ad_banner
ޢަލީގެފާނުގެ "ނޫން" ބަސްފުޅުތަކުން ބާޤައެއް

އޒ. އިބްރާހީމް ރަޝީދު މޫސާ

7 ސެޕްޓެންބަރު 2026

1-            ބަޣާވަތާއެކު ކާމިޔާބެއް ނުވެތެވެ.

2-            ބަދަލުހިފުމާއެކު ސާހިބުވަންތަކަމެއް ނުވެތެވެ.

3-            ބޮޑާކަމާއެކު ސަނާއެއް ނުވެތެވެ.

4-            ދަހިވެތިކަމާއެކު ހެޔޮވަންތަކަމެއް ނުވެތެވެ.

5-            ދޮގުވެރިކަމާއެކު މުރޫއަތްތެރިކަމެއް ނުވެތެވެ.

6-            ދެބަނޑަށް ކެއިމުގައި ދުޅަހެޔޮކަމެއް ނުވެތެވެ.

7-            ޙަސަދަވެރިކަމާއެކު ރާހަތެއް ނުވެތެވެ.

8-            އަދަބުކުޑަކަމާއެކު ޝަރަފެއް ނުވެތެވެ.

9-            އަރާރުންވުމާއެކު ލޯތްބެއް ނުވެތެވެ.

10-        މަޝްވަރާއާ ނުލައި ރަނގަޅު ގޮތެއް ނުވެތެވެ.

11-        ފޫހިވެރިކަމާއެކު ވަފާތެރިކަމެއް ނުވެތެވެ.

12-        ވިސްނުންކޮށިކަމަށް ވުރެ ބުރަ ބައްޔެއް ނުވެތެވެ.

13-        ޖާހިލުކަމަށް ވުރެ ބަރު ބަލިމަޑުކަމެއް ނުވެތެވެ.

14-        އިސްލާމްކަމަށް ވުރެ މަތިވެރި ޝަރަފެއް ނުވެތެވެ.

15-        ވަރަޢުވެރިކަމަށް ވުރެ ރައްކައުތެރިކަން ބޮޑު ކިއްލާއެއް ނުވެތެވެ.

16-        ތައުބާއަށް ވުރެ ކާމިޔާބުވެރި ޝަފާޢަތްތެރިއަކު ނުވެތެވެ.[1]

ބަސްފުޅުތަކަށް ބަލައިލުން

އިންސާނީ ނަފުސު ފަރުމާކުރުމަށާއި އިންސާނީ ގުޅުންތަކަށް ބަލާއިރު ޢަލީ ބުނު އަބޫ ޠާލިބުގެފާނުގެ މި ބަސްފުޅުތަކަކީ ހައިރާންކަމުގެ އަނދިރިތައް  ފޫއަޅުވައިލާ އަލީގެ ލަންޓަންތަކެކެވެ.ނަފުސާނީ ބަލިތަކުގެ ސުންޕާކަމުން ބޭރަށް ނުކުމެވޭނެ މަގުތަކެކެވެ.

 ޢިބާރާތްތައް ކުރު މާނަތައް ފުން މި ޙިކަމްތެރި ބަސްފުޅުތަކަކީ ހުރިހާ ޒަމާނަކަށް މުނާސަބު ބަސްފުޅުތަކެކެވެ. މިއީ އިންސާނީ ތަޖްރިބާތަކުގެ ފުން ކަނޑުން ނަންގަވައިފައިވާ މުތީތަކެކެވެ.ވަކި ފަރާތަކަށް ބުރަވެފައިނުވާ ނަފުސާނީ ޤާނޫނުތަކެކެވެ.  

ނަފީގެ އުސްލޫބުން ޢަލީގެފާނު ވިދާޅުވެފައިވާ މި ބަސްފުޅުތަކުގައި ވަނީ ( ނޫން .. އެކުގައި ) އެވެ. އެކަލޭގެފާނު އަޅުގަނޑުމެން މި ގެންދަވަނީ "ވުޖޫދީ ނަފީ " ގެ ޤާނޫނަށެވެ.މި ދެ ކަންތައް އެއް ވަގުތެއްގައި އެއް ހިތެއްގައި ޖަމާއެއް  ނުވާނެތެވެ. އޭގެ ތެރެއިން އެއް ކަމެއް ބިނާކުރުމަކީ އަނެއް ކަމެއް މުގުރައިލުމެވެ.

