ad_banner
އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މުހިންމު ޢިލްމީ ކޭންޕެއް ކ. ތުލުސްދޫގައި

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

10 ސެޕްޓެންބަރު 2026

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ގުޅިގެން އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިންގް ކޭމްޕްގެ ނަމުގައި ކ. ތުލުސްދޫގައި ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސަކީ އަނެއްކާ ވެސް އެ ޔުނިވަރސިޓީގެ ކާމިޔާބީއަށް އިތުރުވި ބޮޅެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ހިންގަވާ މި ކޭންޕު ރަސްމީކޮށް އިފުތިތާޙުކުރެވުނީ މި ހިނގާ ސެޕްޓެންބަރު މަހު އަށްވަނަ ދުވަހުއެވެ. ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާ ނަމަ މި ކޭންޕު މި މަހު 13އާ ހަމައަށް ކުރިއަށްދާނެއެވެ.

މި ކޭންޕު ރަސްމީ ގޮތުން ފައްޓަވައިދެއްވީ މާލީ ކަންތައްތަކާ ކުންފުނިތަކާ ބެހޭ ވަޒީރުގެ ނާއިބު އަލްފާޟިލު އަޙުމަދު ސާއިދު މުސްތަފާއެވެ. މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ ޑެޕިއުޓީ ރެކްޓަރގެ އިތުރަށް އެ ޔުނިވަރސިޓީގެ ހެޑް އޮފް ޑިޕާޓްމެންޓްސްއާއި އެ ޔުނިވަރސިޓީގެ ގިނަ ޕްރޮފެސަރުން ބައިވެރިވެ ވަޑައިގަތްކަމީ މި ކޭންޕަށް ލިބުނު ވަރަށް ބޮޑު މުއްސަނދިކަމެކެވެ.

މިކޮންފަރެންސްގެ މައި މާލީ އެހީތެރިއަކީ އަމާނާތަކާފުލްކަމަށް ވިޔަސް އޭގެ ދަށުން މެހުމާނުދާރީ އަދާކުރެއްވުމުގައި  ކ. ތުލުސްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަން ލިބުމަކީ ގުޅިގެން މަސައްކަތްކުރުމުގެ ރީތި ނަމޫނާއެކެވެ.

އިސްލާމިކް އިކޮނޮމިކްސް ކޭމްޕަކީ އިސްލާމީ އިގުތިސާދީ އުސޫލުތަކާއި އެ ކަންކަން ތަތުބީގުކުރާނެ ގޮތްތަކާއި މިއަދުގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ގުޅުން ހުރި ކަންކަން ދިރާސާކުރާން ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޓަކައި ބޭއްވޭ ކޭމްޕެކެވެ.  މި ކޭމްޕްގެ މަގުސަދަކީ ސުލޫކީ މާލިއްޔަތާއި، ޒިންމާދާރު އިގުތިސާދީ ނިންމުންތައް ނިންމުމާއި، އިޖުތިމާއީ އިންސާފާއި، މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބަހައިލުން ފަދަ މަފުހޫމުތަކާ މެދު ބައިވެރިންނަށް ވިސްނުން އިތުރުކުރުމެވެ.

ގުޅިގެން ބާއްވާ ދަންފަޅިތަކާއި، މަޝްވަރާތަކާއި، ހަރަކާތްތަކާއި، އަމަލީ މިސާލުތަކުގެ ތެރެއިން ބައިވެރިންނަށް އިސްލާމީ އިގުތިސާދީ އުސޫލުތައް ހަގީގީ ދުނިޔޭގެ މައްސަލަތަކާ ގުޅުވައިލުމުގެ ފުރުސަތު މި ކޭންޕުގައި ލިބިގެންދޭނެއެވެ. އަދި ފާޑުކިޔުންތެރި ވިސްނުމާއި ގުޅިގެން މަސައްކަތްކުރުމާއި އިސްލާމީ އިގުތިސާދުން، ދެމެހެއްޓެނިވި އަދި ހުރިހައި ފަރާތްތަކެއް ހިމެނޭ އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭނެ ގޮތްތަކުގެ އަގުވަޒަންކުރުމަށް ވެސް މި ކޭމްޕުގައި ހިތްވަރު ލިބިދެވޭނެއެވެ. ޖުމްލަކޮށް ބަލާ އިރު، މި ޕްރޮގްރާމްގައި ބައިވެރިންނަށް ތައުލީމީ، ދަންނީ، އަދި އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ޢިލްމާއި ވިސްނުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވޭނެއެވެ. 

