެކެވެ. އަދި ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެން ހިނގައްޖެ ނަމަ، ޚަރަދު ބޮޑުވުމާއި ހަތިޔާރު މަދުވުމުގެ ސަބަބުން ހަނގުރާމައިގެ ސިޔާސަތު ބަދަލުކުރާން އެމެރިކާއަށް މަޖުބޫރުވުމުގެ ފުރުޞަތު މާ ބޮޑު ވެސްމެއެވެ.
މި ދެ ހާލަތު އުފެދޭން މެދުވެރިވާ މުހިންމު ދެ ސަބަބެއް އެބަ އޮތެވެ. އެއީ އިރާނުން އަމާންނުދީ ހިފަހައްޓައިފާނެ ސަބަބުތަކަކާއި އެހެން ނަމަވެސް ހަނގުރާމަ ހުއްޓައިލާން އެމެރިކާއަށް މަޖުބޫރުވެދާނެކަމަށް ފެންނަ ސަބަބުތަކެކެވެ. މި ސަބަބުތަކުގެ ކުޑަ ތަފުސީލަކަށް ބަލައިލާނަމެވެ.
1. އިރާނުން އަމާންނުދީ ހިފަހައްޓައިފާނެ ސަބަބުތައް
· ހަނގުރާމައިގެ މުޅީން އާ އުކުޅުތައް: އިރާނުގެ އަސްކަރީ އިސްތިރާޖު ބައްޓަންވެފައިވަނީ އެމެރިކާއާ ސީދާ ކުރިމަތިލުމުގެ ބަދަލުގައި، އަގުހެޔޮ ޑުރޯނާއި، އެންޓި-ޝިޕް މިސައިލާއި އަދި ކަނޑުގެ މައިނުތައް ބޭނުންކޮށްގެން ދިގު މުއްދަތަކަށް ހަނގުރާމަ ދެމެހެއްޓޭނެ ނިޒާމަކަށެވެ.
· ލާމަރުކަޒީ ދިފާއީ ނިޒާމު: އިރާނުގެ ދިފާއީ ނިޒާމުގެ އޮނިގަނޑު އޮންނަ ގޮތުން، މަރުކަޒީ ނިޒާމަށް ހަމަލާ އަމާޒުވި ނަމަވެސް ސަރަހައްދީ ކޮމާންޑަރުންނަށް އަމިއްލައަށް އިސްނަގައިގެން ރައްދު ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވެއެވެ.
· ޤައުމީ ސަލާމަތާއި ދެމިއޮތުން: އިރާނުގެ ވެރިން ދެކޭގޮތުގައި އަމާންދިނުމަކީ އަމިއްލަ ސަރުކާރުގެ ނިމުމެވެ. އެހެންކަމުން، ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ކަމުގައިވިޔަސް، ސަލާމަތުން ދެމިއޮތުމަށްޓަކައި ހަމަލާތައް ދިނުން މެދުނުކެނޑި ކުރިއަށް ގެންދާނެއެވެ.
2. ހަނގުރާމަ ހުއްޓައިލާން އެމެރިކާއަށް މަޖުބޫރުވެދާނެ ސަބަބުތައް
· މަތީ ފެންވަރުގެ ހަތިޔާރު މަދުވުން: އެމެރިކާއިން ބޭނުންކުރާ ޕްރެސިޝަން-ގައިޑެޑް މިއުނިޝަން (PGMs)އާއި ދިފާއީ މިސައިލްތަކަކީ އުފައްދާން ގިނަ ދުވަސް ހޭދަވާ، ޚަރަދު ބޮޑު، އަދި ނިސްބަތުން މަދުން އުފެއްދޭ ހަތިޔާރެވެ. ދިގު މުއްދަތުގެ ހަނގުރާމައެއްގައި މި ފަދަ ހަތިޔާރުގެ އިސްޓޮކު ހުސްވުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
· އިގުތިސާދީ އަދި މާލީ ބާރު ބޮޑުވުން: އިރާނުން ބޭނުންކުރާ އަގުހެޔޮ ޑުރޯނުތަކާއި މިސައިލުތައް ނައްތައިލުމަށް ޓަކައި އެމެރިކާއިން އެތައް މިލިއަން ޑޮލަރެއްގެ ދިފާއީ މިސައިލު ބޭނުންކުރާންޖެހެއެވެ. އެންމެ ވިއްސަކަށް ހާސް ޑޮލަރުގެ އާދައިގެ މިސައިލެއް ވައްޓަލުމަށް ޓަކައި އެމެރިކާއިން ބޭނުންކުރާން ހުރީ ވިއްސަކަށް މިލިއަން ރުފިޔާގެ އަގުހުރި ހަތިޔާރެވެ. މިއީ މާލީ ގޮތުން ބަލާ އިރު ދެމެހެއްޓެނިވި އަދި ދެމެހެއްޓޭނެ ގޮތެއް ނޫނެވެ.
· ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުން: ހުރުމުޒު ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާއާއި ބައިނަލްއަގުވާމީ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.
· ސިޔާސީ ފިއްތުންތައް ހަނގުރާމަ ދިގުލައިގޮސް، ޚަރަދު ބޮޑުވެ، އަދި ސިފައިންގެ ފުރާނައަށް ނުރައްކާވާ މިންވަރު އިތުރުވާ ނަމަ، އެމެރިކާގެ އާންމުންގެ ތާއީދު ގެއްލި، ހަނގުރާމަ ހުއްޓާލުމަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާނެއެވެ.
