ad_banner
ނަތަންޔާހޫގެ ދޮށީ ފިރިހެން ދަރި، ކުއްލި ގޮތަކަށް އެމެރިކާއިން ބޭރުކުރީ ކީއްވެ؟

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް

31 އޯގަސްޓް 2026

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ދޮށީ ފިރިހެން ދަރީގެ ފުރާނައަށް ނުރައްކާ ކުރިމަތިވެއްޖެކަމަށް ބަލައި، ކުއްލި ގޮތަކަށް އެމެރިކާއިން ބޭރުކޮށް އިސްރާއީލަށް ގެންދިޔައީ ކީއްވެހެއްޔެވެ؟ ކޮންމެއަކަސް އިސްރާއީލުގެ އެތެރޭގެ ޖާސޫސީ އިދާރާއާ ހަވާލާދީ ވަރަށް ގިނަ މީޑިއާތަކުން ކަށަވރުކޮށްދީފައިވާ ގޮތުގައި، ޔާއިރު ނަތަންޔާހޫގެ ފުރާނައަށް ނުރައްކާ ކުރިމަތިވެއްޖެކަމަށް ބަލައި، ކުއްލި ގޮތަކަށް އެމެރިކާއިން ބޭރުކޮށް އިސްރާއީލަށް ގެންގޮސްފިއެވެ.

[ޝިން ބެޓު]ން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ [ޔާއިރު ނަތަންޔާހޫގެ ފުރާނައަށް ބޮޑު ނުރައްކަލެއް އޮތް ކަމަށާއި، މި ކަމަށް ރިއާޔަތްކޮށް ހާލަތު ވަޒަންކުރުމަށް ފަހު، އޭނާއާއި އޭނާގެ ސެކިއުރިޓީ ޓީމު ކުއްލި ގޮތަކަށް އެމެރިކާއިން ނެރެ އިސްރާއީލަށް އެނބުރި ގެނައުމަށް ނިންމައިފި]ކަމަށެވެ.

ނަތަންޔާހޫގެ ދޮށީ ފިރިހެންދަރި ޔާއިރު ނަތަންޔާހޫއަކީ، ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ މީހެކެވެ. އޭނާއަކީ މީސްމީޑިއާގެ އެކްޓިވިސްޓެކެވެ. ބުލޮގަރެކެވެ. އޭނާ އެމެރިކާގައި ސަލާމަތީ ބޮޑު ފައުޖަކާ އެކު ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އޭނާގެ ސަލާމަތީ ފައުޖަށް ޚަރަދުކުރަނީ ދައުލަތުގެ ފައިސާއިންނެވެ.

ޔާއިރު ނަތަންޔާހޫ އެމެރިކާގައި ދިރިއުޅެނީ، އެމެރިކާގެ ޢާންމުންގެ ހިތްތަކުގައި އިސްރާއީލަށާއި އޭނާގެ ބައްޕަ ނަތަންޔާހޫއަށް ލޯބިއުފެއްދުމުގެ ކެންޕޭނުކުރާށެވެ. ނަމަވެސް ފަހަކަށް އައިސް އެމެރިކާގެ ރައްޔިތުންގެ މެދުގައި އިސްރާއީލަށާއި އަދި އިސްރާއީލަށް ތާއީދުކުރުމަށް އެމެރިކާ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އަންނަނީ ނަފުރަތު އިތުރުވަމުންނެވެ.

ޔާއިރު ނަތަންޔާހޫއަށް މި ނުރައްކާ ކުރިމަތިވީ ކޮން ފަރާތަކުން ކަމެއް އަދި ކިހިނެއްކަމެއް އިސްރާއީލުގެ ޖާސޫސީ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފަދަ ކޮންމެ ކަމެއް ވެސް އީރާނުގެ ބޮލުގައި އަޅުވާ ފަދައިން މި ކަމުގައި ވެސް ތުހުމަތުކުރަނީ އީރާނަށެވެ. ސުވާލަކީ އިސްރޭލުގެ ވިޔަފާރިވެރީންނާއި މަހުޖަނުންނާއި ޖާސޫސީ އެޖެންޓުން ފުރިފައި އޮންނަ، އަދި އިސްރާއީލަށް ހައްދެއްނެތި ތާއީދުކުރާ ސަރުކާރެއް އޮންނަ އެމެރިކާގެ ފަސްގަނޑުގައި އީރާނުން ޔާއިރު ނަތަންޔާހޫއަށް ނުރައްކަލެއް ކުރިމަތިކުރާނީ ކިހިނެއްހެއްޔެވެ؟

އެމެރިކާގެ މީޑިއާއެއްކަމަށްވާ ނިއުސްމެކްސްއިން މި ހަފުތާގެ ކުރީކޮޅު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔާއިރު ނަތަންޔާހޫ ފްލޮރިޑާގައި ދިރިއުޅެމުން ގެންދިޔަ އިރު، ފާއިތުވި ޑިސެމްބަރު މަހު އޭނާ މަރައިލާން އީރާނުން ރޭވިކަމަށް ބުނާ ރޭވުމެއްގެ އަމާޒަކަށް އޭނާ ވެފައިވާކަމަށް ވަނީ ބުނެފައެވެ.

އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލަކާ ހަވާލާދީ އެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރޭވުމުގެ މައުލޫމާތު އިސްރާއީލުގެ ޖާސޫސީ އިދާރާތަކަށް ލިބުމާއެކު އެކަން ވަނީ އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ.

މި ރިޕޯޓު އާންމުވެފައިވަނީ، އިސްރާއީލުގެ ޓީވީ ޗެނަލަކަށް ބެންޖަމިން ނަތަންޔާހޫ ދިން ބަސްދީގަތުމެއްގައި [އީރާނުން މަސައްކަތްކުރީ ތިމަންނާގެ ފިރިހެން ދަރީންގެ ތެރެއިން ދަރިއަކަށް އަމާޒުކޮށް، އޭނާ މަރައިލުމަށް]ކަމަށް ބުނި ފަހުންނެވެ.

ނިއުސްމެކްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަބަދު ވެސް އިސްރާއީލުގެ ސަލާމަތީ ފައުޖަކާ އެކު އުޅެމުން ދިޔަ ޔާއިރު ނަތަންޔާހޫއަށް ވަނީ ވަގުތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގައިފައެވެ. އޭނާ ފުރައިގެން ދިޔައީ އޭނާ ގެންގުޅު އަމިއްލަ ސާމާނުތައް ވެސް ދޫކޮށްލައިފައެވެ. ވަގުތުން ވަގުތަށް އެމެރިކާ ދޫކޮށް ރަށަށް އަންނާން ބައްޕަ އެނގުމުންނެވެ.

ކުރީން ވެސް ދެންނެވި ފަދައިން ނަތަންޔާހޫގެ ދޮށީ ފިރިހެން ދަރި ޔައިރު ނަތަންޔާހޫ، ފްލޮރިޑާގައި ދިރިއުޅެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. [ދަ ޓައިމްސް އޮފް އިސްރާއީލް]އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ ]ވިލާސަ ދިރިއުޅުމާއި، ދައުލަތުގެ ޚަރަދުގައި އޭނާއަށް ފޯރުކޮށްދެމުންދިޔަ ސަލާމަތީ ޚިދުމަތުގެ ސަބަބުން އިސްރާއީލުގެ އާންމުންގެ ސަމާލުކަން އެ ކަމަށް އެތައް ފަހަރަކު ހުއްޓިފައި ވެއެވެ.]

2023 އޮކްޓޫބަރު 7ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކަށް ފަހު ވެސް އޭނާ އެމެރިކާގައި ދިރިއުޅެމުން ގެންދިއުމުން، އިސްރާއީލުގެ ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އިސްރާއީލުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެތައް ސަތޭކަ ހާސް ރިޒާވް ސިފައިން ޚިދުމަތަށް ނެރުނު އިރު، ނަތަންޔާހޫގެ ދޮށީ ފިރިހެން ދަރި ގައުމުން ބޭރުގައި ޢިއްޒަތުގައި ބަހައްޓައިފައި ހުރުމުން، އަމަލުކުރެވެމުންދާ ތަފާތު މިންގަނޑާ މެދު ގިނަ ބަޔަކު ސުވާލުއުފެއްދިއެވެ.

ކަނާތުފިޔައިގެ އެކްޓިވިސްޓެއްގެ އިތުރަށް ޕޮޑުކާސްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޔާއިރު ނަތަންޔާހޫއަކީ މީސްމީޑިއާގައި ވަރަށް މުރާލިކަމާ އެކު، ހަރަކާތްތެރިވާ، އިސްރާއީލުގެ ސިޔާސީ ކަންކަމަށް ގަވާއިދުން ޚިޔާލުފާޅުކޮށް، އޭނާގެ ބައްޕަގެ ސިޔާސީ ވާދަވެރިންނަށާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށާއި ނޫސްވެރީންނަށް ފާޑުކިޔަމުން ގެންދާ މީހެކެވެ.

އިސްރާއީލަށް އިންތިހާއަށް ތާއީދު އޮންނަ އެމެރިކާގައި ހުރުމަކީ ބިންޔާމީން ނަތަންޔާހޫގެ ދަރިއަކަށް ނުރައްކާތެރި، އަދި ވަކީން ޚާއްޞަކޮށް އޭނާގެ ފުރާނައަށް ނުރައްކާތެރި ކަމެއްކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ކަށަވަރުވެގެން އޭނާ ކުއްލި ގޮތަކަށް އަމިއްލަ ގައުމަށް ގެންދިޔުމަކީ ވަރަށް ފުން މާނައެއް އޭގައި އެކުލެވިފައިވާ ކަމެކެވެ. މި ކަމުން ދެހަވާ އެންމެ ފުން މާނައަކީ އިސްރާއީލަށް އަދި ޔަހޫނީންނަށް ރުހޭ ހިތްހެޔޮ މީހުން މި ދުނިޔޭގައި މަދުވެފައިވާ މިންވަރެވެ. އެ މީހުންނަށް އަމާން ގައުމެއް މި ދުނިޔޭގައި ނެތްކަމެވެ.

 

ލަފުޒެއްގެ މާނަ:

ވިލާސަ      ނއ.          (1) ތަނެއްގެ ނުވަތަ އެއްޗެއްގެ މޮޅު ފެންވަރު. (2) ޚިދުމަތެއްގެ މަތީ ފެންވަރު.  deluxe

ކޮމެންޓު