ad_banner
އަދުލުއިންސާފު މަރެއް ނުވާނެ؟؟؟!!!

އޒ. އިބްރާހީމް ރަޝީދު މޫސާ

11 ސެޕްޓެންބަރު 2026

ކޮންމެ އަނިޔާވެރިކަމަކީ ފުރޭފުކުރެވޭނެ ކަމެއްނޫނެވެ. އަދި ކޮންމެ މަޒުލޫމަކަށް އޭނާގެ ޙައްޤު ހޯދުމަށް ޓަކައި އަޑެއް ވެސް ނޫފުއްލޭނެތެވެ. ލޮލަށް ނުފެންނަ އެތައް އަނިޔާތަކެއް ވެއެވެ. މި އަނިޔާތައް ނަފުސުގެ ތެރޭގައި ދިރިދެމި އޮންނާނެއެވެ. ހިތަށް ބަރުކުރަމުންދާނެއެވެ. ހިތްހަމަޖެހުން ވަގަށްނަގަމުންދާނެއެވެ. ޒަމާނާ އެކު ފަސޭހައިން ފުހެވިގެންނުދާނެ އެތައް ލަކުނުތަކެއް ލާނެއެވެ. އަނިޔާވެރިކަމަކީ އަސްލުގައި އިންސާނަކު އޭނާގެ ޙައްޤަކުން މަޙްރޫމުކުރުމެއްނޫނެވެ. އެހެނަސް އެއީ އޭނާގެ އިންސާނިއްޔަތަށް ކުރެވޭ އިހާނެތިކަމެކެވެ. އޭނާގެ ކަރާމަތަށް ދެވޭ ޢުދްވާނެކެވެ.އޭނާގެ މުޖުތަމަޢުގައި  އޭނާގެ އިތުބާރު ނައްތައިލުމެކެވެ.

އާދޭހެވެ! ތަބީޢީގޮތުން ބަލައިނަމަ ޢަދާލަތުން އަމާންކަން ލިބޭނެއެވެ. އިންސާފުން ހިތްހަމަޖެހުން ލިބޭނެއެވެ. އިންސާނާއަށް މަސައްކަތުގެ ބުރަކަން، ޒުރޫފުގެ ހަރުކަށިކަން،  މަޢީޝަތުގެ ނުތަނަވަސްކަން ތަޙައްމުލުކުރެވިދާނެއެވެ. އެހެނަސް އޭނާއާ މެދު ކުރެވޭ ބޭއިންސާފު މުޢާމަލާތުގެ ޝުޢޫރު، ނުވަތަ އޭނާގެ ބޮލުގައި އެޅުޥޭ ނުބައި ތުހުމަތުގެ ބަދުނާމު، ނުވަތަ އޭނާގެ ބުރަ މަސައްކަތުގެ ފޮނިކޮޅު އެހެން މީހަކު ބޮއިލުމުން ލާ ހިތިރަހަ، ނުވަތަ އެއްވެސް ސަބަބަކާ ނުލައި އޭނާގެ ބުރަ ޢަމަލުތައް އިހުމާލުކޮށްލުމުން ލިބޭ ވޭން، އޭނާއަށް ބަރުދާސްތެއް ނުކުރެވޭނެތެވެ. 

އަނިޔާވެރިކަމުގެ  މޫނުތައް ވަރަށް ގިނައެވެ. ބައެއް މޫނުތައް ވަރަށް ސާފެވެ. ބައެއް  މޫނުތައް ވަންހަނާވެގެންވަނީ ބުނެލާ ބަސްބަހުގެ ފަރުދާގެ އަނެއް ފަރާތުގައެވެ. ނުވަތަ ބައެއް މީހުން އޭނާއާ މެދު ގެންގުޅޭ ޒާތީ ކަންތައްތަކުގެ ތެރޭގައެވެ. ބައެއް ފަހަރަށް އަނިޔާވެރިކަން ފެންނާނީ ރުޅީގެ ވަގުތުގައި ބުނެލެވޭ ބަހުންނެވެ. ނުވަތަ ރަނގަޅަށް ނުބަލައި އަވަސްއަރުވައިގަނެގެން އިއްވޭ ނިޔާގެ ތެރޭގައެވެ. ނުވަތަ ދަރީންގެ ތެރޭގައި އެއް ކުއްޖަކަށް ދެވޭ އިސްކަމެއްގެ ތެރެއިންނެވެ. ނުވަތަ އަގުވަޒަންކުރާން ޖެހޭ އިންސާނެއްގެ އަގުވަޒަންނުކުރުމުގެ ތެރެއިންނެވެ. ނުވަތަ ވާގިވެރިވާނެ މީހަކު ނެތުމުން ގެއްލިގެންދާ ފުރުސަތެއްގެ ތެރޭގައެވެ. ނުވަތަ އެހެން މީހުންނާ ނިސްބަތްކުރާ އިރު ލިބެންޖެހޭ ވަޒީފާގެ ކުރިއެރުމެއް ނުލިބުމުގެ ސަބަބުންނެވެ. ނުވަތަ ތިމާގެ ޕާޓީގެ މީހަކަށް ނުވާތީ ލިބޭން ޖެހޭ އިނާމަކުން މަޙުރޫމުކުރުމުގެ ތެރެއިންނެވެ.