ހަގީގަތަށް ބަލާ ނަމަ، ހަނގުރާމައިގެ ކާމިޔާބީއަކީ އެ ހަނގުރާމައެއް ފެށި މަގުސަދު ހާސިލުވުމެވެ. އެއްވެސް އަމާޒެއް ސަބަބެއް ނެތި އެމެރިކާއިން އިރާނަ ދެކޮޅަށް ފެށި ހަނގުރާމައިގެ މަގުސަދެއް ވެސް އޮތް ހެނެއް ހިޔެއްނުވެއެވެ. އެހެނީ ހަނގުރާމަ ފެށި އިރު ހުރުމުޒު ކޮށްލަވާނި އޮތީ އަމާންކަމާ އެކު ތަންމިނަށް ހުޅުވިފައެވެ. ބައިނަލްއަގުވާމީ ދަތުރުތައް އެއްވެސް އަގެއް ނެތި ކުރަމުން އޭރު ގެންދިޔައެވެ. އެމެރިކާއިން ހަނގުރާމަ ފެށީ ހުރުމުޒު ކޮއްލަވާނި ބަނދުވެގެން އެ ތަން ހުޅުވާކަށް ނޫނެވެ. ނަމަވެސް މިހާރު އެމެރިކާގެ މުޅި އަމާޒަކީ ހުރުމުޒުކޮށްލަވާނި ހުޅުވުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުންކަމަށް ބުނެއެވެ.
ހަނގުރާމައިގައި ހަގީގަތުގައި އެމެރިކާއަކަށް އެއްވެސް ކާމިޔާބީއެއް ނުލިބެއެވެ. އީރާނުގެ މަދަނީ ތަންތަން ހަލާކުރުމާއި އާންމު ރައްޔިތުން ޝަހީދުކުރުމަކީ އެއްވެސް ހާލެއްގައި ކާމިޔާބީއެއް ނޫނެވެ. އެ މީހުން ހަނގުރާމަ ފެށިކަމަށް ބުނަނީ އީރާނުން ނިޔުކުލިއަރު ހަތިޔާރު އުފެއްދުން ހުއްޓުވާށެވެ. އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާށެވެ. މިސައިލާއި ޑުރޯނު އުފެއްދުމުގެ ގާބިލުކަން އީރާނުން ނައްތައިލާށެވެ. މިއިން އެއްވެސް މަގުސަދެއް ހާސިލެއް ނުވެއެވެ. އާންމުންނަށް ޚިދުމަތްދޭން ހުންނަ ހޮސްޕިޓަލުތަކާއި އިސްކޫލުތަކަށް ޙަމަލަދީ އެތައް ހާސް ބަޔަކު ޝަހީދުކޮށްލުމަކީ ކާމިޔާބީއެއް ނޫނެވެ. އެއީ ހަނގުރާމައިން ބޭރު ޖަރީމާއެކެވެ.
މި ދެންނެވީ ކުރިއެރުމެއްކަމަށް ބަލައި، އަސްކަރީ މައިދާނުގައި އެމެރިކާ ކުރިހޯދި ނަމަވެސް، އިރާނުން އަމާންދިނުމަކީ ވަރަށް ނާދިރު ކަމެކެވެ. އޭގެ ބަދަލުގައި އިޚުތިޔާރުކުރާނީ އިގުތިސާދީ އަދި ސިޔާސީ ގޮތުން އެމެރިކާ ވަރުބަލިކޮށްލުމުގެ އުކުޅެވެ. އެހެންކަމުން، މުޅި ހަނގުރާމައިގެ ނަތީޖާ ނިމުން ގާތީ އަސްކަރީ ފުރިހަމަ ކާމިޔާބީއަކުންނެއް ނޫނެވެ. ދެ ގައުމަށް؛ ޚާއްޞަކޮށް އެމެރިކާއަށް، ކުރިމަތިވާ ސިޔާސީ އަދި އިގުތިސާދީ މަޖުބޫރީތަކުގެ ތެރެއިންނެވެ. ޓުރަންޕު ބޮޑު ލަދެއްގައި ބެދިގެންނެވެ. ނަމަވެސް މި ގޮތަށް ހަނގުރާމަ ނިންމައިލާ އިރު ވެސް، އެމެރިކާއިން ހަނގުރާމައިގެ މައިދާނާ ދުރަށްދާނީ އީރާނަށާއި މުޅި ސަރަހައްދަށް އަދި މުޅި ދުނިޔެއަށް ބޮޑު ލަގާއެއް ދީފައިކަމަށް ގަބޫލުކުރެވެއެވެ.
ބައެއް ލަފުޒުގެ މާނަ
އިސްތިރާޖު ނ. ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.
މަޖުބޫރީ ނ. އެ ނޫން އެހެން ގޮތެއް ނެތް.
މިސައިލު ނ. ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ.
ލަގާ ނ. (1) މީހަކަށް ދޭ ބޮނޑިއެއް. (2) މީހަކަށްދޭ ކެއްސެއް. (3) މީހަކަށްދޭ ދެރައެއް.