ad_banner
ބަދުރު ހަނގުރާމައިން ލިބޭ ފިލާވަޅުތައް (2)

ޑރ. މޫސާ އަންވަރު ޙަސަން

8 ސެޕްޓެންބަރު 2026

(2026 ސެޕްޓެންބަރު 07ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

އެގާރަވަނަ: އިޚުލާޞްތެރިކަމާއި ތެދުވެރިކަމަކީ ދުޝްމަނުންގެ މައްޗަށް ނަޞްރު ލިބުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. މާތް‍‍ﷲ ވަޙީކުރެއްވިއެވެ. ‌﴿ وَلَيَنصُرَنَّ اللَّهُ مَنْ يَنصُرُهُ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ ﴾ ‌(سورة الحج:‌ 40‌) މާނައީ: "ހަމަކަށަވަރުން، ‌اللَّه އަށް ‌نصر ދޭ މީހަކަށް، އެކަލާނގެ ‌نصر‌ ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ‌اللَّه‌ އީ، ބާރުވެރިވަންތަ، ‌عزيز‌ ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ." އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ‌﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ ﴾ ‌(سورة التوبة: 119‌) މާނައީ: "އޭ إيمان‌ ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ‌اللَّه‌ އަށް ‌تقوىވެރިވާށެވެ! އަދި ތެދުވެރީންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!"

އަދި ޞަޙީޙައިނިގައި ‌أبو موسى الأشعري رضى الله عنه‌ގެ އަރިހުން ރިވާވެގެންވެއެވެ. ޣަނީމާ މުދަލަށް ޓަކައި ހަނގުރާމަކުރާ މީހާއާއި، ޝުހުރަތަށް ޓަކައި ހަނގުރާމަކުރާ މީހާއާއި، އަދި އޭނާގެ ހުރި ކުޅަދާނަކަން މީހުންނަށް ދެއްކުމަށް ޓަކައި ހަނގުރާމަކުރާ މީހާއާ މެދު ނަބިއްޔާ ‌صلى الله عليه وسلم‌ އާ ސުވާލުކުރެވުނެވެ. ފަހެ، ގެ މަގުގައިވަނީ މި ތަނުން ކާކުތޯއެވެ؟ ރަސޫލާ ‌صلى الله عليه وسلم‌ ޙަދީޘްކުރެއްވިއެވެ. (من قاتل لتكون كلمة الله هي العليا فهو في سبيل الله) މާނައީ: "މާތް ގެ ކަލިމަފުޅު މަތިވެރިކުރުމަށް ޓަކައި ހަނގުރާމަކުރާ މީހާ ވަނީ އެކަލާނގެ މަގުގައެވެ." އަދި ބަދުރު ހަނގުރާމައިގައި ކަންތައްވީ ވެސް މި ފަދައިންނެވެ. ހަމަކަށަވަރުން މުއުމިނުން މާތް‍‍ﷲއަށް ތެދުވެރިވެ، އެކަލާނގެއަށް އިޚުލާޞްތެރިވުމުން، އެ ބޭކަލުންނަށް ނަޞްރު ލިބިވަޑައިގަތެވެ.

ބާރަވަނަ: ރަސޫލާ ‌صلى الله عليه وسلم‌ ‌(ބަދުރުގެ) ވަޅުގެ ކައިރީގައި ހުންނަވައި، މުޝްރިކުންގެ ތެރެއިން މަރުވި މީހުންނަށް ގޮވައިލައްވައި، އެ މީހުން މަރުވިފަހުން އެ މީހުންނާ ވާހަކަފުޅުދެއްކެވުމާއި، އަދި އެ ވަގުތު ޢުމަރުގެފާނަށް އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގައި، މައްޔިތާއަށް ޚާއްޞަ ރޫޙާނީ ދިރިއުޅުމެއްވާކަމުގެ ސާފު ހެކި ލިބިގެންވެއެވެ. ފަހެ، ޤަބުރުގެ ޢަޒާބާއި ނިޢުމަތަކީ ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވެގެންވާ ކަމެކެވެ. އަދި މައްޔިތާ އޭނާގެ ޤަބުރުގައި ބޭއްވުމަށް ފަހު، އޭނާގެ އެކުވެރީން އެނބުރިދާ އިރު، އެ މީހުންގެ ފައިވާނުގެ އަޑު އޭނާއަށް އިވޭނެއެވެ. ނަމަވެސް، މި އެންމެހައި ކަންކަމަކީ އަޅުގަނޑުމެންގެ ދުނިޔެވީ ބުއްދިއާއި އިދުރާކުގެ މީޒާނުން ވަޒަންކުރެވޭނެ ކަންކަމެއް ނޫނެވެ. ސަބަބަކީ، މިއީ އަޅުގަނޑުމެންގެ ލޮލަށް ފެންނަ ފެނުމާއި، ބުއްދިއާއި މާއްދީ ތަޖުރިބާތަކާ ދުރުގައިވާ "ޢާލަމުލްޣައިބު" (ވަންހަނާވެގެންވާ ޢާލަމް)ގެ ތެރެއިންވާ ކަންކަމަށްވާތީއެވެ. އެހެންކަމުން، ސާބިތު ޞަޙީޙު މަގުން މި ކަންކަން އަޅުގަނޑުމެންނާ ހަމައަށް ފޯރުމުން، މި ކަންކަމަށް އީމާންވުމުގެ މަގަކީ އެ ކަންކަން ފުރިހަމައަށް ޤަބޫލުކޮށް ތަސްދީޤުކުރުމެވެ.

