ad_banner
އެމެރިކާ – އިރާނު ހަނގުރާމަ: ނިމޭނީ ތިންވަނަ ބޮޑުހަނގުރާމައިން؟؟ އަލުން ހޫނުވެއްޖެ.

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

2 ސެޕްޓެންބަރު 2026

އެމެރިކާއިން އީރާނާ ދެކޮޅަށް މި ދިޔަ ފެބުރުވަރީ މަހު ފެށި ޣައިރުޤާނޫނީ ހަނގުރާމައިން ނުކުންނާނެ ގޮތެއް ނޭނގި ގޮތް ހުސްވެގެން ޓުރަންޕު އުޅޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. ހަނގުރާމަ ފެށީ މި އަހަރުގެ ފެބްރުއަރީ މަހު 28ގައެވެ. އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީއާއި ސިފައިންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ބައެއް ވެރީންނާއި ގިނަ ސައެންސްވެރީންތަކެއް އެ ދުވަހުގެ ކުއްލި ޙަމަލާގައި ޝަހީދުވިއެވެ. އަދި އީރާނުގެ ހުޅަނގު ދެކުނުގެ ސަހަރެއް ކަމުގައިވާ މިނާބުގެ އަންހެން ކުދީންގެ މަދަރުސާއަކަށް ހަމަލަދީ އެތައް ސަތޭކަ ކުދީން ވެސް އެ ދުވަހު އެމެރިކާއިން ޝަހީދުކޮށްލިއެވެ.

މި ހަނގުރާމަ އެމެރިކާއިން ފެށީ ހަގީގަތުގައި އެއްވެސް ސަބަބެއް ނެތިއެވެ. އެއްވެސް ސަބަބެއް ޓުރަންޕު ވެސް ނުބުނެއެވެ. މި ހަނގުރާމަ ދެމިއޮންނާނީ ގިނަވެގެން ފަސް ހަފުތާއަށްކަމަށައި އީރާނުގެ ކަންތައް ހަތަރު ހަފުތާޔާއި ފަސް ހަފުތާޔާ ދޭތެރޭގައި މުޅިން ނިންމައިލާނެކަމަށް ހަނގުރާމަ ފެށުމަށް ފަހު ޓުރަންޕު އިޢުލާނުކުރިއެވެ. ފަސް ހަފުތާއިން ނިންމައިލާނެކަމަށް ބުނި ހަނގުރާމަ 35 ހަފުތާއަށް ދިގުދެމިގެން ދިޔަ އިރު، ޓުރަންޕަކަށް ހަގީގަތުގައި ލިބުނު ކާމިޔާބީއެއް ނެތެވެ. އީރާނުގެ [ކަންތައް] ނިންމައެއްނިލެވުނެވެ. އީރާނު ބައްޔެއް ނުކުރެވުނެވެ.

ހަނގުރާމަ ފެށުމަށް ފަހު އެމެރިކާއިން ބުނީ މިއީ އީރާނުގެ ފަރާތުން ނުރައްކަލެއް އައުމުގެ ކުރީން އެ ނުރައްކާ ނައްތައިލުމުގެ ގޮތުން ފެށި ހަނގުރާމައެއްކަމުގައެވެ. ހަގީގަތުގައި ހަނގުރާމަ ފެށީ އެއްވެސް އަމާޒެއް ނެތިއެވެ. ހަނގުރާމަ ފެށުމަށް ފަހު ތަންކޮޅެއް ފަހުން އަމާޒުތަކެއްގެ ވާހަކަދައްކާން ފެށިއެވެ. އެ ކަންކަން ބަޔާންކުރުމުގެ ގޮތުން ވެސް އެމެރިކާގެ އެކި ވެރީން ދެއްކީ އެކި ވާހަކަތަކެވެ.

