ޑރ. މޫސާ އަންވަރު ޙަސަން
15 ސެޕްޓެންބަރު 2026
ޤުރްއާނުގެ ހިދާޔަތުގައި ޙަޟާރަތަކީ ހަމައެކަނި އުސް ޢިމާރާތްތަކެއް، ނުވަތަ އެއްކުރެވިފައިވާ މުދަލެއް، ނުވަތަ އޭގެ އަހުލުވެރީންނަށް ގަދަކަން ހޯދައިދޭ ބާރެއްނޫނެވެ. އެއީ އިންސާނާއަށް އޭނާގެ ވެރިރަސްކަލާނގެ އެނގި، އޭނާ ޚަލްޤުކުރެއްވި މަގުސަދު ވަޒަންކުރެވި، އޭނާއާ ޙަވާލުކުރެވުނު އަމާނާތް އެންމެ ހެޔޮގޮތުގައި އަދާކުރުމުން ނުކުންނަ ނަތީޖާއެވެ. އެހެންކަމުން، ﷲ تعالى އިންސާނާ އޭނާގެ އަމިއްލަ ބުއްދިއަށް ނުވަތަ ބަދަލުވަމުންދާ އެދުންތަކަށް ދޫކޮށެއްނުލައްވައެވެ. އެކަމަކު، ހިތުގެ ޞަލާޙަތްތެރިކަމާއި، އަޚުލާޤީ ސީދާކަމާއި، ބިން ޢިމާރާތްކުރުން އެއްކޮށްދޭ މަގަށް ހިދާޔަތް ދެއްވުމަށްޓަކައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވިއެވެ. ނަބިއްޔުންގެ ދަޢުވަތަކީ އިންސާނުންގެ ޙަޔާތާ ވަކިވެފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް އެ ދަޢުވަތު އައީ އިންސާނާ ބިނާކުރުމަށާއި، ޢާއިލާ ރައްކާތެރިކުރުމަށާއި، ޢަދާލަތު ޤާއިމުކުރުމަށާއި، މުދަލާއި ލޭ ރައްކާތެރިކުރުމަށާއި، ބާރުގެ ބޭނުން ހިފުން ކޮންޓުރޯލުކުރުމަށާއި، އާރާސްތުކުރުން އެއީ ކިބުރުވެރިކަމާއި ފަސާދައިގެ ވަސީލަތަކަށް ވިޔަނުދީ ހިފެހެއްޓުމަށެވެ.
ރަސޫލުކަމުގެ މަގުސަދު މާތް الله ވަނީ މި އާޔަތުގައި ޖަމާކުރައްވާފައެވެ: ﴿لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ﴾ (سورة الحديد: 25) މާނައީ: "ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެ رسول ންނާއެކު، ފޮތާއި، عدل إنصاف ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން عدل إنصاف قائمކުރުމަށްޓަކައެވެ." ބަޔާންވެގެންވާ ދަލީލުތަކުން ބުއްދިތަކަށް ހިދާޔަތްލިބެއެވެ. ފޮތުން މަގު ބަޔާންކޮށްދެއެވެ. ތިލަފަތުން ޙައްޤުތައް ރައްކާތެރިކޮށްދެއެވެ. އަދި ޢަދާލަތުން އިންސާނުންގެ ދިރިއުޅުން ޢަދުލުވެރިކަމުގެ މައްޗަށް ޤާއިމުކޮށްދެއެވެ. މި ހިސާބުން، ޤުރްއާނުގައި ޙަޟާރަތް ވަނީ ނުބުއްވަތާ ގުޅިފައެވެ. ސަބަބަކީ އިންސާނާއަށް އިމާރާތްކުރާނެ ގޮތް އެނގިދާނެއެވެ. ނަމަވެސް އޭނާ ޢިމާރާތްކުރަނީ ކީއްވެގެންކަމާއި، އޭނާގެ ބާރު ޚިދުމަތްކުރަނީ ކާކަށްކަމާއި، އޭނާގެ އަތްމަތީގައިވާ ޢިލްމާއި މުދަލާއި ވެރިކަން ހިންގަންވީ ކޮން ތިލަފަތަކުންކަން ދެނެގަތުމަށް ވަޙީއަށް ބޭނުންވެއެވެ.
