ad_banner
މެނޭޖުމަންޓުގެ މާނައާއި އޭގެ ތަބީއަތް

ޙުސައިން ޞަލާޙު ޔޫސުފު

16 ނޮވެންބަރު 2026

ދިވެހިރާއްޖޭގައި މެނޭޖުމަންޓުގެ ދާއިރާއިން ދިވެހިބަހުން ލިޔެފައިވާ ލިޔުންތައް ފެންނަނީ ވަރަށް މަދުންނެވެ. މި ޢިލްމު ދިވެހިބަހުން ރަނގަޅަށް ބަޔާންކޮށްދެވިފައެއް ނުވެއެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހިންނަކީ ވެސް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުމުގައި ވެސް އެތައް ކަންތައްތަކެއް މެނޭޖުކުރަމުންދާ ނުވަތަ މެނޭޖުކުރަން ޖެހޭ ބައެކެވެ. އެހެންކަމުން މެނޭޖްމަންޓުގެ ޢިލްމަކީ އެންމެންނަށް ވެސް އެނގުން މުހިންމު ޢިލްމެއްކަމުގައި ދެކި މި ދާއިރާއިން އަޅުގަނޑަށް އެނގިހުރި މިންވަރެއް ލިޔެވޭތޯ މާތްﷲގެ ޙަޟުރަތުން ވާތްގަށް އެދޭ ޙާލު މަސައްކަތްފެށީމެވެ.

މެނޭޖްމަންޓުގެ މާނައާއި އޭގެ ޠަބީޢަތް

ތަޢާރަފު

މެނޭޖްމަންޓަކީ ކޮންމެ މުއައްސަސާއެއްގައި ވެސް އެންމެ މުހިންމު އެއް ބައެވެ. އެއީ ސަރުކާރުގެ މިނިސްޓްރީއަކަށް ވިޔަސް، އަމިއްލަ ކުންފުންޏަކަށް ވިޔަސް، އިސްކޫލަކަށް، ހޮސްޕިޓަލަކަށް، އަސްކަރީ މުއައްސަސާއަކަށް، ނުވަތަ ކުޑަ ވިޔަފާރިއަކަށް ވިޔަސް، އެ މުއައްސަސާއެއްގެ މަގުސަދުތައް ހާސިލުކުރުމުގައި މެނޭޖްމަންޓް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

ކޮންމެ މުއައްސަސާއެއްގައި ވެސް އިންސާނީ ވަސީލަތްތަކާއި ފައިސާއާއި، ތަކެއްޗާއި، އެކި އާލަތްތަކާއި، މަޢުލޫމާތު ފަދަ ވަސީލަތްތައް ހުރެއެވެ. ނަމަވެސް، ހަމައެކަނި މި ވަސީލަތްތައް ހުރުމަކުން ކާމިޔާބީއެއް ނުލިބޭނެއެވެ. މި ވަސީލަތްތައް ރަނގަޅަށް ރާވައި، އިންތިޒާމުކޮށް، އިރުޝާދުދީ، ވިލަރެސްކޮށް، އަދި ކޮންޓުރޯލުކުރާންޖެހެއެވެ. މެނޭޖްމަންޓުގެ ބޭނުންތެރިކަން އެންމެ ބޮޑަށް ފެންނަނީ މި ހިސާބުންނެވެ.

މިސާލަކަށް، ދިވެހިރާއްޖޭގެ ރިސޯޓަކަށް ބަލަމާ ހިނގާށެވެ. ކާމިޔާބުކަމާ އެކު ރިސޯޓު ހިންގުމަށް ޓަކައި މުވައްޒަފުންނާއި، އެ މުވައްޒަފުންގެ ކެއިންބުއިމުގެ ކަންތައްތަކާއި ނިދުމުގެ އިންތިޒާމުތަކާއި، ކާބޯތަކެތީގެ ސަޕްލައިއާއި، މާލީ ވަސީލަތްތަކާއި، ދަތުރުފަތުރާއި، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ބޭނުންވެއެވެ. މެނޭޖްމަންޓުން ކަށަވަރުކޮށްދެނީ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، މެހެމާނުން ހިތްހަމަޖެއްސުމަށާއި، އާމްދަނީ ހޯދުމަށާއި، ވިޔަފާރީގެ މަޤްޞަދުތައް ހާސިލުކުރުމަށް ޓަކައި މި ހުރިހައި ވަސީލަތްތަކެއް އެކުގައި ފުރިހަމައަށް މަސައްކަތްކުރާ ކަމެވެ.

