ޑރ. މޫސާ އަންވަރު ޙަސަން
7 ސެޕްޓެންބަރު 2026
ފުރަތަމަ: މުއުމިނުންނަށް ވަފާތެރިވުމުގައާއި، ކާފިރުންނާ ދެކޮޅުވެރިވުމުގައި އަޞްޙާބު ބޭކަލުންގެ އިޚުލާޞްތެރިކަމެވެ. މިކަން ބަދުރު ހަނގުރާމައިގައި ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. އެގޮތުން ޢުމަރުގެފާނުއެކަލޭގެފާނުގެ މާބެ، العاص بن هشام بن المغيرة ޤަތުލުކުރެއްވިއެވެ. އަދި އޭނާއާ ދެމެދު އޮތް ތިމާގެކަމުގެ ގުޅުމަކަށް އެކަލޭގެފާނު ބައްލަވައެއް ނުލައްވައެވެ. ހަމައެފަދައިން އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ދަރިކަލުން عبد الرحمن ޤަތުލުކުރެއްވުމަށް ޤަޞްދުކުރެއްވިއެވެ. އަދި ޙަމްޒަތުގެފާނާއި، ޢަލީގެފާނާއި، ޢުބައިދާ ބިން އަލްޙާރިޘް އެބޭކަލުންގެ ބޮޑުބޭބެގެ ދަރިން ކަމުގައިވާ ޢުތުބާ އާއި، ޝައިބާ އަދި އަލްވަލީދު ބްނު ޢުތުބާ، ކުރިމަތިލުމުގެ މަރުޙަލާގައި (މުބާރަޒާގައި) ޤަތުލުކުރެއްވިއެވެ. މިއާ ގުޅޭގޮތުން މާތްﷲ ވަނީ މި ފަދައިން ވަޙީކުރައްވައިފައެވެ: ﴿ لا تَجِدُ قَوْماً يُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَئِكَ كَتَبَ فِي قُلُوبِهِمْ الإِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ أُوْلَئِكَ حِزْبُ اللّـهِ أَلا إِنَّ حِزْبَ اللَّهِ هُمْ الْمُفْلِحُونَ ﴾ (سورة المجادلة: 22) މާނައީ: "اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعةގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ.
ދެވަނަ: މުއުމިނުންނަށް މުހިންމު ޙަޤީޤަތެއް ﷲ ތަޢާލާ ހަނދުމަކޮށްދެއްވިއެވެ. އެއީ، ކޮންމެފަދަ ޙާލަތެއްގައި ނުވަތަ ދަނޑިވަޅެއްގައި ވީނަމަވެސް، ހަމައެކަނި ދީނީ ތަޞައްވުރެއްގެ މައްޗަށް ބިނާވެފައިވާ އެބައިމީހުންގެ ބޮޑެތި މައްސަލަތަކާ މެދު ގޮތް ނިންމުމުގައި، މުދަލަށް އޮންނަ ލޯބި އެމީހުންގެ މައްޗަށް ގަދަވެގަނެ، ގޮތް ނިންމުމުގެ ބާރު ފޭރިގަތަ ނުދިނުމެވެ. އެހެންކަމުން، ފަޤީރުކަމާއި ދަތި އުނދަގޫ ޙާލަތުގައިވެސް، ޣަނީމާ މުދަލާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއި އަދި ހަނގުރާމައިގެ އަސީރުންގެ މައްސަލަ، ﷲ ތަޢާލާ ވަނީ ވަރަށް ފުރިހަމަ ތަރުބަވީ އުޞޫލުތަކަކުން އިޞްލާޙުކޮށްދެއްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ފަދައިންނެވެ. ﴿ يَسْأَلُونَكَ عَنْ الأَنْفَالِ قُلْ الأَنْفَالُ لِلَّهِ وَالرَّسُولِ فَاتَّقُوا اللَّهَ وَأَصْلِحُوا ذَاتَ بَيْنِكُمْ وَأَطِيعُوا اللَّهَ وَرَسُولَهُ إِنْ كُنتُمْ مُؤْمِنِينَ ﴾ (سورة الأنفال: 1) މާނައީ: "غنيمة މުދަލާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! غنيمة މުދާ ވަނީ، اللَّه އަށާއި، رسول އާއަށެވެ. ފަހެ، اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް إصلاح ކުރާށެވެ! އަދި ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ!" އަދި އެކަލާނގެ ވަޙީ ކުރައްވައިފައިވާ ﴿ مَا كَانَ لِنَبِيٍّ أَنْ يَكُونَ لَهُ أَسْرَى حَتَّى يُثْخِنَ فِي الأَرْضِ تُرِيدُونَ عَرَضَ الدُّنْيَا وَاللَّهُ يُرِيدُ الآخِرَةَ وَاللَّهُ عَزِيزٌ حَكِيمٌ ﴾ (سورة الأنفال: 67) މާނައީ: "(ހަނގުރާމައިގެ) ބިމުގައި (عدوّ ންގެ މެދުގައި) قتل ގިނަވެއްޖައުމަށް ދާނދެން (އެބަހީ: مسلم ން ގަދަވެ قتلވެވޭ عدوّ ންގެ عدد ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށްދާނދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއްނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. اللَّه އިރާދަކުރައްވަނީ، آخرةއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ."