މި ދަތުރު ފެށުނީ އާދަމުގެފާނު ޚަލްޤުކުރެއްވުމުގެ ކުރީން ﷲ تعالى އޭނާގެ މިޝަން އިޢުލާންކުރެއްވި ހިސާބުންނެވެ. ﴿وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً﴾ (سورة البقرة: 30) މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحىކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ!" ފަހެ ޚަލީފާވެރިކުރެއްވުމަކީ ހަމައެކަނި ޝަރަފުވެރިކަމެއްނޫނެވެ. ނަމަވެސް އެއީ ﷲއަށް އަޅުކަންކުރުމާއި، ބިން ޢިމާރާތްކުރުމާއި، ދިރިއުޅުން ރައްކާތެރިކުރުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި، ފަސާދައާއި އަނިޔާވެރިކަމާ ނުލައި ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މައްޗަށް އެކުލެވިގެންވާ ޢަހުދެކެވެ. އިންސާނާއަކީ އޭނާއަށް މިލްކުވެގެންވާ ތަކެތީގައި ޚަލީފާއެކެވެ. އެހެންކަމުން އޭނާގެ ކުޅަދާނަކަން مطلق ޙައްޤަކަށް ބަދަލެއް ނުވެއެވެ. އަދި އާރާސްތުކުރުމަކީ ﷲގެ ރުހިވޮޑިގަތުމާއި ޚަލްޤުތަކުންގެ މަޞްލަޙަތާ ވަކިވެފައިވާ އަމާޒަކަށް ނުވެއެވެ.
ﷲ تعالى އާދަމުގެފާނު މި އަމާނާތް އުފުއްލެވުމަށް ތައްޔާރުކުރެއްވިއެވެ. އެކަލޭގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އުނގަންނައިދެއްވައި، ޢިލްމު އުނގެނުމާއި، އޮޅުންފިލުވައިދިނުމާއި، ތަޖުރިބާގެ ކުޅަދާނަކަން ދެއްވިއެވެ. ފަހެ، ޢިލްމަކީ އާރާސްތުކުރުމުގެ އެންމެ ފުރަތަމަ އަސާސެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅު މަށީން ހައްދަވައި، ސީދާކުރައްވައި، އެކަލޭގެފާނުގެ ހަށިކޮޅަށް ރޫޙު ފުންމެވިއެވެ. އެއީ ޝަރަފުވެރިކުރުމުގެ ގޮތުން ﷲގެ ޙަޟުރަތަށް ނިސްބަތްކުރެއްވި ރޫޙެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ އެކުލެވިގެންވީ އުނގަންނައިދެވޭ ބުއްދިއަކާއި، ހިދާޔަތް ލިބޭ ރޫޙަކާއި، މަސައްކަތްކުރާ ހަށިގަނޑެއްގެ މައްޗަށެވެ. ދެން އައީ ގަހުގެ އިމްތިޙާނެވެ. އެއީ މިނިވަންކަމަކީ މަސްއޫލިއްޔަތާ ގުޅިފައިވާ އެއްޗެއްކަން ބަޔާންކޮށްދިނުމަށެވެ. ކުށްވެވުނު ހިނދު އާދަމުގެފާނު އެ ކަމުގެ މަތީގައި ދެމިނުހުންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ރުޖޫޢަވެވަޑައިގަތެވެ. ﴿فَتَلَقَّى آدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَعلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ﴾ (سورة البقرة: 37) މާނައީ: "ފަހެ، آدم ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން كلمة ފުޅުތަކެއް ބާވައިގަންނަވައި (އެ كلمة ފުޅުތައް ވިދާޅުވެ، توبة ވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ." މި ކަމުގެ ސަބަބުން ތައުބާވުން އިންސާނީ ތަޖުރިބާގެ އަޞްލުގެ ތެރެއަށް ވަދެގެންދިޔައެވެ. ކުށެއް ކުރެވުމަކީ، އޭގެ ފަހަތުން އިޢުތިރާފުވުމާއި، މުރާޖަޢާކުރުމާއި، އިޞްލާޙުކުރުން އަތުވެއްޖެ ނަމަ، މުސްތަޤްބަލު ހަލާކުކޮށްލާ ކަމެއްނޫނެވެ. ދިރިހުރި އުންމަތަކީ ކުށްނުކުރެވޭނެކަމަށް ދަޢުވާކުރާ އުންމަތެއް ނޫނެވެ. ނަމަވެސް އެއީ އޭގެ މަގު ސީދާކުރުމުގެ ހިތްވަރު ހުރި، ނަޞޭޙަތްތެރީންގެ އަޑުއަހާ، އަދި ނުފޫޒާއި މަޞްލަޙަތުން ހިމާޔަތްކުރެވޭ އާދައަކަށް ކުށްތައް ބަދަލުވިޔަނުދީ ހިފަހައްޓާ އުންމަތެވެ.