ތޭރަވަނަ: މުއުމިނުން މާތް‍‍ﷲއަށް ތެދުވެރިވެއްޖެ ނަމަ، އެކަލާނގެ އެބޭކަލުންގެ ދުޝްމަނުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައެއް ކަރާމާތްތަކުން ނަޞްރުދެއްވައެވެ. ބަދަރު ހަނގުރާމައިގައި މަލާއިކަތުން ފައިބައިވަޑައިގަތުމާއި، އަރާމު ނިދިޖެހުމާއި، ވާރޭވެއްސެވުމާއި، ދުޝްމަނުންގެ ހިތްތަކަށް ބިރުވެރިކަން ވެއްސެވުން ފަދަ މުޢުޖިޒާތްތަކާއި ކަރާމާތްތައް މެދުވެރިވި ފަދައިންނެވެ.

ސައުދަވަނަ: ބަދަރު ހަނގުރާމައިގައި އަބޫބަކުރުގެފާނާއި، ޢަލީގެފާނާއި، ޢުމަރުގެފާނު އަދި އެ ނޫން ވެސް ބައެއް ޞަޙާބީންނަށް މެދުވެރިވި ކަރާމާތްތަކަކީ، މާތް‍‍ﷲގެ ޙަޟުރަތުގައި އެ ބޭކަލުންގެ މަތިވެރިކަމާއި ޤަދަރު ދައްކުވައިދޭ ސާފު ހެތްކެކެވެ.

ފަނަރަވަނަ: ލީޑަރުން ނުވަތަ ކޮމާންޑަރުން އޭނާގެ ސިފައިންނާ ގާތް ގުޅުމެއް ބަހައްޓާންޖެހެއެވެ. ހަނގުރާމަކުރާން ހިތްވަރުދީ، ނަޞްރުދެއްވުން އެދި ގިނަގިނައިން ހެޔޮދުޢާކޮށް، އަދި ސިފައިންގެ ތެރެއިން އެކަކު ފަދައިން އެ މީހުންނާ އެކު ހަނގުރާމަކުރާންޖެހެއެވެ. ބަދަރު ހަނގުރާމައިގައި ނަބިއްޔާ ‌صلى الله عليه وسلم‌ ގެ ޙާލުކޮޅަކީ ވެސް މިއީއެވެ.

ސޯޅަވަނަ: މުއުމިނުން ދުޝްމަނުންގެ ފަރާތުން ނުރައްކަލާއި ދަތިކަމެއްގައި ތިބެ، މާތް‍‍ﷲގެ ޙަޟުރަތުން އެހީތެރިކަމަށް އެދި ދަންނަވައިފި ނަމަ، އެކަލާނގެ އެ ދުޢާ އިޖާބަކުރައްވައެވެ. ފަހެ، ބަދަރު ހަނގުރާމައިގައި މެދުވެރިވި ފަދައިން، މާތް‍‍ﷲ ވަނީ މަލާއިކަތުން މެދުވެރިކުރައްވައި އެބޭކަލުންނަށް އެހީތެރިވެވަޑައިގެން، އަރާމު ނިދިކޮޅެއް ދެއްވައި، އަދި އެނޫން ވެސް ކަންކަން މެދުވެރިކުރައްވައިފައެވެ. މާތް‍‍ﷲ ވަޙީކުރެއްވިއެވެ. ‌﴿ إِذْ‌ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنْ الْمَلائِكَةِ مُرْدِفِينَ ﴾ ‌(سورة الأنفال: 9‌) މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ‌حضرة އަށް އެހީއަށް އެދި ތިޔަބައިމީހުން ދެންނެވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ‌ملائكة‌ ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ‌مدد ދެއްވާހުށީމެވެ. އެކަކަށް ފަހު އަނެކަކު އަންނަ ގޮތުގައެވެ." އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ‌﴿ أَمَّنْ يُجِيبُ الْمُضطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الأَرْضِ أَإِلَٰهٌ مَعَ‌ اللَّهِ قَلِيلاً مَا تَذَكَّرُونَ ﴾ ‌(سورة النمل: 62‌) މާނައީ: "ނުވަތަ ދަތި އުނދަގޫ ‌حال‌ ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ ‌دعاء‌ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ‌خليفة‌ އިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެހެއްޔެވެ؟ ‌اللَّه އާ އެކު އެހެން ‌إله‌ އަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށް ވެސް މަދުންނެވެ."