ހަމައެފަދައިން، އޮފީސްތަކާއި ކުންފުނިތަކާއި އެކިއެކި މުއައްސަސާތައް ވެސް ހަރުދަނާކަމާ އެކު ހިންގުމަށް ޓަކައި އެތަނެއްގެ އެންމެހައި ކަންކަން ރާވައި އިންތިޒާމްކޮށް، އިންތިޒާމެއްގެ މަތިން ހިނގަހިނގާ ހުންނަގޮތް ހަދަންޖެހެއެވެ. މިސާލަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފު)ގެ ޒިންމާތައް އަދާކުރުމަށް ޓަކައި ސިފައިންނާއި، ވަސީލަތްތަކާއި، އާލާތްތަކާއި، ތަމްރީނުތަކާއި، ލޮޖިސްޓިކްސްއާއި، އޮޕަރޭޝަންތަކާއި، އިދާރީ ކަންކަން ވިލަރެސްކުރުމަށް ހަރުދަނާ މެނޭޖްމަންޓެއް ބޭނުންވެއެވެ. އެހެންކަމުން، މެނޭޖްމަންޓަކީ ހަމައެކަނި ވިޔަފާރި މުއައްސަސާތަކަށް ޚާއްޞަ އެއްޗެއް ނޫނެވެ. އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން އެއް މަޤްޞަދެއް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ތަނަކަށް ވެސް މެނޭޖްމަންޓް ބޭނުންވެއެވެ.

މެނޭޖްމަންޓުގެ މަފުހޫމްތައް

މެނޭޖްމަންޓްގެ އެންމެ ކުރު ތަޢާރަފެއްގެ ގޮތުގައި ބުނެވެން އޮތީ، އެއީ ކަނޑައެޅިފައިވާ މަޤްޞަދުތައް ހާސިލުކުރުމަށް ޓަކައި، ހަރުދަނާ ގޮތެއްގައި މުއައްސަސާގެ ވަސީލަތްތައް ރޭވުމާއި (Planning)، އިންތިޒާމުކުރުމާއި (Organizing)، މުވައްޒަފުން ހަމަޖެއްސުމާއި (Staffing)، އިރުޝާދުދިނުމާއި (Directing)، އަދި ކޮންޓްރޯލް ކުރުމުގެ (Controlling) މަރުޙަލާއެވެ. އާދައިގެ ބަހުން ބުނާ ނަމަ، މެނޭޖްމަންޓަކީ ލިބެންހުރި ވަސީލަތްތައް ރަނގަޅަށް ބޭނުންކޮށްގެން، އެހެން މީހުންނާ އެކު އަދި އެހެން މީހުން މެދުވެރިކޮށް ކަންކަން ހާސިލުކުރުމެވެ.

މެނޭޖްމަންޓުގައި ހިމެނެނީ މުއައްސަސާގެ މަޤްޞަދުތައް ހާސިލުވާނެކަން ކަށަވަރުކުރުމަށް ޓަކައި ވަކިވަކި ފަރުދުންނާއި ގްރޫޕްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމެވެ. މިކަމަށް ޓަކައި މެނޭޖަރުން ނިންމުންތައް ނިންމައި، ވަސީލަތްތައް ބަހައި، މައްސަލަތައް ޙައްލުކޮށް، މުވައްޒަފުންނަށް ހިތްވަރުދީ، ލީޑަރޝިޕް ދައްކައި، އަދި މަސައްކަތުގެ ފެންވަރު ބަލަހައްޓަން ޖެހެއެވެ.

މެނޭޖްމަންޓުގެ މަފުހޫމް، މަޝްހޫރު އެތައް ޢިލްމުވެރީންނެއް ތަފާތު ނަޒަރުތަކުން ބަޔާންކޮށްދެއްވައިފައިވެއެވެ.

·         ހެންރީ ފަޔޯލް (Henri Fayol): އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މެނޭޖްމަންޓަކީ ކުރިއަށް އޮތްތަން ލަފާކުރުމާއި ރޭވުމާއި، އިންތިޒާމުކުރުމާއި، އަމުރުކުރުމާއި، ވިލަރެސްކުރުމާއި، އަދި ކޮންޓްރޯލްކުރުން ހިމެނޭ މަރުޙަލާއެކެވެ. އޭނާގެ މި ޚިޔާލުތަކަކީ ޒަމާނީ މެނޭޖްމަންޓް ތިއަރީގެ މުހިންމު ބިންގަލެކެވެ.

