އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
27 އޯގަސްޓް 2026
· އެމެރިކާއިން އީރާނަށް ނުފޫޒު ފޯރުވަމުންދާ އިރު، ގަލްފުގެ ގައުމުތަކުން ދަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރާއި މަސްރަހު ގޯސްވުމުގެ ނުރައްކަލާ މެދު ވިސްނައި އެ ކަން ވަޒަންކުރަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފުރަތަމަ މިސައިލުތައް ފޮނުވައިލި ފަހުން ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާ އިރު، ޞުލްޙައިގެ އެއްބަސްވުމަކަށް އީރާނު އަންނާން މަޖުބޫރުކުރުމަށް ޓަކައި އެމެރިކާއިން މިހާރު ދަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އިގުތިސާދީ ގޮތުން އެކެހެރިކުރުމުގެ ސިޔާސަތަކަށް ބަދަލުވަމުންނެވެ.
ހޯމަ ދުވަހު، އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް ވަނީ [އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް] އިޢުލާނުކޮށްފައެވެ. މި އޮޕަރޭޝަންގެ އަމާޒަކީ ތެހެރާނަށް ލިބޭ އާމްދަނީގެ ބާކީ ހުރި ވަސީލަތްތައް ހުއްޓުވުމުގެ އިތުރަށް، އީރާނާ އެކު ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދިނުމެވެ.
މިއީ އީރާނާ ދެކޮޅަށް ހިންގާ [އެންމެ ބޮޑު މާލީ ފިޔަވަޅު]ކަމަށް ބެސެންޓް ސިފަކުރިއެވެ. އަދި އެމެރިކާއަށް އެއްބާރުލުންނުދީފި ނަމަ، ބެންކުތަކާއި ވިޔަފާރިތަކަށް ވެސް އީރާނެކޭ އެއް ފަދައިން އެކަހެރިވުމުގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަމަށް އޭނާ އިންޒާރުކުރިއެވެ.
[އެމެރިކާގެ ފިޔަވަޅުތަކުން ރެކެވޭނެ އެއްވެސް ފަރާތެއް ނޯންނާނެ]ކަމަށް ނޫސްވެރީންނަށް މަޢުލޫމާތު ދެމުން އޭނާ ބުންޏެވެ.
އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ތެރޭގައި، އަވައްޓެރި ގައުމުތަކުގައިވާ އެމެރިކާގެ ޢަސްކަރީ ވަސީލަތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް އީރާނުން ޙަމަލާދެމުންދިއުމުގެ ސަބަބުން، ގަލްފުގެ ގައުމުތައް ވަނީ ތަކުރާރުކޮށް މި ނުރައްކަލުގެ ތެރެއަށް ވަދެފައެވެ.
އެމެރިކާއާއި އިސްރާއީލުން އިތުރު މިސައިލު ޙަމަލާތަކެއް ދިނުމަށް ވުރެ އިގުތިސާދީ ގޮތުން ނުފޫޒު ފޯރުވުން ރަނގަޅުކަމަށް ފެނުނުކަމުގައި ވީނަމަވެސް، މިއީވެސް ނުރައްކާތަކެއް އެކުލެވިގެންވާ ސިޔާސަތެއްކަމަށް މުޙައްލިލުން އިންޒާރުކުރައްވައެވެ. ސަބަބަކީ، އިގުތިސާދީ ގޮތުން ކުރިމަތިވާ ނުފޫޒުތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ސަރަޙައްދުގައިވާ އެމެރިކާގެ އިތުރު ވަސީލަތްތަކަށާއި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޙަމަލާދިނުމުގެ ފުރުޞަތު އޮތުމެވެ.
އީރާނުގެ [ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް]ގެ ސެކްރެޓަރީ މުޙްސިން ރެޒާއީ މި ދިޔަ ހަފުތާގައި ވިދާޅުވީ [އީރާނުގެ ވަށައިގެންވާ އެއްވެސް ގައުމަކުން އެމެރިކާއާ އެކު މި އިގުތިސާދީ ހަނގުރާމައިގައި ބައިވެރިވެއްޖެ ނަމަ، ފާޜިސީ ކޮއްލަވާންޏާއި ހުރުމުޒު ކަނޑުއޮޅީން ތެލުގެ އެންމެ ތިތްކެއް ވެސް ބޭރުވިޔަ ނުދޭނެ]ކަމަށެވެ.