ސަތާރަވަނަ: މުއުމިނުންނާއި އެބައިމީހުންގެ ދުޝްމަނުންގެ މެދުގައި އެއްވެސް އިސް ރޭވުމެއް ނެތި، މާތް‍‍ﷲ ކަންކަން އިރާދަކުރައްވައި ފަސޭހަކޮށްދެއްވައެވެ. މިއީ އެކަލާނގެ ދީނަށް ނަޞްރުދެއްވުމަށާއި، ޤަތުލުކުރެވުމާއި އަސީރުކުރެވުމުގެ ތެރެއިން ދުޝްމަނުން ނިކަމެތިކުރެއްވުމަށް ޓަކައެވެ. އަދި ބަދުރު ހަނގުރާމައިގައި ކަންތައްވީ ވެސް މި ފަދައިންނެވެ. ފަހެ، ކާފިރުވި މީހުންގެ ތެރެއިން ހަލާކުވެދިޔަ މީހަކު ސާފު ހެތްކާއި ދަލީލާ އެކު ހަލާކުވެ ދިޔުމަށާއި، ދިރިހުރި މީހަކު އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމުވުމަށް ފަހު ދިރިހުރުމަށް ޓަކައި، މާތް‍‍ﷲ ވަނީ އެއްވެސް ވަޢުދަކާ ނުލައި މުއުމިނުންނާއި އެ ބޭކަލުންގެ ކާފިރު ދުޝްމަނުން އެއްކުރައްވައިފައެވެ.

އަށާރަވަނަ: ޝައިޠާނާ އިންސާނާއަށް އުރެދުންތައް ރީތިކޮށްދީ، އެ ކަންކަމަށް ޒީނަތްތެރިކަން ދައްކައެވެ. އެއަށް ފަހު، އޭނާ ބޭނުންވާ ކަންތައް މެދުވެރިވުމުން އިންސާނާ ދޫކޮށްލައި އެ ކަންކަމުން ބަރީއަވެއެވެ. އަދި ބަދަރު ހަނގުރާމައިގައި ކަންތައްވީ ވެސް މި ފަދައިންނެވެ. ފަހެ، ނަބިއްޔާ ‌صلى الله عليه وسلم‌ އާ ދެކޮޅަށް ހަނގުރާމައަށް ނުކުތުމަށް ޤުރައިޝުންގެ ކާފިރުންނަށް ޝައިޠާނާ ޒީނަތްތެރިކޮށްދިނެވެ. އެއަށް ފަހު އެ މީހުން ދޫކޮށް އެނބުރިދިޔައެވެ. މާތް‍‍ﷲ ވަޙީކުރެއްވިއެވެ. ‌﴿وَإِذْ زَيَّنَ لَهُمْ الشَّيْطَانُ أَعْمَالَهُمْ وَقَالَ لا غَالِبَ لَكُمْ‌ الْيَوْمَ مِنْ النَّاسِ وَإِنِّي جَارٌ لَكُمْ فَلَمَّا تَرَاءَتْ الْفِئَتَانِ نَكَصَ عَلَى عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِنْكُمْ إِنِّي‌ أَرَى مَا لا تَرَوْنَ إِنِّي أَخَافُ اللَّهَ وَاللَّهُ شَدِيدُ الْعِقَابِ ﴾ ‌(سورة الأنفال: 48‌)‌ މާނައީ: "އެއުރެންގެ (ނުބައި) ‌عمل‌ ތަކަކީ، ޒީނަތްތެރި ‌عمل ތަކެއްކަމުގައި ‌شيطان‌ އާ އެއުރެންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެއުރެންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ، ދެ ‌لشكر، އެއް ބަޔަކު، އަނެއް ބަޔަކަށް ފެނިގެން އައި ހިނދު، އެކަލޭގެ ފުރަގަސްދީ ފިލާން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން، ‌اللَّه‌ އަށް ތިމަން ބިރުގަނެއެވެ. އަދި ‌اللَّه‌ އީ، ‌عقوبات‌ ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ."

