އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
11 ސެޕްޓެންބަރު 2026
(2026 ސެޕްޓެންބަރު 9ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
އަޅުގަނޑަށް ޖެހުނީ ކަމާކެތްމަށް އެ ބަދަލު ގެންނާށެވެ. ޖަލްސާއެއް ފަށާން އަޅުގަނޑު ޤުރުއާން ކިޔެވި ފުރަތަމަ ޖަލްސާއަކީ އަޅުގަނޑު ހަނދާންވާ ގޮތުން އެއީއެވެ. ހެއްވާ ކަމެއްކަމަށް ތިޔަ ބޭފުޅުން ދެކެވަޑައިގަތަސް ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފަށައި ޖަލްސާ ތަޢާރުފުކުރީ ވެސް އަޅުގަނޑެވެ. (އުސްތާޛު ލުޠުފީއަކީ އަޅުގަނޑުމެންގެ ޓީޗަރ ޓްރެއިނިންގ ކޯހުގައި ކިޔަވައިދެއްވި ޓީޗަރ އެޑިޔުކޭޓަރެއްކަމަށް ވާތީ އެ ދުވަސްވަރު މަޢުހަދުން އަޅުގަނޑު ހެދި ޤުރުއާން ކިޔަވައިދިނުމުގެ ކޯހުން ވެސް އަޅުގަނޑަށް އެއްވަނަ ލިބިފައިވާތީ އަޅުގަނޑު ޤުރުވާން ކިޔަވާ އަޑު އައްސަވާ ހިތްޕު މާ ގަދަޔަށް އޮތީކަމަށް ވެދާނެއެވެ.) މާބައިދޫގެ އިތުރު ބައެއް ވާހަކަތައް ފަހުން އަދި އެބަ އާދެއެވެ.
ކިޔެވުމަށް ޓަކައި ޚިދުމަތް މެދުކަނޑައިލުމަށް ފަހު އަލުން ޚިދުމަތަށް އައުން:
ކޮންމެއަކަސް އަތޮޅު މަދަރުސާގައި ހޭދަކުރި ދުވަސްތަކަށް ފަހު ސަރުކާރުން އޭޝިއާ ފައުންޑޭޝަންގެ އެހީގައި ދެއްވި ސްކޮލާރޝިޕެއްގައި 1987 ވަނަ އަހަރު ޖަނަވަރީމަހު 5 ވަނަ ދުވަހު މެލޭޝިއާއަށް ކިޔަވާން ދިޔުމުގެ ފުރުޞަތު ލިބުނެވެ. މެލޭޝިއާގައި މައިގަނޑު 3 ދާއިރާއަކުން (ޓީޗަރއެޑެޔުކޭޝަން، ސްކޫލް މެނެޖްމެންޓް އެންޑް އެޑްމިނިސްޓރޭޝަން، ކޮމިޔުނިޓީ އެޑިޔުކޭޝަން އެންޑް ޑިވެލޮޕްމަންޓް) ތަޢުލީމު ޙާޞިލުކުރުމަށް ފަހު، ރާއްޖެ އައިސް 1989 ވަނަ އަހަރު މެދެއްހާ ތާނގައި "ހެޑްމާސްޓަރ"ގެ މަޤާމުގައި މ. އަތޮޅު މަދަރުސާ ހިންގުމުގެ މަސައްކަތުގައި ޙަރަކާތްތެރިވީމެވެ. އޭރު ހެޑުމާސްޓަރެއްގެ މުސާރައެއް ކަމަށް އަޅުގަނޑު ހަނދާންވަނީ މަހަކު -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އެވެ. އެ ދުވަސްވަރު ކަތީބެއްގެ މުސާރައަކީ އަދި ޤާޟީގެ މުސާރައަކީ ވެސް މަހަކު -/500 (ފަސް ސަތޭކަ ރުފިޔާ) އެވެ. މަޢުލޫމާތަށްޓަކައި މި ވާހަކަ ވެސް ދަންނަވައިލީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް އޭރު މުޖުތަމަޢުގައި އޮތް އިސްކަން ވަޒަންކޮށްލައްވާން ފަސޭހަފުޅުވާނެކަމަށް ފެންނާތީއެވެ.
އަހަރުގެ ކުރީކޮޅުގައި (ހަނދާންވާ ގޮތުން ފެބްރުއަރީ 22 ގައި) އިސްކޫލު ހުޅުވުނު އިރު، އަހަރުގެ މެދެއްހާ ތާނގައި ކޮޅުފުއްޓަށް އަންނާންޖެހުނީ ކީއްވެ ކަމާ މެދު ސުވާލު އުފެދިދާނެއެވެ. އެ ސުވާލުގެ ޖަވާބު އެރުވުން އުނދަގޫ ނަމަވެސް ކުރު ގޮތަކަށް ދަންނަވައިލާނަމެވެ.