·         ޕީޓަރ ޑްރަކަރ (Peter Drucker): ޒަމާނީ މެނޭޖްމަންޓްގެ އެންމެ ނުފޫޒުގަދަ އެއް ޢިލްމުވެރިޔާ ކަމަށްވާ ޕީޓަރ ޑްރަކަރ، މުއައްސަސާގެ ނަތީޖާތައް ހާސިލުކުރުމަށާއި މީހުން ހަރުދަނާ ގޮތެއްގައި މެނޭޖްކުރުމުގެ މުހިންމުކަމަށް ބާރުއެޅުއްވިއެވެ. މެނޭޖްމަންޓުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ މަޤްޞަދުތަކަށާއި، މަސައްކަތުގެ ނަތީޖާއަށާއި، މުއައްސަސާގެ ހަރުދަނާކަމަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

·         ހެރަލްޑް ކޫންޓްޒް (Harold Koontz): އޭނާ މެނޭޖްމަންޓް ސިފަކުރެއްވީ، ގްރޫޕްތަކުގައި އެކުގައި މަސައްކަތްކުރާ މީހުންނަށް ކަނޑައެޅިފައިވާ މަޤްޞަދުތައް ހަލުވިކަމާއި ހަރުދަނާކަމާ އެކު ހާސިލުކުރެވޭނެ ފަދަ މާޙައުލެއް އުފައްދައި ދެމެހެއްޓުމުގެ މަރުޙަލާއެއްގެ ގޮތުގައެވެ.

މި ހުރިހައި ބުނުންތަކުގައި ވެސް ތަފާތު ޢިބާރާތްތައް ބޭނުންކޮށްފައިވީ ނަމަވެސް، އެ ހުރިހައި ބުނުމެއްގައި ވެސް އެއްގޮތް ކަންތައްތަކެއް  ހިމެނެއެވެ. އެއީ ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ވިލަރެސްކޮށް ބޭނުންކޮށްގެން މުއައްސަސާގެ މަޤްޞަދުތައް ހާސިލުކުރުމެވެ. މިސާލަކަށް މާލޭގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގެ މެނޭޖްމަންޓާ މެދު ވިސްނައިލަމާ ހިނގާށެވެ. ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓަރު، ޑޮކްޓަރުންނާއި، ނަރުހުންނާއި، ފާމަސިސްޓުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ޞިއްޙީ އާލާތްތަކާއި، ބޭހާއި، މާލީ ވަސީލަތްތައް ރަނގަޅަށް ވިލަރެސްކުރެވިފައިވާކަން ކަށަވަރުކުރަން ޖެހެއެވެ. މީގެ މަޤްޞަދަކީ ބަލިމީހުންނަށް ވަގުތުން ވަގުތަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމެވެ. ހަރުދަނާ މެނޭޖްމަންޓެއް ނެތް ނަމަ، ހޮސްޕިޓަލުގެ މުވައްޒަފުން މަދުވުމާއި، ބޭސް ހުސްވުމާއި، ޚިދުމަތް ހޯދުމަށް ގިނަވަގުތު މަޑުކުރަންޖެހުމާއި، ކަންކަން ވިލަރެސްނުކުރެވުމުގެ ސަބަބުން ދެވޭ ޚިދުމަތުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތަކާ ކުރިމަތިވެދާނެއެވެ. އެހެންކަމުން، މެނޭޖްމަންޓަކީ އެއް މަޤްޞަދެއް ހާސިލުކުރުމަށް ޓަކައި މީހުންނާއި ވަސީލަތްތައް އެކުގައި ގުޅުވައިދޭ މަރުޙަލާއެވެ.

މެނޭޖްމަންޓުގެ ސިފަތައް

މުއައްސަސާއެއްގައި ކުރެވޭ އެހެނިހެން މަސައްކަތްތަކާ މެނޭޖްމަންޓް ތަފާތުކޮށްދޭ ގިނަ ސިފަތަކެއް ހުރެއެވެ. މި ސިފަތަކުން މެނޭޖްމަންޓް ހިނގާ ގޮތާއި، ކޮންމެ މުއައްސަސާއެއްގައި ވެސް މެނޭޖްމަންޓް މުހިންމުވާ ސަބަބު ބަޔާންކޮށްދެއެވެ.

މެނޭޖްމަންޓަކީ ވަކި މަޤްޞަދަކަށް އަމާޒުކުރެވިފައިވާ ކަމެއް (Management is Goal-Oriented)

މެނޭޖްމަންޓް އަބަދުވެސް އަމާޒުކުރެވިފައި ހުންނަނީ ވަކި ޚާއްޞަ މަޤްޞަދުތަކެއް ހާސިލުކުރުމަށެވެ. ކޮންމެ މުއައްސަސާއެއް ވެސް އުފައްދާފައިވަނީ ވަކި ބޭނުމަކަށެވެ. އަދި މެނޭޖްމަންޓުން ކަށަވަރުކޮށްދެނީ އެ މުއައްސަސާއެއްގައި ކުރެވޭ ހުރިހާ މަސައްކަތެއް އެ ބޭނުން ހާސިލުކުރުމަށް މަގުފަހިކޮށްދޭ ކަމެވެ.