ނަވާރަވަނަ: ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައި ވިޔަސް، މުނާފިޤުން އިސްލާމްދީނާއި އިސްލާމުންނަށް ނުބައި ރޭވުންތައް ރާވައި، މަކަރުހަދައި، މުއުމިނުންނަށް މަލާމާތްކޮށް، އެބައިމީހުންގެ ދީނަށް ފާޑުކިޔައި އުޅެއެވެ. މާތް‍‍ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ‌﴿إِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِمْ‌ مَرَضٌ غَرَّ هَؤُلاءِ دِينُهُمْ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَإِنَّ اللَّهَ عَزِيزٌ حَكِيمٌ﴾ ‌(سورة الأنفال: 49‌)‌‌  މާނައީ: " ‌منافق ންނާއި، އެއުރެންގެ ހިތްތަކުގައި (‌‌كفرގެ) ބަލިމަޑުކަމެއްވާ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! މިބައިމީހުންގެ (އެބަހީ: مسلم ންގެ) ‌دين އެއުރެން ހެއްލުންތެރިކޮށްފިއެވެ. އަދި ‌اللَّه‌އަށް ‌وكيل ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ‌اللَّه‌ އީ، ‌عزيز ވަންތަ، ‌حكيم‌ ވަންތަ ރަސްކަލާނގެއެވެ."

ވިހިވަނަ: މުއުމިނާގެ ހިތުގައި ތެދުވެރިކަމާއި ހެޔޮކަމަށް ލޯބިވާކަން ތަޢާލާ ދެނެވޮޑިގެންވާނަމަ، އެ މުއުމިނާއަށް އޭނާގެ މުދަލުން ހެޔޮ ބަދަލު ދެއްވައި އިތުރުކޮށްދެއްވައެވެ. ބަދުރު ހަނގުރާމައިގައި އަސީރުންގެ ތެރޭގައި ހިމެނުނު ޢައްބާސްގެފާނާއި އެކަލޭގެފާނާއެކު ވީ ބޭކަލުންގެ ޤަޟިއްޔާގައި ކަންތައްވީ މިފަދައިންނެވެ.

އިސްވެދިޔަ ފަދައިން، ޢައްބާސްގެފާނު ފިދުޔައިގެ ގޮތުގައި ދެއްވި މުދަލުގެ ބަދަލު ތަޢާލާ އެކަލޭގެފާނަށް އިތުރަށް ދެއްވިއެވެ. އަދި އާޚިރަތްދުވަހު ފާފަފުއްސެވުން ދެއްވާނެކަމުގެ ވަޢުދުފުޅު ވެސް އެ ބޭކަލުންނަށް ކުރެއްވިއެވެ. ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ‌﴿يَا أَيُّهَا النَّبِيُّ قُلْ لِمَنْ فِي أَيْدِيكُمْ مِنْ الأَسْرَى إِنْ‌ يَعْلَمْ اللَّهُ فِي قُلُوبِكُمْ خَيْراً يُؤْتِكُمْ خَيْراً مِمَّا أُخِذَ مِنْكُمْ وَيَغْفِرْ لَكُمْ وَاللَّهُ غَفُورٌ رَحِيمٌ﴾ ‌(سورة الأنفال: 70‌)‌  މާނައީ: "އޭ ނަބިއްޔާއެވެ! ތިޔަބައިމީހުންގެ އަތްދަށުގައި (ހަނގުރާމައިގައި) ހައްޔަރުވެފައިވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން ‌اللَّه‌ ދެނެވޮޑިގެންވާ ނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވި ތަކެއްޗަށް ވުރެން ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. އަދި اللَّه‌އީ، ގިނަގިނައިން ފާފަފުއްސަވާ ‌رحيم‌ ވަންތަ ރަސްކަލާނގެއެވެ."