ދެން ދެއްކި ވަހަކައަކީ އީރާނުގެ ނިއުކުލިއަރު ޕްރޮގްރާމުގެ ވާހަކައެވެ. ނިއުކުލިއަރ ބޮން އުފައްދާން އުޅޭ ވާހަކައެވެ. ނަމަވެސް ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައި އިޒުރޭލާ ގުޅިގެން ބާރަ ދުވަހުގެ މުއްދަތަށް އީރާނަށް ބޮންއަޅައި ހަމަލަތަކެއް ދިނުމަށް ފަހު، އީރާނުގެ ނިއުކުލިއަރު މަރުކަޒުތައް މުޅީން ސުންނާފަތިކޮށްލެވިއްޖެކަމަށާއި އީރާނުގެ ނިއުކުލިއަރު ޕުރޮގުރާމު ވެސް މުޅީން ނައްތާލައިފިކަމަށް ޓުރަންޕު ފަޚުރުވެރިކަމާ އެކު އިޢުލާނުކުރިއެވެ. ޓުރަންޕު ދައްކާ ވާހަކައާއި ހަގީގަތާ ކިހައި ދުރުހެއްޔެވެ!!

ނަމަވެސް ހަތްމަސް ފަހުން އެ ވާހަކަތައް ޓުރަންޕު ހަނދާންނެތި މި އަހަރުގެ ފެބްރުއަރީ މަހު ޓުރަންޕު ބުނީ އީރާނަށް ހަމަލަދޭން މަޖުބޫރުވީ ނިއުކުލިއަރު ހަތިޔާރު އުފެއްދުމާ ވަރަށް ކައިރިއަށް އީރާނު ޖެހިލުމުންކަމަށެވެ. އަޅައިނުލައި، އަދި އެއްވެސްކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ، މަދު ހަފުތާތަކެއްގެ ތެރޭގައި އީރާނުން ނިއުކުލިއަރު ބޮން އުފައްދާނެކަމަށެވެ. އަޅެ ޓުރަންޕު މި ކިޔަނީ ކީކޭހެއްޔެވެ! އެނާއަށް، އެނާއަށް ކިޔޭ އެއްޗެއް އެނގޭބާވައެވެ!

ދެން ދެއްކީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމަކީ މި ހަނގުރާމައިގެ އަމާޒުކަމަށެވެ. ނަމަވެސް އެ ކަމެއް ނުވިއެވެ. މިހާރު ދައްކަ ވާހަކައަކީ ހުރުމުޒު ކޮއްލަވާނި ހުޅުވާ ވާހަކައެކެވެ. ފާހަގަކޮށްލާންޖެހޭ ކަމަކީ ހުރުމުޒުކޮއްލަވާންޏަކީ މި ހަނގުރާމަ ފެށި އިރު އެއްވެސް ނާމާންކަމެއް ނެތި ހުރިހައި ގައުމަކަށް ވެސް ހުޅުވައިލެވިފައިވާ ތަނެއްކަމެވެ. މި ކަންކަމުން އެނގެނީ އެމެރިކާއަށް އެ މީހުން ހަގީގަތުގައި ކުރާން މި އުޅޭނީ ކީއްކަމެއް ވެސް ނޭނގޭކަމެވެ. އެ މީހުންގެ ޢަމަލުތަކުން ސާބތުވަނީ އެމެރިކާއާއި އިޒުރޭލުގެ ހަގީގީ ބޭނުމަކީ އީރާނު ތަޅައި ސުންނާފަތިކޮށްލުމަށް ފަހު، އެ ގައުމުގައި ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކޮށް، އެއީ އެމެރިކާއަށް އަޅުދާސްތުވާން މަޖުބޫރުވެފައިވާ ގައުމަކަށް ހެދުމެވެ. އޭރުން އީރާނުގެ ތެލާއި ގޭހުގެ ބާރު އެ މީހުންނަށް ލިބޭނެތީއެވެ. އަދި މެދުއިރުމަތީގައި އިޒުރޭލަށް އެއްވެސް ނުރައްކަލެއް ކުރިމަތިކުރެވިދާނެ ބާރެއް ނުބޭއްވުމެވެ. އިޒުރޭލުން ބޭނުންވާ [ގްރޭޓަރ އިޒުރޭލު] އުފައްދާން އެހީތެރިވެދެވޭނީ އޭރުންކަމަށްވާތީއެވެ.