އާދަމުގެފާނުގެ ދަރިފަސްކޮޅުގެ ޖީލުތަކަކަށް ފަހު، ނޫޙުގެފާނުގެ ޤައުމުގެ ތެރޭގައި ޝިރުކުފާޅުވިއެވެ. އެ ކަން ފެށުނީ ކުއްލިއަކަށް ނޫނެވެ. އެ ކަން އުފެދުނީ ޞާލިޙު ބޭކަލުންނާ މެދު ޙައްދުފަހަނައަޅައި ދިއުމުންނެވެ. ދެން ޒަމާންތައް ފާއިތުވަމުންދިޔަ ވަރަކަށް، އެ ބޭކަލުންގެ ހަނދާންތައް ﷲ ފިޔަވައި އަޅުކަންކުރެވޭ ބުދުތަކަކަށް ބަދަލުވިއެވެ. ﷲ تعالى ނޫޙުގެފާނު ފޮނުއްވުމުން، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ރޭގަނޑާއި ދުވާލު، ސިއްރާއި ފާޅުގައި ދަޢުވަތުދެއްވިއެވެ. އަދި އިޖާބަދިނުން ލަސްވުމުން މާޔޫސްވެވަޑައިނުގެން، އަދި ތައުޙީދުގެ ޙަޤީޤަތަށް އެއްވެސް ދޫދެއްވުމެއްނެތި، ފަނަރަސަތޭކަ އަހަރުން ފަންސާސް އަހަރު މަދު މުއްދަތެއް އެއުރެންގެ ތެރޭގައި ހޭދަކުރެއްވިއެވެ. އެކަލޭގެފާނާ ކުރިމަތިލީ ނިކަމެތި މުއުމިނުންނަށް ދެރަ ނިކަމެތިންކަމުގައި ހެދީ ކިބުރުވެރި ބޮޑުންނެވެ. އެއުރެން ބުންޏެވެ. ﴿أَنُؤْمِنُ لَكَ وَاتَّبَعَك الأَرْذَلُونَ﴾ (سورة الشعراء: 111) މާނައީ: "އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبعވެގެންތިބީ، ދެރަ ނިކަމެތީންކަމުގައިވާ އިރު، ތިމަންމެން ކަލޭގެފާނަށް إيمان ވާނެތޯއެވެ؟" ނަމަވެސް ނޫޙުގެފާނު ނުފޫޒުވެރީންގެ ރުހުން ހޯއްދެވުމަށް ޓަކައި އެ މުއުމިނުން ނެރެއެއްނުލެއްވިއެވެ. ސަބަބަކީ ނުބުއްވަތުގެ ތިލަފަތުގައި އިންސާނާގެ ޤަދަރު ބިނާވެގެންވަނީ އީމާންކަމާއި ޢަމަލުގެ މައްޗަށްކަމުގައިވާތީއެވެ. މުދަލާއި މަޤާމުގެ މައްޗަކަށް ނޫނެވެ.