އެކާވީސްވަނަ: ކުފުރުވުމާއި ފާފަކުރުމަކީ ނިޢުމަތްތައް އަތުލެވި، ޢަޛާބާއި އުޤޫބާތް މެދުވެރިވާ ސަބަބެކެވެ.

މާތް ނަބިއްޔާ ‌صلى الله عليه وسلم‌ އެބައިމީހުންގެ ގާތަށް ފޮނުއްވުމުން، ޤުރައިޝުން ﷲ‍‍ގެ އެ ނިޢުމަތަށް ކާފިރުވެ، އެކަލޭގެފާނު ދޮގުކޮށް ޢަދާވާތްތެރިވުމުން، ބަދުރު ހަނގުރާމައިގައި އެބައިމީހުންނަށް ޤަތުލުވުމާއި އަސީރުވުމުގެ ޢުޤޫބާތް ދެއްވިއެވެ. ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ‌﴿أَلَمْ تَرَى إِلَى الَّذِينَ بَدَّلُوا نِعْمَةَ‌ اللَّهِ كُفْراً وَأَحَلُّوا قَوْمَهُمْ دَارَ الْبَوَارِ﴾ ‌(سورة إبراهيم: 28‌)‌ މާނައީ: "‌اللَّهގެ ‌نعمة‍‍، ‌كافر‌ ކަމަށް ބަދަލުކޮށް، އެއުރެންގެ ‌قوم ހަލާކުގެ ގޮވައްޗަށްލީ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟"

އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ‌ابن عباس رضى الله عنه‌ ގެ ކިބައިން ރިވާކުރެއްވިއެވެ. ‌﴿الَّذِينَ‌ بَدَّلُوا نِعْمَةَ اللَّهِ كُفْراً﴾‌ (‌‌ﷲ‍‍ގެ ނިޢުމަތަށް ކާފިރުކަން ބަދަލުކުރި މީހުން) މި އާޔަތާ ބެހޭ ގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ. "‌‌ގަންދީ ވިދާޅުވަމެވެ. އެއީ ޤުރައިޝް ގޯތީގެ ކާފިރުންނެވެ." ޢަމްރު ވިދާޅުވިއެވެ. "އެއީ ޤުރައިޝުންނެވެ. އަދި ﷲ‍‍ގެ ނިޢުމަތަކީ މުޙައްމަދު ‌صلى الله عليه وسلم‌ އެވެ." ‌﴿وَأَحَلُّوا قَوْمَهُمْ دَارَ الْبَوَارِ﴾‌ (އަދި އެބައިމީހުންގެ ޤައުމުގެ މީހުން ހަލާކުގެ ގޮވައްޗަށް ފޮނުވިއެވެ.) ވިދާޅުވިއެވެ: "އެއީ ބަދުރު ދުވަހު ނަރަކައަށް (އެބައިމީހުން ވާޞިލުވުމެވެ)."

ބާވީސްވަނަ: ބަދުރު ހަނގުރާމައިގެ ކުރީންވެސް ޤުރައިޝުންނަށް ގިނަގުނަ ޢުޤޫބާތްތަކެއް ކުރިމަތިވިއެވެ. އެ ގޮތުން އެބައިމީހުންނަށް ތަދުމަޑުކަމާއި ނިކަމެތިކަން މެދުވެރިވެ، މުޅަތަކެތި ކައިއުޅޭ ހިސާބަށް ކަންކަން ދިޔައެވެ. ނަމަވެސް އެކަމުންވެސް އެބައިމީހުންނަށް އެއްވެސް ޢިބުރަތެއް ނުލިބުނެވެ. އަދި ބަދުރު ހަނގުރާމަ މެދުވެރިވެ، ތަޢާލާ އެބައިމީހުންގެ ކިބައިން ބޮޑުވެގެންވާ ހިއްޕެވުމަކުން ހިއްޕަވަންދެން، އެބައިމީހުން ތިބީ އެބައިމީހުންގެ ޝިރުކާއި މަގުފުރެދުމުގެ މަތީގައެވެ.