އެކަމަކު ހަމަލާދީގެން ކާމިޔާބެއް ނުލިބުނެވެ. ހަގީގަތުގައި އެ މީހުން ހީކުރީ އީރާނަކީ އެ ހައި ބާރުގަދަ ގައުމެއް ނޫންކަމަށެވެ. ނަމަވެސް އީރާނާ ކުޅޭން ހަދައިގެން އެމެރިކާއަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ. ރައްޔިތުންގެ ނުރުހުން އެހައި ބޮޑެވެ. އެހެންކަމުން މި ހަނގުރާމައިން ނުކުންނާން އެމެރިކާ ބޭނުންވެއެވެ. ނަމަވެސް ބަލި ގަބޫލުކޮށްގެން ނުކުންނާކަށް ބޭނުމެއް ނުވެއެވެ. މެދުއިރުމަތީގައި ތިބި އެމެރިކާގެ އެކުވެރި ގައުމުތައް މެދުވެރިކޮށްގެން ހަނގުރާމަ ހުއްޓައިދިނުމަށް އެމެރިކާއިން ގެންދަނީ އާދޭސްކުރަމުންނެވެ. ނަމަވެސް އެމެރިކާ ރައްޔިތުންނާ ކުރިމަތިލައި ދައްކަނީ އެހެން ވާހަކައެކެވެ. މި ހާރު ހަނގުރާމަ ހުއްޓައިދޭން އީރާނުން އެދެމުންދާކަމަށެވެ.

އެމެރިކާގެ މި މުނާފިގުކަން ބޮޑުވުމުގެ ސަބަބުން އެމެރިކައާ ސުލްހައިގެ ވަހަކަދައްކާކަށް މިހާރު އީރާނަކުން ބޭނުމެއް ނުވެއެވެ. އީރާނުން ބުނަނީ ޓުރަންޕުގެ ވެރިކަމުގައި ދެން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެކަމަށާއި، އީރާނަށް އޮތީ މެދުއިރުމަތި ދޫކޮށް ދިޔުންކަމަށެވެ.

ދެން އީރާނާ ދެކޮޅަށް އެމެރިކާއިން އިޢުލާނުކުރީ އިގުތިސާދީ ހަނގުރާމައެކެވެ. މި ކަމާ ގުޅިގެން އީރާނުން ބުނީ، އެއީ އަޑުއަހައިއަހައި ބާވެފައިވާ ވާހަކައެއްކަމަށާއި ބަލައިބަލައި ބާވެފައިވާ ފިލްމެއްކަމަށެވެ.

ކުރާނެނުކުރާނެ ކަމެއް ނޭނގިގެން އަނެއްކާ އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށައިފއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނަނީ މި ހަމަލާދޭން ފެށީ ކަނޑުއުޅަނދުފަހަރަށް ޙަމަލާދޭން އުޅުމާ ގުޅިގެންކަމަށެވެ. އާދޭހެވެ! ޙަމަލާތައް ބަދަލުނުކޮށް މަހެއްހާ ދުވަހުގެ އޮތުމަށް ފަހު، އަލުން މިހާރު ގެންދަނީ އީރާނުގެ އަމާޒުތަކަށް ޙަމަލާދެމުންނެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ވެސް ބަންދަރު ޢައްބާސްގެ އިރުމަތީ ސަރަޙައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.

މި ޙަމަލާތަކާ ގުޅިގެން އީރާނުގެ ބަރުލަމާނުގެ ރައީސް މުޙައްމަދު ބާޤިރު ޣާލިބާފް ވިދާޅުވީ، އެމެރިކާގެ [އެދުމަކީ ގަލްފުގެ ސަރަޙައްދުން އީރާނުން ތެޔޮ ބޭރުކުރިޔަނުދިނުން]ކަމުގައިވާ ނަމަ، [އެހެން އެއްވެސް ގައުމަކަށް ވެސް ތެލެއް ބޭރެއްނުކުރެވޭނެ]ކަމަށެވެ.

އެމެރިކާގެ މަސްއޫލުވެރިޔަކު އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، އީރާނުގެ އިންގިލާބީ ލަޝްކަރު (އައި.އާރު.ޖީ.ސީ) އާ ގުޅުންހުރި އަމާޒުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތައް މިހާރު ވެސް ކުރިއަށް އެބަދެއެވެ. މިއީ ތެދެއްކަމެއް ވެސް ނޭނގެއެވެ.