ތިންވަނަ، ދުޝްމަނުންގެ މައްޗަށް ނަޞްރާއި ކާމިޔާބީ ހޯދުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ދުޢާކުރުން ކަމުގައި ވުމެވެ. މިކަމާ ގުޅޭގޮތުން މާތްﷲ ވަޙީކުރައްވައިފައިވެއެވެ ﴿ إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنْ الْمَلائِكَةِ مُرْدِفِينَ ﴾ (سورة الأنفال: 9) މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ." އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ. ﴿ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِي إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴾ (سورة البقرة: 186) މާނައީ: "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކޮންމެ ފަދަ ބޮޑު ދަތިކަމެއް ނުވަތަ އުނދަގުލެއް ކުރިމަތިވިކަމުގައި ވިޔަސް، އެކަލޭގެފާނު އަބަދުވެސް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވައި، އެކަލާނގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައެވެ. ބަދުރު ހަނގުރާމައިގެ ދުވަހު ކަންހިނގާދިޔަ ގޮތަކީ މީގެ ފާހަގަކޮށްލެވޭ މިސާލެކެވެ.
ހަތަރުވަނަ: އީމާންކަމާއި ހެޔޮ އަމަލުތަކަކީ ނަސްރާއި ކާމިޔާބީ ލިބުމަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން، މާތް ﷲ ވަނީ ކީރިތި ޤުރްއާނުގެ އެކި އާޔަތްތަކުގައި، ހެޔޮލަފާ މުއުމިނުންނަށް ނަސްރު ދެއްވާނެކަމުގެ ވަޢުދުފުޅު ދެއްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿ إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الأَشْهَادُ ﴾ (سورة غافر: 51) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول ންނަށާއި، إيمان ވި މީހުންނަށް، ދުނިޔޭގެ حياة ގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامة ދުވަހުގައި) نصر ދެއްވާހުށީމެވެ."
ފަސްވަނަ، މާތް ﷲ އަށް ވަކީލުކުރުމަކީ ނަޞްރާއި ކާމިޔާބީ ލިބުމުގެ އެންމެ މުހިންމު އެއް ސަބަބު ކަމުގައި ވުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿ إِنْ يَنْصُرْكُمْ اللَّهُ فَلا غَالِبَ لَكُمْ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ وَعَلَى اللَّهِ فَلْيَتَوَكَّلْ الْمُؤْمِنُونَ ﴾ (سورة آل عمران: 160) މާނައީ: " اللَّه ތިޔަބައިމީހުންނަށް نصر ދެއްވާ ނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާ ނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް نصر ދޭނީ ފަހެ، ކާކުހެއްޔެވެ؟ އަދި، ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ!" އަދި ބަދުރު ހަނގުރާމައިގައި ކަންތައްވީ ވެސް މި ފަދައިންނެވެ.ޞަޙާބީންގެ ޢަދަދާއި ހަތިޔާރު އެބޭކަލުންގެ ޢަދާވާތްތެރިންނާ އަޅާބަލާއިރު މަދުކަމުގައިވީ ނަމަވެސް، އެބޭކަލުން މާތްﷲ އަށް ވަކީލުކުރެއްވިއެވެ. އަދި ހަނގުރާމަކުރެއްވިއެވެ. ފަހެ، މާތްﷲ އެބޭކަލުންނަށް ނަޞްރުދެއްވިއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿ وَلَقَدْ نَصَرَكُمْ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ ﴾ (سورة آل عمران: 123) މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށް ޓަކައެވެ."
ހަވަނަ: ޖިހާދަކީ އެންމެ ހެޔޮކަންބޮޑު ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެއީ ދީނުގެ އެންމެ އުސް ކުރިބޯއްޓެވެ. އެއީ މާތްﷲގެ ކަލިމަފުޅު މަތިވެރިކުރުމާއި، އެކަލާނގެ ދީނަށް ނަޞްރުދިނުމާއި، މީސްތަކުން އެކަލާނގެ މަގުން އެއްކިބާކޮށް އެމަގަށް ހުރަސްއަޅާ އަނިޔާވެރިންނާއި މުނާފިޤުންގެ ނުފޫޒު ކަނޑުވައިލުން އެ ކަމުގެ މައްޗަށް ތަރުތީބުވާތީއެވެ. އަދި އަޅުތަކުން ޝިރުކުގެ އަނދިރިކަމުން ތައުޙީދުގެ އަލިކަމަށް ނެރުން އެކަމުގެ މައްޗަށް ތަރުތީބުވެގެންވާތީއެވެ.