ނޫޙުގެފާނު ދަޢުވަތުދެއްވުމުގެ ހުރިހައި ވަސީލަތެއް ބޭނުންކުރެއްވުމަށް ފަހު، ﷲ تعالى އެކަލޭގެފާނަށް އަމުރުކުރެއްވީ ނަވެއް ބަނުމަށެވެ: ﴿وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا﴾ (سورة هود: 37) މާނައީ: "އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحىއާ އެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ!" ފަހެ ނަވުގެ ތެރޭގައި ތަވައްކަލުކުރުމާއި ޢަމަލުކުރުން އެއްވިއެވެ. ސަލާމަތްވުންވަނީ ﷲގެ ޙަޟުރަތުންނެވެ. ނަމަވެސް އެ ކަމަށް ތައްޔާރުވުމާއި، ކެތްތެރިކަމާއި، ފުރިހަމައަށް މަސައްކަތްކުރުން ބޭނުންވިއެވެ. އަދި ޠޫފާން އައި ހިނދު، ކާފިރުކަން ޚިޔާރުކުރި މީހާއަށް ތިމާގެކަމުގެ ގުޅުމަކުން އެއްވެސް ފައިދާއެއްނުކުރިއެވެ. ދެން އޭގެ ފަހުން މުއުމިނުން ތައުޙީދާއި، ތަޖުރިބާ ރައްކާތެރިކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އަސާސުގެ މައްޗަށް އާ މަރުޙަލާއެއް ފެށިއެވެ.
ނޫޙުގެފާނުގެ ޤައުމަށް ފަހު ޢާދު ބާގައިގެ މީހުން އައެވެ. އެއުރެންނަށް ހަށިގަނޑުގެ ބާރާއި ޢިމާރާތްކުރުމުގެ ކުޅަދާނަކަން ދެއްވުނެވެ. ނަމަވެސް އެއުރެން އެ ނިޢުމަތް ކިބުރުވެރިކަމުގެ ސަބަބެއްކަމުގައި ހަދައި ބުންޏެވެ: ﴿مَنْ أَشَدُّ مِنَّا قُوَّةً﴾ މާނައީ: "ތިމަންމެންނަށް ވުރެ ބާރުގަދައީ ކާކުހެއްޔެވެ؟" ފަހެ ޤުރްއާން އެއުރެންނަށް ރައްދުދިނެވެ: ﴿أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً﴾ (سورة فصلت: 15) މާނައީ: "އެއުރެން ހެއްދެވި ﷲ، އެއުރެންނަށް ވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟" ބާރަކީ އޭގެ ذاتގައި ކުށްވެރިކުރެވޭ އެއްޗެއް ނޫނެވެ. ނަމަވެސް މައްސަލައަކީ އެ ބާރު ޝުކުރުވެރިވުމާއި ޢަދުލު އިންޞާފާ ވަކިވުމެވެ. އެއުރެން އަނިޔާވެރިކަމާ އެކު ގަދަބަސްބުނެ އުޅުނެވެ. އަދި އެއުރެންގެ ކުޅަދާނަކަމުން އަނިޔާވެރިކަމުގެ ޢުޤޫބާތުން އެއުރެން ރައްކާތެރިކޮށްދޭނެކަމަށް ހީކުރިއެވެ. އެއުރެން ވާރޭއަށް އިންތިޒާރުކުރި ފަރާތުން ކޯފާ އަންނަންދެންނެވެ.
ދެން ފެނިގެންދިޔައީ ފަރުބަދަތައް ކަނޑައިނަގައިގެން ރައްކާތެރި ގެތައް ބިނާކުރުމުގެ މާހިރުކަން ލިބިގެންވީ ޘަމޫދު ބާގައިގެ މީހުންނެވެ. ޞާލިޙުގެފާނު އެއުރެންނަށް ހަނދާންކޮށްދެއްވީ ބިން ޢިމާރާތްކުރުމަކީ އިމްތިޔާޒަކަށްވުމުގެ ކުރީން އުފުލަންޖެހޭ ތަކުލީފެއްކަމެވެ. ﴿هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ﴾ (سورة هود: 61) މާނައީ: "އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކުކަމުގައި ތިޔަބައިމީހުން ލެއްވިއެވެ."