އިންސާނީ ޒަޢާމަތާއި މަތިވެރިކަމުގެ ޝަރުޠުތައް

މާތް ﷲ ރުއްސުންލެއްވި ހަތަރުވަނަ ޚަލީފާ  ޢަލީގެފާނު  ފުރަތަމަ ކަލިމަފުޅުތަކުގައި އިރްޝާދު މި ދެއްވަނީ މަޤާމާއި އިޙްތިރާމާއި ގަދަރު ހޯދާން މަސައްކަތްކުރާ މީހުންނަށެވެ. ގިނަ ބަޔަކު ހީކުރާގޮތުގައި ނަޞްރާއި ކާމިޔާބު ލިބޭނީ ބާރާއި އާރުންނެވެ. އެހެނަސް އިންސާނީ މާދަލާ މި ބުނަނީ (( ބަޣާވަތާއެކު ކާމިޔާބެއް ނުވެތެވެ.)) އަނިޔާވެރިކަމުގެ މަތިގައި ޤާއިމުވެފައިވާ ނަޞްރަކީ ފަސްކޮށްލެވިފައިވާ ނާކާމިޔާބެކެވެ. އޭގެ ވެރިޔާއަށް އެކަމުގެ މަލާމާތް ރައްދުވާނެ ކަމެކެވެ.

އިޖްތިމާޢީ ހައިބަތާއި ގަދަރާއި ޝަރަފާ ދިމާއަށް އެނބުރިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ((ބަދަލުހިފުމާއެކު ސާހިބުވަންތަކަމެއް ނުވެތެވެ.))  އަދި (ބޮޑާކަމާއެކު ސަނާއެއް ނުވެތެވެ. ))  މުޖްތަމަޢުގައި ޙަޤީޤީ ހައިބަތާއި ސާހިބުކަން ލިބޭނީ މާފުކުރުމާއި ރަޙްމުކުރުމާއެކުގައެވެ. ބޮޑާކަން އެއްފަރާތްކޮށްގެންނެވެ.  ބަދަލުހިފުމުގެ ރޫޙަކީ ނީހަވެރިކަމުގެ ހާއްޔެކެވެ. ބޮޑާ މީހަކަށް ތެދުވެރި ސަނާއެއް ނުލިބޭނެތެވެ. ކިބުރުވެރިކަމަކީ ލޯތްބަށް ހުރަސްއަޅައި ގަދަ ފާރެކެވެ. ބައެއް މީހުން ބިރުން ކިޔަމަންގަތްފާނެއެވެ. އެހެނަސް ބޮޑާމީހާއަށް ދާއިމީ ސަނާއެއް ނުލިބޭނެތެވެ.

އަޚްލާޤުގެ އާފަތާއި ގުޅުންތައް ކަތިލުން

އެއަށްފަހު ޢަލީގެފާނު ޝަރަޙަކޮށްދެއްވައިފައި މި ވަނީ ދެމެދުގެ ގުޅުންތަކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގައި އިންސާނީ ގުޅުންތަކުގެ ހަށިގަނޑު މަރައިލާ ސިފަތަކެއް ހާމަކުރައްވައިފައި ވެއެވެ.

އެކަލޭގެފާނު ވިދާޅުވަނީ (ދަހިވެތިކަމާއެކު ހެޔޮވަންތަކަމެއް ނެތެވެ.) ހެޔޮވަންތަކަމަކީ ހެޔޮ ނިޔަތެއްނޫނެވެ. އެހެނެއްކަމަކު އެއީ އަބަދާއަބަދު އޮހިގެން ފައިބާ ހެޔޮކަމެކެވެ. އަޅައިލުމެކެވެ. އަތާއި ހިތުގައި ދަހިވެތިކަން ވަކިހިއްޕައިލައިފިނަމަ ހެޔޮވަންތަކަމުގެ އާރު ހިނދިގެން ހިނގައި ދާނެއެވެ. އެ ހިސާބުން އިންސާނިއްޔަތުކަން ހަނަފަސްކަމަކަށް ބަދަލުވެދާނެއެވެ.