މިނިސްޓަރު ކޯފާވުން:
1989 ވަނަ އަހަރުގެ ދިރާސީ އަހަރަށް އަޅުގަނޑު ހަމަޖެއްސެވީ ޅ. ނައިފަރު މަދަރުސަތުލް އިފްތިތާޙަށެވެ. އޭރު އެއީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ދެ ވަނަ އިސްކޫލެވެ. އޭރު އެތާނގައި "ނާޒިރު"ގެ މަޤާމުގައި ބޭފުޅަކު ހުންނަވައެވެ. މިނިސްޓަރ އަޅުގަނޑަށް އެންގެވީ ނައިފަރަށް ދިޔުމުގެ ކުރީން ނާޒިރާ ބައްދަލުވެ ތަޢާރުފެވެލާންވާނެކަމަށެވެ. އެ ދުވަސްވަރު އިސްކޫލު ޗުއްޓީގައި ނާޒިރު މާލެ ވަޑައިގެން ހުންނެވިއެވެ. ނާޒިރު ހުންނެވީ އޭނާގެ ޢާއިލީ ގެޔެއް ކަމުގައިވާ ހ. މީނާޒު ގައެވެ. މިނިސްޓަރ ވިދާޅުވި ފަދައިން އެ ގެޔަށް ގޮސް ނާޒިރާ ބައްދަލުކޮށް މިއަހަރު އިފްތިތާޙަށް ހަމަޖެއްސެވި ހެޑްމާސްޓަރަކީ އަޅުގަނޑު ކަމަށް ދެންނެވީމެވެ. ނާޒިރު އެކަމަށް މަރުޙަބާ ވިދާޅުވުމުގެ ބަދަލުގައި ވިދާޅުވީ އިފްތިތާޙަށް ހެޑްމާސްޓަރެއް ބޭނުންފުޅު ނުވާ ކަމުގައެވެ. ދެން އަޅުގަނޑު ދަންނަވާނީ ކީކޭތޯއެވެ.؟ މާ ގިނަ ވާހަކައެއް ނުދައްކައި އިޒުނަ ހޯދައިގެން އަޅުގަނޑު އައީއެވެ. ކޮންމެއަކަސް ނާޒިރު ބޭނުންފުޅު ނުވިޔަސް އަޅުގަނޑުގެ ވަޒީފާ އޮތް ތާކަށް އަޅުގަނޑު ދާންޖެހޭނެތާއެވެ. ބޭނުންނުވާ ތާކަށް ގޮސް މަސައްކަތްކުރުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާނެކަން އެނގިހުރެމެ، ދަތުރު ތައްޔާރުކުރާން ފެށީމެވެ.
އެރޭ ބާޒާރުކޮށްލާން ގޮސް "ޖަމާޝާ" ކިޔާ ފިހާރައަކަށް (މި ފިހާރައަކީ ފާމުލަދޭރިމަގުގައި އެ ދުވަސްވަރު ހިންގި ވަރަށް މަޝްހޫރު ފިހާރައެކެވެ.) ގޮސް އުޅެނިކޮށް އެޑިޔުކޭޝަންގެ ވަކީލަކާ ދިމާވެގެން (އެއީ އަންހެން ބޭފުޅެކެވެ. ގަސްތުގައި ނަން ނުދެންނެވީއެވެ.) ހަމަޖެހުނީ ކޮން އިސްކޫލަކަށްތޯ ސުވާލުކޮށްލެއްވިއެވެ. އަޅުގަނޑު އިފްތިތާޙަށް ކަމަށް ދެންނެވުމުން ވަރަށް ކަންބޮޑުވާ ގޮތް ދައްކަވަމުން ވިދާޅުވީ އެ ތަނަށް ނުދާށޭއެވެ. ނަމަވެސް މިނިސްޓަރ އެންގެވީމާ ނުގޮސްފި ނަމަ ކޯފާ ވެދާނެ ކަމަށް ދެންނެވީމެވެ. ވިދާޅުވިއެވެ. މިނިސްޓަރ ކޯފާވިޔަސް އެއީ ހިނދުކޮޅެއްގެ ކަމެކެވެ. އެކަމަކު އެ ސުކޫލްގެ ކަންތައް ހުރި ގޮތުން އެ ތަނަށް ހިންގައްޖެ ނަމަ، އަޒީގެ މުޅި ކެރިއަރ މުޅި ކުރިމަގު ހަލާކުވާނެއެވެ. އެޑިޔުކޭޝަން މިނިސްޓްރީއާއި އެޓޮލްސް މިނިސްޓްރީއާ ދޭތެރޭގައި އަބެއްހެން ފިތި ކަންފަތިވެ ހަލާކުވެދާނެއެވެ.