މިސާލަކަށް، ދިވެހިރާއްޖޭގެ އަމިއްލަ ރިސޯޓެއްގެ މަޤްޞަދުތަކުގެ ތެރޭގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމާއި، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމާއި، ފައިދާ އިތުރުކުރުން ހިމެނިދާނެއެވެ. މި މަޤްޞަދުތައް ހާސިލުކުރުމަށް ޓަކައި މެނޭޖްމަންޓުން ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލައި، ވަސީލަތްތައް ބަހާލައެވެ. ހަމައެފަދައިން، ސްކޫލެއްގެ މަޤްޞަދަކަށް ވާނީ ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމެވެ. އަދި ސަރުކާރުގެ މިނިސްޓްރީއެއްގެ މަޤްޞަދަކަށް ވާނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. ވީމާ، މެނޭޖްމަންޓުގެ ހުރިހާ ޙަރަކާތްތަކެއް ހިންގަނީ ކުރިން ކަނޑައެޅިފައިވާ މަޤްޞަދުތަކެއް ހާސިލުކުރުމަށް ކަމަށްވާތީ، މެނޭޖްމަންޓަކީ ވަކި މަޤްޞަދަކަށް އަމާޒުކުރެވިފައިވާ (Goal-Oriented) ކަމެކެވެ.

މެނޭޖްމަންޓަކީ މެދުނުކެނޑި ކުރިއަށްދާ މަރުޙަލާއެއް (Management is a Continuous Process)

މެނޭޖްމަންޓަކީ އެއް ފަހަރު ކޮށްފައި ނިންމައިލެވޭ ކަމެއްނޫނެވެ. އެއީ މުއައްސަސާއެއް ހިނގަމުންދާހައި ހިނދަކު މެދުނުކެނޑި ކުރިއަށްދާ މަރުޙަލާއެކެވެ. މެނޭޖަރުން އަބަދުވެސް ކަންކަން ރާވައި، ވަސީލަތްތައް އިންތިޒާމުކޮށް، ޒިންމާތައް ހަވާލުކޮށް، މުވައްޒަފުންނަށް އިރުޝާދުދީ، މަސައްކަތުގެ ފެންވަރު ބަލައި، އަދި ގެންނާންޖެހޭ ބަދަލުތައް ގެންނަމުން ގެންދެއެވެ.

މިސާލަކަށް، ހޮޓަލެއް ހުޅުވުމަށް ފަހު ހޮޓަލުގެ މެނޭޖަރު މެނޭޖްކުރުން ހުއްޓައެއް ނުލައެވެ. މެނޭޖަރު މެދުނުކެނޑި މުވައްޒަފުންގެ މަސައްކަތް ބަލަހައްޓައި، މެހެމާނުންގެ ހިތްހަމަޖެހުން ހުރި މިންވަރު ވަޒަންކޮށް، ބުކިންގތައް ބަލަހައްޓައި، ތަންތަނާއި ތަކެތި މަރާމާތުކޮށް ބަލަހައްޓައި، ޚަރަދުތައް ކޮންޓްރޯލްކޮށް، އަދި ހުށަހެޅޭ ޝަކުވާތަކަށް ޙައްލު ހޯދައިދޭން ޖެހެއެވެ. އެހެންކަމުން، މުއައްސަސާއެއް ދެމިއޮތްހާ ހިނދަކު މެނޭޖްމަންޓް ވެސް ދެމިއޮންނާނެއެވެ.

މެނޭޖްމަންޓަކީ ހުރިހާ ތަނަކަށް ބޭނުންވާ ޙަރަކާތެއް  (Management is a Universal Activity)

މެނޭޖްމަންޓަކީ ޢާންމު ކަމެއް ކަމުގައި ބެލެވެނީ، މުއައްސަސާއެއްގެ ކުޑަބޮޑުމިނަށް، ބާވަތަށް، ހުރި ތަނަކަށް، ނުވަތަ މަޤްޞަދަކަށް ބެލުމެއްނެތި، ހުރިހާ ބާވަތެއްގެ މުއައްސަސާތަކަކަށް ވެސް މެނޭޖްމަންޓް ބޭނުންވާތީއެވެ.

މެނޭޖްމަންޓް ބޭނުންކުރެވޭ ތަންތަނުގެ ތެރޭގައި:

  • ސަރުކާރުގެ މުއައްސަސާތައް.
  • އަމިއްލަ ވިޔަފާރިތައް.
  • ތަޢުލީމީ މުއައްސަސާތައް.
  • ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތައް.
  • އަސްކަރީ އަދި ފުލުހުންގެ މުއައްސަސާތައް.
  • އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް (އެން.ޖީ.އޯ).
  • ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް.
  • ކުޅިވަރު އަދި އިޖުތިމާޢީ ޖަމްޢިއްޔާތައް.