އަދި ﷲ تعالى ޖަމަލު މުޢުޖިޒާތެއްގެ ގޮތުގައި އަދި ޢަހުދާއި ޢާންމު ޙައްޤުތަކަށް ޙުރުމަތްތެރިކުރުމުގެ އިމްތިޙާނެއްގެ ގޮތުގައި ލެއްވިއެވެ. ނަމަވެސް ރަށުތެރޭގައި ފަސާދަކުރާ ނުވަ މީހުންގެ ޖަމާޢަތަކުން ޖަމަލު ކަތިލައި، ޞާލިޙުގެފާނާއި އެކަލޭގެފާނުގެ އާއިލާ ޤަތުލުކުރުމަށް ރޭވިއެވެ. އަދި މުޖުތަމަޢު އެއުރެންގެ ފަސާދައަށް ހިމޭންވުމުން، އެއުރެންގެ މައްޗަށް ޢަޒާބު ބާވައިލެއްވިއެވެ. އެއުރެން ކަނޑައިނަގައިގެން ހަދައިފައިވާ ގެތަކުން އެއުރެންނެއް ރައްކާތެރި ކޮށެއްނުދިނެވެ. ސަބަބަކީ، ޙައްޤުތަކަށް އަރައިގަނެ، ފަސާދަކުރާ މީހުންނަށް އެއުރެންގެ ނަސީބު ކަނޑައެޅުމުގެ ފުރުޞަތު ދީފައިވާ މުޖުތަމަޢެއް، ރައްކާތެރި ކޯއްޓޭތަކަކުން ހިމާޔަތެއްނުކުރެވޭނެތީއެވެ.
މި ގޮތުން، އާދަމުގެފާނާއި، ނޫޙުގެފާނާއި، ހޫދުގެފާނާއި، ޞާލިޙުގެފާނުގެ ޤިޞްޞާތަކުން ބަޔާންވެގެންދަނީ ޙަޟާރަތެއް ޤާއިމުވުން ފެށެނީ އިންސާނާގެ ކިބައިންކަމާއި، އޭގެ ވެއްޓުން ވެސް ފެށެނީ އޭނާގެ ކިބައިންކަމެވެ. ފަހެ، ޢިލްމަށް ހިދާޔަތް ބޭނުންވެއެވެ. ބާރަށް ޝުކުރުވެރިވުން ބޭނުންވެއެވެ. އާރާސްތުކުރުމަށް ޢަދާލަތު ބޭނުންވެއެވެ. އަދި މިނިވަންކަމަށް މަސްއޫލިއްޔަތު ބޭނުންވެއެވެ. ވަސީލަތްތައް އޭގެ އަޚުލާޤީ މަގުސަދުތަކާ ވަކިވެއްޖެ ނަމަ، ނިޢުމަތްތައް ބަދަލުވެގެންދަނީ ހަލާކުގެ ސަބަބުތަކަށެވެ. އަދި ސަލާމަތްވުމުގެ ދޮރަކީ އިޞްލާޙުކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَى بِظُلْمٍ وَأَهْلُهَا مُصْلِحُونَ﴾ (سورة هود: 117) (މާނައީ: "ރަށްތަކުގެ أهلވެރީން ރަނގަޅަށް ކަންތައްކުރާ ބަޔަކުކަމުގައިވަނިކޮށް، އަނިޔާވެރި ގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ." މި ސުންނަތްތަކަކީ އިސްވެދިޔަ އުންމަތްތަކަކަށް އެކަނި ޚާއްޞަ ސުންނަތްތަކެއް ނޫނެވެ. ނަމަވެސް، ކޮންމެ ޖީލަކު ވެސް އަމިއްލަ ނަފްސު މުރާޖަޢާކޮށް، ޚަލީފާވެރިކުރެއްވުމުގެ އަމާނާތް ރައްކާތެރިކޮށް، އީމާންކަމާއި ޢަދާލަތާއި ރަޙުމުގެ މައްޗަށް އޭގެ ޙަޟާރަތު ޤާއިމުކުރުމަށް ޓަކައި ﷲ تعالى މުޚާޠަބުކުރައްވާ ސުންނަތްތަކެކެވެ.
(ނޯޓު: މި މަގާލުގެ އަޞްލު ލިޔުއްވީ ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ. ތަރުޖަމާކުރެއްވީ ޑރ. މޫސާ އަންވަރު ޙަސަން.)
ލަފުޒެއްގެ މާނަ:
ޙަޟާރަތު ނ. ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް. civilization