ކޮންމެއަކަސް އެރޭ ފުރާން ހަމަޖެހިފައި އޮތް ދަތުރު ކެންސަލްކޮށް އަޅުގަނޑު މަޑުކުރީމެވެ. އިފްތިތާޙަށް ދެވެން ނެތްކަމަށް ދަންނަވައި އަނެއް ދުވަހު ސިޓީއެއް ފޮނުވީމެވެ. އެ ދުވަސްވަރަކީ ކޮންމެވެސް ދީނީ މަހަސިންތާއެއް އޮތް ދުވަސްވަރެއްކަމުން ދެތިން ދުވަހު މިނިސްޓަރ އުޅުއްވީ އެ މަސައްކަތްޕުޅުގައެވެ. ތިން ދުވަސްފަހުން މިނިސްޓަރ އަޅުގަނޑު ގެންދަވައި، އިފްތިތާޙަށް ދާންޖެހޭނެ ކަމަށާއި އެހެން އިޚުތިޔާރެއް ނެތްކަމަށް ވިދާޅުވިއެވެ. ނަމަވެސް އަޅުގަނޑު ހިތްވަރުކޮށްލައިފައި "އެކަމަކު ވެސް އަޅުގަނޑަށް އެ އިސްކޫލަށް ދެވެން ނެތް" ކަމަށް ތަކުރާރުކޮށް ދަންނަވަމުން ގެންދިޔައީމެވެ. އޭރުގެ މިނިސްޓަރ ޑރ. ޒާހިރު ޙުސައިނަކީ އަޅުގަނޑަށް ތަޖުރިބާކުރެވިފައިވާ ގޮތުގައި ވަރަށް ސީދާ ސާދާ، އަދި ފޮރުވުމެއް ނެތި ސީދަލަށް ވާހަކަފުޅު ދައްކަވާ، އިޚުލާޞްތެރި ހިތްޕުޅު ހެޔޮ ބޭފުޅެކެވެ.
އެންމެ ފަހުން ކޯފާވެގެން މިނިސްޓަރ ވިދާޅުވީ އެއްވެސް ތާކަށް ނުދިޔަސް ހެޔޮކަމަށާއި އެއްވެސް ތާކަށް ނުފޮނުއްވާނެކަމަށެވެ. މިނިސްޓަރ ކޯފާ އިސްކުރެއްވީ އަޅުގަނޑަށް ކަންތައް ކުރެވުނު ގޮތުން ކަމަށް ޤާބޫލުކުރަމެވެ. ނަމަވެސް "ވަކީލާ" ވިދާޅުވި ގޮތަށް އެ ކޯފާ ވަރަށް އަވަހަށް ރަނގަޅުވާނެކަން ދެނެހުރެ އަޅުގަނޑު ނުކުމެގެން އައީއެވެ. އޭގެފަހުން މިނިސްޓރީއިން ޚަބަރެއް ނުވެއެވެ. އަޅުގަނޑު ޚަބަރެއް ނުވެސް ބަލަމެވެ. މުސާރައެއް ނުލިބެއެވެ. އެހެންކަމުން ދެން އަޅުގަނޑު ދިރިއުޅުމަށްޓަކައި ފަހާ ތަނަކަށް ވަދެ، އަޅުގަނޑު ފަހާ އެއްޗެއްގެ ތިންބައިކުޅަ އެއްބައި ލިބޭ ގޮތަށް ފަހާންފެށީއެވެ. އެންމެ ޅަފަތުގައި ފެހުމުގެ މަސައްކަތް ދަސްކުރެވުނު ކަމީ އެ ޙާލަތުގެ ނަޞީބު ކަމުގައިވީއެވެ. ކަމެއް ދަސްކޮށްގެން ފައިދާއެއް ނޫނީ ނުވާނެޔޭ ބުނާ ބަހުގެ ސާފު ހެތްކެކެވެ. އެ ދުވަސްވަރަކީ ޔުނިފޯމު ފަހާ ދުވަސްވަރެއްކަމުން އޮބި ނޯންނަ ވަރަށް ޔުނިފޯމު ފަހާން ލިބުނެވެ. އެހެންކަމުން އެކަށީގެންވާ ވަރަކަށް ކޮންމެ ދުވަހަކު ވެސް ފައިސާ ލިބުނެވެ. އޭރުގެ އަގުތައް ހުންނަ ގޮތުން ދުވާލަކަށް ސަތޭކަ ދުއިސައްތަ ވަރަކަށް ރުފިޔާ ލިބުނީމާ އެއީ އެކަށީގެންވާ ވަރެއް ކަމަށް ބެލެވެއެވެ.