މިސާލަކަށް، ބައިނަލްއަޤްވާމީ ބޮޑު ރިސޯޓަކަށް މެނޭޖްމަންޓް ބޭނުންވާ ފަދައިން، ދިވެހިރާއްޖޭގެ ރަށެއްގައި ހިންގާ އާއިލީ ކުޑަ ފިހާރައަކަށް ވެސް މެނޭޖްމަންޓް ބޭނުންވެއެވެ. އެ ދެތަނުގެ މަސައްކަތްތަކާއި ވަސީލަތްތައް ތަފާތުވި ނަމަވެސް، އެ ދެތަނަށް ވެސް ރޭވުމާއި، އިންތިޒާމުކުރުމާއި، އިރުޝާދުދިނުމާއި، ކޮންޓްރޯލްކުރުން ބޭނުންވެއެވެ. ވީމާ، މެނޭޖްމަންޓުގެ އަސާސީ އުޞޫލުތައް ކޮންމެ ފަދަ މުއައްސަސާއެއްގައިވެސް ބޭނުންކުރެވޭތީ، މެނޭޖްމަންޓަކީ މުޅި ދުނިޔެއަށް ވެސް އާންމު ކަމެކެވެ.

މެނޭޖްމަންޓަކީ ގްރޫޕް ޙަރަކާތެއް (Management is a Group Activity)

މެނޭޖްމަންޓުގައި ހިމެނެނީ އެއް މަޤްޞަދެއް ހާސިލުކުރުމަށް ޓަކައި އެކުގައި މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ މަސައްކަތްތައް ވިލަރެސްކުރުމެވެ. ގިނަ މުއައްސަސާތަކުގައި، އެންމެ މީހަކަށް ހުރިހާ މަސައްކަތެއް ނުކުރެވޭނެއެވެ. އެކި މީހުންގެ ކިބައިގައި ހުންނަނީ އެކި ޒިންމާތަކާއި، ހުނަރުތަކާއި، ތަޖުރިބާތަކެވެ. މެނޭޖްމަންޓުން ކަށަވަރުކޮށްދެނީ އެ އެންމެންގެ ވަކިވަކި މަސައްކަތްތައް އެކަތިގަނޑެއްގެ ގޮތުގައި ވިލަރެސްކުރެވޭ ކަމެވެ.

މިސާލަކަށް، ރިސޯޓެއް ހިންގުމަށް ޓަކައި ރިސެޕްޝަނިސްޓުންނާއި، ކައްކާއިންނާއި، ހައުސްކީޕިންގ މުވައްޒަފުންނާއި، އެކައުންޓެންޓުންނާއި، އިންޖިނިއަރުންނާއި، ސެކިއުރިޓީ މުވައްޒަފުންނާއި، މެނޭޖަރުން ބޭނުންވެއެވެ. ކޮންމެ މުވައްޒަފަކު ވެސް އަދާކުރަނީ ތަފާތު ޒިންމާތަކެކެވެ. ނަމަވެސް، އޮމާންކަމާ އެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި އެ އެންމެންގެ މަސައްކަތްތައް ވިލަރެސްކުރަން ޖެހެއެވެ. މެނޭޖްމަންޓުން މި ހުރިހާ ފަރުދުން އެއްތަނަކަށް ގެނެސް، މުއައްސަސާގެ އެއް އަމާޒަކަށް އެމީހުންގެ މަސައްކަތްތައް މިޞްރާބުކޮށްދެއެވެ.

މެނޭޖްމަންޓަކީ އެކި ޢިލްމުތައް ހިމެނޭ ޙަރަކާތެއް (Management is a Multidisciplinary Activity)

މެނޭޖްމަންޓުގައި ނަފުސާނީ ޢިލްމު(Psychology)އާއި، އިޖުތިމާޢީ ޢިލްމު (Sociology)އާއި އިޤްތިޞާދީ ޢިލްމު(Economics)އާއި، ހިސާބު ޢިލްމާއި، ތަފާސްހިސާބާއި، ސިޔާސީ ޢިލްމާއި، ޤާނޫނީ ޢިލްމު ފަދަ އެކި ދާއިރާތަކުގެ ޢިލްމާއި އުޞޫލުތައް ބޭނުންކުރެއެވެ. މި ޢިލްމުތަކުގެ އެހީގައި، މުއައްސަސާގެ އެކި ޙަރަކާތްތައް ދެނެގަތުމަށް މެނޭޖަރުންނަށް ފަސޭހަވެގެންދެއެވެ. މިސާލަކަށް:

·     ނަފުސާނީ ޢިލްމު (Psychology): މުވައްޒަފުންގެ އުޅުމާއި، މަސައްކަތަށް ހިތްވަރު ލިބޭ ގޮތްތަކާއި، މިޒާޖާއި، ވިސްނުން ހުންނަ ގޮތް ދެނެގަތުމަށް މެނޭޖަރުންނަށް އެހީތެރިވެދެއެވެ.

·     އިޖުތިމާޢީ ޢިލްމު (Sociology): ގްރޫޕްތަކުގެ އުޅުމާއި، މީހުންގެ މެދުގައި އޮންނަ ގުޅުންތަކާއި، މުއައްސަސާގެ ސަގާފަތް ދެނެގަތުމަށް މެނޭޖަރުންނަށް އެހީތެރިވެދެއެވެ.