ތޭވީސްވަނަ: މުޝްރިކުންނާއި މުނާފިޤުންނާއި އިސްލާމްދީނުގެ އެ ނޫން ވެސް ޢަދާވާތްތެރީން، މުސްލިމުންނާ ހަނގުރާމަކޮށް އެބައިމީހުން ނައްތައިލުމަށާއި، އިސްލާމްދީނާއި އިސްލާމުންނަށް ޙަމަލާދިނުމަށް ރޭވުންތަކާއި މަކަރުތައް ރޭވުމުގައި އެއްވެސް ފަރުވާކުޑަކަމެއް ނުބަހައްޓައެވެ. ތަޢާލާ ވަޙީކުރައްވައިފައިވާ މި ބަސްފުޅުގައި އެ ކަމަށް އިޝާރާތްކުރައްވައިފައިވެއެވެ. ‌﴿وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ‌ إِنِ اسْتَطَاعُوا﴾ ‌(سورة البقرة: 217‌)‌  މާނައީ: "އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީ ނަމަ، ތިޔަބައިމީހުންގެ ‌دين‌ން ތިޔަބައިމީހުން ބޭރުކޮށް ‌كافر‌ކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަކުރުމުގައި އެއުރެން ފިލައިނުދާނެއެވެ."

ސައުވީސްވަނަ: ލޮބުވެތި ޞަޙާބީން ވަނީ މި ދީނަށް ޓަކައި އެ ބޭކަލުންގެ ނަފުސުތަކާއި މުދާތައް ޤުރުބާންކުރައްވައިފައެވެ. މައްކާގައި ހުރި އެ ބޭކަލުންގެ މުދާތައް ދޫކޮށްލައްވައި، އެ ބޭކަލުންގެ ދީނާއިގެން މަދީނާއަށް ހިޖުރަކުރެއްވި، އަދި ބަދުރު ހަނގުރާމައިގައި އެބޭކަލުންގެ އަމިއްލަ ނަފްސުތައް ޤުރުބާންކުރެއްވިއެވެ. އަދި ދެން ވެސް ފެނިގެންދިޔައީ ނަބިއްޔާ ‌صلى الله عليه وسلم‌ އަށް އެބޭކަލުންގެ އިންތިހާއަށް ދަތިހާލުކަން ފެނިވަޑައިގަތުމުން ކުރެއްވި ދުޢާފުޅެވެ. (اللَّهُمَّ إنَّهم حُفاةٌ فاحْمِلْهم، اللَّهُمَّ إنَّهم عُراةٌ‌ فاكْسُهم.....) ‌(أخرجه أبو داود (‌‌٢٧٤٧‌‌)، والطبراني (‌‌١٤/٧٥‌‌) (‌‌١٤٦٧٩‌‌)، والحاكم (‌‌٢٥٩٦‌‌) باختلاف يسير) މާނައީ: "ހައްދަވައިބޮޑުކުރެއްވި ރަސްކަލާނކޮ! ހަމަކަށަވަރުން އެބައިމީހުންނަކީ ބަނޑުހައިކަންމަތީގައިވާ ބަޔެކެވެ. ފަހެ އެބައިމީހުންނަށް ކާންދެއްވާންދޭވެ! އަދި އެބައިމީހުންނަކީ އުނުއޮރިޔާންވެފައިވާ ބަޔެކެވެ. ފަހެ އެބައިމީހުންނަށް އަންނައުނު ދެއްވާނދޭވެ......!" 

މާތް ތަޢާލާ ވަޙީކުރައްވައިފައިވާ އިރު ވަނީ ތެދުވާހަކަފުޅު ވަޙީކުރައްވައިފައެވެ. ‌﴿مِّنَ الْمُؤْمِنِينَ‌ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا﴾‌ (سورة الأحزاب: 23‌)‌‌ މާނައީ: "‌‌اللَّه އަށް އެއުރެން ‌عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް ‌مؤمن‌ ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (‌‌شهيد‌ ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (‌‌شهيد‌ ވުމަށް) ‌انتظار‌ ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ ‌عهد‌ އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ.