މި ކޭންޕުގައި އިއްޔެ (ސެޕްޓެންބަރު 9ގައި) އޮތީ އަންނަނިވި ޝިޢާރުތަކާއި މައުޟޫޢުތަކަށް [ކީނޯޓު މުޤައްރިރުން ދެއްވި އަގުހުރި ތަޤުރީރުތަކެވެ. ތަޤުރީރުދެއްވި މައުޟޫޢޫތަކާއި ތަޤުރީރުދެއްވި މުޤައްރިރުން ދަންނަވައިލާނަމެވެ.

1.   އެޕްލިކޭޝަން އޮފް  އޭއައި އިން އިސްލާމިކް އިކޮނޮމިކްސް ރިސާރޗް

ޕްރޮފެސަރ ޑރ. ޣައިރުއްޒަޒްމީ މަތް ޣަނީ

2.     މަޤާސިދް މެތޮޑޮލޮޖީ ފޯ އިކިނޮމިކްސް ރިސާރޗް

ޑރ. ޒައިދް ބަރްޒިންޖި 

3.     ފިލޯސޮފިކަލް ފައުންޑޭޝަން އޮފް އިސްލާމިކް އިކޮނޮމިކްސް

ޕްރޮފެސަރ ޑރ. މުހައްމަދު އަސްލަމް މުހައްމަދް ހަނީފް

4.     ޓިޕްސް ފޯ ރައިޓިންގް  އެވާރޑް ވިނިންގް ރިސާރޗް ޕޭޕާރ

އެސޯސިއޭޓް ޕްރޮފެސަރ ޑރ. މުހައްމަދް އަސްމީ މުހައްމަދު ތަސް ތެކަރ

5.     ސްކޯޕް އެންޑް މެތޮޑޮލޮޖީ އޮފް އިސްލާމިކް އިކޮނޮމިކްސް

އެސޯސިއޭޓް ޕްރޮފެސަރ ޑރ. މުހައްމަދު ނިޒާމް ބަރުމް

6.     ރީއިމޭޖިނިންގް އިކޮނޯމިކްސް އެންޑް ފައިނޭންސް

ޑރ. އިލްދުސް

7.     އެތިކްސް އިން އިސްލާމިކް އިކޮނޮމިކްސް: އެކްޒިއޮލޮޖިކަލް އިންކުއަރީ

ޕްރޮފެސަރ ޑރ. ޙަފުޞް ފުރްޤާނީ

މިއީ ޢިލްމު އުފައްދައި ޢިލްމު އިތުރުކޮށް ކަންކަމާ މެދު ފުންކޮށް ވިސްނާނެ ޢިލްމުވެރި ޖީލެއް ބިނާކުރެއްވުމަށް ޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކަށަވެތިކަން ހާމަކޮށްދޭ ޙަރަކާތްތަކުގެ ތެރެއިން ހިންގަވާ ވަރަށް ޚާއްޞަ ޙަރަކާތެކެވެ. 

މި ފަދަ ޢިލްމީ ޙަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގަވާތީ [ފަރަގު މީޑިއާ]ގެ ފަރާތުން އިސްލާމީ ޔުނިވަރސިޓީއަށް ތަހުނިޔާ އަދާކުރަމެވެ.

ކޮމެންޓު