ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
5 ސެޕްޓެންބަރު 2026
ކަލޭމެންގެ ދަރީންނަށް މި ކަންކަން ބުނެދޭށެވެ!
ކަލޭމެން ކުދީން ރޯންޖެހޭނީ ފުޓްބޯޅަ ދަނޑެއްގައި މުބާރާތަކުން ބަލިވެގެންނެއް ނޫނެވެ! ނޫނީ ކަލޭމެން ތާއީދު ކުރާ މީހަކު ސިޔާސީ ދަނޑެއްގައި ބަލިވުމަކުން ވެސް ނޫނެވެ.
ނަމަވެސް ކަލޭމެން ރޯން ޖެހޭނީ:
1. ކަލޭމެން ކުދީންގެ މުގައްދަސު ތަންތަން ހުރުމަތް ކަނޑައިލެވި، ގެއްލި ދިޔުމުންނެވެ.
2. ކަލޭމެން ކުދީންގެ އިލާހީ ޝަރީއަތް ބޭކާރުކޮށްލެވުމުންނެވެ.
3. ހަމަ ބުއްދި ނުވާ، ނާގާބިލު، ފާސިދު، އަމިއްލަ މަސްލަހަތުގެ ވެރީން، ވެރިކަމަށް ގެންނަ ފަދަ ރައްޔިތުން އުފެދި، މި ބުނި ފަދަ ކަސްކަލުން، ރަސްކަލުންނަށް ހަދައި އެ މީހުންގެ އުންމަތުގެ މުސްތަގުބަލު ނަގައިލައި ގެއްލުވައިލާތީއެވެ!
4. ކަލޭމެން ކުދީންގެ އުންމަތަކީ އިރެއްގައި މުޅި ދުނިޔޭގައި ވެރިކަންކޮށް، މީސްތަކުންނަށް މަގުދައްކާން ތިބި ބަޔަކަށްވީ އިރު، މިއަދު އެ އުންމަތް އޮތީ ލަވައިގެން ގެންދެވޭ، ކަންބަޅިތަކެއްގެ ގޮތުގައި، ލިޔުން ކިޔުމާއި ދުރުވެ، ވިސްނައި ފިކުރުކުރުމުން އެއްކިބާވެ، އިލްމާއި ތަކެތި އުފެއްދުމުގެ ގާބިލުކަން ނެތި، ހަމައެކަނި، އެހެން މީހުން އުފައްދާ ތަކެތި ބޭނުންކުރާ ބަޔަކަށް ވެފައިވާތީއެވެ!
5. ގައުމުތައް ދިރި ތިބުމުގެ ސަބަބަކަށްވާ، ގައުމުތަކުގެ ހަރުދަނާ އަޚުލާގީ މިންތައް ނެތި ގެއްލުވައިލައި، ޖަނަވާރުންގެ ދަރަޖައަށް މީސްތަކުން ވެއްޓިފައިވާތީއެވެ. އަދި، ކިއެއްހެއްޔެވެ؟ ކީރިތި ގުރުއާނުގެ ބަހުރުވައިން ނަމަ، އެ ފަދަ މީހުންނަކީ ޖަނަވާރުންނަށް ވުރެ ވެސް ދަށު ދަރަޖައިގެ ބަޔެކެވެ. ޖަނަވާރުން ވެސް، އެ އެއްޗެހީގެ ޅަ ދަރީންނަށް ޖިންސީ ގޮތުން ގޯނާކޮށް އެ ކަން ވީޑިޔޯކޮށެއް ނޫޅެއެވެ. ކަލޭމެން ކުދީން ރޯންވީ މި ދަރަޖައަށް ގައުމުގެ އަޚުލާގީ ފެންވަރު ގޮސްފައިވާތީއެވެ.
6. ކަލޭމެން ކުދީން ރޯންވީ، ކަލޭމެންގެ ކުދީންގެ ގައުމުގެ މީހުން ކަންނެތްވެ، މަސައްކަތްކުރުމާ ދުރުވުމުން، ތަނުގެ އިގުތިސާދު، ބޭރު ބަޔެއްގެ އަތް މައްޗަށް ފުރޮޅިގެން ގޮސް، ކަލޭމެންގެ ކުދީންގެ ގައުމުގެ މިނިވަންކަން ވެސް ގެއްލިދިޔުމާ ކައިރިވެފައިވާތީއެވެ.
7. އަދި ކަލޭމެން ކުދީން ރޯންވީ މި ކަންކަން އިސްލާހުކުރުމުގެ އެދުން އޮތް ބަޔަކު، އިސްލާހީ މަސައްކަތްކުރާން ނޫޅޭތީއެވެ.