އާންމު ޙާލަތްތަކުގައި، ދުނިޔޭގެ ތެލާއި ތަބީޢީ ގޭހުގެ ފަސްބައިކުޅަ އެއްބައި ގަލްފުގެ ގައުމުތަކުން ބޭރުކުރަނީ މި މުހިންމު ކަނޑުގެ މަގުންނެވެ. ނަމަވެސް، ހަނގުރާމަ ފެށުނުއިރު އީރާނުން މި މަގު އުޅަންދުފަހަރަށް ބަންދުކުރުމާ ގުޅިގެން، މިއީ މިހާރު މި ހަނގުރާމައިގެ އެންމެ ބޮޑު މައްސަލައަށް ވަނީ ވެފައެވެ.
އީރާނުގެ މި ހަރުކަށި ފިޔަވަޅުގެ ސަބަބުން، އެމެރިކާއަށް ތާއީދުކުރާ ގަލްފުގެ ގައުމުތަކަށް ވަނީ އުނދަގޫ އިމްތިޙާނަކާ ކުރިމަތިލާންޖެހިފައެވެ. އެއީ އެމެރިކާގެ ޢަސްކަރީ ސިފައިން ތިބުމުން އީރާނުގެ މިސައިލާއި ޑުރޯނު ޙަމަލާތަކުން ރައްކާތެރިކަން ލިބުނުކަމުގައި ވިޔަސް، އެ ގައުމުތަކުގެ ބިންތަކަކީ އީރާނުގެ އަމާޒުފަތްގަނޑުތަކަކަށް ވުމުގެ ފުރުޞަތު އޮތުމެވެ.
މުޙައްލިލުން ވިދާޅުވާ ގޮތުގައި، އެމެރިކާއާ އެކު އޮތް ސަލާމަތީ ގުޅުމުގެ ސަބަބުން، އީރާނާ އެކު އޮތް އިގުތިސާދީ ގުޅުންތައް ކަނޑައިލާން އެ ގައުމުތަކަށް ދަނީ ބޮޑު މަޖުބޫރުކަމެއް ކުރިމަތިވަމުންނެވެ. ނަމަވެސް މީގެ ސަބަބުން އީރާނުގެ ރައްދު ޙަމަލާތައް އިތުރުވެ، މި ހަނގުރާމައިގެ ތެރެއަށް އެ ގައުމުތައް އިތުރަށް ވަނުމުގެ ނުރައްކާ އެބަ އޮތެވެ.
އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން މި ދިޔަ ހަފުތާގައި އީރާނާ އެކު އޮތް އިގުތިސާދީ ގުޅުންތައް ވަގުތުން ކަނޑައިލިކަމުގައި ވީނަމަވެސް، ސަޢޫދީ ޢަރަބިއްޔާއާއި ގަޠަރާއި ޢުމާން ފަދަ ގަލްފުގެ ތަފާތު ގައުމުތަކުގެ އިސްތިރާޖީ ވިސްނުން ތަފާތުވުން އެކަށީގެންވެއެވެ. މުޙައްލިލުން ވިދާޅުވަނީ ތެހެރާނާ އެކު އޮތް ސިޔާސީ ގުޅުން ދަމަހައްޓައި، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލެވޭނެ ފަދަ އެއްބަސްވުމަކަށް ބާރުއެޅުމަށް އެ ގައުމުތަކަށް މަޖުބޫރުވާ ބޮޑެތި ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ޢަސްކަރީ ޙަމަލާތަކުން ’އިގުތިސާދީ ނާޒުކު ފިޔަވަޅަކަށް‘
ބެސެންޓް ވަނީ އީރާން އެކަހެރިކުރުމަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަކީ "އިގުތިސާދީ ޑީ-ޑޭ"(Economic D-Day) ގެ ގޮތުގައި ސިފަކޮށްފައެވެ.