ޢާއިލާއަށް ބަލާ އިރު ބޭއިންސާފުވެރިކަން ފެށެނީ ކުޑަކުޑަ ކަމަކުންނެވެ. އެއް ކުއްޖަކަށް ދެވޭ އިސްކަމެއްގެ ސަބަބުންނެވެ. މުޢާމަލާތުކުރެވޭ އިރު، އޭނާއަށް ވުރެ އޭނާގެ އަޚަށް ނުވަތަ އުޚުތަށް ދެވޭ އިސްކަން އިޙުސާސްކުރެވުމުން އޭނާގެ ހިތުގައި އުފެދޭ ޙަސަދަވެރިކަމެއްގެ ސަބަބުންނެވެ. މި ޙަސަދަވެރިކަން ދުވަހުން ދުވަހަށް ދާނީ ފުޅައުވަމުންނެވެ. ދެ ކުދިން އަޅައިބެލުމުގައި ބުނެވޭ ބަހުގެ އަސަރު، މާފަށް އެދުމަކުން ފުހެވިގެންނެއްނުދާނެތެވެ. ދަރީންނަށް އިންސާފުވެރިވާން ޖެހޭނީ ހަމައެކަނި ކާމޭޒުމައްޗަކުނޫނެވެ. މުނާސަބަތުތަކުގައި ހޯދައިދޭ ހެދުމެއްގައެއްނޫނެވެ. އެހެނަސް އެ ކުދީންނަށް އަޅައިލުމާއި ލޯތްބާއި ކުލުނާއި ދޮންދިނުމުގައި ވެސް އިންސާފުވެރިވާންޖެހޭނެއެވެ.

މަދުރަސާގައި ބޭއިންސާފުވެރިވުމުގެ ސަބަބުން ކުއްޖާގެ މައުހިބާ (ޓެލެންޓު) ގެއްލިގެން ހިނގައިދާނެއެވެ. ފަހަރެއްގައި އެ ކުއްޖާގެ ހުވަފެން މަރުވެގެން ހިނގައިދާނެއެވެ. ބައެއް ކުދިން މަދުރަސާގައި ހިތްވަރާއެކު މަސައްކަތްކުރާ އިރު ، އެ ކުދީންނަށް މަދުރަސާއިން ހިތްވަރެއް ނުލިބެއެވެ. ބައެއް ފަހަރަށް އެ ކުއްޖާއާ މެދު ހީކުރާ ނުބައި ހީއެއްގެ ސަބަބުން، ކިޔެވުން ދެކެ ފޫހިވެ މަދުރަސާއިން ވަކިވެގެންދާން ޖެހެއެވެ. ޢަދުލުވެރި މުދައްރިސަކީ ހަމައެކަނި ރަނގަޅަށް މާކުސްދޭން މީހެއްނޫނެވެ. މި މާކުހާ އެކު ކުއްޖާގެ ކުރިމަގު ވެސް ބަދަލުކޮށްލާ މީހެކެވެ. 

މަސައްކަތުގެ ދާއިރާތަކަށް ބަލާ އިރު، އަނިޔާވެރިކަން ތަފާތު ސިފަސިފައިގައި ފެނެއެވެ. އިޚުލާޞްތެރިކަމާ އެކު މަސައްކަތްކުރާ މުވައްޒަފު އެކަހެރިކޮށްލައިފައި ވައިއަޅުވާ މުވައްޒަފަށް އިނާމު ދިނުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، ވަޒީފާދިނުމުގައި ޤާބިލުކަމަށާއި ސަނަދުތަކަށް ރިޢާޔަތްނުކޮށް މަޤާމު ދިނުމެވެ. މި ފަދަ ކަންކަމުގެ ސަބަބުން މަރުވެގެންދަނީ ހަމައެކަނި ހިތްވަރެއްނޫނެވެ. އެހެނަސް  ވަޅުލެވިގެންދަނީ އުފެއްދުންތެރިކަމާއި އީޖާދުތަކެވެ. ހުނަރުތަކާއި ފިކުރުތަކެވެ. އިންސާނާގެ މަސައްކަތުގެ އަގުވަޒަންނުކޮށްފި ނަމަ އޭނާގެ ގަހުން މޭވާއެއް ނުލިބޭނެތެވެ.