ދެން ވިދާޅުވަނީ (ދޮގުވެރިކަމާއެކު މުރޫއަތްތެރިކަމެއް ނުވެތެވެ.) ދޮގުވެރިކަމަކީ އިތުބާރު ކަތިލާ ކަމެކެވެ. މުރޫއަތްތެރިކަމުގެ ބިންގަލަކީ އިތުބާރެވެ.

ދެން ވިދާޅުވަނީ (ފޫހިވެރިކަމާ އެކު ވަފާތެރިކަމެއް ނެތެވެ.) ވަފާތެރިކަމަށް ސާބިތުކަން ބޭނުންވާތީއެވެ. ފޫހިވުމަކީ ހާލަތު ބަދަލުކޮށްލާނެ ކަމެކެވެ. އެއްވެސް ކަމެއްގައި އޭނާ ސާބިތުވެ ނުހުންނާނެތެވެ. އޭނާގެ ގާތުގައި އެއްވެސް ރަޙްމަތްތެރިއަކު  އަމާންކަމާއެކު ދެމިނުހުންނާނެތެވެ.  އޭނާގެ ހިތުގައި އެއްވެސް އުސޫލެއް ހަރުލައިފައެއް ނުއޮންނާނެތެވެ.

ދެން އެކަލޭގެފާނު ވިދާޅުވަނީ (އަރާރުންވުމާއެކު ލޯތްބެއް ނުވެތެވެ.) އަރައިރުންވުމަކީ ޢިބާދާތުތައް ވެސް ޞައްޙަކަމުން އެއްކިބާކުރާ ކަމެކެވެ. ބޭކާރު އަރައިރުންތަކަކީ އެންމެ ރީތި ބުސްތާނުތައް އަންދައި އަޅިއަށްހަދާ ކަމެކެވެ. ލޯބި ހެދިބޮޑުވަނީ އަޑުއެހުމާއި ދެނެގަތުމުގެ މައިދާންތަކުގައެވެ. އަރައިރުމުގެ އިސްޓޭޖުތަކުގެ މަތީގައި ލޯބި ވަޅޯވެގެން ވެއްޓިގެންދާނެއެވެ.

ދެން ވިދާޅުވަނީ (އަދަބުކުޑަކަމާ އެކު ޝަރަފެއް ނުވެތެވެ.) އެހެނީ ޝަރަފަކީ ވާރުތަވެގެން ލިބޭ  އެއްޗެއް ނޫނެވެ. އެއީ ވަޒީފާގެ ތެރެއިން ޙާޞިލުކުރެވޭ މަޤާމެއް ވެސް ނޫނެވެ. އެއީ މަތިވެރި އަދަބުގެ ރިދާއެކެވެ. އަދަބުކުޑަވުމަކީ އެންމެ މާތް ނަސަބު ވެސް ކިލަނބުކޮށްފާނެ ކަމެކެވެ.

ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން

މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ ނަސޭހަތްޕުޅުތަކުގެ (ނޫންތަކުގެ) ތެރޭގައި ރާހަތަށާއި ދުޅަހެޔޮކަމަށް ޓަކައި ރަން ދެ ގަވާއިދެއް ޤާއިމުކޮށްދެއްވައިފައިވެއެވެ.