އެމެރިކާއާއި އިތުރު ގައުމުތަކުން އީރާނުގެ ތެލާއި މާލީ ދާއިރާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާތާ ދަހަރެއް ހައި ދުވަސް ވެފައިވާއިރު، މި ފަހަރުގެ ފިޔަވަޅުތައް އަމާޒުކުރާނީ އީރާނުގެ އިގުތިސާދީ އެންމެ މުހިންމު ފަސް ދާއިރާއަށެވެ. އެއީ ސުމޭކީ ހަރުމުދާ، ފަންނިއްޔާތު، ރަން، ވައިގެ ދަތުރުފަތުރު، ކަނޑުގެ ދަތުރުފަތުރު، މި ދާއިރާއެވެ.
ބެސެންޓް އިތުރަށް ބުނެފައިވަނީ އީރާނުގެ ތެލުން އާމްދަނީ ހޯދައިދިނުމުގައި އެހީތެރިވާ ނަމަ، އީރާނާ އެކު ވިޔަފާރިކުރާ އެހެން ގައުމުތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހުމުގެ ނުރައްކާ އެބަ އޮތްކަމަށެވެ. އީރާނުގެ ވިޔަފާރިއަށް މަގުފަހިކޮށްދޭ ކަމަށް ތުހުމަތުކޮށް، ޔޫއޭއީއާއި، ހޮންކޮންގާއި، ޗައިނާއާއި، ސިންގަޕޫރާއި ސުވިޒަލޭންޑަށް ނިސްބަތްވާ 60 ކުންފުންޏަކާއި، އުޅަނދާއި ވަކިވަކި ފަރުދުންނާ ދެކޮޅަށް އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާއިން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ.
ނަމަވެސް އީރާނުގެ ސިޔާސީ މުޙައްލިލު މުޞްޠަފާ ޚުޝްޗެޝްމް ވަނީ މި އިޢުލާނަކީ އީރާނުގެ އަވައްޓެރީން ބިރުގަންނަވާން ހިންގާ [ސިޔާސީ އޮޅުވައިލުމެއް]ކަމަށް ވިދާޅުވެ އެކަން ބަލައިނުގަނެ ރައްދުކުރައްވައިފައެވެ.
އޭނާ މި ފިޔަވަޅުތައް އަޅައިކިއުއްވީ ޓުރަންޕުގެ ފުރަތަމަ ރިޔާސީ ދައުރުގައި ގެންގުޅުނު [މެކްސިމަމް ޕްރެޝަރ] (އެންމެ ބޮޑަށް ނުފޫޒު ފޯރުވުމުގެ) ސިޔާސަތާއެވެ. އެ ސިޔާސަތުގެ އަމާޒަކީ ކުރީގެ ރައީސް ބަރާކް އޮބާމާގެ ދައުރުގައި ހެދި ނިއުކުލިއަރު އެއްބަސްވުން (ޖޭސީޕީއޯއޭ)އާ މެދު އަލުން މަޝްވަރާކުރުމަށް އީރާނަށް މަޖުބޫރުކުރުމެވެ. ނަމަވެސް ޚުޝްޗެޝްމް ފާހަގަކުރެއްވި ގޮތުގައި އެ ކަން ނާކާމިޔާބުވެ، އޭގެ ނަތީޖާއެއްގެ ގޮތުން 2018ވަނަ އަހަރު ޓުރަންޕު ވަނީ އެމެރިކާ އެ އެއްބަސްވުމުން ވަކިކޮށްފައެވެ.
މުޙައްލިލު ވަކާލާތު ކުރައްވާ ގޮތުގައި އެންމެ ފަހުން މި އަޅާ ފިޔަވަޅުތަކަކީ [އޭރަށްވުރެ ބަލިކަށި] ފިޔަވަޅުތަކެކެވެ.
