އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް
3 ސެޕްޓެންބަރު 2026
ދުނިޔޭގެ ސިޔާސީ އަދި އިޖުތިމާޢީ މައިދާނަށް ބަލާ އިރު، އެކި ބާވަތުގެ ޝަޚުޞިއްޔަތުތައް ފެނެއެވެ. އޭގެ ތެރެއިން ވެސް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕަކީ މުޅި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހޯދައިފައިވާ، އަދި އެންމެ ގިނަ ބަޔަކު އެ މީހަކާ މެދު ބަހުސްކުރާ އެއް ޝަޚުޞިއްޔަތެވެ. އޭނާގެ ވާހަކަދެއްކުމުގެ އުސޫލާއި، ޢަމަލުތައް ހުންނަ ގޮތުން ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޓުރަންޕަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އަނާގު (ނުވަތަ ކިބުރުވެރިކަމާއި އެކުވެފައިވާ އަމިއްލަ އެދުން) ބޮޑު އެކެކެވެ.
ޓުރަންޕުގެ އަނާގު ބޮޑުކަން އެންމެ ރަނގަޅަށް ފެނި ހާމަވަނީ އޭނާގެ ވާހަކަދެއްކެވުމުގެ އުސްލޫބުންނެވެ. އޭނާގެ ގިނަ ތަގުރީރުތަކުގައްޔާއި މީސްމީޑިއާގައި ކުރާ މެސެޖުތަކުގައި، އަމިއްލަ ކާމިޔާބީތައް އާދަޔާޚިލާފަށް ބޮޑުކޮށްދެއްކުމާއި، މުޅި ދުނިޔޭގައިވެސް އެންމެ މޮޅު މީހާއަކީ އޭނާކަމަށް ދެއްކުމަށް މަސައްކަތްކުރެއެވެ. އަދި އޭނާގެ ކާމިޔާބީ ދުނިޔެއަށް ދައްކާން ވެގެން ހަގީގަތެއް ނެތް މަންޒަރުތައް ސިނާރު ބޭނުންކޮށްގެން އުފައްދައި މިސްމީޑިއާގައި އާންމުކުރެއެވެ. [އަހަރެން ފަދަ މޮޅު މީހަކު މި ކަން ކުރާކަށް ނުހުންނާނެ] ނުވަތަ [މި ކަން ނިންމޭނީ އަހަންނަށް އެކަނި] ފަދަ އިބާރާތްތަކަކީ އޭނާގެ ވާހަކަދެއްކުމުގައި އާންމުކޮށް ބޭނުންކޮށްފައިވާ އިބާރާތްތަކެކެވެ. މިއީ މީހެއްގެ އަނާގު ނުވަތަ އަމިއްލަ ނަފުސަށް އޮންނަ އިޢުތިމާދު އިންތިހާއަށް ބޮޑުވެގެންދާ އިރު ފެންނަ ނުރައްކާތެރި ސިފައެކެވެ.
މީގެއިތުރަށް، ފާޑުކިޔުންތަކާ ކުރިމަތިލާ ގޮތަކީ ވެސް އޭނާގެ އަނާގު ބޮޑުކަން ހާމަވާ ކަމެކެވެ. ފާޑުކިޔުންތަކަށް ސިޔާސީ އެހެން އިސްވާރުން (މިސާލަކަށް: އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣުޗީ ފަދަ ބޭފުޅުން) ޙިކުމަތްތެރިކަމާއި ސުލޫކާއި މަޑުމައިތިރިކަމާ އެކު ރައްދުދެއްވި ނަމަވެސް، މި ފަދަ ދަނޑިވަޅުތަކުގައި ޓުރަންޕު ގުޅުވައިލަނީ އަމިއްލަ އަބުރާއި ޝަރަފާއެވެ. އޭނާއަށް ފާޑުކިޔާ މީޑިއާތަކާއި، ސިޔާސީ ވާދަވެރީންނަށް ވަގުތުން ރައްދުދީ، އެމީހުންގެ އަގުވައްޓައިލާން މަސައްކަތްކުރުމަކީ އޭނާގެ ނަފުސުގައި ހުންނަ އުނިކަމާއި ނުކުޅެދުންތެރިކަން ޤަބޫލުކުރާން ބޭނުންނުވާކަމުގެ ހެތްކެކެވެ. ނާކާމިޔާބީއެއް ނުވަތަ ކުށެއް ގަބޫލުކުރުމަކީ އޭނާގެ ގާތުގައި ވަރަށް ނާދިރު ކަމެކެވެ. އޭނާ ހިތްހަމަނުޖެހޭ ފަދަ ސުވާލެއް ނޫސްވެރިއަކު ކޮށްފި ނަމަ، އެއީ [ފެކު ނިއުސް]ކަމަށް ބުނެ އެ ނޫސްވެރިއަކަށް މަލާމާތްކުރެއެވެ.
