އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް
30 އޯގަސްޓް 2026
އިންސާނާގެ ޙަޔާތުގައި ދިމާވާ ތަފާތު ޙާދިސާތަކާއި، ގުދުރަތީ ކާރިސާތަކަކީ އަބަދު ވެސް އިންސާނާގެ ވިސްނުމާއި ފިކުރާ ގުޅިފައިވާ ކަންކަމެވެ. ދާދި ފަހުން ނޭޕާލުގައި ހިންދީންގެ ހައްދުފަހަނަޅައިފައިވާ ބައެއް ގުރޫޕުތަކުން މުސްލިމުންނާ ދެކޮޅަށް ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކުގައި، މުސްލިމުންގެ ގެދޮރަށާއި އަޅުކަންކުރާ މިސްކިތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީ، އަލިފާންޖަހައި ސުންނާފަތިކުރިއެވެ. އެ ނުރައްކާތެރި ވަގުތު، އަނިޔާލިބެމުން ދިޔަ މުސްލިމުންގެ ތެރެއިން ބައެއް މީހުން ހަރުއަޑުން ގޮވަމުންދިޔައީ: [އަހަރެމެންގެ ގެދޮރު ތެޅިޔަސް، މާތް ﷲގެ ގެކޮޅުތައް (މިސްކިތްތައް) ނުތަޅާށޭ]އެވެ! [އެ ތަންތަނަށް އިހާނެތިކޮށް ހިތައިފި ނަމަ، މާތްކަލާނގެ ކޯފާއެއް އަތުވެދާނެޔޭ]އެވެ.
މި ހާދިސާއަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، ނޭޕާލުގެ އެ ސަރަޙައްދަށް ހީވެސްނުކުރާ ފަދަ ގޮތަކަށް ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާއެއް ކުރިމަތިވެ، މުޅި ސަރަޙައްދު ފެނުގެ އަޑިއަށް ގޮސް، އެތައް ބަޔަކު މަރުވެ، އަނެއް ބަޔަކު ގެއްލި މުޅި ގައުމަށް ބޮޑު މުސީބާތަކާ ކުރިމަތިލާން މިހާރުވަނީ ޖެހިފައެވެ. ކަރަންޓާއި އެތައް ބިނާރަކާއި އެތައް އޮފީސް ޢިމާރާތްތަކެއް ވަނީ ސުންނާފަތިވެފައެވެ. މި ހިތާމަވެރި ކާރިސާއާ ގުޅިގެން ހަމްދަރުދީ ފާޅުކުރަމެވެ. މި ކަމުން އަރައިގަންނާނެ ހިތްވަރާއި އެ މީހުންނަށް ހެޔޮ ވިސްނުންދެއްވުން އެދެމެވެ.
ވަރުދަގަ ޢިމާރާތްތައް ކުނިތަކެއްހެން ފެނުގައި އޮޔާ ދެމެމުން ދިޔަ އިރު، ހަލާކުނުވާ މިސްކިތްތައް ހުއްޓެވެ. އަދި އިސްލާމީ ތާއުލީމުދޭ މަދުރަސާއެއް ވެސް ހަލާކުނުވެ ހުރިކަމަށް ވެއެވެ. ﷲގެ ހުސްޠާހިރުވަންތަކަމާއެވެ!
މީޑިއާއާއި މިސްމީޑިއާގެ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ހަލާކުނުވާ ގެޔެއް ވެސް ހުއްޓެވެ. މިއީ، ކުރިން ހިންގި އަނިޔާވެރިކަމާ ދެކޮޅު ޢާއިލާއެއް ދިރިއުޅުނު ގެޔެއް ނޫންކަން އެނގެނީ ކާކަށްހެއްޔެވެ؟
މި ހާދިސާ މެދުވެރިވި އަސްލު ސަބަބު އަދި ވެސް ކަށަވަރުކޮށެއް ނޭނގެއެވެ. ސައެންސްވެރީން ލާފާކޮށްފައިވަނީ ހިމާލިޔާ ފަރުބަދަމަތީން ބޮޑު ގަނޑުފެންގަނޑެއް ކަނޑައިގެންގޮސް ވެއްޓިގެން މެދުވެރިވި ހާދިސާއެއްކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.