ފުރަތަމަ ގަވައިދަކީ (ދެ  ބަނނޑަށް ކެއުމުގައި ދުޅަހެޔޮކަމެއް ނެތެވެ.) މިއީ ކެއިންބުއިން ގިނަ ޒަމާނަކަށް ވަރަށް ރަނގަޅު ނަސޭހަތެކެވެ. މި ޒަމާނަކީ ތިން އިރަށް ވުރެ ގިނައިރު ކާ ޒަމާނެވެ. އިރުކޮޅުކޮޅާ ސަޔަށް ކޮފީއަށް ދާ ޒަމާނެކެވެ. މި ގޮތަށް ބަނޑުފުރަމުންދާ ނަމަ ބަނޑަށް އަރާމެއް ނުލިބޭނެތެވެ. ދެބަނޑަށް ކެއުމަކީ އަމިއްލަ ނަފުސު އަޅުވެތިކުރުމެވެ. ދުޅަހެޔޮކަމަކީ މެދުމިނަށް ކައިބޮއިހަދާ މީހުންނަށް ލިބޭ ތާޖެކެވެ.   

ދެވަނަ ގަވައިދަކީ (ޙަސަދަވެރިކަމާއެކު ރާހަތެއް ނުވެތެވެ.) ހަސަދަވެރިޔާއަކީ އޭނާގެ އަމިއްލަ ދެ އަތުން ހަދައިފައިވާ ޖަލެއްގެ ތެރޭގައި އުޅޭ މީހެކެވެ. އޭނާގެ ބާއްޖަވެރިކަން އެހެން މީހުންނަށް ﷲ ތަޢާލާ ދެއްވާ ނިޢުމަތްތައް ނެތިގެން ދިޔުމާ ގުޅުވައިފައިވާ  މީހާއަށް ލިބޭނީ ކޮން ރާހަތެއްހެއްޔެވެ؟

ވިސްނުމާއި ޖާހިލުކަން

އިންސާނިއްޔަތަށް ޖެހޭ އެންމެ ނުރައްކާތެރި ބަލިތައް ބަޔާންކޮށް ދެއްވަމުން މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ހާމަކުރެއްވި ގޮތުގައި އެއީ ހޭލުންތެރިކަން އޮއްސިގެންދިޔުމާއި ފިކުރު ފާސިދުވުމެވެ. ހަށިގަނޑަށް ޖެހޭ ބަލިތަކަށް ވުރެ މި ބަލިތަކުގެ ބިރުވެރިކަން މާ ބޮޑެވެ. އެކަލޭގެފާނު ވިދާޅުވަނީ (ޖާހިލުކަމަށް ވުރެ ބަރު ބަލިމަޑުކަމެއް ނުވެތެވެ. ވިސްނުންކޮށިކަމަށް ވުރެ ބުރަ ބައްޔެއް ނުވެތެވެ.) 

ޖާހިލުކަމަކީ މަޢުލޫމާތު ނެތުމެއްނޫނެވެ. އެއީ ފިކުރީ ކަނުކަމެވެ. ޖާހިލު މިހާއަށް ބަލިމަޑުކަމުގެ ސަބަބު ނޭނގޭތީ އޭނާއަށް ފަރުވާއެއް ނުދެވޭނެތެވެ. ވިސްނުންކޮށިކަމަކީ ފުރާނައަށް ޖެހޭ އަނަރޫފަ ކަމެކެވެ. މި ބަލީގެ ސަބަބުން އޭނާ އަނަރޫފަވަމުންދާ ގޮތަށް އޭނާގެ ވަށައިގެން އުޅޭމީހުން ވެސް ވިސްނުންކޮށިވަމުންދާނެއެވެ. ފިކުރީ މި ގަނޑުބަޑުކަމާ ކުރިމަތިލެވޭނީ މަޝްވަރާއިންނެވެ. އެކަލޭގެފާނު ވިދާޅުވަނީ (މަޝްވަރާއާ ނުލައި ރަނގަޅު ގޮތެއް ނުވެތެވެ.) ރަނގަޅު ގޮތް ފެންނާނީ މަޝްވަރާކޮށްގެންނެވެ. ފަރްދީ ވިސްނުމަށް އަލިކަން ލިބޭނީ އެހެން މީހުންގެ ވިސްނުމުން އެއަށް ރިވެލިކޮށްގެންނެވެ. ތިމާގެ އަމިއްލަ ރައުޔުގައި ޚުދުމުޚްތާރުވުމަކީ ކުށުގެ އުލަށް ފޭހުމެވެ.