އިންސާނާއަށް ބަސްބުނުމުގެ ޙައްޤު ތަނަވަސްކޮށްދެވިއްޖެ ނަމަ މި ފަދަ ވަރަށް ގިނަ މުޞީބާތްތަކުން ސަލާމަތްވެވިދާނެއެވެ. ހީތަކުގެ މަތީގައި ޙަޤީޤަތް ބިނާނުކުރެވޭނެކަމާއި ޢަދުލުވެރިކަމަށް ކެތްތެރިކަމާއި ޙިކްމަތްތެރިކަން ބޭނުންވާކަން ދެނެގަނެވިއްޖެ ނަމަ މި ފަދަ  އާފަތްތަކުން ސަލާމަތްވެވިދާނެއެވެ. އެ ކަމުގައި އަނިޔާވެރިކަން ފެތުރިއްޖެ ނަމަ އެ ކަން ވަޅޯވެދާނެއެވެ. ތާޒާކަން ގެއްލިދާނެއެވެ. ޢަމަލުގައި އިންސާފުވެރިކަން ނެތިއްޖެ ނަމަ، އެ ކަމެއް ކާމިޔާބެއް ނުކުރެވޭނެތެވެ. ވަކި ފަރާތަކަށް ބުރަވެފައިވާ ގުޅުންތައް ދެމިއެއް ނޯންނާނެތެވެ. ޙަޔާތަށް ތަވާޒުނުކަން ގެނެސްދޭ ބާރަކީ ޢަދާލަތެވެ. އެންމެ ދަތި އުދަނގޫ ޙާލަތުތަކުގައި ވެސް އިންސާނާއަށް އަމާންކަމުގެ އިޙުސާސް ގެނެސްދޭ ބަހާއަކީ ޢަދާލަތެވެ.

ނޫނެކެވެ! ޢަދާލަތުގެ މާނައަކީ ހުރިހައި އެންމެން ހުރިހާ ކަމެއްގައި ހަމަހަމަކުރުމެއްނޫނެވެ. ޢަދުލުވެރިވުމަކީ އުނިނުކޮށް ކޮންމެ މީހަކަށް ވެސް އޭނާގެ ޙައްޤު ލިބިދިނުމެވެ. މީސްތަކުން އެ މީހުންގެ ޢަމަލާއި އަޚުލާޤުގެ ތަރާދުން މިނުމެވެ. ޢަދުލުވެރިކަމަކީ ޤާނޫނަކަށްވުމުގެ ކުރީން ޒަމީރުން އަގުކުރާ އެއްޗެކެވެ. ވާޖިބަކަށްވުމުގެ ކުރީން އަޚްލާޤުން ވަޒަންކުރާ އެއްޗެކެވެ.

އާދޭހެވެ! އަޅުގަނޑުމެން ކޮންމެ މީހެއްގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ޢަދުލުވެރިކަމާއި އޯގާވެރިކަމުގެ މަޞްދަރަކަށް ވުމެވެ. އެހެން މީހުންނަށް ވޭންދޭ ސަބަބަކަށް ނުވުމެވެ. ހެޔޮ ބަހަކީ ޞަދަޤާތެކެވެ. އިންޞާފަކީ ޢިބާދާތެކެވެ. މީސްތަކުންގެ ޙައްޤުތަކަށް އިޙުތިރާމުކުރުމަކީ މަތިވެރި ޚުލުޤެކެވެ.

އާދޭހެވެ! އަނިޔާލިބިފައިވާ މީހާ (މަޒުލޫމު) އޭނާގެ ކެތްތެރިކަން ދިގުލައިގެން ހިނގައިދާނެއެވެ. ޢަދުލުއިންސާފު ކިތަންމެ ދިގުލައިގެން ދިޔަސް އެ މަރެއް ނުވާނެތެވެ. މާތްﷲ އޭނާއަށް އިޖާބަދެއްވާނެއެވެ. އޭނާގެ ދުޢާ އިޖާބަނުކުރައްވައި ރައްދެއްނުކުރައްވާނެތެވެ.