މި ދެ ހާދިސާގެ މެދުގައިވާ ގުޅުމާ މެދު އެކި މީހުން އެކި ގޮތްގޮތަށް ދަނީ ވިސްނައި ފިކުރުކުރަމުންނެވެ. ހަމައެކަނި މިއީ ދުނިޔެވީ ތަބީޢީ ސުންނަތެއްކަމަށް ބަލައިގެން ތިބޭ ބަޔަކާއި މިއީ ﷲގެ އިންޒާރެއްކަމަށް ދެކޭ ބަޔަކު ވެސް އެބަ އުޅެއެވެ.
މުސްލިމުންގެ ޢަޤީދާއަކީ ﷲގެ ގެކޮޅުތައްކަމަށްވާ މިސްކިތްތަކަށާއި އިސްލާމީ މުޤައްދަސް ތަންތަނަށް ގަޞްދުގައި ގެއްލުންދީ، ނިކަމެތީންނަށް އަނިޔާވެރިވުމަކީ އިލާހީ ކޯފާއާއި ޢުޤޫބާތް އަވަސްވެދާނެ ކަމެއްކަމަށެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَى فِي خَرَابِهَا أُوْلَـئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلاَّ خَآئِفِينَ لهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ﴾. (اللَّهގެ މިސްކިތްތަކުގައި އެކަލާނގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެ ތަންތަން ޚަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށް ވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ ޙާލުގައި މެނުވީ، އެ ތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށް ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ ޢަޒާބެވެ.) (سورة البقرة: 114)
ހިންދޫން، މުސްލިމުންނަށް އަނިޔާކޮށް މިސްކިތްތަކުގެ ތާޅަފިލީން ނަމާދު ގަޑީގައި ލަވަޖަހައި އުނދަގޫކޮށް ހެދިއެވެ. ގެތައް ރޯކޮށް މިސްކިތްތައް ތަޅައި ސުންނާފަތިކުރަމުން ގެންދިޔައެވެ. އެ އަނިޔާވެރި ޢަމަލުތައް ހިންގަމުން ގެންދިޔަ އިރު ނޭޕާލުގައި މުސްލިމުން އަސަރާ އެކު، ގޮވައިލި ގޮވައިލުމަކީ ހަމައެކަނި އިންޒާރެއް ނޫނެވެ. އެއީ މުޤައްދަސް ތަންތަނުގެ ޙުރުމަތްތެރިކަން ހަނދާންކޮށްދީ، މުޞީބާތަކުން ރައްކާތެރިވުމަށް ދެވުނު ނަސޭހަތެކެވެ. އިސްލާމީ ތާރީޚަށް ބަލާ އިރު، އަނިޔާވެރިކަން ހައްދުފަހަނަޅައިދިޔުމުން، އެ ކަމުގެ ހިތި ނަތީޖާ މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ހަދިސާތައް ވަނީ ފެނިފައެވެ.
އަނެއްކޮޅުން، ސައިންސާއި މޫސުމީ ދިރާސާތަކުން ފެންނަ ގޮތުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ކުއްލި ފެންބޮޑުވުންތަކަކީ ތަކުރާރުވަމުންދާ ކަންކަމެވެ. ނަމަވެސް، އީމާންކަމުގެ ނަޒަރިއްޔާތުން ބަލާއިރު، ސައިންސީ ސަބަބުތަކަކީ ވެސް މާތް ﷲ ކާއިނާތު ހިންގަވާ ނިޒާމުގެ ބައެކެވެ. ގުދުރަތީ ކާރިސާތަކަކީ އިންސާނުން ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން، ޣާފިލުވެ (އީމާންތެރިކަމުގެ ގޮތުން މަރުވެ)ފައިވާ ހިތްތަކަށް އިލާހީ ޢިބުރަތެއްގެ ގޮތުގައި ދެއްވާ އިންޒާރެކެވެ. ނުވަތަ ކުރިމަތިކުރައްވާ އިމްތިޙާނުތަކެކެވެ.