އިގުތިސާދީ ގޮތުން ނުފޫޒު ފޯރުވުމަށް އިސްކަންދޭން މި ފެށީ، ހަނގުރާމައަށް އެތައް މަސްތަކެއް ވެގެންދިޔައިރު ވެސް އެމެރިކާއަށް ސާފު ނަތީޖާއެއް ހޯދިފައިނުވާތީއެވެ. މިއީ ހަނގުރާމަ ފެށުނު އިރު ހަފުތާތަކެއްގެ ތެރޭގައި ނިމޭނެކަމަށް ޓުރަންޕު ދިން އިޝާރާތްތަކާ މުޅިން ޚިލާފު ނަތީޖާއެކެވެ. މީގެ އިތުރަށް، މެދުއިރުމަތީގައިވާ އެމެރިކާގެ މިސައިލާއި ވައިގެ ދިފާއީ ސާމާނު ހުސްވަނީކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން (މިކަން ޓުރަންޕުގެ ސަރުކާރުން ދޮގުކުރި ނަމަވެސް) ތެހެރާނަށް ނުފޫޒު ފޯރުވުމަށް އެހެން މަގުތައް ހޯދުމަށް ވޮޝިންޓަނަށް މަޖުބޫރުވީކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ހުރުމުޒު ކަނޑުއޮޅީން ހަކަތައިގެ ބާވަތްތައް ބޭރުކުރުމަށް އެޅުނު ހުރަސްތަކުގެ ސަބަބުން، އެމެރިކާގައި ގޭހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ ސަބަބުން، އެހެން މަގުތަކުން ދަތުރުފަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި އިގުތިސާދީ ގޮތުން ލިބުނު ބައެއް ގެއްލުންތައް ކުޑަކުރެވުނުކަމުގައި ވީނަމަވެސް، އެމެރިކާގެ އާންމުންގެ މެދުގައި މި ހަނގުރާމައަށް އޮތް ތާއީދު ވަނީ އިތުރަށް ކުޑަވެފައެވެ.
މިހެން ކަންތައް ހުރި ނަމަވެސް، އިގުތިސާދީ ފައިދާ އޮތީ އެމެރިކާގެ ކޮޅުގައިކަމަށް ޓުރަންޕު ގަބޫލުކުރާ ކަހަލައެވެ. އެމެރިކާގެ ކުއިންސީ އިންސްޓިޓިއުޓް ފޮރ ރެސްޕޮންސިބަލް އިސްޓޭޓުކުރާފުޓުގެ އެގުޒެކެޓިވު ވައިސް ޕުރެޒިޑެންޓު ތުރީތާ ޕާރސީ ވިދާޅުވީ، ކަނޑުގެ ދަތުރުފަތުރު ޢުމާން މަގުން އަނބުރައިލުމާއި، ގަލްފުގެ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ކުރެވުނު މަސައްކަތުން، އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ލިބުނު ގެއްލުމުގެ އަސަރު ކުޑަކުރެވިފައިވާކަމަށް ވޮޝިންޓަނުން ހީކުރާކަމަށެވެ. އަދި އެމެރިކާގެ ޙިޞާރުގެ ސަބަބުން އީރާނަށް ތެޔޮ ވިއްކުމުގެ ޤާބިލުކަން ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިވެ.
[އެމެރިކާގެ ނަޒަރުގައި މިހާރު އޮތް ޙާލަތަކީ އެމެރިކާއަށް ވުރެ ބޮޑަށް އީރާނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ޙާލަތެކެވެ.] އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ޕާރސީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ވިސްނުމުގެ ސަބަބުން، އީރާން ބަލިކަށިވަންދެން މަޑުކުރުމުގެ ފުރުޞަތު އެމެރިކާއަށް އެބަ އޮތްކަމަށާއި، ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް [ވަގުތު މިއޮތީ އެމެރިކާގެ ފައިދާއަށް]ކަމަށް ޓުރަންޕު ދެކެއެވެ.
ނަމަވެސް، މި އިސްތިރާޖުގެ ކާމިޔާބީ އެންމެ ފަހުން ބަރޯސާވާނީ، އީރާނާ އެކު ވިޔަފާރިކުރުން ކުރިއަށްދާ ނަމަ ޗައިނާއާއި އިންޑިއާއާއި ރަޝިޔާ ފަދަ ބޮޑެތި އިގުތިސާދުތަކަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާން އެމެރިކާ ތައްޔާރަށް އޮތްކަން އެ ގައުމުތަކަށް ގަބޫލުކުރެވޭ މިންވަރެއްގެ މައްޗަށެވެ.
