ad_banner
އިސްލާމްދީން: ދިވެހި ޤައުމިއްޔަތުގެ ނާރެސް - 900 އަހަރު

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

13 ސެޕްޓެންބަރު 2026

ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ޙަޟާރަތުގެ އެންމެ މުހިންމު ބިންގަލަކީ، އަދި ދިވެހި ޤައުމިއްޔަތުގެ މައިބަދައަކީ އިސްލާމްދީނެވެ. ދިވެހީންގެ އުޅުމާއި ގުޅުން، އާދަކާދަތަކާއި އަޚުލާޤު، އަދި ޤާނޫނީ އިންތަކާއި އިޖުތިމާޢީ ގިޔަމުތައް އުފެދި، ބައްޓަންވެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ މައްޗަށެވެ. ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތަކީ، ދިވެހި އަދި އިސްލާމީ ތާރީޚުގައި ރަންއަކުރުން ފަވައިލެވޭނެ އުފާވެރި، އެހެންނަމަވެސް ފުންކޮށް ވިސްނައި ފިކުރުކުރާންޖެހޭ މުހިންމު ތާރީޚީ މޭލުގަލެކެވެ. ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީން ގުޅިފައިވަނީ އެކަތި އަނެކައްޗާ ވަކިނުކުރެވޭނެ ފަދަ ބަދަހި ގުޅުމަކުންނެވެ.

ދިވެހިރާއްޖެ އިސްލާމްވުން: ތާރީޚީ ބޮޑު ބަދަލު

ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) ދިވެހިރާއްޖެ އިސްލާމްވުމަކީ ދިވެހި ޤައުމުގެ ތާރީޚު އާ މިސްރާބަކަށް އެނބުރިގެންދިޔަ އެންމެ ބޮޑު ޙާދިސާއެވެ. ރަސްމީ ގޮތުން ގަބޫލުކުރާ ގޮތުން މަޣުރިބުކަރައިގެ ޢިލްމުވެރިޔާ މައުލާނަލްޙާފިޡު އަބުލްބަރަކާތު ޔޫސުފު އަލްބަރުބަރީ (ބައެއް މުއައްރިޚުން އެއީ ބަރުބަރުގެ މައުލާނަލްޙާފިޡު އަބުއްރިކާބު ޔޫސުފު އައްތަބްރޭޒީ) ނަމަކަށް ކިޔުނު ދާޢީއެއްގެ ދަޢުވަތަށް، އޭރުގެ ރަސްކަލުން ސުލްޠާން މުޙައްމަދު އިބްނި ޢަބްދިﷲ (ދަރުމަވަންތަ ރަސްގެފާނު) އިސްލާމްދީން ޤަބޫލުކުރެއްވުމާއެކު، މުޅި ދިވެހިރާއްޖެ އިސްލާމީ ނޫރުން އަލިވެގެންދިޔައެވެ. ރާއްޖެއަށް އިސްލާމީ ދާއުވަތު ފޯރުކޮށްދެއްވި ދާޢީގެ ނަންފުޅު ދެ ގޮތަކަށް ވާރިދުވެފައި ވިޔަސް އެ ދެ ރިވާޔަތުން ވެސް ސާބިތުވާ ކަމަކީ އެ ބޭކަލެއްގެ ނަންފުޅަކީ [ޔޫސުފު]ކަމެވެ. އެއާ މެދަކު ޝައްކެއް ނެތެވެ. ފަހަތަށް އިތުރުކުރެވިފައިވަނީ އެ ބޭކަލަކު ނިސްބަތްވާކަމަށް ކިޔާ ރަށުގެ ނަމެވެ. އެހެންވީ އިރު ދިވެހިރާއްޖެއަށް އިސްލާމީ ދައުވަތު ފޯރުކޮށްދެއްވީ އަލްޙާފިޡު ޔޫސުފުކަމާ މެދަކު ޝައްކެއް ނެތެވެ.