އާދޭހެވެ! އަނިޔާވެރިޔާ ހިތްހަމަޖައްސައިލައިގެން ނިދާން އޮންނައިރު އަނިޔާލިބިފައިވާ މީހާ އޮންނަނީ އޭނާގެ ވެރި ރަސްކަލާނގެއަށް ދުޢާ ދެންވުމުގައެވެ. އޭނާގެ ދެ ލޯ ރޯނެއެވެ. އޭނާގެ ހިތް އަނދަމުންދާނެއެވެ. ރަސޫލުﷲ  صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((اتَّقِ دَعْوَةَ المَظْلُومِ، فإنَّها ليسَ بيْنَها وبيْنَ اللَّهِ حِجابٌ [1] - ތިބާ އަނިޔާލިބިފައިވާ މީހާގެ ދުޢާއަށް ރައްކައުތެރިވާށެވެ! ފަހެ، ހަމަކަށަވަރުން އޭނާގެ ދުޢާއާ ﷲއާ ދެމެދުގައި އެއްވެސް ހުރަހެއް ނުވެތެވެ.))  މާތް ﷲ ރަޙުމަތްލެއްވި އިބްނުލްޤައްޔިމު ވިދާޅުވިއެވެ. " ބޭއިންސާފުން އަނިޔާލިބިފައިވާ މީހާގެ ދުޢާގެ އަގުވައްޓައެއްނުލާށެވެ! އޭނާގެ ދުޢާގެ ދުނިތައް ތިބާގެ ގަޔަށް އަރާނެއެވެ."

އަޅުގަނޑުމެންގެ ގޮވެތިގެދޮރުގައި، މަދުރަސާތަކުގައި، މަސައްކަތުގެ ވެށީގައި، މީހުންނާ އެކު ކުރާ މުޢާމަލާތުތަކުގައި، ހަނދާންކުރާންވީ  އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ އަނިޔާވެރިނުވުންކަމެވެ. ކިތަންމެ ބޮޑު ބާރެއް، ކިތަންމެ ބޮޑު މުއްސަނދިކަމެއް، ކިތަންމެ ވަރުގަދަ ނުފޫޒެއް ލިބިފައި ވިޔަސްމެއެވެ. އެހެން މީހުންނަށް އަނިޔާވެރިވުމަށް ވުރެ ޙަޔާތުގެ ދުވަސްތައް މާ ކުރެވެ. ބުނެލާ ކަލިމައެއްގެ ސަބަބުން، ނުވަތަ ކަނޑައަޅާ ޤަރާރެއްގެ ސަބަބުން ހިތުގައިޖައްސައިފައިވާ ނަފުސުތަކެއް ދޫކޮށްފައި ދިޔުމަށް ވުރެ، ރިވެތިކަން ބޮޑީ އަނިޔާވެރިކަމާ ދުރުހެލިވުމެވެ.

 

ބައެއް ލަފުޒުގެ މާނަ:

ބަހާ      ނ.     (1) އެއްޗެއް އުފައްދަން ބޭނުންވާ އަސާސީ އުންސުރުތައް. (2) ބައި

ބަރުދާސްތު  ނ.     ވޭނާ ކެކުޅުން އުފުލުމުގައި ކުރާ ކެތް.

ކަރާމާތް    ނ.   (1) ހުރުމަތް. (2) ވަލީ ވެރިން ފަދަ ބޭބޭކަލުންގެ ކިބައިން ފެންނަ އާދަޔާ ޚިލާފު ކަންތައް.

އިހާނާތް    ނ.   (1) ރަހުމުކުޑަ ނުވަތަ އަނިޔާވެރި އަމަލު. (2) އިޙްތިރާމު ނުކުރާ ނުކުރުން. (3) ކަމޭނުހިތާ ނުހިތުން.

އިހުމާލު    ނ.     ފަރުވާކުޑަކުރާ ކުރުން. އަޅައިނުލާ އަޅާއިނުލުން. ޒިންމާ އަދާނުކުރާ ނުކުރުން.

ޢަދާލަތު    ނ.    (1) އަދުލުވެރިކަން. (2) ހަމަހަމަކަން.  justice

މައުހިބާ    ނ.     ތަބީޢީ ގޮތުން މީހަކަށް ލިބިފައިވާ ހުނަރު. talent

މަޒުލޫމު     ނ.   އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ. victim

ފުރޭފުކުރުން  ނ.     (1) ލިޔެ ރައްކާކުރުން. (2) ލިޔުމުން ފެންނާން ހުންނަ ގޮތް ހެދުން. document

ތަވާޒުނު    ނ.     ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. 

ތުހުމަތު    ނ.     ކުށެއް ނުވަތަ ނުބައި ކަމެއް ކުރިކަމަށް، ނުވަތަ ކުރާކަމަށް ކުރާ ޝައްކު.

 

މަރުޖާ:

[1]  -  أخرجه البخاري (١٤٩٦)  ومسلم (١٩و الترمذي (٢٠١٤)  وأبو داوود (١٥٨٤)، والنسائي (٢٤٣٥)

ކޮމެންޓު