·     އިގުތިސާދީ ޢިލްމު (Economics): ވަސީލަތްތަކާއި، ޚަރަދުތަކާއި، އުފެއްދުންތެރިކަމާ ގުޅޭ ނިންމުންތައް ނިންމުމަށް މެނޭޖަރުންނަށް އެހީތެރިވެދެއެވެ.

·     ހިސާބާއި ތަފާސްހިސާބު (Mathematics and Statistics): މަޢުލޫމާތު ތަޙުލީލުކޮށް، ހެކީގެ މައްޗަށް ބިނާކޮށް ރަނގަޅު ނިންމުންތައް ނިންމުމަށް މެނޭޖަރުންނަށް އެހީތެރިވެދެއެވެ.

·     ސިޔާސީ ޢިލްމު (Political Science): އިޚްތިޔާރާއި، ބާރާއި، ހިންގުމުގެ ނިޒާމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުންތައް ދެނެގަތުމަށް މެނޭޖަރުންނަށް އެހީތެރިވެދެއެވެ.

·     ޤާނޫނު (Law): ވަޒީފާއާ ބެހޭ ޤަވާޢިދުތަކާއި، އެއްބަސްވުންތަކާއި، ޤާނޫނީ ޒިންމާތައް ދެނެގަތުމަށް މެނޭޖަރުންނަށް އެހީތެރިވެދެއެވެ.

މިސާލަކަށް، ދިވެހި ސަރުކާރުގެ މުއައްސަސާއެއްގެ މެނޭޖަރަކު، މުވައްޒަފުންނަށް ހިތްވަރުދިނުމަށް ނަފުސާނީ ޢިލްމާއި، ބަޖެޓު ތައްޔާރުކުރުމަށް އިޤްތިޞާދީ ޢިލްމާއި، ވަޒީފާއާ ބެހޭ ޤަވާޢިދުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށް ޤާނޫނީ ޢިލްމު ބޭނުންކޮށްފާނެއެވެ. އެހެންކަމުން، މުއައްސަސާގެ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ތަފާތު އެކި ދާއިރާތަކުގެ ޢިލްމު އެއްކޮށްލައިގެން ބޭނުންކުރާތީ، މެނޭޖްމަންޓަކީ އެކި ޢިލްމުތައް ހިމެނޭ (Multidisciplinary) ޙަރަކާތެކެވެ.

މެނޭޖްމަންޓަކީ ސައިންސެއް އަދި ފަންނެއްވެސް މެއެވެ.

މެނޭޖްމަންޓަކީ ސައިންސެއްގެ ގޮތުގައާއި ފަންނެއްގެ (އާޓެއްގެ) ގޮތުގައިވެސް ބެލެވޭ ކަމެކެވެ. އެއީ ސައިންސަކަށް ވަނީ، މުއައްސަސާގެ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ޢިލްމާއި، އުޞޫލުތަކާއި، ތިއަރީތަކާއި، ދިރާސާތަކާއި، ކަނޑައެޅިފައިވާ ހަމަތައް ބޭނުންކުރާތީއެވެ. އަދި އެއީ ފަންނަކަށް ވަނީ، މެނޭޖަރުން އެ ޢިލްމު ބޭނުންކުރަންޖެހެނީ އުފެއްދުންތެރި ގޮތެއްގައި، އެމީހުންގެ އަމިއްލަ ތަޖުރިބާއާއި، ވިސްނުމާއި، މުޢާމަލާތުކުރުމުގެ ހުނަރާއި، ލީޑަރޝިޕްގެ ޤާބިލުކަން ބޭނުންކޮށްގެން ކަމަށްވާތީއެވެ.

މިސާލަކަށް، މުވައްޒަފުންނަށް ހިތްވަރުދެވިދާނެ ގޮތްތައް މެނޭޖްމަންޓް ތިއަރީތަކުން ބުނެދެއެވެ. ނަމަވެސް، ކޮންމެ މުވައްޒަފެއްގެ ވެސް ވަކިވަކި ބޭނުންތައް ދެނެގަނެ، ވަކި ޙާލަތެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާނީ ކޮން ގޮތެއްކަން ނިންމަންޖެހޭނީ މެނޭޖަރެވެ. މިގޮތުން، ސައިންޓިފިކް ބައިން ބޭނުންވާ ޢިލްމު ފޯރުކޮށްދޭ އިރު، ފަންނީ ބައިން ދައްކުވައިދެނީ އެ ޢިލްމު އެންމެ ހަރުދަނާ ގޮތުގައި ބޭނުންކުރާނެ ގޮތެވެ.