އެހެންކަމުން، ނޭޕާލުގައި ހިނގައިދިޔަ މި ހާދިސާތަކަކީ ވިސްނާ ބަޔަކަށް ވަރަށް ބޮޑު އިބުރަތެކެވެ. އިންސާނުންގެ އަނިޔާވެރިކަމާއި، އަދި ކީރިތި ގުރުއާނާއި މިސްކިތްތަކަށާއި މުޤައްދަސް ތަންތަނަށާއި އިސްލާމް ދީނަށް ބޭހުރުމަތްތެރިކޮށް ހިތުމުގެ ހިތި ނަތީޖާ، ކާއިނާތުގެ ނިޒާމުގެ ތެރެއިން އެކި ސިފަސިފައިގައި ފެންނަމުންދެއެވެ. ނަމަވެސް ޢިބުރަތް ލިބޭނީ ވިސްނައި ފިކުރުކޮށްފި މީހަކަށެވެ.
އާދޭހެވެ! އަނިޔާވެރިކަމަކީ ﷲ ޙަރާމްކުރައްވައިފައިވާ ކަމެކެވެ. އެއީ ޚުދު ﷲގެ ޒާތުފުޅަށް ވެސް ޙަރާމްކުރައްވައިފައިވާ ކަމެކެވެ. ޤުދުސިއްޔަ ޙަދީސެއްގައި އައިސްފައިވަނީ (يا عبادي! إني حرمت الظلم على نفسي وجعلته بينكم محرماً فلا تظالموا) މި ފަދައިންނެވެ. އެހެންވީމާ ކޮންމެ ދީނެއްގެ ނުވަތަ ކޮންމެ ނަސްލެއްގެ މީހަކަށް ވީނަމަވެސް، އިންސާނަކަށްވީތީ، އަނިޔާވެރިކަމުން އެއްކިބާވާންޖެހޭނެއެވެ.
އާދޭހެވެ! ނޭޕާލަށް ކުރިމަތިވި ހިތާމަވެރި ހާދިސާއަކީ ވެސް އިލާހީ އިންޒާރެކެވެ. ވިސްނައިފި ބަޔަކަށް ޢިބުރަތެކެވެ. ﷲ ބައެއް ތަންތަނަށް މުޞީބާތް ފޮނުއްވަނީ އަލިފާނުންނެވެ. ގަދަ އަޑުންނެވެ. ގަދަފަދަވައިންނެވެ. ބިންގަނޑު ކަނޑައިގެންދިޔުމުންނެވެ. ސުނާމީތަކުންނެވެ. ނަމަވެސް ނޭޕާލަށް މި ކުރިމަތިވީ ކުރީން ލަފާކޮށްލާން ވެސް ނޭނގި ތިއްބައި، (އިންސާނާއަށް ކޮންމެހެން ބޭނުންވާ އެންމެ މުހިންމު މާއްދާކަމަށްވާ) ފެނުން ކުރިމަތިވި މުސީބާތެކެވެ. އުޑާއި ބިމާއި އެ ދެމެދުގައިވާހައި އެއްޗަކާއި މުޅި ކާއިނާތުގެ ހުރިހައި ބާރަކާއި މިލްކުވެރިކަމެއް ވަނީ ﷲއަށެވެ. އެހެންވީމާ ﷲ އިރާދަކުރައްވައިފި ކޮންމެ ކަމަކަށް އެ ކަލާނގެ ކުޅަދުންވަންތައެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. )وَلِلَّهِ مُلْكُ السَّمَاوَاتِ وَالأَرْضِ وَاللَّهُ عَلَى كُلِّ شَيْءٍ قَدِيرٌ( ([އަދި، އުޑުތަކާއި ބިމުގެ ވެރިކަންވަނީ اللَّهއަށެވެ. އަދި، اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.]) (سورة آل عمران: 189).
ކަމެއްވުމަށް އެ ކަލާނގެ ވަޙީކުރައްވާނީ [ވާށޭއެވެ.] އެ ހިނދުން އެ ކަންތައް ވެދެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ( ([އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ނަމަ، އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެ ކަމަކަށް، [ވާށޭ] ވަޙީކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.]) (سورة يس: 82). ވިސްނައިފި ބަޔަކަށް ޢިބުރަތެކެވެ. މި ފަދަ ކާރިސާތަކުން ވެސް ޢިބުރަތަކާއި ފިލާވަޅެއް ލިބޭނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ!
ބައެއް ލަފުޒުގެ މާނަ:
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
ކާރިސާ ނ. ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ފަދަ ނުވަތަ ގިނަ ތަންތަނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާ. tragedy
ސުންނާފަތިވުން މ. (1) ތަނެއް ފުޑުފުޑުވުން. (1) ތަނެއް ހަލާކުވުން. destroy