އެމެރިކާގެ ސެންޓްކޮމް (ސެންޓްރަލް ކޮމާންޑް)އިން ބުނާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގައިވާ އަމާޒުތަކަށް ޙަމަލާދޭން ފަށައިފައެވެ. މި ޙަމަލާތައް ދޭން ފަށާފައިވަނީ ރާއްޖޭ ގަޑީން ރޭ ދަންވަރު 11:00ގައެވެ.

ހަނގުރާމައިގެ މުޙައްލިލުން ބުނާ ގޮތުގައި އެމެރިކާގެ ޙަމަލާއަށް ފަހު އީރާނުން ރައްދު ޙަމަލާއެއް ދޭނެކަމަށް ބެލެވެއެވެ. ތެހެރާންގެ ސިޔާސީ މުޙައްލިލެއްކަމަށްވާ ޙުސައިން އިބްރާހީމީ ބުނި ގޮތުގައި، އެމެރިކާއިން ދިންކަމަށް ބުނާ ޙަމަލާތަކަށް ފަހު އީރާނުން ރައްދު ޙަމަލާއެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން އިބްރާހީމީ ވަނީ، މިއަދުގެ ވަގުތެއްގައި އީރާނުގެ މަޖިލީހުގެ ރައީސް ޤާލީބާފް ދެއްކެވި ވާހަކަފުޅަށް އަލިއަޅުވައިލައިފައެވެ. އެ ވާހަކަފުޅުގައި، ކުރިއަށްއޮތް ތަނުގައި އެމެރިކާއިން ދޭ ކޮންމެ ޙަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ވިދާޅުވެފައިވެއެވެ. [އަޅުގަނޑުމެންޖެހޭނީ މަސްރަޙަށް ބަލައި... އީރާނުން އަލުން ރައްދު ޙަމަލާތައް ދޭނެ ގޮތް ރާވާށެވެ.] އިބްރާހީމީ ބުންޏެވެ.

ފަހަކަށް އައިސް ގޮވުންތަކެއްގެ އަޑު އިވިފައިވާ ހުރުމުޒު ކަނޑުއޮޅީގެ ޙާލަތަކީ އެމެރިކާއާއި އީރާނާ ދެމެދު ޚިލާފުތައް ބޮޑުވެ، އެ ސަރަހައްދުގައި ނުރައްކާތެރިކަން އިތުރުވެފައިވުމެވެ. ސިނާރު (އޭއައި) މެދުވެރިކޮށް ޓުރަންޕު ވީޑިއޯ ހަދައިގެން ހާއްމުކުރިޔަސް ހުރުމުޒު ކޮއްލަވާނީގެ ކޮންޓުރޯލު އަދިވެސް އޮތީ އީރާނަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ފައިދާ ނަގައި، ފަލަސްޠީނާއި، ލުބުނާނާއި ސޫރިޔާ ހިމެނޭހެން މުޅި މެދުއިރުމަތީގެ ސަރަޙައްދަށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންދާކަމަށް އިސްރާއީލަށް ތުހުމަތުކޮށް ޤަޠަރުން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.

މި ކަންތައްގަނޑު ތަޙުލީލުކޮށްލުމުން ފެންނަނީ، ދުނިޔެއަށް، ޚާއްޞަކޮށް މެދުއިރުމައްޗަށް، އަދި ވަކީން ޚާއްޞަކޮށް އީރާނަށް ނިޔުކުލިއަރު މުޞީބާތެއް ކުރިމަތިކޮށްފައި ނޫނީ ޓުރަންޕު މި ކަންތައްގަނޑު ނިންމައިނުލަނެކަމަށެވެ. ހަނގުރާމައިގެ މަސްރަޙު ދިރާސާކުރައްވާ ދިވެހި މުޙައްލިލަކު [ފަރަގު] މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ 2028ވަނަ އަހަރު ތިންވަން ބޮޑު ހަނގުރާމައެއް ފެށިގެން ނޫނީ މި ކަންތައްގަނޑު އެމެރިކާއަކުން ނިންމައެއްނުލާނެއެވެ.

ކޮމެންޓު