އެމެރިކާގެ މި ވިސްނުމަކީ ގަލްފުގެ އެކުވެރި ގައުމުތަކަށް އެހައި ހިތްހަމަޖެހޭ ވިސްނުމަކަށް ނުވެދާނެއެވެ. އީރާނާ އެކު ކުރެވޭ ދިގުލައިގެންދާ އިގުތިސާދީ ހަނގުރާމައަކަށް ކެތްކުރެވިދާނެކަމަށް އެމެރިކާއިން ގަބޫލުކުރާ ނަމަ، ހުރުމުޒު ކަނޑުއޮޅީގައި ދަތުރުފަތުރަށް ހުރަސްއެޅިފައި އޮތުމުގެ ފުރުޞަތުދިނުމަށް އެމެރިކާ މާ ބޮޑަށް ތައްޔާރުވެދާނެއެވެ. ނަމަވެސް މިއީ އެ ކަނޑުގެ މަގުން ތެޔޮ ބޭރުކުރުމަށް މުޅީންހެން ބަރޯސާވާ ގަލްފުގެ އިގުތިސާދުތަކަށް މާ ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.
ޔޫއޭއީން ފުރަތަމަ ފިޔަވަޅުއެޅުން
ޔޫއޭއީން ވަނީ ގަލްފުގެ އެހެން އަވައްޓެރީންނަށް ވުރެ ކުރިއަށްޖެހިލައިފައެވެ. މިދިޔަ ހަފުތާގައި އަބޫދާބީންއިން ވަނީ އީރާނާ އެކު ކުރާ ވިޔަފާރި ހުއްޓައިލައިފައިވާކަމަށް އިޢޫލާނުކޮށްފައެވެ.
އިސްރާއީލަށް ތާއީދުކުރާ ތިންކް ޓޭންކެއް ކަމަށްވާ [ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރަސީސް]ގެ އީރާންގެ މުޙައްލިލު މިއާދް މަލެކީ ވިދާޅުވީ، ޔޫއޭއީން އީރާނާ އެކު އޮތް މާލީ އަދި ވިޔަފާރީގެ ގުޅުންތައް މުޅިން ހުއްޓައިލައި، އެކަން ތަންފީޒުކޮށްފިނަމަ، މިއީ [މި ހަނގުރާމައިގައި އީރާނަށް އިގުތިސާދީ ގޮތުން ކުރިމަތިވާނެ އެންމެ ބޮޑު ފިޔަވަޅަށް]ވާނެ ކަމަށެވެ. އަދި މީގެ އަސަރު އެމެރިކާގެ ޙިޞާރަށް ވުރެ ދުރަށް ފޯރުން އެކަށީގެންވެއެވެ.
އޭގެ ސަބަބަކީ އީރާނަށް ބޭރު ފައިސާ ހޯދުމުގައި ދުބާއީން ވަރަށް މުހިންމު ދައުރެއް އަދާކުރާތީއާއި، ހަނގުރާމައިގެ ތެރޭގައި ވެސް އީރާނަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމަކީ ޔޫއޭއީކަމަށްވާތީއެވެ.
ނަމަވެސް، އެމެރިކާއާ އެކު ކުރެވޭ ހަނގުރާމައިގައި އީރާނުގެ ޙަމަލާތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމަކީ ވެސް ޔޫއޭއީއެވެ. އަދި އެއީ އިސްރާއީލާއި ޢަރަބި ގައުމުތަކުގެ ގުޅުން އާންމުކުރުމަށް އެމެރިކާއިން އިސްނަގައިގެން އެކުލަވައިލި [އަބްރަހާމް އެކޯޑްސް] (އެއްބަސްވުން)ގައި ސޮއިކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އަދި އެއީ އިސްރާއީލާ އެކު ވަރަށް ގާތް ގުޅުމެއް އުފައްދައިފައިވާ ގައުމެކެވެ. ޢަރަބި ގައުމުތަކަށް ވުރެ އިސްރާއީލު، ޔޫއޭއީއަށް މާ ބޮޑަށް ހެޔޮއެދޭކަމަށް ވެސް ޔޫއޭއީއިން ކުރީން ވަނީ ބުނެފައެވެ.
ލެންކަސްޓަރ ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ރިލޭޝަންސް ޕްރޮފެސަރ ސައިމަން މެބަން އަލްޖަޒީރާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ޔޫއޭއީގެ މި ނިންމުމުން ދައްކުވައިދެނީ ހަނގުރާމައިގެ ތެރޭގައި އީރާނުގެ ޙަމަލާތައް ތަޙައްމަލުކުރާންޖެހުނު ތަޖުރިބާއާއި، ވޮޝިންޓަނާއި އިސްރާއީލާ އެކު އޮތް ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވަމުންދާކަމެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް މީގެ އެއް ސަބަބަކީ އޫއޭއީއާއި އިސްރާއީލާ ދެމެދު އޮތް އާދަޔާ ޚިލާފު ގާތް ގުޅުމެވެ.