ނަމަވެސް، ބައެއް މީހުން ދެކޭ ގޮތުގައި މިއީ ހަމައެކަނި [އަނާގު]އެއް ނޫނެވެ. މިއީ ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ކާމިޔާބީ ހޯދުމަށް ޓަކައި އޭނާ ބޭނުންކުރާ އުކުޅެކެވެ. ބޮޑު އަމިއްލަ އެދުމަކާއި ވަރުގަދަ ސިފައެއް ދައްކައިގެން ސަޕޯޓަރުންގެ އިޢުތިމާދު ހޯދުމާއި، ވާދަވެރީން ބިރުގެންނެވުމަކީ އޭނާގެ ކާމިޔާބީއަށް ޓަކައި ބޭނުންކުރާ އުކުޅެއްކަމަށް ބައެއް މުޙައްލިލުން ބުނެއެވެ. އެންމެ ބޮޑަށް މި ފަދަ ބޮޑާ ބަސްތައް އަމާޒުކުރަނީ އީރާނަށެވެ. ނަމަވެސް ޓުރަންޕުގެ މި ފަދަ ބިރުދެއްކުންތަކަށް އީރާނަކުން މިހާރަކު ނެއް ސިހެއެވެ. އެއީ ބަލައިބަލައި ބާވެފައިވާ މަންޒަރެއްކަމަށާއި އަޑުއަހައިއަހައި ބާވެފައިވާ ފިލްމެއްކަމަށް އީރާނުން ގެންދަނީ ބުނަމުންނެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ޑޮނަލްޑު ޓުރަންޕަކީ އޭނާގެ ޢަމަލުތަކާއި، ވާހަކަތަކާއި، އަދި އިޖުތިމާޢީ މައިދާނުގައި އޭނާ ޢަމަލުކުރާ ގޮތުން ދުނިޔޭގައި މިހާރު ހުރި އެންމެ އަނާގު ބޮޑު އެކަކުކަމަށް ބުނެވޭނެ އެކަށީގެންވާ ސަބަބުތައް އެބަހުއްޓެވެ. އަމިއްލަ ނަފުސަށް އޮންނަ އިޢުތިމާދު ބޮޑުވުމަކީ ރަނގަޅުކަމަކަށް ވީނަމަވެސް، އެ ކަން އިންތިހާއަށް ގޮސް ނުރަނގަޅު [އަނާގު]އަކަށް ބަދަލުވުމުން އެކަމުގެ ނުރަނގަޅު އަސަރު މުޅި މުޖުތަމަޢަށާއި ސިޔާސީ މަސްރަޙަށް ފޯރައިދެއެވެ. ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް ދުނިޔޭގެ ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ގޮތުގައި ޓުރަންޕަކީ ވަރަށް އަނާގު ބޮޑު މީހެކެވެ. އަދި ދުނިޔޭގައި އެންމެ އަނާގު ބޮޑު މީހެއްކަމަށް މިހާރު ފެންނަނީ ޓުރަންޕެވެ.
ބައެއް ލަފުޒުގެ މާނަ:
އަނާގު ނ. ތިމާގެ އަމިއްލަ ނަފުސަށް ތިމާ ދޭ އަހަންމިއްޔަތު. ego
މީޑިއާ ނ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާ ނަން. media
މީސްމީޑިއާ ނ. ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. social media
ސިނާރު ނ. ލިބިފައިވާ މައުލޫމާތާއި ބަސް ދޭހަކޮށް, ވިސްނުންތެރިކަމާއި, ވެށި ދެނެގަތުމާއި, ދަސްކުރުން ފަދަ އިންސާނީ ތަބީއަތުގައި ހިމެނޭ މި ފަދަ ބައެއް ހުނަރުތައް ނަކަލުކުރުމަށް ފަހު, އޭގެ އަމިއްލަ ޒާތުގައި އަދި ގަސްތުގައި ޢަމަލުކުރުމުގެ ގާބިލުކަމާއި ހުނަރުވެރިކަން އުފައްދައިދޭ ފަންނިއްޔަތެއް. artificial intelligence (AI)
ޝަރަފު ނ. (1) ޢިއްޒަތް. (2) މާތްކަން. (3) މަތިވެރިކަން. honour