ހަތްވަނަ: މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމުގައި ދެމިތިބުމާއި، އުރެދުންތަކާ ދުރުހެލިވުމާއި، ދެބަސްވެ ތަޅާފޮޅުން ދޫކޮށްލުމަކީ ނަޞްރު ލިބުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. އެހެންކަމުން، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ޞަޙާބީންނަށް އިރުޝާދު ދެއްވަނީ އެކަލޭގެފާނު އެކަމެއްގެ ޚަބަރު ދެއްވައިފުމަށް ދާންދެން އެއްވެސް ކަމެއް ނުކުރުމަށެވެ. ޢުމައިރު ބުނުލްޙުމާމްގެ ޙަދީޘްގައިވާ ފަދައިންނެވެ. "ތިމަންކަލޭގެފާނު (އެކަމެއްގެ) ކުރީގައި ހުންނަވައިފުމަށް ދާންދެން، ތިޔައިން އެކަކުވެސް އެއްވެސް ކަމަކަށް އިސްނުވާހުއްޓާށެވެ." އަދި ޞަޙާބީން ނަބިއްޔާ صلى الله عليه وسلم ގެ އަމުރުފުޅުތަކަށް ކިޔަމަންވެވަޑައިގެން، އެ ކަން ތަންފީޛުކުރައްވައެވެ.
އަށްވަނަ: ވެރިޔާއަށް ނުވަތަ ލީޑަރަށް ކިޔަމަންތެރިވުމުގައި ދެމިތިބުމާއި، އެކަލޭގެފާނާ ޚިލާފުނުވުމަކީ ނަޞްރު ލިބުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ބަދަރު ހަނގުރާމައިގައި ކަންތައްވީވެސް މިފަދައިންނެވެ. ހަމަކަށަވަރުން މުޙައްމަދު صلى الله عليه وسلمއަކީ ރަސޫލާއެވެ. އަދި އެކަލޭގެފާނަކީ ލީޑަރެވެ. އިސްވެ ދެންނެވުނު ފަދައިން، އެކަލޭގެފާނު އަމުރުކުރައްވާ ކަންކަމުގައި އެބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައިގަތެވެ.
ނުވަވަނަ: ޚިލާފުވުމާއި ދެބަސްވުމަކީ ޢަދާވާތްތެރިންގެ ކުރިމަތީގައި ނިކަމެތިވެ، ބަލިވުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ބަދަރު ހަނގުރާމައިގައި ކަންތައްވީވެސް މިފަދައިންނެވެ. ހަނގުރާމަ ފެށުމުގެ ކުރިން މުޝްރިކުންގެ ލީޑަރުންގެ މެދުގައި ޚިލާފުތަކެއް އުފެދުނެވެ. އެކަން ދިމާވީ (އެ މީހުންގެ) ޢަޒުމާއި ހިތްވަރު އެލި، ނަތީޖާއެއްގެ ގޮތުން ބަލިވުމުގެ ސަބަބަކަށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿ وَأَطِيعُوا اللَّهَ وَرَسُولَهُ وَلا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللَّهَ مَعَ الصَّابِرِينَ ﴾ (سورة الأنفال: 46) މާނައީ: "އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުންނުވާށެވެ! (ދެބަސްވެ އަރައިރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."
ދިހަވަނަ: އައުސް ގަބީލާއާއި ޚަޒްރަޖު ގަބީލާގެ އަންޞާރީންގެ މެދުގައި އޮތް ޢަދާވާތްތެރިކަމާއި ޙަސަދަވެރިކަން، ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ވަޑައިގަތުމާއެކު ނެތިގެންދިޔައެވެ. ފަހެ، އެބޭކަލުން މުޝްރިކުންނާއި ޔަހޫދީންނާ ދެކޮޅަށް އެކަތިގަނޑަކަށް ވެވަޑައިގެންނެވިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿ وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنفَقْتَ مَا فِي الأَرْضِ جَمِيعاً مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللَّهَ أَلَّفَ بَيْنَهُمْ إِنَّهُ عَزِيزٌ حَكِيمٌ ﴾ (سورة الأنفال: 63) މާނައީ: " އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمن ންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ." (ނުނިމޭ)