ފަންސާވީސްވަނަ: ޢަހުދުފުއްދުމަކީ މުއުމިނުންގެ ޞިފަތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ﷲ‍‍އާއި އެކަލާނގެ ރަސޫލާ ވަނީ އެކަމަށް ބާރުއަޅުއްވައިފައެވެ. ޙުޒައިފަތު އިބްނު އަލްޔަމާނީއާއި އެކަލޭގެފާނުގެ ބައްޕާފުޅު ނަބިއްޔާ صلى الله عليه وسلم‌ އަށް ދެންނެވި ހިނދު، އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށް ރީތި ނަމޫނާއެއް ދައްކަވައިފައެވެ. އެދެބޭކަލުން ދެންނެވިއެވެ. ‌حذيفة ابن اليمان رضى الله عنه‌ ވިދާޅުވެފައިވެއެވެ. (أخذنا كفار قريش‌ فقالوا: إنكم تريدون محمداً؟ فقلنا: ما نريد إلا المدينة، فأخذوا منا عهد الله وميثاقه لننصرفن إلى المدينة، ولا نقاتل معه، فأتينا‌ رسول الله -صلى الله عليه وسلم- فأخبرناه الخبر، فقال: "انصرفا، نَفِي لهم بعهدهم، ونستعين الله عليهم) ‌(أخرجه مسلم (‌‌١٧٨٧‌‌)‌ باختلاف يسير)‌ މާނައީ: "ޤުރައިޝްގެ ކާފިރުން އަޅުގަނޑުމެން ހިފަހައްޓައި ބުންޏެވެ. "ތިޔަބައިމީހުން ތިޔަދަނީ މުޙައްމަދުގެ އަރިހަށް ހެއްޔެވެ؟' އަޅުގަނޑުމެން ބުނީމެވެ. 'އަޅުގަނޑުމެން އެދެނީ މަދީނާއަށް ދިއުމަށެވެ."

ފަހެ، އަޅުގަނޑުމެން މަދީނާއަށް ދިއުމަށާއި، އެކަލޭގެފާނާއެކު ހަނގުރާމަނުކުރުމަށް އެބައިމީހުން އަޅުގަނޑުމެންގެ ކިބައިން ﷲ‍‍ގެ ޢަހުދާއި މީޘާޤު ހިފިއެވެ. ދެން އަޅުގަނޑުމެން ﷲ‍‍ގެ ރަސޫލާ ‌صلى الله عليه‌ وسلم‌ ގެ އަރިހަށް އައިސް އެޚަބަރު ދެންނެވީމެވެ." ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަދެބޭކަލުން އެނބުރި ވަޑައިގަންނަވާށެވެ! އަޅުގަނޑުމެން އެބައިމީހުންނަށް ޢަހުދު ފުއްދައިދޭނޫއެވެ. އަދި އެބައިމީހުންގެ މައްޗަށް ﷲ‍‍ގެ ޙަޟުރަތުން ވާގިއެދޭށެވެ."

ސައްބީސްވަނަ: ކާފިރުން ދުންޔަވީ ޙަޔާތުގައި ދެމިތިބުމަށް އިންތިހާއަށް ދޫކުރެއެވެ. އަދި އެ ޙަޔާތް ދެކެ އިންތިހާއަށް ލޯބިވެއެވެ. ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ‌﴿ وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَى حَيَاةٍ وَمِنْ‌ الَّذِينَ أَشْرَكُوا يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنْ الْعَذَابِ أَنْ يُعَمَّرَ وَاللَّهُ بَصِيرٌ بِمَا‌ يَعْمَلُونَ ﴾ ‌(سورة البقرة: 96‌)‌ މާނައީ: "އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك‌ ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ ‌عمر‌ ދިގުވުން އެއީ، އެމީހަކު ‌عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. ‌اللَّه‌ އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

އެހެންކަމުން، ބަދުރު ހަނގުރާމައިގައި އުމައްޔަތު ބްނު ޚަލަފާއި ޢުޤުބަތު ބްނު އަބީ މުޢައިޠު ފަދަ ކާފިރުންގެ ބައެއް މީހުން ޤަތުލުކުރެވޭނެކަމުގެ ޚަބަރު ނަބިއްޔާ ‌صلى الله عليه وسلم‌ ދެއްވުމުން، އެބައިމީހުން މަރުވެދާނެތީ ބިރުގަތެވެ. އަދި އެބައިމީހުންގެ އެކުވެރީން މަކަރުވެރި ރޭވުމެއް ރާވައިގެން މެނުވީ ހަނގުރާމައަށް ނުކުމެފައެއް ނުވެއެވެ.