އެއް ދުވަހަކު މިނިސްޓްރީގައި އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓަވަން ހުންނަވާ މުޙައްމަދު ޝަފީޤު ފަހާތާ ކުރިމަތީން ވަޑައިގަންނަވަމުން އަޅުގަނޑު ފެނިވަޑައިގެން އަޅުގަނޑު ހޯއްދަވާން އުޅުއްވާ ވާހަކަ ވިދާޅުވިއެވެ. އަދި އަނެއް ދުވަހު މިނިސްޓްރީއަށް ދާން އެންގެވިއެވެ.
ޝަފީޤު ވިދާޅުވި ގޮތަށް އަނެއް ދުވަހު މިނިސްޓރީއަށް ދިޔައިމާ، އަޒީ ގަބޫލު ނަމަ މ. އަތޮޅު މަދަރުސާއަށް ފޮނުވާން މިނިސްޓަރ އެންގެވި ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އޭރުވީ ރަސްމީ ދަތުރުފުޅެއްގައި މައްކާގައި ކަމަށާއި ފުރައިވަޑައިގަންނަވަމުން އެހެންވިދާޅުވި ކަމަށް ޝަފީޤު ވިދާޅުވިއެވެ. ކޮޅުފުއްޓަށް އެ އަހަރު އެހާ ފަހުން އަޅުގަނޑު ދާންޖެހުނު ސަބަބު ކުރު ގޮތަކަށް މި ދަންނަވައިލެވުނީއެވެ.
ކޮޅުފުށްޓަށް ދިޔުން:
އޭރު ދަތުރުފަތުރު ހުންނަ ގޮތުން ކޮޅުފުއްޓަށް ދާނެ އެއްޗެއް ހޯދާންޖެހުނީ އަމިއްލައަށެވެ. ބަނދަރުމައްޗަށް ގޮސް ކޮޅުފުށީ ރަޖިސްޓަރީ ނަންބަރު ޖަހައިފައި އޮތް ދޯންޏެއް ފެނިއްޖެއެވެ. އޭގެ މީހަކާ ބައްދަލުކޮށް އަޅުގަނޑު ކޮޅުފުށްޓަށް ދާން ބޭނުންކަމަށާއި ދެވިދާނެތޯ ސުވާލުކޮށްލީމެވެ. ކަން ދިމާވި ގޮތުން އެއީ ރަށުއޮފީހުގެ މުވައްޒަފެއް ކަމުގައިވާ އިބްރާހީމް ޝާކިރެވެ. އޭނާއަކަށް އަޅުގަނޑަކީ ކާކުކަމެއް ނޭނގޭނެތާއެވެ. އޭނާ ސުވާލުކުރެއްވީ އެރަށަށް ދަނީ ކީއްކުރާންތޯއާއި އެ ރަށުގައި ދަންނަ މީހަކު ހުންނާނެތޯއެވެ؟ އަޅުގަނޑު ނަންގަތީމެވެ. ދިޔައިމާ ރައްޓެހީން ލިބޭނެތާއެވެ. ހަމަ ގޮސްލަނީއެވެ. އޭނާއަކީ ވެސް ހަމަ [ހުރި މީހަކަށް] ނުވާތީ އަޅުގަނޑާ ދިގު ވާހަކަދެއްކުމަށް ފަހު، އޭނާއަށް ކޮންމެވެސް އެއްޗެއް ވިސްނިލައްވައިގެން ތިޔައީ ހެޑްމާސްޓަރުތޯ ސުވާލުކުރައްވައިފިއެވެ. އަޅުގަނޑު ނަންގަންނާންޖެހުނީ ލައްބައޭއެވެ. އެ ހިސާބުން ދަތުރު ހަމަޖެހުނީއެވެ. އަޅުގަނޑުމެންގެ އުޅަނދު ދަތުރުކޮށް ކުރެލީކަނޑުން ވަންތަނާ ކުޑަ އިންޖީނު ބައްތެއްގައި އިސްކޫލްގެ ޓީމެއް އައިސް އަޅުގަނޑު ނަގައިގެން ކޮޅުފުއްޓަށް ގެންގޮސްފިއެވެ. އެހާ ވެސް ބޮޑަށް އެ މީހުން ތިބީ ހެޑްމާސްޓަރަކަށް ބޭނުންވެފައެވެ.