މި ސިފައިގެ އިތުރު ތަފުޞީލު، “މެނޭޖްމަންޓަކީ ފަންނެއް، ސައިންސެއް، އަދި ޕްރޮފެޝަނެއް” މި މައުޟޫޢުގެ ދަށުން ފަހުން ގެނެސްދެވޭނެއެވެ.

މެނޭޖްމަންޓަކީ ބަދަލުވަމުންދާ (ޑައިނަމިކް) ޙަރަކާތެއް (Management is a Dynamic Activity)

މެނޭޖްމަންޓަކީ ބަދަލުވަމުންދާ ކަމެއްގެ ގޮތުގައި ބެލެވެނީ، މުއައްސަސާގެ އެތެރެއާއި ބޭރުގެ މާޙައުލަށް އަންނަ ބަދަލުތަކަށް މެދުނުކެނޑި އިޖާބަދޭން ޖެހޭތީއެވެ. ޓެކްނޮލޮޖީއާއި، ކަސްޓަމަރުންގެ އުންމީދުތަކާއި، ސަރުކާރުގެ ސިޔާސަތުތަކާއި، ވާދަވެރިކަމާއި، އިޤްތިޞާދީ ޙާލަތްތަކާއި، އިޖުތިމާޢީ ޙާލަތްތަކަށް އަންނަ ބަދަލުތަކާ މުއައްސަސާތަކުން ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، މަސައްކަތުގެ ހަރުދަނާކަން ދެމެހެއްޓުމަށް ޓަކައި މެނޭޖަރުން އެމީހުންގެ ރޭވުންތަކާއި، ސްޓްރެޓެޖީތަކާއި، މަސައްކަތްކުރާ ގޮތްތަކަށް ބަދަލު ގެންނާން ޖެހެއެވެ.

މިސާލަކަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނާން ޖެހުނެވެ. ދަތުރުފަތުރުގެ ހުރަސްތަކާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން، ގިނަ މުއައްސަސާތަކަށް ވިޔަފާރީގެ ސްޓްރެޓެޖީތައް މުރާޖަޢާކޮށް، ޚަރަދުތައް ކޮންޓްރޯލްކޮށް، ހިންގުމުގެ އުޞޫލުތަކަށް ބަދަލުގެނެސް، ޞިއްޙީ ރައްކާތެރިކަމުގެ އައު ފިޔަވަޅުތައް ތަޢާރަފުކުރަން މަޖުބޫރުވިއެވެ. މިކަމުން ދައްކުވައިދެނީ މެނޭޖްމަންޓަކީ އެއްގޮތަކަށް ހުއްޓިފައި އޮންނަ އެއްޗެއް ނޫން ކަމެވެ. ޙާލަތްތަކާ އެއްގޮތަށް މެނޭޖްމަންޓަށް ބަދަލު އަންނަން ޖެހެއެވެ.

މެނޭޖްމަންޓަކީ އެކި ބައިތައް ގުޅުވައިދޭ މަރުޙަލާއެއް (Management is an Integrating Process)

މުއައްސަސާގެ އެއް މަޤްޞަދުތަކެއް ހާސިލުކުރުމަށް ޓަކައި، ތަފާތު ވަސީލަތްތަކާއި ޙަރަކާތްތައް އެކުގައި މަސައްކަތްކުރާނެ ގޮތަށް މެނޭޖްމަންޓުން ގުޅުވައިދެއެވެ. މި ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ:

·     އިންސާނީ ވަސީލަތްތައް (Human resources).

·     މާލީ ވަސީލަތްތައް (Financial resources).

·     މާއްދީ ވަސީލަތްތައް – ޢިމާރާތާއި ތަކެތި (Physical resources).

·     ޓެކްނޮލޮޖީގެ ވަސީލަތްތައް (Technological resources).

·     މަޢުލޫމާތުގެ ވަސީލަތްތައް (Information resources).

މިސާލަކަށް، ދިވެހިރާއްޖޭގައި ޤައުމީ ކުޅިވަރު މުބާރާތެއް އިންތިޒާމުކުރުމަށް ޓަކައި ސަރުކާރުގެ އިދާރާތަކާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި، ސްޕޮންސަރުންނާއި، ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި، މެޑިކަލް ޓީމުތަކާއި، ދަރުމަވެރިންނާއި، މީޑިއާގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ވިލަރެސްކުރަން ޖެހެއެވެ. މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލުމަށް ޓަކައި، މި ހުރިހާ ވަސީލަތްތަކާއި ޙަރަކާތްތައް މެނޭޖްމަންޓުން އެކަތިގަނޑަކަށް ގުޅުވައިދެއެވެ.