ހަތާވީސްވަނަ: ކާފިރުންގެ ތެރެއިން ބައެއް މީހުންގެ ކިބައިން އިސްލާމްދީނަށާއި މުސްލިމުންނަށް ނަޞްރުދިނުމުގައި ބޮޑެތި، މައުޤިފުތަކެއް ފެނިގެންގޮސްފައިވެއެވެ. އަލްބުޚުތަރީ ބްނު ހިޝާމް އަކީ މައްކާގައި، ނަބިއްޔާ ‌صلى الله عليه وسلم‌ އަށް އުނދަގޫކުރުމުން ދުރުހެލިވި މީހެކެވެ. ކީރިތި ރަސޫލާއަށް އެއްވެސް އުނދަގުލެއް ނުކުރެއެވެ. އަދި އެކަލޭގެފާނު ރުހިވަޑައިނުގަންނަވާ ކަމެއް އޭނާގެ ކިބައިން ފެނިފައެއް ނުވެއެވެ. އަދި ޤުރައިޝުން، ބަނީ ހާޝިމް ވަންހައާއި ބަނީ އަލްމުއްޠަލިބު ވަންހައާ ދެކޮޅަށް ލިޔުނު (ބޮއިކޮޓްކުރުމުގެ) ޞަޙީފާ އުވާލުމަށް މަސައްކަތްކުރި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އަދި އަލްމުޠުޢިމް ބްނު ޢަދިއްޔު ވެސް ފާހަގަކޮށްލެވެއެވެ. ނަބިއްޔާ ‌صلى الله عليه وسلم‌ ޠާއިފުން އެނބުރި ވަޑައިގެން މައްކާއަށް ވެދެވަޑައިގަތީ އޭނާގެ ރައްކާތެރިކަމުގެ (ޙިމާޔަތުގެ) ދަށުގައެވެ.

އަށާވީސްވަނަ: އުފާވެރި ޚަބަރު ދިނުމަށްޓަކައި ޚަބަރުއުފުލާ މީހަކު ފޮނުވުމަކީ ސުންނަތެކެވެ. ބަދުރު ހަނގުރާމައިގައި ނަބިއްޔާ ‌صلى الله عليه وسلم‌ އަށް ނަޞްރު ލިބިވަޑައިގަތުމަށްފަހު، މީސްތަކުންނަށް އެ ނަޞްރުގެ އުފާވެރި ޚަބަރު ދެއްވުމަށްޓަކައި ‌عبد الله بن رواحة އާއި ‌زيد بن حارثة‌ ފޮނުއްވިއެވެ.

ނަވާވީސްވަނަ: މާތް ތަޢާލާގެ ޙިކުމަތްފުޅުގެ ތެރެއިން، މުސްލިމުންގެ އަތްމަތީން (ހަނގުރާމައިގައި) ޤަތުލުކުރެވުމާއި އަސީރުކުރެވުމުގެ މެދުވެރިކޮށް ކާފިރުން ނިކަމެތިކުރައްވައެވެ. ބަދުރު ހަނގުރާމައިގައި ކަންތައްވީ އެ ފަދައިންނެވެ. އެ ހަނގުރާމައިގައި މުޝްރިކުންގެ ތެރެއިން ހަތްދިހަ މީހުން މަރައި، އަދި ހަތްދިހަ މީހުން އަސީރުކުރެވުނެވެ. ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ‌﴿ قَاتِلُوهُمْ يُعَذِّبْهُمْ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ‌ وَيَنْصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُؤْمِنِينَ ﴾ ‌(سورة التوبة: 14‌) މާނައީ: "ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން ‌اللَّه‌ އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން ‌عذاب‌ ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެއުރެންގެ މައްޗަށް ‌نصر‌ ދެއްވާނެތެވެ. އަދި مؤمن‌ ބަޔެއްގެ ހިތްތަކަށް شفاء‌ ދެއްވާނެތެވެ."

ތިރީސްވަނަ: މަކަރުހެދުމާއި ޚިޔާނާތްތެރިވުމަކީ ކާފިރުންގެ ޞިފަތަކުގެ ތެރެއިންވާ ކަމެކެވެ. ބިއުރު މަޢޫނާ ގެ ޙާދިޘާގައި އައިސްފައިވަނީ އެފަދައިންނެވެ. ފަހެ، އެ ކާފިރުން ޞަޙާބީން އަމާންކަންދިނުމަށް ފަހު، އެ ބޭކަލުންގެ މައްޗަށް ބާރުފޯރުވޭވަރުވުމުން އެބޭކަލުންނަށް މަކަރުހަދައި ޚިޔާނާތްތެރިވިއެވެ. އަދި ޒައިދު ބްނު ދަޘިނާ އާއި ޚުބައިބު ބްނު ޢަދިއްޔު (މައްކާގެ މުޝްރިކުންނަށް) ވިއްކައިލިއެވެ. އެއީ އެ ދެބޭކަލުން ބަދުރު ހަނގުރާމައިގައި ޤުރައިޝުންގެ ބައެއް ވެރީން ޤަތުލުކުރައްވައިފައިވާތީއެވެ. (ނިމުނީ)

ކޮމެންޓު