ކޮންމެއަކަސް މި ތާރީޚީ ބަދަލާއެކު ދިވެހީންގެ ޢަޤީދާއާއި ފިކުރަށް އެކަނި ބަދަލުއައީކީއެއް ނޫނެވެ. ދިވެހީންގެ ލިޔެކިޔުމާއި، ބަސްކޮށާރާއި، އިޖުތިމާޢީ ނިޒާމާއި، ރަސްކަމުގެ ހިންގުމުގެ އުޞޫލުތަކަށް ވަނީ އިންޤިލާބީ ބަދަލުތަކެއް އައިސްފައެވެ.

ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާ

ދިވެހި ޤައުމިއްޔަތު އެކުލެވިގެންވަނީ މުހިންމު ސިފަތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އެއް ބަހަކުން ވާހަކައްކާ، އެއް ސަގާފަތަކަށް އުޅޭ، ވަކި ކަނޑުގެ ސަރަޙައްދެއްގައި ދިރިއުޅޭ ބަޔަކަށްވުން ހިމެނެއެވެ. ނަމަވެސް، މި ބަހާތައް އެކީއެކަށް ގުޅުވައިދޭ ބަދަހި ވާފަށަކީ އިސްލާމްދީނެވެ.

·     އެއްބައިވަންތަކަން: މުޅި އުންމަތް އެއް ޢަޤީދާއެއްގެ މައްޗަށް އެކުވެ، އެއް ޤިބްލައަކަށް އެނބުރި، އެއް ކަލަކަށް އަޅުކަންކުރުމުގެ ނަސީބު ދިވެހީންނަށް ލިބުމަކީ ޤައުމީ އެއްބައިވަންތަކަމުގެ އެންމެ ބޮޑު ސިއްރެވެ.

·     ސަގާފަތާއި އަޚްލާޤު:  ދިވެހީންގެ އޯގާތެރިކަމާއި، އެކަކު އަނެކަކަށް ކަމޭހިތުމާއި، ވެރީންނަށް އިޙުތިރާމްކުރުމާއި ކުޑަކުދީންނަށް އޯގާތެރިވުމާއި މެހުމާނުންނަށް އަދާކުރާ މެހުމާންދާރީއާއި ސާފުތާހިރުކަމުގެ އާދަތައް ބައްޓަންވެފައިވަނީ އިސްލާމީ ތަރުބިއްޔަތުގެ މައްޗަށެވެ.

·     މިނިވަންކަމުގެ ދިފާޢު: ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ދަނޑިވަޅެއްގައި (އުތީމު މަހާރަދުންނާއި، ދޮންބަންޑާރައިން ފަދަ ޤައުމީ އަބްޠާލުން) ޖިހާދުކުރެއްވީ ހަމައެކަނި ފަސްގަނޑަށް ޓަކައެއް ނޫނެވެ؛ އިސްލާމްދީނާއި މުސްލިމުންގެ ޙައްޤުގައެވެ.

900 އަހަރުގެ މާޒީއިން ލިބޭ ޢިބުރަތް

ވޭތުވެދިޔަ ނުވަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ކަހަލަ ގޮންޖެހުންތަކާއި، ޚާރިޖީ ނުފޫޒުތަކާއި، ސިޔާސީ އޮއިވަރުތައް ކުރިމަތިވިއެވެ. ނަމަވެސް، ދިވެހި ޤައުމު ސަލާމަތުގެ އައްސޭރިއަށް ވާޞިލުވެ، މިއަދާ ހަމައަށް ވެސް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިބުމެވެ. ދިވެހި ގައުމުގައި ހަރުދަނާ ޤައުމިއްޔަތެއް ބިނާވީ އިސްލާމް ދީނުގެ ބަދަހި ގުޅުމާއި އިސްލާމީ ވަޙުދަތުގެ ސަބަބުންނެވެ.