[އިމާރާތުގެ ވެރީން ތިބީ އީރާން ދެކެ ވަރަށް ރުޅިއައިސްފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި އީރާނުގެ ފަރާތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.] މެބަން ވިދާޅުވިއެވެ. ނަމަވެސް އޭނާ ސިފަކުރެއްވި ގޮތުގައި ޔޫއޭއީއަކީ ގަލްފުގެ ތެރެއިން [އެކަހެރި] ވިސްނުމެއް ގެންގުޅޭ ގައުމެކެވެ. އަދި ސަޢޫދީ ޢަރަބިއްޔާއާއި ގަޠަރު ނުވަތަ ޢުމާން ފަދަ ގައުމުތަކުން ޔޫއޭއީގެ ފަހަތުން މި ކަމުގައި އަންނާނެކަމަށް އޭނާ ދެކެވަޑައެއްނުގަންނަވައެވެ.
’ވަރުގަދައަށް ޙަމަލާތައް ވަރުގަދަކުރުމުގެ ފުރުޞަތުތައް ‘
ދެން އޮތީ އީރާނުން ދީފާނެ ރައްދެކެވެ.
މުޙައްލިލުން ވިދާޅުވާ ގޮތުގައި އިގުތިސާދީ އިތުރު ނުފޫޒުތަކުން އެމެރިކާ ބޭނުންވާ ނަތީޖާއެއް ނުނުކުމެދާނެއެވެ.
"މިހާތަނަށް ފެނުނު އުޞޫލަކީ، އީރާނަށް އަމާންދިނުން ނުވަތަ ޙަމަލާތައް ވަރުގަދަކުރުމާ ދެ ގޮތުން ކުރެ ގޮތެއް އިޚުތިޔާރުކުރާންޖެހިއްޖެ ނަމަ، އެ މީހުން އިޚުތިޔާރުކުރަނީ ޙަމަލާތައް ވަރުގަދަކުރުމެވެ.] ޕާރސީ ވިދާޅުވިއެވެ.
ބެސެންޓްގެ ކެންޕޭނަކީ އިރާން އަމާންދިނުމަށް މަޖުބޫރުކުރުން ނުވަތަ އިގުތިސާދީ ގޮތުން އިނދަޖެހުމުގެ ނުރައްކަލަށް ހުށަހެޅުން ކަމަށްވާ އިރު، އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ވާންފަށައިފި ނަމަ، [ޙަމަލާތައް އިތުރަށް ވަރުގަދަކުރުމަކީ އެ މީހުން ދީފާނެ އެންމެ ގާތް ރައްދު]ކަމަށް ޕާރސީ ވިދާޅުވިއެވެ. ސަބަބަކީ އީރާނުގެ އަތުގައި [ޙަމަލާތައް ވަރުގަދަކުރުމުގެ ބޮޑެތި ފުރުޞަތުތައް] ހުރުމެވެ.
މި ނުރައްކަލަކީ ގަޠަރު ފަދަ އަވައްޓެރި ގައުމުތަކަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ ހުރުމުޒު ކަނޑުއޮޅި ބަންދުވުމާއި އެ ގައުމުގެ ގޭހުގެ މަސައްކަތްތަކަށް ޙަމަލާ އަމާޒުވުމުގެ ސަބަބުން އިގުތިސާދީ ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. އެހެން މަގުތަކުން ތެޔޮ ބޭރުކުރެވުނުކަމުގައިވީ ނަމަވެސް، ދިޔައިކުރެވިފައިވާ ތަބީޢީ ގޭހާއި ޕެޓްރޯކެމިކަލްގެ ގިނަ އުފެއްދުންތައް އެހެން މަގުތަކުން ފޮނުވުމަކީ އުނދަގޫ ކަމެކެވެ.