ކޮޅުފުއްޓަކީ ހިތް ހެޔޮ، އެކުވެރި ރައްޔިތަކު ދިރިއުޅޭ ފެހި ފަހި ރަށެކެވެ. މަދަރުސާގެ މުވައްޒިފުންނަކީ، އެކުވެރި، ކަށަވެތި ބަޔެކެވެ. އެހެންކަމުން އެ ރަށުގައި މަސައްކަތްކުރީ ވަރަށް ހިތްހަމަޖެހިގެން ރައްޔިތުންގެ ލޯބި ވެސް ލިބިގެންނެވެ.
މ. އަތޮޅު މަދަރުސާގައި އޭރު ހެޑްމާސްޓަރ ހުންނާނެ ގެޔެއް ޢިމާރާތްކުރެވިފައެއް ނެތެވެ. އެ ދުވަސްވަރު އަތޮޅުތަކުގެ ކޮންމެ އިސްކޫލެއްގައި (އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި އަތޮޅު މަދަރުސާތަކުގައި) ހެޑްމާސްޓަރު ދިރިއުޅޭން ކޮންމެ އިސްކޫލެއްގެ ގޯތި ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއް (ބަދިގެޔަކާއި ކާގެއަކާއި ގުނަނަކާ އެކު) ހައްދަވައިފައި ހުރެއެވެ. ނަމަވެސް މ. އަތޮޅު މަދަރުސާގައި މި ޢިމާރާތް ބިނާކުރާން ފެށުނީ އަޅުގަނޑު ހެޑްމާސްޓަރަކަށް ހުރެގެންނެވެ. އެހެންކަމުން އޭރު އަޅުގަނޑު ހުންނާން ހަމަޖެހުނީ އެސިސްޓެންޓް ހެޑްމާސްޓަރ މޫސާއަންވަރުމެންގެ މައިން ބަފައިންގެ ގެޔެއްގައެވެ. ވަރަށް ހެޔޮ ބަޔެކެވެ. ވަރަށް ލޯބިީން ވަރަށް މީރުކޮށް ކާންދީ ހެދި ހެޔޮލަފާ ބަޔެކެވެ. އެ ޢާއިލާގެ ހެޔޮކަން އަބަދު ވެސް ހަނދާންހުރެއެވެ. ނަމަވެސް އޭރުގެ ޢުމްރާނީ ޙާލަތު ހުރި ގޮތުން އަޅުގަނޑު ހުންނާން ހަމަޖެހުނު ކޮޓަރީގައި ވެސް އެ ގޭގައި ވެސް ސިމެންތި ޖަހައިފައެއް ނުހުރެއެވެ. ގިފިލީގައި ދޮރެއް ފާޚާނާއެއް ނުހުރެއެވެ. ގިފިލީގެ ފާރު ހުންނަނީ ދިމާނުވާ ގޮތަށް ރާނައި ފުށުއަރުވައިފައެވެ. ފެންވަރާންވީމާ ވަންނާން ހުންނަ ކެނޑުމުގައި (ދޮރުގައި) އެއް ކަނުން އަނެއް ކަނަށް ދަނޑިއެއް ހުރަސްކޮށްލަނީއެވެ. މިހެން ހެދުމުން މީހަކު އުޅޭކަން އެނގޭނެއެވެ. ދޮރަށް ކަނޑައިފައި ހުންނަ ތަނުން އެތެރެއަށް ނުވަންނަނީހެއް އެތެރޭގައި ހުންނަ މީހެއް ނުފެންނާނެއެވެ. އަޅުގަނޑު ފާޚާނާކުރާން ބައިސިކަލުގައި ދަނީ ކޮޅުފުށީގެ ދެކުނުކޮޅަށެވެ. އަތިރިމައްޗަށެވެ. ކޮންމެއަކަސް މި ގޮތުގައި މިހައި ދަތި ހާލުގައި އެ ރަށުގައި ދުވަސްތައް ހޭދަކުރާން ޖެހުނަސް އިސްކޫލް މުވައްޒިފުންގެ ގުޅުންތެރިކަމާއި އަޅުގަނޑަށް އެއްބާރުލުން ދެއްވިލެއް ފުރިހަމަކަމާއި ރަށު އޮފީހާއި ރައްޔިތުންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ލޯބީގެ ސަބަބުން އަޅުގަނޑު އެ ރަށުގައި ހޭދަކުރި ދޮޅު އަހަރެއްހައި ދުވަހު އުޅުނީ ހަމަ ވަރަށް އުފަލުންނެވެ. (ނުނިމޭ)