މުސްތަޤުބަލަށް ޓަކައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތު

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު މިއަދު ފާހަގަކުރާ އިރު، މިއީ ހަމައެކަނި ތާރީޚީ ދުވަހެއް ފާހަގަކޮށްލުމެއް ނޫނެވެ. މިއީ މުސްތަޤުބަލަށް ޓަކައި ޢަޒުމް އާކުރާންޖެހޭ ދުވަހެކެވެ. މި ގޮތުގެ މަތީން އަންނަނިވި ހަތަރު ނުކުތާއަށް ޚައްޞަ ގޮތެއްގައި ސަމާލުވާންޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ.

1.  ޢަޤީދާ ރައްކާތެރިކުރުން: ދުނިޔެއަށް އަންނަމުންދާ ފިކުރީ އަދި އިޖުތިމާޢީ ބަދަލުތަކުގެ ތެރެއިން، ދިވެހީންގެ އިސްލާމީ ޢަޤީދާއަށް ގޮންޖެހުންތައް ކުރިމަތިނުވާނެ ފަދަ ގޮތަކަށް އަންނާން ހުރި ޖީލުތައް ތަރުބިއްޔަތުކުރުމަކީ އަޅުގަނޑުމެން ޚަބަރުދާރުވެ ރައްކާތެރިވާންޖެހޭނެ ކަމެކެވެ. ދިވެހިރާއްޖޭގެ ތަޢުމީލީ މަންހަޖުގެ ހަމަ ކޮންމެ މާއްދާއެއް ބައްޓަންކުރާންޖެހޭނީ އިސްލާމީ އަސާސުގެ މައްޗަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ތަޢުލީމީ މަންހަޖުގެ ހަމަ ހުރިހައި މުޤައްރަރެއް [އިސްލާމައިޒް]ކުރުމަކީ ކުރާންޖެހިފައިވާ ކަމެކެވެ.

2.  އިސްލާމީ އަޚުލާޤު އާލާކުރުން: މުޖުތަމަޢުގައި އުފެދޭ ނުރަނގަޅު އާދަތަކުން ދުރުހެލިވެ، އިސްލާމީ ރަޙުމާއި، ޢަދާލަތާއި، އެކުވެރިކަމާއި އިޖުތިމާޢީ ގިޔަމުތައް މުޖުތަމަޢުގައި ހަރުދަނާ ގޮތެއްގައި ދަމަހައްޓާންޖެހެއެވެ. އިސްލާމް ދީނުގެ އެންމެ މުހިންމު އެއް ބަޔަކީ ރީތި ފުރިހަމަ އަޚުލާޤެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވަނީ އެކަލޭގެފާނު ފޮނުއްވުނީ އަޚުލާޤުފުރިހަމަކުރެއްވުމަށް ޓަކއިކަމަށެވެ.

3.  ޤައުމީ އެއްބައިވަންތަކަން ހިމާޔަތްކުރުން: އިސްލާމްދީނުގެ ނަމުގައި އުފެދޭ ހައްދުފަހަނައެޅުމާއި، ދީނާ ދުރުހެލިވުމުގެ ފިކުރުތަކުން ޤައުމު ސަލާމަތްކޮށް، މެދު މިނުގެ (އުއްމަތަން ވަސަޠަން)ގެ މަގުގައި ސާބިތުވެ ތިބުމަކީ ދިވެހި ޤައުމިއްޔަތު ޙިމާޔަތްކުރުމަށް ޓަކައި އަޅާންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ. މި ކަން މި ގޮތަށް ދެމެހެއްޓުމަށް ޓަކައި އިޚުތިލާފުތަކާ މެދު ބަހުސްނުކޮށް އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުން ލާޒިމެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވައިފައިވާ ފަތުވާތަކަށް އެންމެން ވެސް ޢަމަލުކުރުމަކީ އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމަށް ޓަކައި ކޮންމެހެން ލާޒިމު ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