އަދި ގަޠަރަކީ ސުލްޙައިގެ މަޝްވަރާތަކަށް އެހީތެރިވާ ގައުމަކަށްވެފައި، އެއީ އީރާނާއެކު ބޮޑު ގޭސް ފީލްޑެއް ހިއްސާކުރާ ގައުމެއް ކަމުން، އަވައްޓެރިޔާއާ އެކު ރަނގަޅު ގުޅުމެއް ދަމަހައްޓާން ޤަޠަރަށް މަޖުބޫރުވާ އިތުރު ސަބަބުތަކެއް އެބަ ހުއްޓެވެ.
އީރާން އެކަހެރިކުރުމުގެ ނުފޫޒުތަކަށް ދެކޮޅުހެދުމަށް ޢުމާނަށް ވެސް އަމިއްލަ ސަބަބުތަކެއް އެބަ ހުއްޓެވެ. އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ދިގު ތާރީޚު ބިނާވެފައިވަނީ ދެފަރާތާ އެކު ވެސް ސިޔާސީ ގުޅުން ދެމެހެއްޓުމުގެ މައްޗަށެވެ. އެ ގޮތުން، ހުރުމުޒު ކަނޑުއޮޅި ކުރިއަށް އޮތް ތާނގައި ބެލެހެއްޓުމާ ގުޅޭ ގޮތުން ޢުމާނުން ގެންދަނީ އީރާނާ އެކު ސީދާ މަޝްވަރާތައް ކުރަމުންނެވެ.
ޤަޠަރުގެ ވެރިރަށް ދައުޙާގައި ހުންނަ ސެންޓަރ ފޮރ އިންޓަރނޭޝަނަލް ޕޮލިސީ ރިސާޗްގެ ނައިބު ރައީސް ރާޝިދު އަލްމުހަންނަދީ ވިދާޅުވީ، ޢުމާނުގެ ޚާރިޖީ ވަޒީރު ތެހެރާނަށް ކުރެއްވި ޒިޔާރަތް ހިމެނޭ ގޮތަށް، ފަހަކަށް އައިސް ހިންގި ސިޔާސީ ޙަރަކާތްތަކުން ދައްކުވައިދެނީ [އެމެރިކާއާއި އީރާން އަލުން ސިޔާސީ މަގަށް ރުޖޫޢަކުރުމަށް މެދުވެރީންގެ ޝައުޤުވެރިކަން އޮތްކަން]ކަމަށެވެ.
މި ދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާއިން ގެންގުޅެނީ ތަފާތު އުޞޫލެކެވެ. މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތްތަކުގައި ބައިވެރިނުވެ، އީރާނަށް އިގުތިސާދީ ނުފޫޒު ބޮޑުކުރުމަށް ވެސް ބޮޑު ޝައުޤުވެރިކަމެއް ނުދައްކައެވެ.
މެބަން ވިދާޅުވީ، މީގެ ދަހަރެއްގެ ކުރީން ނަމަ، އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގައި ސުޢޫދީ ޢަރަބިއްޔާ ވެސް އެމެރިކާއާއި ޔޫއޭއީގެ ފަހަތުން ދާނެކަމަށް ބެލެވުނީސް ކަމަށެވެ. އަދި އެއް ދުވަސްވަރެއްގައި، އަބްރަހާމް އެކޯޑްސްގައި ސޮއިކުރުމަށް ސަޢޫދީއަށް އެއްބަސްވެވޭނެކަމުގެ އުންމީދު އެމެރިކާއިން ކުރިއެވެ.
ނަމަވެސް މިހާރު ސަޢޫދީން ވަނީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ޝަރުޠަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދޭނެ ސާފު މަގެއް ފެންނާން އޮތުންކަމަށް ބުނެފައެވެ. ނަމަވެސް އިސްރާއީލުން އެ ކަން ބަލައިގަންނާން ދެކޮޅުހަދައެވެ. މީގެއިތުރަށް، އެމެރިކާއަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ސަލާމަތީ އެހެން މަގުތައް ހޯދުމުގެ ޝައުޤުވެރިކަން ސަޢޫދީން ވަނީ ދައްކައިފައެވެ. މި އޮގަސްޓު މަހުގެ ކުރީކޮޅު ސަޢޫދީން ވަނީ ޕާކިސްތާނާއި ތުރުކީއާ އެކު އެއް ބަޔަކު އަނެއް ބަޔަކަށް ދިފާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ [މައްކާ ޕެކްޓް] (މުޢާހަދާ)ގައި ސޮއިކޮށްފައެވެ.
ސަޢޫދީގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ވެސް ވަނީ ފަހަކަށް އައިސް އީރާނާ އެކު ޢަމަލީ ގުޅުމެއް ދެމެހެއްޓެވުމުގެ އުޞޫލެއް އިޚުތިޔާރުކުރައްވައިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2023ވަނަ އަހަރު ޗައިނާ މެދުވެރިވެގެން ވެވުނު އެއްބަސްވުމެއްގެ ދަށުން ދެގައުމުގެ ސިޔާސީ ގުޅުން އަލުން ވަނީ ޤާއިމުކޮށްފައެވެ.
އަދި އީރާން ބަލިކަށިވުމަށް ރިޔާޟުން އެދޭކަމުގައި ވީނަމަވެސް، އީރާނުގެ ސަރުކާރު ވެއްޓިއްޖެ ނަމަ ކުރިމަތިވެދާނެ މަސްރަހު ގޯސްވުމުގެ ނުރައްކަލަށް ސަޢޫދީން ސަމާލުވާކަމަށް މެބަން ވިދާޅުވިއެވެ.
އެމެރިކާގެ އިގުތިސާދީ ކެމްޕޭނާ ސަޢޫދީން ގުޅިއްޖެ ނަމަ، އީރާނުގެ ނުވަތަ އީރާނުގެ ތާއީދުލިބޭ ޙޫޘީންގެ ޙަމަލާތަކަށް ސަޢޫދީ އަލުން ހުޅުވިގެންދާނެއެވެ. ޙޫޘީންނަކީ ޔަމަނުގައި ސަޢޫދީން ހަނގުރާމަކުރަމުންދާ އަދި މިހާރު ވެސް ރަތްކަނޑުގައި ސަޢޫދީއާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ޙަމަލާދެމުންދާ ބަޔެކެވެ.
އީރާނު އިނދަޖެހި، އެމެރިކާގެ ބާރު ގަލްފުގައި އިތުރުވާކަށް ރޫސީވިލާތާއި ޗައިނާއަކުން ނޭދޭނެއެވެ. އެހެންކަމުން މި ފަދަ ޙާލަތެއް މެދުވެރިވާތަން ބަލާން އެ ދެ ގައުމުން އޮވެދާނެކަމަކަށް ގަބޫލެއް ނުކުރެވއެވެ. މި ކަންކަމަށް ވިސްނާ އިރު، އީރާނާ ދެކޮޅަށް އެމެރިކާއިން މި އަޅާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަދި އެހައި ބޮޑަށް ކާމިޔާބުވާނޭ ކަމަކަށް ނުބެލެއެވެ. ނަމަވެސް ރޭ ޓުރަންޕު ބުނެފައި ވަނީ މާ އަވަސްއަރުވައިލައިގެން އީރާނާ އެކު ސުލްހައިގެ ވާހަކަތަކަށް އަލުން ރުޖޫޢަވުމުގެ ވިސްނުމެއް ނެތްކަމަށެވެ. ބުނާންޖެހޭނީ ވެސް އެހެންތާއެވެ. އީރާނު އޮތީ އެމެރިކާއާ މަޝްވަރާކުރާ ގޮތަކަށް ނޫނެވެ. (މަރުޖާ: އަލްޖަޒީރާ)
ބައެއް ލަފުޒުގެ މާނަ:
ހަރުމުދާ ނ. (1) ގިނަ ދުވަސް ވާންދެން ހަލާކުނުވެ ހުންނަ މުދާ. (2) ގެވެހި ކަންވާރާއި ގަހަނާ. asset
އިސްތިރާޖު ނ. ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް. strategy
އިސްތިރާޖީ ނއ. މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic
މިސައިލު ނ. ބޮލެއްލައިފައި އޮންނަ ދުރަށް ފޮނުވާލެވޭ ހަނގުރާމަމަތީ ހަތިޔާރެއް. މިއީ ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ފޮނުވައިލެވޭ އެއްޗެކެވެ. މި ހުންނަނީ ހިމަދިގުކޮށް ކުރިއަށް އޫކޮށެވެ. missile
ފަންނިއްޔާތު ނ. ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. technology
ދަހަރު ނ. ދިހަ އަހަރު decade
ސުމޭކު ނ. ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. digital