މެނޭޖްމަންޓަކީ ލޮލަށް ނުފެންނަ އަތްނުލެވޭ އެއްޗެއް (Management is Intangible)

މެނޭޖްމަންޓަކީ އޭގެ ޒާތުގައި ލޮލަށް ފެންނަ ނުވަތަ އަތްލެވޭ އެއްޗެއް ނޫނެވެ. ނަމަވެސް، މެނޭޖްމަންޓް އޮތް މިންވަރާއި އޭގެ ހަރުދަނާކަން، މުއައްސަސާގެ މަސައްކަތުގެ ފެންވަރާއި ނެރޭ ނަތީޖާތަކުން ފެންނާނެއެވެ.

މިސާލަކަށް، ހޮސްޕިޓަލެއްގައި ހުންނަ މެނޭޖްމަންޓް އަހަރެމެންނަށް ލޮލަކަށް ނުފެންނާނެއެވެ. ނަމަވެސް، ބަލިމީހުންނަށް ދެވޭ ހަލުވި ޚިދުމަތްތަކުންނާއި، މުވައްޒަފުންގެ މެދުގައި އޮންނަ ރަނގަޅު ގުޅުމުންނާއި، ޞިއްޙީ އާލާތްތައް ހަރުދަނާ ގޮތުގައި ބޭނުންކުރުމުންނާއި، ޚިދުމަތް ހޯދުމަށް މަޑުކުރަންޖެހޭ ވަގުތު ކުޑަވުމުން، އެތަނުގައި ރަނގަޅު މެނޭޖްމަންޓެއް އޮތްކަން ދެނެގަނެވެއެވެ. ހަމައެފަދައިން، ސްކޫލެއްގައި ހަރުދަނާ މެނޭޖްމަންޓެއް އޮތްކަން ދެނެގަނެވެނީ، ދަރިވަރުންގެ އަޚްލާޤު ރަނގަޅުވުމުންނާއި، މުދައްރިސުންގެ ކިބައިގައި ހުންނަ ހިތްވަރުންނާއި، އިދާރީ ހިންގުން ހަރުދަނާވުމުންނާއި، ދަރިވަރުންގެ ތަޢުލީމީ ނަތީޖާ ރަނގަޅުވުމުންނެވެ. ވީމާ، މެނޭޖްމަންޓަކީ މާއްދީ އެއްޗެއްގެ ބަދަލުގައި ޙަރަކާތެއް ނުވަތަ މަރުޙަލާއެއް ކަމަށްވާތީ، އެއީ އަތްލައި ލޮލަށް ފެންނަ (Tangible) އެއްޗެއް ނޫނެވެ.

މެނޭޖްމަންޓަކީ އިޖުތިމާޢީ މަރުޙަލާއެއް (Management is a Social Process)

މެނޭޖްމަންޓުގައި ހިމެނެނީ މީހުންނާ އެކު މަސައްކަތްކުރުމާއި، މުއައްސަސާގެ މަޤްޞަދުތައް ހާސިލުކުރުމަށް ޓަކައި އެމީހުންގެ އުޅުމަށް ހެޔޮ ބަދަލު ގެނައުމެވެ. މެނޭޖަރުންނަށް އިންސާނީ ގުޅުންތަކާއި، ވަކިވަކި ފަރުދުންގެ ތަފާތުތަކާއި، ގްރޫޕްތަކުގެ އުޅުމާއި، މުވައްޒަފުންގެ އުންމީދުތަކާއި، މަސައްކަތުގެ މާޙައުލުގައި އޮންނަ ގުޅުންތައް އެނގެން ޖެހެއެވެ.

މިސާލަކަށް، ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ މުވައްޒަފުން ހިމެނޭ ޓީމެއް ބަލަހައްޓާ މެނޭޖަރަކު، އެ މުވައްޒަފުންގެ ތަޖުރިބާއާއި، މުޢާމަލާތުކުރާ ގޮތްތަކާއި، ހުނަރުތަކާއި، އުންމީދުތަކުގައި ހުންނަ ތަފާތުތަކަށް ރިޢާޔަތްކުރަން ޖެހިދާނެއެވެ. ރަނގަޅު މެނޭޖްމަންޓެއްގެ ސަބަބުން، މުވައްޒަފުން އެކަކު އަނެކަކަށް އެއްބާރުލުންދީ، އިޙްތިރާމްކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާނެ ފަދަ އުފާވެރި މަސައްކަތުގެ މާޙައުލެއް އުފެދިގެންދެއެވެ.

 

ދެތިން ލަފުޒެއްގެ މާނަ:

ރިއާޔަތް     ނ.     ކަމެއް ނިންމާ އިރު އެކަމަކާ ގުޅުން ހުރި އެހެން ކަމަކަށް ބެލުން. consider

ކޮންޓުރޯލު    ނ.     ވަކި މިންވަރެއްގައި ހިފަހައްޓާ ހިފެހެއްޓުން. control

ވަސީލަތް    ނ.     ކަމެއް ކުރާން ބޭނުންކުރާ މީހާ ނުވަތަ އެތި ނުވަތަ ކަންތައް. resource

ކޮމެންޓު