4.  ޤައުމީބަސް ޙިމާޔަތްކޮށް ތަރައްގީކުރުން: ދިވެހީން އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބިގަތް ފަހުން މިވީ ނުވަ ގަރުގެ ތެރޭގައި އެއް ޖީލުން އަނެއް ޖީލަށް އިސްލާމްދީން ވާރުތަކޮށްދިނުމުގެ އެންމެ މުހިންމު ސަވާރީއަކީ ދިވެހިބަސްކަމާ މެދަކު ޝައްކެއް ނެތެވެ. އައްޝައިޚުލްފަޤީހު މުޙަންމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭފާނު) ފެތުރުއްވި ޢިލްމުގެ އަސަރު މިއަދާ ހަމައަށް ވެސް ފޯރައިފައި މި ވަނީ ދިވެހިބަހުގެ ވާސިޠާއިންނެވެ. މިއަދު ވެސް ދިވެހީންގެ ގިނަ ބަޔަކަށް އިސްލާމްދީނުގެ ގިނަ ކަންކަން (ޚާއްޞަކޮށް ޢިބާދާތު) ދަސްވެފައިވަނީ ދިވެހިބަހުން ލިޔެފައިވާ ފޮތްތަކުންނެވެ. ބޮޑުތަރުތީބާއި އިރުޝާދުލްއަނާމާއި ތަޢުލީމުއްދިޔާނާގެ ފޮތްބައިންނެވެ. އެހެންކަމުން ދިވެހިބަސް ޙިމާޔަތްކޮށް ދެމެހެއްޓުމަކީ ދިވެހި ޤައުމިއްޔަތަށް ޓަކައި ވަރަށް މުހިންމު ކަމެކެވެ.

އާދޭހެވެ! ދިވެހިރާއްޖޭގެ ޙަޟާރީ ހުވިއްޔަތަކީ ނުވަތަ ވަންތުކަމަކީ އިސްލާމްދީނެވެ. އިސްލާމްދީނާ ނުލައި ދިވެހި ޤައުމިއްޔަތެއް ދެމިއެއް ނޯންނާނެއެވެ. 900 އަހަރުގެ ރަން ތާރީޚުން ދައްކުވައިދެނީ، ދިވެހީންގެ ޢިއްޒަތާއި، ޝަރަފާއި، މިނިވަންކަން ގުޅިފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތާކަމެވެ.

އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ އިސްލާމީ ހިދާޔަތުގައި، އެއްބައިވަން އަމާން ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ މި ލޮބުވެތި ދިވެހި ޤައުމު އަބަދުމެ ލެހެއްޓެވުމެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޙަޟާރަތު    ނ.     ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް.        civilization

ހުވިއްޔަތު    ނ.     މީހެއްގެ ނުވަތަ އެއްޗެއްގެ ނުވަތަ ތަނެއްގެ ޚާއްސަ ސިފަތަކެއްގެ ޖަމާ. identity

ހިދާޔަތު     ނ.     ތެދުމަގު (އިސްލާމްދީނުގެ މަގު)

ނާރެސް     ނ.     ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓި އޮތުމަށް ޓަކައި މެދުގައި އޮންނަ ކޮންމެ އެއްޗެއް.  pivot

ރަޙުމު       ނ.     އޯގާވެރިކަން

ޢަދާލަތު      ނ.     (1) ޢަދުލުވެރިކަން. (2) ހަމަހަމަކަން.  justice

ވަންތުކަން    ނ.     މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ދެނެގަނެވޭނެ ޚާއްސަ ސިފައެއް ލިބިގެންވާކަން.

މޭލުގާ      ނ.     ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް.  milestone

ގިޔަމު      ނ.     ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.   values

ސަގާފަތް    ނ.     އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނަ އިރު، އެ ބަޔެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި، މި ހުރިހައި ކަމަކާ ގުޅިފައިވާ އާދަކާދަ.  culture

 

ކޮމެންޓު