ރޫޙާނީ ބޮޑެތި ކޯއްޓޭތައް

1-     ޢަލީ ބުނު އަބޫ ޠާލިބު – كَرَّمَ اللهُ وَجَهَه- ގެ ޙިކުމަތްތެރި މި ހާރުގެ އެންމެ ފަށުވި ބޮޅުތަކަކީ މަތިވެރި ރޫޙާނީ މަރުޖާތަކެވެ. އެއީ އިންސާނާއަށް އޭނާގެ އެތެރެ ހަށީގެ އަމާންކަން ގެނެސްދޭ ކަނާދުކޮޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (އިސްލާމްކަމަށް ވުރެ މަތިވެރި ޝަރަފެއް ނުވެތެވެ.) ﷲ ތަޢާލާއަށް ބޯލެނބުމާއި ޙައްޤާއި ޢަދާލަތުގެ ގިޔަމަށް ތަބާވުމަކީ އިންސާނީ މިނިވަންކަމުގެ ކުންނުއެވެ.

2-     މި މޭރުމުން ދެން ވިދާޅުވަނީ (ވަރަޢުވެރިކަމަށް ވުރެ ރައްކައުތެރިކަން ބޮޑު ކިއްލާއެއް ނުވެތެވެ.) އިންސާނާ އަނދަވަޅަށް ވެއްޓުމުން ރައްކައުތެރިކޮށްދޭ ޙަޤީޤީ އައްޑަނައަކީ ތަޤްވާވެރިކަމުން ޙިމާޔަތް ލިބިގަތުމެވެ.

3-     ދެން ވިދާޅުވަނީ (ތައުބާއަށް ވުރެ ކާމިޔާބުވެރި ޝަފާޢަތްތެރިއަކު ނުވެތެއެވެ.) ކުށަށް އިޢުތިރާފުވުމާއި ކުށަށް އެނބުރިނުދިޔުމަށް ޢަޒްމު ކަނޑައެޅުމަކީ އުންމީދުގެ ދޮރޯށި ހުޅުވާދޭ ކަންކަމެވެ. ތައުބާއަކީ އިންސާނާގެ މާޒީގެ ކުށްތައް ދޮވެދޭ އޯމޯއެވެ. އެއީ އޭނާގެ ފުރާނަ އަލުން އުފަންކުރުވާ ބާރެވެ. އެއީ އެންމެ ކާމިޔާބު ޝަފާޢަތްތެރިޔާއެވެ.

ޢަލީގެފާނުގެ - t - މި ޙިކުމަތްތެރި ބަސްފުޅުތަކަކީ އިންސާނާގެ ނަފުސު އޮޕަރޭޝަންކޮށްދޭ ތަޖްރިބާކާރެއްގެ ބަސްފުޅުތަކެކެވެ. ހަށިގަނޑު ހުރިހާ ވަސްވާސްތަކުންނާއި ރޯގާތަކުން ބޭރަށް ނެރެދީ އޭނާއަށް އަވަސް ފަރުވާތަކެއް ލިބިދޭ ބޭސްތަކެކެވެ. އެއީ އިންސާނީ މަތިވެރި ވިންދަކަށް އިންސާނާ  ގެންގޮސްދޭނެ ޞަރީހަ ގޮވައިލުންތަކެކެވެ. މި ނަސޭހަތްތަކަށް ތަބާވާ މީހާ ނާގެ ޒާތާއެކު ޞުލްޙަވެރިކަމާއެކު އުޅެމުން އޭނާގެ މުޖްތަމަޢާ އެކު ސަމާޙަތުގެ ޢުންޞުރުތަކުން މުޢާމަލާތުކުރާނެއެވެ. އޭނާގެ ހެޔޮވިސްނުމުން ރައްކައުތެރިކަން ހޯދަމުން ﷲ ތަޢާލާގެ ހިދާޔަތުން ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރާނެއެވެ.



[1] - ޢަލީގެފާނުގެ ނަހްޖުލްބަލާޣަތި ބައްލަވާ!

ކޮމެންޓު